އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (7)

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވާހަކަ


އަލްމަރުޙޫމު ސައިކުރާ އިބްރާހީމް ނަޢީމު                             26 ޖެނުވަރީ 2011 (ބުދަ) އާ ގުޅޭ..

އަޙްމަދަށް ލިބުނީ އިނަތިހާ ދަރަޖައިގެ ހައިރާންކަމެވެ. ކުއްލި ސިހުމެވެ. ސަބަބަކީ އެ ކަޅު މީހާގެ އަތުގައި އޮތް ފިސްތޯލަ ގޮއްވާލާފާނެ ކަމުގެ ބިރެއް ނުނެވެ. ނުވަތަ މުއްކަވާފައިވާ ވަރުގަދަ އަތުން އެތިފަހަރެއް އަޅާފާނޭ ކަމުގެ ބިރެއްވެސް ނޫނެވެ. އާދެ އެމީހަކީ . . . . .

އާދެ އެމީހަކީ މީގެ ދެދުވަސް ކުރިން މަރުވެގެން މުޅި އިންޑިޔާ ހިތާމަކުރި ފުލުސް އިނިސްޕެކްޓަރ  އަންވަރު ކަމަށް ވުމުންނެވެ. . . . . އިރުގަނޑެއްވަންދެން އަޙްމަދަށް ފުރިހަމައަށް ނޭވާވެސް ނުލެވިފާ އިނެވެ.

އެސްފިޔަވެސް ޖަހާލަން ހަނދާން ނެތިފާ އިނެވެ. އަނގައިން އެއްވެސް ބަހެއް ބޭރުނުވެފާ އިނެވެ. . . . . . . . އަޙްމަދުގެ ވިންދު ހަމައަކަށް އެޅުނީ ދެތިން މިނެޓެއްގެ ފަހުން ކަމުން އިރުކޮޅެއްގެ ތެރޭގައި ދެތިންފަހަރު އާފުރިފައި، އާގަންނަމުން . . . . އަ . . . އަ . . . އަން . . . . ވަރު ތިޔަކުރީ ކީއްހޭ ކިޔާފައި ހަޅޭލަވައިގެންފި އެވެ. އިތުރަށް އެއްޗެއް ނުބުނަނީސް އެފަކީރު ދުނިޔެއިން މޮޔަވެދާނެކަމުގެ ބިރަށްޓަކައި އެމީހަކު އަޙްމަދުގެ އަނގައިގާ އަތްއަޅާ ހިފަހައްޓާލައިފި އެވެ.

ސަކަރާތްތަކެއްގެ ތެރޭގައި އުޅުމަށްފަހު ދެމީހުން ސުލްހަވެރިކަމާއެކު ހަތަރުކަޅި ހަމަކޮއްފި އެވެ. ނަމަވެސް އަޙްމަދު އަދިވެސް އިންނަނީ ގޮނޑީގައި ބާރަށް ހިފަހައްޓައިގެން ބިރުންނެވެ. ދެލޯ ބޮޑުކޮއްގެންނެވެ.
އެމީހަކު:- ކަލޭ ތިޔަހާބިރަކުން ތިޔަ އިންނަނީ ކީއްވެފާހެއްޔޭ؟

އަޙްމަދު:- ބިރު ނުގަންނަންވީ ކީއްވެގެންހެއްޔެވެ؟ އަހަރެންގެ ފަހަތުން މުސީބާތާއި ބިރު ދުވަނީ އެވެ. ދާހާތާކަށް ތިޔަ އަންނަނީ އެވެ. މިސްޓަރ އަންވަރު މަރުވެގެން އެކަމުގެ ހިތާމައިގާ ފަރަންސޭސިވިލާތަށް ދަތުރުކުރި މަގުމަތީން އަނެއްކާ ތިޔަ ބައްދަލުވީ އޭނާ އާއި އެވެ. ނުވަތަ . . . . .
އެމީހަކު:-  ނުވަތަ ދެން ކޮންއެއްޗަކަ ހެއްޔެވެ؟

އަޙްމަދު:- ނުވަތަ . . . . ރަތްކާރުގައި އުޅޭ ސިފަބަދަލުކުރާ ކަލޭގެއާއި އެވެ.

އެމީހަކު:- (އަޙްމަދުގެ ކޮނޑުގައި ހިފާ ތަޅުވާލައިފައި) ތަބިއްޔަތު ހަމައިން ނެއްޓިއްޖެ ދޯއެެވެ. . . .
އަހަރެން މީ ކަލޭގެ އެހީތެރިޔާ އެވެ. ފުލުހުންގެ އިނިސްޕެކްޓަރ އަންވަރު އެވެ. ދެން ބިރު ނުގަންނާށެވެ.
ނަމަވެސް މިވަރަކުން ވެސް އަޙްމަދުގެ ހިތަށް ޔަގީންކަން ނުވެއްދުނެވެ. އަންވަރުކަމަށް ގަބޫލުކުރީ ދެމީހުންގެ ދެމެދުގައި ދެކެވިފައިހުރި ސިއްރު ވާހަކަތައް ވެސް ދައްކައިގެންނެވެ. ހަށިގަނޑުގައި ހުރި އެކިއެކި ކަޅުތިލަތަކާއި ލަކުނުތައް ދައްކައިގެންނެވެ. ކޮންމެއަކަސް އެންމެފަހުން ހިތުގެ އަޑީން ގަބޫލުކޮށްްފި އެވެ. އެއްވެސް ބިރެއް ނެތި ހަމަޖެހިއްޖެ އެވެ.

އަޙްމަދު:- އަހަރެން ކުރަންހުރި ސުވާލުތައް ގިނަކުން ފުރަތަމަ ކަލެއާކުރާނެ ސުވާލެއް ވެސް މިއިންނަނީ ނުވިސްނިފަ އެވެ.

އަންވަރު:- ސުވާލުތައް ކޮށްބަލާށެވެ. ދެން ތިޔަވީގޮތުން ކަލޭކުރި ސުވާލަކަށް ނޫނީ ޖަވާބެއް ނުދޭނަމެވެ.

އަޙްމަދު:- އެންމެ ރަނގަޅެވެ. ކަލޭ "މަރު" ވުމުގެ ސިއްރަކީ، އަދި ސަބަބަކީ ކޮބައިހެއްޔެވެ؟

އަންވަރު:- އަހަރެން މިގޮތައް މަރުނުވިނަމަ ލީލާގެ ގަތުލުގެ ސިއްރު ހޯދުން ވަރަށް ދަތިވީހެވެ.

އެންމެކުޑަމިނުން އަހަރެންގެ ދަށުގައިތިބި ސިކުޑިއެއްނެތް ފުލުހުންގެ މީހަކަށް އަހަރެން ދުނިޔޭގަި ހުރިކަން އެނގުނު ނަމަވެސް . . . . މަސައްކަތައް ލިބެމުން ދިޔައީހީ މުޅިން ނާކާމިޔާބެވެ. ވީމައި އަހަރެން މަރުވީ އެވެ. މިހާރު ވަރަށް ހިތްހަމަޖެހިއްޖެ އެވެ. ކަލެއާއި ފުލުހުންގެ ވެރިޔާ ފިޔަވައި އަހަރެން ދުނިޔޭގައި ހުރިކަން ދަންނާނެ އެކަކުވެސް މިއޮއްބޮޑު ދުނިޔޭގައި ނޫޅޭނެ އެވެ.

އަޙްމަދު:- ކަލޭ މަރުވާންވެގެން ހެދީ ކިހެނެއް ހެއްޔެވެ؟ މަރުވެފާ އޮތީ ކާކުހެއްޔެވެ؟ އެކަހަލަ މޮޅު ފުރުސަތެއް އެހާ ކުޑަކުޑަ ވަގުތުކޮޅަކުން ހޯދީ ކިހެނެއް ހެއްޔެވެ؟

އަންވަރު:- އަހަރެން އެރޭ ގެއަށްދާންވެގެން ނުކުތް އިރުވެސް މި ޚިޔާލު ހިތުގައި އޮތެވެ. ނަމަވެސް އެއިރު ގަސްތުކުރީ އިރުކޮޅެއްވަންދެން މަރުވެފާ އޮންނަކަހަލަ ޒަހަރެއް ބޮއިގެން އަހަރެން ސެކްރެޓަރީގެ އެހީއާއެކު ފިލުމަށެވެ. ނަމަވެސް އެގޮތުން ފުރިހަމަ ކާމިޔާބީއެއް ނުލިބޭނެކަމަށް އޭރުވެސް އަހަންނަށް ޔަޤީންވެ އެވެ. . . .

ގެއަށްދާން ކާރުގައި ނުކުތްއިރު އަހަރެންގެ ވަރު ވަރަށް ވެސް ދެރައެވެ. ބޯވެސް ކުޑަކޮށް އަނބުރައެވެ. އެހެންނަމަވެސް ކާރުދުއްވަމުން ދިޔައީ އާދަޔާ ޚިލާފު ބާރުމިނެއްގަ އެވެ. ތަންގަނޑަކަށް ދިޔަފަހުން އަހަރެންނަށް ދާންޖެހުނީ އަނދިރި ހަނި ގޯޅިއެއްގެ ތެރެއިންނެވެ. އެހެންކަމުން ކާރުގެ ޑައިނަމޯ އަލިގަދަކޮއްގެން ތަންކޮޅެއް ބާރަށް އަނެއްކާވެސް ދުއްވާލީއެވެ. ކުއްލިއަކަށް ގޯޅިތެރޭގައިހުރި ފަޅުގެއަކުން ނުކުމެގެން ދުއްވައިގަތް މީހަކު އަހަރެންގެ ކާރުން ނުނެއްޓިގެން އުޅެގެންފި އެވެ. އަހަންނަށްވެސް އެކަހަލަ ބަލިހާލެއްގެ ވަގުތުތެއްގައި ކުއްލި ސިހުމެއް ލިބުމުގެ ސަބަބުން އެމީހާގެ ގައިން ކާރު ނައްޓާލެވޭވަރައް ނުވި އެވެ. ގަނޑިޔަކު 35 މޭލަށް ދުއްވާފައިހުރި ކާރަކުން އޭމީހާގެ ގައިގައި ޖެހިއްޖެ އެވެ. ޖެހުމާއެކު ކާރުގެ ކުރިމައްޗަށް ވެއްޓިއްޖެ އެވެ. . . . . . . .  ކުރީފުރޮޅުގެ ދަށުވެއްޖެ އެވެ. . . . . .  ބަނޑު ނުވަތަ އެހެންވެސް ތަނެއް ފެޅިއްޖެ އެވެ.

ވަރަށް ކަންބޮޑުވެގެން އަހަރެން ތެޅިގެންފީމެވެ. އަވަސް އަވަހަށް ކާރުގެ ޑައިނަމޯ ނިވާލައިފީމެވެ. ފޭބުމަށްފަހު އޭނާ ނަގައި ކާރަށް ލައިގެން އެހެންދިމާލަކަށް ދުއްވާލައިފީމެވެ. މުޅިކާރު ލެއިން ތަތްތެޅިއްޖެ އެވެ. ނަމަވެސް އެމީހަކީ ކާކުތޯ ބެލުމައްފަހު ނޫނީ ވަކިގޮތަކަށް އޭނާ ދޫކޮއްނުލުމަށް އަހަންނަށް ގަސްތުކުރެވިއްޖެ އެވެ. އެހެންކަމުން އޭނާ ކާރުގައި ބޭއްވައިގެން ދިޔައީ އަހަރެންގެ  ގެއަށެވެ. ގެއަށް ދިޔަ މަގުމަތީގައި އަހަރެންގެ ހިތަށް ކުއްލިއަކަށް ވަނީ ޚިޔާލުތަކުގެ ތެރެއިން އެންމަތީ ދަރަޖައިގެ ޚިޔާލު އެވެ. މަރުވެފައިވާ މީހާގެ މަސްގަނޑުގެ އެހީގައި އަހަންނަށް މަރުވެވިދާނެކަމުގެ ޚިޔާލެވެ.

މިވަރުގަދަ އިލްހާމު، ނުވަތަ މި އަޖައިބެއްފަދަ މޮޅު ޚިޔާލު އައުމުން އަވަހަށް ގެއަށްވަދެ ދަރިފުޅަށް ނަސޭހަތް ދިނުމައްފަހު ނުކުމެގެން ދިޔައީ ފުލުހުންގެ ވެރިޔާގެ ގެއަށެވެ. ވަރަށް ސިއްރުގޮތެއްގައި އޭނާއަށް . . . . އެމީހާ ދައްކާ އަދި ކަންތައްކުރަން ގަސްތުކުރާގޮތް ކިޔާދީފީމެވެ. އަހަރެން އެދުނު އެންމެ ޚާއްސަ އެދުމަކީ އަހަރެން "މަރު" ވުމާއެކު އަވަހަށް ގޮސް އަހަރެންގެ ކާރު ގެންދިއުމެވެ. ސަބަބަކީ އަހަރެންގެ ކާރު އެހެން މީހަކަށް ފެނިއްޖެ ނަމަ ސިއްރު ނޭގޭ ލޭތަކެއް އޮތުމުން ސައްކުތަކެއް އުފެދިދާނެތީ އެވެ. އަހަރެން "މަރު" ވާތާ ގިނައިރެއް ނުވެ ފުލުހުންގެ ވެރިޔާ އައިސް ކާރަށް އަރައިގެން ދާނެ އެވެ. އަހަރެން އޭނާއާއި ވަކިވެގެން އައީ ގާތްގަނޑަކަށް ކަންމެ ހަފުތާއަކު އެއްފަހަރު އަހަރެން މަސައްކަތް ދިޔަގޮތުގެ ސާފު ޚަބަރު ސިޓީއެއްގެ ޒަރީޢާއިން ވެރިޔާއަށް ފޮނުވާނޭކަމަށް ބުނެފަ އެވެ. ސޮޔަކަށް އޮންނާނީ " ޑާކްރެއިން " ކަމަށްވެސް އެންގީމެވެ. . . . . .

ދެން އައީ އިސްޓޭޝަނަށެވެ. އޭރު މަރުވެފައިވާ މީހާ އޮންނާނީ ފާޚާނާއެއްގައި ގުޅައަކަށެވެ. ފާޚާނާ ހުންނާނީ ތަޅުލާފަ އެވެ. އެހެންކަމުން ހިތްހަމަޖެހުމާއެކު އައިސް ސެކްރެޓަރީއަށް ދައްކައިގެން ހުރިހާކަމެއް ކޮއްފައި، ސިޓީލިޔެފައި ޕާސްޕޯޓް ފޮތްނަގައިގެން ސިނގިރެޓް ރޯކޮއްގެން، ފުލުހުންގެ ދެ ނިޝާން ޖީބަށް ލައިގެން ނުކުތީ އެވެ.

މަރުވެފައިވާ މީހާގެ ގައިގައި އަހަރެންގެ ހެދުން އެޅުވުމައްފަހު، ސިޓީއާއި ސިނގިރެޓްދަޅާއި ދެނިޝާން އޭނާގެ ޖީބަށް ލައިފައި ޕާސްޕޯޓް ފޮތްވެސް ހެދުމުގެތެރޭގައި ރައްކާކޮއްގެން އަހަރެން ކާރުގައި ނުބައި ނަންބަރެއް ޖެހުމައްފަހު އޭނާ ގޮވައިގެން ދިޔައީ ރޭލުދަނގަޑު ކައިރިއަށެވެ. އަހަރެން އޭރު އިނީ އިންޑިއާގެ މަގުފޭރޭ މީހެއްގެ ހެދުން އަޅައިގެންނެވެ. ދެޖީބުގައި ދެ ފިސްތޯލަ އޮތެވެ. ރޭލުދަނގަޑުމަތި ވަރަށް އަމާން ވަގުތެކެވެ. އެއްވެސް ދިމާއަކުން ފުލުހެއް ފެންނާކަށް ނެތެވެ. ތަނަކީ ބިތްދޮށްފަރާތުގެ ޖަންގަލީގެ ހިސާބުގަނޑެވެ. ވަރަށް އަނދިރި އެވެ. ރޭލުދނަގަޅުގެ ދެފަރާތުގައި ހުރި ދަނޑިތަކުން ރޭލެއް އަންނަކަމުގެ ސިގްނަލް ދޭންފަށައިފި އެވެ. ވަގުތުއައިސް ޖެހުނީކަން އެނގުމުން އެމީހާ ނަގައި ރޭލުދަނގަޑުމަތީގައި ބާއްވައިފީމެވެ. މޫނު ބޭއްވީ ފުރޮޅުހިނގަން ކަނޑައެޅިފައިވާ ދިމާއަށެެވެ. ބޮޑަށް ޗިސްޗިސް ކޮއްލުމުގެ ގަސްތުގައެވެ.

އޭނާ ދަނގަނޑުމަތީގައި ބާއްވާފިއި އައިސް ކާރުގައި އިންދާ ރޭލު ހުރަސްކޮއްފި އެވެ. ޗިސްޗިސްވެފައިވާ މީހާ އަހަރެންވެސް އުފަލާއެކު ބަލާލައިފީމެވެ. މަގުސަދު ފުރިހަމަވީލެއް އަވަސް ކަަމުންނެވެ. . . . . . ކާމިޔާބު އަތުގައި ހިފިލެއް ރިތިކަމުން އުފަލާއެކު އަހަރެން ރަށުން ފައިބައިގެން ހިނގައްޖައީމެވެ.

އަޙްމަދު:- (އާފުރިފައި) ބަލަ މޮޔައާއެވެ! ތިޔަބުނިހެން ކަންތައް ކުރިކަމަށް ވަންޏާ މިހާރު މުޅި ރަށަށް އޮންނާނީ ކަލޭގެ ޙިކްމަތް ބޭޒާރު ވެފަ އެވެ.

އަންވަރު:- އެއީ ކީއްވެގެން ހެއްޔެވެ؟

އަޙްމަދު:- އޭނާ ގެއްލުނު ރެއާއި ކަލޭ މަރުވި ރެއާ އެއްރޭކަމުން އަދި ދާދި އެއްވަގުތެއް ކަމުން އިސާހިތަކު ކަލޭގެ ތިޔަ މޮޅު ޙިކްމަތުގައި ލޯވަޅު އެޅިދާނެއެވެ.

(ނުނިމޭ....)

މި ލިޔުން:

    ޓައިޕުކުރުން:   އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    އަލުންބެލުން:     "       "     
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)


އިދާރާ

އެނގޭތަ؟

ވާހަކަ