އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (4)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


ގޭތެރެއަށް ވަނުމާއެކު އެންމެންނަށް އެއްފަހަރާ ވެރިވީ ހައިރާންކަމެކެވެ.


އަލްމަރުޙޫމު ސައިކުރާ އިބްރާހީމް ނަޢީމު
                            24 ޑިސެމްބަރ 2010 (ހުކުރު) އާ ގުޅޭ..

އިރު އަރައިފިއެވެ. ފުލުސް އިސްޓޭޝަން މިހާރު އެންމެ ވައްތަރީ ހޮސްޕިޓަލަކާއެވެ. އެއް އެނދުގައި އަޙްމަދު، އަނެއް އެނދުގައި އަންވަރެވެ. ދެމީހުންމެ ތިބީ ރޭގެ ނުރައްކާތެރި ވަގުތުކޮޅަށް ޚިޔާލު ދޫކޮށްލައިގެންނެވެ.

އަންވަރު: ކަލޭގެ ލޯބިވާ ލީލާގެ ޤަތުލުގެ ޙަޤީޤަތާއި ހަމަޔަށް ދެވުމަށްޓަކައި މަސައްކަތް ފެށުމުގެ ކުރިން..... އަނެކަކު ޤަތުލު ވީއެވެ. އެ ޤަތުލުގެ ސިއްރު ހޯދުމަށްޓަކަކައިކުރަންއޮތް މަސައްކަތްތައް ނުރައްކާތެރިކަން ބޮޑެވެ. ބިރުވެރިކަން އިންތިހާއެވެ.

އަޙްމަދު: ނަމަވެސް އިތުރު ކިތަންމެ ޕޮއިންޓެއް މިހާރުވެސް އަތުޖެހިއްޖެ (އާފުރިލާފައި) ނޫންތޯއެވެ؟
އަންވަރު: އާނއެކެވެ! އެޤަތުލުގެ ސިއްރުތަކުގެ ތެރޭގައި މިބާވަތުގެ ކަންތައްތަކުގެ ތެރޭގައިއުޅޭ އެންމެ ނުރައްކާތެރި މާހިރަކު އެބައުޅެއެވެ. އޭނާ ހިފުން ދަތިކަމަކަށް ނުވެއްޖެނަމަ ކާމިޔާބު ވެދާނެއެވެ.
އަޙްމަދު: އެއީ ކޮންފާޑެއްގެ މީހެއްތޯއެވެ؟

އަންވަރު: އެއީ، ސިފަބަދަލުކުރުމުގެ މަސައްކަތް އާދަވެގެން ކުރާމީހެކެވެ.
މިރޭ ޑޮކްޓަރު ސުމިތުގެ ދެމީހުން އެއްފަހަރާ އައިކަން ކަލޭ ނުދެނަހުރީމު ހެއްޔެވެ؟ އާނއެކެވެ! ނުލަފާ ސައިތާނު ފިލައިގެން ރައްކާވީއެވެ. އަހަރެންގެ އެކުވެރިން އޭނާ އަނެއް ކޮޓަރީގައި ބޭންދިނަމަ ކޮންފަދަ ފުރިހަމައެއްކޮށް ކަންތައް ނިމުނީސް ހެއްޔެވެ؟ އެކަމަކު.....
އަޙްމަދު: (ވިދިވިދިގެން ދެތިން ފަހަރު އާފުރިލާފައި) އަޅުގަނޑަށްވެސް އޭނާ މިރޭ މިދިނީ ކިހާބޮޑު ލަނޑެއްތޯއެވެ؟ އެކަމަކު މިހެން ހެދުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟

އަންވަރު: ކަލެއަށް ނުވިސްނެނީ ހެއްޔެވެ؟ ކަލޭގެ ފަހަތުން އަޅައިގަތް ރަތްކާރާއި، ކަލޭ ހޭނެއްތި ޑުރައިވަރާއި، މިރޭ މިތަނަށް ވަން ޑޮކްޓަރު ސުމިތާއި، ލީލާ ޤަތުލުކުރި މުޖުރިމާ، މިހަތަރު މީހުންނަކީ ހަމައެކެކެވެ. އެހެންކަމުން އަހަންނާއި ކަލޭ އެޤަތުލުގެ ސިއްރު ހޯދުމަށްޓަކައި ކޮންމެ ސިފައެއްގައި ނުކުތްކަމުގައިވިޔަސް ކަލޭ ފާހަގަވާނޭގޮތް އޭނާ ހެދީއެވެ. ތިޔަގޮތަށް އިރުއިރުކޮޅާ އާފުރޭން ފެށުމުން ދަންނަބޭކަލުންގެ ސިފައިގާ އިނަސް، އެއީ ކަލޭކަން ފާހަގަ ކުރެވޭނެއެވެ.

މަރުވެ ޗިސްޗިސް ވެފައިވާ މީހެއް


މިބިރުވެރި ހާދިސާ ހިނގިރޭގެ ފަހުން ތިންދުވަސް ވެއްޖެއެވެ. އަޙްމަދާއި އަންވަރަށްވެސް މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. ނޫން! މިދެންނެވުނީ މުޅީން ތެދެއްނޫނެވެ. ކުރެވުނު ފަރުވާގެ ނަތީޖާއެއް ފެނުނީ ހަމައެކަނި އަންވަރުގެ ކިބައިންނެވެ. އޭނާގެ ހަށިގަނޑާ ހަމަލާދިން ވަޒަން އުފެއްދި ޒަޚަމް، މިހާރުދަނީ ރަނގަޅުވަމުންނެވެ. ނަމަވެސް، މިސްޓަރ އަޙްމަދުގެ އާފުރުމުގެ ބައްޔަށް ކުޑަވެސް ޝިފާއެއް ނުލިބެ އެވެ.

އަޙްމަދުގެ ކިބައިން އިންސްޕެކްޓަރު އަންވަރު އެދުނީ، ދެތިންދުވަސް ވަންދެން ޤަތުލުގެ ސިއްރު ހޯދުމުގެ މަސައްކަތް ލަސްކޮށްލުމަށެވެ. އޭގެފަހުން އިޚްލާސްތެރިކަމާއެކު އެ ނުރައްކާތެރި މަސައްކަތަށްޓަކާ ނުކުތުމަށެވެ. އެހެންކަމުން އަޙްމަދު ވެސް ގަސްދުކުރީ މިދެތިންދުވަސް ޑިއަރެސްޓޯ ހޮޓަލުގައި ހޭދަކޮށްލުމަށެވެ. ވަރުބަލިފިލުވުމާއި، އަދި ލީލާގެ ހަނދާންތަކުން ހުވަފެނީ ތަމްސީލެއްގެ މަންޒަރުތައް ދެކިލުމަށެވެ. އާދެ! ބައެއްމީހުންގެ މިޒާޖުގައި ވެސް، އެ ތަބިއްޔަތުގައި ހުންނަ ފަދައިން ހިތާމަތައް ލިބެމުންދާ ވަގުތު ހިތާމަތައް ހިތަށް ގެނެސްގެން އަމިއްލަ ހިތް ރޮއްވާލުމަށެވެ.

މިކަހަލަ އެތައް ސަބަބަކަށްޓަކައި، އަޙްމަދު ވެސް ޑިއަރެސްޓޯ ހޮޓަލަށް ހިނގައްޖެ އެވެ.
ނާދެވޭތާ ދެތިން ދުވަސްވުމަށްފަހު ހޮޓަލުގެ މައްޗަށް އަރަމުން ދިޔައިރު އޭނާގެ މޫނުމަތީން ފެންނަނީ ފެނުމުގެ ބޭނުމެއްނެތް ހައިރާން މާކުތަކެވެ. އާދޭހެވެ! ހިނގަމުން ދިޔަހެން އެފަރާތުންނާއި މިފަރާތުން ފެންނަމުން ދިޔައީ ހައެއްކަ ދުވަހުގެ ކުރީގެ މާޒީއެވެ. ލޯބިވެރިއެއްގެ ޙަޔާތެކެވެ. މަރުވެފައިވާ ލީލާގެ އަސަރުތަކެވެ. ނަމަވެސް އޭނާގެ އަމިއްލަ ތަބީޢަތަށް އައިސްފައިވާ "ނުކިޔަމަންތެރިކަން" ދިފާޢުކުރަމުން އޭނާގެ ކޮޓަރިއަށް ވަދެއްޖެ އެވެ. ފުރަތަމަ ބަލައިލީ ފޮޓޯއަށެވެ. ދެން އުކާލީ ފޮތެއްގެ ގަނޑުތަކެކެވެ..... އޭނާގެ އިނގިލިތަކަށް ނުހެޔޮވަރު އަނގޮޓިއެކެވެ. ދެން އޮށޫތީ އެނާގެ އެނދުގަ އެވެ..... އާދެ! ތިޔަބޭފުޅުން ވެސް ދެން އޭނާއަށް އުނދަގޫ ނުކުރައްވާށެވެ! އޭނާގެ އަމިއްލަ އެނދުގައި އޮތްގޮތަށް އޮތަ ދެއްވާށެވެ!

މިސްޓަރ އަޙްމަދު ޑިއަރެސްޓޯ ހޮޓަލަށް ދިޔަދުވަހުގެ އިރު އޮއްސިއްޖެ އެވެ. އެހެންވެސް ދުވަސްތަކުގެ ނިމުމާ މުޅިން އެއްގޮތަށް ދުވަހުގެ ނިމުން ފާހަގަ ކޮށްފި އެވެ. ކަޅު އަނދިރި ރެއެކެވެ. ހިސާބަކަށް ވިއްސާރައިގެ އަސަރުތައް އުޑުމަތިން އިޢުލާނުކުރާ ފިނިބާރު ރެއެކެވެ.

އިންޕެކްޓަރު އަންވަރު ބަލިވެ އޮށޯތީ އޭނާގެ އަމިއްލަ ގެއާއި ވަރަށް ދުރުގައި ފުލުސް އިސްޓޭޝަނުގައެވެ! ލޯބިވާ އަނބިމީހާއާއި އަންހެން ދަރިފުޅާ ވަކިންނެވެ.

ކޮންމެއަކަސް، އަންވަރަށް މުޅިން ފަސޭހަ ނުވިނަމަވެސް ރޭގެ އިރުއޮއްސުމާއެކު އޭނާ މަޑުމަޑުން އެނދުން ތެދުވެއްޖެ އެވެ. އަދި އޭނާގެ ނައިބާއި ބައްދަލުވުމަށްފަހު ހަމަޖައްސަންހުރި މުހިންމު ކަންތައްތަކުގެ ވާހަކަ ދައްކާލުމަށްފަހު ހެދުން އަޅައިގެން ކާރާ ދިމާއަށް ހިނގައިގެންފި އެވެ. ހަށިގަނޑަށް ފަރުވާތެރިކަން ބަހައްޓައިގެން ހިނގާ ލަސް ހިނގުމެކެވެ. މޫނުމަތިންނާއި ހަރަކާތްތަކުން ފުރިހަމަ ބަލިމީހެއްކަން ޔަގީން ވެއެވެ. ކާރުގައި އިށީންތަނާ ވަރަށް ހަރުކޮށް އައިސް ބައްދަލުކުރީ އޭނާގެ ނައިބު ސިޔާމެވެ.
ސިޔާމު: މުޅިން ފަސޭހަ ނުވަނީސް، އަމުދުން ރޭގަނޑު ތިޔަ ދުރުވަނީ ކޮންތާކަށްތޯ އެވެ؟ ތިޔަހެން ނުނިކުންނަވާށެވެ. އަޅުގަނޑުމެން މިތިބީ ހުރިހާ ޚިދުމަތެއް ކުރުމަށް އަމިއްލަ ގޮތުންނާއި ރަސްމީގޮތުން ތައްޔާރަށެވެ.

އަންވަރު: މިރޭ މިހާ ކުއްލި ގޮތެއްގައި މިނިކުންނަނީ، އަހަރެންގެ އަމިއްލަ ގެއަށްގޮސްލުމަށެވެ.
ސާޅީހަކަށް މިނެޓުގެ ލަސްވެލުމަކަށްފަހު، އެނބުރި އަންނާނަމެވެ. އަހަރެންގެ ބަލިއެނދުހުރީ މިތާގަ އެވެ. ކަލޭގެ ހުރިހާ ފަރުވާތެރިކަމެއް ފުލުހުންގެ މަސައްކަތަށް ދޫކޮށްލާށެވެ. އަހަރެން އިރާދަކުރެއްވިއްޔާ ނުރައްކަލަކަށް ނުވެއްޓޭނެ އެވެ.

ސިޔާމު: އެންމެ ރަނގަޅެވެ! އެހެންނަމަވެސް ފުލުހުންގެ ދެމީހުންގެ އެހީތެރިކަމާއެކު ސާހިބާ ބެލެހެއްޓުމަށް ފޮނުވަންތޯއެވެ؟

މިސުވާލުގެ ޖަވާބަށްޓަކައި "ނޫނެކޭ" ބުނުމާއެކު ކާރު އިސްޓާޓުކޮށްލައިފިއެވެ. މަޑުމަޑުން އިސްޓޭޝަނުގެ ބޮޑު ދޮރުން ނެރުމާއެކު އާދައިގެ ބާރުމިނެއްގައި ގޮސް އޮބާލައިފި އެވެ.....

މިސްޓަރ އަންވަރު އެދިޔަގޮތަށްގޮސް ވަނީ އޭނާގެ ގެއަށެވެ. ގޭތެރެއަށް ވަނުމާއެކު އެންމެންނަށް އެއްފަހަރާ ވެރިވީ ހައިރާންކަމެކެވެ. ހިތަށް ގެނެވުނީ އެންމެ ސުވާލެކެވެ..... "އަނެއްކާ ކީއްވީ ބާއެވެ؟" ފުރަތަމަ، އަންވަރާއި  ބައްދަލުކުރީ އޭނާގެ އަންހެނުންނެވެ.

އަންހެނުން: އިންތިހާ ދަރަޖައަށް ބަލިވެ އޮންނަވާފައި މިހާ ނުވަގުތެއްގައި ދުރުވީ ކީއްކުރައްވަންތޯއެވެ؟ ނުރައްކާތެރި މަސައްކަތެއް ކޮންމެހެން ކުރައްވަން ޖެހިލެއްވީތޯ އެވެ؟

އަންވަރު: ނޫނެކެވެ! ހަމައެކަނި ކަލޭމެންނާ ބައްދަލުކޮށްލުމަށްޓަކައި އަންނަހިތްވީ އެވެ. އެހެންނޫނަސް، މިހާރު އަހަންނަށް ރަނގަޅުވެއްޖެ އެވެ. އިންސާނުންނަކީ އަބަދުވެސް ބައްޔާއި ޝިފާގައި އުޅޭބައެކެވެ. އެހެންކަމުން ނުތެދުވެ އެނދުގާ އޮތުމުން އަހަރެންގެ ބަލި އިތުރުވުން ނޫން އެހެންކަމެއް ނެތެވެ. އަހަރެންގެ ލޯބިވާ ދަރިފުޅު މާގްރެޓް ކޮބައި ހެއްޔެވެ؟

މާގްރެޓް: ލޯބިވާ ބައްޕާ އެވެ. އަޅުގަނޑު މިހުރީ އެވެ.

އަންވަރު: ދަރިފުޅާ އެވެ! ފެނުނު ކޮންމެ ވަގުތެއްގާ ބައްޕަގެ ނަސޭހަތް އަހާލުން އުފަލަކަށް ހަދާނަން ދޯއެވެ؟
މާގްރެޓް: ކިޔަމަންތެރި ކަމާއެކު އުފަލަކަށް ހަދާނަމެވެ.
އަންވަރު: ދަރިފުޅާއެވެ! ކޮންމެ ދަރިއެއްގެ އެންމެ ހާއްސަ އަދި އެންމެ މާތް އެއްޗަކީ މަންމަ އެވެ. އެހެންކަމުން ދަރިފުޅުވެސް، މަންމަގެ ނަސޭހަތްތަކަށް ފަރުވާތެރިކަމާއެކު ސަމާލުކަންދޭށެވެ! ބައްޕައަކީ އެއްނުރައްކަލުން އަނެއްނުރައްކަލަށް ދަތުރުކުރާ މުސާފިރެއްކަހަލަ ޚާދިމަކީމެވެ. އެހެންކަމުން، ދަރިފުޅުގެ އުންމީދު ބައްޕަގެ ފިރުމުންތަކަށް ދޫނުކުރާށެވެ. މިހުރިހާ ވަގުތެއްގައި މަންމަގެ ހިޔާ ހޯދާށެވެ! ދެންދަނީ އެވެ.

ބައި ގަޑިއެއްހާ އިރު ގޭގައި ހޭދަކޮށްލުމަށްފަހު އިންސްޕެކްޓަރު އަންވަރު އޭނާގެ ގެއިން ނިކުތީ އަންހެނުންނާއި ހިތްގައިމު ސަލާމެއް ކޮށްލާފައެވެ! އާދެ! ކާރަށް އަރަންދެން އޭނާގެ ވަފާތެރި އަންހެނުން ކައިރީގައި ހުރުމަށްފަހު އެނބުރި ގޭތެރެއަށް ވަދެއްޖެ އެވެ. އަންވަރު ލަސްނުވެ އެނބުރި އައީ ފުލުސް އިސްޓޭޝަނަށެވެ.....

އަންވަރު އޭނާގެ އެނދުގައި އޮށޯންނަންއުޅޭ ކަހަލައެވެ. ތަންމަތީގައި އަތްއުނގުޅާލުމަށްފަހު އެނދުގައި ކައްޗަށް ކަހަލަގޮތަކަށް އޮށޯވެލައިފި އެވެ. ބާލީސްތަކުގައި ހަށިގަނޑު ޖައްސާލުމާއެކު ތެދުވެ އިށީނދެއްޖެ އެވެ. އިރުކޮޅަކު އެއްޗެއް ވިސްނަން އިނދެފައި ބަލާލީ ކުރިމަތީގައިހުރި މޭޒަށެވެ. މޭޒުދޮށުގައި އޭނާގެ ސެކްރެޓަރީ އެއްޗެއް ލިޔަން އިނެވެ..... ކުއްލިއަކަށް އަންވަރު ގޮވާލީ އޭނާއަށެވެ. ސެކްރެޓަރީ ބަލާލުމާއެކު އޭނާ އެދުނީ ކަރުދާސްކޮޅެއް ދިނުމަށެވެ. ވަރަށް އަވަހަށް ދިނުމަށެވެ. އެހެންކަމުން އަވަސްކުރަން އުޅެންހަދައިގެން ސެކްރެޓަރީއަށް ނެގުނީ ފުލުހުންގެ އޮފީހުގެ ނަން ޗާޕުކޮށްފައިވާ ގަނޑެކެވެ. އެތަންވެސް އަންވަރުއިނީ ބަލަންކަމުން އެނަން ކޮށާލާފައި ދިނުމަށް އެދިއްޖެއެވެ. އާދެ! އަވަސްއަރައިގެންފައިވާ ސެކްރެޓަރީ އެތަން ކޮށާލީ އެގޮތް މިގޮތަށެވެ. ރަތްފަންސުރަކުންނެވެ.

ކަރުދާސްކޮޅުގާ ހިފާފައި އަންވަރު އޭނާގެ މޭޒުދޮށަށް ދިއުމަށް ގަސްދެއް ނުކުރެ އެވެ. ގަލަން ނަގާފައި ކޮންމެވެސް އެއްޗެއް ލިޔަން ފަށައިފި އެވެ..... ފަސް މިނިޓު ހިނގައިފި އެވެ. ދިހަމިނިޓު..... އެންމެފަހުން މިހާރު 15 ވަރަކަށް މިނިޓު ހިނގައިފި އެވެ. އަންވަރު ލިޔާއެއްޗެއް އަދިވެސް ލިޔަނީއެވެ. ކުއްލިއަކަށް ލިޔުން ހުއްޓާލާފައި، އެދުނީ ކޮންމެވެސް ފަންސުރުގަނޑަކަށެވެ. ގަލަމުން ދެލި ހުސްވީއެވެ. މިހާރު، އެލިޔަނީ އޭގެ ފަހު ބައެވެ. ފަންސުރުންނެވެ.

ސެކްރެޓަރީ ދިން ގަނޑުފުރެންދެން ލިޔުނު އެއްޗެއް ލިޔުމަށްފަހު، އޭނާގެ މޭޒުދޮށަށްގޮސް ދަބަހެއް ހުޅުވައިގެން އުޅުމަށްފަހު ނެގީ އަންވަރުގެ ތަންކޮޅެއް ކުރީގެ ޕާސްޕޯޓު ފޮތެކެވެ. ފޮތްނަގާ ޖީބަށް ލުމަށްފަހު، ވަނީ، ނަލަހެދުމުގެ ކޮޓަރިއަށެވެ. އަވަސް އަވަހަށް ފުނާ އަޅާލުމަށްފަހު، މޫނުގައި ފުއްޖަހާލައިފިއެވެ. ފަޓުލޫނުގެ ޖީބުގައި އަތްެއަޅާލާފައި އެއްޗެއް މަދުވެގެން ބަލާލުމާއެކު ސިނގިރޭޓު ދަޅެއް ކަނޑާލާފައި އެކަތި ރޯކޮށްލައިގެން ދަޅު ޖީބަށް ކޮށްޕާލައިގެން އެހެރަ ނުކުންނަނީ ފެންޑާއަށެވެ. އާދެ! އޭނާގެ ހަރަކާތްތައް އަވަހެވެ.

ކޮންމެއަކަސް، ނިމިގެން ދިޔަދުވަހުގެ އިރުއޮއްސުނު އިރުގެ އަންވަރާއި މިރޭ މިފެންނަ އަނވަރުގައި ވަރަށް ތަފާތު ބޮޑެެވެ. ބަލީގެ އެއްވެސް އަސަރެއް ނެތެވެ. ތަބީއަތުގައި އެއްވެސް ކަންނެތްކަމެއް ނެތެވެ. ހަރަކާތްތައް އަވަހެވެ. ބޭރަށް މިހާރު އެނުކުންނަނީ ދެވަނަ ފަހަރު އެވެ.

މިފަހަރުވެސް އޭނާގެ ކާރަށް އަރަން ދޮރުހުޅުވާލުމާއެކު އިންސްޕެކްޓަރުގެ ނައިބު އޭނާއާއި ސުވާލު ކުރި އެވެ. "ކޯޓުވެސް ނުލައްވާ ހަމައެކަނި ފަޓުލޫނަކާ ގަމީހެއްގައި އެހާ ނުރަސްމީކޮށް ދުރުވަނީ ކޮންތާކަށްތޯއެވެ؟"..... މިފަހަރު ލިބުނީ އަމުދުން އެއްވެސް ހުސްތަންކޮޅެއް ނެތް ޖަވާބެކެވެ. "އަހަރެންނަކީ އަދި ބަލިމީހެކެވެ. ނުރަސްމީ އަންވަރެވެ." އެހެންކަމުން އަހަރެން އަމިއްލަ ޝަޚްޞީ މަސައްކަތެއް ކޮށްލަނީ އެވެ. މިދަނީ، ޕާސްޕޯޓު އޮފިސަރު ފެނޭތޯއެވެ. އަހަރެންގެ ޕާސްޕޯޓުގެ މައްސަލައަކާއި އަރާރުންވެލަން ކަމަށެވެ. "ގުޑް ނައިޓް"..... "ގުޑް ނައިޓް"..... ކާރުގޮސް އަވަދިވެއްޖެއެވެ.
-------------------
(ނުނިމޭ..)

މި ލިޔުން:

    ޓައިޕުކުރުން:   މުޙަންމަދު އަޙްސަން (އެޑިޓަރުގެ އެހީތެރިޔާ)
    އަލުންބެލުން:     "       "     
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)

އިދާރާ

އެނގޭތަ؟

ވާހަކަ