އަދުގެ ޚާއްސަ

Print

ކޮންމެ މުދައްރިސަކަށްވެސް ތަފާތު ދައްކުވައި ދެވިދާނެއެވެ.

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އާދަމް ޝަރީފް،ރޯޒީ  ށ.ފުނަދޫ

ފިރުނބައިދޫ މީހުން ފުނަދޫއަށް ބަދަލުވުމުގެ ވާހަކައާއި އެކު މުޅިރަށް ހަލަބޮލިވެގެން ދިޔައެވެ. އެއްބަޔަކު އަނެއްބަޔަކާ ދިމާކުރުމާ ޒުވާބު ކުރުމާ މުދަލަށް ގެއްލުނަ ދިނުންފަދަ އެތައްކަމެއް ހިނގަމުން ދިޔައެވެ. ކަންދިމާކުރިގޮތުން އެއަހަރަކީ ( 1995 ) އަޅުގަނޑު ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ވަޒީފާއަށް ރަށަށް އައި އަހަރެވެ. ކިޔެވުމަށްޓަކައި އުމުރުން 6 އަހަރުގައި ރަށުން ބޭރުކޮށްލިގޮތަށް ، އެކިތަންތަނުގައި އުޅުމަށްފަހު އެނބުރި  އާދެވުނު އަހަރެވެ. އެހެންކަމުން އަޒުމް ކަނޑައަޅައިގެން ހުރީ ރަށަށް ބޭނުންތެރި ޚިދުމަތްތަކެއް ކުރުމަށެވެ. އެހެނަސް  އުފެދުނު މި ބޮޑު ހަމަނުޖެހުމާއި ހެދި ރަށުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. ވަރަށް ގިނަ މީހުންގެ ލަފަޔާއެކު ޖެހިގެން އައި އަހަރު ބަދަލުވީ ފުނަދޫ އަށެވެ.
 
ފުނަދޫއަށް އާދެވުނީ 9 މާޗް 1996 ވަނަ ދުވަހުގެ ހަވީރު އެވެ. އޭރު މަރުހަބާ ކިޔުމަށްޓަކައި ސްކޫލުގެ ދެ ކުއްޖަކު އައިސް ތިއްބެވެ. އެދެކުދިން ދެއްކިމަގުން ގެއަށް ދިޔައީމެވެ. އަދި ފެންވަރާ ހަދާލައިގެން ދިޔައީ ސްކޫލަށެވެ. އޭރޭން އެރެޔަށް ކިޔަވައިދޭން ޖެހޭ ކިލާސްތަކާއި މާއްދާތަކާއި ބެހޭ މަޢުލޫމާތު ލިބުނެވެ. އަޅުގަނޑު ބަލަހައްޓަން ޖެހުނު ކުލާހަކީ ގުރޭޑް 5އެވެ. 148 ކުދިން އުޅޭ ސްކޫލުގައި އެހިނދަށް އޮތް އެންމެ ބައިބޯ ކިލާހެވެ. .

" ވަރަށް ގޯސްކުދިން އުޅޭނެ! ބައެއްކުދިން ބޯމަތިންވެސް ފުންމާލާނެ!އެއީ ސުކޫލުގައި އޮތް އެންމެ ހަލަބޮލި ކިލާސް!އަދި އެންމެ ސިޔާސަކުދިން އުޅޭ ކިލާސް! " އަޅުގަނޑު ހަވާލުވާންޖެހޭ ކިލާހާއި ބެހޭ މައުލޫމާތު ދެއްވަމުން ސްކޫލުގެ އިސްވެރިޔަކު ބުނުއްވިއެވެ. އެހިނދު ހިތުތެރޭގައި ނުތަނަވަސްކަމުގެ އިހުޞާޞްތަކެއް އެނބުރިގަތެވެ. އަޅުގަނޑު ކަހަލަ މިދާއިރާއަށް އައު މީހަކަށް މިފަދަ އުނދަގޫ ކިލާހެއް ހަވާލު ކުރެއްވީ ކީއްވެބާވައޭ ހިތަށް އެރިއެވެ. ގެއަށްގޮސް ވެސް ވިސްނުނީ އެކަމާމެދުގަ އެވެ. މުޅި އެރޭ ހޭދަކުރީ އެ "ގޯސް" ކުދިންތައް މައިތިރި ކުރާނެ އުކުޅުތަކާމެދު ވިސްނުމުގަ އެވެ.
 
ޖެހިގެން އައި ދުވަހު ކިލާހަށް ދިއުމުން އެބުނުއްވިފަދަ މަންޒަރުތަކެއް ނުފެނުނެވެ. ކިލާހު ކުދިންގެ ފަރާތުން ފެނުނީ އެއްބާރު ލުމާއެކު ކިޔެވުމަށް ޝަވްޤުވެރިވެފައި ތިބި މަންޒަރެވެ.އަލަށް އައި މުދައްރިސަށް މަރުހަބާ ކިޔުމަށް ތައްޔާރުވެގެން ތިބި މަންޒަރެވެ.  އެހެނަސް ތަންކޮޅެއް އުނދަގުލުން ހަމައަކަށް އަޅުވާލެވުނު ކުދިންވެސް ތިއްބެވެ. އެކުދިންގެ ވާހަކަތައް އަޑުއެހީމެވެ. އަދި އަޅުގަނޑުގެ ތަޢާރަފާއި އަޅުގަނޑާއި ބެހޭ މަޢުލޫމާތުވެސް އެކުދިންނާ ހިއްސާ ކުރީމެވެ.
 
ކިލާސް މުދައްރިސްގެ ހައިސިއްޔަތުން ތަފާތު ކަންތައްތަކެއް އެކުދިންނަށްޓަކައި ތަޢާރަފްކޮށްދިނީމެވެ. އޭގެ ތެރޭންވެސް ފާހަގަ ކޮށްލެވޭ އެއްކަމަކީ ކުލާހުން ނެރުނު ނޫހެވެ. ފުނަދޫ ސުކޫލުގައި ފުރަތަމަ ނެރުނު ނޫހުގެ ގޮތުގައި "ވަންނީ"ގެ ނަމުގައި ނޫހެއް ނެރެވުމެވެ. އެ ނޫހުގެ މަސައްކަތުގައި ކިލާހުގެ ހުރިހާ ކުދިން އެއްބައިވެގެން ޝަވްޤުވެރިކަމާއެކު މަސައްކަތްކުރި މަންޒަރު މިހާރުވެސް ހިތަށް ސިފަ ވެއެވެ. އޭގެ އިތުރުންވެސް އެކުދިންނަށްޓަކައި ވަގުތު ހޭދަކޮށް އެކުދިން ސުކޫލަށް ޝަވްޤުވެރި ކުރުމަށްޓަކައި ކުރެވުނު ތަފާތު ކަންތައްތަކުގެ މަތިން ހަނދާން ހުރެއެވެ.

އަޅުގަނޑު ސްކޫލާއި ގުޅުނުއިރު އެންމެ ވިޔާނުދާ އެންމެ ގޯސް ކުދިންގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ކުދިން އަޅުގަނޑާއި ހަވާލުވިތާ ތިންމަސް ފަހުން ފާހަގަކުރެވުނީ ވަރަށް ތަފާތު ބަޔެއްގެ ގޮތުގައެވެ. އެތަފާތު ވެގެން ދިޔައީ އަޅުގަނޑުގެ ހިތަށާއި މެޔަށް ފިނިކަން ގެނުވި ތަފާތަކަށެވެ. ކިޔަވައިދިނުމުގެ ދާއިރާއަށް އިތުރަށް ޝަވްޤުވެރިވެ މިދާއިރާއިން ކުރިއަށް ދިއުމަށް ލިބުނު ހިތްވަރަކަށެވެ. އެންމެ އުފާވީ އެއްދުވަހެއްގެ ހެނދުނު އެސެންބްލީގައި އެކުދިންގެ ވާހަކަ ހެޑްމާސްޓަރު ދެއްކެވުމުންނެވެ. ގުރޭޑް5 ގެ ކުދިންގެ ބަސްއަހާ ވާހަކައާއި އެކުވެރި ކަމުގެ ވާހަކަ ދެއްކެވުމުންނެވެ. އަދި މުޅި ސްކޫލުންވެސް ގުރޭޑް5 އަކީ ނަމޫނާއަކަށް ދެކެން ރަނގަޅު ކިލާހެއް ކަމަށް އިއުލާން ކުރެއްވުމުންނެވެ.

އަޅުގަނޑުގެ ކިޔަވައިދިނުމުގެ ހަޔާތުގައި އެބަޔަކާއި މެދު ވަރަށް ޚާއްޞަ ނަޒަރަކުން ބެލެވޭފަދަ ބަޔަކަށް އެކުދިން ވެގެން ދިޔައެވެ. ސްކޫލު ނިންމުމަށްފަހު ޢަމަލީ ހަޔާތާ އެކުދިންވަނީ ކުރިމަތިލާފައެވެ. މިހާރު އޭގެ ތެރެއިން ކޮންމެ ކުއްޖަކިވެސް ޒިންމާދާރު އާއިލާއެއްގެ ވެރިޔެކެވެ. ލިބުނު ތައުލިމާއި ތަރުބިއްޔަތު ހެޔޮގޮތުގައި ބޭނުންކުރަމުންދާ މުޖުތަމަޢު ޤަބޫލު ކުރާ ބަޔެކެވެ. ސްކޫލް،ބޭންކް، ހޮސްޕިޓަލް،ޕޮލިސް ސްޓޭޝަން ފަދަ ތަންތަކުގައި ޒިންމާދާރު ވަޒިފާތަކުން އެކުދިން ފެންނަކަމީ ހިތް އުފާވާ ކަމެކެވެ. ހިތަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ފެންނަކޮންމެ ތަނަކުން އިޙްތިރާމާއެކު ވާހަކަަ ދައްކާތީ ވަރަށް އުފާވެއެވެ.
 
އެއީ ގޯސް ބަޔެއްގެ ލޭބަލާއި އެކު އެކުލާހަށް ފުރަތަމަވެސް ވަދެވުނު ނަމަ މިހެނެއް ނުވީހެވެ. އެކުދިން ބަދަލު ކުރެވުނީ އެކުދިންނާމެދު ޚާއްޞަ ނަޒަރަކުން ބެލި ޚާއްޞަ ކަންތައްތަކެއް ކޮށްދެވުނީމަކަން މިއަދު އެބަ ފާހަގަ ކުރެވެއެވެ. އެކުދިންގެ ވާހަކަތައް އަޑު އަހައި އެކުދިންނާއެކު ވަގުތު ހޭދަކޮށް އެކުދިން އުފާވާ ފަދަ މާހަވްލެއް ސްކޫލު ތެރެއިން ހޯދައިދެވުނު ކަމީ މި ކާމިޔާބީގެ ސިއްރެވެ. ކިލާހަކަށް ކިޔަވައިދޭން ދާއިރު ތަފާތު މިޒާޖުގެ ކުދިން ތިބޭނެ ކަމާ އެކުދިންނާމެދު ވިސްނުންތެރިކަމާއެކު މުއާމަލާތު ކުރަން ޖެހޭނެކަން އެނގިހުރެ ކިލާހަށް ވަދެވޭ ނަމަ ހަމަ ކޮންމެ މުދައްރިސަކަށްވެސް ތަފާތު ތަކެއް ދައްކުވައި ދެވިދާނެއެވެ. އަޅުގަނޑުގެ ތަޖުރިބާއިން މިކަން އެނގިއްޖެއެވެ.

(ނިމުނީ)
މި ލިޔުން؛

   ފޮނުވުން:   އަލްފާޟިލް އާދަމް ޝަރީފު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
   އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
   ޝާއިޢުކުރުން: ''          ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ