އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (6)

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވާހަކަ


އަލްމަރުޙޫމު ސައިކުރާ އިބްރާހީމް ނަޢީމު                            22 ޖެނުވަރީ 2011 (ހޮނިހިރު) އާ ގުޅޭ..

އެހެން ކާކުތޯއެވެ. ޝިޔާމް ވެސް ސިޓީކިޔާ ނިމިނުއިރު އިނީ ފެންކަޅިވެފަ އެވެ. ސެކްރެޓަރީ އިނީ ރަނގަޅަށް ރޮވިފަ އެވެ. ހީވަނީ ލޭގަނޑެއް ހެންނެވެ. އޭނާގެ ކަމަކީ އިރުއިރުކޮޅާ އަންވަރުގެ މަސްގަނޑުގައި ހިފައިގަތުމެވެ. ..
ސިޓީކިޔާ ނިމިގެން އަވަސްކަމާއެކު ޝިޔާމް ތެދުވެ ފުރަތަމަ އުޅުނީ ސެކްރެޓަރީ ހަމައަށް އަޅުވައިލެވޭތޯ އެވެ. ރުއިން ހުއްޓުވޭތޯ އެވެ. އެކަން ކުރެވޭނީ ހިސާބަކަށް އުނދަގުލައި ލައިގެންނެވެ. ދެން ދެމީހުންވެގެން ސިޓީއާއި ސިނގިރެޓް ދަޅާ ޕާސްޕޯޓް ފޮތާއި އިސްޕެކްޓަރ ކަމުގެ ދެނިޝާން ނަގައި ރައްކާ ކުރުމަށްފަހު ކޮޓަރިން ބޭރަށް ނިކުމެ ފުލުހުންގެ އެހެން މީހުންނަށް ޚަބަރު ދީފި އެވެ. އިސާހިތަކު ޓެލްފޯނުތަކާއި ސިޓީ ތަކުން، ފުލުސް ލޮރީއާއި މޮޓޯ ސައިކަލް ތަކުން އަންވަރުގެ މަރުގެ ޚަބަރު ޢާއްމު ވެއްޖެ އެވެ.

ފުލުހުންގެ ވެރިޔާ އާއި ސަރުކާރުގެ އިއްޒަތްތެރިން ވަޑައިގެން ބެއްލެވުމަށްފަހު އަނެއްދުވަހު ވަރަށް ހެނދުނު އަންވަރު ވަޅުލައިފި އެވެ. މިދެންނެވުނީ މުޅިން ރަނގަޅަކަށް ނޫނެވެ. އަންވަރުގެ މަސްގަނޑު ދުށުމަށްޓަކައި އެންމެ ޚާއްސަ އެކަކީ މިސްޓަރ އަޙްމަދު އެވެ. އޭނާވެސް ޑިއަރެސްޓޯ ހޮޓަލުގައި ނިދަން އުޅެނިކޮށް ކުއްލިއަކަށް އަތަށް އެރީ ފުލުސްޓޭޝަންގެ ފަރާތުން ފޮނުވި ތެލެގްރާމެކެވެ. . . . . .

" އަވަހަށް ފުލުސްއިސްޓޭޝަނަށް އަންނާށެވެ! އިނިސްޕެކްޓަރ އަންވަރު ރޭލެއްގެ ދަށުވެ މަރުވެއްޖެ އެވެ. ވަރަށް އަވަހަށް އޭނާގެ މަސްގަނޑު ވަޅުލުމުގެ އިންތިޒާމުތައް އެބަކުރަމެވެ. ވީމައި ލަސްނުވެ އަންނާށެވެ. "
އެހެންކަމުން އަޙްމަދުވެސް އަވަސް އަވަހަށް ހަމައެރޭ ފަތިހު އަތުވެއްޖެ އެވެ. އޭނާއަށް އަންވަރު ފެނުމުން ވަރަށް ވަރުގަދަ އަސަރުތަކެއް ކުރި އެވެ. ޚާއްސަ ރަހުމަތްތެރިއެއް ގެއްލިގެން ދިޔަކަމުގެ އަސަރެވެ. ކުރިމަތީގައި އޮތް މުހިންމު މަސައްކަތް، އާދެ! ލީލާގެ ގަތުލުގެ ސިއްރު ހޯދުމުގެ މަސައްކަތް ފެނަށްވެގެން ދިޔައީކަމުގެ ހިތާމަވެރި އަސަރެވެ. . . . . .

އާދެ! އިނިސްޕެކްޓަރ އަންވަރު ވަޅުލައިފި އެވެ. ފުލުންގެ ވިސްނުންތެރި ތަޖުރިބާކާރު އިނިސްޕެކްޓަރަކު ނެތި ދިޔައީއެވެ. މި ހިތާމައިގެ ސަބަބުން އެންމެބޮޑަށް ކަރުއެލުނު އެކަކީ، އޭނާގެ ރަހުމަތްތެރި ޝިޔާމް އެވެ.
އަންވަރު މަރުވުމަށްފަހު އޭނާގެ އަގުހުރި ދެވަޞިއްޔަތް އަދާކުރުމުގެ ގޮތުން އޭނާގެ ގެޔަށް ދިޔުމަށްފަހު، އައިސް ދެން ބައްދަލްކުރީ މިސްޓަރ އަޙްމަދު އާއި އެވެ. އޭނާގެ މޫނުމަތިން އޮހެމުންދަނީ އެކަނިވެރިކަމާއި ހިތާމައިގެ ކުލަތަކެވެ. ފުލުސް އިސްޓޭޝަންގެ ދޮރުމަތީގައި އިސްދަށަށް ޖަހާލައިގެން މަޑުމަޑުން ހުއްޓާ ޝިޔާމް އައިސް ކޮނޑުގައި ހިފައި ތަޅުވައިލައިފި އެވެ. . . . . . .  ހާސްނުވާށެވެ! ކަލޭގެ ލޯބިވާ ލީލާގެ ގަތުލުގެ ސިއްރުތައް ހޯދުމައްޓަކާ ޚުދު އަހަރެން މި ނުކުންނަނީ އެވެ. ކަލޭ ވެސް އަހަންނާއެކީ އެއްކޮޅު އުފުލާދޭން ކަމަށް ނިކުތުމަކީ، އަހަރެންގެ ވެސް ވަރަށް ޚާއްސަ އުފަލަކަށް  ވާނެ އެވެ.

އަަޙްމަދު:- މަޢާފު ކުރާށެވެ. ލީލާގެ ގަތުލު . . . . . . . އަންވަރު ލިޔެފާ އެވަނީ ވަރަށްބޮޑު ތެދެކެވެ. ލީލާގެ ގަތުލަކީ ބިރުވެރިކަމުގެ މެދުން އުފެދިފައިވާ ބިރުވެރި ހާދިސާއެކެވެ. އެހެންކަމުން އަހަރެން ދެން އެކަމުގެ ސިއްރުތައް ހޯދުން ހުއްޓާލުމަށް މުޅިން ގަސްތުކޮއްފީމެވެ. އެސަކަރާތުގެ ތެރޭގައި އުޅުނު އުޅުނުހެން އެލޯބިވެރިޔާގެ ހަނދާންތަކުން ވަތްކެއް ނުވާނެ އެވެ. އަދި އަހަރެންގެ މިޒާޖުން، ހިތާމައިގެ ކަންނެތް ކަމެއްވެސް ފިލުވައެއް ނުލެވޭނެ އެވެ.

ޝިޔާމް:- ކަލޭ އެނބުރި ހޮޓަލަށް ދާށެވެ. މަސައްކަތް އަހަރެން އެކަނި ކޮށްފާނަމެވެ.

އަޙްމަދު:- ނޫނެކެވެ! އަހަރެން އެ ރަހުމުކުޑަ ގާތިލްއަށް މަޢާފު ދީފީމެވެ. ވީމާ، ދެން ތިޔަ މަސައްކަތް ހުހަށް ބާއްވާށެވެ! އިނިސްޕެކްޓަރ އަންވަރު ދުނިޔޭގައި ހުރިނަމަ، ފެށިފައިވާ މަސައްކަތް ނިމުމަށް ނުވަތަ ދީފައިވާ ބޮޑީގެ ބަދަލު ހިފުމަށް ވެސް މަސައްކަތް ކުރީމުހެވެ. ނަމަވެސް، އަދު އަންވަރު ވެސް . . .  .

ކޮންމެއަކަސް މިސްޓަރ އަޙްމަދުގެ މަޤްސަދުކަށް ބަދަލެއް ނައެވެ. ޚިޔާލަކަށް ތަފާތުކަމެއް ނައެވެ. އެހެންކަމުން ޝިޔާާމް ވެސް ޤަސްތުކުރީ އޭނާގެ ހިތާއި އެއްގޮތަށް އޭނާ ދޫކޮއްލާށެވެ. . . . . . .

ދުވަހުގެ 9 ޖެހުމުން މިސްޓަރ އަޙްމަދު ދިޔައީ ޑިއަރެސްޓޯ ހޮޓަލަށެވެ. ފުރަތަމަ ވެސް ބައްދަލްކުރީ މޭނޭޖަރ އާއި އެވެ. ވަރަށް އިޚްލާސްތެރި ކަމާއެކު އޭނާގެ ދީލަތިކަމަށް ޝުކުރު އަދާކޮއްފައި ހޮޓާ ދޫކޮއްލުމައްފަހު އޭނާ ފަރަންސޭސި ވިލާތަށް ދިއުމަށްޓަކައި ފުރަން ތައްޔާރުކުރަން ފަށައިފި އެވެ. ކޮޓަރިތެރެ ހަމަޖައްސާލުމަށްފަހު އެންމެފަހުގެ ސަލާމަށްޓަކައި އަތް އުފުލާލީ ލީލާ އުޅުނު ކޮޓަރި އާއި ދިމާއަށެވެ. ދެތިންހަތަރު ސިކުންތެއް ވަންދެން ބަލަހައްޓައިގެން ހުރުމަށްފަހު ހޮޓަލުގެ ލިފްޓްއަށް ފައިބައިފި އެވެ. އާދެ! މިސްޓަރ އަޙްމަދު މިއަދު ދޫކޮއްފާ އެދަނީ އޭނާ ކޮންކަހަލަ އުފާވެރި ހަޔާތެއް ހޭދަކުރި ތަނެއްތޯއެވެ. ކޮންފަދަ ހިތްގައިމު ލޯތްބެއް އިޙްސާސްކުރި ދުނިޔެއެއްތޯ އެވެ. އާދެ ޑިއަރެސްޓޯ ހޮޓަލުގެ ހިތްފަސޭހަ ކޮޓަރިތަކެވެ. އިންޑިއާގެ އުފާވެރި މަގުތަކެއް މަޒީގެ ހަނދާން ނައްތާނުލެވޭފަދަ ޖައްވެކެވެ.

އަނެއް އަޖާއިބު


ބުންބާއިން ކަރާޗީއަށް ދެމިފައިވާ ދިގު ރޭލުވޭގެ މަތިން ދުއްވަމުންދާ ރޭލޭއްގަ އިން އެކަކީ ދެންމެ ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި އެކަނިވެރިވެފައި ހުރި މިސްޓަރ އަޙްމަދެވެ. އަދަކީ އޭނާ ފަރަންސޭސިވިލާތަށް ކުރާ ދަތުރުގެ ފުރަތަމަ ދުވަހެވެ. ރޭލުގެ ސެކަންޑް ކުލާހު ގޮނޑިއެއްގައި ބޭރު ބަލަހައްޓައިގެން އޭނާ އިންއިރު ކުރިމަތިން ފެންނަމުންދާ މަންޒަރުތަކުން މާ ޚާއްސަ އުފަލެއް އޭނާއަކަށް ނުލިބެމަކުން ނާދެ އެވެ. ރޭލުގެ މަޑުމަޑު ހެލުން އޭނާލައްވާ ކުރުވާ ހަރަކާތެއް ފިޔަވައި، އިތުރު އެއްވެސް ހަރަކާތެއް ނެތެވެ. އާދެ! އޭނާ މިހާރު އިންތިޒާރު ކުރަނީ އެއް އިސްޓޭޝަނުން އަނެއް އިސްޓޭޝަނަށެވެ. ދެން ފަރަންސޭސިވިލާތަށް ދެވޭނެ ދުވަހަކަށެވެ. . . . . . . . . .

ކަރާޗީގެ މަންޒަރުތައް ފެންނަން ފަށައިފި އެވެ. އެހެރީ ޕާކިސްތާނުގެ އެންމެ ފަހުގެ އައު އިމާރާތް ފައްޗެކެވެ. ދުރުން ފެންނަނީ، އެއާޕޯޓެއްގެ މަސްހުނި މީހުންތަކެކެވެ. މިހާރު ކަރާޗީގެ ރޭލުއިސްޓޭޝަން ކައިރިވަމުން އަންނަނީވެސް އަވަސްކަމާ އެކީގައެވެ. . . . . . . .

ރޭލު ހުއްޓާލައިފި އެވެ. މުޅީން މަޑުކޮށްނުލައި އުޅެނިކޮށް ދޮރުތަކުން މީހުން އޮހިގެންފި އެވެ. އެއްޗެހިވިއްކަން ހިނގާ މީހުންތައް ބޮޑިވެގެންފި އެވެ. މުޅި އިސްޓޭޝަންތެރެއަށް ކުއްލި މުއްސަނދިކަމެއް އަތުވެއްޖެ އެވެ. ރޭލުގެ ގާތްގަނޑަކަށް އެންމެން ފައިބައިފި އެވެ. އެހެންކަމުން އަޙްމަދު ވެސް މަޑުމަޑުން ފައިބައިފި އެވެ. އެއްވެސް ރައްޓެއްސެއް ނެތުމުން ވަރަށް އެކަނިވެރި ގޮތެއްގައި ފަރާތްފަރާތް ބަލާލުމައްޓަކައި ހިނގަން ފަށައިފި އެވެ. . . . . . .

ރޭލު ފުރަނީ އެވެ. ކަށިގަނޑު ފުމެލައިފި އެވެ. އަޙްމަދު ވެސް ޓޮފީދަޅަކުން ހައެއްކަ ޓޮފީނަގައިގެން ރޭލަށް އެރުމަށްޓަކައި ހިނގައިގެންފި އެވެ. ތަންކޮޅަކަށް ނުދެވިގެން އުޅެނިކޮށް އޭނާ ފަހަތުން މީހަކު ރޮއިގެންފި އެވެ. އެނބުރި ފަހަތް ބަލާލިއިރު އުމުރުން ވަރަށް ގިނަދުވަސްވީ މުސްކުޅިއެކެވެ. އެއްއަތުން ލަޓިގަނޑެއް އަނެއް އަތުން ފޮތިބޮޑިއެކެވެ. ނުރަ ތުނބުޅިއެކެވެ. ވީދިފައިވާ ބާހެދުންގަނޑެކެވެ. ވަރަށް ހަޑިތަނަކަށް ވެއްޓުމުގެ ސަބަބުން މުޅިގައިގެ އެއްފަޅީގައި ވަނީ ކިސަޑު ހޭކިފަ އެވެ.

މުސްކުޅިބޭ:-  "(ރޮއިގެންފައި) ތިޔައީވެސް އިސްލާމެކެވެ. އަރެންނަކީވެސް މާތްކަލާންގެ އުމުރު ކުރެއްވި އިސްލާމެކެވެ. އެހީވާން ހުރީ އެންމެ ފިރިހެން ދަރިއެކެވެ. އިހައްދުވަހު އޭނާ މަރުވެއްޖެ އެވެ. ވަންނާނެ ގެއެއް ނެތެވެ. އަހަންނާ އެހީވެދޭށެވެ! ކޮއިފުޅު ދާތާކަށް އަހަރެން ވެސް ގެންގޮސްދޭށެވެ! "

އަޙްމަދު:-  އަހަރެން ކައިރީގައި ތިޔަހެންބުނީ ކީއްވެގެން ހެއްޔެވެ؟

މުސްކުޅިބޭ:-  އެހީތެރިއަކުވޭތޯ މިތަނަށް ނިކުމެ ހުންނަތާ ދެ ދުވަސް ވެއްޖެ އެވެ. އަހަރެން ދެކޭ ގިނަ މީހުންގެ މޫނުމަތީގައި ބޮޑާކަމާ މުއްސަނދިކަމުގެ އަސަރުތައް ގިނަކަމުން އަނގައިން ބުނަން ނުކެރިގެން ހުންނާނީ އެވެ. މިއަދު ކަލޭ ފެނިފައި ހިތްހެޔޮކަމާއެކު އަހަންނާ އެހިވެދީފާނެކަމަށް ހީކޮށް ބުނީ އެވެ. އަދި އެހެންނޫނަށް މިހެންއުޅެނިކޮށް ހުންވެސް އަތުވެއްޖެ އެވެ. ކޮއިފުޅު އަހަންނަކާ އެހީއެއް ނުވާނަންހެއްޔެވެ. ރޭލުތިޔޮއް ފުރަނީ އެވެ. ވީމާ، އަވަހަށް ބުނާނަމެވެ.
 
އަޙްމަދު:- ބޭބޭއެވެ! އަހަރެން މިދަނީ ފަރަންސޭސިވަލާތަށެވެ. ރޭލުގައި ތަން ވަރަށް ދައްޗެވެ. ނަމަވެސް އަހަރެންގެ ނުވަތަ ބޭބެގެ އުމުރު ހުސްވަންދެން އޯގާތެރިކަމާއެކު ބަލާދީފާނަމެވެ. އަވަހަށް ރޭލަށް އަރާށެވެ!
މިހެންބުނުމުން އެބޭ ކުކުރަމުން ގުދަށްއޮވެގެން އައިސް އަޙްމަދުގެ އެހީގައި ރޭލަށް އަރައިފި އެވެ. ރަނގަޅަށް ނީށީދެވިގެން އުޅެނިކޮށް ރޭލު ފުރައިފި އެވެ. . . . . .
ރޭލުތެރޭގައި މިހާރު އަޙްމަދު އެކަނިވާކަށް ނުޖެހެ އެވެ. ކޮންރަށެއްގެ ކާކުކަން ނޭގޭ މުސްކުޅިއެއް ނަމަވެސް، އޭނާއާއި ވާހަކަދައްކާ ހަދާނޭ މީހަކު ވުމުގެ ސަބަބުން ވަރަށް ފޫހި ފިލި އެވެ. އަދި އެމީހާގެ ވާހަކަތައް ރެއާދުވާލު އެހުމުގެ ސަބަބުން އަޙްމަދުގެ ޒުވާންކަމާ އަދި ވޭތިވެދިޔަ ހިތިހަނދާންތަކައް ޚިޔާލުކޮށްލެވޭވަރެއް ނޫނެވެ. . . . . .

މިއަދަކީ، ޕާޝިޔާގެ ގޮޑުދޮށުގައިވާ އިސްޓޭޝަންއަކަށް އެދެމީހުން ފައިބަން ޖެހުނު ދުވަހެވެ. މުސްކުޅިބެ އޮތީ ވަރަށް ގަދައަށް ހުންއައިސްފަ އެވެ. އެހެންކަމުން އަޙްމަދު ގަސްތުކުރީ 10 ވަރަކަށް ދުވަސް ވަންދެން ރޭލުދަތުރު ދޫކޮއްލުމަށްފަހު، ގެއެއް ކުއްޔަށް ހިފައިގެން ފޭބުމަށެވެ. އެބެއަށް އެހީވެލުމަށެވެ. އާދެ! ދާދި ކުޑަގެއް ކުއްޔަށް ހިފައިފި އެވެ. އަޙްމަދު މުސްކުޅިބެ ގެއަށް ލުމަށްފަހު ޑޮކްޓަރެއް ގެނެސްގެން ޑޮކްޓަރެއް ގެނެސްގެން ފަރުވާކުރަން ފަށައިފި އެވެ. ދުވަހަކީ ވަރަށް ހޫނުގަދަ ދުވަހެކެވެ. ވަގުތަކީ މެންދުރުގެ ހޫނުގަދަ ވަގުތެކެވެ. ތަނަކީ އަޙްމަދުމެން ތިބޭ ގެއެވެ. މުސްކުޅިބޭ އެއޮތީ އެނދެއްގައި އޮށޯވެލައިގެންނެވެ. އަޙްމަދު އިނީ އޭނާގެ ކައިރީގައެވެ. މިއަދު އަޙްމަދު އެ މަސައްކަތް ކުރަނީ އެބެއަކީ ކޮންރަށެއްގެ ކާކުތޯ އޮޅުންފިލުވުމަށެވެ. ކޮންފަދަ ނަސަބެއްގެ މީހެއްތޯ ހޯދުމަށެވެ.

މުސްކުޅިބޭ:- އަހަރެންގެ ނަން އޮޅުންފިލުވަން ކަލޭ މަސައްކަތް ނުކުރާށެވެ. އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެ އެވެ. އަދި އަހަރެން ނަން، އެނގިއްޖެނަމަ، ކަލެއަށް އެކުރިމަތިވީ އަނެއް މުސީބާތެވެ.

އަޙްމަދު:- އެހެންނަމަވެސް އެންމެ ރަނގަޅެވެ. ބުނާށެވެ. އަހަރެންނަކީ ފަހަރެއްގައިވެސް މުސީބާތެއް ދެކެ ބިރުގަންނަ ފިނޑިއެއްނޫނެވެ. ކަލޭނަން ނުބުނެ ސިއްރުކޮއްފި ނަމަ އަހަރެން ކަލޭ ދޫކޮއްލާފައި، މިހާރު މި ފުރަނީއެވެ. . . . . . .
 
. . . . . .  އާދެ! އެއްގޮތަކަށްވެސް ކުރުނުކޮށްގެން އެންމެފަހުން އެބޭބެ ނަންބުނެދިނުމަށް އެއްބަސްވެއްޖެ އެވެ. އެހެންކަމުން . . . . . . " އަހާށެވެ. އަހަންނަކީ . . . . ނަންބުނުމުގެ ކުރިން އަހަރެންގެ ސިފައަށް ވިސްނާށެވެ. ދެން ނަންއަހާށެވެ! ، ، ، ، ، ، ، މިހާރު އެދަމައިގަތީ މުޅި މޫނުގައި ޖަހާފައިވާ ނުރަ ތުނބުޅިގަނޑެވެ. ދެން އެބޭލީ ލައިގެންހުރި ވީދިފާހުރި ހެދުންގަނޑެވެ. . . . . . އަޖައިބެކެވެ. މިވީ ކިހެނެއްބާއެވެ؟ އަޙްމަދު އޭނީ ހައިރާންވެފަ އެވެ. އެބޭ ހުރީ ފުރަގަސްދީގެންނެވެ. އަޙްމަދު ކުރިމަތީގައިވަނީ ޒާތްޒާތުގެ ސުވާލުމާކު ތަކެވެ. ހަމަކަށަވަރުންވެސް އެއީ މުސްކުޅި ބެއެއް ނޫންކަން މިހާރު އެނގެ އެވެ. ކޮންމެވެސް އެހެން މީހެކެވެ. އެތެރެއިން ލައިގެންހުރި ފަޓްލޫނު ޖީބުން ފިސްތޯލައެއް ނަގައިފި އެވެ. އަދި އެއީ ކާކުކަމެއް ނޭގެ އެވެ. މިހާރު އަޙްމަދާ ދިމާއަށް އެހެރަ އެނބުރެނީ އެވެ.

އެކަށީގެންވާ އިސްކޮޅެއްގައި ހުރި ކަޅު މީހަކު ކުރު ފަޓްލޫނެއް ނޫން އެހެން އެއްވެސް އެއްޗެއް ނެތި، އަޙްމަދު އާއި ދިމާއަށް އެހެރަ އެނބުރެނީ އެވެ. ދެލޯ ރަތެވެ. މޫނުވަނީ ތެޔޮވެފަ އެވެ. މުޅިގައިން ދާހިއްލާފަ އެވެ. ހުރީ ރުޅިއައިސް ރަތްވެފަ އެވެ. މިހާރު އެހުރީ ބިރުން ތުރުތުއަޅާއިން މިސްޓަރ އަޙްމަދާ ދިމާއަށް އެނބުރި އެވެ.

އަޙްމަދަށް ލިބުނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. ކުއްލި ސިހުމެވެ. ސަބަބަކީ އެ ކަޅު މީހާގެ އަތުގައި އޮތް ފިސްތޯލަ ގޮއްވާލާފާނެ ކަމުގެ ބިރެއް ނުނެވެ. ނުވަތަ މުށްކަވާފައިވާ ވަރުގަދަ އަތުން އެތިފަހަރެއް އަޅާފާނޭ ކަމުގެ ބިރެއްވެސް ނޫނެވެ. އާދެ އެމީހަކީ . . . . .

(ނުނިމޭ....)
މި ލިޔުން:

    ޓައިޕުކުރުން:   އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    އަލުންބެލުން:     "       "     
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)

އިދާރާ

ވާހަކަ