އަދުގެ ޚާއްސަ

Print

ދުޢާކުރުން

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


ޢަބްދުﷲ ފާރޫޤު ޙަސަން

ދުޢާކުރުމަކީ މާތްﷲ ސުބުޙާނަހޫ ވަ ތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދި ދެންނެވުމެވެ. ދުޢާއަކީ އިންސާނާގެ ހިތުގައި އުފެދޭ ފުން އިހްސާސެއްގެ ފާޅުވުމެކެވެ. ދުޢާކުރުމަކީ ވަރަށް މާތް އަޅުކަމެކެވެ. އަރަހުށި މާތްﷲ ވަނީ އަޅުގަނޑުމެންގެ ބޭނުންތަކުގައި އެކަލާނގެ ޙަޟުރަތަށް ދުޢާދެންނެވުމަށް އަމުރުކުރައްވައިފައެވެ. އިޚްލާސްތެރިކަމާއެކު ކުރާ ދުޢާތަކަށް އިޖާބަދެއްވުމުގެ ޝަރަފް ދެއްވާނެކަން އަންގަވައިފަ އެވެ.

ދުޢާކުރެވެނީ އިންސާނާ ކަމަކަށް އިންތިހާ ދަރަޖައަށް އެދުންވެރިވުމުންނެވެ. ތިމާގެ ނަފްސު އެކަމަކަށް ނުހަނު ބޮޑަށް ދަހިވެތިވުމުންނެވެ. ދުޢާއަކީ އެފަދަ ޙާލަތުގައި އެކަމަކަށް ނުވަތަ އެ އެއްޗަކަށް އެދި ތިމާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ދެންނެވުމެވެ.

މާތްﷲ އަށް ފުރިހަމަޔަށް އީމާންވެ އެކަލާނގެ ދެއްކެވި ތެދުމަގާ އެއްގޮތަށް ދިރިއުޅެމުންގެންދާ މުއުމިނަކަށް އެކަލާނގެ ތައުފީޤަށް ބޭނުންވާ އެތައް ޙާލަތްތަކެއް ކުރިމަތިވެއެވެ. ތިމާގެ ބޭނުންތައް ޙާސިލުކުރުމަށެވެ. ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށެވެ. މިފަދަ ކޮންމެ ޙާލަތެއްގައި މުއުމިނުން ހިފަންޖެހޭ ހަތިޔާރަކީ މާތްﷲ އަށް ފުރިހަމަޔަށް ކިޔަމަންތެރިވުމާއި އެކަލާނގެ ރަސްކަންފުޅަށް އަޅުވެތިވުމުގެ ހަތިޔާރެވެ. އެކަލާނގެ ޙަޟްރަތަށް އިބްތިހާލުވެ ދުޢާކުރުމުގެ ވަސީލަތެވެ. މުއުމިނުންގެ ޙަޔާތުގެ ކޮންމެ ހިނދުކޮޅެއް ވޭތުކުރަން ޖެހޭނީ މާތްﷲ ގެ ޙަޟްރަތުގައި ތިމާގެ އާދޭހުގެ ދާވަނި ފަތުރައިލައިގެންނެވެ. އެކަލާނގެ މަތިވެރިވަންތަކަމާއި، ރަސްވަންތަކަން ވާސިޠާއަކަށް ހަދައިގެންނެވެ. ތިމާގެ ނިކަމެތިކަމާއި ނުކުޅެދުންތެރިކަމުގެ އިޢުތިރާފާއެކުގައެވެ. އެކަލާނގެ ރަޙްމަތްވަންތަކަމުގެ ކޯރު އުތުރިއެރުން އެދިގެންނެވެ. މި ސިލްސިލާ އޭނާގެ ޙަޔާތުގައި ތާއަބަދު ދަމަހައްޓަން ޖެހޭނެއެވެ. އޭނާގެ ހެނދުނާއި ހަވީރުއެވެ. ދަތުރުމަތީގައްޔާއި، ރަށުގައި ޤާއިމުވެހުރުމުގައެވެ. މިސްކިތުގައްޔާއި ބާޒާރުމަތީގައެވެ. އުފަލާއި ހިތާމައިގެ ވަގުތުތަކުގައެވެ. އެކަހެރިކަމުގައި ހުންނަ އިރުއާއި، ޖަމާޢަތުގައި ބައިވެރިވެއުޅޭ އިރުއެވެ. ބަޔާންވެދިޔަ ވަގުތުތަކުގައި އޭނާގެ ހިތުގެ އެންމެ ފުންމިނުން ދެންނެވޭ ދެންނެވުންތަކާއި މުނާޖާތަކުގެ ނަމަކީ ދުޢާއެވެ.

އަޅުގަނޑުމެން މާތްﷲ ގެ ޙަޟްރަތަށް ދުޢާދަންނަވާއިރު ވިސްނައިލަން ޖެހޭ އެތައް ކަންތައްތަކެއްވެސް އެބަހުއްޓެވެ. މީހަކު އޭނާގެ ދިރިއުޅުމުގައި މާތްﷲ އަށް އަޅުވެތިވުމުގެ ސަބަބުން ލާޒިމުވާ ކަންތައްތަކަށް ބެލުމެއް ނެތި މާތްﷲ ކަނޑައަޅުއްވައިފައިވާ ޙަރާމް ޙަލާލްގެ އިންތަކަށް ފަރުވާލެއް ނުބަހައްޓައި އުޅެމުން ހަމައެކަނި ދުޢާގެ ލަފުޒުތަކެއް ދުލުކުރިން އަމުނައިލުމަކީ ދުޢާގެ މަޤުޞަދު ފުރިހަމަވާ ކަމެއް ނޫނެވެ. ދުޢާކުރުމުގެ ދާއިމީ ނަތީޖާއެއް ކަމުގައިވާ ދަރުމައާއި ޘަވާބު ލިބޭނޭ ކަމެއް ނޫނެވެ. ތިމާގެ ދުޢާ ޤަބޫލުކުރެއްވުމުގެ ޝަރަފް ޙައްޤުވާ ކަމެއް ނޫނެވެ. އާދެ، މިއީ ދުޢާކުރާއިރު ވަރަށް ބޮޑަށް ހަނދާން ބަހައްޓަން ޖެހޭ ކަމެކެވެ. އެހެނީ މާތްﷲ އަމުރުކުރައްވައިފައިވަނީ އެކަލާނގެ ރަސްކަންފުޅަށް ދީން ޚާލިސްކޮށްގެން ހުރެ ދުޢާކުރުމަށެވެ. އެކަލާނގެ އަންގަވައިފައިވަނީ އެކަލާނގެ ޤަބޫލުކުރައްވަނީ ތަޤުވާވެރީންގެ ޢަމަލުތައް ކަމަށެވެ.

ބައެއް މީހުން ހީކުރާގޮތުގައި، ދުޢާ އިޖާބަކުރެއްވުމަކީ ހިފައިގެންދާ ކޮންމެ މީހަކަށް ފައިސާ ނެގޭ ގޮތަށް އޮންނަ ޗެކަކަށް ފައިސާ ލިބޭގޮތަށް އެއްެސް އުނިއިތުރެއް ނުވަތަ ލަހެއް ފަހެއ ނެތި ދުޢާގެ ނަތީޖާ ފެނުމެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. އަޅަކު އޭނާގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ތަކުރާރުކޮށް އާދޭސް ދެންނެވުމުގެ ފުރުސަތު ލިބޭކަމީވެސް އޭނާއަށްޓަކައި ފުދިފައި އިތުރުވާފަދަ ނިޢުމަތެކެވެ. ދުޢާ އިޖާބަކުރެއްވުމާ ބެހޭ ގޮތުން ކައުސާހިބާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ދެއްވާފައިވާ އިރުޝާދަކީ އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ އިރުޝާދެކެވެ. އިތުރު ސާހިބާ އިރުޝާދުދެއްވާފައިވާ ގޮތުގައި، މާތްﷲ ގެ އަޅާ އެކަލާނގެ ޙަޟްރަތަށް ކުރާ ދުޢާ އިޖާބަކުރައްވައެވެ. ބައެއް ފަހަރު ދުނިޔޭގައި އެ ދުޢާގެ އަސަރު ފާޅުކުރައްވައެވެ. ނުވަތަ އާޚިރަތަށްޓަކައި އެ ދުޢާގެ ދަރުމައާއި ޘަވާބު ރައްކާކުރައްވައެވެ. އަނެއްބައިފަހަރު އެ ދުޢާގެ ނިސްބަތުން އޭނާގެ ފާފަފުއްސަވައެވެ. ޝަރުޠަކީ ފާފަވެރިވާފަދަ ކަމަކަށް އެދި ނުވަތަ ރަޙިމުގެ ގުޅުން ކެނޑޭ ފަދަ ކަމަކަށް އެދި ދުޢާނުކުރުމާއި، ދުޢާ އިޖާބަނުވެގެން އެކަމާ ލަސްވެގެން ނުއުޅުމެވެ.

ޝައްކެއް ނެތެވެ. އަޅުގަނޑުމެންގެ މާއްދީ ބޭނުންތަކާއި، މަޢުނަވީ ބޭނުންތަކާއި ވަސީލަތްތައް ހޯދައި ލިބިގަންނަން ޖެހޭ ފަދައިން ދުޢާކުރުމަކީވެސް ވަސީލަތެކެވެ. ހެޔޮ ކަންތައްތައް ލިބިގަތުމަށާއި، ނުބައި ކަންތައްތަކުން ދިފާޢުވުމަށްޓަކައި އިޚްތިޔާރުކުރަން އަމުރުކުރައްވައިފައިވާ ވަސީލަތެކެވެ. މުއުމިނުންގެ އެންމެ އިތުބާރު ހުރި ކިއްލާއެވެ. އެންމެ ބާރުގަދަ ހަތިޔާރުވެސް މެއެވެ.
------------------
(ނިމުނީ)

މި ލިޔުން؛

    ފޮނުވުން:   އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން: ''        ''



     

ހަމަމިގަލަމުން

އިދާރާ

ވާހަކަ