އަދުގެ ޚާއްސަ

Print

''ބޮޑުތަކުރުފާނަކީ ދިވެހިރާއްޖޭގެ ޖޯޖު ވޮޝިންގޓަނެވެ.''

ޝާޢިއުކުރީ އަޙްމަދު ޖަދުޢާން . ހިމެނޭބަޔަކީ ތާރީޚް


އަޙުމަދު ޖަދުޢާން

"ބޮޑުތަކުރުފާނަކީ، ދިވެހިރާއްޖޭގެ ޖޯޖް ވޮޝިންގްޓަނެވެ. ބޮޑުތަކުރުފާނަކީ ދިވެހި ގައުމުގެމަހާތުމާ ގާނދީއެވެ. ބޮޑުތަކުރުފާނަކީ ދިވެހި އުންމަތުގެސަލާހުއްދީނުލް އައްޔޫބީއެވެ." އާދެ، އަޅުގަނޑުމެން މިފަދަ ކިތަންމެ ބޭފުޅެއްގެ ނަންފުޅު، އެތަކުރުފާނަށް ނިސްބަތްކުރިއަސް އެތަކުރުފާނަށް ހައްޤު ތާރީފް ނުދެންނެވޭނެ ކަމީ  ޝައްކެއް އޮތްކަމެއް ނޫނެވެ.

"ހިނގާށެ، މަށާއެކީ ހިޖުރީގޮތުން ދިހަވަނަ ޤަރުނު ތެރެއަށް،
            ހިނގާގޮސް ދީބުގައި ކަންތައް އެނގޭނީ ގޮސް ބެލީމާތާ" 

ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ ފުރަތަމަ ދުވަސް ވެގެންދިޔައީ، އެތައް ޒަމާނެއްވަންދެން އަމިއްލަ މިނިވަންކަމާ އުފާފާގަތިކަމުގައި ދިރިއުޅެމުން ގެންދިޔަ ދިވެހިންގެ ކަރުގައި އަޅުވެތިކަމުގެ ހިތިރަހަ ލައްވައިލި ދުވަހަކަށެވެ. އެދުވަހަކީ ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލި ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔަ ދުވަހެވެ.

އެދުވަހު ޕޯޗުގީޒުން ދިވެހިންނާ ހަނގުރާމަކޮށް، އޭރު ދިވެހި ތަޚުތުގައި އިންނެވި އައްސުލްޠާން ޢަލީ (ހަވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން، އާދެ! މަޝްހޫރު ޢަލީ ރަސްގެފާނު، ޝަހީދު ކޮށްލިއެވެ. އެ ރަސްގެފާނު ޝަހީދުވުުމުން އެ ދުވަހުން ފެށިގެން ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަހު ބޮޑުތަކުރުފާނު މި ޤައުމު މިނިވަން ކޮށްދެއްވުމާ ހަމައަށް ރާއްޖެ އޮތީ ޕޯޗުގީޒުންގެ އަޅުވެތިކަމާއި އަނިޔާވެރިކަމުގެ ދަށުގައެވެ. އެ އަޅުވެތިކަން ފަނަރަ އަހަރަށް ވުރެ ގިނަ ދުވަސްތަކަކަށް ދިގުދެމިގެންދިޔައެވެ.

ޕޯޗުގީޒުން ރާއްޖޭގައި އަނިޔާވެރި ބޮޑެތި އެތައް ޖަރީމާއެއް ހިންގަމުން ދިޔައިރު، ރާއްޖޭގައި އިސްލާމީ ނޫރުގެ އަލި ދިޔައީ ފަނޑުވަމުންނެވެ. ދިވެހި އެތައް ދަރިންނެއްގެ ލެއިން މި ބިމާއި ކަނޑުތައް ރަތްވަމުންދިޔައެވެ. ދިވެހިން އީސާއީ ދީނަށް ވެއްދުމަށް ފާޅުގައި އެބައިމީހުން މަސައްކަތްކުރަމުންދިޔައެވެ. އެކަމަށް މަޖުބޫރު ކުރުވަމުންދިޔައެވެ.

މުއައްރިޚުން ވިދާޅުވާ ގޮތުގައި ބޮޑު ތަކުރުފާނު އެސަރަހައްދަކަށް ނިސްބަތްވާ ބޮޑުތިލަދުންމައްޗަކީ އޭރު ރާއްޖޭގެ  އެންމެ މުހިންމު ސަރަހައްދެވެ. އަނދިރިއަނދިރިން، ވެރިރަށް މާލޭގައި ވެރިކަން ހިންގަމުން ދިޔައިރު ބޮޑު ތިލަދުންމަތީގެ ވެރިއެއްކަމުގައި ޢައްޔަނު ކޮށްފައިވަނީ ވިޔަޒޯރެވެ.              

އަލިތަކުރުފާނާއި މުޙައްމަދު ތަކުރުފާނާއި ޙަސަންތަކުރުފާނު، ބާރަށުގައި ބޮޑުތިލަދުންމަތީގެ ވެރިކަން ހިންގަވަމުން ގެންދެވި ވިޔަޒޯރާ ގާތް ގުޅުމެއް ބޭއްވެވިއެވެ. އަދި ޙިކުމަތްތެރިކަމާއި، ހަނގުރާމައިގެ ހުނަރުން ފުރިފައިވާ ގޮތެއްގައި އޭނާގެ އެހީ ހޯއްދަވައިގެން ބާރަށުގައި" ކަޅުއޮށްފުންމި" ބެންނެވިއެވެ. އެ އޮޑި ބެންނެވުމަށްފަހު އެބޭފުޅުން ޤައުމީ ޖިހާދު، ޢަމަލީގޮތުން ފެއްޓެވިއެވެ. އަދި ޕޯޗުގީޒުންގެ ފަރާތުން ލިބިވަޑައިގެންފާނެ ގެއްލުމަކަށްޓަކައި މަލިކަށް އެބޭފުޅުންގެ ޢާއިލާތަކުގެ ދިރިއުޅުއްވުން ބަދަލުކުރެއްވިއެވެ.

ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ޤައުމު ސަލާމްތަކުރެއްވުމަށް އުތީމު ތިންބެއިން ފެއްޓެވި ޖިހާދުގައި ތިމަރަފުށީ އަލިޙާޖީ އާއި ޙަސަން ޙާޖީ އާއިި ދުވާފަރު ދަންޑެހެލު ޢަމަލީގޮތުން ބައިވެރިވެލެއްވިއެވެ.

އެ ބޭފުޅުން ފުރަތަމަ ޕޯޗުގީޒުންނާ ދެކޮޅަށް ޙަމަލާތައް ދެއްވަމުން ގެންދެވީ ރޭގަނޑު ދަންވަރު، ރަށްރަށަށް އަރައިވަޑައިގެންނެވެ. އަދި އަލިވިލުމުގެ ކުރިން ރާއްޖޭގެ ރަށްތަކުގެ މަލަ ނުފެންނަހާ ބޭރަށް އެ ބޭފުޅުން ކަޅުއޮއްފުންމީގައި ވަޑައިގަންނަވައެވެ.

އެގޮތަށް ދުވަސްތައް ވޭތުވަމުން ދިޔައިރު މާލޭގެ ޙާލަތު އައީ ގޯސްވަމުންނެވެ. ޕޯޗުގީޒުންގެ އަނިޔާވެރިކަން އިންތިހާއަށް އިތުރުވަމުންނެވެ. ތާރީޚީ އިލުމުވެރިން ވިދާޅުވާ ގޮތުގައި އުތީމު ތިންބެއިން މާލެއަރައި ، އަނދިރިއަނދިރިން މަރުއްވައި ޕޯޗުގީޒުންގެ ވެރިކަން ނިންމައިލެއްވީ، އެ ވެރިކަމުގެ ފަރާތުން އޭގެ އަނެއް ދުވަހު ދިވެހިން ޢީސާއީ ދީނަށް ވެއްދުމަށް އަނިޔާވެރި އެތައް ޖަރީމާއެއް ހިންގުމަށް ރާވައިފައިވަނިކޮށެވެ.

"ދިވެހި އުންމަތުގެ އަތްފައިން އަޅުވެތިކަމުގެ ކަސްތޮޅު" މުޅިން ނައްޓަވައިލއްވައި، ޙަޤީޤީ ނޫރު އަލި ދަންމަރު އަލުން ރޯކުރެއްވި އެވެ.

އސްތިޢުމާރީ އަޅުވެތިކަމަކުން ދިވެހިންނާއި ދިވެހި ޤައުމު މިނިވަން ކޮށްދެއްވި ޤައުމީ ބަޠަލު  އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނު ސިރީސަވާދީއްތަ މަހާރަދުން ރައްޔިތުންގެ އެދުމުގެމަތިން 1 ރަބީއުލްއައްވަލް 981 އިން 1 ރަމަޟާން 993 އަށް  ރާއްޖޭގެ ރަސްކަން ކުރެއްވިއެވެ.

ބޮޑު ތަކުރުފާނުގެ ރަސްކަމުގައި އެތައް ރޮނގަކުން ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވިއެވެ. ސިޔާސީ، އިޖްތިމާއީ، އަދި އިޤްތިޞާދީ ގޮތުން، އޭގެ ކުރިން ދުވަހަކުވެސް ޤައުމު ނުދެކޭފަދަ ތަރައްޤީއެއް ގެންނެވިއެވެ. ދިވެހި ސިފައިންގެ ލަޝްކަރެއް އުފެއްދެވިއެވެ. މުއައްރިޚުން ވިދާޅުވާ ގޮތުގައި މިއީ ފުރަތަމަ ފަހަރަށް ރާއްޖޭގެ އުފެދުނު ސިފައިންގެ ލަޝްކަރެވެ. އަދި އޭރު ދިވެހި ފައިސާ ކަމުގައިވާ ގެންގުޅުނު ބޮލީގެބަދަލުގައި ފައިސާ ޖެއްސެވިއެވެ. އަދި ރާއްޖޭގައި އިސްލާމީ އަޤީދާ ވަރުގަދަ ކުރައްވައި މިސްކިތްތައް ބިނާކުރެއްވިއެވެ. ބުނެވޭ ގޮތުގަ ދިވެހިން މިހާރު ލިޔެކިޔުމަށް ބޭނުންކުރާ ތާނަ އަކުރު އުފެދިގެން އައީވެސް އެ ދުވަސްވަރުއެވެ.

ޤައުމީ ދުވަސް ފާހަގަކޮށް، އެދުވަހުގެ އުފަލުގައި ޖަލްސާތައްބާވައި، ސަޔާއި މުނިފޫހި ފިލުވުމުގެ ޙަފުލާތައް ބާއްވަމުންގެންދާ މި ޒަމާނުގައި، ޤައުމާއި ދީނުގެ ޙައްޤުގައި ބޮޑުތަކުރުފާނު ކުރެއްވި އިޚްލާޞްތެރި މަތިވެރި ޖިހާދުން ފިލާވަޅު ލިބިގަންނަންތިބީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ އެވެ؟
.................
(ނިމުނީ)
މި ލިޔުން:

ފޮނުވުން:    އަލްފާޟިލް އަޙުމަދު ޖަދުޢާން (ފަންވަތުގެ މެހުމާން ލިޔުންތެރިއެއް)
އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް (ފަންވަތުގެ އެޑިޓަރު)



އިދާރާ

އެނގޭތަ؟

ވާހަކަ