އަދުގެ ޚާއްސަ

Print

ދިވެހި އަދަބު ތަރައްޤީކުރުމަށް ޓަކައި ޑްރާމާ އަށް ސަމާލުކަން ދިނުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ދިވެހިބަސް ތަރައްޤީކުރުމަށް ޓަކައި ބަސްދެކެ ލޯބިވާ ބަޔަކު ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަކަން ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ. މި ސައިޓަކީވެސް އާދެ! www.fanvai.info އަކީ މިކަމުގެ ދިރިހުރި މިސާލެކެވެ. އަދި ރާއްޖޭގެ ލިޔުންތެރިކަމުގެ ދުނިޔޭގައި އިސް ބޭފުޅުންކޮޅެއް އިސްނަންގަވައިގެން އުފައްދަވައިފައިވާ "ލިޔުންތެރިންގެ ގުޅުން" މި ޑިސެމްބަރ މަހު 31 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު އަމީރު އަޙުމަދު ސްކޫލްގެ ހޯލުގައި އިފްތިތާޙުކުރެވޭކަމީ ވެސް އުފާކުރުން ޙައްޤުކަމެކެވެ. މިކަމަށް ތަރުޙީބުދިނުމުގެ ގޮތުން ދިވެހިބަހަށާއި ލިޔުންތެރިކަމަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުން އެ މުހިއްމު ތާރީޚީ ޖަލްސާގައި ބައިވެރިވެވަޑައިގެންދެއްވުމަކީ ވެސް ދިވެހި އަދަބަށް އެ ބޭފުޅުންގެ ހިތްޕުޅުގައި ހުރި ލޯބި ދައްކައިދޭނެ ކަމެއްކަން ވެސް ކަށަވަރެވެ. (މިކަމަށް އެ ޖަމްޢިއްޔާއިން ތިޔަ ހުރިހާ ބޭފުޅުންނަށް ދަޢުވަތު އަރުވަ އެވެ.) ނަމަވެސް ދިވެހި އަދަބުގައި ޑްރާމާއަށް ދެވިފައި އޮތް އިސްކަން ކޮންމެ ވެސް ސަބަބަކާ ހުރެ ކުޑަވެފައިވާތީ މިވާހަކަދައްކައިލައި، ޑްރާމާގެ ހަނދާންތައް އާކޮށްލުމަކީ މި އަދު އަޅުގަނޑުގެ މަޤްޞަދުކަމުގައި ހަދައިލާ ހިތް ވީ އެވެ.

އަދަބިއްޔާތުގައި ސްޓޭޖް ޑްރާމާ 

                     
ޑްރާމާ އަކީއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އަދަބިއްޔާތުގައި ހިމެނޭ އަދަބީ އުފެއްދުމެކެވެ. އެއީ އިންސާނީ މުޝްކިލާއެއް ހިމެނޭ ގޮތުން މާޙައުލެއް އުފައްދައި އެ މާޙައުލުގައި ޙަރަކާތްކުރާނެ ޝަޚުޞިއްޔަތުތަކެއް މެދުވެރިކޮށް ބަލަންތިބޭ ގިނަ ބަޔަކަށް (އޯޑިއެންސް) ހުށަހަޅައިދިނުމަށް  ފަރުމާކުރެވޭ ޙަރަކާތެކެވެ. ޑްރާމާއެއްގެ އެންމެ މުހިއްމު ސިފައަކީ ވެސް ސްޓޭޖްކުރުމެވެ. ސްޓޭޖެއްގައި ހުށަހަޅައިދިނުމެވެ.  ޑްރާމާއެއް ފަރުމާކުރެވިފައިވާނީ ޢިބާރާތްތަކާއި ދެކެވޭ ވާހަކަތަކާއި ޑްރާމާގައި ހިމެނޭ ޝަޚުޞިއްޔަތުންގެ ޙަރަކާތްތަކުގެ މައްޗަށެވެ.

އަދަބިއްޔާތުގައި ހިމެނޭ "ވާހަކަ" އާ ޚިލާފަށް ސްޓޭޖް ޑްރާމާގައި ބަލަން ތިބޭ މީހުންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ޙަޤީޤީ ޝަޚުޞިއްޔަތުތަކެއް މެދުވެކިކޮށެވެ. އެހެންކަމުން ވާހަކައިން އިންސާނާއަށް އަސަރު ފޯރާ ވަރަށްވުރެ ސްޓޭޖް ޑްރާމާއިން ބަލާ މީހުންނަށް ފޯރާ އަސަރާއި ޖަޒްބާތާއި ނުފޫޒު މާ ވަރުގަދަ ވާނޭކަމަށް ބަސްވާރުން ދެކެވަޑައިގަންނަވައެވެ. ވާހަކައަކީ ޙަޤީޤީ ނުވަތަ ޚިޔާލީ ޙާދިސާއަކަށް އަމާޒުކޮށްގެން ލިޔާ އެއްޗަކަށް ވާއިރު ކޮންމެ ޑްރާމާއެއް ވެސް ބިނާވެފައިވާނީ ވާހަކައެއްގެ މައްޗަށެވެ.

ޑްރާމާގެ ބާވަތްތައް:


ތަފާތު އެތައް ބާވަތަކަށް ޑްރާމާގެ ބާވަތްތައް ލިސްޓްކުރެވިދާނެ އެވެ. މީގެ ތެރޭގައި މުހިއްމު 6 ބާވަތެއް ފާހަގަކޮށްލެވިދާނެ އެވެ. އެއީ އެކި ލިޔުންތެރީން އެންމެ ގިނައިން ފާހަގަކުރައްވާ ބާވަތްތަކެވެ. މި ގޮތުން އެންމެ ފުރަތަމަ ބާވަތަކީ ޓްރެޖެޑީ އެވެ.

(ހ) ޓްރެޖެޑީ (ކާރިސާ):


ޢާއްމު ގޮތެއްގައި މިބާވަތުގެ ޑްރާމާގެ އެންމެ ޚާއްޞަ ސިފަ އަކީ މައިގަނޑު ޝަޚުޞިއްޔަތަށް ކުރިމަތިވާ ގެއްލުމާއި ހަލާކާއި ހިތާމައެވެ. ގްރީކް މީހުންގެ ނަޒަރުގައި މީގެ މާނައަކީ ކޮންމެ ވެސް މާތް ނުވަތަ މަޢުޞޫމު މީހަކަށް ކުރިމަތިވާ ހަލާކެކެވެ. އަދި ބައެއް ލިޔުންތެރިންގެ ނަޒަރުގައި އެއީ ފުރަތަމަ އަށް މަރެކެވެ. މުހިއްމު ކެރެކްޓަރ އަށް މަރާ ކުރިމަތިވުމެވެ. ދެވަނަ ކަމަކަށް ކުރިން ދެންނެވި ފަދައިން ކޮންމެވެސް މާތް ޝަޚުޞިއްޔަތަކަށް ކުރިމަތިވާ ހަލާކެކެވެ. މުޞީބާތެކެވެ. ކާރިސާއެކެވެ. ޓްރެޖެޑީގެ އެންމެ ކައިރި ތަރުޖަމާއަކީ ވެސް ދިވެހިބަހުން ކާރިސާ އެވެ. މުޞީބާތެވެ. ބަދުނަސީބެވެ. ހިތްދަތިކަމެވެ. ހިތްހަލާކުވުމެވެ.

(ށ) ކޮމެޑީ (ހެއްވާ ނުވަތަ މަޖާ):


މިއީ ލުއި ޑްރާމާ އެވެ. މިފަދަ ޑްރާމާގައި ހުންނާނީ މައިގަނޑު ޝަޚުޞިއްޔަތާ ކުރިމަތިވާ އުނދަގޫތަކާއި ކުދިކުދި މައްސަލަތައް ޙައްލުކުރެވޭ ގޮތެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ހެއްވާ ހާދިސާތަކެވެ. ސީރިއަސް މައްސަލަތަކެއް ނޫނެވެ. މިއީ މާ ބޮޑު ތަޢާރުފެއް ނެތަސް ގިނަ ބަޔަކަށް އެނގޭނެ ބާވަތެއް ކަމަށް ދެކެމެވެ.

(ނ) ޕްރޮބްލަމް ޕްލޭ (މައްސަލަ ތަމްސީލު):


މި ބާވަތުގެ ޑްރާމާގައި ހުންނާނީ އިޖްތިމާޢީ، އިޤްތިޞާދީ ނުވަތަ ސިޔާސީ މައްސަލަތަކަށް އިޖްތިމާޢީ ގޮތުން ކިޔާ ފާޑުކިޔުމެއްގެ ގޮތުގަ އެވެ. ޑްރާމާއެއްގެ ގޮތުގައި ފެންނާނީ މުޖުތަމަޢުގެ މި ފަދަ ތަފާތު މައްސަލަތަކަށް އިޖުތިމާޢީ ގޮތުން ކިޔާ ފާޑުކިޔުމެއްގެ ތެރެއިން ދެވޭ މެސެޖްތަކެކެވެ.

(ރ) ފާރސް (މަލާމާތާއި ލަދުވެތިކަން):


މިބާވަތުގެ ޑްރާމާގައި ހުންނަނީ މާނައެއް ނުވަތަ އަސާސެއް ނެތް ނުވަތަ ކޮންމެ ވެސް "ކޮސް" މައްސަލަތަކެއް ނުވަތަ ހުރަސްތަކެކެވެ. އިންސާނީ އަގުތަކަށް ބެލުމެއް ނެތި އެވެ.

(ބ) ފެންޓަސީ (ނާޙަޤީޤީ ނުވަތަ ޚިޔާލީ):


މިއީ ޙަޤީޤަތާ ދުރު ކަންކަން ތަމްސީލުކޮށްދޭ ޑްރާމާތަކެވެ. މި ފަދަ ޑްރާމާތަކުގައި މުޅިންހެން ނޫނަސް ގިނަ ފަހަރަށް ހުންނަނީ ކޮމިކް ވާހަކަތައް ތަމްސީލުކޮށްދީފަ އެވެ. އިންސާނާޔަށް، ޙާޞިލު ނުވާނެ ކަންކަން ނުވަތަ މުސްތަޙީލު ކަންކަމުގެ އުންމީދުތައް، ނުވަތަ އެދުންތައް ނުވަތަ ހުވަފެންތައް ނުވަތަ ތަޞައްވުރުގެ މައްޗަށް ބިނާކޮށްގެންނެވެ.

(ޅ) މެލޮޑްރާމާ (މުނިފޫހިފިލުވުން):


"ފާރސް" ފަދައިން މެލޮޑްރާމާގައި ވެސް އިންސާނީ އަގުތަކަށް ސަމާލުކަމެއް ނުދޭނެ އެވެ. ނަމަވެސް ކޮމެޑީއާ ޚިލާފަށް މެލޮޑްރާމާގައި ސަމާލުކަންދޭނީ މީހުން ހެއްވުމަށްވުރެ މީހުން ހިތްހަމަޖައްސައިދިނުމަށެވެ. މިއީ މުނިފޫހިފިލުވައިދިނުމުގެ ރަނގަޅު ބާވަތެއް ނަމަވެސް އަދަބީ ގޮތުން އެހާ ބުރަދަނެއް ހުންނަ ބަވަތެއް ނޫންކަމަށް ބަސްވާރުން ދެކެ އެވެ.

ދިވެހި އަދަބުގައި ޑްރާމާ:


ސްޓޭޖް ޑްރާމާއަކީ އެއް ދުވަސްވަރެއްގައި ދިވެހިރާއްޖޭގައި ވެސް ވަރަށް މަޤްބޫލުވި ބާވަތެކެވެ. އަދި ރޭޑިއޯ ޑްރާމާ އާއި ޓީވީ ޑްރާމަ އަކީ ވެސް ދިވެހި އަދަބުގައި އާ ބާވަތްތަކެއް ނޫނެވެ. ދިވެހި އަދަބުގައި ޑްރާމާ ތަޢާރުފުވެގެން އައީ މީލާދީ ގޮތުން 1945 ހައި ތާނގައެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމަ ނިމި ޤައުމީ ކަންކަމާ މެދު ފަހި ނަޒަރަކުން ދިވެހީންގެ ވިސްނުން ބަދަލުވާން ފެށި ހިސާބެވެ. މި ގޮތުން ފުރަތަމަ ތަމްސީލުކުރެވުނީ މުޙައްމަދު އަމީން ލިޔުއްވައި ޑައިރެކްޓް ކުރެއްވި "ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ އެވެ." މި ޑްރާމާ ކަމަށް ބެލެވެ އެވެ. ނަމަވެސް އެންމެ ފުރަތަމަ ޑްރާމާ އަކީ އަމީނިއްޔާ ކުދީން (އޭރު ސަނިއްޔާ އަންހެންގޮފި) ކުޅުނު "ލޯތްބަކީ އެހީވުމެވެ." ކަމަށްވެސް ބުނެވެ އެވެ. މި ބަހުސްގެ ތެރެއަށް ވަނުމަކީ އަޅުގަނޑުގެ މިއަދުގެ މައުޟޫޢެއް ނޫނެވެ.

ކޮންމެ ގޮތެއްވިޔަސް ޑްރާމާ އަކީ އަދަބިއްޔާތުގައި ހިމެނޭ މުހިއްމު ފަންނެކެވެ. ދިވެހި އަދަބިއްޔާތުގައި ވެސް ޑްރާމާ އަދާކޮށްދީފައިވާ ދައުރު ކުޑައެއް ނޫނެވެ. ފަހުގެ ތާރީޚުގައި ވެސް ކުޅަދާނަ ޑްރާމާ ލިޔުންތެރިންނާއި މުމައްޘިލުން ދިވެހި އަދަބީ އުދަރެހުން ތަޢާރުފުވެފައިވެ އެވެ. މުޙައްމަދު އަމީނާއި މުޙައްމަދު ޖަމީލާއި ސައިކުރާ އިބުރާހީމް ނަޢީމު ފަދަ ބޭފުޅުން މިއަދު ދުނިޔޭގައި ނެތަސް މުޙައްމަދު ޝާހިދު ޙަލީމާއި ކަށިމާ އަޙުމަދު ޝާކިރާއި ޗިޅިޔާ މޫސާމަނިކާއި ކޮޕީ މުޙައްމަދު ރަޝީދު ފަދަ އަދި ޒުވާން މުޙައްމަދު މުންތަޞިރުފަދަ މި ފަންނުގައި ކުޅަދާނަ ކިތަންމެ ބޭފުޅުންނެއް މި އަދު ވެސް މި ބިންމަތީގައި އެބަ ތިއްބެވި އެވެ.

އަޅުގަނޑުގެ ބޭނުމަކީ ޑްރާމާގެ ހަނދާންތައް އާކޮށް މި ދާއިރާއާ މެދު މި ފަންނުގެ ބޭފުޅުން އިތުރަށް ވިސްނައިވަޑައިގަތުމަށް ދަޢުވަތު އެރުވުމެވެ. އަދި އަދަބީ މި މުހިއްމު ފަންނު ދިރުވައި އާލާކުރުމަކީ ދިވެހިރާއްޖޭގައި ދިވެހީންނަށް ވެސް ކުރެވިދާނެ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކޭ ވާހަކަ ދަންނަވައިލަމެވެ.
--------------
(ނިމުނީ)

 ޙަވާލާ:
http://www.unc.edu/depts/wcweb/handouts/drama.html
http://www.blurtit.com/q544811.html
http://www.lifestreamcenter.net/DrB/Lessons/index.html


މި ލިޔުން؛

    ފޮނުވުން:   އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން: ''           ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ