އަދުގެ ޚާއްސަ

Print

ފުރަތަމަ ސައިކަލަކަށް އެރި ދުވަސް

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމްޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ

އިންޑިޔާގެ ކުރީގެ ބޮޑު ވަޒީރެއް ކަމުގައިވާ ރަޖީވް ގާންދީއަކީ އަޅުގަނޑު ވަރަށް ސަޕޯޓްކުރާ ލީޑަރެކެވެ. އެމަނިކުފާނު އަވަހާރަކޮށްލެވުނު ހާދިސާ ހިނގި ދުވަސްވަރު، އަޅުގަނޑު އުޅުނީ އީޕީއެސް ސްކޫލުގެ ދަރިވަރަކަށެވެ. އޭރުގެ އުޞޫލު އޮންނަ ގޮތުން އަވަށްޓެރި ނުވަތަ އިސްލާމީ ޤައުމެއްގެ ވެރިޔަކު އަވާރަވެއްޖެނަމަ ޖެހިގެން އަންނަ ދުވަހު ސަރުކާރު ބަންދު ވާނެ އެވެ. ރަޖީވްގާންދީ އަވަހާރަ ކޮށްލެވުމުން އެކަމުގެ ހިތާމައިގާ ސަރުކާރު ބަންދުވީ އަޅުގަނޑު ހަނދާންވާ ގޮތުގައި 22 މެއި 1991ވީ ބުދަ ދުވަހު އެވެ. އެ ދުވަހު ހެނދުނު ސުކޫލަށް ދިއުމަށް ނިކުތީ މި ޚަބަރު ނުލިބި ހުރެ އެވެ. ގެއިން ނިކުތްތަނާ ގޭ ކައިރި ރަޙުމަތްތެރި ދަރިވަރަކު އެދުނީ އޭނާގެ ސައިކަލު ފަހަތަށް އެރުމަށެވެ.

ސައިކަލަކަށް އެރުމަކީ އޭގެ ކުރިން ދުވަހަކު ވެސް ތަޖުރިބާކުރި ކަމެއް ނޫނެވެ. އަމުދުން އެހާބޮޑު ސައިކަލަކަށް އަރަން ޖެހުމުން ވަރަށް ކަންތައްބޮޑުވި އެވެ. އެހެނަސް ރަޙުމަތްތެރިޔާ އެދުނު ވަރުން އެއަށް އަރައިފީމެވެ. އެއްއަތުން ފޮތްތަކާއި ގަލަންތައް ހިފަހައްޓައިގެން އަނެއް އަތުން ރަޙުމަތްތެރިޔާގެ ބަނޑުގައި ރަނގަޅަށް ހިފަހައްޓާލައިފީމެވެ. އެހިނދު ރަޙުމަތްތެރިޔާ އެދުނީ ބަނޑުން އަތްދޫކޮށްލުމަށެވެ. އަދި ނުހިފެއްޓިޔަސް ނުވެއްޓޭނެ ކަމަށް ވެސް ބުންޏެވެ. އެކަމަކު ގަންނާ ކުރައްވާ ބިރަކުން ދޫކޮށްލާކަށް ވެސް ނުކެރުނެވެ.

އަޅުގަނޑުމެންގެ ގެ ހުންނަނީ ކާމިނީ މަގުގަ އެވެ. ދަތުރު އޮންނަނީ ކާމިނީ މަގުން މަޖީދީމަގުން ޗާނދަނީ މަގަށެވެ. އޭރަކީ ވަންވޭ ތައް އެހާގިނަ ދުވަސްވަރެއް ނޫނެވެ. އެހެންކަމުން ހަނިހަނި މަގުތަކުންވެސް ދެކޮޅަށް ދުއްވޭނެ އެވެ. ޓްރެފިކްލައިޓްތައް އަމުދުން ނު ވެސް ހުރެ އެވެ. ނަމަވެސް މާލޭގެ މަގުތައް އޮންނަނީ ވަރަށް އަޑިގުނޑަންކޮށެވެ. ވާރޭވެހިއްޖެނަމަ ހުރިހާ މަގެއްގައި ވެސް އޮންނާނީ ކިސަޑު ހެދިފަ އެވެ. ގިނަ މަގުތަކުގައި ފެން ބޮޑުވެފަ އެވެ. އެ ގޮތުން ކާމިނީ މަގަކީ ވެސް ޢާއްމޮކޮށް ފެންހެދޭ މަގެކެވެ. އެފަދަ ދުވަހަކު ސްކޫލަށް ވެސް ދާންޖެހޭނީ ފެނަށް އެރިގެންނެވެ.

ރަޙުމަތެރިޔާއަކީ ޢައްމުކޮށް ވަރަށްބާރަށް ސައިކަލް ދުއްވާ ކުއްޖެއްކަމުން ސައިކަލް ދުއްވާލުމާއެކު ފޫޅަށް ވައިވަންނަން ފަށައިފި އެވެ. އެހިނދު ވަކިން ބާރަށް ބަނޑުގައި ހިފަހައްޓާލެވުނެވެ. އިރުއިރުކޮޅާ ވަޅުގަނޑަކަށް ސައިކަލު ޖަހާތީ އަނެއް އަތުގައި ހުރި ގަލަންތަކަށް ވަރަށް ބާރުބޮޑުވާން ފަށައިފި އެވެ. ފަހަރަކު ގަލަމެއް ފަހަރަކު ގަލަމެއް ވެއްޓޭކަން އެނގެ އެވެ. އެކަމަކު ބަނޑުގައި ހިފަހައްޓާލައިގެން އިންއަތުން ދޫކޮށްލާ ފޮތްތަކާ ގަލަންތައް ސަލާމަތްކުރަން މަސައްކަތް ކުރާކަށް ވެސް ނުކެރުނެވެ. ގަލަމާއި ފޮތަށްވުރެ އަމިއްލަ ފުރާނަ ސަލާމަތްކުރުން މާ މުހިއްމު ވާނެތާ އެވެ!

ދެ ތިންމިނިޓުން ސުކޫލާއި ހަމައަށް ދެވިއްޖެ އެވެ. އެހާއަވަހަށް ދެވުނިތީ އިނީ ވަރަށް އުފަލުންނެވެ. އެއީ އަތުގައި ހުރި ހުރިހާ ފޮތެއް ފައިބައިގެން ނުދަނީސް ދެވުނީތީ އެވެ. ސައިކަލުން ފެއިބުމަށްފަހު ބަލައިލިއިރު އަތުގައި ގަލަމެއް ފަންސުރެއް ނެތެވެ. ހުރީ ފޮތްކޮޅު އެކަންޏެވެ. ފޮތްތަކުންވެސް އެއްބައި މަދެވެ. ނަސީބު ކަންދިމާކުރިގޮތުން އެދުވަސްވީ ބަންދު ދުވަހަކަށެވެ. އެހެނކަމުން ދެން އަންނަ ދުވަހަކުން ފޮތްތަކާއި ގަލަންތައް ހަމަކޮށްގެން އައުމަށް ނިޔަތްގަނެ ގެއަށް ދިއުމަށް ހިނގައިގަތީ ދެން ސައިކަލަކަށް ނޭރުމަށް ހިތުއަޅައިގެންނެވެ. އޭގެ ފަހުން ރަހުމަތްތެރިޔާ ވެސް އޭނަގެ ސައިކަލުގެ ފަހަތަށް އެރުމަކަށް ދަޢުވަތެއް ނުދެ އެވެ.
---------------
(ނިމުނީ)

މި ލިޔުން؛

   ފޮނުވުން:   އަލްފާޟިލް އާދަމް ޝަރީފު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
   އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
   ޝާއިޢުކުރުން: ''          ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ