އަދުގެ ޚާއްސަ

Print

މަންމަގެ ދޫ... ބުރިކޮށްލަން ކެރޭހެއްޔެވެ؟

ޝާޢިއުކުރީ އިޔާޒު ނަސީމް . ހިމެނޭބަޔަކީ މާދަރީބަސް


''ލިޔުންތެރިއެއްކަމުގައި ދަޢުވާކުރަމުން އައި އަހަރެން، އަހަރެންގެ އަމިއްލަ ބަހުން ލިޔަންކިޔަން ދަސްކުރީ އެހިސާބުންނެވެ.''


ޕަންޖާބީ ބަހުން ލިޔުއްވީ:  ބަލްރާޒު ސަހްނީ
އިނގިރޭސި ތަރުޖަމާ:    ޔާޝް ކޮހްލީ
ދިވެހި ތަރުޖަމާ:       އިޔާޒު ނަސީމް

އޭރު އަހަރެންނަކީ ޝާންތީނިކޭތަންގެ މުދައްރިސަކީމުއެވެ. ޝާންތީނިކޭތަންއަކީ މުޅި ހިންދުސްތާނު އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ރަބިންދްރަނާތު ޓާކޫރުގެ މުދީރުކަމުގެ ދަށުން ހިނގަމުން ދިޔަ މުއައްސަސާއެކެވެ. ރަބިންދްރަނާތު ޓާކޫރު ނުވަތަ ރަބިންދްރަނާތު ޓޭގޯރ އަކީ އަދަބިއްޔާތުގެ ގޮތުން ނޯބެލްގެ ޝަރަފުވެރި އިނާމު އެންމެ ފުރަތަމައަށް ހާސިލުކުރެއްވި އޭޝިޔާގެ އަދީބެވެ.

އެދުވަހު އަހަރެން ރަބިންދްރަނާތު ޓާކޫރުގެ އަރިހަށް ދިޔައީ ކޮންމެ އަހަރަކު ބާއްވާ ހިންދީ ސަމޭލާނަށް ދައުވަތު އެރުވުމަށްޓަކައެވެ. އަހަރެން ފެނުމާއެކު، އޭނާ އަހަރެންނާ ވާހަކަދައްކަވަން ފެށްޓެވިއެވެ. އޭނާ އަހަރެން ގާތު އެއްސެވިއެވެ. "ކިޔަވައި ދެއްވުމުގެ އިތުރުން މިތަނުގައި ތިބާ ކުރައްވަނީ ކޮންކަމެއްތޯއެވެ؟"

"އަޅުގަނޑު ހިންދީ ބަހުން ވާހަކަތައް ލިޔުނީމެވެ. އެވާހަކަތައް އެންމެ މަޝްހޫރު ހިންދީ މަޖައްލާތަކުގައި ޝާއިއުކުރެވުނެވެ. މިތަނުގައި ހުރެގެން އަޅުގަނޑު ވަނީ ވަރަށް ގިނަ ވާހަކަ ލިޔެފައެވެ. އެއަށް ވަރަށް ރަނގަޅު އަގު ލިބުނެވެ. އަދި އަޅުގަނޑުގެ މަޝްހޫރުކަން ވެސް އިތުރުވިއެވެ." އަހަރެން ދެންނެވީމެވެ.

"އެކަމަކު ތިބާގެ މާދަރީ ބަހަކީ ހިންދީބަހެއް ނޫނެއް ނޫންތޯއެވެ؟ ތިބާއަކީ ޕަންޖާބީއެކެވެ. ތިބާ ޕަންޖާބީ ބަހުން ނުލިޔުއްވަނީ ކީއްވެގެންތޯއެވެ؟"

އަހަރެން ހިތަށް އެރިއެވެ. ރަބިންދްރަނާތު ޓާކޫރަކީ ހާދަހާވާ ވިސްނުން ހަނި މީހެއްތާއެވެ. އަމިއްލަ އަވަށުގެ ކުޑަކުޑަ ދުނިޔޭގައި ސިކުނޑި ގައިދުކޮށްގެން އުޅޭ ކަޓު މީހެއްތާއެވެ. ފަންނުވެރިއަކު މުޅި ދުނިޔެއަށް މަޝްހޫރުވުމުގެ ކުރީން އޭނާގެ އަމިއްލަ މީހުންގެ ތެރޭގައި މަޝްހޫރުވެ، އެމީހުންގެ ލޯތްބާއި ގަދަރުލިބުމަކީ ކިހައި މުހިއްމުކަމެއްކަން އެއިރަކު އަހަރެންނަކަށް ނުވިސްނެއެވެ.

"އެކަމަކު ހިންދީ ބަހަކީ ގައުމީ ބަސް ނޫންތޯއެވެ؟ ހިންދުސްތާނުގެ ހުރިހާ ހިސާބެއްގައި ވެސް ހިންދީބަހުން މޮށިއުޅޭ މީހުން އެބަތިއްބެވެ. ގައުމުގެ ގިނަ މީހުންނަށް އެނގޭ ބަހަކުން ލިޔެވެން އޮތް އިރު ޕަންޖާބީ ބަސް ފަދަ ރަށްފުށު ބަހަކުން އަޅުގަނޑު ލިޔަންވީ ކީއްވެގެންތޯ އެވެ؟" އަހަރެން ބުނީމެވެ.

"އަހަރެން ލިޔަނީ ބަންގާޅު ބަހުންނެވެ. އެއީ ވެސް ހަމަ ރަށްފުށު ބަހެކެވެ. އެހެނަސް އަހަރެންގެ ލިޔުންތައް ކިޔަނީ ހަމައެކަނި ހިންދުސްތާނުގެ މީހުންނެއް ނޫނެވެ. އަހަރެން ލިޔާ ތަކެތި ދުނިޔޭގެ ހުރިހާ ހިސާބެއްގެ މީހުން ވެސް ކިޔައެވެ." ޓާކޫރު ވިދާޅުވިއެވެ.

"އަޅުގަނޑަކީ ތިބާ ފަދަ މަތިވެރި އަދީބަކީމެއް ނޫނީމުއެވެ. އަޅުގަނޑަކީ ހަމައެކަނި އާދައިގެ ލިޔުންތެރިޔަކީމުއެވެ." އަހަރެން ބުނީމެވެ.

"މިއީ މަތިވެރިކަން ނުވަތަ އާދައިގެކަމާ ބެހޭ ކަމެއް ނޫނެވެ. ލިޔުންތެރިޔާ އާއި އޭނާގެ ވަޒަނާ ދެމެދު ހާއްސަ ގުޅުމެއްވެއެވެ. އަދި ހަމައެހެންމެ އޭނާގެ އަމިއްލަ ނަސްލުގެ މީހުންނާއި އަމިއްލަ ބަހާ ދެމެދު ވެސް މެއެވެ. ތިބާއަށް އަޅާލުމާއި، އެމީހުންގެ ތެރެއިން މީހެއް ކަމުގައި ވުމުގެ އިހުސާސް ފުރިހަމައަށް ލިބޭނީ ހަމައެކަނި ތިބާގެ ނަސްލުގެ މީހުންގެ ކިބައިންނެވެ." ޓާކޫރު މިހެން ވިދާޅުވުމުން އަހަރެން ދެންނެވީމެވެ. "ފަހަރެއްގައި ތިބާއަށް އަޅުގަނޑުމެންގެ  ޕަންޖާބާ ބެހޭ ގޮތުން ފުރިހަމަ މައުލޫމާތެއް ލިބިވަޑައިގެންފައިނެތުން އެކަށީގެންވެއެވެ. ޕަންޖާބުގައި އަޅުގަނޑުމެން ލިޔަނީ ހިންދީ ބަހުން ނުވަތަ އުރުދޫ ބަހުންނެވެ. އެއްވެސް މީހަކު ޕަންޖާބީ ބަހަކުން ނުލިޔެއެވެ. ޕަންޖާބީ ބަހަކީ ވަރަށް ކަޓު ބަހެކެވެ. އަދަބީ ލިޔުމެއް ލިޔަން، އަސަރުގަދަ ރީތި ވާހަކައެއް ލިޔަން އެކަށީގެންވާވަރަށްވުރެ ފަގީރުބަހެކެވެ. ރަނގަޅަށް ބުނާ ކަމުގައި ވަންޏާ އަސްލުގައި އެއީ ބަހެއް ވެސް ނޫނެވެ. އެއީ ބައިބަހެކެވެ. ހިންދީ ބަހުގެ ބަހުރުވައެކެވެ."

އަހަރެންގެ ޖަވާބަށް ރައްދުދެއްވަމުން ޓާކޫރު ވިދާޅުވިއެވެ. "ތިޔަކަމުގައި އަހަރެން ތިބާއަކާ އެއްބަހެއް ނުވާނަމެވެ. ޕަންޖާބީ ބަހުގެ އަދަބިއްޔާތާއި ބަންގާޅު ބަހުގެ އަދަބިއްޔާތާ، މިއީ ވަރަށް ދުވަސްވީ ތަރިކަތަކެވެ. ތިބާ ރަނގަޅަށް ހޯދައި ބަލައިފި ނަމަ ގުރޫ ނާނަކް ފަދަ މަޝްހޫރު ޅެންވެރިން، އެމީހުންގެ ޝުއޫރުތައް އެއްވެސް ދަތިކަމެއް ނެތި ފައުޅުކުރި ބަހަކަށް، އެއީ ކަޓު ބަހެކޭ ބުނެވޭނެ ހެއްޔެވެ؟"

ދެން އޭނާ ގުރޫ ނާނަކްގެ ޅެން ބައިތުތަކެއް ކިޔުއްވިއެވެ. އެބައިތުތައް މިހާރު އަހަރެންނަށް ހިތުން އެނގެއެވެ. އެހެން ނަމަވެސް އެއިރު އަހަރެންނަށް އެއާ ބެހޭ މައުލޫމާތެއް ލިބިފައެއްނެތެވެ. ބައިތުތައް ކިޔުއްވުމަށް ފަހު، އެމަތިވެރި އެދުރު ވިދާޅުވިއެވެ. "އަހަރެން ވާހަކައެއް ބުނަން ހެއްޔެވެ؟ އަހަރެން މިހާރު ވެސް މި މަސައްކަތްކުރަނީ ގުރޫ ނާނަކް ޕަންޖާބީ ބަހުން ލިޔުއްވާފައި ހުރި ދާސްތާންތައް ބަންގާޅު ބަހަށް ތަރުޖަމާކުރެވޭތޯއެވެ. އެހެން ނަމަވެސް ގުރޫ ނާނަކްގެ ބަސްމަގު ހަމަ އެފަށުވިކަމާއެކު ތަރުޖަމާކުރެވިދާނެ ކަމާމެދު އަހަރެންގެ ޔަގީންކަމެއް ނެތެވެ."

އަހަރެން ބުނީމެވެ. "ތިޔައީ ދީނީ ލިޔުންތަކެވެ. އަޅުގަނޑު މިދައްކަނީ ތިޔަ ޒާތުގެ އަދަބިއްޔާތެއްގެ ވާހަކައެއް ނޫނެވެ. އަޅުގަނޑު މިދަންނަވާ ޒާތުގެ އަދަބީ ލިޔުންތަކެއް ޕަންޖާބީ ބަހަކުން ލިޔެވިފައެއް ނެތެވެ. އަދި ނުވެސް ލިޔެވޭނެއެވެ. ޕަންޖާބީ ބަހުން ހުރީ ސިކުންގެ ދީނާ ގުޅޭ ތިޔަކަހަލަ މަދު އެތިކޮޅެކެވެ. ޕަންޖާބީ ބަސް ކަޓު ބަހަކަށް ވެފައިވަނީ އެހެންވެގެންނެވެ."

"އިނގިރޭސި މީޑިއަމަށް ކިޔަވާފައި ތިބި ބައެއް ބަންގާޅީން ވެސް، މީގެ ކުރީން ބަންގާޅުބަހާމެދު ވެސް ގެންގުޅުނީ ތިޔަފަދަ ވިސްނުމެކެވެ. ތިމާގެ މާދަރީ ބަސް ދިރުވުމަކީ އުނދަގޫކަމެއް ނޫނެވެ. ޗަންދްރަ ޗެތަރްޖީ ބަންގާޅު ބަހުގެ ބަސްކޮށާރަށް އެތައް ހާސް އައު ލަފުޒު ހަދިޔާކުރެއްވިއެވެ. އަހަރެން ވެސް ބަންގާޅު ބަހުގެ ބަސްކޮށާރަށް އައު އެތައް ލަފުޒެއް ވެއްދީމެވެ. މިއަދު އަހަރެމެން މިވަނީ މިބަހަކީ އަހަރެމެންގެ ޝުއޫރުތައް ފައުޅުކުރުމަށް އެކަށޭނެ ބަހަކަށް ހަދައިފައެވެ. އަހަރެންނަށް ނޯބެލްގެ އިނާމު ލިބުނީ ހަމަ މި ބަހުން ލިޔެގެންނެވެ. މިއަދު ބަންގާޅު ބަހަކީ އެހެން ބަހަކަށް ދޫކުރާނެ ބަހެއް ނޫނެވެ. އަހަރެންނަށް ލިބުނު ނޯބެލްގެ އިނާމަކީ މިކަމުގެ ހެތްކެކެވެ. ކޮންމެ މީހެއްގެ ވެސް އިލްމާއި ވިސްނުމުގެ މައި މަރުކަޒަކީ ސިކުނޑިއެވެ. ސިކުނޑީގެ މަސައްކަތުގެ އެންމެ މުހިއްމު ވަސީލަތަކީ ބަހެވެ. ތަނެއްގައި އެކަނި މާއެކަނި އިންނަ މީހާ ވެސް ބަސް ބޭނުންކުރެއެވެ. އޭނާ ކުރާ ހުރިހާ ފިކުރެއް ކުރަނީ ބަސް ބޭނުންކޮށްގެންނެވެ. ތިމާގެ އަމިއްލަ މާދަރީ ބަސް ބޭނުންކޮށްގެންނެވެ. ތިމާއަށް އެނގިގެން ކަމުގައި ވިޔަސް ނުވަތަ ނޭނގިކަމުގައި ވިޔަސްމެއެވެ. ތިމާގެ މާދަރީ ބަހަށް ތިމާ ކޮށި ކަމުގައިވާނަމަ ތިމާގެ ފިކުރުކުރުންތަކާއި ވިސްނުމުގައި ވެސް އެކޮށިކަން ހުންނާނެއެވެ. ތިމާގެ މާދަރީ ބަހުގެ ބަސްކޮށާރު ފަގީރުވި ވަރަކަށް ތިމާގެ ވިސްނުމުގެ ދާއިރާ ހަނިވެގެންދާނެއެވެ. އެއްޗަކަށް ކިޔާ ނަން ނޭނގި، އަދި އޭގެ ސޫރަ ސިކުނޑިއަށް ނުގެނެވި އެއްޗަކާ މެދު މީހަކު ހިޔާލުކުރާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ އެއްޗަކަށް ވެސް އަދި ކޮންމެ ކަމަކަށް ވެސް ނަމެއްވެއެވެ. އަދި ކޮންމެ ފަރާތަކާއި ކޮންމެ ހާލަތަކަށް ވެސް ނަމެއްވެއެވެ. ތިމާއަށް އެނގޭ ކޮންމެ ނަމަކާ މެދު ވިސްނާލެވޭ ކޮންމެ ފަހަރަކު އެނަމަކާ ގުޅޭ ސޫރަ ތިމާއަށް ސިފަކުރެވެއެވެ." ޓާކޫރު ވިދާޅުވިއެވެ.

އަހަރެން މަޑުން އިނީމެވެ. ޓާކޫރުގެ ވާހަކައިގައި ބުއްދިއަށް ގަބޫލުކުރެވޭ ފަދަ ބާރެއް ހުރި ނަމަވެސް، ޕަންޖާބީ ބަހުން ލިޔުމުގެ ވާހަކައާ އެއްބަސްވާހިތެއް ނުވިއެވެ. އަހަރެންނަށް އެނގޭ ގޮތުގައި ގިނަ ޕަންޖާބީ ލިޔުންތެރިން ލިޔަނީ ހިންދީބަހުންނެވެ. ނުވަތަ އުރުދޫ ބަހުންނެވެ. ޕަންޖާބީއަކީ ގުރުމުކީއޭ ކިޔާ އަކުރުން ލިޔެފައި ހުންނަ ލިޔުންތަކަށް ކިޔާ ނަމެކެވެ. މިއަކުރު ބޭނުންކުރަނީ ސިކުންނެވެ. އެއީ އެމީހުންގެ ދީނާ ގުޅިފައިވާ އަކުރެކެވެ. އަހަރެންނަށް އެއަކުރުން ލިޔާކަށް ވެސް އަދި ކިޔާކަށް ވެސް އެއިރަކު ނޭނގެއެވެ. ހިންދުސްތާނުގެ މިނިވަންކަމަށް މަސައްކަތްކުރަމުން ދިޔަ މި ދަނޑިވަޅުގައި ގައުމީ ބަހަކަށް ވަނީ ބޭނުންވެފައެވެ. ކޮންގްރެސްއިން މަސައްކަތް ކުރަމުން ދިޔައީ ހިންދީ ބަހަށް އެމަގާމު ހޯދައިދިނުމަށެވެ. ހިންދީ ބަހަކީ ގައުމުގެ އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ދަންނަ ބަސްކަމުގައިވާއިރު އެކަމާ ދެކޮޅު ހެދުމަކީ ބުއްދިވެރިކަމެއް ކަމަކަށް އަހަރެން ނުދެކެމެވެ. އެހެންކަމާއެކު އަދި އެމަތިވެރި އެދުރާ އަރައިރުންވާން ބޭނުންނުވާތީއާ ވެސް އެކު އަވަހަށް އަހަރެން ދިޔަ ބޭނުން ދެންނެވީމެވެ. ޓާކޫރު އަހަރެމެންގެ ދައުވަތު ގަބޫލުކުރެއްވިއެވެ. ދާންވެގެން އަހަރެން ހިނގައިގަތީމެވެ.

އަހަރެންނަށް ދޮރާ ހަމައަށް ނުދެވެނީސް ޓާކޫރު ވިދާޅުވި ބަސްތައް ހީވީ ހިތަށް ހަރާލި ކަށިތަކެއް ހެންނެވެ. އެބަސްތަކަކީ ހަގީގަތެއްކަން އަހަންނަށް ގަބޫލުކުރެވުނެވެ. ޓާކުރު ވިދާޅުވިއެވެ.

{{މި ދުނިޔޭގައި އުޅޭ އިރު އެއްބަޔަކު އަނެއްބަޔަކާ މުޢާމަލާތުކުރަން ޖެހޭކަން އަހަރެން ވެސް ގަބޫލުކުރަމެވެ. އެހެންކަމުން ތިމާގެ މާދަރީ ބަހުގެ އިތުރުން ބޭރު ބަހެއް އުނގެނުމުގެ މުހިއްމުކަން އަހަރެންނަށް އެނގެއެވެ. އެކަމަކު ބޭރުބަހަކަށް މޮޅުވެވޭނީ އެބަހުގެ ގަވައިދު ރަނގަޅަށް އެނގިގެންކަމާއި ތިމާގެ އަމިއްލަ ބަހުގެ ހަމަތައް ނޭނގި ބޭރުބަހަކަށް މޮޅެއް ނުވެވޭނެކަން ދަންނަން އެބަޖެހެ އެވެ. ކިތަންމެ ވަރަކަށް ކިޔެވިޔަސް ނޭނގޭނެ ކިތަންމެ ގަވައިދެއް ބަހުގެ ތެރޭގައިވާނެ އެވެ. މާދަރީ ބަހުގެ ގަވައިދުތައް ގުދުރަތުގެ ގަލަމުން ތިބާގެ ސިކުނޑީގައި ވާނީ ބިންވަޅު ނަގައިފައެވެ. އެހެންކަމުން މާދަރީބަހުގެ ލިޔުންތެރިންގެ ލިޔުމުގައި ހުންނަ ފޮނިކަމެއް ތިބާ ކިތަންމެ މަސައްކަތްކުރިޔަކަސް ތިބާ ބޭރު ބަހަކުން ލިޔާ ލިޔުމުގައެއް ނުހުންނާނެ އެވެ. ދުރު މީހުންގެ ރުހުން ހޯދަން އުޅުމުގެ ބަދަލުގައި ތިމާގެ އަމިއްލަ މީހުންގެ ރުހުން ލިބޭތޯ މަސައްކަތްކުރާށެވެ. އޭރުން ދުރު މީހުންގެ ރުހުން ލިބުން ވެސް މާލަހެއް ނުވާނެއެވެ. މިއަދުގެ މައިންބަފައިންނާއި ބޮޑުންނަށް ތައުލީމާއި ބޭރުބަހެއް ދަސްކުރުމާ، މިދެކަމުގައި ހުރި ތަފާތެއް ނުވިސްނެއެވެ. ބިދޭސީ ބަހެއް ރަނގަޅަށް ނޭނގި ތިއްބާ ދަރީންނަށް ބިދޭސީ ބަހަކުން ކިޔަވައި ދިނުމުގެ ނަތީޖާއަކީ ބިދޭސީ ބަހުގެ ގަވައިދާއި އިމްލާއާއި ބަސްކޮށާރުގެ އުނދަގޫ މަރުހަލާގައި ކޮށިއަރައަރައި ތިއްބައި، އުނގެނުމުގެ މަތީންފޫހިވެ މޭނުބައިކުރުމެވެ. ތައުލީމުގެ މަގުސަދަކަށް ވާންޖެހޭނީ ބޭރުބަހެއް ދަސްކޮށްދިނުމެއް ނޫނެވެ. ބަސްދަސްކުރުމުގެ މަޤުޞަދަކަށް ވާންޖެހޭނީ ތަޢުލީމަށް އިތުރު މަގުތަކެއް ކޮށުމެވެ. މާދަރީ ބަހުން ތަޢުލީމު ދީގެން ނޫނީ ރަނގަޅު ހެޔޮލަފާ ޖީލެއް ބިނައެއް ނުކުރެވޭނެއެވެ. ކޮންމެވެސް ދުވަހަކުން ކަލޭމެން މިޙަޤީޤަތް ގަބޫލުކުރާނެއެވެ. އޭރުން އޮންނާނީ މުޖުތަމައަށް ބޭނުން ނުހިފޭ ޖީލެއް އުފެދި ޖީލެއް ގެއްލިދިޔަކަމުގެ ފުން ހިތާމަކުރަންޖެހިފަ އެވެ. މާދަރީ ބަހަކީ ތިމާގެ އަމިއްލަވަންތަކަމުގެ ބިންގަލެވެ. އިއްފަތްތެރި ކަމާއެކު ތިމާ ދަންނަ މީހަކާ ކައިވެނިކޮށްގެން އުޅޭ މީހަކަށް ގަދަރާއި އިހުތިރާމް ލިބުނަސް، ދަތަސް ނުދަތަސް ޖެހުނުކޮންމެ މީހަކާއެކު އުޅޭ ރަންޑީ ކަސްބީއަކަށް ޤަދަރާއި އިޙްތިރާމެއް ނުލިބޭނެ އެވެ. އޭނާގެ އަތުގައި ކިތަންމެ ގިނަ ފައިސާއަކާއި މުދަލެއް ހުރި ނަމަވެހެވެ. ހަމަ އެ ގޮތަށް ތިބާ ބީރައްޓެހި ބަހަކުން ކިތަންމެ ވަރަކަށް ލިޔުނަކަސް، ތިބާގެ އަމިއްލަ މީހުންގެ ލޯތްބެއް ނުލިބޭނެ އެވެ. އަދި އެބަހުގެ އަހުލުވެރީންގެ ލޯތްބެއް ވެސް ނުހޯދޭނެ އެވެ.}}

ޓާކޫރަކީ ހައްގު ބަސް ވިދާޅުވާން ޖެހިލުންވެ ވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އޭނާ ހަރުކަށިކަމާއެކު އެހެނަސް ތެދުވެރިކަމާއެކު ދެއްކެވި ވާހަކަތަކުން އަހަރެންގެ ވިސްނުމަށާއި ފިކުރަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ލިޔުންތެރިއެއްކަމުގައި ދައުވާކުރަމުން އައި އަހަރެން، އަހަރެންގެ އަމިއްލަ ބަހުން ލިޔަންކިޔަން ދަސްކުރީ އެހިސާބުންނެވެ. މިހާރު އަހަރެން ލިޔަނީ ޕަންޖާބީ ބަހުންނެވެ. މިހާރު އަހަރެން ލިޔާ ލިޔުންތަކުގެ އަސަރު ކުރީން ހިންދީ ބަހުން ލިޔުނު ލިޔުންތަކަށްވުރެ ފުންކަން ޚުދު އަހަންނަށް ވެސް ގަބޫލުކުރެވެއެވެ. އަހަރެން ޕަންޖާބީ ބަހުން ލިޔާ ލިޔުންތައް މިހާރު ހިންދީ ބަހަށް ތަރުޖަމާކުރަނީ ހިންދީ ބަހުގެ އަސްލު އަހުލުވެރީންނެވެ. އެމީހުންގެ ތަރުޖަމާތައް އަހަރެން އަމިއްލައަށް ހިންދީ ބަހުން ލިޔުނު ލިޔުންތަކަށްވުރެ ފުރިހަމައެވެ.

އާދޭހެވެ! މާދަރީބަހަކީ، މަންމަގެ ދުލެވެ. ހަމަގައިމު ވެސް އަހަރެންނަކަށް، އަހަރެންގެ މަންމަގެ ދޫ ބުރިކޮށްލާކަށެއް ނުކުރޭނެ އެވެ. ތިބާއާ މެދުވެސް އަހަރެން އުންމީދު ކުރަނީ އެ ފަދައިން، އިނގޭ ތޯ އެވެ!!
--------------
 (ނިމުނީ)


މި ލިޔުން:

    ފޮނުވުން:    އަލްފާޟިލް އިޔާޒު ނަސީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:      ''       '' / އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން: އ.ނ.އ


އިދާރާ

އެނގޭތަ؟

ވާހަކަ