އަދުގެ ޚާއްސަ

Print

ޙަލާލު ސިޙުރު

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ދިރާސާ


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ކިޔާލާށެވެ! އެއަށްފަހު މީގައިވާގޮތަށް ޢަމަލުކުރާށެވެ!


އަހަރެމެން ސިޙުރު ދަސްކުރުމާމެދު ތިބާގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟ ސިޙުރޭ ބުނުމުން ކުޑަކޮށް ޖެހިލުންވާގޮތެއް ހުއްޓަސް މިއީ އެއްގޮތަކަށްވެސް ނުކޮށް ދޫކޮށްލާވަރުގެ ކަމެއްނޫނެވެ. ދަސްވެސް ކުރަންވީއެވެ. އަދި އެއާ އެއްގޮތަށް ޢަމަލުވެސް ކުރަންވީއެވެ.

ޙަލާލު ސިޙުރު ހެދުމަށްޓަކައި ވަރަށް ފަސޭހައިން ކުރެވިދާނެ ވިހި ކަމެއް، ވަރަށް ކުރުކޮށް ގެނެސްދޭނަމެވެ. ނަތީޖާ ބޭނުންނަމަ އަމިއްލައަށް މި ކަންކަން ކޮށްލާށެވެ.

1.    އިޚުލާޞްތެރި ހިތަކާއެކު އެހެންމީހުންގެ ކުރިމަތީގައި ހިނިތުންވާށެވެ!
2.    މީހަކާ ބައްދަލުވުމުން އޭނާއަށް މުސްލިމުންގެ ސަލާމުން ސަލާމް ކުރުމަށް ހަނދާން ކުރާށެވެ!
3.    ތިބާއަށްވީ އެންމެ ފުރިހަމަ ގޮތެއްގައި މީހުންނަށް މެހުމާނުދާރީ އަދާކޮށް މަރުޙަބާ ކިޔާށެވެ!
4.    ވަކިވާ ވަގުތު އޭނާއަށާއި އޭނާގެ ޢާއިލާގެ މީހުންނަށް ހެޔޮ ދުޢާ ކޮށްދޭށެވެ!
5.    ދުވަސްވީ މީހުންނަށް އިޙްތިރާމު ކުރާށެވެ!
6.    ކުޑަކުދިންނަށް ރަޙުމު ކުރާށެވެ!
7.    ތިބާގެ ކިބައިގައި ހުރި ޢައިބެއް މީހަކު ބުނެދީފިނަމަ އުފަލާއެކު އެކަން ބަލައިގަންނާށެވެ! (އެބަހީ: އެކަމާމެދު ވިސްނައި އެކަމެއް ރަނގަޅުކުރުމަށް މަސައްކަތް ކުރާށެވެ!)
8.    ވާހަކަ ދެއްކުމާއި އެނޫންވެސް ކަންކަމުގައި އަޑު ގަދަކުރުމުން ރައްކާތެރި ވާށެވެ!
9.    ކުށެއް ކުރެވުމުން އެ ކުށަށް އިޢުތިރާފުވެ އެކަމަށް މަޢާފަށް އެދޭށެވެ! އަދި ބަދަލު ދޭންޖެހޭ ކަމެއްނަމަ އޭގެ ބަދަލުވެސް ދޭށެވެ!
10.     ޢިއްޒަތްތެރީންނަށް ޢިއްޒަތް ދޭށެވެ!
11.     އެހެންމީހުންގެ ކުށްތައް އިޞްލާޙުކުރުމުގައި، ޙިކުމަތްތެރިކަމާއެކު އެމީހުންނަށް އެހީތެރިވެދޭށެވެ!
12.     މީހުންނަށް ނަޞީޙަތްތެރި ވުމުގައި ޙިކުމަތްތެރި ގޮތް ބޭނުންކުރާށެވެ!
13.     ދެއްކުންތެރިކަމުން ރައްކާތެރިވެ ހުރެ، (ތިމާއަށް ވީ ވަރަކުން) ފަޤީރުންނަށާއި މިސްކީނުންނަށް ހޭދަކުރާށެވެ!
14.     އަނިޔާއެއް ދީފި މީހަކަށް މަޢާފު ކުރާށެވެ!
15.     ރަޙިމުގެ ގުޅުންތައް ދަމަހައްޓާށެވެ! (އެބަހީ: ޢާއިލީ ގުޅުންތައް ދަމަހައްޓާށެވެ!)
16.     މީސްތަކުންގެ ޙައްޤު އޭގެ ޙައްޤުވެރިންނަށް އަދާކުރާށެވެ!
17.     ހިތާމައާއި މޮޅިވެރިކަން ކުރިމަތިވެފައިވާ މީހުންނަށް އެހީތެރިވެދޭށެވެ!
18.     ދަތި ޙާލު ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭށެވެ!
19.     ތިބާގެ ރަޙުމަތްތެރިޔާއަށާއި އަވަށްޓެރިޔާއަށް ކަމޭހިތާށެވެ!
20.     މުޖުތަމަޢަށް ފައިދާ ކުރަނިވި ކަންކަމުގައި ޙަރަކާތްތެރިވާށެވެ!

ނަތީޖާ :

މަތީގައި ބުނެވި ދިޔަ ކަންތައްތަކާއި އަދިވެސް މިފަދައިން ހުރި އެހެން ކަންކަން ކުރުމުގައި ދެމި ހުރުމުގެ ނަތީޖާއަކަށްވާނީ އެމީހަކާމެދު މީސްތަކުންގެ ހިތުގައި ޝައުޤުވެރިކަމާއި ލޯބި އުފެދި، އެއީ މީސްތަކުންގެ މެދުގައި މަޤުބޫލު މީހަކަށް ވުމެވެ. ސުރުޚީގައި ބުނެފައި އެވާ "ސިޙުރު" ގެ މާނައަކީ ބަޔާންވެ ދިޔަ ކަންކަން ކުރުމުން އެމީހަކާ ދޭތެރޭގައި މީސްތަކުންގެ ހިތުގައި އުފެދޭ އާދަޔާ ޚިލާފު ލޯތްބާއި ޝައުޤުވެރިކަމެވެ.

(ނިމުނީ)
މި ލިޔުން؛

     ފޮނުވުން:   އަލްފާޟިލް އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
     އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
     ޝާއިޢުކުރުން: ''         ''

ހަމަމިގަލަމުން

އިދާރާ

ވާހަކަ