އަދުގެ ޚާއްސަ

Print

ހީނލައިފައި އާނއެކޭ ބުނުން ނޫން ގޮތެއް ނެތް!

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް

މުޙަންމަދު ޝާހިދު ޙަލީމް

ދިވެހި ޚަބަރު ކިޔައި ނިމުމުން މުޙަންމަދު މަނިކު ތެދުވެގެން ގޮސް ޓީވީ ނިވައިލި އެވެ. އެއަށްފަހު އަނެއްކާ ވެސް ކުރިން އިން ގޮނޑީގައި އިށީނެވެ. މުޙަންމަދު މަނިކު ކިޔާން ފަށައިފައި އޮތް ފޮތެއް، ކައިރީގައި ހުރި ކުޑަ މޭޒެއްގެ މަތީގައި، ހުޅުވައިލައިފައި ބަންޑުން ބާއްވައިފައި އޮތެވެ. މުޙަންމަދު މަނިކު އެ ފޮތް ނަގައިފައި ކިޔާން ފެށިއެވެ.
 
އެ ވަގުތު ފެންޑާމަތިން މީހަކު ސަލާންގޮވައިލި އެވެ.

"އައްސަލާމް ޢަލައިކުމް." އެއީ އާދަމް މަނިކުގެ އަޑު ކަން މުޙަންމަދު މަނިކަށް އެނގުނެވެ.
 
"ވަޢަލައިކުމުއް ސަލާމް." މުޙަންމަދު މަނިކު ސަލާންބަލައިގަންނަމުން، އިން ގޮނޑިން ތެދުވި އިރު އާދަމް މަނިކު ދޮރުމަތީގައި ހުއްޓެވެ. އާދަމް މަނިކުގެ  އަތުގައި ވެސް ފޮތެއް އޮތެވެ.

"ދުރުވޭ، ދުރުވޭ، އިށީންނަވާ." މުޙަންމަދު މަނިކު، ކައިރީގައި ހުރި ގޮނޑި އާދަމް މަނިކަށް ދައްކައިލިއެވެ. އާދަމް މަނިކު އެ ގޮނޑީގައި އިށީނެވެ.
 
"ކީއް ކުރައްވަންތޯ؛ މިރޭ ބަސްފޮތް ހިއްޕަވައިގެން ތި އުޅުއްވަނީ؟" މުޙަންމަދު މަނިކު، އާދަމް މަނިކުގެ އަތުގައި އޮތް ފޮތުގެ ބޭރުގަނޑަށް ބަލައިލައިފައި ބުންޏެވެ.
 
"މިރޭ މި ފޮތް ހިފައިގެން މި އައީ، ރޭ ގައި މުޙަންމަދަނިކު ބުނުއްވި ގޮތާ މި ފޮތުގައި ހުރި ގޮތާ ތަފާތުވާތީ މުޙަންމަދަނިކަށް ދައްކާލަންވެގެން."
 
"ރޭގަ އަޅުގަނޑުމެން ދެއްކީ އާދަމް މަނިކުގެ އަންހެނުން ރާއްޖެތެރޭގަ ބައިންދަވައިގެން އުޅުއްވާތީ އެ ވާހަކަ ނޫންތޯ!"(1) މުޙަންމަދު މަނިކު ހީނލައިފައި ބުންޏެވެ. "އަނެއްކާ، އެ ވާހަކަ ވެސް ބަސްފޮތުގަ އޮތީތޯ!" މުޙަންމަދު މަނިކު ސަމާސާކޮށްލިއެވެ.
 
"ނޫން، އެ ވާހަކަ އޮތީކީ ނޫން." އާދަމް މަނިކު ހެނމުން ބުންޏެވެ. "އަޅުގަނޑު ދައްކަން މި އުޅެނީ އެހެން ތަނެއް."
 
"ކޮން ތަނެއް؛ އަނެއްކާ؟" މުޙަންމަދު މަނިކު އަތުގައި އޮތް ފޮތް މޭޒުމަތީގައި ބާއްވައިފައި އާދަމް މަނިކު ގެނައި ފޮތާ ދިމާއަށް އަތްދިއްކޮށްލިއެވެ. "އެހެން ގޮތަކަށް ރާއްޖެތެރޭގެ މާނަ އޮތީތޯ؟"
 
"މުޙަންމަދަނިކު ރޭގަ ބުނުއްވީމެއް ނޫންތޯ؟ ބާ، ދާލު، ގާފު، ޑަވިޔަނީގެ ކުރިޔަށް ނޫނީ ހުސްނޫނެއް ނާންނާނޭ!" އާދަމް މަނިކުގެ އަތުގައި އޮތް ފޮތް މުޙަންމަދު މަނިކަށް ދެމުން ހިނިތުންވެލިއެވެ.
 
"މިހާރު އެނގިއްޖެ!" މުޙަންމަދު މަނިކުގެ މޫނުމަތީގައި ޖެހިފައި ހުރި ސުވާލުމާކު ފޮހެވިގެން ދިޔަ އެވެ. "ދައްކަވަން ތި އުޅުއްވަނީ ބޯދާގަޑީގަ ނުހިމެނޭ އަކުރެއްގެ ކުރިއަށް ހުސްނޫނު އައިސްފައި ހުރި ލަފުޒުތަކެއް. އެހެން ނޫންތޯ؟"
 
އާދަމް މަނިކު ބޯޖަހައިލި އެވެ.
 
"ބޯދާގަޑީގަ ހިމެނޭ އަކުރުތަކުން އަކުރެއްގެ ކުރިއަށް ނޫނީ ހުސްނޫނެއް ނާންނާނޭ ރޭ އަޅުގަނޑަށް ނަންގަނެވުނިއްޔާ އެ ނަންގަނެވުނީ ރަނގަޅަކަށް ނޫން. ރަނގަޅު ގޮތަކީ ހުސް ނޫނު އަންނަނީ އާންމު ގޮތެއްގަ ބޯދާގަޑީގަ ހިމެނޭ ހަތަރު އަކުރުން ކުރެ އަކުރެއްގެ ކުރިއަށޭ ބުނުން."(2) މުޙަންމަދު މަނިކު ހިނިތުންވެލިއެވެ. "ހީނލުން، އާނއެކޭ މިހިރީ މީގެ މިސާލު. މި ނޫނަސް އެ ކަހަލަ ކިތަންމެ ލަފުޒެއް މި ފޮތުގަ ވެސް ހުންނާނެ." މުޙަންމަދު މަނިކު ފޮތް ހުޅުވައިލިއެވެ.
 
"މި އޮތީ ނޫންތޯ، އާނއެކޭ ވެސް."(3)  ދެން ގަނޑު އެއްލައިފައި ދެވަނަ ސަފުހާއާއި ތިންވަނަ ސަފުހާ ބަލަމުން ކުރިއަށް ގެންދިޔައެވެ. "އަނހާ، އުނހޫ، އުނހް، އެނހެ." މުޙަންމަދު މަނިކު އަނެއްކާ ވެސް ގަނޑު އެއްލިއެވެ. "އުނހުނހޫ. -- މިހިރީ ހައްތާ ވެސް އެ ކަހަލަ ލަފުޒު." ދެން މުޙަންމަދު މަނިކު ފޮތް ލައްޕައިލައިފައި އާދަމް މަނިކު އަތަށް ދެމުން އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ. "އެކަމަކު ބައެއް މީހުން މީ ރަނގަޅު ގޮތެއް ކަމަކަށް ނުދެކޭ. އެ މީހުން ދެކޭ ގޮތުގަ ބާއާ ދާލާ ގާފާ ޑަވިޔަނީގެ ކުރިއަށް ނޫނީ ހުސްނޫނެއް ނާންނާނެ."

"އެ މީހުން އެ ކަމަށް ދައްކާ ދަލީލަކީ ކޮބައިތޯ؟" އާދަމް މަނިކު ސުވާލުކޮށްލިއެވެ.

"އެ މީހުން އެ ކަމުގެ ދަލީލަކަށް ދައްކަނީ ސިންގަޅަބަސް."
 
"ސިންގަޅަ ބަހުގަ ވެސް ހުސްނޫނު އޮވޭތޯ؟" އާދަމް މަނިކު ސުވާލުކޮށްލިއެވެ.

"އެ ކަމާ ބެހޭ ގޮތުން ލިޔެފަ އޮތް މަޒުމޫނެއް އަޅުގަނޑު ކީން. އެ މަޒުމޫނުގަ އޮންނަ ގޮތުގަ އަޅުގަނޑުމެން ބާއާ ދާލާ ގާފާ ޑަވިޔަނީގެ ކުރިއަށް ހުސްނޫނެއް ވައްދަނީ ސިންގަޅަ ބަހުގަ ވެސް ހުސްނޫނެއް އަންނަ ތަންތަނަށް. އެކަމަކު ސިންގަޅަބަހުގަ އެ ތާ އޮންނަނީ ހުސްނޫނުގެ އަޑާއެކު ލިޔެވޭ ޚާއްޞަ އެހެން ހަތަރު އަކުރެއް ކަމަށް އޭގަ އޮންނަނީ."(4)
 
"އޭ ކޮން އަކުރުތަކެއްތޯ؟" އާދަމް މަނިކު އަހައިލިއެވެ.
 
"އެއީ މީމުބާގެ އަޑު އިވޭ އަކުރަކާ ނޫނުދާލުގެ އަޑު އިވޭ އަކުރަކާ ނޫނުގާފުގެ އަޑުއިވޭ އަކުރަކާ ނޫނުޑަވިޔަނީގެ އަޑުއިވޭ އަކުރެކޭ އެ މަޒުމޫނުގަ އޮންނަނީ." މުޙަންމަދު މަނިކު ބުންޏެވެ.
 
"އެހެންވިއްޔާ މި ބަސްބަހަކު ހުސްނޫނެއް ނޯންނަނެތާ؛ ތި ބުނާ ގޮތުން." އާދަމް މަނިކު ބުންޏެވެ.
 
"ހަމައެކަނި ތި ބަސްބަހެއް ނޫން؛ ބާ ދާލު ގާފު ޑަވިޔަނީ ގެ ކުރިއަށް ވިޔަސް ހުސްނޫނު އަންނާނީ؛ އެ މަޒުމޫނުގަ އޮންނަ ގޮތުން އިތުރު ޝަރުތެއް ފުރިހަމަވެގެން." މުޙަންމަދު މަނިކު ހީނލަމުން ބުންޏެވެ.
 
"އޭ އަނެއްކާ ކޮން ފަދަ ޝަރުތެއް ބާ!" އާދަމް މަނިކު ބުންޏެވެ.
 
"ތަންކޮޅެއް ކުރީ ދުވަހަކު އަޅުގަނޑުމެން ވާހަކަދެއްކީމެއްނޫންތޯ؛(5) ހުސްނޫނު ނުލާ ލިޔެފިއްޔާ އެހެން މާނައެއް ދޭހަވެދާނެ ލަފުޒުގައޭ ހުސްނޫނު އޮންނާނީ؛ ބައެއް ފޮތްފޮތުގަ ލިޔެފަ ހުރި ވާހަކަ." މުޙަންމަދު މަނިކު ބުންޏެވެ.

"ލައްބަ، ލައްބަ. އެއްކަލަ ބަނޑަށް އެއްޗެހި އަޅާ ވާހަކަ ދެއްކި ދުވަސް ދޮގެއްތޯ؟" އާދަމް މަނިކު ހީނލިއެވެ. "އެހެންވީމަ ތި ގޮތަށް ބަލަންޏާ ހީނލުން، އާނއެކޭ، އުނހުނހޫ -- މި ކަހަލަ ބަސްބަހުގަ؛ ހުސްނޫނު ލިޔުމުގެ ދެ ޝަރުތުންކުރެ އެއް ޝަރުތު ވެސް ފުރިހަމައެއް ނުވޭތާ!"

"އޭ ޝަރުޠެއް ކަމަށް ބަލަންޏާ ހަމައެއް ނުވޭ!" މުޙަންމަދު މަނިކު ބުންޏެވެ.

"އެކަމަކު ސިންގަޅަ ބަހުގަ ހުސްނޫނު ލިޔާ ތަންތާނގަ ތޯ؛ ދިވެހިބަހުގަ ވެސް ހުސްނޫނު ލިޔަން ޖެހޭނީ!" އާދަމް މަނިކު ބުންޏެވެ. "މީ މުޅިން ދެ ބަހެއް ނޫންތޯ؟"

 "ބައެއް މީހުން ބުނަނީ ދިވެހިބަހުގެ އަސްލަކީ ސިންގަޅަބަސްކަމަށް ނޫންތޯ! އެހެންވީމަ ކަން ނޭނގެ އެ ގޮތަށް އެ ބުނަނީ." މުޙަންމަދު މަނިކު ބުންޏެވެ.
 
"އަޅުގަނޑު އަޑު އަހަނީ ދިވެހިބަހަކީ ސިންގަޅަ ބަހާ ތިމާގެ ބަހެއް ނަމަވެސް ސިންގަޅަ ބަހަކީ ދިވެހިބަހުގެ އަސްލެއް ނޫނޭ." އާދަމް މަނިކު ބުންޏެވެ.
 
"ތީ އަޅުގަނޑަށް ވެސް އެނގިފަ އޮންނަ ގޮތަކީ." މުޙަންމަދު މަނިކު ބުންޏެވެ.
 
"ދިވެހިބަހުގެ އަޑުތައް ލިޔަންވާނީ ސިންގަޅަބަހުގެ އަޑުތައް ވެސް ހަމަ ލިޔާ ގޮތަށް ކަމަށް ވަންޏާ ބާގެ ކުރީގަ ލިޔަންޖެހޭނީ އެ ބުނާ ގޮތުން ހުސް ނޫނެއް ނޫން!" އާދަމް މަނިކު ހެނމުން ބުންޏެވެ. މުޙަންމަދު އާދަމް މަނިކާ ދިމާއަށް ބަލައިލި އެވެ.
 
"ހުސް މީމެއް!" އާދަމްމަނިކު ހީނގަތެވެ. މުޙަންމަދު މަނިކު ވެސް ހީނގަތެވެ.

"އެހެންޏަ!" އާދަމް މަނިކު ހެނމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. ތި ބުނުއްވީ ވިއްޔަ؛ އަޅުގަނޑުމެން ބާގެ ކުރީގަ ހުސްނޫނު މި ލިޔާ ތަންތާނގަ ސިންގަޅަ ބަހުގަ ލިޔާ އަކުރުގެ އަޑަކީ މީމު ބާ އޭ."
 
"އާދަމް މަނިކު ބުނުއްވިޔަސް ތި ބުނުއްވީ ރަނގަޅު ވާހަކައެއް!" މުޙަންމަދު މަނިކު ހެނމުން ބުންޏެވެ. "ދިވެހިބަސް ލިޔެކިޔައި ހަދަންޖެހޭނީ އެހެން ބަހެއް ލިޔެކިޔައި ހަދާގޮތަކަށް ނޫން! ދިވެހިބަސް ލިޔެކިޔައި ހަދާ ގޮތަށް!"
 
"އަޅުގަނޑު އަބަދުވެސް ބުނަނީ ރަނގަޅު ވާހަކައޭ!" އާދަމް މަނިކު ހެނމުން ބުންޏެވެ. "މުޙަންމަދަނިކަށް އެ ކަން އެނގިނުލައްވަނީތާ!"

 މުޙަންމަދު މަނިކު އާދަމް މަނިކުގެ ހުނުމުގައި ބައިވެރިވިއެވެ. އަދި ބުންޏެވެ. "ތިޔަށް ދެން ހީނލާފަ އާނއެކޭ ބުނުން ނޫން ގޮތެއް ނެތް!"

(ނިމުނީ)
 _____________

ޙަވާލާ:

(1) މުޙަންމަދު ޝާހިދު ޙަލީމް، ރާއްޖެތެރޭގައި އަތްނބެއް،
(2) ޢަބްދުﷲ ޞާދިޤު (އެޑިޓަރު)، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، ބަހުގެހަމަ، ސަފުހާ 46
(3) ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، ދިވެހިބަސް ފޮތް، "އ"ގެ ރަދީފު.
(4) ޙަސަން އަޙްމަދު މަނިކު، އެ ހުސްނޫނު، ފަތްތޫރަ 67، ސަފުހާ 9-14
(5) މުޙަންމަދު ޝާހިދު ޙަލީމް، ބަނޑަށް އަޅާނީ ކޮން އެއްޗެއް
 
ނޯޓު: މި މަޒުމޫނަކީ ފަތްތޫރަ - 179 (ފެބްރުއަރީ 1994) ގައި ޝާއިޢުކުރެވިފައި ވާ މަޒުމޫނެކެވެ. ފަންވަތުގައި މި ޝާއިޢުކުރި އިރު މަޒުމޫނަށް ބައެއް ބަދަލުގެނެސްފައި ހުންނާނެއެވެ. - މޝޙ

މި ލިޔުން:


   ފޮނުވުން:     އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
   އަލުންބެލުން:   ''             ''
   ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)


ހަމަމިގަލަމުން

އިދާރާ

ވާހަކަ