އަދުގެ ޚާއްސަ

Print

ބޭބޭ ތިޔަ އެޅީ ޅަ އެއްޗެއް!

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ސަމާސާޅެން

އަޙްމަދު ޝާހިދު ޙަލީމުގެ ޅެން "މުސްކުޅިވުން" ފެނިފައި

ބޭބޭ ތިޔަ އެޅީ ޅަ އެއްޗެއް!


މުޙަންމަދު ޝާހިދު ޙަލީމް

"އަޑުގަ ހުރި ނަލަ ގޮތް މުޅިން ކެނޑި ކުރެހިގެން ގޮސް ބަރު" ވިޔަސް
    މަޑުމަޑުން   މުސްކުޅި  ވަނީ  ކަމުގައި  ބެލުން  އޭ   ގޯހެކޭ

"ފަނޑު ނުވާ ގަދަ ކަޅު ކުލައިގައި ހުރި މި އިސްތަށި" ހުދު ވުމީ
    ސަޑުގަ  ކުލަ  ޖައްސާ  ޒަމާނޭ،   ލިބުނު   މޮޅު  ހަދިޔާއެކޭ

"މޫނުގައި  ހުރި  އަސަރަކާ  ހުރި  ނަމަ  އެ ހުރި  ޗާލޫކަމާ"
    މޫނު   ދޫކޮށް    ދާ  ކަމަށް    ހީ  ކުރުމަކީ   އަނިޔާއެކޭ

"ދޫނުކޮށް  ގޮން ޖެހުމުގައި  ވިސްނުމުގެ ރޮނގުގައި" އުޅެލުމުން
    ތޫނުފިލިކަން   ގެއްލި  ނުމެ  ދާ  ކަން   އެނގޭނޭ  އާނއެކޭ

"ކޮލުގެ  ވަޅުކޮޅު"  ފާޅުވީމާ  ހެއްޔެ  ތިޔަ  ހިތް  ކުޑަ  ކުރީ
    ކޮލުގަ   ވަޅުކޮޅު   ހުރުމަކީ    މޫނަށް   ލިބޭނޭ   ރީއްޗެކޭ

"ލޮލުގެ  ބާރާ  އަލިކަމަށް"  އަދި  އުނިކަމެއް ހަމަ ލިބުނަކަސް
    ބޮލުގެ  ބޭނުން   ކޮށްލުމުން   ބަލަ   އައިނަކީ   ގަހަނާއެކޭ

"ބަތްކޮޅެއް  އަނގަޔަށް"  ލެވޭތޯ  އަތް   ނުލާށޭ   ތަށްޓަކަށް
    ބަތް  ސުވާ   އަނގަޔަށް  ލަވާނީ   ރީތި  އަންހެން  ކުއްޖެކޭ

"ދަތްތަކާ  ހިރު  ބަލިވެގެން"  ދާ ނަމަ  ބަލަން ނުހުރޭ ތިހެން
    ދަތްޕިލާ  އަވަހަށް  ރަނަށް  ކޮށްލާ  ބަދަލު!   ހެޔޮ  ބަދަލެކޭ

"ފާރު ފާރާ   ގަސް ގަހަށް"   ނާރާ    މިއަދު   ވަދެވޭނެޔޭ
    ފާރަކަށް  އެރުމަށް  "އެ ކަމުގައި"  ބޭނުމެއް  ނެތް   ދުވަހެކޭ

"ކާރުގައި  ނޫނީ  ދަތުރުތައް"  ކޮށް  އުޅެންވީ  ކީއް  ކުރަން؟
    ކާރު  އޮތްވައި  ވޭހެ  މުސްކުޅި؟   ހަމަ   ޔަގީނޭ   ނޫނެކޭ

"އުޅުމުގައި  ހުރި  ދަތިކަމާ  އުނދަގޫ"  ކެނޑޭނޭ  މިއަދުވެސް
    "ކުޅުމުގައި  އުޅެފައި"   ނެތަސް   ދުވެލައި  ހަދާށޭ   ބޭހެކޭ

"ހުޅުހުޅުން  ވެސް  ނުލެނބިފައި"  ހުންނާކަށެއް   ނުޖެހޭނެޔޭ
    "ފުޅު"  ގެނެސްގެން   ތެޔޮ ދަމާށޭ  ތަދު  ކެނޑޭ  ފަރުވާއެކޭ

"ބަސް ބުނާ  އިރުގައި ކުރިން އަޑު ހުންނަ ލުއިގޮތް ބަރު" ވުމީ
    ބަސް   ބުނާ   މީހާގެ   ހައިބަތު    ދައްކުވައިދޭ   ބަދަލެކޭ

"ލަސްލަހުން  ނަމަވެސް  ބަދަލުވާ"  ގޮތް ވަނީ ހިތްވަރު ކުރުން
    އަސްލަކީ  މުސްކުޅިވަނީ  ކަމުގައި   ދުށުން   އޭ   ވަހުމެކޭ

ރޫފިލާނޭ   ބޯވަތަށް   އެލިގެން  ދެ  ގަޑި  އިރު  އޮވެލުމުން
    "ރޫވެ  މޫނާ  އަތް  ފަޔާ"  ދާ  ނަމަ   މިއީ   ފަންޑިތައެކޭ

ދޫވެފައި  ހުރި  މަސްތަކާ  ހަންގަނޑުގެ   ދޫކަން  ފިލުވުމަށް
    ދޫ  ނުކޮށް  ބުނެދިން   ގޮތަށް  ކަންތައް   ކުރޭ  ފަރުވާއެކޭ

"ކައި  އުޅެން  ދަތިވާ  ވަރަށް"  ދަތްތައް ވެރެން ދޫކޮށް ނުލާ!
    ގައިމު   ގޮތް   ބުނެދިން   ހެދީމާ   މިންޖުވީ   ޝަކުވާއެކޭ

"އައިބުވާ  ގޮތަކަށް  ދެ  ކޯ ވަޅުވަދެފަ" ހުރި ނަމަ ލަސްނުކޮށް
    އައިބު  ފިލުވާން  ތުނބުޅި  ދިގުކޮށްލާށެ  މީ  ވެސް  ހުނަރެކޭ

ކުރުމަކީ   މޭކަޕު   ތިމާއަށް   ކޮންމެހެން   ބޭނުން   ކަމެއް
    ފުރުމަކަށް  ނުވެޔޭ  އެއީ  ފޫނެތް  ފަޔަށް   ފެން،   ނޫނެކޭ

"ކުރިޔަކަސް   ފެންދީ   އަޅައިލާ   ނޫޅެނީ  ނަމަ"  މަރުވެޔޭ
    ހުރި  ގޮތޭ  ކަން  ތިޔަ  ބުނީ،   ވީމާ  ތިއީ  ހެދި  ގޯހެކޭ

"އާކުރާން  ހަށިގަނޑުގެ  ބާކަން"  ކޮއްކޮ ގޮތްގޮތް ބުނެދިނަސް
    އާ ކުރާނީ   ކިހިނަކުން   ހޭ؟   ހިތްވަރެއް   ނެތި   ލޭކެކޭ

"ތާކު  އެތަކެއް  މީހުނެއް  މުސްކުޅި" ވަމުން  ދިޔަޔަސް  ހެވޭ
    ކާކު  ބުނެގެން  ތިޔަ  ގޮތަށް  އަނބުރައި ތި ލީ؟  މަރު ގޯހެކޭ

ހަރުއަޑުން   ލީމާ   ގޮވައި   ފުރަގަސް   ނުދޭނީ   ކާކުހޭ؟
    ކަރު  ފަޅައިގެން  ދާ   ވަރަށް   އަހަރެންނަކީ   މުސްކުޅިއެކޭ

ހިތް ނުވާ ހިނދު، ވޭތަ މުސްކުޅި އެކަކު ވެސް؟ ހަމަ އަންތަރީސް!
    ހިތްވަރެއް  ނެތި  ތިޔަ  އެޅީ،  ބޭބޭ  ބުނަންތަ؟  ޅަ އެއްޗެކޭ
                 -----------------
                    (ނިމުނީ)

ނޯޓު: މި ޅެމަކީ އަޅުގަނޑުގެ ބޭބެ އަޙްމަދު ޝާހިދު ޙަލީމް "މުސްކުޅިވުން" މި މައިގަނޑުނަމުގެ ދަށުގައި، 1993 ގައި ހައްދަވައި، ޝާއިޢުކުރެއްވި ޅެމަކާ ގުޅިގެން އަޅުގަނޑު ހަދައި ޝާއިޢުކުރި ޅެމެކެވެ.

މި ލިޔުން:

      ލިޔުން:      މުޙަންމަދު ޝާހިދު ޙަލީމް (ފަންވަތުގެ މުސްތަޝާރު، ބަސް)
      އަލުން ބެލުން:         "                  "
      ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)


ހަމަމިގަލަމުން

އިދާރާ

ވާހަކަ