Print

ކަރުނައިގެ މުތީ (6)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ

ތަރުޖަމާ ކުރީ: މުޙަންމަދު ޝާހިދު ޙަލީމު (2002)

(1 ފެބްރުވަރީ 2011، އަންގާރައާ ގުޅޭ)

މަހާބަތު ޚާނަށް ދަރުބާރަށް ހާޒިރު ވުމަށް އަމުރުފުޅު ދިޔުމުން އޭނާގެ ބޮލުގައި ރިއްސައިލިއެވެ. އޭނާއަކީ ހަނގުރާމައިގެ މައިދާނުގެ ކުޅުންތެރިއެކެވެ. މާތް މަލިކާގެ ބަދަލުވަމުންދާ އުކުޅުފުޅުތައް އޭނާއަށް ވިސްނެއެވެ. އޭނާ އެކަނި ދަރުބާރަށް ހިނގައްޖެ ނަމަ ކޮންމެވެސް މުސީބާތެއްގައި ހައްޔަރުވެދާނެ ކަމަށް އޭނާ ނިންމިއެވެ. އޭނާއަށް މުހިންމު ނިންމުމެއް ނިންމަންޖެހޭ ވަގުތު އައިސް ޖެހުނެވެ. އޭނާ ގަބޫލުކުރަންވީ ކާކުގެ އަމުރެއް ހެއްޔެވެ؟ ބައިވެރިވާންވީ ކާކާ ހެއްޔެވެ؟ މާތް މަލިކާއާ ހެއްޔެވެ؟ ނޫނީ ސުލްޠާން ޕަރްވޭޒާ ހެއްޔެވެ؟ ނުވަތަ ޝާހް ޖަހާނާ ހެއްޔެވެ؟

މަލިކާ ނޫރު ޖަހާން ބޭނުންފުޅު ވަނީ ޝެހެރިޔާރު ކަހަލަ އެކަށީގެންނުވާ ޝެހެޒާދާއެއް ތަޚުތުގައި ވަޑުވާށެވެ. ޙާލާތު އަންގައިދޭ ގޮތުގައި އެކަމަނާއަށް ވާނީ ނާކާމިޔާބެވެ. އެ ގޮތަކީ އަމީރުންނާއި ދަރުބާރުގެ ޢިއްޒަތްތެރީން މަލިކާއާއި ޝެހެރިޔާރުގެ ދާއިމީ ވެރިކަމަކާ ރުހިވަޑައެއް ނުގަންނަވާނެއެވެ. ދެން ހުންނެވީ ސުލްޠާން ޕަރްވޭޒެވެ. އެމަނިކުފާނަކީ ފެށުނީއްސުރެން ވެސް ޖަހާން ގީރަށް ކިޔަމަންތެރިވެވަޑައިގަންނަވަމުން ވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނަކީ މޮޅު ކޮމާންޑަރެއް ވެސް ނޫނެވެ. އަދި ވެރިކަމުގެ އުނދަގޫ ކަންތައްތައް ދެނެވަޑައިގަންނަވާ ބޭފުޅެއް ވެސް ނޫނެވެ. އަމިއްލަފުޅަށް ކަމެއް ނިންމެވުމުގެ ކުޅަދާނަފުޅުކަމެއް އެމަނިކުފާނަކަށް ލިބިވަޑައިގެންފައެއް ނުވެއެވެ. މުހިންމު ކަމެއް ވެއްޖެއްޔާ އެމަނިކުފާނު އަބަދު ވެސް އެހެން މީހުންގެ މަޝްވަރާއަށް ބޭނުންފުޅު ވެއެވެ. އެމަނިކުފާނަކަށް އިތުބާރެއް ނުކުރެވޭނެއެވެ. ހިތްވަރުފުޅުގަދަ ޖެހިލުންފުޅުކުޑަ ބޭފުޅަކަށް ހުންނެވީ ހަމައެކަނި ޝާހް ޖަހާނެވެ. އެމަނިކުފާނު އެ ގެންދަވަނީ ވޭތިވެ ދިޔަ ފަސް އަހަރުއްސުރެން ފުރިހަމަ ސާބިތުކަމާއި ފިރިހެންވަންތަކަމާ އެކު ޖަހާން ގީރުގެ ބާރުތަކާ ހަނގުރާމަކުރައްވަމުންނެވެ. މަލިކާގެ މަކަރުފުޅުން ސަލާމަތްވެވަޑައިގަތުމަށް މަހާބަތު ޚާން ޝާހް ޖަހާނުގެ އަރިހަށް ހިނގައްޖެ ނަމަ އަމާންކަން ލިބޭނެކަން ކަށަވަރެވެ.
 
މި ގޮތަށް ވިސްނައިފައި އޭނާ ފުރަތަމަ އާޞިފު ޚާނާ ޞުލްޙަވިއެވެ. އެއަށްފަހު އޭނާ މެދުވެރިކުރައްވައި ޝާހް ޖަހާނުގެ އަރިހުން މާފުއެދިވަޑައިގަތެވެ. އާޞިފު ޚާނާއި މުމްތާޒު މަޙަލް ވެސް ޝާހް ޖަހާނަށް ސިޓީ ލިއުއްވިއެވެ. އެ ބޭފުޅުން ލިއުއްވިއެވެ. "މަހާބަތު ޚާން މަނިކުފާނުގެ އަމާންކަން ބޭނުންވެއެވެ. މިއީ ރަނގަޅު ދަނޑިވަޅެކެވެ. އޭނާގެ ކުރީގެ ކުށްތައް މާފުކުރައްވައި އޭނާއަށް އިތުބާރުކުރައްވައިފި ނަމަ ހަނގުރާމައިގެ ކުރެހުން ބަދަލުވެދާނެއެވެ. އޭނާއަކީ ވިސްނުންތެރި، ތަޖުރިބާކާރު ކޮމާންޑަރެކެވެ. އަޅުގަނޑުމެންގެ ދަށަށް އޭނާ އަތުވެއްޖެ ނަމަ ޝާހީ ލަޝްކަރުގެ އުނަގަނޑު ބިނދޭނެއެވެ. މަނިކުފާނު މި ދަނޑިވަޅު ނަންގަވައި ނުލައްވާށެވެ."
 
އާޞިފު ޚާނާއި މުމްތާޒު މަޙަލުގެ މަޝްވަރާއަކީ ރަނގަޅު މަޝްވަރާއެކެވެ. ވަގުތު ވެސް ބުރަވަނީ މަހާބަތު ޚާން ކަހަލަ ކެރޭ ތަޖުރިބާކާރު ކޮމާންޑަރަކު އެމަނިކުފާނުގެ ލަޝްކަރުގައި ބައިވެރިކުރުމަށެވެ. އޭނާ ކުރުނީސްކުރުމަށް ޝެހެޒާދާގެ ފޭލިގެއަށް އައުމުން، ޝާހް ޖަހާން އޭނާގެ ކުރީގެ ކުށްތައް މާފުކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތާނގައި ޝާހީ ޢިނާޔަތްތައް ދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެން، އޭނާގެ އިތުބާރު ހޯއްދެވިއެވެ.
 
އާޞިފު ޚާން ދަރިކަނބަލުންނާއި ކާފަ ބޭފުޅުން ގޮވައިގެން އާގަރާއަށް ވަޑައިގަތެވެ. އެދުވަސްވަރު ޝެހެންޝާހް ޖަހާން ގީރް ވަޑައިގެން ހުންނެވީ ކަޝްމީރުގައެވެ. އެމަނިކުފާނު ކަޝްމީރުން ލާހޫރަށް ދަތުރުކުރައްވަނިކޮށް އެމަނިކުފާނުގެ ފަހުވަގުތު އައިސް ޖެހުނެވެ. އެމަނިކުފާނު މަސްތުވާތަކެތީގެ އަޅަކަށް ވެވަޑައިގެންފައި ވާތާ އެތައް ދުވަހެކެވެ. އެ ކަމާ ގުޅިގެން އެމަނިކުފާނަށް ވަނީ ނޭވާފުޅުހިއްލުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންފައެވެ. ބައެއް ފަހަރަށް ވަރަށް ބޮޑަށް ކެއްސާވަޑައިގަންނަވައެވެ. ކަޝްމީރުން ލާހޫރަށް ވަޑައިގެންނެވި މަގުމަތީގައި ޗަންގްތަރެހްތީއާ ހަމައިން އެމަނިކުފާނަށް ޖެހިވަޑައިގެންނެވި ކެއްސުންފުޅުގައި އެމަނިކުފާނުގެ ފުރާނަފުޅު ވަކިވިއެވެ.
 
އޭރު ޝާހް ޖަހާން ހުންނެވީ އެ ހިސާބާ އެތަކެއް މޭލު ދުރުގައި މަހާބަތު ޚާނުގެ ކޮމާންޑަރުކަމުގެ ދަށުގައި ދެކުނުގެ ސަރަހައްދު ފަތަޙަކުރައްވާށެވެ. އާޞިފު ޚާން، އެތްތައް ބަލަހައްޓާ، ބަނާރަސީ ކިޔާ މީހަކު ޝާހް ޖަހާނުގެ އަރިހަށް ފޮނުއްވިއެވެ. އޭނާއަކީ ހަލުއިކަމުގައި އެ ފަދަ ދެވަނައެއް ނެތް މީހެކެވެ. ސިޓީއެއް ލިޔުއްވާނެ ވަގުތެއް ނެތެވެ. އެހެންކަމުން އާޞިފު ޚާން ބަނާރަސީގާތު އަނގަބަހުން ހުރިހައި ވާހަކަފުޅެއް ވިދާޅުވެދެއްވައިފައި ނިޝާނެއްގެ ގޮތުގައި އެމަނިކުފާނުގެ އަނގޮޓިއެއް ދެއްވައިފައި، އެ އަނގޮޓި ޝާހު ޖަހާނަށް އެރުވުމަށް ވިދާޅުވިއެވެ.

ޝެހެރިޔާރު ބައްޕާފުޅު އަވަހާރަވުމާ އެކުގައި، ޝާހް ޖަހާނަށް ތާއީދުކުރައްވާ، އަދި އާޞިފު ޚާނާ އެއްބައިވެވަޑައިގަންނަވާ އަމީރުންނާއި، ވަފާތެރީންގެ ބިންބިމާއި މުދާތައް ހިއްޕެވިއެވެ. އެމަނިކުފާނުގެ އަރިހަށް އެއްވި އަމިއްލައެދުމުގެ އަހުލުވެރީންނަށް ޝާހީ ޚަޒާނާ އަނގަމަތިކޮށްލެއްވިއެވެ. މަޖަލާއި އުފަލުގެ ތެރެއަށް ގެނބިވަޑައިގަތުމަށްފަހު ލަޝްކަރެއް އިންތިޒާމުކުރެއްވުމުގެ އަމުރުފުޅު ނެރުއްވިއެވެ. އެ ލަޝްކަރުގައި ގިނައީ ދުވަހަކު ވެސް ހަނގުރާމައިގެ މައިދާނެއް ނުދެކޭ، ކަމަށް ނުފުދޭ މީހުންނެވެ. އެ ލަޝްކަރުގައި ހުނަރު ގެއްލިފައި ތިބި ކުރީގެ ސިފައިން ވެސް ތިއްބެވެ. އަދި ހުނަރެއް ނެތް އާ ސިފައިން ވެސް ތިއްބެވެ. މި ގޮތުގެ މަތީން ޝާހް ޖަހާނާ ކުރިމަތިފުޅުލެއްވުމަށް ފަނަރަ ހާސް ސިފައިންގެ ލަޝްކަރެއް އުފެއްދެވިއެވެ.

ޝެހެރިޔާރު، މުދާ ހިއްޕެވި އަމީރުން އެމަނިކުފާނާ ދެކޮޅުވެރިވެވަޑައިގެން އާޞިފު ޚާނާ އެއްބައިވެވަޑައިގަތެވެ. އާސިފު ޚާން އެ ބޭފުޅުންގެ އެހީފުޅުގައި ލަޝްކަރެއް އުފެއްދެވިއެވެ. އަދި ޝެހެރިޔާރާ ކުރިމަތިފުޅުލެއްވިއެވެ. އަދި އޭގެ ކުރިން އާޞިފު ޚާން، މަލިކާ ނޫރު ޖަހާން އެކަމަނާގެ ގަނޑުވަރުގައި ބަންދުކުރެއްވިއެވެ. އެ ގަނޑުވަރަށް އެއްވެސް މީހަކަށް އައިސް ގޮސްވެ، މަލިކާއާ ބައްދަލުކުރެއްވުމުގެ ހުއްދައެއް ނެތެވެ. އެ ތަން ބެލެހެއްޓުމަށް ބޭތިއްބެވީ ހަރުކަށި މިޒާޖުގެ އަންހެނުންނެވެ. އެ މީހުންނަކީ މަލިކާ ނޫރު ޖަހާނަށް ވެސް ބަލައިނުލާ ކަހަލަ މީހުންނެވެ. އެކަމަނާގެ ކިބައިން އަވަދިވެވަޑައިގަތުމަށްފަހު އެމަނިކުފާނު ކުރިމަތިފުޅުލެއްވީ ޝެހެރިޔާރަށް ފިލާވަޅުދެއްވުމަށެވެ. އެމަނިކުފާނު ބޭނުންފުޅު ވަނީ ދަނބިދަރިކަލުން ޝާހް ޖަހާން ވަޑައިގަންނަވާ އިރަށް، މަގުން ހުރިހައި ކަށްޓެއް ހޮއްވަވައި، ސާފުކުރައްވާށެވެ.
 
އެ ޒަމާނުގައި ކޮމާންޑަރުންގެ އާދައަކީ ހަނގުރާމައިގެ ދުވަހު އެތަށް ސަވާރުވެގެން ހަނގުރާމައިގެ މައިދާނަށް ނުކުތުމެވެ. އެއީ އެކުވެރިޔަކަސް ދުޝްމަނަކަސް ބިންމަތީ ހުރި މީހަކަސް، ސަވާރުވެގެން އިން މީހަކަސް އެންމެންގެ ނަޒަރު އޭނާގެ މައްޗަށް ހުއްޓުވުމަށެވެ. އެކުވެރީންގެ ހިތްވަރުގަދަކުރުވުމަށެވެ. ދުޝްމަނުންގެ ހިތްވަރުބަލިކުރުވުމަށެވެ. އެންމެންނަށް އޭނާގެ ކުޅަދާނަކަމާއި ސާބިތުކަން ފާޅުކުރުމަށެވެ. މި ގޮތުގެ މަތީން ހަނގުރާމައިގެ ޗާޓު ކުރެހުމަށެވެ. އެހެންކަމުން އެ ދުވަހު އާޞިފު ޚާން އެތަށް ސަވާރުވެވަޑައިގަންނަވައިގެން، ވަށައިގެން ކަޅިހިންގަވަމުން ހިތްވަރުހުރި މީހުން ކުރިއަށް ނުކުތުމަށް ލަންބުއްވަމުން ގެންދެވިއެވެ. ޝެހެރިޔާރުގެ ލަޝްކަރުގައި ރޭވުމެއް ނެތެވެ. ތަޖުރިބާކާރު ކޮމާންޑަރެއް ނެތެވެ. ދެތިން ގަޑިއިރުގެ ތެރޭގައި އާޞިފު ޚާން ހަނގުރާމަ ފަތަޙަކުރެއްވިއެވެ. ދުޝްމަނުންގެ ސިފައިން ރޫޅި އެކި ދިމަދިމާއަށް ދުވާން ފެށިއެވެ. ޝެހެރިޔާރު ވެސް ހާސްފުޅުވެގެން މައިދާނަށް ފުރަގަސްދެއްވިއެވެ. އެމަނިކުފާނު ބިރުފުޅުގެންފައި ވާ ވަރުން ފިލާވަޑައިގަންނަވާނެ ގޮތެއް ވެސް ވިސްނިވަޑައެއް ނުގަތެވެ. ހާސްފުޅުވެގެން ވަޑައިގަތީ ލާހޯރުގެ ކިއްލާއަށެވެ. އޭރު އެ ކިއްލާގައި އަފްޡަލް ޚާން މީރް ސާމާން ހުށްޓެވެ. އޭނާ ޝާހް ޖަހާންގެ ރުހިވަޑައިގަތުން ހޯދުމަށް، ޝެހެރިޔާރު ހައްޔަރުކުރިއެވެ. އަނެއް ދުވަހު އާޞިފު ޚާން ލާހޯރަށް ވަޑައިގަތެވެ. ކިއްލާއަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ޝެހެރިޔާރުގެ ލޯފުޅުގައި ދޮންދަގަނޑު ޖެއްސުވުމެވެ. އެއީ ފިތުނަ ފަސާދައިގެ މަގު އަބަދުގެ އަބަދަށް ބަންދުކުރެއްވުމަށެވެ.
 
ދުވަސްކޮޅެއް ފަހުން ޝާހް ޖަހާން ޝާހީ ޢިއްޒަތުގައި އާގަރާއަށް ވަޑައިގަތެވެ. އެމަނިކުފާނުގެ ޝާހުޒާދާކަމުގެ ދުވަސްވަރު ހުންނެވި ގަނޑުވަރުގައި ބާރަ ދުވަސް ވަންދެން ހުންނެވިއެވެ. އެއީ ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގަތުމަށް ނުޖޫމީން ކަނޑައެޅި ދުވަސް އަންނާންދެންނެވެ. އެ ދުވަހަކީ 7 ޖުމާދަލްއާޚިރާ 1037 ވީ ހޯމަދުވަހެވެ. އޭރު އެ ދުވަސް އަންނާން ބާރަ ދުވަސް އޮތެވެ. ހޯމަދުވަހަކީ ނަބީކަން ނިންމެވި މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔެއަށް ވަޑައިގެންނެވި ދުވަސްކަމުން ހަފުތާގެ ނުހަނު ބަރަކާތްތެރި ދުވަހެކެވެ.
 
ރަސްކަމަށް އިސްވެވަޑައިގަތުމުގެ އެއް ދުވަސް ކުރިން ޝާހް ޖަހާން، އެމަނިކުފާނުގެ އަނބިކަނބަލުން މުމްތާޒު މަޙަލުގެ އިސްތަށިފުޅުގައި ތާޖުކޮޅު އެޅުއްވުމުގެ ރަސްމިއްޔާތު ގަނޑުވަރު ތެރޭގައި ބޭއްވެވިއެވެ. މުމްތާޒު މަޙަލް ވިދާޅުވިއެވެ.
 
"މުޣަލް ޚާންދާނުގާ ބާދުޝާހަށް ވުރެ ކުރިން މަލިކާގެ އިސްތަށިފުޅުގަ ތާޖެއް ނާޅުއްވާ. މަނިކުފާނު އާ ގޮތެއް ހައްދަވަނީތޯ؟"

"އަޅުގަނޑު ތާޖުއެޅުމުގެ ނަމުގައި، ލޯބީގެ އާ ގޮތެއް ހަދަނީ. ހިންދުގެ މަލިކާގެ ތާޖު ކަމަނާގެ އިސްތަށިފުޅުގައި ވިދާނެކަމަށް ބުނީކީ ލޯއަނދިރި މީހެއް ނޫން. ޚުދު އެ މާވިއްކާ ދައިތަ. އެ ދައިތަ މިހާރު ވެސް ކަމަނާގެ ކުރިފުޅުމަތީގައި އެބަ ހުރި."

މުމްތާޒު މަޙަލް ގަނޑުވަރުގައި ތިބި މީސްތަކުންނަށް ބައްލަވައިލެއްވިއެވެ. އެ މުސްކުޅި ދައިތަ ދެ އަތުން ހުވަނދުމަލުގެ މާފައްޗެއް ހިފައިގެން ހުށްޓެވެ. ޝާހް ޖަހާން ރިހީގެ ތަބައްކޮޅުން ނުހަނު ރީތި، ނާޒުކު ތާޖެއް ނެންގެވިއެވެ. އަދި މުމްތާޒު މަޙަލުގެ އިސްތަށިފުޅުގައި އަޅުއްވަމުން ވިދާޅުވިއެވެ.

"މިއަދުން ފެށިގެން ކަމަނާއަކީ ރަސްކަމުގެ ތަޚުތުގެ ޒީނަތް. ޝާހީ ތާޖުގެ ޤަދަރު. ދުނިޔޭގެ ފުރިހަމަކަން. ހިންދުސްތާނުގެ އަބުރު. ޝާހްޖަހާންގެ ފަޚުރު."
 
ހުރިހައި އަންހެން ބޭފުޅުން މުބާރަކްބާދީ އަދާކުރައްވަމުން މަލިކާއަށް އަގު ބޮޑު ވެދުންތައް އަރުއްވަން ފެއްޓެވިއެވެ. މާވިއްކާ ދައިތަގެ އަތުގައި އޮތީ ހަމައެކަނި މާފައްޗެކެވެ. ޝާހް ޖަހާނުގެ އަމުރުފުޅަށް އެ ދައިތަ ކުރިއަށް އައިސް މަލިކާގެ ކަރުފުޅުގައި އެ މާފަތި އެޅުއްވުމުން މަލިކާ މުމްތާޒް މަޙަލް އުފާފުޅުވެފައި ވިދާޅުވިއެވެ.
 
"މި އުފާވެރި ވަގުތު އަހަންނަށް ލިބިފަ ހުރި ހަދިޔާތަކުގެ ތެރޭގަ މިހިރީ އަލިމަހާ މުތީއާ ލާލާ ޖަވާހިރުގެ ހާރުތައް. މީން ކޮންމެ އެއްޗެއްގެ ވެސް އަގުކުރެވިދާނެ. އެކަމަކު ދައިތަގެ ތި މާފައްޗަކީ އަގުކުރެވޭނެ އެއްޗެއް ނޫން. ފުރަތަމަ ތި މާފަތި ލިބުނީ ހުވަފެނަކަށް ވެގެން. މިއަދު އަހަރެންގެ ކަރުގަ މި އޮތީ އެ ހުވަފެނުގެ ތަޢުބީރަށް ވެގެން. އަހަރެން ދައިތައާ މެދު ވަރަށް ރުހިއްޖައިން. މި އުފަލުގަ އަހަރެން ދައިތައަށް މޭވާތުގެ ބިން ދީފިން."

މާވިއްކާ ދައިތަގެ ދިރިއުޅުން ބަދަލުވިއެވެ. އޭނާ ހެޔޮ ދުޢާކުރަމުން އެއްފަރާތުގައި އަދަބުވެރިކަމާ އެކު ހުއްޓެވެ. އެއަށްފަހު މުމްތާޒު މަޙަލް، ބާއްޖަވެރި ވަގުތާއި އަބާއްޖަވެރި ވަގުތުގައި އެކަމަނާ އަށް ޚިދުމަތްކުރި ޚާދިމާއިންނަށް ވެސް އިނާމު ދެއްވިއެވެ.
 
އަނެއް ދުވަހު ތަޚުތުގައި ވެޑުވުމުގެ ވަގުތު ޝާހު ޖަހާނަށް، ފަޡްލު ރައްބާނީ، ޡިއްލު ސުބްޙާނީ، ޝާހެ ދީންދާރު، ޝެހެންޝާހެ ޢަދާލަތެ ޝިޢާރް، ފަޚްރެ ސަޢާދަތޯ އިޤްބާލް، ޞާޙިބު ޤުރްއާން ޘާނީ، މި ލަޤަބުތައް އެރުވުނެވެ. ރަސްކަމުގެ އަމީރުން މި އުފަލުގައި އެތައް ނައްކާރައެއް ޖެއްސުވިއެވެ. މުޣަލް ރަސްކަމުގެ އެއް ކޮޅުން އަނެއް ކޮޅަށް ހުރިހައި ރަށަކާއި އަވަށްތަކެއް އަލަތުއަނބިން ހެން ނަލަހެއްދިއެވެ. ތަންތަންކޮޅުގައި އުފާފައުޅުކުރުމާއި ލަވަކިޔުމުގެ ޙަފްލާތައް ޤާއިމުކުރެވުނެވެ.

ޝާހް ޖަހާން އަގު ވަޒަންކުރެއްވުމުގެ ގޮތުން ރަސްކަމުގެ ހުރިހައި ބޮޑުންނަށް ވެސް ލަޤަބު ދެއްވިއެވެ. އަދި ރަސްމީ ހުރިހައި ލިޔުމެއްގައި، އެ ލަޤަބު ބޭނުންކުރުމަށް ވިދާޅުބަސްފުޅުއިއްވެވިއެވެ. އެއީ ކޮންމެ ބޭފުޅެއްގެ ވެސް ދަރަޖައިގެ ޙައްޤު އަދާކުރެއްވުމަށެވެ.
 
ޡިއްލު ސުބްޙާނީ، ޞާޙިބު ޤުރްއާން ޘާނީ، ޝިހާބުއްދީން، ޝާހް ޖަހާން ދަރުބާރުން ތެދުވެވަޑައިގެން ޝާހީ ގަނޑުވަރުގެ ތެރެއަށް ވެދެވަޑައިގަތުމުން ޝާހް އަރްޖަމަންދު ބާނޫ ބޭގަމް މުމްތާޒު މަޙަލް، ރުފިޔާއާއި، އަސްރަފީއާއި، ލާލާއި، ޖަވާހިރުން ފުރިފައިވާ ތަބައްކޮޅެއް ޝެހެންޝާހުގެ އިސްތަށިފުޅުގައި ބެހެއްޓެވިއެވެ. ޝެހެންޝާހް މަލިކާގެ އަތްޕުޅުގައި ހިއްޕަވައިފައި ލޯތްބާއެކު ވިދާޅުވިއެވެ.
 
"މިއަދު މި ފެށެނީ އަޅުގަނޑުމެންގެ އުފާވެރި އާ ޙަޔާތެއް. އަޅުގަނޑުގެ މަލިކާގެ އެއްވެސް ބޭނުންފުޅެއް އޮތް ނަމަ ވިދާޅުވޭ. އަޅުގަނޑު ހަމަ މިހާރު އެ ބޭނުންފުޅެއް ފުރިހަމަ ކޮށް ދޭނަން."

"މާތް ރަސްގެފާނު މީގެ އެތައް އަހަރެއް ކުރިން ވަޢުދެއް ވެވަޑައިގަތީމު. އަޅުގަނޑު ބޭނުން ވަނީ އެ ވަޢުދު ފުއްދަވައިދެއްވުން."

"ޝާހް ޖަހާނުގެ ފުރާނައާ! އަޅުގަނޑުގެ ވަޢުދު ހަނދާން އެބަހުރި. އަޅުގަނޑު ކަމަނާއަށް ޓަކާ، އަޅުގަނޑުމެންގެ ނިމުމެއް ނެތް ލޯބީގެ ހަނދާނެއްގެ ގޮތުގަ ދުނިޔެ ދެމިއޮތްހައި ހިނދަކު ދެމިހުންނާނެ ރީތި، ފުރިހަމަ ގަނޑުވަރެއް ބިނާކޮށްދޭނަން. އަޅުގަނޑުމެންގެ ޤައުމާ ޤައުމުން ބޭރުން ވެސް ޢިމާރާތްކުރުމުގެ ފަންނުވެރީންނަށް އަޅުގަނޑު ދަޢުވަތުދޭނަން. އަޅުގަނޑުމެންގެ ހުވަފެނުގަވާ، މި ގަނޑުވަރުގެ އެންމެ ފުރިހަމަ ނަމޫނާއެއް ހުށަހެޅި މީހަކު ރަންރިހިން ކިރާނަން."

ޝާހް ޖަހާން ވަޢުދުވެވަޑައިގެންނެވި ގޮތުގެ މަތީން އިޢުލާން ކުރެއްވިއެވެ. މި އިޢުލާން އަޑު އިވުމުން ޢިމާރާތްކުރުމުގައި ކުޅަދާނަ ފަންނުވެރީން އެއް ނަމޫނާއަށް ވުރެން ފުރިހަމަ އަނެއް ނަމޫނާ ތައްޔާރުކުރާން ފިކުރުކުރާން ފެށްޓިއެވެ. އެތަކެއް މަސްދުވަހުގެ މަސައްކަތަށްފަހު ކިތަންމެ ފަންނުވެރީންނެއް އެ މީހުންގެ ނަޒަރުގައި އޭގެ ދެވަނައެއް ނެތް ނަމޫނާތައް ހުށަހެޅިއެވެ. ޙަޤީޤަތުގައި އެއީ ތާރީފު ޙައްޤުވާ ފަދަ ނަމޫނާތަކެކެވެ. އެކަމަކު މަލިކާއާއި ޝެހެންޝާހު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ނަމޫނާއެއް އޭގެ ތެރެއަކު ނެތެވެ. މަލިކާއާއި ޝެހެންޝާހުގެ ތަޞައްވުރުގައި ފިޔަ ޖަހަނީ ކޮން ކަހަލަ އާދަޔާ ޚިލާފު ގަނޑުވަރެއް ކަމެއް ހަމަ އެކަކުގެ ވެސް ވިސްނުމަކަށް ނާދެއެވެ.
 
ވެރިކަމުގެ މައްސަލަތައް ބޮޑުކަމުން ދެ ލޯބިވެރިންނަށް އެ ދެ ލޯބިވެރީންގެ ޚިޔާލީ ގަނޑުވަރުގެ ސިފަ އެހެން މީހުންނަށް ތަފްޞީލުކޮށް ބަޔާންކޮށެއް ނުދެއްވެއެވެ. ދުރު ސޫބާތަކުގެ ވެރިންނާއި އެހެނިހެން ރާޖާ މަހާރާޖާއިން ދޭތެރެ ދޭތެރެއިން ބަޣާވާތްކުރައްވައި ފިތުނައުފައްދަވަމުން ގެންދަވައެވެ. އެ ބޭފުޅުން ބަލިކުރެއްވުމަށް ބައެއް ފަހަރު އެކި އެކި ކޮމާންޑަރުންގެ ވެރިކަމުގެ ދަށުގައި ޝާހީ ލަޝްކަރު ފޮނުއްވައެވެ. އަނެއްބައި ފަހަރު ދުޝްމަނުން ބަލި ކުރެއްވުމަށް ޚުދު ޝެހެންޝާހު ހަނގުރާމައިގެ މައިދާނަށް ވަޑައިގަނެއެވެ. މި ގޮތަށް އެތައް އަހަރެއް ފާއިތުވެގެން ދިޔައެވެ.
 
އެދުވަސްވަރުގެ ތެރޭގައި ކާބުލުގެ ގަވަރުނަރު ލަޝްކަރް ޚާން ޝެހެންޝާހުގެ އަރިހަށް ސިޓީއެއް ފޮނުއްވިއެވެ. އޭގައި އޮތީ ތޭރާހް އިލާގާގެ ފަޓާނުން ޚާއްޞަކޮށް ޣޫރިޔާޚޭލް ގަބީލާގެ މީހުން މަގުފުރެދިފައިވާ މީހަކު ވަލީވެރިއަކަށް ހަދައިގެން އެ ވަލީވެރިޔާއަށް ހެޔޮކަމުގެ ކަލާނގެ ދަންނަކަލޭގެފާނުގެ ނަމުން ނަންދީގެން އުޅޭ ވާހަކައެވެ. އެ މީހާގެ އިރުޝާދުގެ ދަށުން މީސްތަކުން ދީނުގެ ޙުކުމްތައް ހަނދާންނެތި ތާކުންތާކު ނުޖެހޭ ޢަޤީދާތަކަށް ގެއްލިއްޖެ ކަމުގައެވެ.
 
އެ ވަލީވެރި ކަލޭގެފާނު ބުނާ ގޮތުގައި ކާވެނިކުރުމަކާ ނުލައި އަންހެނުންނާއެކު އެއްދާންކުރުމަކީ ހުއްދަކަމެކެވެ. ޙަފްލާ ބާއްވައި ގެރި ކަތިލައި އެއްވެ ތިބި މީހުންނަށް ކާންދެއެވެ. އަދި ތަހުޒީބުގެ ކުރީގެ މީހުން ފަދައިން އެ މީހަކު ރުހޭ އަންހެނަކު ބޭނުންކުރެއެވެ. އެ އަންހެނާ ދޫކޮށްލާން ވެއްޖެ ނަމަ ހިލައެއް ނަގައި އެ އަންހެނާގެ އަތުގައި ބާއްވައެވެ. އަންހެނުން ވާރުތަ ވުމުން މަޙްރޫމުކުރެއެވެ. އަންހެނެއްގެ އަތުގައި ފައިސާއާއި ބިން ހުރެއްޖެ ނަމަ އެ ތަކެތި ގަދަކަމުން އަތުލައި ކޮންމެވެސް ފިރިހެނަކާ ޙަވާލުކުރެއެވެ. މީހަކަށް ފިރިހެން ދަރިއަކު ލިބިއްޖެ ނަމަ ހިމާރެއްގެ ކަންފަތް ކަނޑައި އެ ކުއްޖާގެ އަނގައަށް ލޭތިކި ޖައްސައެވެ. އެއީ އެ ކުއްޖާ ބޮޑުވާ އިރު ލޭ އޮހޮރުވުމާއި ހިމާރުވަންތަކަމުގެ ކުޅަދާނަކަން ލިބިފައި ހުރުމަށެވެ. ލޭ އޮހޮރުވުން ހުރި މިންވަރަކީ އެއް ގަބީލާއެއް އަނެއް ގަބީލާއެއްގެ މައްޗަށް ވެރިވެއްޖެ ނަމަ އެ ގަބީލާއެއް މުޅިން ސުންނާފަތިކޮށްލައެވެ. ގަބީލާގެ މީހަކަށް ދަރަންޏެއް ނުދެއްކުނަސް އެ މީހަކު ގަތުލުކުރެއެވެ. އެއަށްފަހު ބުނަނީ އޭނާ އެ މީހެއްގެ އަތުން މަރުވެގެން ޝަހީދުންގެ ދަރަޖަ ލިބިގަތީކަމުގައެވެ. އެހެންކަމުން ޤިޔާމަތްދުވަހު އޭނާގެ ދަރަންޏާ މެދު ސުވާލެއް ނުކުރެވޭނެ ކަމުގައެވެ. މި ޢަޤީދާތަކުގެ ސަބަބުން އެ މީހުންގެ ތެރެއިން އަޑުގަދަ މީހާއަކީ ރުއް ގިނަ މީހާއެވެ. މުދާވެރީން ދިރިތިއްބަކާ ދުލެއް ނުކުރެއެވެ. ފަގީރު ނިކަމެތީން އަޅުންނަށް ހަދައެވެ. އެ މީހުންގެ މެދުގައި ނުރަނގަޅު އެތަކެއް އާދަކާދަތައް އެއް ނަސްލުން އަނެއް ނަސްލަށް ދެމެމުން އާދެއެވެ.
 
ޝާހް ޖަހާނުގެ އަމުރުފުޅަށް ލަޝްކަރު ޚާން އެ މީހުންނާ ހަނގުރާމަކުރެއްވިއެވެ. އެ މީހުންގެ މައްޗަށް ރަނގަޅަށް ގަދަވެވަޑައިގަތުމަށްފަހު ދީނުގެ ޙުކުމްތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންގެވިއެވެ. އެއަށްފަހު ނުރަނގަޅު މަގު ޚިޔާރުކޮށްފި މީހަކު ދީނުގައި އޮންނަ ގޮތަށް ހައްދު ޖަހައި، ނޫނީ ގަތުލުކުރިއެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެ ހުރިހައި ބިދުޢަތަކާއި ޚުރާފާތްތައް ނެތި ގޮސް އިސްލާމީ އާދަތައް އަށަގަތެވެ.
 
ވެރިއެއްގެ ނަޒަރުގައި ސިޔާސަތާ އެއްވަރަށް ދީން ވެސް މުހިންމުވެއެވެ. ޝާހް ޖަހާނުގެ ނަޒަރުގައި ލޯބި ވެސް ހަމަ އެހައި މުހިންމެވެ. އެކަމަކު ސިޔާސީ ކަންތައްތަކާއި ދީނީ ކަންތައްތައް ހަމަޖެއްސެވުމުގައި އުޅުއްވާން ހައްދަވައިގެން ލޯބީގެ އެ ޚިޔާލީ ގަނޑުވަރު އެމަނިކުފާނަކަށް ޢިމާރާތެއް ނުކުރެއްވުނެވެ. ރީއްޗަށް އިސްކަންދެއްވާ، އެ ޝެހެންޝާހް އެ ދުވަސްކޮޅުގެ ތެރޭގައި ފުރިހަމަ އެތަކެއް މިސްކިތާއި، ޢިމާރާތާއި، ދަތުރުވެރީންގެ ގެއާއި އެހެން ވެސް ތަންތަން ބިނާކުރެއްވިއެވެ. އެކަމަކު އެމަނިކުފާނުގެ ހުވަފެންފުޅުގައިވާ ޚިޔާލީ ގަނޑުވަރު ކޮށައި، ބިމުގެ މޭގައި ބިނާކުރެވޭނޭ ފަންނުވެރިޔަކާ އެމަނިކުފާނަކަށް ދިމާވެވަޑައެއް ނުގަތެވެ.
 
މަޑުމަޑުން ވަގުތު މުސްކުޅިވަމުން ދެއެވެ. ހިނދުކޮޅުތައް ޒުވާންވަމުން ދެއެވެ. ބަލަބަލައި ތިއްބައި، ދާރާ ޝިކޯހާއި، ޝުޖާޢާއި، އޯރަންގް ޒޭބާއި، މުރާދު ޒުވާންފުޅުވެއްޖެއެވެ. ޒުވާން ހަތަރު ދަރިކަލުން ފެނިވަޑައިގަތުމުން، އެހައި ތަނަށް އެމަނިކުފާނުގެ ގިނިކަންޏާ ކޮނޑުފުޅުގައި އޮތް ވެރިކަމުގެ ބަރު، ހަތަރު ދަރިކަލުންގެ މެދުގައި ބައްސަވައިލައްވާން ޝާހު ޖަހާނުގެ ހިތްޕުޅަށް އެރިއެވެ. އޭރުން އެމަނިކުފާނަށް ލޯބީގެ މިސްކިތުގައި އިންނަވައިގެން، ހުވަފެންފުޅުގެ ގަނޑުވަރު ތަޢުބީރުގެ ދުނިޔޭގައި ޢިމާރާތްކުރައްވާނޭ ގޮތަކާ މެދު ވިސްނައިވަޑައިގެންނެވިދާނެއެވެ.
 
މި ގޮތަށް ވިސްނައިވަޑައިގަތުމަށް ފަހު ޝެހެންޝާހު، މުޙަންމަދު ޝުޖާޢަށް ބަންގާލްގެ ސަރަޙައްދު ދެއްވިއެވެ. އޯރަންގް ޒޭބް ދެކުނުގެ ސޫބާގެ ވެރިކަމަށް، މުރާދު ގުޖުރާތުގެ ވެރިކަމަށް ކަނޑައެޅުއްވިއެވެ. ދޮށީ ދަރިކަލުން ދާރާ ޝިކޯހް ރަސްކަމުގެ ނާއިބެއްގެ ގޮތުގައި އަދި ވަލީ ޢަހުދުގެ ގޮތުގައި އެމަނިކުފާނުގެ އަރިހުގައި ބެހެއްޓެވިއެވެ. އެ ޝެހެޒާދާއަކީ އެންމެ ތުއްޕުޅު އިރުއްސުރެން ޝާހް ޖަހާން ވަރަށް ލޯބިފުޅު ވާ ދަރިކަލެކެވެ. މުމްތާޒް މަޙަލާ އެއް ސިފަފުޅު ކަމުން އަބަދު ވެސް އެމަނިކުފާނު ވަނީ ބާދުޝާހުގެ ހިތްޕުޅުގައެވެ. ޝާހް ޖަހާން އަނބިކަނބަލުންނާއި ބޭފުޅުންގެ ކުރިފުޅުމަތީގައި ކިތަންމެ ފަހަރަކު ދާރާ ޝިކޯހުގެ ލޯފުޅަށް ތާރީފުކުރައްވައެވެ. އަނބިކަނބަލުންގެ އަރިހުގައި، ދާރާ ޝިކޯހުގެ ލޯފުޅުން އެކަމަނާ ފެނިވަޑައިގަންނަވާ ކަމުގައި ވިދާޅުވެއެވެ.
 
އެތައް އަހަރެއް ވާންދެން، އަލަތު ލޯބިވެރިއެކޭ އެއްގޮތަށް، ތިމާގެ އަނބިމީހާ ދެކެ ލޯބިވާ މީހުން ފެންނާނީ ވަރަށް މަދުންނެވެ. ތިމާގެ ދަރިފުޅުގެ ލޮލުން ވެސް ޙަޔާތުގެ ބައިވެރިޔާގެ ސޫރަ ފެނުމަކީ ލޯބީގެ ވެސް އިންތިހާއެވެ. ހުރިހައި ދަރިދަރިކަލުންނަށް ވެރިކަމުގެ މަސައްކަތްތައް ބައްސަވައިލެއްވުމުން ޝެހެންޝާހުގެ ކުރިފުޅުމަތީގައި ދެން އޮތީ ހަމަ އެންމެ ވާޖިބެކެވެ. އެއީ މަލިކާއަށް ވެވަޑައިގެންފައި ވާ ވައުދު ފުއްދަވައިދެއްވުމެވެ.
 
އެކަމަކު އޭރު މާ ބޮޑަށް ލަސްވެއްޖެއެވެ. ވަގުތު ފުރުޞަތު އެރުވިއިރު މުމްތާޒު މަޙަލުގެ ވަގުތު ހަމަވެއްޖެއެވެ. އިންސާނާ ބޮޑަށް ލޯބިވާ އެއްޗެއް ވިއްޔާ އެ އެއްޗެއް ތަޤްދީރުގެ އަމާޒުފަތްގަނޑަކަށް ވެއެވެ. ބޭފުޅަކާއިގެން ރައްކައުވުމަށް ފަހު މުމްތާޒްމަޙަލުގެ ޙާލުކޮޅު ދެރަވިއެވެ. މަރުގެ އަސަރުތައް ފެންނާންފެށިއެވެ. ޝެހެންޝާހަށް ޚަބަރުލިބިވަޑައިގަތުމުން ހާސްފުޅުވެ ކަންބޮޑުވެވަޑައިގެން ހުންނަވައި، ގަނޑުވަރުގެ ތެރެއަށް ވެދެވަޑައިގަތެވެ. އަދި ނުތަނަވަސް ޙާލުކޮޅުގައި، އެމަނިކުފާނުގެ ޙަޔާތްޕުޅުގެ ފުރާނަފުޅުގެ އަތްޕުޅުގައި ހިއްޕެވިއެވެ. އެކަމަނާ އޭރު ފުރާނަފުޅު ދޫކޮށްލައްވަނީއެވެ. އެކަމަނާ ވަރުފުޅު ދެރަ އަޑުފުޅަކުން ވިދާޅުވިއެވެ.
 
"މީ އަޅުގަނޑުގެ ފަހު ވަގުތު. އަލި ގަދަކަމުން އަޅުގަނޑުގެ ލޮލަށް އެބަ އުނދަގޫ ވޭ. ބައްތިތައް ނިއްވާލަދެއްވާ."

-------------------

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ