އަދުގެ ޚާއްސަ

Print

ދަގަނޑުފޮށި

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ ސަމާސާ އަދަބު


އިބްރާހީމް ނަޢީމު

އެއީ މީގެ އަހަރުތަކެއް ކުރި އެވެ. ރަށު މަދަރުސާގައި ގުރޭޑު ކިލާސްތައް އުފައްދައި ކިޔަވައިދޭންފެށި ދުވަސްވަރެވެ. އޭރު މަދަރުސާގައި ތިބި ކުދިންގެ އުމުރުގެ ނިސްބަތަށް ބަލައި އެކި ގުރޭޑު ތަކަށް ކުދިން ބަހާލި އެވެ. އޭރުވެސް އިނގިރޭސި ކިޔާ ބަހެއް އޮންނަކަމާއި އެ ބަހުގައި ވެސް "އަލިފުބާ" އޮންނަކަން އެނގެ އެވެ.
މި ދެންނެވުނީ އޭރު އިނގިރޭސި ބަހުން އަޅުގަނޑަށް އޮޅުންފިލާފައިވާ މިންވަރެވެ. ދެނަކާ ދެނެއް ނެތެވެ. ގުރޭޑު ކިލާސްތަކުގައި އިނގިރޭސި ކިޔަވައިދޭން ފަށްޓައިފި އެވެ. ހުރިހާ ގުރޭޑަކަށް ވެސް އިނގިރޭސި މާއްދާ ކިޔަވައިދެއްވަނީ ޢަބްދުއްރަޙީމް މުދައްރިސެވެ. އެ އަހަރު ނިމުނުއިރު އިނގިރޭސީގެ ބޮޑު އަލިފުބާ އާއި ކުޑަ އަލިފުބާ ހަމަ ރަނގަޅަށް ދަސްވެއްޖެ އެވެ.

ނަމަވެސް އަޅުގަނޑާ އެއްކިލާހެއްގައި ކިޔަވަމުން ދިޔަ ޢަބްދުލްމުހައިމިނަކަށް އިނގިރޭސި އަލިފުބާ ދަސްވިކަމަކަށް ނުވި އެވެ. އަދި އެވަރަކުން ނިމުނީއަކީ ނޫނެވެ. އަޅުގަނޑަށް ވެސް ދަސްވެފައިވާ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. އޭނާގެ ހުއްޖަތަކީ މި އެވެ. އޭނާއަށް ތާނަ އަކުރުތައް އެނގެ އެވެ. އެހެންވީމައި ދިވެހިބަހުން އެއްޗެއް ބުނެފިނަމަ އެބުނިއެއްޗެއް ތާނައަކުރުން ލިޔަން އެނގެ އެވެ. ނަމަވެސް އަޅުގަނޑު ތޯ އެވެ. އިނގިރޭސި ދެ އަލިފުބާ ވެސް އެނގޭކަމަށް ދައުވާކުރިއެއްކަމަކު އެބަހުން އެއްޗެއް ލިޔާކަށް އަދި ނޭނގެ އެވެ. "ކެޓް" ކިޔަނީ ބުޅަލަށް ކަން އެނގެ އެވެ. ނަމަވެސް "ކެޓް" ލިޔާކަށް ނޭނގެ އެވެ. އެހެން ވީމައި އަލިފުބާ އަދި ދަސްނުވަނީ އެވެ. ދެން އެ ވާހަކައިގައި ގޮށްޖަހަމާހިނގާށެވެ. ކެޓް ލިޔަން ނޭނގުނަސް ކެޓް ކުރަހަން އަޅުގަނޑަށް އެނގެ އެވެ.

ޖެހިގެން އައި އަހަރު މަދަރުސާކުދިންގެ އިނގިރޭސި ފެންވަރު ރަނގަޅުކުރުމަށް ޓަކައި އޮޅުދޫކަރައިން ބޭކަލަކު ގެނެވިއްޖެއެވެ. (ބޭކަލެކޭ މިދެންނެވީ މުދައްރިސަކަށް ވުރެ ދަރަޖަ މަތިކޮށްލަން ވެގެންނެވެ. މިމީހުންނަށް އިނގިރޭސިބަހުން ކިޔަނީ "ޓީޗަރ" ކަމެއް ނުވަތަ "ޗީޓަރ" ކަމެއް އޭރު އަދި ނޭގެއެވެ. މިލިޔުމުގެ ދެންއޮތް ބައިގައި "ބޭކަލެކޭ" ލިޔުމުގެ ބަދަލުގައި އަޅުގަނޑު ލިޔާނީ "މުދައްރިސް" މިގޮތަށެވެ.)  މުދައްރިސް ހުންނަވަނީ މަދަރުސާގެ ގޯތިތެރޭގައި ހަދާފައި ހުންނަ ކުޑަވަރެއްގެ ކޮޓަރިއެއްގަ އެވެ. މަދަރުސާއާ އެންމެ ކައިރިން މީހުން ދިރިއުޅޭ ގެއަކަށް ހުންނަނީ އަޅުގަނޑުމެން ގެ އެވެ.

މުދައްރިސް ހުންނަވާ ކޮޓަރިއަށް އަޅުގަނޑު ވަރަށް ގިނައިން ގޮސްއުޅެމު އެވެ. އިނގިރޭސިބަސް ދަސްކުރާހިތް އޮތްލެއް ބޮޑުކަމުންނެވެ.  އޭރުންވެސް ކޮންމެވެސް މިންވަރެއް ރޯފިލާތޯ އެވެ. އެހެން ގޮސް އުޅުމުގެތެރޭގައި ދަސްވި ބަސްތަކާއި ޖުމުލަައްވެސް މަދެއް ނުވާނެއެވެ. އަޅުގަނޑަށް އެނގިފައި އޮންނަގޮތުންނަމަ، އެދުރުންނަށް ކަމޭހިތައި އިޙްތިރާމުކޮށް އެހީތެރިވެ އުޅުނު ވަރަކަށް އެމީހުންގެ ފުށުން ދަސްވާ ތަކެއްޗާއި ކަންތައްތައް ގިނަވާނެއެވެ. އަތަރު ވިއްކާ މީހަކުކައިރީ ނޯކިރީ ކުރާނަމަ އަތަރުވަސް ކޮންމެވެސް ވަރަށް ހިފާނެ ދޮގެއްތޯ އެވެ!

ކިޔެވުން ފެށިގެން ކުރިޔަށް ދެ އެވެ. ހުރިހާކުދިންވެސް ތިބެނީ އިނގިރޭސީގައި އަނެއްކުއްޖާއަށް ވުރެ ކުރިއެރުމުގެ އެދުމުގަ އެވެ. އެއްދުވަހަކު އަޅުގަނޑުގެ އެކުވެރި ޢަބްދުލް މުހައިމިނު ބުނެފިއެވެ. އިނގިރޭސިން ތެއްތިރީހަށް ކިޔަނީ ކީކޭކަން އިނގޭ ހެއްޔެވެ. އަޅުގަނޑު ބުނެފީމެވެ. ނޭނގެ އެވެ. ނަމަވެސް ތިރީހަށް ކިޔަނީ "ތާޓީ" ކަން ޔަގީނެވެ. އޭނާ ބުނެފި އެވެ. ތެއްތިރީހަށް ކިޔަނީ "ތާޓީ ތިރީ" އެވެ. އަޅުގަނޑު ކުޑަކޮށް ވިސްނާލާފައި ބުނެފީމެވެ. " ތާޓީ" އަކީ ތިރީސް ކަމަށް ވަންޏާ " ތާޓީ ތިރީ" ވާންޖެހޭނީ އޮނަތިރީހަށެވެ. އަދި" ތާޓީ މަތީ" ވާންޖެހޭނީ އެއްތިރީހަށެވެ. ތެއްތިރީސް ތިޔައީ ނުބައެކެވެ.

އެހެން ދުވަހެކެވެ. އިނގިރޭސި ގަޑީގައި މުދައްރިސު ފިލާވަޅު ނަންގަވައިދެއްވަމުން ގޮސް އެ ފިލާވަޅުގައި އައި މުޅިން އާ ލަފުޒެއްގެ މާނަ ބުނެދެއްވަންވެގެން ހާސަރުތަކެއް ދަމައިފި އެވެ. ހަމަ އެއްވެސް ކުއްޖަކަށް އެ ލަފުޒުގެ މާނައެއް ނޭނގުނެވެ. އެ ލަފުޒަކީ "އައިރޮން ބޮކުސް" އެވެ. ދެން މުދައްރިސް ބުނުއްވައިގެން އޭނާގެ ކޮޓަރީގައި ހުންނަ އައިރޮން ބޮކުސް ބަލާ އަޅުގަނޑު ހިނގައްޖައީމެވެ.
މުދައްރިސް އެ ބުނުއްވި ތަނެއްގައެއް އެ ބުނުއްވި އައިރޮން ބޮކުހެއް ނެތެވެ. ނަމަވެސް އެނދު ތަންދަށުގައި ކުޑަކޮށް ދަބަރު ޖަހާލާފައި ހުރި އަރޮން ބޮކުހެއް ހުއްޓައި ފެނިގެން އެ ދަމާ ނެރެފީމެވެ. ބަގުޑިބައްދައިގެން ގެންގޮސް ކިލާސް ދޮރުމައްޗަށް އެރިތަނާ މުދައްރިސް ގެ މޫނުމަތިން ޒާތެއްގެ ކުލަވަރެއް ފެނުނެވެ. "އައިރޮން" އަކީ ދަގަނޑުކަން ކޮންމެވެސް ގޮތަކުން އޮތީ އެނގިފަ އެވެ. ބޮކުހަކީ ފޮށިކަން ހުރިހާ ކުދިންނަށް ވެސް އެނގެ އެވެ. އެހެންވީމާ "އައިރޮން ބޮކުސް" ވާނީ ދަގަނޑު ފޮށްޓަށް ނޫންތޯ އެވެ. އެ އަހަރު ނިމުނު އިރުވެސް އަޅުގަނޑުގެ ޔުނީފޯމުގައި އައިރޮން ބޮކުހުގެ އަސަރު ހުއްޓެވެ.

އައިރޮން ބޮކުހަކީ ކޮންއެއްޗެއްކަން އޮޅުންފިލީ މުދައްރިސް ދުރުވެ އެ އެއްޗެއް ގެންނެވީމަ އެވެ. އާދެ! އެއީ ކަރަންޓު އިސްތިރި އެވެ. ހައިރާނެއް ފަހެނުވާނެ ހެއްޔެވެ. "އައިރޮން" އަކީ ދަގަނޑެވެ. "ބޮކުސް" އަކީ ފޮށްޓެވެ. ނަމަވެސް "އައިރޮން ބޮކުސް" އަކީ ކަރަންޓު އިސްތި އެވެ. އަޖާއިބު އަންތަރީސް ނުވާނީ ކާކުހެއްޔެވެ؟ އިނގިރޭސި މިއީ ހާދަ ޒާތެއްގެ ބަހެކެވެ.
------------------
(ނިމުނީ)

ނޯޓު:
•   
މިލިޔުމުގައި އިނގިރޭސި ބައެއް ލަފުޒުތައް ލިޔެފައި އެވަނީ އެދުވަސްވަރު އަޅުގަނޑުމެން އެލަފުޒުތައް ލިޔަމުން އައި ގޮތަށް، ސީދާ އެއަޑުތައް ނެރެވޭނެ ގޮތަށެވެ. އިނގިރޭސި ބަހަށް ތޫނު މިޒަމާނުގެ ކުދިން އެބަސްތައް ކިޔާއިރު އަޑުއިވޭގޮތް ވަރަށްބޮޑަށް ތަފާތުވާނެއެވެ. އެބަސްތައް ތާނަ އަކުރުން ލިތުނު ކަމުގައިވިޔަސް ލިޔާގޮތްވެސް ތަފާތު ވާނެކަމަށް ފެނެއެވެ.
•   
ބޮޑު އަލިފުބާ ކަމަށް ލިޔެފައި އެވަނީ މިހާރު މިކިޔާ "ކެޕިޓަލް" އަކުރުތަކެވެ. ކުޑަ އަލިފުބާ އަކީ "ސިމްޕަލް" އަކުރުތަކެވެ.

މި ލިޔުން؛

    ފޮނުވުން:   އަލްފާޟިލް އިބްރާހީމް ނަޢީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން: ''          ''

ހަމަމިގަލަމުން

އިދާރާ

ވާހަކަ