އަދުގެ ޚާއްސަ

Print

ކްރިސްމަސް ގަސް ... ކޮންތަނެއްގައި ކިހިނެއް ފެޅިގަހެއްބާ!

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޢަޤީދާ


އިނގިރޭސިވިލާތުގައި، ފައްޅިއަށް ގޮސް އަޅުކަންކުރާމީހުންގެ ޢަދަދު 2008 ވަނަ އަހަރުވަނީ 1.1 މިލިއަނަށް ދަށަށް ގޮސްފަ އެވެ.


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

ފަހަކަށް އައިސް ބައެއް އިސްލާމީ ޤައުމުތަކުގައި، އަދި ބައެއް އިސްލާމީ މުޖްތަމަޢުތަކުގައި ރަމަޟާންމަސް އައުމުން ނުވަތަ ޢީދު އައުމުން ނުވަތަ ހިޖްރީ އައު އަހަރު ލައިގަތުމުން އިޙްތިފާލުނުކުރާ މިންވަރަށް ކްރިސްމަސް ފާހަގަކުރަމުންދާ ކަން ފާހަގަކުރެވެ އެވެ. އިރުމައްޗަށް ނިސްބަތްވާ މި ސަރަޙައްދުތައް މިހާބޮޑަށް ހުޅަނގުވަންތަ ވެގެން މި ދަނީ ކީއްވެގެންބާވައެވެ؟ ކްރިސްމަސް ތެރޭގައި ބައެއް ޤައުމުތަކަށް ޒިޔާރަތްކުރާ  ބައެއް ބޭރުމީހުންނަށް މިއީ   ކްރިސްޓިއަން ޤައުމެއްހޭ އަހާލެވޭ ވަރަށް އެކަންތައް ވަނީ ފެތުރިފަ އެވެ.

ފިނިމޫސުން އައުން ފާހަގަކުރުމަށްޓަކައި އަބަދަށް ފެހިކަންމަތީ ހުންނަ ގަސްތައް ޢިސާގެފާނު ރައްކައުވުމުގެ މާކުރިން  ބޭނުންކުރެވިފައިވެ އެވެ.  ޤަބޫލުކުރެވޭގޮތުގައި ޢީސާގެފާނުގެ ޢީދުމީލާދު ފާހަގަކުރުމަށްޓަކައި ފުރަތަމަފަހަރަށް ގަސް ބޭނުންކޮށްފައިވަނީ ޖަރްމަނުގަ އެވެ. އެއީ މީލާދީން 8ވަނަ ސައްތައިގަ އެވެ. މިކަން ފެށިމީހަކީ ޖަރްމަނުގެ ބޮނިފޭސް (Bonifac) ނަމަކަށް ކިޔާ ފާދިރީއެކެވެ. ތުއްތު ޢީސާގެފާނުގެ އުފަންދު ވަސް ފާހަގަކުރުމަށްޓަކައި އޭނާ  "ފަރ"  ގަހެއް ޒީނަތްތެރި ކުރި އެވެ. ހުޅަނގުގައި އެ ދުވަސްވަރު "އޯކް" ގަހަށް އަޅުކަންކުރާތީ  އެގަހުގެ ބަދަލުގައި ނަޞާރާދީނުގެ ރަމްޒެއްކަމުގައި ވެސް ގަހެއް ހުންނަން ޖެހޭނެކަމަށް ބަލައިގެންނެވެ. ނަމަވެސް މި ގަސް ގޭތެރެއަށް ވައްދަން ފެށުނީ މީލާދީން 16ވަނަ ސައްތައިގަ އެވެ.

17 ވަނަ ސައްތައިގައި ކްރިސްމަސް ގަސް މަޝްހޫރުވެ ޒީނަތްތެރިކުރެވެން ފަށައިފި އެވެ. ގިނަބަޔަކު މިކަން ކުރަނީ ފަރ ގަހުގެ ގޮފިގަނޑެއް ގައި މޭވާއާއި ޙަލްވާ އާއި އުއްބައްތި ފަަދަ އެއްޗެހި އެލުވައިގެންނެވެ.

19 ވަނަ ސައްތައިގެ ކުރީކޮޅުގައި ކްރިސްމަސް ގަސް ޖަރުމަނުން ބޭރަށް ނުކުމެއްޖެ އެވެ. އަދި މި އާދަ އުތުރު ޔޫރަޕުގައި ފެތުރެން ފެށްޓެވެ. އިނގިރޭސި ރާނީ ވިކްޓޯރިއާގެ ފިރިކަލުން އަމީރު އެލްބަރޓަކީ ޖަރުމަނުވިލާތުގެ ބޭފުޅެކެވެ. ކްރިސްމަސް ދުވަސްވަރުގައި ގޭތެރެ ޒީނަތްތެރި ކުރުމަށްޓަކައި  ކްރިސްމަސް ގަސް ބޭނުންކުރުމަށް އެންމެބޮޑަށް ހިތްވަރުދެއްވީ އަމީރު އެލަބަރޓެވެ.

ކްރިސްމަސްގަހުގެ ކުރީގައި ޖަހާ ތަރިއަކީ ނަޞާރާ އިން ބުނާގޮތުގައި އެދީނުގެ ބޮޑުންނަށް ޢިސާގެފާނު އުފަންވެވަޑައިގެން ތަން ދެއްކި ތަރީގެ ރަމްޒެވެ. ޢީސާގެފާނުގެ ޢީދުމީލާދު ފާހަގަކުރާ އިރު ޢާއްމުގޮތެއްގައި ބޭނުންކުރެވޭ ދެކުލައަކީ ފެއްސާއި ރަތެވެ. ފެހި ކުލަ ރަމްޒުކޮށްދެނީ ފިނިމޫސުމުގައި ދެމިގެންދާ ޙަޔާތަށެވެ. ރަތްކުލަ ރަމްޒުކޮށްދެނީ އޮހޮރުވާ ލެވުނު ކަމަށް ނަޞާރާ އިން ޤަބޫލުކުރާ ޢީސާގެފާނުގެ ލޭފޮދެވެ. މި ގަސް ތިނެސްކަން ސިފަޔަށް ފަރުމާ ކުރީ ނަޞާރާ އިންގެ ގިނަބަޔަކު ޤަބޫލުކުރާ ތިންކައުވަންތަކަން ރަމްޒުކުރުމަށްޓަކަ އެވެ.

އެހެެންކަމުން ކްރިސްމަސް ގަހަކީ (ބިދްޢައެއް ކަމުގައި ވިޔަސް) ނަޞާރާ އިން ގެ ދީނީ ރަމްޒެކެވެ.

މިހާރު އެމެރިކާގައި އަހަރަކު 37 މިލިއަން  ކްރިސްމަސް ރޯގަސް ވިއްކެ އެވެ. އަދި ޔޫރަޕް ގައި 60މިލިއަން ރޯގަސް ވިއްކެ އެވެ. މީގެ އިތުރަށް މަޞްނޫޢީ އެތައްމިލިއަން ގަހެއް ވިއްކޭކަން ފާހަގަކޮށްލަންޖެހެ އެވެ.

ޢީސާގެފާނުގެ ޢީދު މީލާދު ފާހަގަކުރުން ... ބިދްޢައެއް


ބީބީސީ ބުނާގޮތުގައި ޢީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވި ދުވަހާ ބެހޭގޮތުން އެއްވެސް އިންޖީލެއްގައި އެއްވެސް  އެއްޗެއް އައިސްފައެއް ނެތެވެ. މީލާދީން 4ވަނަ ސައްތައާ ހަމައަށް ދިޔައިރު މި ދުވަސް ފާހަގަކޮށްފައެއް ނެތެވެ. ޢީސާގެފާނުގެ ޢީދުމީލާދު ދުވަހަކީ ޑިސެމްބަރު މަހުގެ 25 ދުވަސް ކަމުގައި ހަމަޖެއްސެވީ ޕޯޕް ޖޫލިޔޯސް (އެއްވަނަ) އެވެ. މި ގޮތަށް އޭނާ މި ކަން ހަމަޖެއްސެވީ އެ ދުވަސްވަރު ލާދީނީ އިޙްތިފާލުތަކެއް ބޭއްވޭތީ މިކަން ހުއްޓުވުމުގެ ބޭނުމުގަ އެވެ. މީލާދީ 529 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 25ވަނަ ދުވަސް  މަދަނީ ޗުއްޓީދުވަހެއްކަމުގައި އޭނާ ހަމަޖެއްސެވި އެވެ. މި ދުވަސް ގުޅިފައިވަނީ ޔަހޫދީންގެ "މަނާރާ" ޢީދާ އެވެ. އަދި ކުރީ ޒަމާނުގައި ގުރީކުން ފާހަގަކުރަމުން ދިޔަ ޢީދުގެ ދުވަސްތަކުން ދުވަހަކާ އެވެ.
   
ޢީސާގެފާނުގެ ޢީދުމީލާދު ފާހަގަކުރުމުގައި ނަޞާރާ އިން ދެބަޔަކަށް ބެހިފައިވެ އެވެ. ކެތަލިކުން ބުނާގޮތުގައި އެއީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހެވެ. ނަމަވެސް އޮތޮޑޮކްސް ނަޞާރާއިން ބުނާގޮތުގައި އެއީ ޖަނަވަރީ މަހުގެ 7 ވަނަ ދުވަހެވެ. ފަޟީލަތުއްޝައިޚު ޑރ. ޔޫސުފުލް ޤަރްޟާވީ ވިދާޅުވާ ގޮތުގައި މި އިން އެއްވެސް ރައުޔެއް ރަނގަޅެއްނޫނެވެ. އޭނާ ވިދާޅުވާގޮތުގައި ޢީސާގެފާނު ރައްކައުވީ ފިނިމޫސުމެއްގައެއްނޫނެވެ. މާތްﷲ ކީރިތިޤުރްއާނުގައި މަރިޔަމުގެފާނަށް ކަދުރުރުއް ހަލުވާލެއްވުމަށް އަމުރުކުރެއްވި އެވެ. އޭރުން އެ ރުކުގައި ހުރި  ދޮންވެފައިވާ ކަދުރުތައް ގަސްދޮށަށް ވެރޭނެ އެވެ. ފިނިމޫސުމުގައި ކަދުރުރުކުގައި ގަސްދޮށަށް ވެރޭ ވަރުގެ ދޮންކަދުރެއް ނުހުންނާނެ އެވެ. އިބްނު ކަޘީރު ވިދާޅުވާގޮތުގައި  އެ ރުކުގައި  ހުރީ ދޮންވެ ހިކިފައިވާ ކަދުރެވެ. މުޖާހިދު ވިދާޅުވާ ގޮތުގައި އެ ރުކަކީ ޢަޖްވާ ކަދުރު ރުކެކެވެެެ.

ކްރިސްމަސް .. ވިޔަފާރި މޫސުމެއް


މި އަދު ކްރިސްމަސް ވެފައިވަނީ ދީނުގެ ނަމުގައި އަންނަ ވިޔަފާރީގެ މޫސުމަކަށެވެ. ކްރިސްމަސް މޫސުމުގައި ބާޒާރުކޮށްލުމަށްޓަކައި މި އަހަރު 22މިލިއަންމީހުން އިންޓަރނެޓް ބޭނުންކުރި އެވެ. މިދިޔަ އަހަރަށް ބަލާ އިރު އެމެރިކާގައި ކްރިސްމަސް މޫސުމުގައި 437 ހާސް މިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވެ އެވެ. މިއީ، މުޅި ދުނިޔެ އަށް ބަލާއިރު 20 % އެވެ. މި އަހަރު މި ވިޔަފާރި 2.3 % އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ފައްޅި އަށް ދާ މީހުން މަދުވުން


ހުޅަނގުގައި ކްރިސްމަސް ފާހަގަކުރުމަށް އިސްކަންދެވޭ ސަބަބުތަކުގެ ތެރޭގައި ފައްޅިއަށް ދާ މީހުންގެ ޢަދަދު މަދުވަމުން ދިޔުން ހިމެނެ އެވެ. ވެޓިކަން ގެ މިހާރުގެ ވެރިއާ ޕޯޕް ބެނެޑިކްޓް (ސޯޅަ ވަނަ) ވިދާޅުވާ ގޮތުގައި  ނަޞާރާ އިން މި އަދު ފާހަގަކުރާ ހަމައެކަނި ދީނީ އިޙްތިފާލަކީ ކްރިސްމަހެވެ. ޢީސާގެފާނަކީ މަރްޔަމުގެފާނުގެ ދަރިކަލެއްކަމަށް ޤަބޫލުކުރާ ނަޞާރާ އިންގެ ޢަދަދަކީ   34 % ކަމަށް ނޫސްވެރިން ބުނެ އެވެ. އިނގިރޭސިވިލާތުގައި، ފައްޅިއަށް ގޮސް އަޅުކަންކުރާމީހުންގެ ޢަދަދު 2008 ވަނަ އަހަރުވަނީ 1.1 މިލިއަނަށް ދަށަށް ގޮސްފަ އެވެ. މިއީ އިނގިރޭސިވިލާތުގެ އާބާދީގެ 1.9 % އެވެ.
-------------------
  (ނިމުނީ)

މި ލިޔުން؛
     ފޮނުވުން:   އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު)
     އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
     ޝާއިޢުކުރުން: ''         ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟