އަދުގެ ޚާއްސަ

Print

ނިދި ނިންޖަށް ވުމުން

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


މުޙައްމަދު ޝާހިދު ޙަލީމު


ނިދަންމިޔަރުގެ ވާހަކަ:


އޭނާއަށް މީހުން ކިޔައި އުޅެނީ ނިދަންމިޔަރެވެ. އެއީ މީހުންނަށް އޭނާގެ ދެ ލޮލުގެ އެތެރެ ފެންނަލެއް މަދުކަމުންނެވެ. އެކަމަކު އޭނާ ބުނާ ގޮތުގައި އޭނާ ގާތަށް އެހައި ފަސޭހައިން ނިންޖެއް ނާންނާނެއެވެ.

ނިދަންމިޔަރު ބުނާ ގޮތުގައި އޭނާ ނުދަންނަ ކަމެއް ނޯވެއެވެ. އޭނާ ޅަ އިރު ނުކުރާ މަސައްކަތެއް ނޯންނާނެ ޔޯލައެވެ. މަސްވެރިކަމާއި، ރާވެރިކަމަކީ އޭނާ ވަރަށް ކުރާ ހިތް ވާ ދެ މަސައްކަތް ކަމުގައި ބުނެއެވެ. އެކަމަކު އޭނާއަކަށް މަސްބައްޖާއި، މުރަކަބައްޖާއި، ރާބަދީގެ ތަފާތު ބުނެދޭކަށް ނޭނގެއެވެ. މަހަށް ދާ އިރު ބޯއްޖަށް ފީނާ ވާހަކަ ވެސް ބުނެއެވެ. އެކަމަކު ހަންބޯއްޖަކީ އެމުގެ ވައްތަރެއް ނޫން ކަމެއް އޭނާ ނުދަނެއެވެ. އަދި އޭނާ ބުނާ ގޮތުގައި އޭނާ އެންމެ ގިނައިން ފީނީ ކަބާއްޖާ ދިމާއިން ކަނޑަށެވެ. އެކަމަކު އޭނާ ގާތުގައި ހަނދީގެ ވައްތަރުތަކަކީ ކޮބައި ހެއްޔޭ އަހައިފިއްޔާ ފަނިހަންޖާއި، ތިމަރަހަންޖާއި، ނަރުހަންޖާއި، ދަބަރުހަންޖާއި، ތުނބަހަންޖާއި، ކަޅަހަންޖާއި، ނަރުވާހަންޖާއި، މުޑަހަންޖާއި، މޮޔަހަންޖާ މިހެން ގޮސް ދިގު ފައްޗެއް އަމުނައި ލާނެއެވެ.

ކާބައްޖަކީ ކޮބައިކަން ބުނެ ދޭން ނޭނގުނަސް ބަންޖާއި، ރައިވަރު ކިޔުމަކީ ރުއްއަރާ އިރު އޭނާގެ އާދައެއް ކަމަށް ބުނެއެވެ.

އޭނާގެ ބަނޑު ހުންނަލެއް ކިތަންމެ ހިންޖަސް، އޭނާ ވަރަށް ގިނައިން ކައެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ ބަނޑު އެ ހައި ހިނދިކޮށް ހުންނަނީ ކަނދި ބޯލެއް ގިނަ ކަމުންނެވެ. އޭނާއަށް މީރު ކަނދިތައް ކިޔާ އިރު މޭފާރުކަންޖާއި، ބޮއްކަންޖާއި، ނާށިގަނޑުކަންޖާއި، ތެލަކަނދި ވެސް ކިޔައެވެ. އެކަމަކު ނަސީބަކުން ހިކަންޖެއް ނުކިޔައެވެ.

އޭނާ ކުޑަކޮށް ވެސް ދަންނަ މީހަކު ހުންނަ ގެއެއް ވިއްޔާ އެ ގެއެއްގައި ސޮލަވާތްފާތިހާއަށް ކައްކާ ދުވަސްދުވަސް ފާހަގަކޮށްގެން އެ ގެއަކަށް ދާނެއެވެ. އޭނާ އެ ކަން ކުރަނީ ރޯއްޖަށް ފުރަގަސް ނުދޭން ވެގެނޯލައެވެ.

ކެއުމުގެ ވާހަކަ ދައްކާ އިރު އޭނާއަށް އެންމެ މީރު ހެދިކާގެ ބާވަތް ވެސް ފާހަގަކޮށް ލާ ހިތް ވެއެވެ. އޭނާ ބުނާ ގޮތުގައި އެއީ މުށްބެއްދި އެވެ.

ދޫނި ހިފުމަށް އޭނާގެ ހުރި ކުޅަދާނަކަން ކިޔައި ދޭ އިރު ރާބޮންޖެއް ފަހައިގަނެގެން ގޮސް، އެ ރާނބޮދީގެ ފަހަތުން ފަންބޮންޖަކަށް ވަދެ އެ ސޮރު އަތުލައިގެން ވާހަކަ ވަރަށް ގިނައިން ދައްކާނެއެވެ.

އޭނާއަކީ އެކި ވައްތަރުގެ ގަސްގަހާގެހީގެ ވެސް މާހިރެކޯލަ އެވެ. އެކަމަކު ދުވަހަކު ވެސް ކުރެއްޖާއި ބެރެބެއްޖެއް ވަތްކެއް ނުވާނެއެވެ. އަދި ހުކުރެއްޖަކީ ކަނިކުރެއްޖަށް ވަރަށް ރަނގަޅު އެއްޗެއް ކަމަށް ވެސް ބުނެފާނެއެވެ.

އޭނާ އެންމެ ފަޚުރުވެރިކަމާ އެކު މީހުނަށް ދައްކާ އެކައްޗަކީ އޭނާގެ އަނގޮޓީގެ އެހެވެ. އޭނާ ބުނާ ގޮތުގައި އެއީ ހަޖަރަލްޔަހޫއްޖެކެވެ.

އޭނާ ބުނާ ގޮތުގައި ދުވަހަކު ވެސް އޭނާ ރަންބުއްދިއެއް ނުވާނެއެވެ. އެކަމަކު ރޮއްޖަކަށް އަމުނައި އޭނާގެ އަތުގެ މުލައްދަނޑީ ގައި އައްސައިފައި އޮތް ތަވީދެއްގައި މީހެއްގެ އިނގިލި އެޅުނު ދުވަހަކު ރަންބުއްދި ނުވީ ކިރިޔާ އެވެ.

އޭނާ ބުނާ ގޮތުގައި އޭނާ މިހާރު މަސައްކަތް ކުރަނީ ރަންދިއަށް އެރޭތޯ އެވެ. އެއީ ހަމަ މަސްވެރިކަމާ ގުޅޭ މަސައްކަތް ކުރާ ހިތުންނޯލަ އެވެ.

ކޮންމެއަކަސް ނިދަންމިޔަރުގެ ވާހަކަ ދައްކާ އަވައްޖެއް ނުވާނެއެވެ. އޭނާގެ އެންމެ ފާހަގަކޮށް ލެވޭ ކަމަކީ ނިދަމުން ނިންޖެއް ނާދެއޭ ބުނުމެވެ.

ނިދި ނަޔަސް ނިދުމަކީ މައްސަލައެއް ނޫނެވެ. މައްސަލަ އަކަށް ވަނީ ނިދި، ނިންޖަށް ވާތީއެވެ. ބަދި، ބައްޖަށް ވާހެނެއް ނޫނެވެ. ބަނދި، ބަންޖަށް ވާހެނެވެ. އެކަމަކު މިއީ ވެސް މައްސަލައެއް ނޫން ކަން ނޭނގެއެވެ.

އެހެން ވާހަކަ އެއް:

ދިވެހީގައި ދާލުގެ އިބިފިއްޔަށް ހުއްޓިފައި ހުންނަ ލަފުޒުތަކުގެ ތެރެއިން، އެ ދާލުގެ ކުރީ ގައި، ސުކުން ކުރެވިފައި ވާ އަކުރެއް ނޯންނަ ލަފުޒުތަކުގެ ފަހަތަށް އެއް، އަށް، އަކީ، އީ، އެވެ، އާއި، އާ، އަސް މި ފަދަ އަކުރުތައް ގުޅޭ އިރު ހަތަރު ބަދަލެއް އާދެއެވެ. ފުރަތަމަ ބަދަލަކީ ކުރިއަށް އޮންނަ ލަފުޒުގެ ފަހު އަކުރު (ދާލު)ގެ ކުރި އަށް ސުކުން ކުރެވިފައި ވާ އަކުރެއް އިތުރު ވުމެވެ. ދެވަނަ ބަދަލަކީ ކުރިއަށް އޮންނަ ލަފުޒުގެ ފަހު އަކުރު (ދާލު)ގައި އޮތް ފިއްޔާއި (އިބިފިއްޔާއި) ފަހަތަށް އޮންނަ ލަފުޒުގެ ފުރަތަމަ އަކުރު (އަލިފު) (ފަހަތަށް އޮންނަ ލަފުޒަކީ /އާ/ ކަހަލަ އެއް އަކުރުގެ ލަފުޒެއް ނަމަ އެ ލަފުޒުގެ އަކުރު (އަލިފު)) އުނިވުމެވެ. ތިންވަނަ ބަދަލަކީ ކުރިއަށް އޮންނަ ލަފުޒުގެ ނިމޭ އަކުރު (ދާލު) ޖަވިޔަންޏަށް ބަދަލުވުމެވެ. ހަތަރުވަނަ ބަދަލަކީ ފަހަތަށް އޮންނަ ލަފުޒުގެ ފުރަތަމަ އަކުރު (އަލިފު)ގައި އޮތް ފިލި، ކުރިއަށް އޮންނަ ލަފުޒުގެ ނިމޭ އަކުރު (ދާލު) ބަދަލު ވީ ޖަވިޔަނީގައި ޖެހުމެވެ.

މިސާލު: ކަނދި + އެއް؛ ހަނދި + އަކީ؛ ރޮދި + އާއި؛ ދޯދި + އާ

(1) ކަންދި + އެއް؛ ހަންދި + އަކީ؛ ރޮއްދި + އާއި؛ ދޯއްދި + އާ
(ކުރިއަށް އޮންނަ ލަފުޒުގެ ފަހު އަކުރު (ދާލު)ގެ ކުރިއަށް ސުކުން ކުރެވިފައި ވާ އަކުރެއް އިތުރު ވުން)

(2) ކަންދ +  ެއް؛ ހަންދ +  ަކީ؛ ރޮއްދ +  ާއި؛ ދޯއްދ +  ާ
(ކުރިއަށް އޮންނަ ލަފުޒުގެ ފަހު އަކުރު (ދާލު)ގައި އޮތް ފިއްޔާއި (އިބިފިއްޔާއި) ފަހަތަށް އޮންނަ ލަފުޒުގެ ފުރަތަމަ އަކުރު (އަލިފު) (ފަހަތަށް އޮންނަ ލަފުޒަކީ /އާ/ ކަހަލަ އެއް އަކުރުގެ ލަފުޒެއް ނަމަ، އެ ލަފުޒުގެ އަކުރު (އަލިފު)) އުނިވުން)

(3) ކަންޖ +  ެއް؛ ހަންޖ +  ަކީ؛ ރޮއްޖ +  ާއި؛ ދޯއްޖ +  ާ
(ކުރިއަށް އޮންނަ ލަފުޒުގެ ނިމޭ އަކުރު (ދާލު) ޖަވިޔަންޏަށް ބަދަލުވުން)

(4) ކަންޖެއް؛ ހަންޖަކީ؛ ރޮއްޖާއި؛ ދޯއްޖާ
(ފަހަތަށް އޮންނަ ލަފުޒުގެ ފުރަތަމަ އަކުރު (އަލިފު)ގައި އޮތް ފިލި، ކުރިއަށް އޮންނަ ލަފުޒުގެ ނިމޭ އަކުރު (ދާލު) ބަދަލުވީ ޖަވިޔަނީގައި ޖެހުން)

މަތީގައި ވާ ހަތަރު މިސާލަށް ބަލައިލާއިރު ފުރަތަމަ ދެ މިސާލާއި ދެން އޮތް ދެ މިސާލުގައި އެއް ތަފާތެއް އެބަަ އޮތެވެ. އެއީ ޖަވިޔަނީގެ ކުރިއަށް އިތުރުވާ ސުކުން ކުރެވޭ އަކުރެވެ. ފުރަތަމަ ދެ ލަފުޒުގައި ސުކުން ކުރެވިފައި އޮތީ ނޫނުގައެވެ. އަނެއް ދެ ލަފުޒު ގައި އަލިފުގައެވެ.

ދާލު އިބިފިއްޔަށް ނިމޭ ލަފުޒުލަފުޒުގެ ތެރެއިން، ދާލުގެ ކުރީގައި ސުކުންކުރެވިފައި އޮތް އަކުރެއް ނޯންނަ ލަފުޒުލަފުޒުގެ ދާލު، ޖަވިޔަންޏަށް ބަދަލުވާ ގޮތުގައި ޖަވިޔަނީގެ ކުރީގައި އޮންނާނީ ކޮން ކަހަލަ ސުކުނެއްކަން ކަނޑައަޅަނީ ދާލުގެ ކުރިއަށް އޮންނަ އަޑެވެ. އެ އަޑަކީ އެއްވެސް މިންވަރަކަށް ނޯށަށް ނާރުވައި އިއްވާ އަޑެއް ނަމަ ޖަވިޔަނީގެ ކުރީގައި އޮންނާނީ އަލިފު ސުކުނެވެ.

މިސާލު:   ބޯދި  -   ބޯއްޖެއް، ބޯއްޖަށް، ބޯއްޖަކީ، ބޯއްޖީ.

ދާލުގެ ކުރީގައި އޮންނަ އަޑަކީ ފަޅިނޯށުއަޑެއް ނަމަ (ލިޔާ އިރު ހުސްނޫނެއް ލިޔާ އަޑެއް ނަމަ) ޖަވިޔަނީގެ ކުރީގައި އޮންނާނީ ނޫނު ސުކުނެކެވެ. ހުސްނޫނު އުނިވުމާ އެކުގައެވެ. ފަޅިނޯށުއަޑު ފުރިހަމަނޯށުއަޑަކަށް ބަދަލުވަނީއެވެ.

މިސާލު:  ލޮނދި  -  ލޮންޖާ، ލޮންޖާއި، ލޮންޖަސް، ލޮންޖެވެ.

ދާލުގެ ކުރީގައި ސުކުންކުރެވިފައި ވާ އަކުރެއް އޮތް ނަމަ، މި ބަދަލުތަކެއް ނާދެ އެވެ. އެ ގޮތުގައި އެއް، އާއި، އަކީ ކަހަލަ އަކުރުތައް ގުޅެމުން ދާނީ މި ބަޔާންކުރާ ގޮތަށެވެ.

މިސާލު:  ރެހެންދި  -  ރެހެންދިއާއި؛ ރެހެންދިއަސް؛ ރެހެންދިއެވެ؛ ރެހެންދިއީ.
       ބުއްދި     -  ބުއްދިއެއް، ބުއްދިއަށް، ބުއްދިއަކީ، ބުއްދިއާ.

ވީ އިރު ނިދި، ނިންޖަށް މި ވަނީ ކީއްވެގެން ބާވައެވެ?؟ ސިންގަޅަބަހުގެ /ނިންދަ/ މި ލަފުޒާއި، ހިންދީބަހާއި، އުރުދޫބަހުގައި އޮންނަ /ނީންދު/ މި ލަފުޒާ ދިވެހިބަހުގެ ނިންޖާ ގުޅުން އެބަ ހުއްޓެވެ. ދިވެހިބަހަށް /ނިދި/ ގެނައީ ނީންދުން ނުވަތަ ނިންދައިން ކަމަށް ވާ ނަމަ މި ލަފުޒު ފުރަތަމަ ކިޔައި އުޅޭނީ /ނިނދި/ މި ގޮތަށް ކަމަށް ހީވެއެވެ. ލަފާކުރެވޭ ގޮތުގައި ޒަމާނާ އެކު ބަހަށް އައި ބަދަލުގެ ތެރޭގައި ނިނދި ކިޔާ އިރު އިއްވާ ފަޅިނޯށުއަޑު އުވިގެން ދިޔައީއެވެ. އެހެން ނަމަވެސް އެ ލަފުޒުގެ ރަނގަޅު ގޮތަކީ ނިނދި ކަމަށް ވާތީ އެ ލަފުޒުގެ ފަހަތަށް އިން، އެއް، އާއި، އަކީ ކަހަލަ ލަފުޒުލަފުޒު ގުޅޭ އިރު އިޚްތިޔާރެއް ނެތި ރަނގަޅު ގޮތަށް ކިޔެނީ އެވެ. (ނިދަންމިޔަރުގެ ވާހަކަ އަލުން ކިޔައިލަމާ ހިނގާށެވެ.)

ދެން ހަދާނީ ކިހިނެއް؟

ހެދިދާނޭ ގޮތް ގޮތް އެބަ ހުއްޓެވެ. އެއް ގޮތަކީ ނިދި އެއީ ރަނގަޅު ގޮތް ކަމަށް ބަލައިފައި ނިދީގެ ފަހަތަށް އެއް، އަށް، އާއި، އަކީ، ކަހަލަ ލަފުޒު އަންނަ އިރު ދާލު ބަދަލު ވާ ޖަވިޔަނީގެ ކުރީ ގައި އަލިފު ސުކުން ކުރުމެވެ. އޭރުން ނިދި ވާނީ ނިއްޖަށެވެ. އެކަމަކު މި ގޮތް މިހާރު ދުލަށާއި ކަންފަތަށް އެ ހައި ފަސޭހަ އެއް ނޫނެވެ. ދެވަނަ ގޮތަކީ ނިދީގެ ފުރަތަމަ އަޑު ފަޅިނޯށުއަޑުން ކިޔުމެވެ. އޭރުން ނިންޖެއް ނާދެއޭ ބުނާ އިރު ނިނދާނީއެވެ. މި ގޮތް ވެސް މިހާރަކު އެހައި ފަސޭހައެއް ނޫނެވެ. ދެން އެހެންވީއިރު ފަސޭހަ ގޮތަކީ ކޮބައި ހެއްޔެވެ?؟ ފަސޭހަ ގޮތަކީ ފަސޭހަ ގޮތެވެ. އެއީ މިހާރުގެ ގޮތެވެ. ނިންޖެއް ނާދެއޭ ބުނަމުން ނިދައިފައި މިއީ ވެސް އިސްތިސްނާއެކޭ ބުނުމެވެ. ގައިމު ވެސް އިސްތިސްނާގެ ލިސްޓު ދިގުވާނެތާއެވެ! އެއީ ވެސް ބަހަށް ލިބޭ ޚާއްޞަ ކަމަކަށް ވެދާނެ އެވެ!
(ނިމުނީ)

ނޯޓު: މިއީ ފަތްތޫރަ 271 (އޮކްޓޯބަރު 2001)ގައި ޝާއިޢުކޮށްފައިވާ މަޒުމޫނެކެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ