އަދުގެ ޚާއްސަ

Print

ދެކަނބަލުން އެ ކަނބަލުންގެ ތެރޭގައި ހިމެނޭނެހެއްޔެވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

"އަޅުގަނޑު މިގުޅައިލީ ކުޑައެއްޗެއް ސާފުކޮށްލާން ވެގެންނެވެ." ދާދި މިދާކަށް ދުވަހަކު އަޅުގަނޑާ ފޯނުން ގުޅައިލި ރައްޓެއްސަކު ބުންޏެވެ. "ކޮން އެއްޗެއްހެއްޔެވެ؟ އަހާބަލާށެވެ! އެނގޭ އެއްޗެއްވިއްޔާ ބުނާނަމެވެ." އަޅުގަނޑު ބުނީމެވެ. އޭނާ ސުވާލުކުރި އެވެ. "އަންހެނެއްގެ ނަމުގެ ފަހަތަށް ދެކަނބަލުންނޭ ލިޔެވިދާނެހެއްޔެވެ؟ އަދި ދެކަނބަލުންނާއި ދެމަފިރި ކަނބަލުންނަކީ އެކައްޗެއްހެއްޔެވެ؟"

މި ސުވާލުތަކުގެ ޖަވާބު އޭނާއަށް ފޯނުން އޮޅުންފިލުވައިދިނުމަށް ފަހު އަޅުގަނޑުގެ ހިތަށް އެރިއެވެ. މި ސުވާލުކުރީ ހަމަ ތަޢުލީމީ ޒުވާނެކެވެ. އެހެންވީމާ ލައްކަ މީހުންނަށް މިކަން އޮޅިފައި އޮންނާނެތާއެވެ. މިކަން އޮންނަ ގޮތް ފަންވަތުގައި ލިޔެލަނިކޮށް ގިނަ މީހުންނަށް މިކަން ސާފުވާނެތާއެވެ. އަޅުގަނޑު މި މަޒުމޫނު ލިޔާ ސަބަބު މި ދަންނަވައިލީ އެވެ.
"ދެކަނބަލުން"ގެ މާނަ ކަމުގައި ދިވެހިބަސްފޮތް2006 ގައި ވަނީ އެއީ "ދެމަފިރިންނަށް މާތްބަހުން ކިޔާ ގޮތް" ކަމަށާއި އެ ލަފުފުގެ މާނަ އަކީ "ދެމަފިރި ކަނބަލުން" ކަމަށެވެ. "ކަނބަލުން"ނަކީ މާތް އަންހެނުންނެވެ. އަދި "ބޭކަނބަލުން" ނަކީ "އަންހެނުންގެ ޖަމާޢަތަށް މާތްކޮށް ބުނާ ގޮތް" ކަމަށް ވެސް ބަސް ފޮތުގައި ވެއެވެ.

މި ދަންނަވައިލި މާނަތަކަށް ބަލާއިރު "ދެކަނބަލުން" އެއީ "ދެމަފިރިން"ގެ މާތް ގޮތް ކަން އޮޅުމެއް ނެތި އެބަ ހާމަވެ އެވެ. އެއް ސުވާލުގެ ޖަވާބު ސާފުވީއެވެ. އަނެއް ސުވާލަކީ އަންހެން ނަމެއްގެ ފަހަތަށް، ނުވަތަ އަންހެނެއްގެ ނަމުގެ ފަހަތަށް "ދެކަނބަލުން" ނުވަތަ ދެމަފިރިކަނބަލުން" އިތުރުކުރެވިދާނެ ހެއްޔެވެ؟ މިސާލަކަށް "ފާޠިމަތު ޒީނާގެ ދެކަނބަލުން"ނޭ ލިޔެވިދާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ "އާދޭހެވެ! ލިޔެވޭނެ އެވެ." މިއެވެ. ކީއްވެގެންހެއްޔެވެ؟

މިވެނި މީހެއްގެ ދެމަފިރިންނޭ، ދެކަނބަލުންނޭ، ދެމަފިރިކަނބަލުންނޭ އަޅުގަނޑުމެން ކިޔަނީ ދެމަފިރންްގެ ތެރެއިން އަޅުގަނޑުމެން އިސްކަންދޭ މީހެއްގެ ނަން ކިޔުމަށްފަހު އެ މީހެއްގެ ޙަޔާތުގެ ބައިވެރިޔާ ހިމަނައިގެން ވާހަކަދައްކަން ވެގެންނެވެ. މިސާލަކަށް ދެމަފިރިނަށް އަޅުގަނޑުމެން ދަޢުވަތު ދޭނީ (ގިނަ ފަހަރަށް) އެއިގެ ތެރެއިން ކަންމެވެސް އެކެއްގެ ސަބަބުންނެވެ. އޭނަޔާއި އޭނާ އިނދެގެން އުޅޭ މީހަކަށް ދަޢުވަތުދޭންވެގެންނެވެ. "ފާޠިމަތު ޒުލްފީން އިބްރާހީމް" އަށާއި އޭނާގެ ފިރިކަލުންނަށް ދަޢުވަތު އަރުވާނަމަ އަޅުގަނޑުމެންނަށް ފިރިކަލުންގެ ނަން ނުވެސް އެނގިދާނެ އެވެ. އެނގެނީ ފާޠިމަތު ގެ ނަން އެކަންޏެވެ. އިސްކަން މި ދެނީ ފާޠިމަތަށެވެ. ފާޠިމަތުގެ ސަބަބުންނެވެ. އޭނާގެ ފިރިކަލުންނަށް ވެސް ދަޢުވަތު ދެނީ ފާޠިމަތަށް ޓަކައެވެ. އޭނާގެ ސަބަބުންނެވެ. އެހެންވީމާ "ފާޠިމަތު ޒުލްފީން އިބްރާހީމްގެ ދެކަނބަލުން" ނޭ ލިޔުނީމާ އެ ބުނެވެނީ ފާޠިމަތު ޒުލްފީން އިބްރާހީމާއި އޭނާގެ ފިރިކަލުންގެ ވާހަކަ އެވެ. ހަމަ މި ފަދައިން އިސްކަން ދެނީ ފިރިހެން ނަމަށް ކަމަށް ވެފައި އޭނާގެ އަނބިކަނބަލުންނަށް ކަމަށް ވާނަމަ، ފިރމީހާގެ ނަން ލިޔެފައި "ދެކަނބަލުން"ނޭ ލިޔެވޭނެ އެވެ. މިޙާލަތުގައިވެސް އެ ބުނެވެނީ ދެމަފިރިއެއްގެ ވާހަކަ އެވެ. ދެ އަންހެނުންގެ ވާހަކައެއް ނޫނެވެ. "މުޙައްމަދު މިޤްދާދު ޙަސަން ގެ ދެކަނބަލުން"ނޭ ލިޔުނީމާ އެ ބުނެވެނީ  މުޙައްމަދު މިޤްދާދު ޙަސަނާއި އޭނާގެ އަނބިކަނބަލުންގެ ވާހަކަ އެވެ. އެހެންވީމާ ދެކަނބަލުންނާއި ދެމަފިރިކަނބަލުން، އަންހެންނަމަކާ ނުވަތަ ފިރިހެން ނަމަކާ ގުޅުވައިގެންވެސް ލިޔެވިދާނެ އެވެ. އަދި "ދެކަނބަލުން"ނާއި، "ދެމަފިރި ކަނަބަލުން"ނަކީ ދެ އަނހެނުންނެއް ނޫނެވެ. އެއީ އަތްނބަކާއި ފިރިއެއްގެ ވާހަކަ އެވެ.

ވީމާ، ދެމަފިރިއަކަށް ފޮނުވާ ދަޢުވަތު ކާޑެއްގައި އެ ދެ މަފިރިންގެ ތެރެއިން ތިމާ އިސްކަންދޭ މީހެއްގެ ނުވަތަ ބޭފުޅެއްގެ ނަން ލިޔުމަށް ފަހު "ދެކަނބަލުން"ނޭ ނުލިޔެވެންވީ ސަބަބެއް ނެތެވެ. އަދި ދެކަނބަލުން ގެ ބަދަލުގައި ދިގުކުރުމަށްޓަކައި "ދެމަފިރިކަނބަލުން"ނޭ ކޮންމެހެން ލިޔުމުގެ ބޭނުމެއްވެސް ނެތެވެ. އެކަމަކު ދެމަފިރިކަނބަލުންނޭ ލިޔުމަކުންވެސް މައްސަލައެއް ނެތެވެ. އެއީ ހަމަ އެއް މާނަ ދޭހަވާ ދެ ލަފުޒު ކަމުގައި ވާތީ އެވެ. އެހެންކަމުން، "ދެކަނބަލުން" އެކަނބަލުން"ގެ ގޮތުގައި ނުބެލޭނެ ވާހަކަ ދަންނަވައިލަމުން، މަޒުމޫނުގެ މައިގަނޑުނަމުގައި އޮތް ސުވާލުގެ ޖަވާބު އެރުވިއްޖެ ކަމަށް ހީކުރަމުން މި ހިސާބަށް ނިންމައިލަމެވެ.

---------------------
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ