އަދުގެ ޚާއްސަ

Print

އެކުވެރިކަން ކެނޑިގެންދާ ބައެއް ސަބަބު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ


އެކުވެރިވުމަކީ ނުވަތަ ރަޙުމަތްތެރިކަން އުފެދުމަކީ ދާދި ފަސޭހަކަމެކެވެ.


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު(މާޒީ)


އެކުވެރިކަމާއި ރަޙުމަތްތެރިކަމަކީ އެއްމާނައެއްގައި ބޭނުންކޮށް އުޅޭ ދެ ލަފުޒެވެ. ރަޙުމަތްތެރިޔާގެ މާނައިގައިވެސް "އެކުވެރިޔާ" ބޭނުންކޮށް އުޅެއެވެ. ބަސްފޮތުގައިވެސް ހަމަ މި ދެ ލަފުޒުގެ މާނަ ބަޔާންކޮށްފައިވަނީ ވަރަށް ގުޅުވައިގެންނެވެ. އެހެންނަމަވެސް ކޮންމެ ދެ ލަފުޒެއްގައިވެސް މާނަ އެއް ގޮތޭ ހީވިޔަސް ކުޑަ ނަމަވެސް ތަފާތެއް ހުންނާނެ އެވެ. ހުރެއެވެ. މިއީ ބަސްވާރުން ދެކްވަޑައިގަންނަވާ ގޮތްވެސްމެ އެވެ. މި ގޮތުން ބަލާއިރު އެކުވެރިކަމަކީ އެކުވެގެން ނުވަތަ އެކުގައި އުޅޭ އުޅުމެވެ. ރަޙުމަތްތެރިކަމަކީ އެކަކު އަނެކެއްގެ އުފަލާއި ހިތަމައިގައި ބައިވެރިވެ އުޅޭކަމެވެ. އެހެންވީމާ އެކުވެރިކަމަށްވުރެ ރަޙުމަތްތެރިކަމުގެ ދަރަޖަ ކުޑަތަންކޮޅެއް އިތުރެވެ. ނަމަވެސް ރަޙުމަތްތެރިޔާ އަކީ ހަމަ އެކުވެރިޔާމެ އެވެ.

މިތުރުކަމަކީވެސް ހަމަ މިފަދަ މާނައެއްގައި ބޭނުންކޮށް އުޅޭ ލަފުޒެކެވެ. މިތުރަކީ އެކުވެރިޔާ އެވެ. ރަޙުމަތްތެރިޔާ އެވެ. ނަމަވެސް "ލޯބިވެރިޔާ"ގެ މާނައިގައިވެސް "މިތުރު ބޭނުންކޮށް އުޅެ އެވެ. (ދިވެހިބަސްފޮތް 2006) ކުރިންވެސް ދަންނަވައިލި ފަދައިން އެއް މާނައެއް ދޭހަވާ ދެ ލަފުޒު ކަމަށް އަޅުގަނޑުމެން ދެކޭ ލަފުޒުތަކަކީ ވެސް ދެ ލަފުޒެއްކަމަށް ވާނަމަ މާނައިގައި ހުންނަ ކުދިކުދިތަފާތުތައް ހުންނާނެތީ އެވެ.

ކޮނެމެވެސް ސަބަބަކާހުރެ ދެކެފަރިތަވެ އެކުވެރިކަން އުފެދުމަކީ ދާދި ފަސޭހަކަމެކެވެ. ތާކުން ބައްދަލުވެގެން، ނުވަތަ އެކުގައި މަސައްކަތްކުރަންޖެހުމުން ނުވަތަ ކުއްލިޔަކަށް ދިމާވާ ގޮތަކުން ތަޢާރުފުވުމުގެ ސަބަބުން އަދި ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ދާދި އަވަހަށް ދެކެފަރިތަކަން އުފެދިދެއެވެ. އަދި އެ ދެކެފަރިތަކަން ރައްޓެހިކަމަށް ބަދަލުވެ ރަޙުމަތްތެރިކަމުގެ ގުޅުމަކަށް ބަދަލުވުމަކީ ދާދި ފަސޭހަ ކަމެކެވެ. އެކުވެރިވުމަކީ ނުވަތަ ރަޙުމަތްތެރިކަން އުފެދުމަކީ ދާދި ފަސޭހަކަމެކެވެ. ނަމަވެސް.... އުނދަގޫ ކަމަކީ އެ ރަޙުމަތްތެރިކަން ދެމެހެއްޓުމެވެ. "މިތުރުކަން ދެމި އޮތުމެވެ." ތަފާތު ސަބަބުތަކާހުރެ އެވެ.

ރަޙުމަތްތެރިކަން ދެމި އޮންނަކީ ދެ މީހުންގެ ދެެމެދުގައި ގުޅުން އޮވެގެންނެވެ. އެއީ ޖިސްމާނީ ގޮތުން ޒިޔާރަތްކޮށް ނުވަތަ ބައްދަލުވެ އުޅެގެންނެވެ. މި ޒަމާނުގައި މިކަން އެންމެ ފަސޭހައިން  ކޮށްލެވެނީ ފޯނުގެ ޒަރީޢާއިން ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ ފޭސްބުކުން ނުވަތަ އެމްއެސްއެނުން ކަމަށް ވެސް ވެދާނެ އެވެ. މިފަދަ އެއްވެސް ވަސީލަތަކުން ގުޅުން ނުދެމެހެއްޓިއްޖެ ނަމަ، ރަޙުމަތްތެރިކަން ހީނަރުވާން ފަށައިދެ އެވެ.

ގިނަ ފަހަރަށް ޙާލު ބަލަިލުމަށްޓަކައި ނުގުޅެނީ އަނެކާ އަވަދިނެތިކޮށް އުޅޭނެ ކަމަށް ހީކޮށެވެ. އަދި ކަމެއް ނެތި ހަމަ ޙާލުބަލައިލުމަށް ގުޅުމަކީ އަނެކާ އަށް އުނދަގޫވެދާނެ ކަމެއް ކަމަށް ހީވާތީއެވެ. އެއީ ހަމަ ވަގުތު ބޭކާރުކުރުންކަމަށް ހީކުރެވޭތީ އެވެ. މިފަދަ ހީތައް ކޮންމެ މީހަކުވެސް ކުރުމުގެ ސަބަބުން ގުޅުންތައް ހީނަރުވާންފަށައެވެ. ގުޅުމުގެ ދޭތެރެ ދުރުވެ އެވެ. ގުޅުމަށް ބުރޫ އަރަ އެވެ.

މި ގޮތަށް ނުގުޅި ނުވަތަ ޚަބަރު ބަލައިނުލައި ގިނަ ދުވަސްތަކެއްވުމަށްފަހު ދެން އަންނަނީ އެހެން މަރުޙަލާ އެކެވެ. ދެ މިތުރުންގެ ތެރެއިން ކޮންމެ މީހަކުވެސް އަނެކަކު ގުޅާނެ ކަމަށް އިންތިޒާރުކުރެވެނީ އެވެ. އެއަށް ފަހު، ދެ މީހުންކުރެ ކޮންމެ މީހަކުވެސް ހިތަށް އަރަނީ ތިމަންނަ ވަކި ކުރިން ކުޅަން ވީ ކީއްކުރަން ހެއްޔެވެ؟ އޭނާ ގުޅިއްޔާ ވާނީ ކީއް ހެއްޔެވެ؟

މިހާ ހިސާބަށް ދިޔުމުން ދެ މީހުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ލޯބި ފޫހިކަމާއި ނަފުރަތަށް ބަދަލުވާން ފަށައިފާނެ އެވެ. ބަދަހި ގުޅުން ހީނަރުވާންފަށައިފާނެ އެވެ. އެންމެ ފަހުން އެކަކު އަނެކަކުގެ ހަނދާންކުރުން ކުޑަވެދާނެ އެވެ. އަދި ހަނދާން ބަލިކަށިވެދާނެ އެވެ. އަދި މުޅިން ހަނދާން ނެތިގެން ހިނގައިދާނެ އެވެ. އަދި ބައެއް ފަހަރަށް ރަޙުމަތްތެރިޔާ އަކީ މުޖުތަމަޢުގައި އެހާ މަޝްހޫރު މީހެއް ނޫންނަމަ، ރަޙުމަތްތެރިޔާގެ ނަން ވެސް ހަނދާންނެތި ރަޙުމަތްތެރިންގެ ލިސްޓުން އޭނާގެ ނަން މުޅިން ފޮހެވިގެންވެސް ހިނގައިދާނެ އެވެ. މިއީ އެއްވެސް މީހަކު ޙަޤީޤަތުގައި ބޭނުންވާނޭ ގޮތެއް ނޫނެވެ.

ވީމާ، ރަޙުމަތްތެރިންނާ ގުޅުން ބަދަހިކުރަމާތޯއެވެ؟ ފޯނުންނެވެ. މުހިއްމު ކަމެއް ނެތި ހަމަ އެކަނި ޙާލުބަލައިލާން ގުޅައިލުމަކީ ޙަޤީޤަތުގައި އެކުވެރިޔަކަށް އުނދަގޫވާނެ ކަމެއް ކަމަށް ދެކިގެން ނުވާނެ އެވެ. އެއީ ޙަޤީޤަތުގައިވެސް ރަޙުމަތްތެރިޔާ އުފާކުރާނޭ ކަމެއްކަން ކަށަވަރެވެ. ފަހަރެއްގައި މި ޒަމާނުގައި ކަމާ ކަންފަށައި ރަޙުމަތްތެރިންނަށް ޒިޔާރަތްކުރުމަށް ވަގުތު ނުލިބިދާނެ އެވެ. ނަމަވެސް އަތު ފޯނުން ގުޅައިލައި ހާލުބަލައިލެވިދާނެ އެވެ.  ނުވަތަ ފޭސްބުކުން ވާހަކަދައްކައިލެވިދާނެ އެވެ. ނުވަތަ އެމްއެސްއެން އިން އަނގަތަޅައިލެވިދާނެ އެވެ.
މިފަދަ ކޮންމެވެސް ގޮތަކުން އެކުވެރިކަމަށް ހީނަރުކަން އަޔަނުދީ ހިފެހެއްޓިދާނެ އެވެ. ކޮންމެ ގޮތަކުން ނަމަވެސް އުފެދިފައި އޮންނަ އެކުވެރިކަމެއް ކެނޑިގެން ދިޔުމަކީ ދެ ފަރާތަށް ވެސް ލިބޭނޭ ގެއްލުމެއްކަން ކަށަވަރެވެ. ވީމާ މިފަދަ ހީނަރުކަމެއް އަޅުގަނޑުމެންގެ އެކުވެރިކަމަށް އަޔަނުދީ ވޭތޯ މަސައްކަތްކުރަމާތޯއެވެ! އެހެނީ "އެކުވެރި ކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެގަތުމަކީ ނިކަމެތިކަމެކެވެ."
--------------
(ނިމުނީ)

ޙަވާލާ:

ދިވެހިބަސްފޮތް 2006
ރަޙުމަތްތެރިޔަކު ފޮނުވި އެނިމޭޝަން ތަކެއްގެ މައިގަނޑު މަފުހޫމުތައް

މި ލިޔުން؛

     ފޮނުވުން:   އަލްފާޟިލް ޢަބްދުލްޢަޒީޒުޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
     ޝާއިޢުކުރުން: ''           ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ