އަދުގެ ޚާއްސަ

Print

މަޝްހޫރު ދިވެހި ޅެންވެރިޔާ އަލްފާޟިލް ޔޫސުފު އަލިފުޅު، ފަންވަތަށް ދެއްވި ޚާއްޞަ ބަސްދީގަތުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިވެހި


     ''ޅެމެއް ޅެމަކަށް ނުވާނެޔެ އޮއްޓަރެއް ވަޒަނެއް ނެތީވިއްޔާ

             ނިމުންތައް ހަމަތަކެއްގެމަތިން ގެނެސް އަތުރާ ނުލެވުނިއްޔާ''

އާދަމް ނަޞީރު އިބްރާހީމް

ތަޢާރުފު

އަލްފާޟިލް ޔޫސުފު އަލިފުޅު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 15 ޖަނަވަރީ 1932ގައި، ބ. ދަރަވަންދޫގަ އެވެ. ބައްޕައަކީ، ދަރަވަންދޫ ދޭލިޔާގޭ ޢަލީ މުޙަންމަދު ކަލޭފާނު (އަލިފުޅު) އެވެ. މަންމައަކީ، ހަމަ އެގޭ އާމިނަތު ޙަސަނެވެ. ޔޫސުފު އަލިފުޅުގެ ބައްޕައަކީ، ރައިވަރާއި، ފަރިހީގެ ޅެންވެރި އެކެވެ. އޭގެ އިތުރަށް ދިވެހިބޭސްވެރިކަމާއި، ފަންޑިތަވެރިކަން ދެނެވަޑައިގަނެ އެވެ. އޭނާއަކީ ރަށުގެ މާ މުދިމު ވެސްމެ އެވެ.

ޔޫސުފުއަލީފުޅުގެ ހޫރު ކާފައަކީ، ދަރަވަންދޫ ޙުސައިން އެދުރުކަލޭފާނެވެ. އޭނާއަކީ، މާލެއާއި މެދުރާއްޖެތެރެއަށް ނަންހިނގައިފައިވާ ބަސްވިކޭ ހަރު ބޭކަލެކެވެ. ޙުސައިންއެދުރުކަލޭގެފާނުގެ ދަރިކޮޅު މައިގަނޑު ދެ ގޮތްޕަކަށް ބެހިގެން ދިޔަ އެވެ. އެއީ އޭނާގެ ދެ ދަރިކަލުން ކަމުގައިވާ، އަލިކަލޭފާނުގެ ގޮތްޕާއި، ޒަކަރިއްޔާކަލޭފާނުގެ ގޮތްޕެވެ.

އަޅުގަނޑުމެންގެ މި އަދުގެ ޅެންވެރިޔާ ޔޫސުފުއަލިފުޅަކީ، މި އަލިކަލޭފާނުގެ، މުޙަންމަދު ކަލޭފާނުގެ، އަލިފުޅުގެ، ޔޫސުފުފުޅެވެ.
ތިޔަބޭފުޅުން ދެނެވަޑައިގަންނަވާނޭ ފަދައިން، ''ދިވެހި އަދަބިއްޔާތުގެ ފަތިހުގެތަރި''، ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނު އެއީ، މާފަންނު ދަރަވަންދޫގެ ބޭފުޅެކެވެ. މި ވަނީ ކިހިނެއްތޯ އެވެ؟ ދަރަވަންދުއާއި، ޙުސައިން ޞަލާޙުއްދީނާ އޮތީ ކޮންގުޅުމެއްތޯ އެވެ؟ ޖަވާބު ހޯދަން ކުރާ މަސައްކަތް ގޮސް ގުޅެނީ، ޔޫސުފުއަލިފުޅުގެ ހޫރުކާފަގެ ޒަކަރިއްޔާ ކަލޭފާނާ އެވެ. ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ މައިކަނބަލުންނަކީ، ދަރަވަންދޫ ޒަކަރިއްޔާ ކަލޭފާނުގެ ދަރިކޮޅަށް ނިސްބަތްވާ، ދަރަވަންދޫ ބޭކަނބަލެކެވެ.
 
ކޮންމެއަކަސް، ޅެންވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ދުވަހެއް ފާހަގަ ކުރެވެނީ، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ އަލްއުސްތާޛު އިބްރާހީމް ޝިހާބު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ދުވަހަށް ނިސްބަތްކޮށެވެ. އެއީ 15 ޖަނަވަރީ 1988އެވެ. 15 ޖަނަވަރީ އަކީ، އަލްފާޟިލް ޔޫސުފު އަލިފުޅުގެ ވެސް ވަރަށް ޚާއްޞަ ދުވަހެއް އެހެންނޫންތޯ އެވެ؟ ޅެންވެރިންގެ ދުވަހު އުފަންވެވަޑައިގަތް ޅެންވެރިޔަކަށްވާތީ އެވެ. އެހެންކަމުން މި ދުވަހަކީ، ޅެންވެރިންގެ ދުވަހުގެ ތަހުނިޔާގެ އިތުރަށް، އުފަންދުވަހުގެ ތަހުނިޔާ ވެސް ދެންނެވޭ ދުވަހެކެވެ. ދިވެހި ޅެންވެރިކަމުގައި އޭނާގެ ތަޚައްލުޞެއްގެ ގޮތުގައި ބޭނުންކުރައްވަނީ''މައިނާ'' އެވެ.

ބަސްދީގަތުން:


ސ:  ތަޢުލީމީ ޙަޔާތްޕުޅު ފެށިގެން އަކީ ކިހިނެއްތޯ؟

ޖ:  އެންމެ ކުޑަ އިރު ކިޔެވީ ރަށު މަކުތަބުން. ދަރަވަންދޫ މަކުތަބުން. އޭރު ކިޔަވައިދެނީ، ކީރިތި ޤުރުއާނާއި، އަރަބިތާނަ. ހިސާބާއި، ދީނިއްޔާތު. އޭރަކީ ކިލާސްތަކެއް ހަދައިގެން ވަކި ނިޒާމަކަށް ކިޔަވައިދެމުން ދިޔަ ދުވަސްވަރެއް ނޫން. ކިޔަވަން ތިބެނީ ބިންމަތީގައި އެއްޗެއް ފަތުރައިގެން.

ސ: ތަޢުލީމު ޙާޞިލުކުރެއްވުމަށްޓަކައި މާލެ ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތީ ކިހިނެއްތޯ؟

ޖ:  އެއީ ސުމުއްވުލްއަމީރު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ދުވަސްވަރު. އެމަނިކުފާނު މާލޭގައި ދަރިވަރުންތިބޭނެ ދަނާލެއް ހެއްދެވި. ބޯޑިންގެއް ހެއްދެވި. އެތަނަށް ކިޔަނީ ދާރުލްއިޤާމާ. އެތަނަށް ކިޔަވަން ރާއްޖެތެރޭން ކުދިންގެންނަވަން ވަރަށް މަސައްކަތް ކުރެއްވި. އެކަމަކު މައިންބަފައިން ކުދިން ފޮނުވާކަށް ބޭނުމެއް ނުވޭ. އަޅުގަނޑުގެ ބައްޕަމެންނަކީ ރަށުގެ ވެރިކަމުގެ ފަރާތުގައި ތިއްބެވި ބޭކަލުންކަމަށްވާތީ، އަޅުގަނޑަށް މަޖުބޫރުވީ ދާން. އެހެންވެ މާލެ އާދެވުނީ. މާލެ އައިސް އަޅުގަނޑު ހުރީ ހ.ހިކިފިނިފެންމާގޭގަ.

ސ: އެދުވަސްވަރުގެ މަދުރަސީ ކިޔެވުން އޮންނީ ކިހިނެއްތޯ؟

ޖ: ވަރަށް އާދައިގެ ގޮތަކަށް އޮންނަނީ. އެކަމަކު އަދަބު އަޚުލާޤާއި، ދަރިވަރުން ހޭނުމުގެ ކަންކަން ވަރަށް ހަރުދަނާކޮށް އޮވޭ. ކިޔަވައިދެއްވަނީ ވެސް ރާއްޖޭގައި ތިއްބެވި އެންމެ މަތީފެންވަރުގެ ޢިލްމުވެރިން. އޭގެ ތެރޭގައި، މުޙަންމަދު އަމީނާ، ޙުސައިން ޢަފީފު (ބޮޑުފެންވަޅުގޭ ސީދީ)އާ، އައްޝައިޚު ޢަބްދުލްޤައްޔޫމު (ރައީސް މައުމޫނުގެ ބައްޕަ) ފަދަ ބޭފުޅުން ހިމެނޭ. ޝިހާބަކީ ވެސް މުދައްރިސެއް.

ސ: ބޮޑަށް އިސްކަން ދެއްވީ ކޮންކޮން މާއްދާތަކަކަށްތޯ؟

ޖ: އެ ދުވަސްވަރު ވެސް މި ޒަމާނުގެ ވަރަށް ގިނަ މާއްދާ ކިޔަވައިދޭ. އެކަމަކު ދީނާ ބަހާ އަދަބިއްޔާތަށް ވަރަށް ބޮޑު އިސްކަމެއްދެއްވާފައި  އޮވޭ. އޭރު އުރުދޫބަސް ކިޔަވައިދޭ. އަރަބި ކިޔަވައިދޭ. އިނގިރޭސި ކިޔަވައިދޭ. ވަކި ކިލާހަކަށް ދިޔައިމާ ކިޔެވުމުގައި ވަކި ބަހެއް އިޚްތިޔާރުކުރަން ފުރުސަތު ދެއްވާ. އަޅުގަނޑު އިޚްތިޔާރު ކުރީ އަރަބި ބަސް. ފިލިގަސްދޮށުގޭ އަލީޝަރީފު ކަހަލަ ބައެއް ކުދިން އެއީ އިނގިރޭސި ބަސް އިޚްތިޔާރު ކުރި (އޭރުގެ) ކުދިން..

ސ: ޅެންވެރިކަމުގެ ތެރެއަށް ވަދެވަޑައިގެންނެވުނީ ކިހިނެއްތޯ؟

ޖ:  ޙަޤީޤަތުގައި އަޅުގަނޑުގެ ޅެންވެރިކަމުގެ ފެށުން ގުޅިފައި އޮތީ ރަށުގައި އުޅުނު ދުވަސްވަރާ. އަޅުގަނޑުގެ ތިއްތައްތަ (ފައުޒިއްޔާ ޢަބްދުއްރަޙްމާނު) އެއީ ކުޅަދާނަ ޝާޢިރާއެއް. އޭނާ ޅެންވެސް ހައްދަވާ. ރައިވަރު ހައްދަވާ. ފަރިހި ހައްދަވާ. އޭނާއަކީ އެ ފަންނުގައި އާދަޔާ ޚިލާފު އަވަސް ކަމެއް ލިބިގެންވާ ޝާޢިރާއެއް. އެހެންކަމުން ތިއްތައްތަގެ ފަރާތުން އަޅުގަނޑުގެ ޅެންވެރިކަމުގެ ބިންގާ އެޅިފައިވަނީ. މާލެ އައި އިރުވެސް އަޅުގަނޑު ޅެން ހަދަން.. އެކަމަކު މާލެއިން ލިބުނު ފިލާވަޅުތަކަކީ، މި ފަންނު ތަރައްޤީވުމަށް ލިބުނު އިތުރުބާރެއް. އިތުރުކާނާއެއް. އެގޮތުން ފާހަގަ ކޮށްލަންޖެހޭ ބައެއް އުސްތާޛުންގެ ނަންފުޅު ދަންނަވާލަން ބޭނުން.

ސ: އަދަބީ އެކި ފަންނުތަކުގައި އިސް އެދުރެއްގެ ގޮތުގައި ނަންފުޅުފާހަގަ ކޮށްލައްވަން ބޭނުންފުޅުވާ އުސްތާޛުންނަކީ ކޮބައިތޯ؟

ޖ:  އަޅުގަނޑުގެ ވާހަކަ ދެއްކުންތެރިކަމުގެ އުސްތާޛަކީ، ސުމުއްވުލްއަމީރު މުޙަންމަދު އަމީން! އެމަނިކުފާނު އެ ފަންނުގެ ވަރަށް ގިނަ ކަންތައްތައް ދަސްކޮށްދެއްވި. ވަރަށް ޝައުޤުވެރިކަމާއެކު ވަރަށް ގާތްކަން ބަހައްޓަވައިގެން. ޅެންވެރިކަމުގެ ދާއިރާގެ އެންމެ އިސް އުސްތާޛަކީ، އައްޝައިޚު ޢަބްދުލްޤައްޔޫމު ސީދީ. ދެން މުޙަންމަދު ޖަމީލާއި، ޝިހާބަކީ ވެސް އަޅުގަނޑުގެ ޅެންވެރިކަމުގެ ދެ އުސްތާޛުން.

ސ:  ކިހާ އަވަސް މިނެއްގައި ޅެމެއް ހެއްދެވިދާނެތޯ؟

ޖ:   އަޅުގަނޑު ޅެމެއް ހަދަން އިށީނދެފައި ދުވަހަކު ވެސް ފަހުން ބައިތެއް ލިޔާކަށް ނުބާއްވަން. ފަހަރަކު ތަންކޮޅެއް ލިޔުމަކީ އަޅުގަނޑަށް ކުރަންޖެހޭ ކަމެއްނޫން.

ސ:  ޅެންވެރިކަމުގެ ދާއިރާގައި  ލިބިވަޑައިގަތް ކާމީޔާބީތަކަކީ ކޮބައިތޯ؟

ޖ:   ޅެންވެރިކަމުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ އިނާމު.

ސ؛ އަލަށް ޅެންހަދަން ދަސްކުރާ ކުދިންނަށް ދެއްވަން ބޭނުންފުޅުވާ އިރުޝާދަކީ، ނުވަތަ ނަސޭހަތަކީ ކޮބައިތޯ؟

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޚިޔާލަށް އަންނަ ޝުޢޫރުތައް، ކަރުދާހުގާ ލިޔާށޭ.. ކޮންމެ ޝުޢޫރެއް ވެސް ވަޒަނަކަށް ފައްތައިގެން ލިޔެވޭތޯ ބަލާށޭ.. ވަޒަނުގެ ހަމަތައް ރަނގަޅަށް ދަސްކުރައްވާށޭ! އޭރުން ފަހުން އޭގެ ކުށްތައް ފިލުވައި ރަނގަޅު ކުރެވިދާނެޔޭ.

އިތުރު ބައެއް މަޢުލޫމާތު:


އާއިލީ ޙަޔާތްޕުޅު

އަލްފާޟިލް ޔޫސުފުޢަލީފުޅު ދެ ކާވަންޏެއް ކުރެއްވި އެވެ. ބޭފުޅުން ލިބިވަޑައިގެންފައިވަނީ، ދެވަނަ ކާވަނީންނެވެ. ތިއްބެވީ މުޅީން ވެސް ފިރިހެން ބޭފުޅުންނެވެ. ފިރިހެން 8 ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ. އޭގެ ތެރޭން، އަލްފާޟިލް ޢަބްދުﷲ މުޢާޒާއި، ރުޝްދުﷲ މުޢާޒާއި، އަދި ޢުބައިދުﷲ މުޢާޒު ޅެންހައްދަވަ އެވެ. ޚާއްޞަކޮށް ޢަބްދުﷲ މުޢާޒަކީ ދިވެހިންގެތެރޭގައި މަޝްހޫރު، އަދި މަޤުބޫލު ގިނަ ލަވަތަކެއް ހައްދަވައިފައިވާ ''ފަށުއި'' ޅެންވެރި އެކެވެ.

ވަޒީފާއާއި ޚިދުމަތުގެ މައިދާން

އަލްފާޟިލް ޔޫސުފު އަލިފުޅުގެ ތަޢުލީމީ ޙަޔާތްޕުޅު ނިންމަވާލެއްވީ މަޖީދިއްޔާގެ 1ވަނަ ފޯމުންނެވެ. އެއަށްފަހު ސަރުކާރުން ވަޒީފާ ދެއްވި އެވެ. އޭރު ޢުމުރުފުޅުން އެންމެ 16 އަހަރެވެ. ފުރަތަމަ އުޅުއްވީ ވުޒާރަތުއްދާޚިލިއްޔާ (މިނިސްޓްރީ އޮފް ހޯމް އެފެއަރޒް) ގެ ފޮތްނަގާ ކާތިބެއްގެ މަގާމުގަ އެވެ. މުސާރައަކީ، މަހަކު =/25ރުފިޔާ އެވެ.  (ފޮތްނަގާ ކާތިބެއްގެ މަގާމަކީ، ކާތިބެއްގެ މަގާމަށްވުރެ އެއްދަރަޖަ މަތީ މަގާމެކެވެ. ފޮތްނަގާ ކާތިބުގެ މާނައަކީ، ރަސްމީ ލިޔުންތައް ހުރިތަނުން ނަގައި އުފުލައި ހެދުމުގެ ހުއްދަ ލިބިފައިވާ ކާތިބެވެ. އާދައިގެ ކާތިބަކަށް ސަރުކާރުގެ ރަސްމީ ލިޔެކިޔުން ހުންނަ ފޮތްތައް ފޯރުކޮށްދޭނީ އެކަމުގެ ހުއްދަ ލިބިފައިވާ ފޮތްނަގާ ކާތިބެވެ.)
 
1953ވަނަ އަހަރު  ސުމުއްވުލްއަމީރު މުޙަންމަދު އަމީނުގެ ވެރިކަމުގެ ދައުރު ބަދަލުވި އެވެ. މި ބަދަލު ހިމެނިގެން ދިޔައީ، ބޯޑިންގައި ކިޔަވަންތިބި ކުދިންނާއި، ބޯޑިންގުން ކިޔެވި ކުދިންގެ ހެޔޮ ނަސީބު، ބަދުނަސީބަށް ބަދަލުވުންކަމުގަ އެވެ. މި ބަދަލާގުޅިގެން ޔޫސުފު އަލިފުޅަށް ޖެހިވަޑައިގަތީ މާލެ ދޫކުރައްވައި އެނބުރި ރަށަށް ވަޑައިގަންނަވާށެވެ. ނަމަވެސް ދުވަސްކޮޅަކަށްފަހު، ރަށުން ވަޒީފާ ލިބިވަޑައިގަތެވެ. އެކި ފަހަރު މަތިން ރަށުގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، މުދިމުކަން (މުސާރަ، މަހަކު =/40ރުފިޔާ) ނައިބުކަން (މަހަކު =/60ރުފިޔާ) ކުޑަކަތީބުކަން(=/60ރުފިޔާ) އަދި ކަތީބުކަން (=/80ރުފިޔާ) ހިމެނެ އެވެ.

ޔޫސުފުއަލި ފުޅު ކިޔައިދެއްވި ގޮތުގައި އެ ދުވަސްވަރު ރަށްރަށުވެރިންގެ މުސާރަ ކަނޑައެޅީ ރަށަށްބާނާ މަހުގެ ނިސްބަތުން ހިސާބު ކުރެވުނު ހިސާބުކުރުމެއްގެ މައްޗަށެވެ. ރަށްހިންގަވަންތިއްބަވާ މީހުންގެ މުސާރަ ނެގެނީ މަސްވެރިންކުރާ މަސައްކަތުން ލިބޭ އާމްދަނީއެއްގެ މައްޗަށް ބަހައިލައިގެންނެވެ. ކަނދޮޅު ދޫއަކީ ބޮޑު އާބާދީއެއް އޮންނަ ރަށަކަށްވެފައި މަސްވެރި ރަށަކަށްވާތީ، ކަނދޮޅުދޫ ކަތީބަށް މަހަކު =/2000ރުފިޔާ ލިބިލައްވަ އެވެ. ނަމަވެސް ހިމިއްޗަކީ، މީސްކޮޅުމަދު ކުޑަ ރަށެކެވެ. އެހެންކަމުން ހިމިތީކަތީބަށް މުސާރައިގެ ގޮތުގައި ލިބިލައްވަނީ މަހަކު =/18ރުފިޔާ އެވެ.

ކޮންމެއަކަސް، އަލްފާޟިލް ޔޫސުފު އަލީފުޅު އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، އިސްވެދެންނެވި މަގާމުތަކުގެ އިތުރަށް، ވިޔަފާރި މިއަދުގެ ރިޕޯޓަރުކަމާއި، ބ. ފުނަދޫ ކަތީބުކަމާއި، ގާޒީކަމާއި، އަތޮޅުކޯޓުގެ ގާޒީކަން ހިމެނެ އެވެ. މާލޭގައި ކޯޓުނަންބަރު 2،5،8،ގެ ގާޒީގެ މަގާމު ފުރުއްވާފައިވެ އެވެ. އެޓަރނީ ޖެނެރަލް އޮފީހުގައި ވެސް ވަޒީފާ އަދާކުރެއްވި އެވެ. އެއަށްފަހު، މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވި އެވެ. އަދި މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުގެ ސްޕެޝަލްޑިއުޓީ އޮފިސަރުގެ މަގާމާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ މުސްތަޝާރެއްގެ މަގާމު ވެސް ފުރުއްވި އެވެ.

އަދަބީ ޚިދުމަތް

އަލްފާޟިލް ޔޫސުފުއަލީފުޅުވަނީ ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. އޭނާ ލިޔުއްވި ފޮތްތަކުގެ ތެރޭގައި، ''ހިތުގެ ތަސްވީރު''(ޅެންފޮތެއް) ''ޅެމުގެ ވަނަވަރު''(ޅެންހަދަން ދަސްކުރުމަށް އެހީތެރިކަންލިބޭ ފޮތެއް) ''ރައިވަރުގެ ވަނަވަރު'' (ރައިވަރާބެހޭ ފިލާވަޅުތަކެއް ހިމެނޭ ފޮތެއް) އަދި ''އަރުމާދު ރައިވަރުގެ ޝަރަޙަ'' ހިމެނެ އެވެ. ގައުމީ މަރުކަޒުން ނެރުއްވާ ''ސަތޭކަ ރައިވަރު'' ގެ ސިލްސިލާއަކީ ވެސް ޔޫސުފުއަލިފުޅުގެ ވަރަށްބޮޑު ދައުރެއް ހިމެނޭ އަގުހުރި މަސައްކަތެކެވެ. މި ކަންކަމުގެ އިތުރަށް ޅެންވެރިކަން ކިޔަވައިދެއްވުމަކީ ވެސް އޭނާ ކުރައްވަމުން ގެންދެވި ބުރަ މަސައްކަތެކެވެ. މި ލިޔު މި ލިޔަނީ ވެސް ޤައުމީ މަރުކަޒުން ހިންގެވި ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވެ އަލްފާޟިލް ޔޫސުފުއަލިފުޅުގެ އަރިހުން އަގުހުރި ފިލާވަޅުތަކެއް ލިބިފައިވާ އެ ލޮބުވެތި އުސްތާޛުގެ ދަރިވަރަކީމެވެ.

ނިންމާލުން


މި ވަގުތު އަޅުގަނޑުގެ ލޮބުވެތި އުސްތާޛު ދިރިއުޅުއްވަމުން ގެންދަވަނީ ރާއްޖޭން ބޭރުގަ އެވެ. ފުރައިވަޑައިގަތުން ވަރަށް ''ކުއްތަންވެފައިވަނިކޮށް'' ފަންވަތުގެ ފަރާތުން، އަޅުގަނޑާއި، އަލްފާޟިލް ޢަބްދުﷲ ނަޢީމު އިބްރާހީމާއި، މުޙަންމަދު އަޙްސަނަށް އުސްތާޛާއި ބައްދަލުކޮށްލުމުގެ ފުރުޞަތު ދެއްވި އެވެ. މި ލިޔުމަކީ، އެ ބައްދަލުވުމުގައި އަޅުގަނޑުގެ ލޮބުވެތި އުސްތާޛު ދެއްވި މަޢުލޫމާތު ތިޔަބޭފުޅުންނާ ހަމަޔަށް ހުށަހަލައިދެވޭތޯ ކުރެވުނު މަސައްކަތުގެ ނަތީޖާ އެވެ.

މި ލިޔުމުން ތިބާގެ ލޯފުޅު އެހެން ދިމާޔަށް ފިރާލެއްވުމުގެ ކުރިން އަޅުގަނޑުގެ ލޮބުވެތި އުސްތާޛުގެ އަންނަނިވި ދެ އިރުޝާދު ވިސްނުންފުޅުގެ ތެރޭގައި ޖަމާކޮށް ރައްކާކޮށްލައިދެއްވުން އެދެމެވެ.

1-    އެމެއް އެމަކަށް ވަނީ ހިފި މީހަކުގެ ހުރި ޖާހަކުން ނޫނޭ
                ޅެމެއް ޅެމަކަށް ނުވާނެޔެ އޮއްޓަރެއް ވަޒަނެއް ނެތީވިއްޔާ

2-    ގަހަށް ނެތް ލޯބި ފަތަކަށް ހުރުމަކީ އޭ ނޭކަށޭނަ ކަމެއް
          ބަހަށް ނެތް ކުލުނު ޤައުމަށް ހުރުމަކީ ވެސް މުސްތަޙީލުކަމެއް
------------------------------
      (ނިމުނީ)

ނޯޓު: މި ލިޔުމުގައިވާ ހުރިހާ ބައިތުތަކަކީ ވެސް އަލްފާޟިލް ޔޫސުފުއަލިފުޅުގެ ޅެންބައިތުތަކެވެ.

މި ލިޔުން:

     ލިޔުން:    އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
     އަލުންެބެލުން:  ''          '' 
     ޝާއިޢުކުރުން: ''          ''


ހަމަމިގަލަމުން

އިދާރާ