އާދަޔާ ޚިލާފުވުން
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ
ކިތަންމެ ނުރައްކާތެރި ނޭދެވޭ ކަމެއް ނަމަވެސް، އެކަމެއް އާދަވެއްޖެއްޔާ އެކަމަކުން ދުރުވެގަތުމަކީ އިންސާނުންނަށް ފަސޭހަ ކަމަކަށް ނުވެއެވެ. އާދައިގެ ގޮތުގައި އެކި މީހުން ހޭނިފައި ތިބެނީ އެކި ކަންކަމަށެވެ. ބައެއް ކަންކަމަކީ ހެއްވާ ކަންކަމެވެ. ބައެއް ކަންކަމަކީ، ނުރައްކާތެރި ކަންކަމެވެ. އަދި ބައެއްކަންކަމަކީ ނޭދެވޭ ހުތުރު އާދަތަކެވެ.
ތިރީގައި މި ބަޔާން ކޮށްލަނީ، މި ކަހަލަ 4 ހާދިސާއެވެ. ހަގީގީ ހާދިސާ ތަކެކެވެ.
1- ވައްކަން ކުރުން އާދަވެފައިވާ މީހެކެވެ. ވައްކަމެއް ނުކޮށް 24 ގަޑި އިރު ހޭދަ ކުރުމަކީ އޭނާއަށް އުނދަގޫ ކަމެކެވެ. ވައްކަން ކުރުމުގައި ހުރި ނުބައި ކަމާއި ކަމުގެ ނޭދެވޭކަން ވިސްނޭވެސް މެއެވެ. އެހެންވެގެން ފަންޑިތަ ހަދާ މީހެއްގެ ގާތަށް ދިޔައެވެ. ގޮސް، ތިމަންނައަކީ ވައްކަން ކުރުމަށް ދެވިހިފައިފައިވާ މީހަކީމޭ އެހެންވީމާ، މި ކަމަށް ކަމެއް ކޮށްދޭށޭ ބުންޏެވެ. ކަންވެރިޔާ ގާތަށަ އައީ ޒާތެއްގެ ހިންޏެކެވެ. ތިޔަހަރީ މީހުން ދެވިހިފާ ޒާތު ކަންކަންހޭ ބުންޏެވެ. ފަންޑިތަ ހައްދަން އައިމީހާ ބުންޏެވެ. މާތްކަލާނގެ ގަންދީ ބުނަމެވެ. އިހަށް ރޭވެސް ހަމަ ވައްކަމެއްކޮށް ނުލައި އޮވެ އޮވެ ނުނިދިގެން އެންމެ ފަހުން މެންދަމުން އަލިވެ ދޭއްޖެހި ފަހުން ތެދުވެއްޖައީމެވެ. ބޭރަށް ނިކުމެ ވަގަށް ނަގާނެ އެއްޗަކާ މެދު ވިސްނަމުން ހިނގަންފެށީމެވެ. ހިތަށް އެރިއެވެ. ހައްތާވެސް މީހުންގެ ޙައްޤުތަކެވެ. އެމީހުން އެހާ ބުރަ އުފުލައިގެން ހޯދައިފައި ހުންނަ އެއްޗެހި އަހަރެން ވަގަށް ނެގުމަކީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟ އެންމެ ފަހުން، ވިސްނާ ވިސްނާފައި، މޫދަށް އެރިއްޖައިމެވެ. ފަތާފައި ގޮސް އުރަފަށަށް ފުނަށް ފީނައިގެންފައި މޫދުން ގަލެއް ނަގައިގެން ގޮސް ގޭ ގިލިފިލީ ބިއްދޮށުގައި ބާއްވާފައި، ފެންވަރާލައިގެން ހަމަ އޮށޯތީ ނިދުނީ އެވެ.
2- އިނގިލި ބުއިން އާދަވެފައިވާ ކުޑަ ކުއްޖެކެވެ. ކަނާތުން އެކުއްޖާ ބޯ އިނގިލި ހިމަވެ އައިބުވެގެން ވާތުގެ އެ އިނގިލި ބޯން ފަށައިފިއެވެ. ގޭ މީހުން މަކަމާ ވަރަށް ކަންބޮޑުވެއްޖެއެވެ. އެއްދުވަހަކު ސްކޫލަށް ބަލައިގޮސްފައި، ކުއްޖާގެ ބޮޑު ބޭބެއެއް އެ ކުއްޖާ ގޮވައިގެން ޕްރިންސިޕަލް އަރިހަށް ހިނގައްޖެއެވެ. ދިޔައީ ރަޙްމަތްތެރިކަމުގައި ވާހަކައެއް ދައްކާލުމަށެވެ. ނަމަވެސް އެ ކުއްޖާވެސް ހުރީތީ، އެއް ދޮނުގައި ދެބުޅި ޖަހާލީއެވެ. އޭނާ ޕްރިންސިޕަލް އަރިހަށް ގޮސް ޕްރިންސިޕަލަށް އިޝާރާތްކޮށް ބުންޏެވެ. ''ޒުހާއްކޯ މީން ކޮން ބޭފުޅެއް'' '' ތީ ޕްރިންސިޕަލް ސަރ'' ޒުހާ ޖަވާބު ދިނެވެ. ދެން އޭނާ ޕްރިންސިޕަލަށް ދަންނަވާލި އެވެ. މި ސްކޫލު ކުދިން އިނގިލި ބުއިމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ؟ ޕްރިންސިޕަލަށް ވެސް މި ވީ ގޮތް އެނގިވަޑައިގެންފިއެވެ. އެހެންވެގެން ވިދާޅުވިއެވެ. މި ސްކޫލު ކުދިން އިނގިލި ބުއިމަކީ މުޅިން މަނާކަމެކެވެ.
ގެޔަށް ދިޔަ މަގުމަތީގައި ޒުހާގެ ބޭބެ ޒުހާޔަށް ނަސޭހަތްތެރިވިއެވެ. އިނގިލި ބުއިމަކީ ސްކޫލުގެ ފަރާތުން މަނާކަމަކަށް ވާތީ އެކަން ނުކުރުމަށެވެ. ޒުހާވެސް ވަރަށް ދެރަވެފައި ހުރެ އެކަމަށް އާނއެކޭ ބުންޏެވެ. އެހި ސާބުން އިނގިލިބުއިން ހުއްޓާލައިފިއެވެ. ގެޔަސް ގޮސްފައިވެސް ނުބޮއެވެ.
ހަވީރު ޒުހާގެ ބޭބެ ބާޒާރުގައި އުޅެނި ކޮށް، ޒުހާގެ މަންމަ ފޯނު ކޮށްފިއެވެ. ކިހިނެއްތޯ ވީ އަހަލީމާ ބުނިކަމަށް ވެއެވެ. މާ ގޯސް ވެއްޖެއެވެ. ޒުހާބުންޏެވެ. މަންމާއެވެ. އެ ސްކޫލުގައި އިނގިލި ބުއިން މަނާ ކަމުގައި ވަންޏާ ބައްޕަ ގާތުގައި ބުނެގެން، ކޮއްކޮ އެހެން ސްކޫލަށް ބަދަލު ކޮށްދޭށެވެ!
3- ދެދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް ތުނބުޅި ބާލާ މީހެކެވެ. ޢުމުރުން ގާތްގަނޑަކަށް ފަސް ދޮޅަހާ ގާތްކުރާނެއެވެ. ކަންކަށި މަތިން ފެށިގެން ދަތްދޮޅި ދަށަށް ދަންދެން އުފުލިފައިވާ ރުލުގެ ފަށްތައް ގިރުނބާއެއް ފަދައެެވެ. އޭނާ ތުނބުޅި ބާލާތަން ފެނިއްޖެ މީހަކު ބިރުން ފިތްކަނޑައިގެން ދާނެއެވެ.
މި ކަމާ ކަންބޮޑުވެގެން، އޭނާގެ ކާފަ ދަރިޔަކު ޖިލެޓު ރޭޒަރެއް ގަނެގެން ގެނެސް ދިނެވެ. އޭން ތުނބުޅި ބާލައި އުޅެ އެކަން ވީކަމަށް ނުވިއެވެ. މާބޮޑަށް ވެސް އުނދަލީޔޯލައެވެ. ތަންކޮޅެއް ކަނޑައިގެން ގޮސް ލޭވެސް އައިކަމަށް ވެއެވެ.
އޭނާ ހިތްހަމަ ޖެހުނީ ކުރީއްސުރެ އޭނާ ތުނބުޅި ބައިލާގޮތަށް ތުނބުޅި ބައިލާށެވެ. ފާރުގައި ލޯގަނޑެއް ތިއްބާލައެވެ. ސައިބޯނި ފޮނު ހާކާލައެވެ. އެއަށް ފަހު އޭނާ ނަގަނީ ރޭޒަރު ތިލަފަޅިއެކެވެ. އޭގެ އެއްކޮޅުގައި ބޮޑުވައި އިނގިލީގެ ކުރި، އަނެއްކޮޅުގައި ޝަހާދަތް އިނގިލީގެ ކުރި ޖައްސައިލުމަށް ފަހު، ހުޅެވި ހަނދުބުރަށް ލަނބައިލައެވެ. ދެން އެވީ ލޯގަނޑުން ބަލައިގެން ތުނބުޅި ބައިލަން ފަށާށެވެ. ވަރަށް އޮމާންކޮށް ރީތިކޮށް ތުނބުޅި ބައިލައި ނިންމާލައެވެ.
ވިސްނާލައްވާށެވެ! ލޯގަނޑަކުން ބަލައިގެން، އެގޮތަށް ރޭޒަރު ތިލަޔަކުން، މޫނުގެ ވަކި ގަނެއްގައި ޒަޚުމެއް ނުވާގޮތަށް ކާއްތާ ލުމަކީ ތިޔަ ބޭފުޅާއަށް ކިހާ ފަސޭހަފުޅުކަމަކަށް ވެދާނެތޯއެވެ؟
4- ދުވަހަކުވެސް ފައިވާނަކަށް އެރި މީހެއް ނޫނެވެ. ކުރާ މަސައްކަތަކީ ދަނޑުވެރިކަމެވެ. ޢުމުރުން ފަންސާހާ ގާތްކުރި އިރުވެސް އުޅެމުން އަންނަނީ ހުސްފައިގައެވެ. ދިރިއުޅުމުގެ ހުރިހާކަމެއްވެސް ބައްޓަންވެފައިވަނީ ކުރާ މަސައްކަތަކާއި ޙާލަތާއި ޠަބީޢަތާ ގުޅޭ ގޮތަށެވެ. މާބޮޑު ސާފުތާހިރުކަމެއް ހަމަ އެއްކަމެއްގައިވެސް ނެތެވެ. ކާންވީމާ ކާންވީއެވެ. ނިދި އައިމާ ނިދަންވީއެވެ. އަތް ފައި ދޮވެ ސާފުތާހިރު ވުމަކީ، ހަމަ އެކަނި ހުކުރު ދުވަހަށް އޮތް ކަމެއް ކަހަލައެވެ.
އެއްފަހަރު ފައިތިލަ ވަރަށް ބޮޑަށް ހަލާކުވެއްޖެއެވެ. ފުންނާބު ފަޅަފަޅައިގެން ގޮސް، ބޮޑު ވޭނަކަށް ވެއްޖެއެވެ. ދެފައި އެކީގައި ކަހަލަ ގޮތަކަށް ވަރަށް ބޮޑަށް ފާރުވެއްޖެއެވެ. ގިނަ ޒަމާންތަކަށްފަހު އެއްގޮތަކުން ނުވެގެން، އެންމެ ފަހުން މާލެ އައިސް ޑަކްޓަރަކަށް ދައްކައިފިއެވެ. ޑަކްޓަރު އެންގެވީ ފައިތިލަ ސާފުކޮށް ބޭއްވުމަށެވެ. ފައިވާނަށް އަރައިގެން އުޅުމަށެވެ. ބޭސް ހުސްވިޔަސް ފައިވާނަށް އެރުން ހުއްޓާ ނުލުމަށެވެ.
ރަށަށް ދިޔައީ ނައިލޯނު ފެންފައިވާނެއް ގަނެކެވެ. އެންމެ ފުރަތަމަ ފައިވާނަށް އެރީ ރަށުގައެވެ. އޭގައި ހިނގައި ގަނެވުނީވެސް ވަރަށް ހާލުންނެވެ. ވަދުގެ ދެފަރާތުން ހިމަރަބަރުން ބައިންޖަހައި ފައިތިލަ ސޮހިގެން ނުދާނެވަރު ކޮށްގެންނެވެ.
ކޮންމެޔަކަސް މިރެޔަކު މިބޭބެ ނިދަން އުޅެއުޅެ ހަމަ ލޮލުފިޔައެއް ޖެހޭ ގޮތެއް ނުވިއެވެ. ނިދި ވީ އެތައް ހިސާބެއްގެ ދުރުގައެވެ. ފުރޮޅިލަ ފުރޮޅިފައި އެނދުގައި އޮންނަން ޖެހިއްޖެއެވެ. އެންމެ ބޮޑު އުނދަގުލެއް ކުރަނީ ދެފައި ތިލައެވެ. އެންމެ ފަހުން، ހަމަ ކެތް ނުވެގެން ގިފިލިތެރެޔަށް ވަދެ އެތާހުރި ބޮޑު ކެޔޮފީންޏެއްގެ ދަށުގައި ހެދިފައި އޮތް ކިސަޑުގަނޑެއްގައި ދެފައި ކާއްތައިގެންފައި އައިސް އޮށޯވެލުމާ އެކު، މާ ގުގުރި ދެމެންފަށައިފިއެވެ.