އަދުގެ ޚާއްސަ

Print

ކަރުނައިގެ މުތީ (4)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ


ތަރުޖަމާ ކުރީ: މުޙަންމަދު ޝާހިދު ޙަލީމު (2002)
                (19 ޖަނަވަރީ 2011، ބުދައާ ގުޅޭ)

ހަނގުރާމަ ކުރިއަށް ދިޔައެވެ. އެއީ ވަރަށް ދިގު، ވަރުބަލިކުރުވަނިވި، ފޫހިކުރުވަނިވި ހަނގުރާމައެކެވެ. ޚުއްރަމަކީ އެހެން ޝެހެޒާދާއެއް ނަމަ މިހާރު ހަނގުރާމައިން ނުކުންނާނެ ނަތީޖާއަކަށް އިންތިޒާރުކުރެއްވުމެއް ނެތި އެނބުރި، ވަޑައިގެންފީހެވެ. އެކަމަކު ޚުއްރަމް ހުވާކުރައްވައިފައި ވަނީ ރާނާ ހައްޔަރު ކުރެއްވުމަށެވެ. ނުވަތަ މުޅި އުމުރުފުޅު ހަނގުރާމަ ކުރެއްވުމުގައި ދެމިހުންނެވުމަށެވެ. އެމަނިކުފާނު، ވަރުބަލިފުޅު ނުވާ އަނެއް ސަބަބަކީ ކޮންމެ ދިހަވަރަކަށް ފަނަރަވަރަކަށް ދުވަހުން ޝާހު ބާނޫގެ ދިގު، ލޯބީގެ ސިޓީއެއް ލިބިވަޑައިގަންނަވާކަމެވެ. އެ ސިޓީތައް ވިދާޅުވާން ފެއްޓެވުމާ އެކު، އެމަނިކުފާނަށް ކަނޑިތަކުގެ ޓަން ޓަން އަޑާއި، ބަޑިތަކުގެ ބަން ބަން އަޑާ ދުރަށް ޖަމުނާގެ ފިނި އައްސޭރިއަށް ވަޑައިގެންނެވެއެވެ. ހަނގުރާމައިގެ މައިދާނުގައި އޮންނާނީ ރަތްދައްކާއަތްވެވެ. އިރު ހުންނާނީ ބައި ނޭޒާގެ ދުރުމިނުގައެވެ. އެކަމަކު ޝާހު ބާނޫގެ ފިނި ފޮނި ސިޓީތަކުން ހަނދު އުދަވެއެވެ. އެ ސިޓީތަކުގައި ހުރެއެވެ. "ރޭގަނޑުގެ ފަހު ދަމުގެ ފިނި ވައިރޯޅި ޝާހު ބާނޫގެ ކަންފަތް ދޮށުގައި ސިއްރު ސިއްރުން ބުނެއެވެ. ވަކިވުމުގެ ހިތާމައިގައިވާ ޝާހް ބާނޫއެވެ. ޝާހް ބާނޫގެ ޝެހެޒާދާ ވަޑައިގަންނަވާނީ ކޮން އިރަކުން ހެއްޔެވެ؟ އެ ވަގުތު ޝާހު ބާނޫ ވަރަށް ފަޚުރުވެރިކަމާއެކު ޖަވާބުދެއެވެ. އެމަނިކުފާނު ވަޑައިގަންނަވާނީ ގިނަ ދުވަހުންނެވެ. އެކަމަކު ވަޑައިގަންނަވާނީ ފަތަޙައިގެ ދިދަ ވިހުރުއްވަވަމުންނެވެ."

ޝާހު ބާނޫގެ ސިޓީތައް ޝެހެޒާދާގެ ހިތްވަރުފުޅު ގަދަކޮށްދެއެވެ. އެއަށްފަހު އެމަނިކުފާނު ރާނާ ހައްޔަރުކުރެއްވުމަށް އާ ޢަޒުމުފުޅަކާއި އާ ހިތްވަރުފުޅަކާ އެކު ތަދުބީރުކުރައްވާން ފައްޓަވައެވެ. އެމަނިކުފާނު، ލަޝްކަރުގެ ހިތްވަރުގަދަ، ހުޝިޔާރު މީހުންގެ ކުދި ގުރޫޕުތަކެއް ހެއްދެވިއެވެ. މި ގުރޫޕުތަކަކީ ދުޝްމަނުން ހޯދާން ހެއްދެވި ގުރޫޕުތަކެކެވެ. ޝެހެޒާދާގެ އަމުރުފުޅާ އެއްގޮތް ވާ ގޮތުގެ މަތީން މި ގުރޫޕުތައް ދުޝްމަނުން ހޯދުމަށް ރެއާއި ދުވާލު ފަރުބަދަތަކުގެ ބަނޑުދޮށާއި، ހޮހަޅަތައް ހޯދަމުން ގެންދިޔައެވެ. ދުޝްމަނުންގެ މީހަކު ފެންނަ އިރަށް އެ މީހަކު ޤަތުލުކުރެއެވެ. ނޫނީ ހައްޔަރުކުރެއެވެ. ރާނާއަށް މިހާރު ޖެހިވަޑައި ގެންފައި ވަނީ އެއް ތަނުން އަނެއް ތަނަށް އަބަދު ބަދަލުވެވަޑައިގަންނަވާށެވެ. ޚުއްރަމްގެ ޖާސޫސް ގުރޫޕުތައް، ރާނާ ހަމަޖެހިވަޑައިގެން ނޭވާފުޅެއް ލެއްވިޔަކަ ނުދެއެވެ. ރާނާ މިހާރު އިންތިޒާރުކުރައްވަމުން ގެންދަވަނީ ވާރެއަށެވެ. އެއީ ވާރޭގެ ސަބަބުން ޖަންގައްޔާއި އަޑި މަގުތަކުގައި ފެން ހެދި، ފެންބޮޑުވާނެތީއެވެ. އޭރުން ޝާހީ ފައުޖުތަކަށް ރާނާ ހޯދުމަށް ކޯރުތަކާއި ފެންގަނޑުތައް ހުރަސް ނުކުރެވޭނެތީ އެވެ.

އެހެންނަމަވެސް ވާރޭ ވެހުމުގެ ކުރިން ރާނާގެ ހިތްވަރުފުޅު ބަލިވެއްޖެއެވެ. އެހެނީ އޭރު އެމަނިކުފާނުގެ ސަރަހައްދު ވީރާނާވެއްޖެއެވެ. ދަނޑުފަނގު ނެތިއްޖެއެވެ. ޚަޒާނާ ހުސްވެއްޖެއެވެ. ސިފައިން ޤަތުލުވެ ނުވަތަ ހައްޔަރުވެއްޖެއެވެ. ޢިއްޒަތްތެރީންނާއި ގާތް މީހުން ދުރަށް ހިނގައްޖެއެވެ. ރާނާގެ ބޮޑުކަން ނެތިއްޖެއެވެ. ޝާހީ ފައުޖުތައް ވަނީ އެމަނިކުފާނު ވަށައިލައިފައެވެ. އެންމެފަހުން އެމަނިކުފާނު ހަތިޔާރުބެހެއްޓެވިއެވެ. މޭވާޅުގެ އެއްވެސް ރާނާއަކު މި ވީހައި ތަނަށް އެހެން އެއްވެސް ރަސްކަލެއްގެ ކުރިފުޅުމަތީގައި އިސްޖައްސަވައި ލައްވައިފައެއް ނުވެއެވެ. އަދި އެއްވެސް ރަސްދަރިކަލަކު އެހެން ބޮޑު ރަސްކަލެއްގެ ދަރުބާރަށް ފޮނުއްވައިފައެއް ނުވެއެވެ. އެކަމަކު މި ވަގުތު ޝެހެޒާދާ ޚުއްރަމާ ކުރިފުޅުމަތި ލެއްވި ރާނާ އަމަރް ސިންގް އެ ވަނީ ކިޔަމަންތެރިކަން ގަބޫލުކުރައްވައިފައެވެ. އަދި އެމަނިކުފާނުގެ ދަރިކަލުން ރާޖް ކުމާރު ކިރަން، ޖަހާން ގީރުގެ ދަރުބާރަށް ހާޒިރުވެވަޑައިގަތުމަށް ޝެހެޒާދާ ޚުއްރަމްގެ އަރިހަށް ފޮނުއްވައިފައެވެ.

ޝެހެޒާދާ ފަތަޙަ ހޯއްދަވައިގެން ވަޑައިގަންނަވަމުން އަޖްމީރުގައި މަޑުކުރެއްވި ޚަބަރު ޝެހެންޝާހަށް ލިބިވަޑައިގަތުމުން، އެމަނިކުފާނު ދަރުބާރުގެ ހުރިހައި އަމީރުން ޝެހެޒާދާއާ އިސްތިޤްބާލުކުރެއްވުމަށް ފޮނުއްވިއެވެ. މަލިކާ ނޫރު ޖަހާންގެ ނިތްކުރިފުޅަށް ރޫފުޅުއެރިއެވެ. އެތައް ހާސް އަހަރަކުއްސުރެން އިސް ނުޖައްސަވާ، ރާނާއިންގެ ކަނދުރާފުޅުތައް ޚުއްރަމަށް އިސްޖެއްސުވިދާނެ ކަމަކަށް އެކަމަނާ ހީފުޅެއް ނުކުރައްވައެވެ.

އެހެންނަމަވެސް މަލިކާ ވަރަށް ކެތްތެރިވެވަޑައިގަތެވެ. ފަތަޙަ ހޯއްދެވި ޝެހެޒާދާއާ ވަރަށް ޢިއްޒަތުގައި އިސްތިޤްބާލުކުރަން ޖެހޭނެ ކަމަށާއި، ޝުކުރުގެ ގޮތުން ކިރުމުގެ ރަސްމިއްޔާތު ބާއްވަން ޖެހޭނެ ކަމަށް، އެކަމަނާ ޖަހާން ގީރަށް ދެންނެވިއެވެ. މި ރަސްމިއްޔާތު އަދާކުރާ ގޮތަކީ ތިލަފަތުގެ އެއް ތަށީގައި ޝެހެޒާދާ ނުހަނު އަރާމުގައި ވަޑުވައިފައި، އަނެއް ތަށްޓަށް ރަން ރިއްސާއި އެހެނިހެން އަގުހުރި ތަކެތި އެމަނިކުފާނުގެ ބަރުދަނަށް އަޅަނީއެވެ. އެއަށްފަހު އެ ހުރިހައި އެއްޗެއް ފަގީރުންނަށް ބަހަނީއެވެ.

މޭވާޅު ފަތަޙަވެ، ރާނާ ކިޔަމަންތެރިވެވަޑައިގަތުމުން ޝެހެންޝާހު އުފާފުޅުވީ ވަރުން ރާ، ގަލަހަކަށް ފަހު ގަލަހެއް ހިއްޕަވަމުން ގެންދެވިއެވެ. ޝެހެޒާދާ ފާތިޙެއްގެ ގޮތުގައި ކުރިފުޅުމައްޗަށް ވަޑައިގަތުމުން، މަލިކާ ނޫރު ޖަހާންގެ އަރިހުން ތެދުވެވަޑައިގެންފައި އެމަނިކުފާނާ ކަރާއިކަރުޖެއްސެވިއެވެ. ބަފައިވަންތަކަމުގެ ލޯބީގެ ޖޯޝުގައި އެމަނިކުފާނުގެ ނިތްކުރިފުޅުގައި ބޮސްދެއްވައިފައި ވިދާޅުވި އެވެ. "ޝެހެޒާދާ، ވިދާޅުވޭ! ބޭނުންފުޅީ ކޮން ބިމެއް ތޯ؟"

ޚުއްރަމް ވިދާޅުވިއެވެ. "ބައްޕާފުޅު ޤިޔާމަތާ ޖެހެންދެން ސަލާމަތުން ލަހައްޓަވާށި. ބިން އަޅުގަނޑަށް އޮންނާނީ ލިބެން. މިއަދު އަޅުގަނޑު ބޭނުން ވަނީ އަޅުގަނޑުގެ އުމުރާ ގުޅޭ ކަމެއްގައި ބައްޕާފުޅުގެ ރުހިވަޑައިގަތުމަށް."

"ދަރިފުޅާ. މިއަދު ބައްޕަ މި ވަނީ ދަރިފުޅާ މެދު ރުހިފައި. ބޭނުންފުޅު ކަމެއް ވިދާޅުވޭ!"

އެމަނިކުފާނު އިސްޖައްސަވައިލައްވައިފައި މަޑުމަޑުން ވިދާޅުވިއެވެ. އަޅުގަނޑު އެދެނީ ޔަމީނުއްދައުލާ އާޞިފު ޚާންގެ ދަރިކަނބަލުން އަޅުގަނޑުގެ ޙަޔާތުގެ ބައިވެރިއަކަށް ހަދަން."

މަލިކާ ނޫރު ޖަހާން ސިހިވަޑައިގެންފައި އިސްއުފުލައިލެއްވިއެވެ. ޚުއްރަމް ބިމެއްގެ ބަދަލުގައި ނަވާބުޒާދީއެއްގެ ކާވެނިފުޅަށް އެދިވަޑައިގެންފާނެކަމަކަށް އެކަމަނާއަށް ހީފުޅު ވެސް ކުރެއްވިފައެއް ނެތެވެ. އެކަމަނާ އެ ކަމާ ވިސްނާވަޑައިގަންނަވަން އިންނެވި ވަގުތުކޮޅު ޝެހެންޝާހު އެ ކަމާ ރުހިވަޑައިގަންނަވައި، ޝާހު ބާނޫއާއި ޚުއްރަމްގެ ކާވެނިފުޅު ކޮށްދެއްވާނޭކަމުގެ ވިދާޅުބަސްފުޅު އިއްވަވައިފިއެވެ. އަދި މި އުފަލުގައި އެމަނިކުފާނު އިތުރަށް ރާފޮދު ހިއްޕަވާން ފެއްޓެވިއެވެ. މަލިކާ ވެސް ގަސްތުގައި އެމަނިކުފާނަށް ރާފޮދު އަރުއްވަމުން ގެންދެވިއެވެ. އެއީ ބުއްދިފުޅު ފިލައިދިއުމުން އެކަމަނާ ބޭނުންފުޅު ކަމެއް އެމަނިކުފާނު ލައްވައި ކުރުއްވޭނޭތީއެވެ.

ކިރުމުގެ ވަގުތު ޖެހުމުން ޝެހެޒާދާ ޚުއްރަމް ތިލަފަތުގެ އެއް ތަށީގައި އިށީނދެވަޑައިގަތެވެ. އޭރު މާތް މަލިކާ ފަށުވި ފަރުދާކޮޅުގެ ބިއްދޮށުގައި އިންނަވައިގެން ރާފޮދު އަރުވާ މީހެއްގެ ބައި ކުޅުއްވަނީއެވެ. އެކަމަނާ ވައިއަޑުފުޅުން ޖަހާން ގީރާ ސުވާލުކުރެއްވިއެވެ.

"ޚުއްރަމް މަނިކުފާނުގެ ހަމަ ކޮންމެ އަމުރުފުޅަކަށް ކިޔަމަން ވާނެތޯ؟"

"ޝައްކެއް ނެތް. އެއީ އަޅުގަނޑުމެންގެ ކިޔަމަންތެރި ދަރިއެއް."

މަލިކާ ސުވާލުކުރެއްވިއެވެ. "ރާ އަކީ ނުރަނގަޅު އެއްޗެއްތޯ؟"

"ނޫން. ނުރަނގަޅު އެއްޗެއް ނަމަ އަޅުގަނޑު ފަހަރެއްގައި ވެސް އެއެއް ނުބުއީމުސް."

"އެކަމަކު ޝެހެޒާދާ ޚުއްރަމް ވިދާޅުވަނީ އެއީ ނުރަނގަޅު އެއްޗެކޭ. ޚުއްރަމް ދުވަހަކު ވެސް އެއެއް ނުހިއްޕަވާ."

"ނުބޯންވީ ކީއްވެގެން؟ ރަސްގެފާނު ބޮންޏާ ޝެހެޒާދާ ވެސް ބޯނެ. ހަމަ މިހާރު ބޯނެ."

މިހެން ވިދާޅުވެފައި، އިންނެވި ތަނުން އަރިއަޅަމުން ތެދުވެވަޑައިގަތެވެ. މަލިކާ ޝާހުގެ އަތްޕުޅުގައި އަތްޕުޅު ޖައްސައިލައްވައިފައި އެމަނިކުފާނު މަޑުކުރުއްވަމުން ވިދާޅުވިއެވެ.

"ނޫރު ޖަހާންގެ ފުރާނައާ! ޝެހެޒާދާއާ ދިމާއަށް ތަށި ދިއްކޮށްލެއްވުމުގެ ކުރީގައި ރަނގަޅަށް ފިކުރުފުޅުކުރައްވާ. ޚުއްރަމް އިންކާރުކުރައްވައިފިއްޔާ ހާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުން ޚުއްރަމް ޝެހެންޝާހްގެ ވިދާޅުވުން ރައްދުކޮށްފިޔޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަފުޅު ދައްކަވާނެ!"

"އަހަރެންގެ ހުށަހެޅުމެއް ރައްދުކުރުމަކީ ކާކަށް ކުޅަދާނަ ކަމެއް؟ ހަމަ މިހާރު ތިޔައެއް އެނގިދާނެ!"

ޝެހެންޝާހުގެ ބުއްދިފުޅުގައި ނަށަނީ ރާއެވެ. ދޫފުޅުން ބަސް ބުނަނީ ރާއެވެ. އެމަނިކުފާނު މަސްތުވެފައި ހުންނަވައިގެން އަރިއަޅަމުން ފަށުވި ފަރުދާކޮޅުން ބޭރަށް ނުކުމެވަޑައިގަތެވެ. އެމަނިކުފާނު ފަރުދާކޮޅުން ބޭރަށް ނުކުމެވަޑައިގަތުމާ އެކު، ހާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުން އިޙްތިރާމުގެ ގޮތުން ތެދުވެވަޑައިގަތެވެ. ޝެހެޒާދާ ވެސް ތިލަފަތުން ތެދުވެވަޑައިގަންނަވަން އުޅުއްވަނިކޮށް ޖަހާން ގީރް، އެމަނިކުފާނުގެ އަރިހަށް ވަޑައިގެން އެ މަނިކުފާނާ ދިމާއަށް ތަށި ދިއްކޮށްލައްވައިފައި ވިދާޅުވިއެވެ.

"ދަރިފުޅު އިށީނދެ އިނދޭ! ދަރިފުޅުގެ މަތިވެރި ކާމިޔާބީގެ އުފަލުގައި ބައްޕަ މިއަދު ބޭނުން ވަނީ ބައްޕަގެ ތަށިން ދަރިފުޅަށް ރާ ދޭން. އަން! އެއް ނޭވައިން ބޯލާ!"

ޝެހެޒާދާ ކަންބޮޑުވެވަޑައިގެންފައި އެ ތަށްޓަށް ބައްލަވާން ފެއްޓެވިއެވެ. ބައްޕައަކު މަސްތުވެފައި ހުރެގެން އޭނާގެ ދަރިއަކަށް ރާ ދެނީއެވެ. އެމަނިކުފާނަށް ދަރިއެއްގެ ހައިސިއްޔަތުން އިންކާރުކުރެއްވިދާނެއެވެ. އެކަމަކު މޭވާޅުގެ ފާތިޙުގެ ހައިސިއްޔަތުން، ޝެހެންޝާހެއްގެ ހުށަހެޅުއްވުމަކާ ދެކޮޅެއް ނުހެއްދެވޭނެއެވެ. އެމަނިކުފާނު ވިދާޅުވިއެވެ.

"ބައްޕާފުޅުގެ އެއްވެސް ޙުކުމަކާ ދެކޮޅުހެދުމަކީ އަޅުގަނޑަށް ކިހިނެއް ކުރެވޭނެ ކަމެއްތޯ؟ އަޅުގަނޑު ބައްޕާފުޅުގެ އަތްޕުޅުން ޒަހަރު ތަށްޓެއް ވެސް ބޯލަފާނަން. އެކަމަކު މިއަދާ ހަމައަށް އަޅުގަނޑު ރާއަކު އަތެއް ނުލަން ކަން ބައްޕާފުޅަށް އެނގިވަޑައިގަންނަވާނެ!"

"ދަރިފުޅު ކުޑަ އިރު ކަނޑިއަކު ވެސް އަތެއް ނުލާ. ހެވިކަން ދަސްކޮށްދޭން ދަރިފުޅު އަތަށް ކަނޑި ދިނީ ވެސް ބައްޕަ. މިއަދު ޒުވާން އިރު މި ދެނީ ރާ. ދަރިފުޅު ބައްޕައާ ބަހުސް ނުކުރޭ. އެހެން ނޫނީ މަލިކާ ހީފުޅު ކުރައްވާނީ ދަރިފުޅު ބައްޕަގެ އަމުރަށް އިންކާރުކުރަނީ ކަމަށް!"

ޚުއްރަމް ސިހިވަޑައިގެންފައި ފަށުވި ފަރުދާކޮޅާ ދިމާއަށް ބައްލަވައިލެއްވިއެވެ. އެސްފިޔަޖަހައިލައިހައި ހިނދުކޮޅެއްގެ ތެރޭގައި ހުރިހައި ކަމެއް ވިސްނިވަޑައިގަތެވެ. އެމަނިކުފާނު، ހިތްޕުޅާހިތްޕުޅުން ވިދާޅުވިއެވެ.

"އޯ. މި ހުރިހާ ކަމަކީ މަލިކާގެ ކަންތައް ތާ! އަހަރެން ރާނުބޯނެ ކަން މަލިކާއަށް އެނގިވަޑައިގަންނަވާނެ. އަހަރެން މިހާރު ރާ ނުބޮއިފިއްޔާ، މަސްތުވެވަޑައިގެންފައި ހުންނަވައިގެން ބައްޕާފުޅު ހީފުޅުކުރައްވާނީ އެއީ ބައްޕާފުޅަށް ކުރެވުނު ތައުހީނެއް ކަމުގައި. ބައްޕާފުޅު ތިޔަ ހިއްޕަވަނީ އަދި ދަރިފުޅަށް ތިޔަ ދެއްވަނީ ހަރާން އެއްޗެކޭ ވެސް ދަންނަވާކަށް ނުކެރޭނެ!"

"ޔާ ﷲ! މި ދިމާވީ ކޮން ފަދަ އުނދަގޫ ކަމެއް. އަހަރެން އިންކާރު ކޮށްފިއްޔާ، މިހައި ތަނަށް އަހަންނާ މެދު މި ހުރި އޯގާތެރިކަން ކޯފާއަށް ބަދަލުވާނެ. ޚާއްޞަކޮށް މާތް މަލިކާ ބޭނުންފުޅު ވާނީ ޝާހު ބާނޫގެ އަތްޕުޅު އަހަރެންގެ އަތުން އަތުލައްވަން. އަހަރެން އެންމެ ރާ ތަށްޓެއް ރައްދުކުރާ އިރަށް ބައްޕާފުޅު އަހަރެންގެ ލޯތްބާއި، އަހަރެންގެ ހުރިހައި އުފަލެއް ފުނޑު ފުނޑުކޮށްލައްވާނެ! އަހަރެން މޭވާޅު ފަތަޙަކުރީ އެތައް މަހަކު ހަނގުރާމަކުރުމަށް ފަހު. މާތް މަލިކާގެ ސިޔާސީ މަކަރުފުޅަށް ހަމަ ސާބަސްއަރުވަން ޖެހޭ. މަލިކާ ފަރުދާކޮޅުގެ ބިއްދޮށުގައި އިންނަވައިގެން އަހަރެމެން ދެބަފައިންގެ ދެމެދަށް އެންމެ ރާތަށްޓެއް ލައްވައިގެން އެ ގަސްތު ކުރައްވަނީ އަހަރެންގެ ފަތަޙަ ބަލިވުމަށް ބަދަލުކޮށްލައްވަން. އޭ އަންހެނާ! ސައިތާނު ވެސް ކަލޭގެ ކިބައިން ސަލާމަތަށް އެދޭނެ. އަހަންނަކީ އިންސާނެއް. އަހަރެން ކަލޭގެ އަތުން ބަލިވުން ގަބޫލެއް ނުކުރާނަން. ޝާހު ބާނޫއާ ހަމައަށް ދިއުމަށް ޓަކައި އަހަރެން ޒަހަރު ވެސް ބޮއިފާނަން. ރާއަކީ ހަރާން އެއްޗެއް. އެކަމަކު ލޯތްބާއި ހަނގުރާމައިގައި ހުރިހާ އެއްޗެއް ވެސް ހުއްދަވާނެ!"

މިހެން ހިތްޕުޅަށް އެރުމާއެކު ޝެހެޒާދާ، ޝެހެންޝާހުގެ އަތްޕުޅުން ތަށި އަތުލެއްވިއެވެ. ފަށުވި ފަރުދާކޮޅުގެ ބިއްދޮށުން މަލިކާގެ ސޫރަފުޅު ފަނޑު ފަނޑުކޮށް ހިޔަނިވެއެވެ. ޚުއްރަމް މަލާމާތުގެ ބެއްލެވުމަކުން އެ ސޫރައަށް ބައްލަވައިލެއްވިއެވެ. ދެން ނޭވާފުޅު ހިފާއްޓަވައިފައި ތަށީގައި ހުރި ރާ އެކުގައި ހިއްޕަވައިލެއްވިއެވެ. އެއްވެސް ބާދުޝާހަކު އޭނާގެ އަތްޕުޅުން، އޭނާގެ މަޖުބޫރުވެވަޑައިގެންފައި ވާ ދަރިކަލުންނަށް ރާފޮދު އެރުވުމުގެ އެހެން މިސާލެއް ތާރީޚަކުން ފެންނާކަށް ނޯންނާނެއެވެ.

ޚުއްރަމުގެ ކިބައިގައި ވެރިއަކަށް ވެވަޑައިގަތުމުގެ ޤާބިލިއްޔަތު އެބަހުރި ކަމަށް ނޫރު ޖަހާން ހިތްޕުޅާހިތްޕުޅުން އިޢުތިރާފުވެވަޑައިގަތެވެ. އެހެނީ، އެ ވަގުތު އަޅުއްވަން ވީ ކޮން ފިޔަވަޅެއް ކަން، އެއްވެސް ޖެހިލުންވެވަޑައިގަތުމެއް ނެތި، އެމަނިކުފާނު ވަގުތުން ނިންމެވިއެވެ. އެ ދުވަހަށް ފަހު މަލިކާ ބޮޑަށް ފަރުވާތެރިވެވަޑައިގަތެވެ. އަދި ޚުއްރަމަށް ވަރުގަދަ އެތިފަހަރެއް ދެއްވާނޭ ރަނގަޅު ދަނޑިވަޅަކަށް އިންތިޒާރު ކުރައްވާން ފެއްޓެވިއެވެ.

ވަގުތު ފާއިތު ވަމުން ދެއެވެ. ރަނގަޅު ދަނޑިވަޅު އަތުޖެހެނީ ތަޤްދީރުންނެވެ. ތަޤްދީރު މަލިކާއާ ބައިވެރިއެއް ނުވެއެވެ. މި ދުވަސްކޮޅުގެ ތެރޭގައި ލާޑްލީ ބޭގަމާއި ޝެހެރިޔާރުގެ ކާވެނިފުޅުކުރެވުނެވެ. އަދި ޝާހު ބާނޫ ޝެހެޒާދާ ޚުއްރަމްގެ ހިތްޕުޅުގެ މަލިކާއަށާއި ޙަޔާތުގެ ބައިވެރިޔާއަށް ވެވަޑައިގެން، މުމްތާޒު މަޙަލްގެ ލަޤަބު ލިބިވަޑައިގަތެވެ. ޝެހެޒާދާގެ ހިތްޕުޅުގެ މުރާދު ފުރިހަމަވީއެވެ. މުމްތާޒު މަޙަލް ލިބިވަޑައިގަތީއެވެ. މިހާރު ހިތްޕުޅުގައި ފުރޮޅެމުން ދަނީ ޖަމްނާގެ އައްސޭރީގައި ފުރިހަމަ ގަނޑުވަރެއް ބިނާކުރެއްވުމުގެ އެދުންފުޅެވެ. މި އެދުންފުޅު ފުރިހަމަކުރެއްވޭނީ ޚުދު އެމަނިކުފާނު ބާދުޝާހަށް ވެވަޑައިގަތުމުންނެވެ. އޭރުން މަލިކާ ނޫރު ޖަހާން ފަދަ ބޭފުޅުންނަށް އެމަނިކުފާނުގެ މަގަށް ހުރަހެއް ނޭޅުއްވޭނެއެވެ. މި ވަގުތު އެމަނިކުފާނު ދެކެވަޑައިގަންނަވަނީ ހަމައެކަނި ފުރިހަމަ ގަނޑުވަރެއްގެ ހުވަފެންފުޅެވެ.

މުމްތާޒު މަޙަލް ރީތިފުޅުކަމުގައި ދެވަނައެއް ނެތް އިރު، ވާހަކަފުޅު ދެއްކެވުމުގައި އަޑުފުޅުގެ ފޮނިކަމުގެ މިސާލެއް ނެތެވެ. އެކަމަނާގެ އަދަބުވެރިކަމާއި، މިޒާޖުފުޅުގެ ރަނގަޅުކަމާއި، ޚިދްމަތްތެރިކަމުގެ ފުރިހަމަކަމުން ޚުއްރަމްގެ ހިތްޕުޅުގައި އެކަމަނާ ވެރިކަން ކުރައްވަނީއެވެ. އެމަނިކުފާނުގެ އަވަހާރަފުޅު ލައްޕަވާ ކޮޓަރިކޮޅުގެ ހަތަރު ފާރުގައި ކަޅި ހުއްޓޭ ކޮންމެ ދިމާއަކުން ފެންނަނީ މުމްތާޒު މަޙަލްގެ ފޮޓޯއެވެ. އެމަނިކުފާނު އެންމެ ސިކުންތަކަށް ވެސް އަނބިކަނބަލުންނާ ދުރަށް ވަޑައިގަންނަވާކަށް ރުހިވަޑައެއް ނުގަންނަވައެވެ. އަނބިކަނބަލުން، ހިތްޕުޅުހަމަނުޖެހޭ ކަމަކަށް އޮންނަނީ ޝެހެޒާދާ ރާފޮދުހިއްޕެވުމެވެ. ރާފޮދު ނުހިއްޕަވާން އެތައް ހާސް ފަހަރަކު ވައުދުވެވަޑައިގަތުމަށް ފަހު ވެސް ހުއްޓައިލެއްވޭ ގޮތެއް ނުވެއެވެ. އެމަނިކުފާނު މުމްތާޒު މަޙަލްގެ އަތްޕުޅުގައި ހިއްޕަވައިގެން ހުންނަވައި، އެއަށްފަހު ރާތަށްޓެއްގައި އަތްޕުޅު ނުލައްވާން ވައުދުވެވަޑައިގަނެއެވެ. އެކަމަކު އެކިއެކި ޙަފްލާތަކުގައި ޝެހެންޝާހް ޖަހާން ގީރް އެމަނިކުފާނަށް މަޖުބޫރުކުރައްވައެވެ. ޝެހެންޝާހްގެ އަމުރުފުޅާ ދެކޮޅުހައްދަވާކަށް އެމަނިކުފާނަކަށް ކެރިވަޑައެއް ނުގަންނަވައެވެ. އެހެން އިބާރާތާކުން ދަންނަވާ ނަމަ އެމަނިކުފާނު ބައްޕާފުޅު ރުހިވަޑައި ނުގަންނަވާ ގޮތް ހައްދަވައިގެން ހިންދުސްތާނުގެ ތާޖާއި ތަޚުތުން މަޙްރޫމްވެވަޑައިގަންނަވާކަށް ބޭނުންފުޅެއް ނޫނެވެ. އެހެންކަމުން ލޯބީގައި ކުރެވެމުންދާ ހުވާ، ތަކުރާރުކޮށް ފުނޑުފުނޑުވަމުން ދެއެވެ.

ގާތްގަނޑަކަށް އަށް އަހަރު ވަންދެން، މުމްތާޒު މަޙަލާއި ޝެހެޒާދާ ޚުއްރަމްގެ ލޯބިފުޅު ކަށިތަކާ ދުރުގައި ވާ މަލެއް ފަދައިން ފޮޅެމުން ދިޔައެވެ. މި މުއްދަތުގެ ތެރޭގައި މުމްތާޒު މަޙަލްގެ ބަނޑުފުޅުން ދެ އަންހެން ބޭފުޅުންނާއި ތިން ފިރިހެން ބޭފުޅުން އުފަންވެވަޑައިގަތެވެ. އެއީ ޙޫރުއްނިސާ ބޭގަމާއި، ޖަހާން އާރާ ބޭގަމާއި، ދާރް ޝިކޯހާއި، ޝުޖާޢާއި، އޯރަންގް ޒޭބެވެ. އެ ދެކަނބަލުން އެ ހުރިހައި ބޭފުޅުން ދެކެ ވެސް އެއް ފަދައަކުން ލޯބިފުޅުވެވަޑައިގަނެއެވެ. އެކަމަކު ޝެހެޒާދާ ޚުއްރަމް ދާރު ޝިކޯހް ދެކެ ތަންކޮޅެއް ބޮޑަށް ލޯބިފުޅުވެވަޑައިގަނެއެވެ. އެމަނިކުފާނު، އެ ދަރިކަލުން އަބަދު ވެސް އެމަނިކުފާނުގެ އަރިހުގައި ބަހައްޓަވައެވެ. އޭގެ ސަބަބަކީ އެ ދަރިކަލުންގެ ސިފަފުޅު އެ ދަރިކަލުންގެ މައިކަނބަލުން މުމްތާޒު މަޙަލާ އެއްގޮތް ކަމެވެ. ޚާއްޞަ ކޮށް، އެ ދަރިކަލުން އުފަންވެވަޑައިގަތީ މައިކަނބަލުންގެ ކަޅު ކަޅު، ބޮޑު ދެ ލޯފުޅު އަމިއްލަފުޅުކުރައްވައިގެންނެވެ. އެ ދަރިކަލުން ޚުއްރަމާ ދިމާއަށް ބައްލަވައިލައްވައިފި ނަމަ ޚުއްރަމަށް ހީފުޅުވަނީ މުމްތާޒް މަޙަލް އެމަނިކުފާނާ ދިމާއަށް ބައްލަވަނީ ހެންނެވެ.

މި ކަންތައްތަކުން ޝެހެޒާދާ އެމަނިކުފާނުގެ އަނބިކަނބަލުން ދެކެ ލޯބިފުޅުވާލެއް ބޮޑުކަން ފާޅުކޮށްދެއެވެ. އެމަނިކުފާނު އަނބިކަނބަލުންނާ ދުރަށް، އެނގިވަޑައި ނުގަންނަވާ މުއްދަތަކަށް ވަޑައިގަންނަވާ ހަމައެކަނި ވަގުތަކީ ކޮންމެވެސް ހަނގުރާމައަކަށް އެމަނިކުފާނު ވަޑައިގަންނަވާ ވަގުތެވެ. މި ފަދަ ވަގުތުގައި ވެސް އަނބިކަނބަލުންގެ ފޮޓޯއެއް އަތްޕުޅުގައި އޮވެއެވެ. އަދި އަނބިކަނބަލުންގެ ލޯބީގެ ސިޓީތައް ހަނގުރާމައިގެ މައިދާނަށް ލިބި ލިބި ހުރެއެވެ.

އެ ދުވަސްވަރުގެ ތެރޭގައި ދެކުނުގެ ތިން ރަސްކަލަކު، ނިޡާމުލް މަލިކާއި، ޤުޠުބުލް މަލިކާއި، ޢާޤިލް ޚާން ގުޅިވަޑައިގަންނަވައިގެން ފަންސާސް ހާސް ސިފައިންގެ ލަޝްކަރެއް، އެއްކުރައްވައިގެން ބާލާ ގާޓްގެ ޝާހީ ގަނޑުވަރުތަކަށް ވެރިވެވަޑައިގެންފިއެވެ. އެ ރަސްރަސްކަލުންގެ ބާރުފުޅު ގަދަވުމުން، އެ ތާނގެ އަމީރުންނާއި އެހެނިހެން ވެރީން އެ ތަން ދޫކޮށްލެއްވިއެވެ. އެއަށްފަހު މަހެގަރުގެ އިސްޓޭޝަނަށް ވެރިވެވަޑައިގެން ތިއްބަވައިގެން ތިން މަސް ދުވަސް ވަންދެން ވަރަށް ހިތްވަރުފުޅާއެކު ދުޝްމަނުންނާ ހަނގުރާމަ ކުރެއްވިއެވެ. ދުޝްމަނުންގެ އަދަދު ވަރަށް ގިނައެވެ. އެބައިމީހުން ހަތަރު ފަރާތުން މަގުބައްދާލުމުން ކާބޯތަކެތީގެ އެހީ ލިބިވަޑައިގަތުން ވެސް ހުއްޓުނެވެ. ދެން އެ ބޭފުޅުން ޖަހާން ގީރްގެ އަރިހަށް ސިޓީއެއް ފޮނުއްވިއެވެ. އެ ސިޓީގައި ލިއުއްވިއެވެ. ކާބޯތަކެތި ލިބިވަޑައި ނުގަތުމާއި ދުޝްމަނުންގެ ގަދަފަދަކަމުން އެ ބޭފުޅުންގެ ޙާޅުކޮޅު ވަނީ ވަރަށް ދަށް ވެފައެވެ. އެ ބާޣީންގެ އަތްދަށުން އެ ބޭފުޅުން ސަލާމަތް ކޮށް ނުދެއްވައިފި ނަމަ ހިތްވަރުފުޅު ގަދަ ރަސްދަރިކަލުން ފަދައިން އެ ބޭފުޅުން ޖައުހަރުގެ ރަސްމު އަދާކުރައްވައި ފުރާނަފުޅު ދޫކޮށްލައްވާނެއެވެ.

ހިންދޫން ޖައުހަރުގެ ރަސްމު އަދާކުރާ ގޮތަކީ ފުރާނައަށް ނުރައްކާވެ، އުންމީދުކެނޑުމުން، ރަސްދަރިކަލުން ފުރަތަމަ އެ ބޭފުޅުންގެ އަންހެން ބޭފުޅުން ގަތުލުކުރައްވަނީއެވެ. އެއީ ދުޝްމަނުންނަށް އެ ބޭފުޅުންގެ ޢިއްޒަތަށް އަރައިނުގަނެވޭނޭ ގޮތުގެ މަތީންނެވެ. އެއަށްފަހު ދުޝްމަނުންނާ ހަނގުރާމަ ކުރައްވައި، އެ ބޭފުޅުންގެ ފުރާނަފުޅު ދޫކޮށްލައްވަނީއެވެ. ޖަހާން ގީރް މި ސިޓީގައި އޮތް ވާހަކަ އައްސަވައިފައި، އެ ހަނގުރާމައަށް ޚުއްރަމް ދެކުނަށް ވަޑައިގަތުމަށް ވިދާޅުބަސްފުޅު އިއްވެވިއެވެ.

(ނުނިމޭ)
----------------------------------------

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟