އަދުގެ ޚާއްސަ

Print

ކަރުނައިގެ މުތީ (2)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ


ތަރުޖަމާ ކުރީ: މުޙަންމަދު ޝާހިދު ޙަލީމު (2002)
                           12 ޖަނަވަރީ (ބުދަ) އާ ގުޅޭ..

މި ދެ ގޮތަކީ ވެސް ފިކުރު ބޮޑުވާން ޖެހޭ ދެ ގޮތެވެ. މާތް މަލިކާ ވަރަށް ގިނައިރު ވަންދެން އެ މައްސަލައާ މެދު ފިކުރުފުޅު ކުރައްވަމުން ކޮޓަރިކޮޅުގައި ދެ ކޮޅަށް ހިންގަވާން ހުންނެވިއެވެ. އެއަށްފަހު ތީރުއެޅި އަންހެން ފޯރިވެރިއެއް ގެންނެވިއެވެ. އަދި މަތީ ކޮޓަރީގެ ޓެރަސް މައްޗަށް ދިއުމަށާއި، ޝެހެޒާދާ ޚުއްރަމްގެ ގަނޑުވަރާއި އާޞިފު ޚާންގެ ގެކޮޅާ ދެމެދު ކޮތަރެއް އުދުހޭ ތަން ފެނިއްޖެ ނަމަ ތީރުޖަހައި ވައްޓައިލުމަށް އަމުރުކުރެއްވިއެވެ. ފޯރިވެރިއާ ކޮޓަރީގެ ޓެރަސްމަތީގައި ހުށްޓެވެ. ހެނދުނު ފާއިތުވެ މެންދުރުވެއްޖެއެވެ. ހަވީރުވީ ފަހުން ކޮތަރެއް ފެނިއްޖެއެވެ.އެ ސޮރުގެ މިސްރާބު ހުރި ގޮތުން އެ ސޮރު އެ އަންނަނީ ނަވާބު އާޞިފު ޚާންގެ ގެކޮޅުން ކަމާއި މަންޒިލަކީ ޝެހެޒާދާ ޚުއްރަމްގެ ގަނޑުވަރު ކަން އެނގެއެވެ. ފޯރިވެރިޔާ ދުނިދަނޑީގައި ދުންޏެއް ރުވައިފައި ދޫކޮށްލިއެވެ. އަމާޒު ސީދަލެވެ. ހަމަ އެހެންމެ ޝެހެޒާދާ ޚުއްރަމާއި ޝާހު ބާނޫއާ ދެމެދު ސިޓީބީޓީ ބަދަލު ކުރެވޭ ކަމަށް ލަފާކުރެވުނު ލަފާކުރުން ވެސް ސީދަލެވެ.

މަލިކާ ނޫރު ޖަހާން ލެއިން ކަޅިވެފައި އޮތް ކޮތަރުގެ ފައިގައި ހަރުކޮށްފައި އޮތް ކަރުދާސްގަނޑު ނަންގަވައި ނިއުޅައިލައްވައިފައި ވިދާޅުވިއެވެ. އޭގައި ލިއެފައި އޮތެވެ.

މަތިވެރި މާތް ޝެހެޒާދާއަށް ކަނީޒު ވެދުން ދަންނަވައެވެ. މަނިކުފާނު ފިނިފެންމަލޭ ތިޔަ ވިދާޅުވާ މާ ކުރިއްސުރެން ވަނީ ކަށިތަކުގެ ތެރޭގައި ހައްޔަރުވެފައެވެ. މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި އަޅުގަނޑު އިމްތިޙާން ނުކުރައްވާށެވެ. އަޅުގަނޑުގެ ފައިގައި ވަނީ ލަދުވެތިކަމުގެ ހިލިހިލައެވެ. އަދި ބައްޕަގެ ޢިއްޒަތާއި ޝަރަފަށް ވެސް ބަލާންޖެހެއެވެ. މަނިކުފާނުގެ އަރިހުގައި އަޅުގަނޑު ދަންނަވާ އާދޭހަކީ އަޅުގަނޑުގެ މަޖުބޫރީތަކަށް ޚިޔާލުކުރައްވައި، އަޅުގަނޑުގެ އިންތިޒާރުގައި މަނިކުފާނުގެ އަގުހުރި ވަގުތުތައް ބޭކާރު ނުކުރެއްވުމެވެ. އަޅުގަނޑު މަނިކުފާނުގެ އަމުރުފުޅަކާ ދެކޮޅެއް ނުހަދަމެވެ. އަބުރުވެރިކަމުގެ ދާއިރާއިން ދަނޑިވަޅެއް ލިބިއްޖެ ނަމަ، މި ކަނީޒު މަނިކުފާނުގެ ފައިންޕުޅު ދޮށަށް އޭނާގެ ފުރާނަ ޤުރުބާންކޮށްލާނެއެވެ. ...

އެ ސިޓީގައި ލިއުނު މީހާގެ ސޮއެއް ނެތެވެ. މާތް މަލިކާގެ ނިތްކުރިފުޅަށް ރޫއެރިއެވެ. ނަން ނެތް ނަމަވެސް ޢިބާރާތްކޮށްފައިވާ ގޮތުން އެއީ ޝާހު ބާނޫ ލިއުއްވައިފައިވާ އެއްޗެއް ކަން އެނގެއެވެ. ޝާހު ބާނޫ އަކީ ކުށެއް ނެތް، ލަދުވެތި ބޭފުޅެއް ކަން މި ސިޓީން އަންގައި ދެއެވެ. ޝެހެޒާދާ ކޮންމެވެސް ތަނެއްގައި އެކަމަނާއަށް އިންތިޒާރުކުރައްވާން ބޭނުންފުޅުވަނީއެވެ. އެކަމަކު އެކަމަނާ އެމަނިކުފާނާ ބައްދަލުކުރައްވާން ދެކޮޅުހައްދަވައިފައި ވަނީއެވެ.

އެއްވެސް ޝައްކެއް ނެތެވެ. ޝާހު ބާނޫގެ ކުށެއް ނެތެވެ. އެހެން ނަމަވެސް އެކަމަނާގެ އެންމެ ބޮޑު ކުށަކީ، ވަލީ ޢަހުދު އެކަމަނާއާ ހެދި މޮޔަފުޅުވުމެވެ. އަދި އެ މޮޔަފުޅުކަމުގައި މަލިކާގެ ލޯފުޅުގެ އަލިކަން، ލާޑްލީ ބޭގަމް އެއްފަރާތްކޮށް ލެއްވުމެވެ. މިއީ ހަމަ އެކަނި ލާޑްލީ ބޭގަމަށް ލިބިވަޑައިގަތް ތައުހީނެއް ނޫނެވެ. މާތް މަލިކާއަށް ވެސް ލިބިވަޑައިގަތް ތައުހީނެކެވެ. މި ހައި ތަނާ ޖެހެންދެން ވެސް އެކަމަނާ ރާއްވަވައިފައި ވަނީ، އެކަމަނާގެ ދަރިކަނބަލުން ވަލީ ޢަހުދާ ކާވެނިކޮށް ދެއްވައިގެން، އެކަމަނާއަކީ ހިންދުސްތާނުގެ މަލިކާއަށް ހެއްދެވުމަށެވެ. އެކަމަކު ޝެހެޒާދާ އެ ދަރިކަނބަލުންގެ އަގުވައްޓައިލެއްވުމުން، ގަދަކަމުން ކާވެނިކޮށް ދެއްވުމަކީ މަލިކާއަށް ލިބިވަޑައިގަންނަވާ ތައުހީނެކެވެ. މަލިކާ މުޢައްޡިމާގެ ދަރިކަނބަލުންގެ ކާވެނިފުޅަށް މީހުން މަދެއް ނޫނެވެ.

ހަމަ އެ ދުވަހު މަލިކާ ހިތްޕުޅާ ހިތްޕުޅުން ނިންމެވުމެއް ނިންމެވިއެވެ. އެއީ ކުރިއަށް އޮތް ތާނގައި ޝެހެޒާދާ ޚުއްރަމްގެ ބަދަލުގައި ޝެހެޒާދާ ޝެހެރިޔާރު ވަލީ ޢަހުދަކަށް ހެއްދެވުމެވެ. އަދި ޝެހެރިޔާރާއި ލާޑްލީ ބޭގަމްގެ ކާވެނިފުޅުކޮށް ދެއްވުމެވެ. މި ނިންމެވުމާ ހަމައަށް ޢަމަލީ ގޮތުން ވަޑައިގަތުމުގެ ކުރިން، ޝެހެންޝާހް ޖަހާންގީރްގެ އަރިހުގައި، ޝެހެޒާދާ ޚުއްރަމްގެ އަގުވައްޓައިލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އަދި އެއަށް ވުރެން ވެސް ކުރިން ބޭނުންވާނީ ޝެހެޒާދާ ލޯބީގައި ބޮޑަށް ކަސްތޮޅު އެޅުވުމެވެ. ޅޯބިވެރިޔާގެ ވަކިވުމުން ވޭންލިއްބައި ދިނުމެވެ. ވެރިކަން ކުރަނީ ނަމަ ލޯތްބެއް ނުވެވޭނޭކަމާއި، ލޯބިވެރީންނަކީ ވެރިކަން ކުރުމުގެ ޤާބިލުކަން ހުރި ބައެއް ނޫން ކަން އޭރުން އެނގޭނެއެވެ.

ލޯބީގައި ޖެހިފައިވާ ދީވާނާ ބާދުޝާހެއްގެ މިސާލު މި ވަނީ ކުރިމަތީގައެވެ. ޖަހާންގީރަކީ އެ ފަދަ ލޯބިވެރިއެކެވެ. ޖަހާންގީރް މަލިކާ ނޫރު ޖަހާން ދެކެ ވެވަޑައިގަންނަވާ ލޯބިފުޅު ރައްޔިތުންނަށް ވެސް ވަންހަނާވެފައެއް ނެތެވެ. މެހުރުއްނިސާ ގަނޑުވަރަށް ގެންނަވައި މަލިކާ ނޫރު ޖަހާނަށް ހެއްދެވުމަށް ފަހު އަމިއްލަފުޅު ބުއްދިފުޅާއި ވިސްނުންފުޅު ދޫކޮށްލެއްވިއެވެ. އަބަދު މަލިކާގެ އަތްޕުޅުގެ ތެރެއަށް އަމިއްލަފުޅު ވުޖޫދު ގަންބަވައިލައްވައިފައި ބޭއްވެވިއެވެ. ދީވާނާކަން ހުރި މިންވަރަކީ، އެ ޕަރީއެއް ފަދަ ޖަހާން އާރާގެ ރުހިވަޑައިގަތުމާ ނުލައި ނޭވާފުޅެއް ވެސް ނުލައްވައެވެ.

މަޑުމަޑުން ގޮސް ރަސްކަމުގެ ހުރިހައި އަމުރުތަކާއި ވެރިކަމުގެ ހުރިހައި ބާރުތަކެއް މަލިކާގެ އަތްޕުޅަށް ލިބިވަޑައިގެންފިއެވެ. ލޯބީގައި ހަފުސްވެވަޑައިގެންފައި ވާ ޝެހެންޝާހް ޖަހާންގީރަކީ ހަމައެކަނި ނަމަކަށް ވިއެވެ. ޚުދު ބާދު ޝާހު ސަލާމަތުގެ ބަސްފުޅަކީ ވެސް ތިމަން މަނިކުފާނު ވެރިކަން މަލިކާއަށް ދެއްވައިފީމެވެ. ތިމަން މަނިކުފާނަށް ރާ ގަލަހަކާއި ބައި ސެރު މަސް ފިޔަވައި އެހެން އެއްޗެއް ބޭނުމެއް ނުވެއެވެ.

ލޯބިވެރީން ވެރިކަމަށް އެކަށީގެންނެއް ނުވާ ކަން ވަގުތު ސާބިތުކުރަމުން ގެންދެއެވެ. މަލިކާ މުޢައްޡިމާ ކުޑަދޮރުކޮޅު ކައިރިއަށް ވަޑައިގެން ފެނިވަޑައިގަތުމުން، އަމީރުންނާއި ވަޒީރުން ހާޒިރުވެވަޑައިގެން އަދަބު އަދާކުރައްވައެވެ. ހުރިހައި ބޭފުޅުން އެކަމަނާގެ އަމުރުފުޅުތަކަށް ޢަމަލު ކުރައްވައެވެ. ތަފާތު ސޫބާތަކުގެ އަމީރުންނަށް ފޮނުއްވާ ފަތްކޮޅުތަކުގައި، ބާދު ޝާހުގެ އަނބިކަނބަލުން، މަތިވެރި، މާތް ނޫރު ޖަހާންގެ އަމުރުފުޅުގެ ތައްގަނޑު އޮވެއެވެ. ޝާހީ ސިއްކަފުޅުގެ ކާފިޔާ އެއް ގޮތް ލިއުންކޮޅަކީ، ނޫރު ޖަހާން ގުޝްތެ ބަޙުކުމް އިލާހް، ހަމްދަމޯ ހަމްރާޒް ޖަހާންގީރް ޝާހް (ކަލާނގެ އަމުރުފުޅުގެ މަތިން ހިންގަވާ، އަދި ޝާހް ޖަހާންގީރްގެ އެކުވެރި، ސިއްރުވެރި ނޫރު ޖަހާން) އެވެ.

ޚުޠުބާ ކިޔަނީ ޖަހާންގީރުގެ ނަންފުޅުގައެވެ. އެކަމަކު ފައިސާފޮތީގައި ބިންވަޅު ނަގައިފައިވާ ބައިތުގައި ޖަހާންގީރުގެ ނަންފުޅާ އެކުގައި އަނބިކަނބަލުންގެ ނަންފުޅު ވެސް އޮވެއެވެ. (ސައްތަ ޒޭވަރު އާމްދަނީގެ ވެރި ޝާހް ޖަހާންގީރުގެ އަމުރުފުޅަށް، ބާދުޝާހުގެ ރަން ފަދަ އަނބިކަނބަލުން ނޫރު ޖަހާންގެ ނަންފުޅު ގައި.)

މަލިކާ މުޢައްޡިމާ ތާރީޚުގެ ޢިބްރަތްތެރި ބާބެއް ލިއުއްވަމުން ގެންދަވަނީ އެވެ. އަންހެނުންގެ ބާރު ނުހިނގާ ފިރިހެނުންގެ ދުނިޔޭގައި، އެކަމަނާ، އެކަމަނާގެ ބާރުފުޅު ހިންގަވަނީއެވެ. އެކަމަނާގެ ދުރުވިސްނާވަޑައިގަތުމާއި، އެހެން އަންހެނަކަށް އެއްފަދައެއް ނުވެވޭނެއެވެ. ދުރަށް އަސަރު ފޯރާ ނަތީޖާއަށް އެކަމަނާ ސަމާލުކަން ދެއްވައެވެ. އަމީރުންނާއި ވަޒީރުންނާއި ސޫބާތަކުގެ ވެރީން، މަލިކާގެ އަމުރުފުޅާއި ރަސްގެފާނުގެ ދީވާނާފުޅުކަމާ މެދު، ނުފެންނަ ހިސާބުގައި ނުރުހުންފުޅާ އެކު ވާހަކަފުޅުދައްކަވާ ކަން އެކަމަނާއަށް އެނގިވަޑައިގަނެއެވެ. މި ޙަޤީޤަތަށް ބައްލަވައިފައި، ބައްޕާފުޅެކޭ އެއް ގޮތަށް ޙޫރެއްގެ ލޯބީގައި ހައްޔަރުވެވަޑައިގެންފައި ވާ ޝެހެޒާދާއެއްގެ ރަސްކަން ކުރިއަށް އޮތް ތާނގައި އެ ބޭފުޅުން ގަބޫލެއް ނުކުރައްވާނެއެވެ. އެހެންކަމުން ޝެހެރިޔާރަކީ ވަލީ ޢަހުދަށް ހެދުމަށް ޚުއްރަމް ލޯބީގައި ދީވާނާކުރާން މަޖުބޫރެވެ. މާތް މަލިކާގެ ސިޔާސީ ވިސްނުންފުޅާއި ޙިކްމަތު ޢަމަލީއަކީ މިއީއެވެ.
    
* * * * *
    
ޝެހެޒާދާ ޚުއްރަމް ހަވީރުވާންދެން ކޮތަރަށް އިންތިޒާރުކުރެއްވިއެވެ. އެ ކޮތަރު މާތް މަލިކާގެ ސިޔާސީ ތީރުގެ އަމާޒުފަތްގަނޑަކަށް ވެއްޖެ ކަމެއް އެމަނިކުފާނަށް އެނގިވަޑައިގެންފައެއް ނެތެވެ. އިރުއޮއްސުމުން، ނަވާބުޒާދީ ޝާހު ބާނޫ އެމަނިކުފާނުގެ ލޯބިފުޅުގެ ޖަވާބުގައި ލޯބިފުޅެއް ނުދެއްވިޔޭ ހިތްޕުޅަށްއަރައި އެމަނިކުފާނު މާޔޫސްވެ ވަޑައިގަތެވެ. އެކަމަކު ޝާހު ބާނޫ އެ މާފަތި ގަބޫލުކުރެއްވިކަން އެ ވަގުތު ހިތްޕުޅަށްއެރިއެވެ. އަދި ޝާހު ބާނޫގެ ހިތްޕުޅުގައި އެމަނިކުފާނުގެ މައްޗަށް ލޯބިފުޅު ފޮރުވިފައިވާ ކަމަށް މާ ވިއްކާ ކަނބުލޭގެ އެރުވި ޔަގީންކަން ވެސް ހަނދުމަފުޅުވިއެވެ. މި ކަންކަން ހަނދުމަފުޅުވުމުން އަނެއްކާ ވެސް ހިތްޕުޅުގައި އުންމީދު ޒުވާންވިއެވެ. ހިތްޕުޅު ދެންނެވިއެވެ. ޝާހު ބާނޫ އެ ވަނީ އެކަމަނާގެ ފިޠުރީ ލަދުވެތިކަމުން މަޖުބޫރުވެ ވަޑައިގެންފައެވެ. ހަމަހިމޭންކަން ޚިޔާރުކުރެއްވީ އެހެން ވެގެންނެވެ. އެކަމަނާ ޖަވާބުފުޅެއް ނުދެއްވީ އެހެން މީހުންނަށް އެނގިދާނެތީ ބިރުފުޅުން ކަމަށް ވެދާނެއެވެ. އެހެންނަމަވެސް ހިތްޕުޅުގެ ޖަޒުބާތު އެކަމަނާ ޖަމުނާގެ އައްސޭރިއަށް ގެންދާނެއެވެ.

އަނެއްކޮޅުން ޝާހް އަރްޖަމަންދު ބާނޫ ބެލްކަނީގެ ތަނބެއްގައި ލެނގިވަޑައިގަންނަވައިގެން އިންނެވިއެވެ. ސާދަ ވިލޭރޭގެ ހަނދު ފުރިހަމަ އަލިކަމާ އެކު ވިދަވިދައި ހުއްޓެވެ. ކުރިފުޅުމަތިން ސަތޭކައެއްހައި ފިޔަވަޅު ދުރުގައި އެހެރީ ބާރާދަރީއެވެ. ޝެހެޒާދާ ޚުއްރަމް އެ ބާރާދަރީ ހޮއްވެވީ ނަވާބު ޒާދީއަށް ގަނޑުވަރުން ނުކުމެ ވަޑައިގަންނަވައިގެން، އެ ކައިރި ދޭތެރެ ގިނިކަންޏާ ވެސް ހުރަސްކޮށްލެއްވޭނޭތީއެވެ. އެކަމަކު އެކަމަނާ ގިނިކަންޏާ އިންނަވައިގެން އެކަމަނާގެ ނިންމެވުމާ މެދު ހިތާމަފުޅުކުރައްވަނީއެވެ. އެ ޝެހެޒާދާއެއްގެ ލޯބި ހިތްޕުޅުގައި ރައްކާކުރައްވައިފައިވާ ޝެހެޒާދާއާ ބައްދަލުކުރެއްވުމުގެ ރަން ފުރުޞަތު އެކަމަނާ ވަނީ ނަންގަވައިލައްވައިފައެވެ. އެކަމަނާގެ ހިތްޕުޅަށްއަރަމުން ދިޔައެވެ. ފެންގަނޑެއް ފަދައިން ހުއްޓިފައި އޮތުމުން މަންޒިލަކަށް ނުފޯރާނެއެވެ. މަންޒިލަށް ދިއުމަށް ޖެހޭނީ ކޯރެއް ފަދައިން ދެމެމުން ދާށެވެ.

އެކަމަނާ ނުތަނަވަސްފުޅުކަމާއެކު ތެދުވެވަޑައިގަތެވެ. އިރުކޮޅެއް ވާންދެން ދެކޮޅަށް ހިންގަވަމުން ގެންދެވިއެވެ. ދެން ސިޑި ހުރަސްކުރައްވައި ތިރިއަށް ބަގީޗާއަށް ވަޑައިގަތެވެ. ކުރިފުޅުމަތީގައި ހުރީ ބާރާދަރީއެވެ. އޭގެ ބިއްދޮށުން ޖަމްނާގެ އައްސޭރިއެވެ. އެ މަންޒަރު އެއާ ދިމާއަށް އެކަމަނާ ދަމަމުން ގެންދިޔައެވެ. ހިތުގެ ޖަޒުބާތުގެ ދަގަތްފާނެވެ. އެކަމަނާ އަމިއްލަ ހިތްޕުޅަށް ވިސްނައިދެއްވަމުން ކުރިއަށް ވަޑައިގަތެވެ. ޝެހެޒާދާއަށް އެމަނިކުފާނުގެ ލޯބީގެ ސިޓީގެ ޖަވާބު ލިބިވަޑައިގަތުމުން މާޔޫސްވެވަޑައިގެންފާނެއެވެ. ދެން އެމަނިކުފާނު ވަޑައެއް ނުގަންނަވާނެއެވެ. ބާރާދަރީގައި އޮންނާނީ ފަޅުކަން ކަން ނޭނގެއެވެ. އެ ފަޅުކަމުގެ ތެރެއަށް ވަޑައިގެން އެކަމަނާ ޙަޤީޤަތުގެ މައްޗަށް ވިސްނާވަޑައިގަންނަވާނީއެވެ. މިއީ ގޮތެއް ނިންމުމުގެ މުހިންމު ވަގުތެވެ. މި ވަގުތު ފާއިތުވެއްޖެ ނަމަ އެ ބާރާދަރީއެކޭ އެއްފަދައިން މުޅި ދިރިއުޅުން ފަޅުވާނެއެވެ.

ބާރާދަރީގެ ދުނިދަނޑި ދޮރާ ހަމައަށް ވަޑައިގެންފައި އެކަމަނާ ސިހިވަޑައިގަތެވެ. ޝެހެޒާދާ ޚުއްރަމް ކުއްލިއަކަށް އެ ވަޑައިގަތީ ކޮންތާކުން ކިހިނަކުން ކަމެއް ވެސް ނޭނގުނެވެ. ހީފުޅު ކުރެއްވި ގޮތާ ޚިލާފަށް އެމަނިކުފާނު ފެނިވަޑައިގަތުމުން އެކަމަނާ ހާސްފުޅުވިއެވެ. ޝެހެޒާދާ އަތްޕުޅު ދަންމަވައިލައްވައިގެން، އިސްތިޤްބާލު ކުރެއްވުމަށް ކުރިއަށް ވަޑައިގަންނަވަމުން ވިދާޅުވިއެވެ.

"ލޮލުގެ އަލިކަމާ! ހިތުގެ ފިނިކަމާ! ކަމަނާ މި ތަނަށް ވަޑައިގަތުމުން، އަޅުގަނޑުގެ ނަސީބުގެ ރަނގަޅުކަމާ މެދު ފަޚުރުވެރި ވަން. ކަމަނާ ވަޑައި ނުގަތް ނަމަ އަޅުގަނޑުގެ ހިތް ކުށްހީތަކުގެ ޝިކާރައަކަށް ވީސް!"

ޝާހު ބާނޫ އަވަހަށް މޫނުފުޅު އަނބުރާ ލައްވައިފައި، އިސްތަށިފުޅުގައި އޮތް ފަސްބައި މޫނުފުޅު މައްޗަށް ދަންމަވައިލެއްވިއެވެ. ޝެހެޒާދާގެ ކުރިފުޅުމައްޗަށް ނިޤާބެއް ނެތި ދެވަނަ ފަހަރު ނުކުމެވަޑައިގެންނެވިދާނެ ކަމަކަށް އެކަމަނާ ހިތްޕުޅަށް ވެސް އަރައިފައެއް ނެތެވެ. ޝެހެޒާދާއާ އެހައި ގާތުގައި ހުންނެވޭ ގޮތް ވުމުން، ހިސާބަކަށް ކަންބޮޑުވެ ވަޑައިގެންފައި، ހިސާބަކަށް ލަދުފުޅުގެންފައި ވިދާޅުވިއެވެ.

"ޝެހެޒާދާ ސަލާމަތުގެ މަތިވެރިކަން ދަމަހައްޓަވާށި! މަނިކުފާނު މި ތަނަށް ވަޑައިގަންނަވާނެ ކަމަކަށް މި ކަނީޒު އުންމީދެއް ނުކުރަން. އަޅުގަނޑު އޮންނާނީ ބައްދަލުވުމަށް އުޒުރުވެރިވެފަ. މަނިކުފާނުގެ ކޮތަރު އަޅުގަނޑުގެ ސިޓީ މަނިކުފާނަކަށް ރައްދެއް ނުކުރޭތޯ!"

"ކަމަނާގެ ސިޓީއޭތޯ؟" ޝެހެޒާދާ އަޖާއިބުފުޅުވެފައި ސުވާލު ކުރެއްވިއެވެ. "ކަމަނާ ޖަވާބުދެއްވީމުތޯ؟ ކަމަނާ އިތުރުފުޅެއް ނުހައްދަވާނެ. އެކަމަކު އެ ސިޓީ ދިޔައީ ކޮން ތާކަށް؟ އަޅުގަނޑުގެ ކޮތަރު އެނބުރި އަޅުގަނޑުގެ ގާތަށް ނައީ ކީއްވެގެން؟"

ޝާހު ބާނޫ ކަންބޮޑުވެވަޑައިގެންފައި ވިދާޅުވިއެވެ. "ޔާ ﷲ. އެ ސިޓީ މީހެއްގެ އަތުގައި ޖެހިއްޖެއްޔާ އެއްވެސް ކަމަކާ ނުލައި އަޅުގަނޑު ބަދުނާމުވާނެ!"

ޝެހެޒާދާ އެއްވެސް ޖެހިލުންވެވަޑައިގަތުމެއް ނެތި އެކަމަނާގެ އަތްޕުޅުގައި ހިއްޕަވައިފައި ވިދާޅުވިއެވެ.

"ކަމަނާ ހީފުޅުކުރައްވަނީ މި އަތްޕުޅު އަޅުގަނޑުގެ އަތުގެ ތެރެއަށް އައިމަ ވާނީ ބަދުނާމު ކަމަށްތޯ؟ ކަމަނާ ހީފުޅު ކުރައްވަނީ ޚުއްރަމަކީ އެހައި ބަލިކަށި ފިނޑިއެއް ކަމަށްތޯ؟"

"ނޫން. މަނިކުފާނަކީ ބާރުފުޅުގަދަ ބޭފުޅެއް. މަނިކުފާނަށް ތޫފާނުގެ ކުރި ވެސް އަނބުރައިލެއްވިދާނެ. އެކަމަކު ވެރިކަމުގެ ލަގަން އޮތީ މާތް މަލިކާގެ އަތްޕުޅުގައި ކަން މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ. އެކަމަނާ އުންމީދު ކުރައްވައިގެން އެ ހުންނަވަނީ ލާޑްލީ ބޭގަމާ މަނިކުފާނުގެ ކާވެނިފުޅުކޮށް ދެއްވުމަށް. އެ ހެން ކަން އޮތްވައި މި ބައްދަލުވުމުގެ ޚަބަރު އެކަމަނާ އަށްއެނގިވަޑައިގެންފިއްޔާ ގިޔާމަތްވާނެ."

ޝެހެޒާދާ ޖަވާބުދެއްވިއެވެ. "އަޅުގަނޑަށް ހަމައެކަނި އެނގެނީ ކަމަނާއާ އަޅުގަނޑުގެ ކާވެނި ނުވެއްޖެ ނަމަ ގިޔާމަތްވާނެ ކަން. މަންމާފުޅު އަޅުގަނޑުމެންގެ ކާވެންޏާ ދެކޮޅުހައްދަވައިފިއްޔާ، އަޅުގަނޑު އެ ކަން ހަމަޖައްސާނަން. މި ވަގުތު މި އެކުވެރި މާޙައުލުގައި ކަމަނާ ދުޝްމަނުންގެ ވާހަކަފުޅު ނުދައްކަވާ. މިއީ ގާތްކަމުގެ ވަގުތުކޮޅު. މިއީ ކުރިއަށް އޮތް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބިންގަލީ ވަގުތުކޮޅު. މި ވަގުތުކޮޅުން ފެށިގެން އަޅުގަނޑުމެންގެ ލޯތްބާ އިތުބާރުގެ ގުޅުން ވަރުގަދަވާނެ. އިތުބާރުގެ ފުރަތަމަ ހެކި ދައްކަވާ! ތިޔަ ނިޤާބު ނަންގަވާ!"

މިހެން ވިދާޅުވެފައި ޝެހެޒާދާ އެކަމަނާއަށް ވިސްނައިވަޑައިގެންލައްވާނެ، އަދި ހަމަޖެހިވަޑައިގެންލައްވާނެ ފުރުޞަތެއް ނުދެއްވައި، އެކަމަނާގެ މޫނުފުޅުން ފަސްބައި ނެންގެވިއެވެ. އެކަމަނާ ލަދުފުޅުން ބޮނޑިފުޅުވަމުން ދަނީއެވެ. އެމަނިކުފާނު ހައިރާންފުޅުވެގެން ނޭވާފުޅުލައްވާން ހަނދުމަފުޅު ނެތުނެވެ. އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހަނދުވަރުގެ ރިހި އަލި މި ވަނީ ޝާހު ބާނޫގެ ސިފައިގައި ހަށިގަނޑަކަށް ވެފައެވެ. އެމަނިކުފާނު މި މިސާލެއް ނެތް ފަދަ ރީތިކަމަށް ބެއްލެވުމަށް ގެއްލިވަޑައިގަތް ވަރުން، އެއްވެސް ކަމެއް ހަނދުމަފުޅެއް ނެތެވެ. ވަގުތު އެ ދެމެދުން ހިފޭއްޓެމުން ހިފޭއްޓެމުން ފާއިތުވަމުން ދިޔައެވެ.

ހަނދު އޭގެ ނޫރުން ފުރިފައިވާ ހަނދުވަރުގެ ތެރެއިން އެ ދެ ބޭފުޅުންނަށް ބަލަމުން ގެންދިޔައެވެ. އެ ބޭފުޅުން މަޑުމަޑުން ވާހަކަފުޅުދައްކަވަމުން ގެންދަވައެވެ. އަޑުފުޅުއައްސަވަމުން ގެންދަވައެވެ. މަޑުމަޑުން ދުރުކަން ކެނޑެމުން ދެއެވެ. ނަވާބުޒާދީ އެކަމަނާގެ އިސްތަށިފުޅު ޝެހެޒާދާގެ ކޮނޑުފުޅުމަތީގައި ބާއްވައިލެއްވިއެވެ. އެ ބޭފުޅުން ތިއްބެވީ ފެހި ކުލައިގެ މަޑު ވިނަގަނޑު މަތީގައި އިށީނދެވަޑައިގެން، ޖަމްނާގެ ރާޅުތަކަށް ބައްލަވާށެވެ. ހަނދުވަރު އެ ރާޅުތައް މަތީގައި ރިހި ފަތްގަނޑެއް ފަދައިން ތުރުތުރުއަޅައެވެ. ޝާހު ބާނޫ އެ މަންޒަރުން އަސަރުކޮށްގެން ވިދާޅުވިއެވެ.

"ކިހައި ހިތްފަސޭހަ މަންޒަރެއް! ހަނދު ޒުވާންވެ، ހަނދުވަރު ކެތް މަދުވެފައިވާ ހިތެއް ހެން މި ރާޅުތައް މަތީގަ ހިނގަން ފެށުމުން، އަޅުގަނޑު ވަރަށް ގިނައިން މި ތަނަށް އަންނަން. އަދި މި މަންޒަރުގެ ތެރެއަށް ގެނބެން. މަރުވުމަށް ފަހު ވެސް މި ތާނގަ އޮވެވޭނެ ނަމައޭ ހިތަށް އަރާ!"

ޝެހެޒާދާ ވިދާޅުވިއެވެ. "މިއަދުން ފެށިގެން އަޅުގަނޑުމެންގެ ދިރިއުޅުން މި ފެށެނީ. ކަމަނާ އަވަހާރަވުމުގެ ވާހަކަފުޅު ނުދައްކަވާ. ހަގީގަތުގަ ވެސް މި ތަން ސުވަރުގެއަކަށް ދުލެއް ނުކުރޭ. އަޅުގަނޑު ކަމަނާގެ ގާތްކަމާ ލޯބީގެ މި ވަގުތުކޮޅުގަ ވަޢުދު ވަން! މި ތާނގަ އަޅުގަނޑު، ކަމަނާގެ ރީތިފުޅުކަމުގެ ނިޝާނަކަށް ވާނެ، ވަރަށް ފުރިހަމަ ގަނޑުވަރެއް އަޅާނަން! ދުނިޔެ ދެމިއޮތްހައި ހިނދަކު މީސްތަކުން އެ ގަނޑުވަރުގެ ކައިރިއަށް އައިސް ލޯބީގެ ހުވާތައްކުރަމުން ގެންދާނެ!"

އެމަނިކުފާނުގެ ވާހަކަފުޅު ހަމަ ނިމުނުތަނާ ދުރުން ކޮންމެވެސް މިސްކިތަކުން ބަންގީގެ އަޑު އުފުލިގެން ދިޔައެވެ. ޝެހެޒާދާ އުފާފުޅުވެފައި ވިދާޅުވިއެވެ.

"ސުބްޙަނަﷲ. އަޅުގަނޑަށް މި ވައުދު މި ވެވުނީ ކިހައި ބަރަކާތްތެރި ވަގުތެއްގަ؟ މާތްރަސްކަލާނގެ އަޅުގަނޑުގެ ވައުދުގެ އަގު ހިފާއްޓަވާދެއްވާނެ!"

ވައުދުތަކާއި ހުވަފެންތަކުގެ މި ސުވަރުގެއާ ދުރުގައި، ޔަމީނުއް ދައުލާ އާޞިފު ޚާންގެ އަވަހާރަފުޅުލައްޕަވާ ކޮޓަރިކޮޅުގައި މަލިކާ ނޫރު ޖަހާން، ކެތްތެރިފުޅުކަމެއް ނެތި ދެކޮޅަށް ހިންގަވަހިންގަވައި ހުންނެވިއެވެ. އާޞިފު ޚާން އުޚުތުގެ ކުރިފުޅުމަތީގައި އިސްޖައްސަވައިގެން ހުންނެވިއެވެ. ބަންގީގެ އަޑު އިވިވަޑައިގަތުމުން މާތް މަލިކާ ކޯފާއާ އެކު ބޭބެއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ.

"މިހާރު އެ އޮތް އިރުއަރަން އުޅެނީ. ބޭބެގެ ދަރިފުޅަށް އަދިވެސް އަންނާކަށް ހޭވެރިކަމެއް ނުވޭ. އޭނާގެ ހިތުން އަހަރެންގެ ބިރު ވެސް ނެތިގެން ދާ ވަރަށް އޭނާގެ ލަދުކެނޑުނީތަ؟ އެހެން ކަން ނޭނގެ އެވީ! ޢައްޔާޝް ވަލީ ޢަހުދެއްގެ ގާތްކަން ލިބުމުން އޭނާ ބޮޑާވީ. އެކަމަކު އަހަރެން ބިމުގެ ފަނިފަކުސާ ބައިތިއްބަނީ ބިމުގައި. އިސް އުފުލައިލައިފި ނަމަ ޗިސްކޮށްލާނަން! ބޭބެގެ ފެންވަރަކީ ކޮބައި ކަން ހަނދާންނައްތާނުލާ! އަހަރެން މަލިކާ ނޫރު ޖަހާނަށް ވުމުން، ބޭބެ ޢިއްޒަތާ މަޝްހޫރުކަމުގެ އުޑަށް އެރުވީ، ހަމައެކަނި، ތީ އަހަރެންގެ ބޭބެ ވީމަ! އަހަރެން ދިން ދަރަޖަ އަހަންނަށް އަތުލެވި ވެސް ދާނެ! ތި ޢިއްޒަތާ ތި ދަރަޖަ ބޭބެ ބޭނުން ނަމަ، އިރު އެރުމުގެ ކުރިން ޝާހު ބާނޫ ދިއްލީއަށް ފޮނުވާ! އޭނާ އިންނާނީ ދެވަނަ އަމުރެއް ކުރެވެންދެން، އެ ތާނގަ! ޝާހީ ގަނޑުވަރުގަ! ބަންދުގަ!"

މި އަމުރު ކުރެއްވުމަށް ފަހު، ބޭބެގެ ޖަވާބުފުޅު އަޑުއެއްސެވުމެއް ނެތި، ކޯފާވެފައި ހުންނަވައިގެން، އެ ތަނުން ވަޑައިގެންފިއެވެ.
    
* * * * *
(ނުނިމޭ)
ކަރުނައިގެ މުތީ (3)

މި ލިޔުން؛

     ފޮނުވުން:    އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމު (ފަންވަތުގެ އަދަބީ ކަންކަމާބެހޭ މުސްތަޝާރު)
     އަލުންބެލުން:      ''             ''
     ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ