އަދުގެ ޚާއްސަ

Print

ސިހުރު ދެއްކީ، ފެހުރިއްސެކެވެ.

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)



ސިހުރު ގަބޫލު ކުރާމީހުންނާއި ނުކުރާ މީހުން އުޅެވެ. ސިހުރު ހަދާ މީހުންނާއި ނުހަދާ މީހުންވެސް އުޅޭ ފަދައިންނެވެ. މި މަޒުމޫނަކީ، ސިހުރުގެ ޙުކުމާބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަޤުޞަދުގައި ލިޔާ މަޒުމޫނެއް ނޫނެވެ. އަޅުގަނޑުގެ ހަމަ އެކަނި މަޤުޞަދަކީ، އަޅުގަނޑަށް އިވިފައިވާ މިބާވަތުގެ ވާހަކައެއް ފަންވަތުގެ އަހުލުވެރިންނާ ހިއްސާ ކޮށްލުމުގެ އުފާ ލިބިގަތުމެވެ.  އަޅުގަނޑުމެންގެ އިހު މީހުންގެ ގަބޫލުކުރުންތަކާއި ދިރިއުޅުމުގެ  ގޮތް ބާވަތް، އަޅުގަނޑުމެންނަށް އެނގުމަކީ ބޭނުންތެރިކަމެއް ކަމުގައި ފޮތްފޮތުގައި ލިޔެފައި ހުންނާތީވެސް މެއެވެ.

މި ފަދަ ހާދިސާ ތަކާމެދު  އެބޭފުޅަކު ގަބޫލު ކުރައްވާ ގޮތަކަށް، ގަބޫލު ކުރެއްވުން ބޭއްވެވިދާނެ ނޫންތޯއެވެ!  

އަޅުގަނޑުގެ ޢުމުރުން ބާރަ ތޭރަ  އަހަރަށް އެޅި އިރު، ''ކަރަންކާ'' ކިޔާ މަސް ދޯންޏެއް ރަށުގައި އޮވެއެވެ. 14 ވަރަކަށް ރިޔަނުގެ ދޯންޏެކެވެ.  ފުދޭވަރަކަށް މަހަށް ތޫނު ދޯންޏެއްމެއެވެ.  މަސްވެރިކަން ނެތިއްޔާ ލޭނު އަޅާނެއެވެ. ނޫނިއްޔާ ކަރާ، ފަތްކެޔޮ ބިލެތް ފަދަ އެއްޗެހި ހިފައިގެން މާލެ ދަތުރު ކުރާނެއެވެ. އޭރު އަދި އެއީ އިންޖީނު އަޅާފައިވާ ދޯންޏެއް ނޫނެވެ.  

އެއްފަހަރަކު ރޯދަމަހު  މާލެ އަތޮޅު ފަރަކަށް އުރުމާ ގުޅިގެން ދޯންޏަށް ބޮޑު ގެއްލުމެއް ވެއްޖެއެވެ. ދިޔަ ހިލިއްޖެއެވެ. މި ކަން މަރާމާތު ކުރުމަށް އެހެލައިފައި، ބައެއް މަޑޫތައް ނައްޓާލި އެވެ. އިހުނަށް ވުރެ އެތައް ގޮތަކުން ދޯނި ރަނގަޅު ކޮށް ފުރިހަމަކުރުމަށް ފަހު، ފެނަށް ބާލައިފިއެވެ.

އޭގެ ފަހުން ދޯނި ކަނޑުމައްޗަށް އަރައިފި ނަމަ، ފެހުރިއްސެއް އަވަލާކަމަށްވެއެވެ. ހަދާ ގޮތަކީ، ކޮޅުފަސްކޮޅު މައްޔަލުގައި ތުންގަނޑު ވިއްދައިގެން ފާޑު ފާޑުގެ އުނދަގޫ ކުރަނީއެވެ. މާލެ ދިޔަޔަސް، މަހަށް ފުރިޔަސް، ލޭނު އެޅިޔަސް މި ގޮލައިގެ ކިބައިން ސަލާމަތްވާކަމަކަށް ނުވެއެވެ. ފަހުން ފަހުން އައިސް ދޯނީ މީހުން ބިރުގަންނަންވެސް ފަށައިފިއެވެ. އެއީ ގިނަ ދުވަސްވާ ވަރަކަށް އެ ސޮރު ބޮޑުވަމުން އައުމާއި، ކުރާ ގޯނާގެ ހަސްކާ ވަރުގަދަ ވަމުން ދާތީއެވެ. ބައެއްފަހަރަށް މެދު އޮޑިޔާދިމާގައި، އަނެއްބައިފަހަރަށް ދިރުނބާކޮޅު ކަންކައްޓާ ދިމާގައި ބޮލުން، ނިގޫފަތުން ޖާހާލައި ހަދަން ފަށައިފިއެވެ.

ދޯނީގެ އޮޑިވެރި ފަރާތުން މި ކަން ދުށީ އެއީ ސިހުރުވެރިކަމެއް ކަމަށެވެ. ކޮންމެ ވެސް މީހަކު ހަދާފައިވާ އެތިފަހަރެއް ކަމަށެވެ. އޭނާ ބަލާ ބެލުންތައް ބުނާ ގޮތުން މި އެއްޗަކީ ސަހަލު އެއްޗެއް ނޫނެވެ.  މި އެއްޗެއް އޮޑިޔާ ފާކޮށްފައިވަނީ  ސިހުރުވެރިއެއްގެ ނުރައްކާތެރި ސިހުރަކުންނެވެ. މި ސޮރުގެ ވަޒީފާ އަކަށްވާނީ އާޚިރުގައި މި ދޯންޏާއި، ދޯނީގައި  ތިބިހާ ބަޔަކު، ހަލާކުކޮށްލައި ނެތިކޮށްލުމެވެ.  

މާލެން ފުރައިގެން ތޮއްޑުއަށް އައި ދުވަހެކެވެ. ކަނޑުމަޑު ވައިމަޑު ދުވަހެކެވެ. ގިރާވަރު ފަސްދިންތަނާ ފެހުރިހީގެ އުނދަގޫ ފޮށިއްޖެއެވެ. ފުރަތަމަވެސް އައިސް ތުންވިއްދައިލި ކަމަށްވަނީ ހުންގާނު ފުށްބުރުގައެވެ. އެތާ މޯހިރުގައި އިނދެގެން އޮޑި ކޮށްޕަމުން ގެންދަނީ ވަރަށް ބާރަށެވެ. އާދަކޮށް ރަށަށް އާދެވޭ ވަރަށް ވުރެ މާ އަވަހަށް އެދުވަހު ރަށަށް އާދެވުނު ކަމަށްވެސް ވިއެވެ.  

ރަށުގެ ހޭފަށަށް އެރިތަނާ ފެހުރިހި އޮޑި ދޫކޮށްލައިފައި އެނބުރިއްޖެއެވެ. ފަހަތަށް ތަންކޮޅަކަށް ގޮސްފައި އަލުން އެނބުރި އެބަހަަރަ އާދެވެ. އެއައި ގޮތަށް އައިސް، މެދު އޮޑިޔާ ދިމާއިން ބަނޑުފިލާގައި،  އެޖެހިގަތްގަތީނުން މަޑުލެއް ގުޑުވާލައިފައި ވަރުގަދަ ބާނިގަނޑަކާއެކު، ފުނަށް ފީނައިގެންފިއެވެ. 



މި ފަހަރު ރަށު ފަޅަށް ވަން ގޮތަށް ދޯނި އެހެލީއެވެ.  އެހެލައި އެތަން މަރާމާތު ކުރަންވެގެން އެ މަޑޫ ނައްޓާލައިފިއެވެ. ނައްޓާލި އިރު ފެހުރިހި ޖެހިގަތްދިމާގައި ހުރި ބައެއް އިލި ނައްޓާލަން ޖެހޭނެ ދޮގެއްތޯއެވެ. މި ތަނުން އިއްޔެއް ލުއްސާލި އިރު، ފެނުނީ އިލިވަޅަށް ވަރަށް ވަރުގަދައަށް އަސްޖަހާފައި އޮތް  ތަވީދެއް ކޮށްޕާލާފައި އޮއްވައެވެ. ފެހުރިހި ހަމަލާ ދިނީ އެތަނަށެވެ.

އަޅުގަނޑަށް ވާހަކަ ކިޔައިދިން މީހާ ބުނިގޮތުން، އެ ތަވީދު އެތަނަށްލީ މީހާ ފަހުން އެނގުނެވެ. އެއީވެސް ދޯންޏެެއްގެ އޮޑިވެރިއެކެވެ.  އޭނާ އެކަން ކޮށްފައިވަނީ، ކުރީފަހަރު މި ދޯނި މަރާމާތު ކުރަން އެހެލައިފައި ހުއްޓައެވެ.

ކޮންމެއަކަސް، މި ތަވީދު  ދޯނިންނަގައި، އަލުން މަރާމާތު ކޮށްގެން ދެން ދޯނި ބޭލިފަހުން އެއްކަލަ ފެހުރިހީގެ ކުޑަވެސް ހިލަމެއް ބިލަމެއް ވީކަމަކަށް ނުވެއެވެ.

ނޯޓް: 11 ނޮވެމްބަރ 1947 ގައި ބާބާ އައިލެންޑު ކައިރިން މަރާލެވުނު ފެހުރިއްސެއްގެ ދިގުމިނުގައި 12.65 މީޓަރު ހުރި ކަމަށްވެއެވެ. އެއީ 41.50 ފޫޓެވެ. 21.5 ޓަނެވެ. ދިގުމިނުގައި 75 ފޫޓު ހުރި ފެހުރިއްސެއްވެސް ހިފިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ