އަދުގެ ޚާއްސަ

Print

ލައޯޝޭ ޓީހައުސް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް

ދަތުރުނާމާއެެއްގެ ފަތްފުށެއް               

ލައޯޝޭ ޓީހައުސް: ހުށަހެޅުންތައް ލޮލުން ދުށުމަށް ފަހު ތަޢުރީފާ އެކު.....


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ޖެނުއަރީ މަހު 7 ވީ ހުކުރު ދުވަހު އިރު އޮއްސި ހޮނިހިރުވިލޭރޭ 11:30 ގައި ސިންގަޕޯރ އެއަރލައިންސްގައި ފެށިދަތުރުގައި ސީނު ކަރަޔަށް ފޯރީ ޖެނުއަރީމަހު 8 ވަނަ ދުވަހު މެންދުރުން އަނބުރައި 2:30 ވީ ފަހުންނެވެ. (މާލޭގަޑިން ހެނދުނު 11:30 އަށްވުރެ ބޮޑުވި ފަހުންނެވެ.) ސިންގަޕޫރުގައި ގަޑިއެއްހާއިރު މަޑުކޮށްލުމަށް ފަހުގަ އެވެ.
އެ ހިސާބުން ފެށިގެން ގަޑިން ގަޑިޔަށް ކޮންމެ ޙަރަކާތެއް ލިޔެ ބަޔާންކޮށްފައިވާ ބުރަ އަދި އަވަދި ނެތް ޕްރޮގްރާމަކަށް ތަބާވާން ޖެހިއްޖެ އެވެ. އެއަރޕޯޓުން ނުކުންނަން ޖެހޭ ގަޑިޔާއި ކާރަށް އަރަންވާ ގަޑިޔާއި ހޮޓަލަށް ފައިބާން ޖެހޭގަޑިފަދަ ކަވި ތަފްޞީލުތައް ވެސް ހިމަނައިގެން ސީނުކަރައިގެ ސަރުކާރުގެ "ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ފޮރިން އެފެއަރޒް ބިޔުރޯއިން ތައްޔާރުކުރި "ބުރަ" ޕްރޮގްރާމް ތަންފީޒުކުރިލެއް ފުރިހަމަ ކަމަށްޓަކައި އަޅުގަނޑުގެ ހިތުގައި ވަނީ ތަޢުރީފެވެ. ކޮންމެއަކަސް މި ދެންނެވި ޕްރޮގްރާމަށް ޢަމަލުކުރަމުން އައިސް 2011 ވަނަ އަހަރުގެ ޖެނުއަރީ މަހު 9 ވީ އާދީއްތަ ދުވަހު ވެސް އަޅުގަނޑަށް ހުންނަން ދިމާވީ ސީނުކަރައިގައެވެ. ޕްރޮގްރާމްގައި އޮތީ "ގްރޭންޑް ހޮޓެލް ބެއިޖިން" ގެ 2 ވަނަ ބުރީގައި ހުންނަ "ރެޑްވޯލް ކެފެޓޭރިއާއިން" 6:00 އާއި 7:30 އާ ދެމެދު ކައި ނިންމައިލައިގެން ސަގާފީ ޝޯއަކަށް ދާށެވެ. ޕްރޮގްރާމްގައި އޮތީ 7:30 ގައި ހޮޓަލުން ފުރާ ގޮތަށެވެ. 19:50 ގައި އެ ބުނާ ޝޯއެއް ބެލުމަށެވެ. ބެއިޖިންގެ "ލައޯޝޭ ޓީހައުސް" އޮތް މި ކުޅިމަޖާ ބަލަން ދާހިތެއް ނެތެވެ. ހުއްޓުމެއް އަރާމެއް ނެތި މުޅި ދުވާލުގެ ޕްރޮގްރާމް ނިންމައިލުމަށްފަހު، ރޭގަނޑު އަރާމުކޮށްލަން ވަގުތުކޮޅެއް ދިނިއްޔާ އަޅެ ވާނީ ކީއްހޭ ހިތަށް އެރިއެވެ. ނަމަވެސް މި ފަދަ ދަތުރެއްގައި ރޭވިފައިވާ ޕްރޮގްރާމަކުން އަޅުގަނޑު އެކަނި އެކަހެރިވުމަކީ އަޚުލާޤީ ގޮތުން ޤަބޫލުކުރެވޭ ކަމަކަށް ނުވާތީ ވަރުބަލިކަމާއި ފޫހި ކަމާ އެކީގައިވެސް ދިޔައީ އެވެ.

ހަމަ ބަރާބަރު ގަޑިޔަށް އެތަނަށް ދެވުނެވެ. ސަލާމަތީ ބާރުތަކުގެ ޚާއްޞަ ބެލެހެއްޓުމަުގެ ދަށުން ޓީހައުސްގެ ދޮރުމައްޗާ ހަމަޔަށް ދެވުމާއެކު އެ ތަނުން މަރުޙަބާކީ ވަރަށް އަޑުގަދަ ވަރަށް މަޖާ މަރުޙަބާއެކެވެ. ކުދި ބޮޑު އަންހެން ފިރިހެން އެތައް ބަޔެއް ޖަމާވެފައި އޮތް އެ ހޯލުގެ އެންމެ ކުރީބަރީން މޭޒުތައް ޚާއްޞަ ކޮށްފައި ހުރީ އަޅުގަނޑުމެންގެ ޓީމަށެވެ. ހަމަ އިށީނދެވުނީ ބަރާބަރު ގަޑި އަށެވެ. އިށީނުމާއެކު ޝޯ ފެށިއްޖެ އެވެ. ސަގާފީ ލަވަ އާއި ސަގާފީ ސައި ހެދުމުގެ ދައްކާލުންތަކެވެ. ނަންބަރަކަށް ފަހު ނަންބަރެއްގެ ޝައުޤުވެރިކަން އައީ އިތުރުވަމުންނެވެ.

އަތުގެ ހިޔަނިން ތަޞްވީރުދެއްކުމެވެ. ލަވާޔާ އެއް ގޮތަށް ހިޔަނި ޙަރަކާތްކުރަމުން ހުށަހަޅައިދިން ލަވައަކީ ކުރިން ވެފައި ހުރި ފޫހިކަމާއި ވަރުބަލިކަން ހަނދާންނައްތައިލި ކަމެކެވެ. މިޔުޒިކު ސާމާނު ބޭނުންކޮށްގެން މިޔުޒިކު ކުޅެމުން ހަމަ އެއަޑު މިއުޒިކު ކުޅޭ މީހާގެ އަނގައިން އިއްވަމުން ދިޔަ އައިޓަމަކީވެސް މި ޝޯގެ މަޖާކަން އިތުރުވި ކަމެކެވެ. ސަޔާއި ތަފާތު ބާވަތްބާވަތުގެ ހެދިކާތައް މޭޒުމަތީން މަދުވިޔަކަވެސް ނުދެ އެވެ. ސައިތަށިން ހަމަ އެތި ފޮދެއް ބޮއިލާއިރަށް ތަށި ފުރާލަން ތިބޭ ކުދިންގެ ހުޝިޔާރުުކަމެއްވެސް ކުޑައެއް ނޫނެވެ.
ޖާދޫގެ އައިޓަމެވެ. ބަލަން ތިބި އެންމެންގެ އަންގައިން ކުޅު ހިއްކާލި މި އައިޓަމަކީވެސް ޝޯގެ ޝައުޤުވެރިކަން އިތުރުކުރި ނަންބަރެކެވެ. ސީނު ކަރައިގެ އަންހެނުންގެ ހުޝިޔާރުކަމާއި ކުޅދާނަކަން ހާމަވި ނަންބަރެކެވެ.

މި ޝޯ ބަލައިލަން އާދެވުމުކަން ނަސީބޭ ހިތަށް އަރައިގެން އިންދައި ޖިމްނާސްޓިކުގެ ހުށަހެޅުންތައް ދައްކަން ފަށައިފި އެވެ. ވިއްސަކަށް އަހަރުގެ އަންހެންކުއްޖަކު އެކޮޅުކޮޅުން ގޮނޑިޔެއްގައި އޮއްވައި މައްޗަށް އެއްލި ބޮޑު މުށި ކަންވާރެއް އެ ކުއްޖާގެ ދެފައިތިލައިން ކޮންޓްރޯލްކޮށް އެކި ގޮތްގޮތަށް މައްޗަށްއުކައި ހުރިހާ ގޮތަކަށް އަނބުރައި ހަދަމުން ދިޔައިރު އޭތި ވެއްޓި އެކުއްޖާއަށް އަނިޔާއެއް ވެދާނެތީ އެންމެން ތިބީ ނޭވާ ހިފަހައްޓައިލައިގެންނެވެ. ހަމަ އެހެން އޮއްވައި ދެންއޭނާގެ ދެފައިތިލަ މަތީގައި ބޭއްވީ ބޮޑު ލަކުޑި މޭޒެކެވެ. ތިންފޫޓު ތިބްފޫޓުގެ މޭޒު ދެފައިން އެކި ފުށަށް އަނބުރައި އަތްއަތަށް އަނބުރައި މޭޒުގެ އެންމެ ފަޔެއް، އެ އަންހެން ކުއްޖާގެ އެއްފައިން ބެލެންސްކޮށް ހިފަހައްޓައިލައެވެ. ފަހަރެއްގައިވެސް މޭޒު ކަސިޔާޜުވެގެން ވެއްޓިދާނެ ތީ ތައްޔާރަށް 2 މީހަކުވެސް ސަމާލުވެގެން ތިއްބެވެ. ނަމަވެސް އެ މީހުންނަށްވެސް ކުޅި ބަލަން ތިބުން ނޫންކަމެއް ކުރާކަށް ނުޖެހުނެވެ.

ޖިމްނާސްޓިކްގެ އެންމެ އާދަޔާ ޚިލާފު ނަންބަރެއްކަމަށް އަޅުގަނޑަށް ފާހަގަކުރެވުނީ ލަކުޑީ ތަންޑިޔަލެއްގައި އެހެން 2 އަންހެންކުއްޖަކު އިށީނުމުން އެއްކަލަ އަންހެންކުއްޖާ އެކޮޅުކޮޅުން އޮވެ، އެ ދެކުދީންނާއެކު އެ ތަންޑިޔާ، ދެ ފައިން ހިއްލާލައި އެނބުރޭ އުނދޯއްޔެއް އެނބުރޭ މިސާލުގައި، ބުރު ނޭނގޭ ވަރަށް އަނބުރައި ދެފައިން ކޮންޓްރޯލްކުރި ކުރުމެވެ. ހަމަ ގައިމުވެސް އެއިން ކޮންމެ އަންހެން ކުއްޖެއްގެ ގައިގައިވެސް (ބަލާބެލުމަށް) 35 ކިލޯގެ ބަރުދަން ހުންނާނެ އެވެ. އެހެންވީމާ 70 ކިލޯ ދެ ފައިތިލައިން ކޮންޓްރޯލް ކުރަމުން އެ ދެއްކި ހުނަރަކީ މުޅި ދުވާލުގެ ވަރުބަލި ކަމަށް ލިބުނު ފަރުވާ އަކަށް ވި އެވެ.

ޕްރޮގްރާމްގައި ވާ ގޮތުން ހޮޓަލަށް އަންނަން ބަހުގައި ފުރަން އޮތީ 9:20 ގައެވެ. ހޮޓަލަށް އަންނަން އޮތީ 9:30 ގައެވެ. ނަމަވެސް ޓީ ހައުސް އިން ނުކުތުމުގައި ހިސާބަކަށް ލަސްވުމުގެ ސަބަބުން ހޮޓަލަށް ފޯރީ ކަނޑައެޅިފައިވާ ގަޑިޔަށްވުރެ 3 މިނިޓް ލަހުން 9:33 ގައެވެ. ކޮންމެ ކަމަކަށްވެސް ބަރާބަރު ގަޑި ކަނޑައަޅައިގެން ތަންފީޒުކުރަމުން ގެންދިޔަ ޕްރޮގްރާމްގައި ކަނޑައެޅިފައިވާ ގަޑިޔާ ތަފާތު މިވީ އަދި ކިރިޔާ އެވެ. މިއީވެސް އެންމެ 3 މިނިޓްގެ ތަފާތެކެވެ.

ސީނުކަރައިގެ މީހުންގެ ހުނަރުވެރިކަމާއި އަދަބުވެރިކަމާއި އަޚުލާޤުގެ މަތިވެރިކަމާއި ގަޑިޔަށް ފަރުވާބެހެއްޓުމުގެ ލާމަސީލު ނަމޫނާ އަކީ އަޅުަގަނޑުމެން އެބައިމީހުންގެ ފުށުން ދަސްކުރަންޖެހިފައިވާ ކަންތައްކަމާ މެދަކު ޝައްކެއް ނެތެވެ.

މިވާހަކަ އަޅުގަނޑު މި ލިޔެލީ، މިހާ ފުރިފައި އޮތް ބުރަ އަވަދި ނެތް ބުރަ ދިގު ޕްރޮގްރާމެއް އެ ބައި މީހުން ތަންފީޒުކުރަމުން ގެންދިޔަލެއް ފުރިހަމަ ކަމާއި މިފަދަ ޕްރޮގްރާމަކުންވެސް އަޅުގަނޑުމެންގެ ޓީމު ފޫހިވާނޭ ހަމަ އެއްވެސް ކަމެއް ދިމާނުވީތީ ސީނުކަރައިގެ މީހުންގެ މައްޗަށް އަޅުގަނޑުގެ ހިތުގައި އުފެދުނު ޚާއްޞަ ތަޢުރީފަކާއި ޝުކުރެއް ކިޔުންތެރީންނާ ޙިއްޞާކޮށްލުމަށްޓަކައެވެ. ފަހަރެއްގައި ސީނު ކަރައިގެ ދަތުރުގެ އެހެން ބައެއް ތަޖުރިބާތައްވެސް ޙިއްސާކޮށްލާހިތްވެދާނެ އެވެ.
           ----------------
             (ނިމުނީ)

މި ލިޔުން:

     ފޮނުވުން:   އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
     ޝާއިޢުކުރުން:   ''         ''


ހަމަމިގަލަމުން

އިދާރާ

ވާހަކަ