އަދުގެ ޚާއްސަ

Print

އައިޑެންޓިޓީ ކާޑު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

ބީރައްޓެހި ފިރިހެންކުއްޖަކު ބޮޑު ރަށަކަށް އަތުވެއްޖެއެވެ. ރަށުތެރޭގެ އެތަން މިތާނގައި ހިނގަމުންގޮސް މި ކުއްޖާއަށް އިސްކޫލަކާ ހަމައަށް އާދެވިއްޖެއެވެ. އެއީ އެ އިސްކޫލުގައި ކޮންމެވެސް ރަސްމިއްޔާތެއް އޮތް ދުވަހެކެވެ. ކުޑަ ދޮރެއްގެ ކައިރީގައި ވަރަށް ގިނަ ކުދިން އެއްވެފައި ތިއްބެވެ. ކައިރިއަށް ގޮސް ބެލި އިރު އެތަނުން މެޓާ ބަހަނީއެވެ. ފަހަރަކު ކުއްޖަކު މެޓާ ހިފައިގެން ނުކުމެގެން ދަނީއެވެ. މިކުއްޖާވެސް ގޮސް އެކުދިންގެ ތެރެއަށް ވަދެއްޖެއެވެ. މިކުއްޖާއަށް ހީ ކުރެވުނީ އެހެންކުދިންނަށް މެޓާ ލިބޭފަދައިން، އޭނާޔާ ޖެހުނީމާ މެޓާ ލިބޭނޭ ކަމަށެވެ.

ކުދިން މަދުވަމުންގޮސް އެންމެ ފަހުން ބީރަށްޓެހި ކުއްޖާޔާ ޖެހިއްޖެއެވެ. އޭނާ ވަރަށް އުފާވެފައި ކުޑަދޮރާ ދިމާއަށް އަތްދިއްކޮށްލިއެވެ. އެ ވަގުތު އެތެރޭގައި އިންމީހާ "ކަލޭގެ އައިޑެންޓިޓީ ކާޑު ކޮބައިހޭ؟" އަހައިފިއެވެ. އޭނާގެ އަތަކު އައިޑެންޓިޓީ ކާޑެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން މީހަކު އައިސް އޭނާ އެތަނުން ދުރަށްލައިފިއެވެ. އެކުއްޖާ އޮޅުން ފިލުވައިލުމުން އެނގުނު ގޮތުގައި މެޓާ ބަހަމުން ދަނީ އެ އަހަރު އިސްކޫލުގައި ކިޔެވި ކުދިންނަށެވެ. އަންނަހައި ކުއްޖަކަށް ނޫނެވެ.

އާޚިރަތް ދުވަހުންވެސް ކަންތައް ހިނގާނީ މިކަހަލަ ގޮތަކަށެވެ. އެދުވަހަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ފައިޞަލާ ކުރައްވާ ދުވަހެވެ. އެންމެން ތިބޭނީ އެކަލާނގެ ޙަޟްރަތަށް ޖަމާވެފައެވެ. އެއީ އިނާމު ދެއްވާ ދުވަހެވެ. އިނާމު ލިބޭނީ ވޭތުވެގެން ގޮސްފައިވާ ދުވަސްތަކުގައި އިނާމު ޙައްޤުވާފަދަ ޢަމަލުތައް ކޮށްފައިވާ މީހުންނަށެވެ. "އައިޑެންޓިޓީ ކާޑު" ހިފައިގެން އައިސް ތިބި މީހުންނަށެވެ.

ލޮލަށް ލިބޭ އެންމެ ބޮޑު އަރާމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ފެނުން ކަމުގައި ވާނެ ދުވަސްވަރަށް ގާތްވެއްޖެއެވެ. އަތަށް ލިބޭ އެންމެ ބޮޑު ފަޚްރަކީ ތިމާ ހެއްދެވި ފަރާތާ ދިމާއަށް އުފުލައިލުން ކަމުގައިވާނެ ދުވަސް މާ ދުރެއް ނޫނެވެ. ބޮލަކަށް ލިބޭނޭ އެންމެ މަތިވެރި ޝަރަފަކީ ޢާލަމްތަކުގެ ވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ސަޖިދަ ކުރުން ކަމުގައި ވެގެންދާނެ ދުވަހަކީ މާދަމާ ނޫން ކަމެއްވެސް ނޭނގެއެވެ. އެހެން ނަމަވެސް މި އަރާމާއި، ފަޚުރާއި، ޝަރަފު ލިބޭނީ އެދުވަސް އައުމުގެ ކުރިން ހެޔޮ ގޮތުގައި ތައްޔާރުވެގެން ތިބި ބަޔަކަށެވެ. އެނޫން މީހުންނާއި، ﷲ ސުބްޙާނަހޫ ވަތަޢާލާ އާ ދެމެދު ހުރަހަކަށްވާނީ އެމީހުންގެ ޣާފިލުކަމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ގޮސްފައިމެ އެ ކަލާނގެޔާ ކުއްތަންވުމުގެ ފުރުޞަތެއް މިބައި މީހުންނަކަށް ނުލިބޭނެއެވެ. އިނާމު ބަހާ ދުވަހު މިބައި މީހުން ތިބޭނީ ހުސް އަތާއެވެ. އިނާމެއް ނުލިބިއެވެ.

(ނިމުނީ)
މި ލިޔުން؛

    ފޮނުވުން:   އަލްފާޟިލް
ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    ޝާއިޢުކުރުން: ''          ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ