އަދުގެ ޚާއްސަ

Print

އާ އަހަރުގެ ފުރަތަމަ ކިލާސް ... ހަދާނީ ކިހިނެއް؟

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ދިގު ޗުއްޓީއަކަށް ފަހު އަނެއްކާވެސް ދަރިވަރުންނާ ކުރިމަތިލާން ޖެހުނީ އެވެ. ފާއިތުވެ ދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، މުދައްރިސުން މި އަހަރު އަލަށް ކުރަން ރާވާފައިވާ ކިތަންމެ ކަމެއް ހުންނާނެކަން ޔަޤީނެވެ. ކިޔަވައިދިނުމުގައި ގެންގުޅޭނެ އުކުޅުތަކާއި، ކާމިޔާބުކަމާއެކު ފިލާވަޅުތައް ކުރިއަށް ގެންދިއުމުގައި ބޭނުންކުރާނެ އާ ހުނަރުތަކެވެ. ދަރިވަރުންގެ ސަމާލުކަން ހޯދައިގަތުމާއި، އުނގެނުމަށް ރަނގަޅު ވެއްޓެއް ޤާއިމު ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކެވެ. ބަސްނާހާ ކުދިން ރަމަތަ ކުރަން ހަދާނެ ގޮތްތަކާއި، ދިރާސީ އަހަރުގެ ފުރަތަމަ ކިލާހުގެ ބައްދަލުވުން ކާމިޔާބު ކުރުމަށްޓަކައި ކަންތައް ކުރާނެ ގޮތްތަކެވެ.

އާ އަހަރުގެ ކިޔެވުން ފެށި ދަރިވަރުންނާ ކުރިމަތި ލުމަށްޓަކައި މުދައްރިސުންވާ ތައްޔާރީތަކުގެ ތެރެއިން، ދިރާސީ އަހަރުގެ ފުރަތަމަ ކިލާހުގެ ބައްދަލުވުން ކާމިޔާބު ކުރުމަށްޓަކައި ފުރިހަމައަށް ތައްޔާރު ވުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ތަރުބަވީ ޢިލްމުވެރިން ވިދާޅުވެއެވެ. ޙަޤީޤަތުގައި މި ބައްދަލުވުމަކީ އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި [އުނގެނުމާއި އުނގަންނައި ދިނުމުގެ މާޙައުލުގައި] ކަންތައްތައް ވެގެންދާނެ ގޮތުގެ ފުރަތަމަ ތަޞައްވުރު އެކަށައަޅައިލެވޭ ބައްދަލުވުމެވެ.

ނަފްސާނީ ޢިލްމާއި ތަރުބަވީ ޢިލްމުގެ ޕްރޮފެސަރެއްކަމަށްވާ ޑރ. ނެފެލްކޭމްޕް (Knefelkamp) ކުރައްވާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި؛ އަހަރުގެ ކިޔެވުން ފެށި ދަރިވަރުންނާ ބައްދަލުވާ ފުރަތަމަ ކިލާހުގައި، ދަރިވަރުންނާއި މުދައްރިސުންވެސް އެއްބަޔަކު އަނެއް ބަޔަކާ "ވަރަށް ގާތް" ގުޅުމެއް އުފައްދަން ބޭނުންވެ އެވެ. އެހެންނަމަވެސް މިއިން އެއްބަޔަކަށް އަނެއް ބައެއްގެ ބޭނުން ވިސްނިފައެއް ނޯވެއެވެ. އަދި ދެ ފަރާތުގެ މި ބޭނުން ނުވިސްނި، ދެފަރާތުންވެސް ބޭނުންވެފައިވި "ގާތްކަން" [ފުރަތަމަ ބައްދަލުވުމުން] ޤާއިމު ނުކުރެވުމުގެ ނަތީޖާއަކީ އުނގެނުމާއި އުނގަންނައި ދިނުމުގެ "މޭވާ" އެކަށީގެންވާ ގޮތުގައި ޙާޞިލު ނުކުރެވުމެވެ.

ފުރަތަމަ ކިލާހުގެ ބައްދަލުވުމަކީ އީޖާބީ (ޕޮޒިޓިވް) ބައްދަލުވުމަކަށް ހެދުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ތަރުބަވީ ޢިލްމުވެރިންނާއި އުނގަންނައި ދިނުމުގެ ތަޖުރިބާކާރުންވަނީ ހުށަހަޅައި ދެއްވާފައެވެ. މީގެ ތެރެއިން ބައެއް ކަންކަން ބަޔާންކުރަމެވެ.

1.    ދަރިވަރުންނާ ކުރިމަތި ލުމަށްޓަކައި ތައްޔާރުވާންޖެހޭ ވަރަށް ވުރެ ބޮޑަށް ތައްޔާރުވާށެވެ.

2.    ގަޑި ނުޖެހި ކިލާހަށް ޙާޟިރުވާށެވެ. [ފުރަތަމަ ކިލާސް ޙާޟިރުނުވެ ދޫކޮށްނުލާށެވެ.]
 
3.    ކިލާހަށް ވަނުމާއެކު ދަރިވަރުންނަށް ސަލާމް ކުރާށެވެ.

4.    ހުރިހާ ކުދިންނަށް ބައިވެރިވެވޭ ކަހަލަ މަސައްކަތެއް ކުރިއަށް ގެންދާށެވެ. މިއީ ޢާއްމު މަޢުލޫމާތު އެއްކުރެވޭ ކަހަލަ ކުޑަ މަސައްކަތަކަށް ހެދުން ރަނގަޅެވެ.

5.    އާދައިގެ ގޮތަކަށް ވާހަކަ ދެއްކުމުން ފައްޓާށެވެ.

6.    އަމިއްލަ ތަޢާރުފެއް ދިނުން ވަރަށް މުހިއްމެވެ.

7.    ދިމާވެފައިވާ ކޮންމެވެސް މުހިއްމު ކަމެއްގެ ވާހަކަ ކިޔައިދޭށެވެ. [އެހެން މީހަކަށް ދިމާވެފައިވާ ކަމެއްވިޔަސް އެންމެ ރަނގަޅެވެ.] ނުވަތަ ފަހުގެ ކަމަކާ ބެހޭ އާ މަޢުލޫމާތެއް ދޭށެވެ. މީގެ ބޭނުމަކީ ދަރިވަރުންނާ މުދައްރިސާ ދެމެދުގައި މުޢާމަލާތު ކުރަން ފެށުމުގެ ފުރަތަމަ ފާލަން ޤާއިމު ކުރުމެވެ.

8.    ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ރާވާލާފައިވާ ގޮތުގެ ޢާއްމު ތަޢާރުފެއް ދަރިވަރުންނަށް ދޭށެވެ. [އިމްތިޙާނު ކުރެވޭނެ ގޮތްތަކާއި، މާކުސް ދެވޭނެ ގޮތާއި، ފިލާވަޅުތައް ބަހާލެވިފައިވާ ގޮތްވެސް ކިޔައިދެވިދާނެއެވެ.]

9.    ދަރިވަރުންގެ މަޢުލޫމާތު އެއްބަޔަކު އަނެއްބަޔަކާ ޙިއްޞާ ކުރުމަށް ފުރުޞަތު ދޭށެވެ.

10.    ވީހާވެސް ސާފުކޮށް، ދަރިވަރުންނަށް ފަހުމުވާނޭ ފަދަ ގޮތަކަށް ވާހަކަ ދައްކާށެވެ. [ދަރިވަރުންނާ އެކަށީގެންނުވާ ބަސްތަކާއި ޖުމުލަތައް ބޭނުން ނުކުރާށެވެ.]

11.     ދަރިވަރުންނާ މުޢާމަލާތު ކުރުމުގައި ހަށިގަނޑުގެ ޙަރަކާތްތައް ބޭނުން ކުރާށެވެ. އެހެންނަމެވެސް މިކަމުގައި ޙުދޫދުން ބޭރުނުވާށެވެ.

12.     މުދައްރިސްގެ ފަރާތުން ދަރިވަރުން ބޭނުންވާ ކަންކަން ސާފުކޮށް އޮޅުން ފިލުވުމަށް ފުރުޞަތު ދޭށެވެ.

13.     އުނގަންނައިދިނުމުގައި ބޭނުންކުރާ "ތްރީ އާރު" (3R)  އުކުޅު ބޭނުންކުރާށެވެ. [އެއީ: ރިޕީޓް = ތަކުރާރުކޮށް ކިޔައި ދިނުން، ރެސްޕޯންޑް = އަޑުއަހައި ޖަވާބު ދިނުން، ރީއިންފޯސް = އިތުރު ހިތްވަރު ދިނުން.]

ޢާއްމު އުޞޫލެއްގެގޮތުން، ދަރިވަރުންގެ ކުރިމައްޗަށް ނިކުންނަ ފުރަތަމަ ފަހަރު [މިއީ ބައެއް މުދައްރިސުންނަށް ކޮންމެ އަހަރަކު ތަކުރާރުކޮށް ކުރެވޭ ކަމެއް ކަމުގައި ވީނަމަވެސް] މުދައްރިސާއި ދަރިވަރުންގެ ކިބައިގައިވެސް ހިސާބެއްގެ ހިތް ނުތަނަވަސްކަމެއް ނުވަތަ ހާސްކަމެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމުގެ ސަބަބުން ކުރަން ހިތު އަޅައިގެން ދިޔަ ކަންތައްތައް ހަނދާން ނެތުން ނުވަތަ އެ ކަންތައްތައް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވި "މާޔޫސީ" ހިތަކާއެކު ކިލާހުން ނިކުންނަން ޖެހޭތަންވެސް އާދެއެވެ. އެހެންނަމަވެސް ހަނދާން ކުރަންވީ ކަމަކީ ދަރިވަރުންގެ ކުރިމަތީގައި ހުރެ ވާހަކަ ދައްކަން ޖެހިފައިވާ މުދައްރިސަކީ "އަމިއްލަ ހާސްކަން ނައްތައިލުމާއެކު" ، ދަރިވަރުންގެ ހުރިހާ ހާސްކަމަކާއި ހިތް ނުތަނަވަސްކަމެއް ފިލުވައިލަ ދިނުމުގެ މަސްއޫލިއްޔަތު ޙަވާލު ވެވިފައިވާ ފަރާތް ކަމެވެ.
     .............................
     (ނިމުނީ)

ހަވާލާ :

-     ޑެލިވީ އެލް ރައިޓް "ދަ މޯސްޓް އިމްޕޯޓަންޓް ޑޭ : ސްޓާޓިން ވެލް" http://honolulu.hawaii.edu
-    ޑޮނާލްޑް ގްރީވް "ޓީޗިންގ ސްޓްރެޓެޖީސް އެންޑް ޓެކްނިކްސް" ލޮރެއިން ކަންޓްރީ ކޮމިޔުނީ ކޮލެޖް/ ޔުނައިޓެޑް ސްޓޭޓްސް


މި ލިޔުން؛

     ފޮނުވުން: އަލްފާޟިލް އަޙްމަދު ޝާޒު ޢަބްދުލްޣަފޫރު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
     އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
     ޝާއިޢުކުރުން:  ''        ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ