އަދުގެ ޚާއްސަ

Print

''ދީނަށް އުޅެގެން ވިފައިދާއެއް ނެތް!''

ޝާޢިއުކުރީ އަޙްމަދު ރަޝީދު ޢަބްދުލްޤާދިރު . ހިމެނޭބަޔަކީ ޢަޤީދާ


ލިޔުނީ: އަޙްމަދު އަޖްމަލް ޙާމިދު

އަހަރެން ދެއަތް އުފުލާލީ ނާއުންމީދުން ފުރިގެންވާ ހާލުއެވެ. އަރަހެންގެ ހާލަތާ މެދުއެވެ. މިދެއަތް އެފަރާތަކަށް އަދައިގެން އުފުލާލެވުނު އިލާހާމެދުވެސްމެއެވެ.

ޔާ ﷲ އެވެ. އިބަ އިލާހުގެ ދީނަށް އުޅެގެން މިއަޅާއަށް ވިފައިދާއެއް ނެތެވެ.

އިބަ އިލާހު އެންގެވިހާ ކަމެއް ކުރުމުން، އިބަ އިލާހު ނަހީކުރެއްވިހާ ކަންކަން ނުކުރުމުން މިއަޅާއަށް ޙާޞިލްވި އެއްޗެއް، ކަމެއް ނެތެވެ.

އިބަ އިލާހު އެންގެވި ކަންކަމުގެ އިތުރުން އިބަ އިލާހު ލޯބިވޮޑިގެންވާ ސުންނަތްތައް އަދާކޮށް، ނުރުއްސެވިހާ މަކުރޫހަ ކަމެއް ދޫކޮށްގެން ވި މޮޅު އިތުރެއް ނެތެވެ.

އިބަ އިލާހަށް ޚުޝޫޢަތްތެރިކަމާއެކު ފަސްވަގުތު ކުރަން އެންގެވި ނަމާދު ކުރާ މުއުމިނުންނަށް ދެއްވާނެކަމަށް އަންގަވާފައިވާ ކާމިޔާބު ކޮބައިތޯއެވެ؟ މިއަޅާ މިވަނީ ނާކަމިޔާބުވެ ވިއްސިވިހާލިވެފައެވެ.

އިބަ އިލާހަށްޓަކައި ބަނޑުހައިހޫނުކަންމަތީ ހުރެ ހިފާ ރޯދައިގެ ސަބަބުން ރޯދީގައި ލައްވާ ބަރަކާތް ކޮބައިތޯއެވެ؟ މިއަޅާގެ ރިޒްޤު ދެރަވެފައި، ވަނީ މިންވަރުކުރެވިގެންނެވެ.

އިބަ އިލާހަށްޓަކައި މުދަލުން ހޭދަކުރުމުން އިތުރުކުރައްވާ މުދާ ކޮބައިތޯއެވެ؟ މިއަޅާ މިވަނީ ބަނގުރޫޓުވެ ފައިސާއަށް ނުހަނު ބޭނުން ޖެހިފައެވެ.

އިބަ އިލާހުގެ މަތިން ހަނދުމަ ކުރުމުގެ ގޮތުން ކިޔަވަން އެންގެވި ޤުރުއާން ކިޔެވުމުން ދެއްވާ ހިންހަމަޖެހުން ކޮބައިތޯއެވެ؟ މިއަޅާ މިވަނީ ހިންހަމަނުޖެހި ނުތަނަވަސް ވެފައެވެ.

އިބަ އިލާހު އެންގެވިތީ ނޫނެކޭ ބުނި ހަޑިމުޑުދާރު ކަސްބީ އަންހެނުންނާއި ރީތި ޒުވާން ޖިންސު ލަޠީފުންގެ ބަދަލުގައި، ރަނގަޅު ފިރިހެނުންނަށް ދެއްވާ ރަނގަޅު އަނބިން ކޮބައިތޯއެވެ؟ މިއަޅާ މިވަނީ މުނިފޫހި ފިލުވައިދޭނެ ބައިވެރިއަކަށް ބޭނުންވެފައެވެ.

އިބަ އިލާހު ނުރުއްސަވާތީ ފުރަގަސްދިން ޢައްޔާޝީ ލަވަތަކާއި ޒުވާނުންގެ ލޭ ކައްކުވާލާ ފިލްމުތަކާއި މަންޒަރުތަކުގެ ބަދަލުގައި ދެއްވާ ހެޔޮ ބަދަލު ކޮބައިތޯއެވެ؟ މިއަޅާގެ ހަޔާތުގައި އުފާވެރިކަމުގެ ރީތި ރާގުތަކާއި މަންޒަރުތައް ނެތްފަދައެވެ.

އިބަ އިލާހުގެ ރުއްސެވުން އަދައިގެން އަލްވަދާޢުކި ޝަރާބުގެ މަސްތާއި ފާޙިޝް ކަންކަމުގެ މެހެފިލްތަކުގެ ބަދަލުގައި ދެއްވާ ހެޔޮ ބަދަލު ކޮބައިތޯއެވެ؟ މިއަޅާގެ ހުސްވަގުތު ގިނަވެ، ފޫހިކަމަކީ މިއަޅާގެ ހަޔާތުގެ ބައެއްކަމުގައި ވެގެން ހިނގައްޖެއެވެ.

މިއަޅާގެ ދުޢާތައް އިޖާބަނުކުރައްވެމުގެ ސަބަބުން ކެތްތެރިކަމާއެކު އިންތިޒާރު ކުރަންވީ މުއްދަތުގެ ދިގުމިނަކީ ކޮބައިތޯއެވެ؟ އިބަ އިލާހަށް އެދި ދަންނަވާ އަޅުންނާ ގާތުގައި ވޮޑިގެންވާ ކަމަށް ވަޙީނުކުރައްވަމުތޯއެވެ؟

މިއަޅާއަށް ފުރަގަސްދެއްވީތޯއެވެ؟ މަ، މިނިކަމެތި އިންސާނާ ދޫކޮށްލެއްވީތޯއެވެ؟

އަހަރެން ނާއުންމީދާއިގެން އުފުލާލި ދެއަތް ތިރި ކޮށްލީމެވެ.

މިނިކަމެތި އިންސާނާ... އިންސާނާ... ހިތާ ހިތާ ކިޔާލެވުނެވެ.

"އިންސާނާ ހެއްދެވީ، (އަވަސްކަން އޭނާގެ ޠަބީޢަތުގައި) ލައްވާފައެވެ." {1}
 
"އަދި އޭނާއަށް ނުބައިކަމެއް ދިމާވެއްޖެނަމަ، (އެކަލާނގެ ރަޙްމަތުން) އުންމީދު ކަނޑައިލާ މީހަކަށް ވެދެތެވެ." {2}

"އަދި ﷲ ގެ ރަޙްމަތުން ތިޔަބައިމީހުން އުންމީދު ކަނޑައިނުލާށެވެ." {3}

"އަދި ތިބާ ކެތްކުރާށެވެ! އަދި ﷲ ގެ ވާގިފުޅުން މެނުވީ ތިބާ ކެތްތެރިވުމެއް ނުވެއެވެ." {4}

"އަދި ނިކަންހުރެ، ތިބާގެ ވެރިރަސްކަލާނގެ ތިބާއަށް ދެއްވާނެކަން ކަށަވަރެވެ. އޭރުން ތިބާ ރުހޭނެތެވެ." {5}

އަހަރެން ދެއަތް އުފުލާލީ އުންމީދުން ފުރިގެންވާ ހާލުއެވެ. އަރަހެންގެ ހާލަތާ މެދުއެވެ. މިދެއަތް އެފަރާތަކަށް އަދައިގެން އުފުލާލެވުނު އިލާހާމެދުވެސްމެއެވެ.

ޔާ ﷲ އެވެ. އިބަ އިލާހުގެ ދީނުގެމަތީ މިއަޅާ ސާބިތުކުރައްވާނދޭވެ!

ޔާ ﷲ އެވެ. މިއަޅާއަށް ކެތްތެރިކަން ދެއްވާނދޭވެ!

ޔާ ﷲ އެވެ. މިއަޅާ ނާއުންމީދުވުމުން އިބަ އިލާހުގެ ރައްކާތެރިކަން އެދެމެވެ. އިބަ އަލާހީ ރައްކާތެރިކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ. އަދި އިބަ އިލާހީ ރަޙްމަތްލައްވާ އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.

_____________

މިލިޔުން އެޑިޓްކޮށްދެއްވި އަލްއަޚް އަޙްމަދު ޝަމީން ދޮންމަނިކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.
                                         އ.އ.ޙ

ހަވާލާ:

 ސޫރަތުލް އަންބިޔާއު 37

[1] ސޫރަތުލް އިސްރާއު 83

[1] ސޫރަތު ޔޫސުފް 87

[1] ސޫރަތުން ނަޙްލު 127 ގެ ތަރުޖަމާ ދޭހަވާގޮތަށް ޢިބާރާތް ކުރެވިފައި

[1] ސޫރަތުއް ޟުޙާ 5 ގެ ތަރުޖަމާ ދޭހަވާގޮތަށް ޢިބާރާތް ކުރެވިފައި

މި ލިޔުން:

     ފޮނުވުން:    އަލްފާޟިލް އަޙްމަދު އަޖުމަލް ޙާމިދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
     ފޮޓޯ:       ޙައްވާ ރައުޝާނާ (ފަންވަތުގެ ފޮޓޯގްރާފަރ)
     ޝާއިޢުކުރުން:  އެޑިޓަރު


ހަމަމިގަލަމުން

އިދާރާ

ވާހަކަ