އަދުގެ ޚާއްސަ

Print

ނަބަވީ ސީރަތުގެ އަލީގައި: ލީޑަރެއްގެ ސިފަތައް

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ

ޢަބްދުﷲ ފާރޫޤު ޙަސަން

އިންސާނީ މުޖުތަމަޢެއް ނުވަތަ އިޖުތިމާޢީ ނިޒާމެއް ފުރިހަމަ ކާމިޔާބީއަކާ ހަމަޔަށް ގެންދިޔުމަށް ޓަކައި އެންމެ މުހިއްމު އެއް ކަމަކީ އެ މުޖުތަމަޢަކަށް ނުވަތަ އެ ނިޒާމަކަށް ޤާބިލު ލީޑަރަކު ލިބިފައި ވުމެވެ. އެ ލީޑަރަކީ ލީޑަރޝިޕްގެ އެންމެ ފުރިހަމަ ސިފަތައް ލިބިފައިވާ މީހަކު ކަމުގައި ވުމެވެ.

އިންސާނާއަކީ އިޖްތިމާޢިއްޔަތަށް ލޯބިކުރާ މަޚުލޫޤެކެވެ. އިޖުތިމާޢީ ޝުރޫރަކީ އޭނާގެ ޠަބީޢަތުގައި އަށަގެންފައިވާ ކަމެކެވެ. އެހެންކަމުން ލީޑަރަކާ ނުލައި އިޖުތިމާޢީ ނިޒާމެއް ދެމިއޮތުމަކީ މުސްތަޙީލު ކަމެކެވެ. ލީޑަރަކު ނެތް މުޖުތަމަޢަކީ ނުވަތަ އިޖުތިމާޢީ ނިޒާމަކީ ގޮތްވަކު ނެތް ބަކަރި އައިނެއް ފަދަ ބައެކެވެ. އެފަދަ ބައެއްގެ އެއްވެސް މަންޒިލެއް ނުވަތަ މަޤްޞަދެއް ނޯންނާނެއެވެ.

ކަން މިހެން ހުރުމާ އެކު ޤާއިދެއްގެ ނުވަތަ ޒަޢީމެއްގެ ތަޞައްވުރަކީ އިންސާނީ ތާރީޚުގެ، ވަރަށް ޒަމާންވީ ސިފައެކެވެ. އިންސާނީ ތާރީޚުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ކޮންމެހެން ބޭނުން ކަމެއް ކަމުގައި ބެލެވިފައިވާ ކަމެކެވެ. ޚާއްސަކޮށް މި ޒަމާނުގެ ރަށްވެހިކަމުގެ ގޮންޖެހުންތައް ވަނީ ޒަޢީމެއްގެ ބޭނުންތެރިކަން އެތައް ގުނައެއް އިތުރުކޮށްފައެވެ. ފުރިހަމަ ޒަޢީމެއްގެ ކިބައިގައި ހުންނާން ޖެހޭ ލީޑަރޝިޕްގެ ސިފަތަކަކީ ކޮބައިކަމާ މެދު ހުޅަނގާއި އިރުމަތީގައި ފުޅާ ދާއިރާއެއްގައި ދަނީ ބަޙުސްކުރެވެމުންނެވެ.

މި ޒަމާނުގެ ތަޢުލީމީ ނިޒާމުގައި ވެސް ލީޑަރޝިޕްގެ ސިފަތަކާއި ހިންގުމާއި ރޭވުމުގެ ޤާބިލިއްޔަތާ މެދު ތަފްޞީލީ މަންހަޖްތައް ވަނީ އެކުލަވައިލެވިފައެވެ. އިންތިޒާމީ އޮފިސަރަކު ނުވަތަ މެނޭޖަރަކު ނުވަތަ ގްރޫޕް ލީޑަރަކު ނުވަތަ ޤާއިދަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރާންވީ ގޮތެވެ. އެފަދަ މީހަކާ ކުރިމަތިވާނީ ކޮންކޮން ބާވަތެއްގެ މަސްއަލަތަކެއް ކަމެވެ. އެ ކަންކަން ޙައްލުކުރާނީ ކިހިނަކުން ކަމެވެ. ފަރުދެއްގެ ކިބައިގައި އެ ކަންކަމުގެ ޤާބިލިއްޔަތު އުފައްދައި ކުރިއަރުވާނީ ކޮން ގޮތަކަށް ކަމެވެ. ވަސީލަތްތަކާއި، މަޤުޞަދުތަކާއި، މައްސަލަތަކާ މެދު ގެންގުޅޭންވީ ނިސްބަތަކީ ކޮބައިކަމެވެ. އާދެ! މިއީ މި ޒަމާނުގެ ކޯޕަރޭޓިވް ތަޢުލީމުގެ މުހިއްމު ބާބުތަކެވެ. މެނޭޖްމަންޓާއި، ޝަޚްޞިއްޔަތު ބިނާކުރުމާއި، ނަފްސިއްޔާތުގެ މާހިރުން ވަނީ މިކަމާގުޅޭ ވަރަށް ގިނަ އުޞޫލުތަކެއް ވެސް ކަނޑައަޅައިފައެވެ.

ދުނިޔެ ދެކެފައިވާ އެންމެ ކުޅަދާނަ، އެންމެ ޤާބިލު ލީޑަރު ކަމުގައި ވާ، އިސްލާމް ދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ވަނީ މި ރޮނގުން ވެސް މަތިވެރި އިރުޝާދުތަކެއް ދެއްވައިފައެވެ. އިންތިހާ ދަރަޖައިގެ ޖާހިލުކަމުގައި އޮތް މުޖްތަމަޢެއް، ތޭވީސް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި އެ ކަލޭގެފާނު ވަނީ މުޅީން ބަދަލުކޮށްލައްވައި، ބަޠަލުންގެ ނާސަރީއަކަށް ހައްދަވައިލައްވައިފައެވެ. ޢަސްކަރީ ގޮތުން ބެލިޔަސް، ޢިލްމީ މައިދާނަށް ނަޒަރު ހިންގައިލިޔަސް، ސިޔާސީ ހިންގުންތެރިކަމާމެދު ފިކުރުކޮށްލިޔަސް، ލާމަސީލު ނަމޫނާތަކެއް ދައްކަވައިފައެވެ.



މެނޭޖްމަންޓުގެ މާހިރުން ވިދާޅުވާ ގޮތުގައި ޤާއިދެއްގެ ކިބައިގައި ހިތްވަރާއި، ކެރުމާއި، ޢަޒުމާއި، މީހުންގެ ޖަހުއަރު ދަތުމާއި، ދުރު ވިސްނުމާއި، އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި، ސާބިތުކަމުގައި ދެމިހުރުމުގެ ސިފަ ނިހާޔަތަށް ހުންނާން ޖެހެއެވެ. ވަރަށް ގިނަ މާހިރުން އިސްކަންދެއްވާ ގޮތުގައި ލީޑަރަކީ އޭނާގެ ދަށުގައި ވާ މީހުންގެ ކިބައިގައި ހިތްވަރާއި ޢަޒުމު އުފެއްދުމުގެ ކުޅަދާނަކަން ލިބިފައިވާ މީހަކު ކަމުގައި ވާން ޖެހެއެވެ. އޭނާއަކީ ވަށައިގެން ވާ މަސްރަޙު ދަންނަ މީހަކަށް ވާން ޖެހެއެވެ. މއްސަލަތައް ޙައްލުކުރަން އެނގޭ މީހަކަށް ވުން ލާޒިމެވެ. އެ މީހެއްގެ ޖަމާޢަތަށް ފުރިހަމަ އަމާޒެއް ހޯދައިދީ މަގުދައްކައިދެވޭ ފަދަ މީހަކަށް ވާން ޖެހެއެވެ. އެ މީހެއްގެ މުޅި ޖަމާޢަތުގެ މިޒާޖު ބަދަލުކޮށްލައި، އާ މަގަކަށް އަޅުވައިލެވޭ ފަދަ މީހަކަށް ވާން ޖެހެއެވެ.

އިސްލާމް ދީނުގެ ނަބިއްޔާގެ ސީރަތުންނާއި، އެ ކަލޭގެފާނުގެ ޙަދީޘުފުޅުތަކުން މި ހުރިހާ ކަމަކަށް ފުރިހަމަޔަށް އިރުޝާދު ލިބިފައި ވެއެވެ. މި ޒަމާނުގެ ނަފްސިއްޔާތުގެ މާހިރުންނާއި މެނޭޖްމަންޓުގެ ޕްރޮފެސަރުންގެ އިރުޝާދުތަކަށް ވުރެ މާ ފުރިހަމަ އިރުޝާދުތަކެކެވެ. އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ:

•    ވަރުގަދަ އީމާނަކާއި ޢަޤީދާއެއްގެ ވެރިޔަކަށް ވުން
•    ޚުލުޤު ރީތި ތަޤުވާވެރިޔަކު ކަމުގައި ވުން
•    ހިންމަތާއި ޢަޒުމުގެ ވެރިޔަކަށް ވުން
•    ޢާއްމުންނާ ގުޅުން އުފައްދަން އެނގޭ މީހަކު ކަމުގައި ވުން
•    ކެތްތެރި، ހިތްވަރު ހުރި މީހަކު ކަމުގައި ވުން
•    މަސައްކަތުގައި ސާބިތުވެ ހުންނަ މީހަކު ކަމުގައި ވުން
•    ޢިލްމުވެރިކަމާއި، ޙިކުމަތްތެރިކަން ހުރި މީހަކު ކަމުގައި ވުން
•    މީހުން އެއްބައިވަންތަކުރަން އެނގޭ، މަޝްވަރާއަށް ޢަމަލުކުރާ މީހަކަށް ވުން
•    އަމާނާތްތެރި ތެދުވެރި މީހަކު ކަމުގައި ވުން
•    އިންސާފަށް ލޯބިކުރާ މީހަކު ކަމުގައި ވުން
•    މަޤުޞަދަށް ޓަކައި ޤުރުބާން ވާން ކެރޭ މީހަކު ކަމުގައި ވުން
•    އަނެކުންގެ އިޙްސާންތެރިކަން ޤަބޫލުކުރާ އަދި ޝުކުރުވެރިވާ މީހަކަށް ވުން

އިސްލާމް ދީނުގެ ނަބިއްޔާގެ އިރުޝާދުތަކުން އެނގޭގޮތުގައި ލީޑަރެއްގެ ކިބައިގައި ހުރުން އެންމެ ބޮޑަށް ލާޒިމު އެއް ސިފައަކީ މަޤާމަށް ދަހިވެތިވާ މީހަކު ކަމުގައި ނުވުމެވެ. ލީޑަރުންގެ ކިބައިގައި ހުންނަ ބޮޑާކަމާއި ކިބުރުވެރިކަމަށް އެ ކަލޭގެފާނު ފަރުމާކުރައްވައިފައި ވަނީ ޤައުމެއްގެ ވެރިޔަކީ އެބައިމީހުންގެ ޚާދިމު ކަމުގައި އިރުޝާދު ދެއްވައިގެންނެވެ.

އިސްލާމީ އުޞޫލުތަކުގައި ވާ ގޮތުން ލީޑަރެއްގެ މުހިއްމު އަނެއް ސިފަޔަކީ އޭނާގެ ޖަމާޢަތުގައި ހިމެނޭ މޮހުމާއި ބަނުމުގެ އަހުލުވެރީންގެ މަޝްވަރާގެ މަތީން ކަންތައް ކުރާ މީހަކަށް ވުމެވެ. ދިވެހި އިސްޠިލާޙަކުން ދަންނަވާ ނަމަ "ގަދަ ކެޔޮޅަކަށް" ނުވުމެވެ.
ޝައްކެއްނެތެވެ. އިސްލާމްދީނުގެ ނަބިއްޔާއަކީ ޙަޔާތުގެ ކޮންމެ މައިދާނެއްގައިވެސް އިންސާނިއްޔަތަށްޓަކައި އެންމެ ފުރިހަމަ ނަމޫނާއެވެ. އެހެންކަމުން ލީޑަރޝިޕް ބިނާކުރުމުގައިވެސް އެކަލޭގެފާނަކީ އެންމެ ފުރިހަމަ ނަމޫނާއެވެ. އެކަލޭގެފާނު ބިނާކުރެއްވި ހެޔޮ އުންމަތް ވަނީ ދާދި ކުރުމުއްދަތެއްގެ ތެރޭގައި ދުނިޔޭގެ ތާރީޚުގެ މިޞްރާބު ބަދަލުކޮށްލައިފައެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ