އަދުގެ ޚާއްސަ

Print

އިސްލާމްފޯބިއާ

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދުނިޔެ


އިސްލާމީ ދުނިޔެ އާ ހުޅަނގާ ދެމެދުގައިވާ ހުރަސް

އިބްރާހީމް ރަޝީދު މޫސާ

އިސްލާމްފޯބިއާ އަކީ ތެދުތެދަށް ދަންނަވާނަމަ އައު މަސްއަލައެއްނޫނެވެ. އެކަމަކު 11  ސެޕްޓެމްބަރު 2001 ގެ ފަހުން މި މަސްއަލަ ވަނީ އަލުން ފެންމަތިވެފަ އެވެ. އެއީ ހުޅަނގާ އިސްލާމީ ދުނިޔެއާ ދެމެދުގައިވާ ގުޅުމުގެ މަސްއަލަ އެވެ.

އިސްލާމްފޯބިއާ " އަކީ ޚާއްޞަ އިޞްޠިލާޙެކެވެ. މި  ބަސް ހެދިފައިވަނީ ދެ ކަލިމައަކުންނެވެ. އެއީ އިސްލާމް އާއި ފޯބިއާ އެވެ. އިސްލާމްފޯބިއާ ގެ މާނައަކީ އިސްލާންދީން ދެކެ ހުޅަނގު ގަންނަ ބިރެވެ.  

ހުޅަނގު ގައި އެމީހުންގެ ސުވާލަކީ މުސްލިމުން އަހަރެމެންނަށް ނަފުރަތުކުރަނީ ކީއްވެހެއްޔެވެ؟ މި ސުވާލަށް ޖަވާބުދެމުން އެމީހުން ބުނަނީ އެއީ ހުޅަނގަށް ލިބިފައިވާ ސިޔާސީ ހަމަޖެހުމާއި އިޤްތިޞާދީ އަދި ޓެކްނޮލޮޖީގެ ކުރިއެރުމާ މެދު ޙަސަދަވެރިވާ ޙަސަދަވެރިކަމެވެ. އެއީ މާޒީގެ ޚިޔާލާތުގެ ސަބަބުން އެމީހުންގެ ބޮލަށް ވަދެފައިވާ ބިލާހެކެވެެ. އެމީހުންގެ ބޯދާ ވިސްނުމުގެ ސަބަބުން އެމީހުންވަނީ އެމީހުންގެ މުޖްތަމަޢުތައް ޒަމާނީކުރުމަށް ނުކުޅެދިފަ އެވެ. އެމީހުން ހުޅަނގާމެދު ދުޝްމަނުވަނީ މިހެންވެގެންނެވެ.

ބައެއް މުސްލިމުން މިއަށް ރައްދުދިނުމުގެ ތެރެއިން ލައިފާ ބުނާނީ އަހަރެމެންނާ ދެކޮޅަށް ހުޅަނގު ކައްކުވާ ބަޔަކީ ބައިނަލްއަޤްވާމީ ޔަހޫދިއްޔަތެވެ. މުސްލިމުންގެ ތެރެއިން ބައެއްމީހުން އަދިވެސް ޤަބޫލުކުރާގޮތުގައި ހުޅަނގަކީ އަދިވެސް  މުސްލިމުން އަޅުވެތިކޮށް ނިކަމެތިކުރުމަށް މަސައްކަތްކުރާ ޞަލީބީ ޚިޔާލުގެ ބައެކެވެ.

މި ވާހަކަތަކުގައި ތެދު ޙަޤީޤަތްތަކެއް ހުރެދާނެ އެވެ. ނަމަވެސް މިއީ އިސްލާމްފޯބިއާ ބަލީގެ ހުރިހާ ބަހާތަކެއްނޫނެވެ. ހުޅަނގުގައި މުސްލިމުންނާއި އިސްލަމްދީން ދެކެ ބިރުގަތުމުގެ ބަލި ފެތުރެމުންދަނީ ހުޅަނގުގެ މުޖްތަމަޢުތަކުގައި ފެތުރެމުންދާ ނުވަތަ ފަތުރަމުންދާ އިސްލަމްދީނާ އިދިކޮޅު ޝުޢޫރުތަކުގެ ސަބަބުންނެވެ. މުސްލިމުންނާ ދެކޮޅަށް ހުޅަނގުގެ މުޖްތަމަޢުތަކުގައި ފެންނަމުންދާ ބޭއިންޞާފުވެރި ސުލޫކިއްޔާތުތައް ގުޅިފައިވަނީ މިކަމާ އެވެ. ‏ފިކުރީ ފެންވަރުން ބަލާ އިރު އިސްލާމްފޯބިއާގެ ސަބަބަކީ އިސްލާމްދީނަކީ ވިލުންތެރިކަމެއްނެތް ހަރުކަށި ޢަޤީދާތަކެއްކަމުގައި ހުޅަނގުން ޤަބޫލުކުރުމެވެ. އެމީހުން ދެކޭގޮތުގައި  މި ޢަޤީދާތަކަކީ ހަރުކަށިކަމަށް ހިތްވަރުދޭ، އެހެންމީހުންނާ މެދު ނުބައިކޮށް ހީކުރުމަށް ގޮވައިލާ ޢަޤީދާތަކެކެވެ. އެއީ ކަޓުމުއްލާ ޚިޔާލުތަކެއްގެ ވެރި ބަޔެކެވެ. ހަމަބުއްދިއާ ދެކޮޅުހަދާ، އިންސާނީ ޙައްޤުތައް ނުދަންނަ ބައެކެވެ. މިކަމާ ހެދި ހުޅަނގުގައި މުސްލިމުންނާ އަވަށްޓެރިވެގެން ދިރިއުޅުމާ ދެކޮޅުހަދަ އެވެ. އަދި މިސްކިތްތައްބިނާކުރުމާއި އިސްލާމީ މުއައްސަސާތައް ޤާއިމުކުރުމާ ދެކޮޅުހަދަ އެވެ. ‏

ތަފާތުތަޙްލީލުތައް


ބައެއްމީހުން ދެކޭގޮތުގައި އެއީ ހުޅަނގުގެ ރައްޔިތުންގެ ސިކުނޑިތަކުގައި އިސްލާމްދީނާ ދެކޮޅަށް އަށަގެންފައިވާ އިދިކީލި ޝުޢޫރުތަކުގެ ސަބަބުން  ފެތުރެމުންދާ ބައްޔެކެވެ.  އަނެއްބަޔަކު ދެކޭގޮތުގައި އެއީ ބައިނަލްއަޤްވާމީ މަސްރަޙުގައި ހިނގާފައިވާ ބައެއް ހާދިސާތަކުގެ ސަބަބުން އިސްލާމީ ދުނިޔެއާ ހުޅަނގާ   ދެމެދުގައިވާ ގުޅުންތަކަށް ފޯރާފައިވާ  އަސަރުތަކުން ނުކުމެފައިވާ ނަތީޖާއެކެވެ. މި ފަދަ ހާދިސާތަކުގެ ތެރެއިން އެންމެބޮޑަށް ފާހަގަކޮށްލެވޭ ހާދިސާއަކީ 11 ސެޕްޓެމްބަރު ގެ ހާދިސާ އެވެ. މީހުންގެ ޚިޔާލުހޯދުމަށް ނެގެމުންދާ ވޯޓުތައް ބުނާގޮތުގައި ހުޅަނގާ އިސްލާމީ ދުނިޔެއާ ދެމެދުގައިވާ ހުސްކަން ދަނީ ދުވަހެއްދުވަހަކަށް ފުޅައުވަމުން ފުންވަމުންނެވެ. އިސްލާމީ ޢަލާޤާތްތަކާބެހޭ އެމެރިކާ މަޖްލިސް ބުނާގޮތުގައި  2005 ވަނައަހަރާ އަޅައި ބަލާ އިރު މުސްލިމުންނާމެދު މުޢާމަލާތު ކުރެވޭގޮތާއި މުސްލިމުންނަށް ކުރެވޭ ޖެއްސުންކުރުންތައް 2006 ވަނައަހަރުވަނީ 25 % އިތުރުވެފަ އެވެ.
   
ޔޫރަޕް ގައި ބިދޭސީންނާމެދު މުޢާމަލާތުކުރެވޭގޮތާއި ނަސްލީ އިމްތިޔާޒުގެ ސުލޫކާ ބެހޭގޮތުން 2006ވަނައަހަރުގެ ޑިސެމްބަރުގައި ޔޫރަޕްގެ ކަމާބެހޭ މަރުކަޒުން ނެރުނު ރިޕޯޓްބުނާގޮތުގައި ޔޫރަޕް ގައި، ތަޢުލީމީ މައިދާނާއި، ވަޒީފާގެ މައިދާނާއި ބޯހިޔާވަހިކަމުގެ މައިދާނާއި ޢަދްލުއިންޞާފުގެ ޢާއްމު މައިދާނުގައި މުސްލިމުންނާ މެދު ޢަމަލުކުރެވޭގޮތް ވަރަށް ބޭއިންސާފެވެ. ކީރިތިރަސޫލާ އާ ބެހޭގޮތުން ޑެންމާކުގައި ކާޓޫނެއް ކުރެހުމާއި، ވެޓިކަންގެ  އިސްވެރިއާ ޕޯޕް ބެނެޑިކްޓް (16 ވަނަ) އިސްލާމްދީނަކީ ހަރުކަށިކަމަށް ހިތްވަރުދޭ ދީނެއްކަމަށް ފާޅުގައި ބުނިބުނުމާއި، ފަރަންސޭސިވިލާތުގައި މަދަރުސާތަކުގައި ކިޔަވާ މުސްލިމް އަންހެންކުދިންނަށް ބޯނިވާކުރުން މަނާކުރުމާއި،   ހޮލެންޑްގެ ޕާރލަމެންޓް މެންބަރެއްކަމުގައިވާ  ގަރޓް ވިލްޑަރޒް އިސްލާމްދީނަކީ ފެޝިސްޓް ދީނެއްކަމަށް ބުނުންފަދަ ކަންތައްތަކަކީ ފާހަގަކޮށްލެވޭ ކަންތައްތަކެކެވެ. މި ފަދަ އެތައް ކަންތައްތަކެއް ހިނގައިފައި ވެ އެވެ.  އަދި މި ފަދަ ކަންތައްތައް ހިނގަމުން އެބަދެ އެވެ. އެންމެފަހުގެ ކަންތައްތަކާ ދިމާއަށް އެނބުރިލައިފި ނަމަ،  ނިވްޔޯރކްގައި 11 ސެޕްޓެމްބަރުގެ ހާދިސާ ހިނގިތަނުގައި މިސްކިތެއް ބިނާކުރަން އުޅުމުން ބޭއްވި މުޒާހަރާތަކާއި، 50 ހަކަށް މީހުން ވެސް ނާރާ ފައްޅިއެއްގެ ފާދިރީއެއްކަމުގައިވާ ޓެރީ ޖޯންސް ނަމަކަށް ކިޔާމީހަކު  މަޝްހޫރުވާންވެގެން މުޞްޙަފުތަކެއް އަންދަން އުޅުނު އުޅުން ފާހަގަ ކޮށްލެވެ އެވެ.  
ހުޅަނގުގެ މަރުކަޒަކުން ޝާއިޢުކުރި ޚިޔާލުހޯދުމުގެ ވޯޓެއް ބުނާ ގޮތުގައި މުސްލިމުން ހުޅަނގު ދެކެ ނަފްރަތުކުރަނީ އެމީހުންގެ ހަރުކަށިކަމާއި، އަމިއްލަ އެދުންބޮޑުކަމާއި ޙައްދުފަހަނަޅާގޮސްފައިވާތީ އެވެ. ތިރީގައި މިވަނީ މި ވޯޓުގެ ކުރު ޚުލާޞާއެކެވެ.

ޤައުމު

ހަރުކަށިކަމުން  %

އަމިއްލައެދުން ބޮޑުކަމުން %

ޙައްދުފަހަނަޅާގޮސްފައިވާތީ %

މިޞްރު

75

36

61

އުރްދުން

18

73

68

ނައިޖީރިއާ

64

56

49

ތުރްކީވިލާތް

70

69

67

އިންޑޮނީޝިއާ

64

81

41

ޕާކިސްތާނު

49

54

24


ޙައްލެއް އެބަ އޮތްތަ؟


ވޭތުވެދިޔަ 9އަހަރުގެ ތެރޭގައި އިސްލާމްފޯބިއާ ވަނީ ވަރަށް ބޮޑަށް ތަރައްޤީވެފަ އެވެ. ސެޕްޓެމްބަރު 11 ގެ ކުރިން މި ބަލީގެ ވާހަކަތައް އައިސްފައިވަނީ މީޑިއާގައި ދެވޭ ބައެއްބަޔާންތަކާއި ޝާއިޢުކުރެވޭ ބައެއް ލިޔުންތަކުގަ އެވެ. ނަމަވެސް ސެޕްޓެމްބަރު 11 ގެ ފަހުން އެމެރިކާ ސަރުކާރުގެ ރަސްމީ ބަޔާންތަކާއި އެކެޑެމިކް ބޭފުޅުންގެ ލިޔުއްވުންތަކުގައި މި މުޞްޠަލަޙު  ބޭނުންކުރެވެން ފަައިފި އެވެ. އެމެރިކާ ގައި އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގައި  ސިޔާސީ މަސްއަލައެއްގެ ގޮތުގައި ވެސް އިސްލާމްފޯބިއާ ނަގައިފާ ވެ އެވެ.
މި ބައްޔަށް ފަރުވާ ދެވޭނީ ދެފަރާތުން ވެސް ފިޔަވަޅުތަކެއް އަޅައިގެންނެވެ. އިސްލާމްދީނަކީ ސަމާޙަތުގެ ދީނެއްކަން ޤަބޫލުކޮށްގެންނެވެ. އަދި މުސްލިމުން ވެސް މިކަން ޢަމަލީގޮތުން ހާމަކޮށްދީގެންނެވެ. މުސްލިމުންނަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅުހަދާ ބައެއްކަމުގައި ޤަބޫލުކުރުމަކީ ހަމަގައިމު ވެސް ކުށެކެވެ. ހުޅަނގުގައި މިހާރު އޮތް މިނިވަންކަމާއި އެހެންމީހުންގެ ވާހަކަތައް އަޑުއެހުމަށް ދޭ ސަމާލުކަމަކީ މުސްލިމުން ވެސް ޤަބޫލުކުރާކަމެކެވެ. ނަމަވެސް މުސްލިމުންނާ އެކު ވާހަކަދައްކާ އިރު މި ނަމޫނާ އެމީހުންނަށް ދެއްކިފައިނުވާކަން ފާހަގަކުރެވެ އެވެ. އެމީހުން އެމީހުންނާ މުޢާމަލާތު ކުރާ ގޮތާ، އެމީހުން މުސްލިމުންނާ އެކު މުޢާމަލާތު ކުރާ ގޮތް ވަރަށް ތަފާތެވެ. އިސްލާމް- ކްރިސްޓިއަން ޑައިލޯގް  ކުރިއަށް ނުގޮސް ހުއްޓިފައިވަނީ ކީއްވެގެންތޯއެވެ. ޚިޔާލު ހޯދުމުގެ ވޯޓްތަކުގައި ބައިވެރިވި ހުޅަނގުގެ ގިނަބަޔަކު ބުނިގޮތުގައި ހުޅަނގު- އިސްލާމް ގުޅުން ރަނގަޅުވާނީ ހުޅަނގުން އިސްލާމްދީނަށް އިޙްތިރާމު ކުރަންފެށުމުންނެވެ. އަދި އިސްލާމީ ޤައުމުތަކުގެ ދާޚިލީކަންތައްތަކާ ބެހުން ހުއްޓާލިދުވަހަކުންނެވެ. އަދި މުސްލިމުން ނަޞާރާ ކުރުމާ  ދުރުހެލިވި އިރަކުންނެވެ.
----------------
 (ނިމުނީ)


މި ލިޔުން؛

    ފޮނުވުން:   އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު)
    އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން:   ''         ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ