އަދުގެ ޚާއްސަ

Print

ދިވެހިންގެ އިޖުތިމާޢީ ފޭރާން ވީދިގެން ދަނީ ހެއްޔެވެ؟

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު ނާފިޢު  ބ. ދަރަވަންދޫ

ދިވެހިންނަކީ ޒަމާނުއްސުރެ ވަރަށް ގާތް، އެއްބަނޑު އެއްބަފާ އަޚްވަންތަ ބައެއްގެ ގޮތުގައި ދިރިއުޅެމުން އައިބައެކެވެ. އެކަކަށް ލިބޭ އުފަލަކާ ހިތާމައެއްގައި އަނެކެއްގެ ބައިވެރިވުން އޮތް ބައެކެވެ. ގޭގެ ބަދިގޭ އުނދުންމަތީގައި ހުރި ބަތްތަވާގެ ފޫ ކަހާލާއަޑަށް ޖެހިގެން ހުރި ގެއިން ބަތް ހިފައިގެން އާދެ އެވެ. ރަށުގެ ތަރައްޤީއަށް ކުރާ ކޮންމެ ކަމެއްގައި ރައްޔިތުން އެކަތި ގަނޑަކަށްވެ އެކަމެއް ނިންމާލަ އެވެ. ކައިރި ރަށަކުން ބޮޑުކަމެއް ޖެހިގެން ކަމަކަށް އެދޭނަމަ އެކަމެއްގައި އެހެން ރަށްރަށުގެ ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެ އެވެ. ގެއެއްގައި މާ މީރުކޮށް އެއްޗެއް ކައްކާނަމަ ޖެހިގެން ހުރި ގެއަށްވެސް ދަޢުވަތު ދެއެވެ. ރަށުގައި ދޯންޏެއް އެހެލަން ނުވަތަ ތަނެއް ހިޔާކުރަން ފަން ގަނޑެއް ނިއުޅުވާތަން މީހަކަށް ފެނިއްޖެނަމަ އެފަންގަނޑުގެ ނުވަތަ ވަލުގެ އަނެއްކޮޅުގައި ހިފައެވެ. އެހާވެސް އަޚްވަންތަ އެވެ. މީ ހަމަ ދިވެހިންނެވެ.

މީގެ 2500 އެއްހާ އަހަރު ކުރިން ފެށިގެން ރާއްޖޭގައި މީހުން އުޅެން ފަށާފައިވާކަން ތާރީޙީ ހޯދުންތަކުން އެނގެއެވެ. އަދި މީގެ 1000 އެތައް އަހަރެއް ކުރިން ފެށިގެންވެސް  ދިވެހިން ތަބާވަމުން ދިޔައީ އެއް ދީނަކަށެވެ. ދީނީ ބައިބައިވުން ނުވަތަ ހިޔާލު ތަފާތުވުމެއް ނެތިއެވެ. ވާހަކަ ދައްކަމުން ދަނީ ދިވެހިންގެ ދިވެހި ބަހުންނެވެ. އެއްވެސް މަސްހުނި ކުރުމެއް ނެތިއެވެ. އީދު ދުވަހެއް އަތުވެއްޖެނަމަ ދިވެހި ސަޤާފަތް ދައްކުވައިދޭ ކުޅިވަރު ކުޅެއެވެ. ގަނޑު ފިއްލާ ކުޅުމާއި، ފަން ކުޅުމާއި، ތިންމުގޯލި، ބަށި ، އެލަން ގަލަން މިލަން ގަލަން، ބަނޑިޔާ، ބޮޑުބެރު، ތާރަ އަދި ރަދުން ބޮޑު ހިއްޗަށް ދިއުންފަދަ އެތައް އެތައް ސަޤާފީ ކުޅިވަރެކެވެ. އެއްބައިވަންތަ ކަމާއެކު އެއް ރޫހެއްގައެވެ. އެއްވެސް ކަހަލަ ހަސަދަ ވެރިކަމެއް ތަޅާ ފޮޅުމެއް މިކުޅިވަރުތަކުގައި އެކުލެވިގެނެއް ނުވެއެވެ.  

ޤައުމަށް ދިމާވާ ކޮންމެ އަޑިގުނޑަން ގަނޑަކުން، އުސް ގަނޑަކަށް އަރައިގަތުމުގައިވެސް ދިވެހިންގެ މިއެއްބައި ވަންތަކަން ދައްކުވައިދެއެވެ. ހުވަދޫ އަދި އައްޑުއަތޮޅު ބޭރު ބައެއްގެ ޝިކާރަޔަކަށް ވެގެން ދިޔައިރުވެސް ދިވެހިންގެ އަޒުމަކަށް ގުޑުމެއް ނާދެއެވެ. އެމީހުން އެމީހުންގެ ނިކަމެތި ހާލުގަވެސް އެންމެން އެކަތި ގަނޑަކަށްވެ ބޭރު ބައެއްގެ އަތްދަށުން ޤައުމު ސަލާމަތް ކުރުމަށް ﷲ އަށް ދުޢާ ދެންނެވުން މެދުކަނޑައެއް ނުލައެވެ. ހިތްވަރާއެކު ދުޝްމަނުންނާއި ދެކޮޅަށް ނުކުމެ، އިނގިރޭސީންނާއި ވޯރާ ވިޔަފާރި ވެރިންނާއި، އަނދިރި އަނދިރިންނާއި، މަލާ ބާރީންނާއި އަދި ތަމަޅަ ބާޣީން، މިހެންގޮސް ރާއްޖެ އަޅުވެތި ކުރުމަށް ހުރިހާ ޒަމާނެއްގައިވެސް ރާއްޖެއާއި ދިމާކޮށްފައިވާ  ދުޝްމަނުންގެ ކިބައިން ޤައުމު މިއަދު މިއޮތް މިނިވަންކަމަށް ގެނައުމަށް އަޅުގަނޑުމެން ދިވެހިން ވެފައިވަނީ މަތިވެރި ޤުރުބާނީއެކެވެ. އަދި އެދުވަސްވަރު މިގެންގުޅޭ ފަދަ ބަޑިޔާއި އުންޑައެއްވެސް ނެތެވެ. ހަމަ އެކަނި އޮތީ އެއްބައިވަންތަކަމާއި އަޚްވަންތަކަމެވެ.

އެހެންނަމަވެސް މިއަދު މިދަނީ މިހުރިހާ ކަމެއް މާޒީވެ، ވެއްޔާ މޮޑެވެމުންނެވެ. އެކަކު ކެއުމަށް އަނެކަކު ނޭދެއެވެ. ދިވެހިންގެ ސަޤާފަތާއި އާދަކާދަތައް ޒަމާނަށް ބަދަލުކޮށް މަސް ހުނި ކުރަމުންނެވެ. ދިވެހި ބަހަށް ބޭރުގެ ބަސް ވައްދައި މަސްހުނިކޮށްފި އެވެ. އަނެކާއަށް ހެވެއް އެދޭމީހުން މަދުވެއްޖެ އެވެ. ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ ސަޤާފަތާއި އަމިއްލަ މާދަރީ ބަސް ކުރިއަރުވަން މަސައްކަތް ކުރެ އެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި މާދަރީ ބަހަށް ދޭންވާ ސަމާލުކަން މިދަނީ ކުޑަވަމުންނެވެ. މަދުރަސީ ދައުރުން ފެށިގެންނެވެ. އޭގެ ބަދަލުގައި އިސްކުރެވެނީ ބޭރުގެ ކޮންމެވެސް ބިދޭސީ ބަހެކެވެ. މިހާރުގެ ކުއްޖަކު ދައްކާ ވާހަކަ ނިކަން ކަނުލާ އަޑުއަހާ ބަލާށެވެ. މިކަމުގެ ހަޤީޤަތް މިއަދު ވަރަށް ރަނގަޅަށް އެގިގެން ދާނެއެވެ. ދިވެހިބަހުން ރަނގަޅަށް ލިޔަން ނޭގޭތާގައި، ކިޔަންވެސް ނޭގެއެވެ. މިހާރުގެ ކުދިން ދެކޭގޮތުގައި ދިވެހި ބަހަކީ އެއްވެސް އެއްޗެއް ނޫނެވެ. ބޭރު ބަހަކުން ވާހަކަ ދެއްކުނީމަ އެމީހާ އެ ޔޫރަޕް ވީއެވެ. މިއީ މިއަދުގެ ހާލަތެވެ. ދިވެހިންގެ މާދަރީ ބަހުން މީހަކު ވާހަކަ ދައްކާނަމަ ފުރަތަމަ ޖެހޭނީ އެ ބަސް އިނގިރޭސި ބަހަށް ތަރުޖަމާ ކުރަންކަން ޔަޤީނެވެ. ހަމަ އެހެންމެ ކުޅިވަރެއް ކުޅުނަސް ހަމަ މިފަދަ އެވެ. މިހާރުގެ ކުޅިވަރުތަކަށް ބަލާއިރު ކޮންމެ ކުޅިވަރެއް ކުޅުނަސް އެކުޅޭ ދެބައެއްގެ ދެމެދުގައި އޮންނަނީ ހަސަދަވެރިކަމެވެ. ތަޅާ ފޮޅުމެވެ. މަދު ކުޅިވަރެއް ފިޔަވާ ހުރިހާ ކުޅިވަރެއްގެ ހާލަތަކީވެސް މިއެވެ. ޚާއްސަކޮށް އީދުގައި ކުޅޭ ކުޅިވަރުތަކެއްގެ ސަބަބުން މާލެތެރޭގައި ތަޅާފޮޅުމާއި މާރާމާރީތައް ގިނަވެގެންދެއެވެ.

ސިޔާސީ ފޯރީގައި ޢާއިލާތައް ފޮތިފޮތިވެ ނިމިއްޖެ އެވެ. އެއްގެއެއްގައި ތިންމީހަކު ދިރިއުޅޭނަމަ އެތިންމީހުން ތިބޭނީ ތިންފަރާތަށް މޫނު އަނބުރައިގެންނެވެ. ބައްޕައާއި، ދަރިފުޅު ދެޕާޓީއެއްގައި ހިމެނޭތީވެ ދެބަފައިން އެއްމޭޒުދޮށަށް ކާން އެރޭކަށް ނޯވެ އެވެ. ކިތަންމެ ބޮޑު ނިކަމެތިކަމެއް ލިބުނަސް،  ޚިޔާލާއި، ފިކުރު ތަފާތުވުމުން، އެހީތެރިކަމެއް ފޯރުކޮށްދެވޭކަށް ނޯވެ އެވެ. ޢާއިލާގެ ތެރޭގައި މިފަދަ މިންވަރަކަށް ޢާއިލީ ގުޅުން ހީނަރުވުމުން، މުޅި މުޖުތަމަޢު އޮންނާނެ ގޮތް ވިސްނަވާށެވެ. އެކަން މިހާރު މިއޮތީ ވެފައެވެ. އިޖުތިމާއީ ފޭރާން މިހާބޮޑަށް ދޯހަޅިވެއްޖެނަމަ، އަޅުގަނޑުމެން ތިބޭނީ ނިވާނުވެފަ އެވެ. މީހެއްގެ އަބުރެއް، ޤަދަރެއް، ޢިއްޒަތެއް އެބައޮތްތޯއެވެ؟ ކޮންމެ މީހެއްގެ ނަޒަރުގައިވެސް އެނޫން އެހެން އެންމެންނަކީ ގޯސްމީހުންނެވެ. ވަގުންނެވެ. ޚިޔާނާތްތެރިންނެވެ. މިގޮތުން ބަލައިފިނަމަ، މި މުޖުތަމަޢުގައި ރަނގަޅު ހަމަ އެކަކުވެސް މިހާރަކު ނެތެވެ. އެކަމަކު މިކަން ޤަބޫލުކުރާނެ މީހަކުވެސް ނެތެވެ.

ދީނީ ޚިޔާލު ތަފާތުވެ، ދީނާއި މެދު ދެކޭގޮތް އޮޅުން ބޮޅުމުގެ ތެރެއަށް ވައްދައިފިއެވެ. ދެމީހަކު އެއްގޮތަކަށް ވާހަކައެއް ނުދައްކައެވެ. ނަމަވެސް މިދައްކަނީ މިއަދުގެ ޖީލުތަކުންވެސް މިފަދަ ކަންކަމަށް އެއްބާރުލުން ނުދޭ ވާހަކައެއް ނޫނެވެ. އެއްބައިވަންތަކަން ދުވަހެއް ދުވަހަކަށް ބަލިކަށިވަމުން ނިއުޅެމުން ދާ ވާހަކަ އެވެ.

އެހެންކަމުން އަޅުގަނޑުމެން ދިވެހިންނަށް މިއަދު މިވަނީ މިދިވެހި ޤައުމުގެ އިޖުތިމާއީ ފޭރާން އާކުރަން ޖެހިފައެވެ. ވީދިފައިވާ ތަންތަން އަލުން އައު ރޮދިޖަހައިގެން ފަހަން ޖެހިފައެވެ. ނަމަވެސް މިކަން މިއަދު ކުރެވެން އަންނަނީ އަޅުގަނޑުމެންގެ ޒުވާން ޖީލަށް މިކަން އޮޅުން ފިލުވައިދީ އެމީހުންގެ މެދުގައި އެއްބައިވަންތަކަމާއި އަޚްވަންތަކަން އުފައްދައިގެންނެވެ. މުޖުތަމަޢުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙު އުފެއްދުމަށްޓަކައި ތަފާތު ޕްރޮގުރާމްތައް ހިންގައިގެންނެވެ. ސްކޫލް މަދަރުސާތަކުގައި ދިވެހި ސަޤާފަތާއި އާދަކާދަ މާއްދާއެއްގެ ގޮތުގައި ހިމަނައި، ކުޑައިރުއްސުރެން ފެށިގެން މިއާދަތައް ދަސްކޮށް ދީގެންނެވެ. ދިވެހި ބަހަކީ ކިހާ މުހިންމު އެއްޗެއްކަން ޓީޗަރުންނާއި މައިން ބަފައިން، ކުދިންނަށް އަންގައިދީގެންނެވެ. އަދި ހަމަ އެހެންމެ  ދިމާވާ ކޮންމެ އަޑިގުޑަން ތަކެއްގައި އެންމެން އެކަތި ގަނޑަކަށްވެ ދީނީ އަޤީދާ ހަރުދަނާ ކުރަން ދަސްކޮށް ދީގެންނެވެ. އިޖްތިމާޢީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކޮށްގެންނެވެ. އަދި މުޖުތަމަޢުގައި އަމާންކަން ޤާއިމް ކުރުމަށް ނޭދެވޭ ކުށްތަކާއި، ދީނާއި ޚިލާފް ހަޑިމުޑުދާރު ޢަމަލުތައް ނެތިކޮށް ދިވެހިންގެ އިޖްތިމާޢީ ފޭރާން ވަރުގަދަކޮށްގެންނެވެ.

(ނިމުނީ)  

މި ލިޔުން؛

   ފޮނުވުން:   އަލްފާޟިލް
އަޙްމަދު ނާފިޢު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
   އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
   ޝާއިޢުކުރުން: ''          ''

އިދާރާ

އެނގޭތަ؟

ވާހަކަ