އަދުގެ ޚާއްސަ

Print

"އަޅުގަނޑަކީ ބީރައްޓެއްސެއްނޫން!"

ޝާޢިއުކުރީ ހަސަން ޝާކިރު މުޙައްމަދު . ހިމެނޭބަޔަކީ އާދަކާދަ


ހަސަން ޝާކިރު މުޙައްމަދު

މީގެ ތިރީސް އަހަރު ކުރިން، މީލާދީ ސަނަތުން ހާހާ ނުވަސަތޭކަ އެކާހި ވަނަ އަހަރުގެ ފެބުރުވަރީ މަހު، ފުރަތަމަ ފަހަރަށް ރާއްޖެތެރޭގެ ރަށަކަށް ދިޔުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ.

އަޅުގަނޑުގެ ވަރަށް ގާތް ރަޙްމަތްތެރިޔަކާއެކު ހދ. ކުޅުދުއްފުއްޓަށެވެ.

އަޅުގަނޑު އެރަށުގައި އުޅުނީ "ރާއްޖެތެރޭގެ އެންމެ އާދައިގެ މީހުން"ވެސް އުޅޭނޭ ގޮތަށެވެ. ތަފާތު މަސައްކަތްތައް ދަސްކުރުމުގައެވެ. ބަރުމާޕީސް މުންޑެއް އަނދެ އަރުވާޖަހާފައި ހުސްގަޔާ އަދި ހުސްފަޔާއެވެ. ނަމަވެސް އަޅުގަނޑުގެ ރަޙްމަތެރި ޢާއިލާއަކީ އެރަށުގެ ޤަދަރުވެރި ޢާއިލާއަކަށްވާތީ، ކޮންމެ ވަގުތަކުގެވެސް ތަށިމަތިވަރަށް ތަނަވަހެވެ.

އެދަތުރުގައި ތިންމަހެއްހާ ދުވަހު ކުޅުދުއްފުށީގައި ހޭދަކުރެވުނެވެ. ވަރަށް ގިނަ ތަޖުރިބާއާއި އުނގެނުމުގެ ފުރުޞަތުތަކެއް ލިބުނު "ހަނދާން ނައްތާލަންދަތި" އެދަތުރުގައި އެންމެ ހިތްހަމަ ނުޖެހޭކަމަކަށް ދިމާވީ، އަޅުގަނޑަކީ ބީރައްޓެއްސެއްކަމަށް އަޅުގަނޑުގެ ރަޙްމަތްތެރިޔާ އެރަށުގެ ބައެއް މީހުން ގާތުގައި ބުނުއްވާ ބުނުއްވުމެވެ.

އަޅުގަނޑަކީ، މާލެއަށް އުފަން މާލޭ މީހެކެވެ. މަންމައަކީ، މާލެ އުފަން މާލޭ މީހެކެވެ. މަންމަ ފަރާތު މާމައާއި ކާފައަކީވެސް މާލެ އުފަން މާލޭގެ ރަށްވެހިންނެވެ.  ބައްޕައަކީ، ރާއްޖެތެރެއަށް އުފަން މީހެއް ނަމަވެސް ވަރަށް ޒުވާން ޢުމުރުގައި މާލޭގެ ރަށްވެއްސަކަށް ވެފައިވާ މާލޭ މީހެކެވެ. އެކަމަކު، އަޅުގަނޑު މިވީ ބީރައްޓެއްސަކަށެވެ. ވަރަށް ހިތްހަމަ ނުޖެހުނެވެ. އަޅުގަނޑަކީ "ބީރައްޓެހި ކުއްޖެއް " ކަމުގެ އަޑުއިވޭ ކޮންމެ ފަހަރަކު އެއީ ދޮގެކޭ ހިތުގެ އަޑިން ބުނެލެވެއެވެ.

މިކަން ތަކުރާރުވާން ފެށުމުން، އަޅުގަނޑަކީ، ބީރައްޓެހި ކުއްޖެއްކަމަށް ބުނުއްވަނީ ކީއްވެތޯ ސުވާލުކޮށްލީމެވެ. އޭނާ ވަރަށް އޯގާތެރިކަމާއެކު " ހަސަނު މިރަށަށްވާނީ ބީރައްޓެއްސަކަށޭ" ބުނުއްވިއެވެ.  ނަމަވެސް އެކަން އަޅުގަނޑަކަށް އޭރު ގަބޫލެއް ނުކުރެވުނެވެ. "އެހެނެއް ނުވާނެ! އަޅުގަނޑު މީ މާލޭ މީހެއް، މަންމަވެސް މާލޭ، ބައްޕަވެސް މާލެ އެހެން ވީމާ އަޅުގަނޑު ބީރައްޓެއްސަކަށް ނުވާނެ" ކަމުގައި ނަންގަތީމެވެ.

ކޮންމެއަކަސް އޭރު އަޅުގަނޑަށް ގަބޫލުކުރެވިފައި އޮންނަނީ ބީރައްޓެހިންނަކީ، ރާއްޖެތެރޭ މީހުން ކަމުގައެވެ. މާލޭ މީހުން ކޮންމެ ރަށަކަށް ދިޔަޔަސް ވާނީ މާލޭ މީހަކަށް ކަމަށެވެ. ބީރައްޓެއްސަކަށް ނުވާނޭ ކަމަށެވެ.

ދިވެހި ބަހުގެ ބ ގެ ރަދީފުގައި ވާގޮތުން ބީރައްޓެހިންނަކީ، "ތިމާގެ ރަށްނޫން އެހެންއެރަށެއްގެ" މީހުންނެވެ.

އަޅުގަނޑުވެސް ބީރައްޓެއްސަކަށް ވީތާ މާގިނަ ދުވަހެއް ނުވެ "ބީރައްޓެހީންނާއި ރާއްޖެތެރެ" "ރަށްރަށު މީހުންނާއި އަތޮޅުތެރެ" އަށް ބަދަލުވެއްޖެއެވެ. މާލެއަށްވުރެ ނިސްބަތުން ބައެއް ރަށްރަށް މާ ބޮޑަށް ތަރައްޤީ ވެފައިވާތަން ފެންނަން ފަށައިފިއެވެ. 1985 ން ފެށިގެން 2008 އާ ދެމެދު ގއ.އަތޮޅާއި ސ.އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ މީހުން އުޅޭ ހުރިހާ ރަށަކަށްހެން ދެވުމުގެ ނަސީބު ލިބުމުން އަންނަމުންދިޔަ ބަދަލުތައް ވަޒަން ކޮށްލުމުގެ ފުރުޞަތުވެސް ލިބުނީއެވެ. (އެދެއަތޮޅުގެވެސް ބައެއް ރަށްރަށަށް ދެވުމުގެ ނަސީބު ވަނީ ލިބިފައެވެ.)

ޒަމާން ބަދަލުވެގެން އައިއިރު އަޅުގަނޑަކީވެސް، ރަށަކަށް ނިސްބަތްވާ ރަށެއްގައި އެންމެގާތް ޢާއިލާގެ "އެއްކޮޅު" އޮތް މީހަކަށް ވީނަމައޭ ބައެއްފަހަރަށް ހިތަށް އަރައެވެ.  ބޮޑުއީދުކަހަލަ ޗުއްޓީތަކުގައި "މާލެ ފެނުން މައްޗަށް ހިއްލޭ ވަގުތު" ޢާއިލާއެކު މާލޭގައި ހުންނަން ޖެހުމުން "ކީއްހޭކުރާނީ" ބުނެލެވޭތީއެވެ. އެކަމަކު މާލޭ މީހަކަށް ވުމުން މާތްﷲ މިންވަރު ކުރެއްވި ނަސީބުވެސް ކުޑައެއް ނޫނެވެ.

 

(މިލިޔުމާއެކުގައި މިވާ ފޮޓޯއަކީ، ކުޅުދުއްފުށީގައި ހުރެފައި މާލެއައިތާ ކުޑަ ދުވަސްކޮޅެއްގެތެޜގައި ނަގާފައިވާ ފޮޓޯއެކެވެ.)

ހަމަމިގަލަމުން

އިދާރާ

ވާހަކަ