އަދުގެ ޚާއްސަ

Print

ޤައުމީ ވާޖިބު

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހިމް ނަޢީމް

"އަންނާނެ ތީރެއް އުންޑައެއް ހެރިގެން އަމާޒުވެގެން މެއަށް،
            ގަންނާ ކުރެއްވި ބިރުންފިލަން ދާމީހަކަށް މަ ނުވާނަމޭ"


އޭނާގެ ވާހަކަ ފެށީވެސް އަސަރުން ފުރިގެންވާ، ހިތްތައް ޖޯށުން އުތުރި އަރައިގެންދާފަދަ ޅެންބައިތަކުންނެވެ. މައުޟޫއާ ވަރަށް ގުޅޭ ބައިތަކުންނެވެ. ކަނޑައެޅިފައިވާ މައުޟޫއަށް ވަރަށް ފުރިހަމައަށް އިންސާފު ކުރުމަށްފަހު އިސްޓޭޖުން ފައިބައިގެން އެދިޔައީ އަޑުއަހަން ތިބި އެންމެން ފެންކަޅި ކުރުވާފައެވެ. ހިތްތައް ރޮއްވާފައެވެ. އެހައިތަނަށް އެއްވެސް ދަރިވަރަކު ވާހަކަ ދައްކާފައި ނުވާހައި މޮޅަށް ވާހަކަދައްކާފައެވެ.

ދެންއައީ ނަތީޖާ ފާޅުކުރުމުގެ ޖަލްސާއެވެ. އެކި ކުދިންގެ ވާހަކައިން ފަނޑިޔާރުންނަށް ފާހަނގަކުރެވުނު ބައެއް އުނިކަންތައް އެބޭފުޅުން ބުނެދެއްވިއެވެ. އަދި އެންމެ ފަހު، ކަމެއްގެ  ގޮތުން ހުރިހާކުދިންވެސް ޝާހިދުގެ ވާހަކަދެއްކުމުގައި ސިފަކުރި ފަދަ ރަނގަޅު ހެޔޮލަފާ، ދީނަށް ހުރުމަތްތެރިކޮށްހިތާ، ޤައުމަށް ވަފާތެރި އިޚްލާސްތެރި ދިވެހި ދަރިއަކަށް ވުމަށް އިރުޝާދު ދެމުން ފަނޑިޔާރުންގެ ވާހަކަ ކޮޅު ނިންމާލިއެވެ. އާދެ! މުޅި މުބާރާތުންވެސް އެއްވަނަ ލިބުނީ އަޅުގަނޑުގެ ރަހުމަތްތެރި އެހެނަސް ވާދަވެރި ޝާހިދަށެވެ. ޝާހިދަށް މަރުހަބާއެވެ. ތިޔަ އުފަލުގައި އަހަރެންވެސް ބައިވެރިވަމެވެ. އަހަރެން ނޫން އެހެން ކުއްޖަކަށް އެއްވަނަ ލިބޭނަމަ، ވަނަލިބެން އަހަރެން އެންމެ އެދޭ ފަރާތަކީ ތިޔައީއެވެ. ޝާހިދުގެ ވާހަކަދެއްކުމުގައި އެބުނި ފަދަ ދިވެހި ދަރިއަކަށް ވުމަށް އަހަރެންވެސް މަސައްކަތް ކުރާނަމެވެ.

މަތީސާނަވީގެ ދެއަހަރަށްފައު އަހަރެމެން ދެމީހުންވެސް ބޭނުންވީ އިތުރަށް ކިޔަވާށެވެ. ޝާހިދު ދިޔައީ އޮސްޓްރޭލިޔާއަށެވެ. އޭނާ ކިޔެވީ ޑަކުޓަރީކަމެވެ. އަހަރެންނަށް އޮސްޓްރޭލިޔާ އަށް ދިއުމުގެ ނަސީބެއް ނުލިބުނެވެ. އަހަރެންނަށް ސްކޮލަޝިޕް ލިބުނީ އިންޑިއާ އިންނެވެ. ކިޔެވީ ހިންގުމުގެ ދާއިރާއިންނެވެ. އަހަރެން ކޯސްނިންމާފައި އެނބުރި އައި އިރުވެސް ޝާހިދު އުޅެނީ މެލްބަންގެ ހިތްގައިމު މާހައުލުގައެވެ. ޗުއްޓީއަކަށްވެސް ނާދެއެވެ. އަހަރެން މާލެއައި ފަހުންވެސް ބަރާބަރު ފަސް އަހަރު ފާއިތުވީއެވެ. ޝާހިދު ތޯއެވެ. އަދިވެސް ހަމަ އެކޮޅުގައެވެ. އެތަނުގެ ކޮންމެވެސް ހަސްފަތާލެއްގެ އިސް ޑަކުޓަރެކެވެ. ނުރައްކާތެރި އޮޕަރޭޝަންތަކަށް ޚާއްސަ ޑަކުޓަރެކެވެ.

ދެހާސް ފަސްވަނަ އަހަރުގެ ޖެނުއަރީމަހުގެ ކޮންމެވެސް ދުވަހެކެވެ. އަހަރެން ހުރީ ކޮޅުމަޑުލު ގައެވެ. ސުނާމީގައި ހާލުގައި ޖެހުނު ދިވެހި އަޚުންނާއި އުޚުތުންނަށް އެހީވުމުގައި އަތުކުރި އޮޅާލައިގެންނެވެ. އަހަރެންނާ އެއްފަދައިން އެތައް ދިވެހި ދަރިންނެއް އެކަމުގައި ހަރަކާތްތެރި ވިއެވެ. އެއީ ވަރަށް އަސަރުކުރުވި ދުވަހެކެވެ. މުޅި ޤައުމު އެހީއަށް އެދި ރޮއި އާދޭސްކުރަނީއެވެ. ކޮންމެ ދިމާލަކަށް ނަޒަރު ހިންގައިލިޔަސް ފެންނަނީ އެއްކަހަލަ އަސަރު ތަކެކެވެ. ކުރެވެނީ ހަމަ އެއް އިޙްސާސެކެވެ. އެދުވަހު މުޅި ދިވެހިފަސްގަޑުންވެސް އެދައްކުވައިދިން އެއްބަނޑުއެއްބަފާ ކަމާއި އަޚްވަންތަކަމަކީ މާޒީގެ ތާރީޚެއްގައިވެސް ފެނިފައި ނުވާފަދަ ގުޅުމެކެވެ. އެމީހަކަށް ވެވުނު ކޮންމެ އެހީއެއް ވާން އެންމެންވެސް ތިބީ ތައްޔާރަށެވެ. ދެ ހެދުން އޮތްމީހުން، ލާނެ ހެދުމެއް ނެތް އަޚާއަށް އެއް ހެދުން ހަދިޔާކުރިއެވެ. ވިޔަފާރީގެ ފައިދާއަށް ނުބަލައި އިންސާނިއްޔަތަށްޓަކައި އެހީގެ އަތްތައް ދިއްކޮށްލި އެވެ. އެންމެ އަސަރު ކުރީ ދިވެހި ދިފާއީ ބާރުގައި މަސައްކަތް ކުރާ ނޫކަށިފުރައިގެ ޅަޒުވާނުން އެދައްކައިދިން ނަމޫނާއިންނެވެ. ހިތަށް އެރި އެވެ. ޙުސެއިން އާދަމްގެ ހިތްވަރު ގަދަ އެވެ. އިރާދަކުރެއްވިއްޔާ މިގައުމުގައި ތިބޭނީ ހައްތާވެސް ޙުސެއިން އާދަމެވެ.

އަދިވެސް އަހަރެންގެ އެކުވެރި ޝާހިދު ހުރީ މެލްބަނުގަ އެވެ. އޭގެ ހައެއްކަ މަސްފަހުން ޝާހިދުގެ ސިޓީއެއް ލިބުނެވެ. އެސިޓީގައި ލިޔެފައިވާ ވާހަކަތަކަށް ވުރެބޮޑަށް އަހަރެން ތިޔައެކުވެރިންނާ ހިއްސާކޮށްލަން ބޭނުމީ އެސިޓީއަށް އަހަރެން ފޮނުވި ޖަވާބެވެ.
އެކުވެރި ޝާހިދަށް.

ޝާހިދުގެ އުފާވެރި ދިރިއުޅުން ތިޔަ ގޮތުގައި ލެހެއްޓެވުމަށް އަބަދުވެސް އެދެމެވެ. އެކަމަށް ދުޢާވެސް ކުރަމެވެ.

ޝާހިދު މިއަދު ތިޔަހުރި މަޤާމަށް އާދެވުމުގައި އެހީތެރިވި އެތައް ބަޔަކުވެސް ތިބޭނެ އެވެ. އޭގެތެރެއިންވެސް އަހަރެން ފާހަގަކޮށްލަން ބޭނުންވާ ވަރަށް މުހިންމު ފަރާތެއް އެބަވެ އެވެ. އެއީ މި ދިވެހި ގައުމެވެ. މިފަސްގަނޑެވެ. މަޔަކު ދަރިންދެކެ ލޯބިވާ ފަދައިން މިގައުމުވެސް ގައުމުގެ އެންމެހާ ރައްޔިތުން ދެކެ ލޯބިވެ އެވެ. މަޔަކު ދަރިންނަށްޓަކައި ފަޚުރުވެރިވާ ފަދައިން މިގައުމުވެސް މިގައުމުގެ ދަރިންނަށް ޓަކައި ފަޚުރުވެރި ވެ އެވެ. ޝާހިދުގެ އެންމެ ކުޑައިރުއްސުރެ ފެށިގެން އިއްޔެ މެންދުރާ ހަމައަށް މިގައުމުގެ ފަސްގަނޑުގައި އުޅެބޮޑުވިއިރު ޝާހިދު މިގައުމަށް ކޮށްދިނީ ކޮންކަމެއް ހެއްޔެވެ. ދެވުނީ ކޮން ޚިދުމަތެއް ހެއްޔެވެ.

އެކުވެރި ޝާހިދެވެ. އަންނާނެ ތީރަކަށް އުންޑައަކަށް ބިރުން ފިލަން ނުދުވެ ސާބިތުކަމާއެކު ޚިދުމަތްކުރާ ދަރިއަކަށް ވުމަށް ތިބާ ވައުދު ނުވަން ހެއްޔެވެ. އާނއެކެވެ. މިއަދަކު ލޯމައްޗަށް ފެންނަ ތީރެއް އުންޑައެއް ނެތެވެ. ނުވެސް އާދެއެވެ. މެޔަށް އަމާޒުވާ ވަޒަނެއް ނެތެވެ. ނަމަވެސް މިގައުމު ވަނީ އެތައް ނުރައްކަލެއްގެ ތުންފަތްމަތީގަ އެވެ. ގިނަފަހަރު ހަމަލާ އަމާޒުވަނީ ގައުމުގެ ދަރީންގެ ޚިޔާލާއި ފިކުރަށެވެ. ޝާހިދު އެވެ. ގައުމުގެ ދަރީންގެ ޚިދުމަތަށް މިގައުމުވަނީ އިންތިހާއަށް ބޭނުންވެފަ އެވެ.

ނަޒަރު ހިންގާލި ކޮންމެ ދާއިރާއަކުންވެސް މިބުނި ބަހުގެ ތެދުކަން ފެންނާނެއެވެ. އެތައް ބަލިމީހަކަށް ފަރުވާނުލިބި އެބަތިއްބެވެ. އެކަށޭނަ ޑަކުޓަރުން ނެތިގެންނެވެ. މުޖްތަމައު ފަސާދަ ވަނީ އެވެ. ހެއުބަސް ބުނާ، އެބަސް ގަބޫލުކުރާ މީހުން މަދުވެގެންނެވެ. އިސްކޫލު މަދަރުސާތައް ހިންގުމަށް ދަތިވަނީ އެވެ. ފެންވަރުމަތީ މުދައްރިސުންނާއި، ހިކުމަތްތެރި އެދުރުން މަދުވެގެންނެވެ. ފަންނީ މަސައްކަތް ތެރީން ނެތި ހުސްވަނީ އެވެ. އެމީހުންގެ އަގު ވަޒަން ނުކުރެވޭތީ އެވެ. ނަންކިޔައި ކޮޅުން ނުލާހައި އެވެ.

ޝާހިދެވެ. މިވަގުތައްވުރެ ބޮޑަށް މިގައުމަށް ދިވެހި ދަރީންގެ ޚިދުމަތް ދެން ބޭނުންވާނީ ކޮންވަގުތަކު ތޯއެވެ. މުޅިގައުމުގެ ހުރިހާ ކަމެއްވަނީ ސުމަކުން ފަށަން ޖެހިފަ އެވެ. މިއީ ގައުމައިގެން ތެދުވަންވީ ވަގުތެވެ. ގައުމަށް ޚިދުމަތް ކުރަންވީ ވަގުތެވެ. ތިމާގެ ގައުމީ ލޯބި އަލާކޮށް ގައުމީ ވާޖިބު ހަނދާން ކުރަންވީ ވަގުތެވެ. ބިރުން ފަހަތަށް ޖެހެންވީ ވަގުތެއް ނޫނެވެ. ވިސްނާލާށެވެ.
ދެންވަރަށް ހެއުދުއާ ސަލާމެވެ.

(ނިމުނީ)
މި ލިޔުން؛

    ފޮނުވުން:   އަލްފާޟިލް އިބްރާހީމް ނަޢީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    ޝާއިޢުކުރުން: ''          ''


ހަމަމިގަލަމުން

އިދާރާ

ވާހަކަ