އަދުގެ ޚާއްސަ

Print

އިދާރީސުލޫކީ ނަމޫނާ

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދިރާސާ


އިބްރާހީމް ރަޝީދު މޫސާ

މާތްﷲ އެކަމަނާއަށް ރުއްސުންލެއްވި ސައްޔިދާ ޢާއިޝަތުގެފާނު އަރިހުން ރިވާވެގެންެވެއެވެ. ރަސޫލުﷲ صلى الله عليه وسلم ، ތިމަންކަމަނާގެ ގެކޮޅުގައި އިންނަވާ ދުޢާކުރެއްވި އަޑުފުޅުއެއްސެވީމެވެ. اللهمَّ منْ وَلىَ منْ أَمْرِ أُمَّتِى شَيْئًا فَرَفَقَ بِهِمْ فارْفقْ بهِ وَمنْ شقَّ عليهمْ فاشققْ عليهِ –  رواه مسلم وأحمد والبيهقى -  ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ! ތިމަންކަލޭގެފާނުގެ އުއްމަތުގެ ކަމަކާ ޙަވާލުވެ،  އެމީހުންނަށް އޯގާތެރިވިމީހަކަށް ،ފަހެ،އޯގާތެރިވެވޮޑިގަންނަވާނދޭވެ!އަދި އެމީހުންނަށް ބުރަކުރިމީހަކަށް، ފަހެ ،  ބުރަކުރައްވާނދޭވެ!"

     އިސްލާމީ ދައުލަތް ހަރުދަނާ ބިންގަލެއްގެމަތީގައި އާރާސްތުވެގެންދިޔުމުގައި އިދާރީ ސުލޫކަކީ ވަރަށް މުހިއްމުދައުރެއް އަދާކޮށްފައިވާ ބަހާއެކެވެ.އިސްލާމީ ވެރިކަމުގެ ޅަފަތުގައި ވެރިން ރައްޔިތުންނާ މެދު މުޢާމަލާތުކުރައްވާފައިވަނީ ކީރިތިރަސޫލާގެ މި ދުޢާފުޅަށް އިޖަބަދެއްވައިގެންނެވެ. ވެރިން އެންމެއިސްކަންދެއްވާފައިވަނީ ރައްޔިތުންގެ މަޞްލަޙަތު ރައްކައުތެރިކޮށްދެއްވުމަށާއި ޢަދްލުއިންޞާފު ޤާއިމުކުރެއްވުމަށާއި، ފަސާދައަށް މަގުފަހިވާ ދޮރުތައް ބަންދުކުރެއްވުމަށެވެ. އިންސާފުގެ ކުރިމަތީގައި ދެރަމީހުންނާއި މޮޅުމީހުންގެ މެދުގައި ތަފާތެއް ނުކުރައްވައެވެ. ރައްޔިތުންނާ ނުވަތަ ދައުލަތާ ކުރިމަތިވާ މަސްއަލަތަކަށް އަވަސްޙައްލެއް ގެންނެވޭތޯބެއްލެވިއެވެ. އެއިން އެއްވެސް މަސަްއަލައެއް އިތުރަށް ނުބައިވުމަށް ދޫކޮށެއް ނުލައްވައެވެ. އަމިއްލަ އެދުމާ ދުރަށް ޖެހިވަޑައިގެންނެވެ.ކަމަށް އެކަށީގެންވާ މީހާއާ މަސައްކަތް ހަވާލުކުރެއްވިއެވެ.  

ވެރިންނަކީ ރައްޔިތުންގެ ޚާދިމުން


ވެރިކަމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވާފައިވަނީ ، ވެރިންނަކީ ރައްޔިތުންގެ ޚާދިމުންކަމުގައި ބައްލަވައިގެންނެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ "  سيد القوم في السفر خادمهم ،  فمن سبقهم بخدمة لم يسبقوه بعمل إلا الشهادة – رواه البخارى فى شعب الإيمان – ދަތުރުމަތީގައި ޤައުމުގެ ސާހިބަކީ އެމީހުންނަށް ޚިދްމަތްކުރާމީހާއެވެ. ފަހެ، ޚިދްމަތްދިނުމުގައި އިސްނަގާފައިވާ މީހާ،އެހެން ޢަމަލަކުން ފަހަތަށް ޖައްސާނުލެވޭނެތެވެ. ﷲގެމަގުގައި ޝަހީދުވުން ފިޔަވައެވެ. "

     މި ޙަދީޘްފުޅުގައި ވެރިމީހާގެ އެންމެ އިސްމަސްއޫލިއްޔަތަކީ ރައްޔިތުންނަށް ޚިދްމަތްކުރުންކަން އެނގެއެވެ. މި ޚިދްމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މައިދާނަކީ  ހެޔޮކަންތައްތައް ކުރުމުގައި ވާދަކުރުންކަން ވެސްް އެނގެއެވެ. މާތްﷲގެ މަގުގައި ޖިހާދުކުރުން ފިޔަވާ ދެން އޮތް އެންމެ މުހިއްމު ޢަމަލަކީ ރައްޔިތުންނަށް ޚިދްމަތްކުރުންކަންވެސް މި ޙަދީޘްފުޅުން އެނގެއެވެ.

މިބަސްފުޅު ކަށަވަރުކޮށްދެއްވަމުން رسول الله صلى الله عليه و سلم ޙަދީޘްކުރައްވަނީ " إذا كان يوم القيامة نادى مناد على رؤوس الأولين والآخرين من كان خادما للمسلمين في دار الدنيا فليقم وليمض على الصراط آمنا غير خائف وادخلوا الجنة أنتم ومن شئتم من المؤمنين فليس عليكم حساب ولا عذاب – حلية الأولياء – ޤިޔާމަތްދުވަހު،  ކުރީގެ އެންމެންނާއި ފަހުގެ އެންމެންގެ ބޯތައްމަތިން ގޮވައިލައްވާބޭކަލަކު ގޮވައިލައްވާނެއެވެ. ދުނިޔެމަތީގައި މުސްލިމުންނަށް ޚިދްމަތްކުރިމީހަކު ހުރިނަމަ ތެދުވެ ،އަމާންކަމާއެކު، އަދި ބިރުވެތިކަމެއް ނެތި ޞިރާޠު މަގު ހުރަސްކޮށްދާށެވެ! އަދި ތިޔަބައިމީހުންނާއެކު ތިޔަބައިމީހުން އެދޭމުއުމިނުތަކުންވެސް ގޮވައިގެން ސުވަރުގެ ވަންނާށެވެ! ފަހެ، ތިޔަބައިމީހުންގެ މައްޗަށް ހިސާބުބެއްލެވުމެއް ނެތެވެ. އަދި ތިޔަބއިމީހުންނަށް ޢަޛާބެއް ވެސް ނެތެވެ. "

     އެބޭކަލުން ވެރިކަންކުރައްވާފައިވަނީ މާތްﷲ ގެ އަމުރުފުޅުތަކާ އެއްގޮތަށެވެ. މާތްﷲ ވަޙީކުރައްވަނީ  إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِيتَاء ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاء وَالْمُنكَرِ وَالْبَغْيِ- النحل: ٩٠ – ހަމަކަށަވަރުން މާތްﷲ ، ތިޔަބައިމީހުންނަށް ، ޢަދްލުވެރިވުމަށާއި އިޙްސާންތެރިވުމަށާއި ، ގާތްތިމާގެމީހުންނަށް ހެޔޮފޯރުވުމަށް އަމުރުކުރައްވައެވެ. އަދި ހުތުރުކަންބޮޑުވެގެންވާ ފާފަތަކާއި މުންކަރާތްތަކާއި އަނިޔާވެރިވެ އުޅުން އެކަލާނގެ ނަހީކުރައްވަތެވެ. "

     އެހެން އާޔަތެއްގައި ވަޙީކުރައްވަނީ  اعْدِلُواْ هُوَ أَقْرَبُ لِلتَّقْوَى   ﭼ المائدة: ٨ – ތިޔަބައިމީހުން ޢަދްލުވެރިވާށެވެ. އެގޮތް ތަޤްވާވެރިކަމާ ގާތްކަންބޮޑެވެ.

     މި ބަސްފުޅުތަކުގައި މާތްﷲ އަޅުގަނޑުމެންނަށް ގޮވައިލައްވާފައި އެވަނީ އިންސާފުވެރިވުމަށާއި އިޙްސާންތެރިވުމަށެވެ. މީސްތަކުންގެ މެދުގައި ހަމަހަމަކަމާއެކު މުޢާމަލާތު ކުރުމަށެވެ.

ރަސޫލުﷲގެފާނު މަސްއޫލިއްޔަތުތައް ބައްސަވައިދެއްވި


          ރަސޫލުﷲގެފާނު ކަށަވަރުކޮށްދެއްވާ ބަޔާންކޮށްދެއްވާފައިވާ ފަދައިން ކޮންމެމީހަކީ މަސްއޫލުވެރިއެކެވެ. ކޮންމެ މަސްއޫލުވެރިއަކަށް ވެސް ޒިންމާވާން ޖެހޭ ކަންތައްތަކެއްވެއެވެ. އޭނާއާ ޙަވާލުކުރެވުނު މަސައްކަތްތަކަށް އޭނާ ޖަވާބުދާރީ ވާން ޖެހޭނެއެވެ.  އެކަންތައްތަކާމެދު އޭނާއާ ސުވާލުކުރެވޭނެއެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ " كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ ...."  - رواه البخارى ومسلم والبيهقى والترمذى وأبوداود والطبرانى والحاكم وأحمد والبزار – ތިޔަބައިމީހުންގެ ކޮންމެމީހަކީ ބަލައިބަލަހައްޓާމީހެކެވެ. ތިޔަބައިމީހުންގެ ކޮނެމެމީހަކު އޭނާބަލައިބަލަހައްޓާ ރައްޔިތުންނާމެދު މަސްއޫލުވާންޖެހޭނެއެވެ. " މިޙަދީޘްފުޅުގައި ވަރަށްތަފްޞީލުކޮށް ތަފާތު ގިންތިތައް ބަޔާންކޮށްދެއްވާފައިވެއެވެ. ޤައުމުގެ ވެރިއާއިން ފެށިގެންގޮސް މައިންބަފައިންނާއި އަނބިންނާއި ފިރިންނާއި ނޯކަރުންނާ ހަމައަށް ތަފްޞީލުކޮށްދެއްވާފައިވެއެވެ. އެހެންކަމުން އެކަލޭގެފާނުގެ މިބަސްފުޅުގެ ތެރޭގައި ދައުލަތާއި ، ޢާއިލާއާއި މަސައްކަތުގެ ދާއިރާއާއި މުޅި މުޖްތަމަޢު ހިމެނެއެވެ.

ﷲގެ ޙައްދުތައް ޤާއިމުކުރުމުގައި ވެރިންނާއި ރައްޔިތުން،މާތްމީހުންނާއި ނިކަމެތިން ހަމހަމަވެގެންވާކަން ޢަމަލީގޮތުން ދައްކަވާފައިވެއެވެ. ޢާއިޝަތުގެފާނު އަރިހުން ވާރިދުވެގެންވާ ޙަދީޘްފުޅެއްގައި މަޚްޒޫމީވަންހައިގެ  އަންހެނަކު ވައްކަންކޮށްގެން އޭނާގެ މައްޗަށް ޙައްދުޤާއިމުނުކުރައްވާ ދޫކޮށްލަދެއްވާތޯ ދަންނަވަން އުޅުނެވެ. އެވާހަކަ ދަންނަވަން ނުކެރިގެން އެކަން ކުރުވާފައިވަނީ ރަސޫލުﷲގެފާނު ވަރަށްލޯބިފުޅުވާބޭކަލެއްކަމުގައިވާ އުސާމަތުގެފާނު މެދުވެރިކޮށްގެންނެވެ. އެހިނދު، ރަސޫލުﷲގެފާނު އެކަމާ ވަރަށްކޯފާއިސްކުރެއްވިއެވެ. އަދި އެންމެން ހެކިކުރައްވާ ޙަދީޘްކުރެއްވިއެވެ. " ތިޔަބައިމީހުންގެ ކުރީގެމީހުން ހަލާކުކުރައްވާފައިވަނީ އެބައިމީހުންގެ ތެރެއިން މާތްމީހަކު ވައްކަމެއް ކޮށްފިނަމަ ޙައްދު ޤާއިމުނުކޮށް ދޫކޮށްލައިފާ، ދެރަނިކަމެއްޗަކު  ވައްކަމެއްކޮށްފިނަމަ އޭނާގެ މައްޗަށް ޙައްދު ޤާއިމުކޮށްފައިވާތީއެވެ.  މާތްﷲ ގަންދެއްވާ ޙަދީޘްކުރައްވަމެވެެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަންކުރެއްވިއަސް ތިމަންކަލޭގެފާނު އެކަމަނާގެ އަތްޕުޅު ކަނޑުއްވާހުށީމެވެ. " – متفق عليه -  

ޢުމަރުގެފާނު، ޙާކިމުގެ މަސްއޫލިއްޔަތު ތަޞްވީރުކޮށްދެއްވި


    ޢުއްމަތުގެ ވެރިއާ ، ނުވަތަ ޙާކިމުގެ މަސްއޫލިއްޔަތު ތަޞްވީރުކޮށްދެއްވަމުން ޢުމަރުގެފާނު ވިދާޅުވަނީ " إنما مثل العرب كمثل جمل أنف اتبع قائده فلينظر قائده أين يقود؟ أما أنا فورب الكعبة لأحملنكم على الطريق  - ހަމަކަށަވަރުން ޢަރަބިންގެ މިސާލަކީ ދުއްވާމީހާބުނާގޮތެއް ހަދާ  ނިކަމެތިޖަމަލެއްގެ މިސާލެވެ. ފަހެ، ދުއްވާމީހާ އޭތި ގެންދާތަނަކަށް ވިސްނާހުށިކަމެވެ. ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނު ، ކަޢުބާގެ ވެރިރަސްކަލާނގެ ގަންދެއްވާ ވިދާޅުވަމެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުން ތެދުމަގަށް އުފުއްލަވާހުށީމެވެ. " މި ބަސްފުޅުން އެނގޭގޮތުގައި  ޙާކިމުގެ އެންމެބޮޑުމަސްއޫލިއްތަކީ ރައްޔިތުންނަށް ރަނގަޅުމަގުދެއްކުމެވެ. އަދި ރައްޔިތުން މި ރަނގަޅުމަގަށް ތަބާވަންޖެހޭނެއެވެ. ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ " فَإِنَّمَا الْمُؤْمِنُ كَالْجَمَلِ الْأَنِفِ حَيْثُمَا انْقِيدَ انْقَادَ – رواه مسلم وأحمد والحاكم والطبرانى وابن ماجه – ހަމަކަށަވަރުން މުއުމިނުގެ މިސާލަކީ ނިކަމެތިޖަމަލެއްގެ މިސާލެވެ. އޭނާ ގެންދެވުނު ދިމާއަކަށް ދާނެއެވެ. " މިއީ ވެރިންގެ ބަސް ރައްޔިތުންނަށް އެހުން މަޖްބޫރުވެގެންވާ މިންވަރު ބަޔާންކޮށްދޭ ބަސްފުޅެކެވެ. ނަމަވެސް އެހެންޙަދީޘްފުޅުތަކުން ވެރިމީހާއަށް ކިޔަމަންގަތުމުގެ އިންވަނީ ބަޔާންކޮށްދެއްވައިފައެވެ.

     އިސްލާމީ އުއްމަތުގެ ފުރަތަމަ ރައްޔިތުންނަކީ ބަސްއެހިބަޔެކެވެ. ވެރިމީހާއަށް ކިޔަމަންތެރިބަޔެކެވެ. އެބައިމީހުންނަކީ ވެރިމީހާ  ކަމަކަށް އަމުރުކޮށްފިނަމަ އެއަމުރަކަށް ކިޔަމަން ގަންބަޔެކެވެ. ވެރިމީހާ ކަމެއްމަނާކޮށްފިނަމަ އެކަމަކާ ދުރުހެލިވެއެވެ.

ރަސޫލުﷲގެފާނު ސުވަރުގެވަޑައިގަތުމުން މުސްލިމުންނަށް ލިބުނު ސިހުމާއި ހިތްހަމަނުޖެހުން ވަރަށް ބޮޑުވިއެވެ. އެމީހުން އަބޫބަކްރުގެފާނު ވެރިއަކަށް ހަދައި އެކަލޭގެފާނަށް ތަބާވިއެވެ. އިސްލާމީ އުއްމަތާ ކުރިމަތިލަން ޖެހުނު މުރްތައްދުވެރިންގެ ނުރައްކާތެރިކަމުން އުއްމަތް ސަލާމަތްވީ އަބޫބަކްރުގެފާނުގެ ޙިކްމަތުޢަމަލީގެ ސަބަބުންނެވެ. ރައްޔިތުން އެކަލޭގެފާނަށް ކިޔަމަންގަން ކިޔަމަންގަތުމުގެ އިޚްލާޞްތެރިކަމުގެ ސަބަބުންނެވެ.

ކުރިން ދެންނެވި ޢުމަރުގެފާނުގެ ބަސްފުޅުގައި ބަޔާންކޮށްދެއްވާފައި އެވަނީ ވެރިމީހާގެ މަސްއޫލިއްޔަތެވެ. އުއްމަތުގެ ސަލާމަތާއި ، އަމްނާއި ހިތްހަމަޖެހުމާމެދު ވެރިމީހާ ޒިންމާވާންޖެހޭނެކަމެެވެ.އަދި އޭނާ ޢައްޔަންކުރާ މަސަްއޫލުވެރިންނާ މެދުވެސް އޭނާ ޖަވާބުދާރީވާންޖެހޭނެކަމުގެ ވާހަކައެވެ.  

މާތްﷲ ގަންދެއްވާ ވިދާޅުވިބަސްފުޅާ އެއްގޮތަށް ޢުމަރުގެފާނު ވެރިކަންކުރައްވާފައިވެއެވެ. އިސްލާމީ ދައުލަތް ފުޅައުވެ ، ތަނަވަސްވެ މުއްސަނދިވެގެންގޮސްފައިވަނީ އެކަލޭގެފާނުގެ ވެރިކަމުގައެވެ. އެދުވަސްވަރު މުސްލިމުންނަށް އަމާންކަމާއި ހިތްހަމަޖެހުން ލިބިފައިވެއެވެ. ޙައްޤުތައް ނުލިބިގެން އެކަކުވެސް ޝަކްވާކޮށްފައެއްނުވެއެވެ. އެންމެދެރަމީހާއަށް ވެސް އެކަލޭގެފާނުގެ އަރިހަށްގޮސް އެމީހެއްގެ ޝަކްވާވަނީ ދެންނެވިފައެވެ. އަދި އެމަސްއަލަ ވަނީ ބައްލަވައިފައެވެ.  

ވަޒީފާ އަށް ޤާބިލުމީހުން އިސްކުރުން


    އެއީ މިޒަމާނުގައި އެބުނާ އެކަށިގެންވާ މީހާއަށް އެކަށީގެންވާ ވަޒީފާދިނުމުގެ ވާހަކައެވެ. ވަޒީފާ ބަޔާނުގައިވާ ކަންތައްތައް އަދާކުރެވޭވަރުގެ ޢިލްމީޤާބިލުކަމާއި ތަޖްރިބާ ހުރިތޯ މިޒަމާނުގައި ބަލަނީ މިހެންވެގެންނެވެ. ވަޒީފާއަށް އިޢުލާންކުރުމުން ކުރިމަތިލާ ހުރިހާ ފަރާތްތަކެއްގެ ސަނަދުތަކާއި ، މަސައްކަތުގެ ދާއިރާގެ ތަޖްރިބާތައް ދިރާސާކުރެވެއެވެ. އަދި އޭނާގެ ވަނަވަރު ބަލައި ބަސްދީގަތުމަކަށް ޙާޒިރު ކުރެވޭތަން  ވެސް ފެނެއެވެ. ކީރިތިރަސޫލާ އިދާރީ ކޮންމެ ވަޒީފާއެއް މީހަކަށް ދެއްވާފައިވަނީ އެމީހެއްގެ ކިބާގައި ހިންގުމުގެ ޤާބިލުކަންހުރިތޯ ބައްލަވައިފައެވެ. އަޚްލާޤު ރަނގަޅު އިޖްތިމާޢީމީހެއްތޯ ބައްލަވައިފައެވެ. އެމީހެއްގެ ކިބާގައި މިވަޒީފާ އަދާކުރެވޭވަރުގެ ޤާބިލުކަން ހުރިކަމާމެދު ޝައްކުކުރެވޭނަމަ އެކަން އެމީހަކާ ހަވާލުނުކުރުމަށް ކީރިތިރަސޫލާ އިރްޝާދު ދެއްވައިފާވެއެވެ. ޤިޔާމަތްވާނީ ކޮންއިރަކުންތޯ ދެންނެވުމުން ރަސޫލުﷲގެ ދެއްވި ޖަވާބަކީ ކޮބައިތޯއެވެ. "  إِذَا ضُيِّعَتِ الأَمَانَةُ فَانْتَظِرِ السَّاعَةَ (1)». އަމާނަތް ނަގައިލެވިއްޖެނަމަ،  ފަހެ، ޤިޔާމަތަށް އިންތިޒާރު ކުރާށެވެ. ދެންނެވޫއެވެ. އޭ ﷲގެ ރަސޫލާއެވެ. އަމާނަތް ނަގައިލުމަކީ ކޮބައިތޯއެވެ؟  ޙަދީޘްކުރެއްވިއެވެ.« إِذَا أُسْنِدَ الأَمْرُ إِلَى غَيْرِ أَهْلِهِ فَانْتَظِرِ السَّاعَةَ »-  އެކަމުގެ އަހްލުވެރިއަކަށް ނުވާމީހަކާ ކަންކަން ހަވާލުކުރެވިއްޖެނަމަ ، ފަހެ ޤިޔާމަތަށް އިންތިޒާރުކުރާށެވެ. " މި ބަސްފުޅުގައި ވަރަށް ޞަރީޙަކޮށް އެ ވިދާޅުވަނީ ޤާބިލުކަންނެތް ، މީހުންނާ ކަންކަން ޙަވާލު ނުކުރާށެވެ. އެފަދަބަޔަކާ ކަންކަން ހަވާލުކޮށްފިނަމަ ތަން ހަލާކުވެގެން ހިގައިދާނެއެވެ. ދަންނަބޭކަލުން ވިދާޅުވާގޮތުގައި ޤާބިލުނޫންމީހުން ވެރިކަމަށް އައުމަކީ ފަހުޒަމާނުގެ ޢަލާމަތެކެވެ. އެއީ ތަން ފަސާދަ ވެދާނެކަމުގެ ބިރުވެރި އިންޒާރެކެވެ.

     ޢާއްމު ވަޒީފާތައް ދިނުމުގައި އެމީހަކަށް ވުރެ ރަނގަޅު ޤާބިލުމީހަކު ހުއްޓާ ، ތިމާގެ ޝަޚްޞީގުޅުންތަކަށް ބަލައިގެންް ، ނުވަތަ ގާތްތިމާގެކަމަށް ބަލައިގެން ވަޒީފާ ނުދިނުމަށް ރަސޫލުﷲގެފާނު ވަނީ އަންގަވައިފައެވެެ. އިބްނު ޢައްބާހުގެ އަރިހުން ވާރިދުވެފައިވާ ޙަދީޘްފުޅެއް ގައިވެއެވެ. "من استعمل رجلا من عصابة و في تلك العصابة من هو أرضى لله منه فقد خان الله و خان رسوله و خان المؤمنين   - ބައެއްގެެ ތެރޭގައި އޭނާއަށް ވުރެ ރަނގަޅުމީހަކު ހުއްޓާ އޭނާއަށް ވަޒީފާ ނުދީ ، އެހެންމީހަކަށް ވަޒީފާ ދިންނަމަ އެއީ ﷲއަށާއި އެކަލާނގެ ރަސޫލާއަށާއި މުއުމިނުންނަށް ޚިޔާނަތްތެރިވުމެވެ. "

     ވަޒީފީ އަމާނަތާ ބެހޭގޮތުން ލިޔުނު މަޒްމޫނުގައި ކީރިތިރަސޫލާ ، އަބޫޛައްރިލް ޣިފާރީ އަށް (أَبُو ذَرٍّ الْغِفَارِيُّ رَضِي اللَّهُ تَعَالَى عَنْهُ) ވަޒީފާ ނުދެއްވި ކަމާއި އެކަމުގެ ސަބަބުވާނީ ދަންނަވައިފައެވެ. އަބޫޛައްރުގެފާނަކީ ރަސޫލުﷲގެފާނުގެ ވަރަށް އަރިސް ޞަހާބީއެކެވެ. ނަމަވެސް ޢާއްމު ވަޒީފާ ދެއްވުމުގައި ރަސޫލުﷲގެފާނު ގާތްކަމަކަށް ނުބެއްލެވިއެވެ. ބެއްލެވީ ޤާބިލުކަމަށެވެ.

     ވަޒީފާ ދޭ އިރު ބަލަންޖެހޭ މިންގަނޑުތައް ބަޔާންކޮށްދެއްވަމުން ޢުމަރުގެފާނު ވިދާޅުވެފައިވަނީ  " ކޮންމެމީހަކާ މެދު ވެސް ބަލާނީ ދީނަށް ވަނުމުގައި އޭނާގެ އިސްކަމަށާއި ، ދީނުގައި އޭނާ އުފުއްލާފައިވާ ބުރައަށެވެ. "

     މި މިންގަނޑު ބަޔާންކޮށްދެއްވަމުން ޢަލީގެފާނު ވިދާޅުވަނީ " މީހެއްގެ އަގު ވަޒަންކުރާނީ އެމީހަކަށް ރަނގަޅަށް ކުރަން އެނގޭކަމަކަށް ބަލައިގެންނެވެ " (4) -

     އަލްމާވަރްދީ ، " އަދަބުލް ވަޒީޜު " ނަމަކަށް ކިޔާ ފޮތުގައި ލިއުއްވާފައިވެއެވެ. " އިދާރީ މަސައްކަތުގައި މީހެއްގެ ކާމިޔާބުކަން އެނގޭނީ އޭނާ އާ ހަވާލުކުރެވޭ މަސައްކަތްތަކުގެ ގިނަމަދުމިނަކުންނޫނެވެ. އެކަމަކު އެކަމަކަަށް އިޚްތިޔާރު ކުރެވޭ މީހާގެ ޤާބިލުކަމުންނެވެ. " މި ކަމާބެހޭގޮތުން ވާހަކަފުޅު  ކުރިއަށް ގެންދެވަމުން ވިދާޅުވިއެވެ. " މަސައްކަތް ކާމިޔާބުކަން އެނގޭނީ އަޢުވާނުން ގިނަވުމަކުންނޫމެވެ. އެކަމަކު ރަނގަޅު އިޚްވާނުން ގިނަވުމުންނެވެ. " އަލްމާވަރްދީ  މި ދިރާސާ ކުރިއަށް ގެންދަވަމުން ވިދާޅުވެފައިވަނީ " މަސައްކަތަށް ބޭނުންވާ ވަރަށް އަޢުވާނުން މަދުކުރާށެވެ. އެމީހުން ގިނަނުކުރާށެވެ. އެހެން ނޫނީ  އަރާރުންތައް އިތުރުވެދާނެއެވެ. މަސައްކަތާ ގުޅޭގޮތަށް އަޢުވާނުން ހޯދާށެވެ. އޭރުން މަސައްކަތް ރަނގަޅަށް އިންތިޒާމު ކުރެވޭނެއެވެ. އަދި މަސައްކަތް އަވަހަށް ނިންމޭނެއެވެ. " މިއީ މިޒަމާނުގެ އިދާރީމިންގަނޑުތަކުގައި ގެންގުޅޭ އުޞޫލެވެ. މަސައްކަތަށް ބޭނުންވާ ވަރަށް ވުރެ މުވައްޒަަފުން ގިނަކޮށްގެން ނުވާނެއެވެ. މުވައްޒަފުން އިތުރުވުމަކުން އުފެއްދުންތެރިކަން އިތުރެއް ނުވާނެއެވެ. މަސައްކަތެއް ނެތް މުވައްޒަފުންތަކެއް އޮފީހުގައި ތިބެގެން ނުވާނެއެވެ.

ޚަރަދު ކުޑަކުރުން


    ދައުލަތުގެ މުދަލަށް ރައްކައުތެރިވެ ވަޑައިގަތުމުގައި ޚަލީފާއިންނަކީ ލާމަސީލު ނަމޫނާ ތަކެކެވެ. ޢުމަރުގެފާނު އެކަލޭގެފާނުގެ ވާލީންނާ އެކު ސަރަޙައްދުތަކުގެ ހިސާބުތައް ބައްލަވާ އިރު ދިއްލެވި ވޮށާ ، އަމިއްލަފުޅު ވާހަކަފުޅުތައް ދައްކަވާ އިރު ދިއްލެވި ވޮށް ތަފާތު ކުރައްވާފައި ވެއެވެ. އަމިއްލަފުޅު ވާހަކަތައް ދައްކަވާއިރު ބޭނުންފުޅުކުރައްވާފައިވަނީ ފުޅިބައްތިއެއް ކަހަލަ އަލިމަޑު ތެޔޮޚަރަދު ކުޑަ ވޮށެކެވެ. މިކަމާމެދު ސުވާލުކުރެއްވުމުން ޢުމަރުގެފާނު ވިދާޅުވެފައިވަނީ އަމިއްލަ މަސައްކަތަށް ބައިތުލްމާލުން ޚަރަދެއް ނުކުރެވޭނެއެވެ.

     އަބޫބަކްރުގެފާނަށް ޚަލީފާކަން ލިބިވަޑއިގަތުމުން ފުދިވަޑައިގަންނަވާނެ ކަމަށް ލަފާކުރެއްވި މުސާރައެއް ބައިތުލްމާލުން ނެންގެވިއެވެ. ނަމަވެސް އެކަލޭގެފާނުގެ އަނބިކަނބަލުން އާދައިގެ ފަރިއްކޮޅަށްވުރެ މުއްސަނދި ފަރިއްކޮޅެއް ތައްޔާރުކުރެއްވި ދުވަހު އެފަދަ ކެއުމެއް ތައްޔާރުކުރެއްވީ ކިހިނަކުންތޯ އަނބިކަނބަލުން ސުވާލުކުރެއްވިއެވެ. އެއީ މުސާރަފުޅުން ރައްކައުކުރެއްވި އެއްޗަކުން ތައްޔާރުކުރެއްވި ކެއުމެއް ކަމަށް ދެންނެވުމުން އަބޫބަކްރުގެފާނު އެކަލޭގެފާނުގެ މުސާރަފުޅު ކުޑަކޮށްލެއްވިއެވެ.

     ދައުލަތުގެ ޚަރަދު ކުޑަކުރެއްވުމަށްޓަކައި ޢުމަރު ބިން ޢަބްދުލްޢަޒީޒު ތުޑުހިމަ ގަލަމުން ދައުލަތުގެ ލިއުންތައް ލިއުމަށް އަމުރުކުރެއްވިއެވެ. އެއީ ތުޑުހިމަ ގަލަމުން ލިއުމުން ދެލިޚަރަދާއި ކަރުދާހު ޚަރަދު ކުޑަވާނެތީއެވެ. ވާހަކަ ގިނަނުކުރުމަށާއި ، ބުނަންބޭނުންވާ އެއްޗެއް ވީހާ ކުރުބަހަކުން ބުނުމަށް ޢުމަރު ބިން ޢަބްދުލްޢަޒީޒު އެންގެވިއެވެ. ލިޔާ އިރުގައި އަކުރުތައް ނުދެމުމަށް ވެސް އެންގެވިއެވެ. ޢަރަބި ލިއުމުގައި ބައެއްއަކުރުތައް ރީތިކުރުމަށްޓަކައި ދަމާލެވޭނެއެވެ. މާތްﷲ ރުއްސުންލެއްވި ޖަޢުފަރު ބިން ޔަޙްޔާ އޭނާގެ ކާތިބުންނަށް ވިދާޅުވިއެވެ. " ތިޔަބައިމީހުންގެ ވާހަކަތައް ސޮއެއް ފަދައެއްޗަކަށް ހެދޭނަމަ އެގޮތަށް އެ ވާހަކަތައް ހަދާށެވެ. "

     ޢުމަރުގެފާނު ބައިތުލްމާލުން މުސާރައިގެ ގޮތުގައި ނަންގަވާފައިވަނީ އެކަލޭގެފާނުގެ ޢާއިލާގެ ކެއުންބުއިމަށާއި ފޭރާންކޮޅަށް ބޭނުންވާމިންވަރާއި ޖިހާދުކުރެއްވުމަށާއި ޙައްޖަށް ވަޑައިގަތުމަށާއި މީހުންގެ ބޭނުންތައް ފުއްދަވާދެއްވުމަށް ބޭނުންކުރައްވާ  ދެ ސަވާރީ އާއި އެ ދޭއްޗަށް  ބޭނުންވާ ކާބޯތަކެއްޗާށް  ފުދޭ މިންވަރެވެ. އެކަމަކު ދައުލަތުގެ މުވައްޒަފުންނަށް އެކަށީގެންވާ މުސާރަ ދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިގޮތުގައި މުއްސަންޖަކަށް ވިޔަސް އެ މުސާރަ ޙައްޤުވާނެއެވެ. އަލްމާވަރްދީ ވިދާޅުވާ ގޮތުގައި މުސާރަދެއްވަނީ ފުދޭވަރަށެވެ. މި ފުދޭވަރު ކަނޑައަޅުއްވަނީ ތިންކަމަކަށް ބައްލަވައިގެންނެވެ. ފުރަތަމަ ކަމަކީ ޢާއިލާއެވެ. ޢާއިލާގެ ތެރޭގައި އެމީހަކު ބަލަހައްޓަންޖެހޭ އަޅުންވެސް ހިމެނެއެވެ. ދެވަނަކަމަކީ މަސައްކަތަށް ބޭނުންވާ ސަވާރީގެ ޢަދަދެވެ. ތިންވަނަ ކަމަކީ އުޅޭ ތަނެވެ. އެތަނެއްގެ ދިރިއުޅުމުގެ ފެންވަރަށް ބައްލަވައިގެން މުސާރަ ކަނޑައެޅުއްވިއެވެ.

ނާޖާއިޒު ފައިދާ އަށް  ޖާގަ ނުދެއްވުން


     ކީރިތިރަސޫލާއަކީ އެކަލޭގެފާނު ހަވާލުކުރެއްވި މަސައްކަތެއް ކޮށްނިންމުމުން އެމަސައްކަތެއް ކޮށްްފައިވާ ގޮތުގެ ހިސާބުކިތާބު ބެއްލެވި ބޭކަލެކެވެ. އުޒްދުވަންހައިގެ މީހުންގެ ގާތަށް ޒަކާތްނެގުމަށްޓަކައި އިބްނުއްލަތުބިއްޔާ ނަމަކަށް ކިޔާ ބޭކަލަކު ފޮނުއްވިއެވެ. އޭނާ ޒަކާތަށް ލިބުނު އެއްޗެެހި ގެނެސް ރަސޫލާއަށް އެރުވުމަށް ފަހު ދެންނެވިއެވެ. މިހިރީ ޒަކާތަށް ލިބުނު އެއްޗެއްސެވެ. އަދި މިހިރީ އަޅުގަނޑަށް ހަދިޔާގެ ގޮތުގައި ލިބުނު އެއްޗެއްސެވެ.  އެހިނދު ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. " ތިޔަ ބުނަނީ ތެދެއްކަމުގައިވާނަމަ ތިބާގެ ބައްޕައާއި މަންމަގެ ގޭގައި ނިކަން އިނދެެބަލާށެވެ. ތިޔަ ހަދިޔާ ތިބާ ގާތަށް އޭރުން އަންނާނެ ހެއްޔެވެ؟ ދެން ހަދީޘްކުރެއްވިއެވެ. ޙައްޤަކާ ނުލައި ، މީހަކު ނަގާ ކޮންމެ އެއްޗެއް އުފުލައިގެން ﷲގެ ޙަޟްރަތަށް އަންނަންޖެހޭނެއެވެ. " އިސްލާމީ ދައުލަތް އޭގެ ޅަފަތުގައި ކުރިއަށް ގޮސްފައިވަނީ މިފަދަ ހަރުދަނާ އުޞޫލުތަކާ އެއްގޮތަށެވެ. އެކަލޭގެފާނުގެ ޚަލީފާއިން ހިންގަވާފައިވަނީ މި މަތިވެރި ތަރަހައިގެ މަތީގައެވެ.

ޢުމަރުގެފާނުގެ ބައެއް މުވައްޒަފުން ވިޔަފާރިކުރައްވައިގެން އާމްދަނީ އިތުރުކުރައްވާފައިވާތީ އެކަމާ ދެކޮޅުހެއްދެވިއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. " ތިމަންކަލޭގެފާނު ތިބާ ފޮނުއްވީ ވާލީ(5)އަކަށެވެ.  ވިޔަފރި ކުރާކަށް ނޫނެވެ. " މިޞްރުގެ ވާލީ ކަމަށް ފޮނުއްވި ޢަމްރު ބްނިލްޢާޞް ގެ އަޅުންނާއި އަސްތަކާއި މުއްސަނދިކަން އިތުރުވެގެން ދިޔުމުން ، އެކަމާމެދު ސުވާލުކުރެއްވިއެވެ. ވިޔަފާރިކުރައްވައިގެން ލިބިވަޑައިގެން ތަނަވަސްކަމެއްކަމަށް ޢަމްރު ދެނެވުމުން ޢުމަރުގެފާނު މިކަން ޤަބޫލެއްނުކުރެއްވިއެވެ. އަދި އިތުރުވެފައިވާ ހުރިހާމުދަލެއް ދައުލަތަށް ނެންގެވިއެވެ.

އަބޫހުރައިރަތުގެފާނު ބަޙްރައިނުގެ ވާލީ ކަމަށް ފޮނުއްވުނެވެ. އެއްދުވަހަކު ޢުމަރުގެފާނަށް އެސަހަރުގައި ހިލައިންނާއި އުވައިން ގެއެއް ބިނާކުރަމުންދާތަން ފެނިވަޑައިގަތެވެ. މިއީ ކާކުގެ ގެއެއްތޯ ސުވާލުކުރެއްވުމުން އެއީ އަބޫހުރައިރަތުގެފާނުގެ ގެއެއްކަމަށް ދެންނެވުނެވެ. އަބޫހުރައިރަތުގެފާނުގެ ތަނަވަސްކަމާ ބެހޭގޮތުން ޢުމަރުގެފާނު ސުވާލުކުރެއްވިއެވެ. އަބޫހުރައިރަތުގެފާނު ދެންނެވިއެވެ."  އެއީ އަޅުގަނޑުގެ އަސްތައް ވިހުން އިތުރުވުމާއި  ފުލުފުލުގައި ހަނގުރާމަަތަކުން ޣަނީމާތައް ލިބުމާއި ކުރިވިޔަފާރިގެ ފައިދާ އެވެ. " ޖަވާބުގައި ޢުމަރުގެފާނު ވިދާޅުވިއެވެ. " އެއްވެސް ވާލީ އަކަށް އޭނާގެ ވަޒީފީ ބާރުގެ ތެރޭގައި ވިޔަފާރިކުރުން ޙަލާލުވެގެން ނުވެއެވެ. " އެއަށްފަހު ވިދާޅުވިއެވެ. " ވާލީ ކަމަށް އިސްކުރެވުނު އިރު ތިބާގެ ރައުސްމާލު އޮތްވަރަކާއި ތިބާގެ މުސާރައަށް ބައްލަވައިފާ އިތުރުވާ ހުރިހާ އެއްޗެއް ބައިތުލްމާލަށް ލައްވާށެވެ. "
----------
(ނިމުނީ)

             
(1) - رواه البخارى وأحمد والكتب السنة

(2) - رواه الحاكم  فى المستدرك

(3) - މި ޙަދީޘް އަލްޖާމިޢުލް ޞަޣީރުގެ ވޮލިއުމް 2 ، ޞަފްހާ ނަންބަރު 278 ގައިވެސް އައިސްފައިވެއެވެ.

(4) - شذرات الذهب لابن العماد

(5) - ވެރިއަކަށެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ