އަދުގެ ޚާއްސަ

Print

ލަދުރަކި ދެ ލޯ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ


މަރިޔަމް ސަނާ

އަފްޝާން ވަނީ ކުޑަ ކުއްޖެއްގެ ގޮތުގައި ހުރުމުގެ އެންމެ ފަހު މަންޒިލްގައެވެ. ނޫންނަމަ ޒުވާންކަމުގެ އެންމެ ފުރަތަމަ މަންޒިލްގައެވެ .ހަށިގަނޑަށް އަންނަ ބަދަލުތަކާ މެދު ހާސްވެ، ހައިރާންވެގެން އުޅެވެނީ އެވެ. އެތަކެއް ދުވަހަކަށްސުރެ ގެންގުޅުނު ކުޅޭއެއްޗެހިތައް ބޮޑު ފޫއްސަކަށް ވެއްޖެ އެވެ. ޖިންނީންނާއި، ޕަރީންގެ މައްޗަށް ލިޔެވިފައި ހުންނަ މަޖާ ވާހަކަތައް އެއްވެސް އެއްޗަކަށްނުވެއެވެ. ކިޔާ ހިތް ވަނީ މަޖައްލާތަކާއި، މަންމަ ކިޔަން ގެންގުޅޭ ވާހަކަފޮތްތަކެވެ. ޢާއިލާގެ ފިރިހެން ކުދިންނަށާއި ބައްޕަގެ ރައްޓެހިނަށް ފެނި އުޅުމަކީ ލަދުގަންނަ ކަމަކަށް ވާން ފަށައިފި އެވެ. ކުރު ހެދުންގަނޑެއް ލައިގެން، ބޯ ހާވައިލައިގެން މަގުމަތީގައި ކުޅެން އުޅުނު ދުވަސް މާޒީވެ ދިޔައީ އެވެ. އޭނާއަށް އޭނާގެ ޢިއްޒަތުއްނަފުސު އިހުސާސްކުރެވޭ ގޮތް ވެއްޖެ އެވެ. "އަހަންނަކީ ވެސް އަންހެނެކޭ" ހީވާ ތަން އަތުވެއްޖެ އެވެ. ސާފުކަމާއި ޠާހިރުކަމަށް ލޯބިކުރެވެއެވެ. ހެދުންއެޅުމާއި، ނަލަހެދުމުގައި ވެސް ވަކި އުޞޫލުތަކެއް ބޭނުންކުރެވެން ފަށައިފި އެވެ. ކޮންމެ ގޮތެއް ކަމަކުނުދެއެވެ. އިސްތަށިގަނޑު ވެސް ދިގުކޮށް، ވަކި ޚާއްޞަ ފާޑަކަށް ބަހައްޓާން އާދަވެއްޖެއެވެ.

އޭނާގެ އިސްތަށިގަނޑު ދިގުވެގެން އޭނާގެ މަންމަ އެވާހަކަ ދެއްކުމުން އޭނާ އެކަމާ ދެކޮޅުހެދި އެވެ.
"އަހަރެންގެ އިސްތަށިގަނޑުގައި ގޮށްޖަހާ ހިތްވޭ! އަހަރެން ބޭނުމީ އިސްތަށިގަނޑު ދިގުކޮށް ބަހައްޓާން." އަފްޝާން ބުންޏެވެ.
"އިސްތަށިގަނޑުގައި ގޮށްޖެހުމަކީ ކުޑަކުދިންނާ ގުޅޭ ކަމެއް ނޫން... ބޮޑުވީމާ ތިޔަ ގޮތްގޮތް ހެދިދާނެ" މަންމަ ނަސޭހަތްދިނެވެ.
"އަހަރެން ބޮޑުވެއްޖެ!" އަފްޝާން އެހެން ބުނުމުން އޭނާގެ މަންމަ ގާތަށް ވަރަށް ހިނިއައެވެ.
މަންމަ އޭނާއަށް ވިސްނައިދެވޭތޯ ވަރަށް ވާހަކަދެއްކި އެވެ. ނަމަވެސް އޭނާ ގަބޫލެއް ނުކުރި އެވެ. އިސްތަށިގަނޑު ކުރުކުރާކަށް އޭނާ އެއްބަހެއް ނުވި އެވެ. ހައެއްކަ މަސް ވީއިރު އޭނާގެ އިސްތަށިގަނޑު އުނަގަނޑާ ހަމައަށް ދިގުވެއްޖެ އެވެ.
އެއްރެއެއްގެކެއުމުގެވަގުތެވެ.

ވާހަކަދައްކަމުން ގޮސް މަންމަ ބުނެފިއެވެ. "ނަދީމް މާލެއަށް ބަދަލުވަނީ! އޭނާ މާދަމާ ހެނދުނު އަންނާނެ."
މި ވާހަކައިން އަފްޝާން ސިހިގެންދިޔަ އެވެ. ކެއުންހުއްޓައިލައިފި އެވެ. އޭނާގެ ހަނދާނަށް އައީ މީގެ ފަސް އަހަރު ކުރި އެވެ. އޭރު އޭނާއަކީ އުމުރުން ދިހަ އަހަރުގެ ކުޑަ ކުއްޖެކެވެ. އުޅުނީ ކުރުހެދުމެއް ލައިގެންނެވެ. ނަދީމްއަކީ އޭނާއަށް ވުރެ ބާރަ އަހަރު ދޮށީ މީހެކެވެ. ނަދީމްބޭބެއަށް ގޮވަމުން އޭނާގެ ފަހަތުންނާއި، ކުރިމަތިން ހިނގާ ހަނދާންވެއްޖެ އެވެ. ބޮޑާދައްކައިގެން ފައިސާއަތުލައިއުޅެއެވެ. އަދި އޭނާއާ އެކު ޗޮކުލެޓް ވިއްކާ ފިހާރަތަކަށާއި، ކުޅޭ އެއްޗެހި ވިއްކާ ފިހާރަތަކަށް ގޮސް ހަދައެވެ. ނަދީމް އަމިއްލައަށް ވެސް އޭނާއަށް ކުޅޭ އެއްޗެއްސާއި، ފޮނި ކާއެއްޗެހި ގެނެސްދީ ހަދައެވެ. އަތުގައި ހިފައިގެން ހިނގައިލާންގެންދެއެވެ. ބަގީޗާގެ އުސް ގަސްތަކުން މަލާއި، މޭވާ ބިނދެދެއެވެ. ކުލަކުލައިގެ ރީތި ކޮކާތައް ހިފައިދެއެވެ.

ނަދީމަަކީ އަފްޝާނާ މާ ބޮޑަށް ތިމާގެ މީހެއް ނޫނެވެ. ހަމައެކަނި ދިލަކޮޅު ފޯރާ ހިސާބުން އާއިލާއާ ގުޅޭ މީހެކެވެ. ރާއްޖެތެރޭ މީހެކެވެ. މާލެއަށް ކޯހެއް ހަދަން އައިސްފައި އަފްޝާންމެންގެ ގޭގައި ހުރީއެވެ. ތިން އަހަރުވާންދެން ހުއްޓެވެ. ނަދީމްގެ ނަން އަޑުއިވުމުން އަފްޝާންގެ ހިތުގައި ކުރިން ތަޖުރިބާކުރެވިފައި ނެތް، މުޅިން އާ ވައްތަރެއްގެ ޖަޒުބާތެއް ހޭލަންފަށައިފިއެވެ. އުފާވެރި ޖަޒްބާތެކެވެ. ނަދީމްގެ ހަނދާންތަކަކީ އެހަނދާނުން އުފާވާ، އަދި ހިތަށް މީރުކަން އިހުސާސްކޮށްދޭ ހަނދާންތަކަކަށް ވެއްޖެ އެވެ. އެ ރޭ ހަތަރުދަމު ވެސް އޭނާއަށް އޮވެވުނީ ނަދީމްގެ ޚިޔާލުގައެވެ.

ހެނދުނުއަށެއްޖަހާއިރުނަދީމްއާދެއެވެ.

ފަހެއްޖެހިއިރު އަފްޝާން ތެދުވެއްޖެއެވެ. ގޭގައި  ގެންގުޅޭ މީހާއާއެކުގައި ގޭތެރެ ސާފުކުރަން ފެށިއެވެ. ޚުދު  އޭނާގެ އަތުން ނަދީމްގެ ކޮޓަރިތެރެ ތަރުތީބިކުރި އެވެ. ބަގީޗާއިން އެތައް ބައިވަރު މާތަކެއް ގެނެސް އެ ކޮޓަރީގައި ބެހެއްޓިއެވެ. އަށެއް ޖަހަން ކައިރިވުމުން އޭނާ އަވަހަށް މަންމައާއެކުގައި އެއަރޕޯޓަށް ދާން ތައްޔާރުވިއެވެ. އެ މީހުންނަށް ދެވުނީ ތަންކޮޅެއް ލަހުންނެވެ. ނަދީމް އިންތިޒާރުގައި ހުއްޓެވެ.

"ދައްތަމެންގެ ހާލު ރަނގަޅުތަ؟" އެ މީހުން ފެނުމާއެކު ވަރަށް އަވަހަށް އައިސް ނަދީމްބުނެލިއެވެ.
"އެންމެން ވެސް ރަނގަޅު. އަހަރެމެން މިތިބީ ނަދީމް އައީމާ ވަރަށް އުފަލުން" މަންމަ ބުންޏެވެ.
ނަދީމް ހިނިތުންވެލި އެވެ. އަފްޝާން ހުރީ އޭނާއާ ވަރަށްގާތުގައެވެ. ނަދީމް ހައިރާންކަމާއެކު އޭނާއަށް ބަލައިލައިފައި އަދިވެސް ކައިރިއަށް ޖެހިލި އެވެ. ލޯތްބާއި، އޯގާވެރިކަމާއެކު އޭނާގެ ކޮނޑުގައި ނަދީމްގެ އަތް ބާއްވައިލި އެވެ.

"އަފްޝާން ކޮއްކޮގެ ޙާލު ރަނގަޅުތަ؟ އަހަރެން މަތީން ހަނދާންކުރަންދޯ؟" ނަދީމްބުނެލިއެވެ.
އަފްޝާންގެ ދެ ތުންފަތް ތުރުތުރުއަޅައިގަތެވެ. އަދި ބުނަން ހިތަށްއެރި އެވެ. 'އަހަރެން ނަދީމްގެ ހަނދާންނުކުރާ އެންމެ ސިކުންތެއް ވެސް ނުދާނެ އެވެ. ޚިޔާލީގޮތުން ނަދީމް އަބަދު ވެސް ހުންނަނީ އަހަންނާ ވަރަށް ގާތުގައެވެ.' ނަމަވެސް އެންމެ ލަފުޒެއް ވެސް ދުލަކުން ބޭރެއްނުކުރެވުނެވެ.
ކާރުގައި ގެޔަށް ދިޔައިރު ނަދީމް އަފްޝާންގެ މަންމައާ ވަރަށް ގިނަ ވާހަކަދެއްކި އެވެ. އަފްޝާން އެއްވެސް އެއްޗެކޭ ނުބުނެ އޭނާގެ މޫނަށް ބަލަން އިނީ އެވެ. މީގެ ފަސް އަހަރު ކުރިން ނަދީމް އޭނާގެ ގޭގައި އުޅުނު އިރަށް ވުރެ މިހާރު މާރީއްޗެވެ. މޫނާއި ގައިގެ ކުލަވަރަށް އައްޔެވެ. ކުއްލިއަކަށް ނަދީމް އޭނާއާ ދިމާއަށް ބަލައިލައިފި އެވެ.
"އަފްޝާން ކޮއްކޯ! މިހާރު ވެސް ޗޮކުލެޓް ވަރަށް މީރުތަ؟" ނަދީމް ހެމުން ސުވާލުކުރި އެވެ.
އަފްޝާން ލަދުން އިސްޖަހައިލި އެވެ.

"އަހަރެން އަފްޝާންއަށް ވަރަށް ބައިވަރު ޗޮކުލްޓް ގެނައިން" އެހެން ބުނެފައި ނަދީމް އަފްޝާންގެ މަންމަގެ މޫނަށް ބަލައިލައިފައި ބުންޏެވެ. "ދައްތާ! އަފްޝާން ހާދަ ބޮޑަކަށް ބަދަލުވެއްޖޭ! ކުރިން ވަރަށް ލާނެއް! ހީވަނީ އިބިލީހުގެ ދަރިއެއް ހެން." ނަދީމް އެހެން ބުނުމުން އަފްޝާންގެ މަންމަ ހޭން ފަށައިފި އެވެ.
ނަދީމް އައުމުން އަފްޝާންމެންގެ ގޭތެރޭގައި ހަރަކާތްތައް އަވަސްވެއްޖެ އެވެ. އުފާވެރިކަން ބޮޑުވެ، ޒީނަތްތެރިކަން އިތުރުވެއްޖެ އެވެ. އަފްޝާންގެ މަންމަ އަކީ ނަދީމްގެ ބޮޑުދައިތައެއް ކަހަލަ މީހެކެވެ. ނަމަވެސް ވާހަކަދައްކައި އުޅުމުގައި އެ ގޮތް ވަރަށް ނުހުރެއެވެ. ދެ ރަހުމަތްތެރިންނެކޭ އެއްގޮތަށް ހުނުމާއި، މަޖާ ވާހަކަތައް އަބަދު ވެސް އޮންނަނީ ފެށިފައެވެ. އަފްޝާންގެ މަންމަ އަކީ އޭނާ އަށް ވީ ދުވަހަށް ވުރެ އުމުރުން މާ ބޮޑަށް ޅަ ގޮތް ދައްކައިގެން އުޅޭ މީހެކެވެ.
ނަދީމްގެ ކުރިމައްޗަށް އައިސް އުޅުމަކީ އަފްޝާނަށް މިހާރު މާ ފަސޭހަ ކަމަކަށް ނުވެއެވެ. ލަދުގަންނަ ގޮތް ވަނީ އެވެ. ކުރިން ނަދީމް އެ ގޭ ގައި ހުރި އިރު ވާހަކަދައްކާ ގޮތަށް އެއްވެސް ޖެހިލުމެއް ނެތި ވާހަކަދައްކާކަށް ނުކެރެއެވެ. އެއްވެސް ކަމަކާ ބޮޑާދައްކާކަށް ނުކެރެއެވެ. އަދި އެއްޗެއް ހޯދައިދޭން ބުނާކަށް ވެސް އަފްޝާންގެ ލަދުވެތިކަން ހުއްދައެއް ނުދެއެވެ. ވާހަކަދައްކަނީ ވެސް މާ ބޮޑަށް ވިސްނައިގެން ރަސްމީ ގޮތަކަށެވެ. ސީރިއަސްކަމާ އެކުގައެވެ. މިކަހަލަ ކަންތަކުން ނަދީމް ގާތަށް އަންނަނީ ހިންޏެވެ. ނަދީމްގެ ނަޒަރުގައި އަފްޝާން އެއީ މިހާރު ވެސް ކުޑަ ކުއްޖެކެވެ. އަފްޝާން އޭނާގެ ޢުމުރަށް ވުރެ ވެސް ބުއްދިއާއި ފިކުރުގެ ގޮތުންނާއި ހިތުގެ ޝުއޫރުތަކުގެ ގޮތުން ދޮށިވެފައި ވާކަމެއް ނަދީމްއެއް ނުދަނެއެވެ.

އެއް ދުވަހަކު ނަދީމް އޮފީހުން އައިއިރު އަފްޝާނަށް ވަރަށް ރީތި ކުޅޭ އެއްޗެއް ގެނެސްދިނެވެ. އޭތި ފެނުމުން އަފްޝާންގެ މޫނުން އުފާވެރިކަން ގެއްލިއްޖެ އެވެ. އޭނާ މިހާރު ނަދީމްގެ ފަރާތުން ބޭނުންވަނީ ކުޅޭ އެއްޗެއްސެއް ނޫނެވެ. ނަދީމް އޭނާގެ އަތަށް އެދީފައި އެނބުރި ހިނގައްޖެ އެވެ.
އޭނާނަދީމްއަށްބަލަންހުރެފައިބުނަންހިތަށްއެރިއެވެ. 'އަހަރެން ނަދީމަށް ވިސްނައިދޭނީ ކިހިނެއްހެއްޔެވެ؟ އަހަންނަކީ މިހާރު ތުއްތު ކުއްޖެއް ނޫނެވެ. ބޮޑުވެފައި އިން އަންހެނެކެވެ.'

ނަދީމަކަށް އަފްޝާންގެ އިހުސާސްތަކެއް ނޭނގެއެވެ. އޭނާ ދެކެނީ އެއީ ކުޑަ ކުއްޖެއް ކަމަށެވެ. އެ ސާދާ ހިތުގެ ޝުޢޫރުތައް ދަންނަ ހަމައެކަނި މީހަކީ އަފްޝާނެވެ.
އަފްޝާންމެން ގޭ ގައި މަސައްކަތްކުރަން ގެންގުޅޭ މީހުން އުޅެއެވެ. ނަމަވެސް ގިނަކަންކަން އަފްޝާން ކުރަނީ އަމިއްލައަށެވެ. އޭނާގެ އަމިއްލަ ކަންކަން އެހެން މީހަކާ ހަވާލު ނުކޮށް އަމިއްލައަށް ކުރެވުމުން އުފާވެރިކަން އިހުސާސްކުރެވި، ހިތްހަމަޖެހުން ލިބެއެވެ. އަދި ނަދީމްގެ ކަންތައްތައް ކޮށް، ކޮޓަރިތެރެ ސާފުކޮށް، ތަންމަތިއަޅައި އުޅުމަކީ އެނާގެ ޚާއްޞަ އުފަލެކެވެ. ނަދީމް ގޭގައި ނޫޅޭއިރު ސިއްރުން އޭނާގެ ތަންމަތީގައި އޮށޯވެ ހަދައެވެ. އެނާ ބޭނުންކުރާ ޚާއްޞަ ސެންޓުގެ ވަސް ލިބިގަނެއެވެ. އެ ތަންމަތީ ގައި އޮތުމުން އޭނާ އަށް އިޙްސާސްކުރެވެނީ މުޅިން އާ މީރުކަމަކާއި، އުފަލެކެވެ. އެ އިޙުސާސްތަކަށް ދޭނޭ ނަމެއް އޭނާއަކަށް ނޭނގެއެވެ.
އެއް ދުވަހަކު އަފްޝާން، ނަދީމްގެ ކޮޓަރި ސާފުކޮށް، ތަރުތީބުކޮށްފައި އެނދުގައި އޮށޯތެވެ. ލޯމަރައިލައިގެން ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އޮއްވައި، ނަދީމްގެ ފިޔަވަޅުގެ އަޑު އިވިއްޖެ އެވެ. އެއީ ނަދީމް މާ އަވަހަށް ގެޔަށް އައި ދުވަހެކެވެ. އަފްޝާން ލޯ ހުޅުވައިލުމަށްފަހު އަވަސްއަވަހަށް ތެދުވެ އެނދުމަތީގައި އިށީނެވެ. އޭނާ އިނީ ވަރަށް ބޮޑަށް ހާސްވެފައެވެ. ގަތް ލަދުން ތެދުވަން ވެސް ނޭނގިފައި އިނދެވުނީއެވެ. ހަދާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ.
"އަފްޝާން ކޮއްކޯ! މި ތާނގައި ތިޔަ އޮތީ ކީއްވެ؟ ބަލީތަ؟" ނަދީމް ސުވާލުކުރިއެވެ.
"އަހަންނާ ދިމާއަށް ކޮއްކޮ ކިޔަނީ ކީއްވެ؟" އަފްޝާން އަޅައަޅައިގެންފައި ބުނެފިއެވެ.

"ދެން ކީކޭތަ ކިޔަންވީ؟" ނަދީމް ގާތަށް ހިނިއަތުވެއްޖެއެވެ.

"ކިޔަންވީ އަހަރެންގެ ނަމުން... އަފްޝާން"

"އަފްޝާން ކޮއްކޮ ކިޔުން މާ ރަނގަޅު... އެ ގޮތް މާ ރީތި. ބޮޑުވީމާ ގޮވާނީ ނަމުން."

"އަހަރެންބޮޑުވެއްޖެ!"

"ކިހާވަރަކަށްބޮޑުވިވާހަކައެއްތިޔަބުނީ؟" ނަދީމް ފަރުވާތެރިކަމާއެކު އަފްޝާންގެ ހަށިގަނޑަށް ބަލައިލައިފައި ހީނލި އެވެ.
އަފްޝާންގެ ދެފައި ރޫރޫއަޅައިގަތެވެ. އަދި މޫނުގެ ކުލަ ރަތްވެއްޖެ އެވެ. އޭނާއަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ.
"އަޅެ ބުނެބަލަ! ކިހާ ވަރަކަށްތަ ބޮޑުވީ؟" ނަދީމް އަފްޝާންގެ ގާތަށް ޖެހިލައިފައި ރަނގަޅަށް ބަލައިލައިފައި ބުންޏެވެ.
އަފްޝާން ވަރަށް ބޮޑަށް ނުރުހުންވި އެވެ.

"ކުޑަ ކުދިންނާއި ބޮޑެތި މީހުން އަހަރެމެންނަށް ވެސް ވަކިވޭ!" ނަދީމް ހިނިއައިސްފައި ބުންޏެވެ. އަދި އަފްޝާންގެ އަތުގައި ހިފައިލަމުން ބުންޏެވެ.
"ކޮއްކޯ! އަދި ކޮއްކޮ ވަރަށް ކުޑަ. ބޮޑު މީހަކަށް ވުމުގެ ޝައުޤުގައި ތިމާގެ މައުސޫމްކަން ނަގައިނުލާ!" ނަދީމް އެހެން ބުނުމުން އަފްޝާންގެ ގާތަށް ރުޅިއަތުވެއްޖެ އެވެ. އަދިމޫނު ކުނިކޮށްގެން ހުރެ އެ ތަނުން ހިނގައްޖެ އެވެ.

ދެތިން ދުވަސް ވަންދެން އަފްޝާން، ނަދީމާ ނުގަބޫލުވެގެން އުޅުނެވެ. ވާހަކައެއް ނުދައްކައެވެ. ނަދީމަށް އެއްވެސް ކަމެއް ކޮށެއްނުދެއެވެ. އ ެކަން ނަދީމަށް ފާހަގަކުރެވުނެވެ. އެއްރެޔަކު އަފްޝާން ކޮޓަރީގައި އުޅެނިކޮށް ނަދީމް އެތަނަށް އައެވެ. ނަދީމް ފެނުމާއެކު އަފްޝާން އަވަސްއަވަހަށް އެނދުން ތެދުވި އެވެ. ނަދީމް އައިސް އޭނާއާ ނުހަނު ގާތުގައި ހުއްޓުނެވެ. އޭނާ އިސް ދަށަށް ޖެހި އެވެ.

"އަފްޝާން ކޮއްކޯ؟ ކިހިނެއްތަ ވެގެން ތިޔަ އުޅެނީ؟ ކީއްވެތަ އަހަރެން ދެކެ ރުޅިއައީ؟" ނަދީމް ސުވާލުކުރިއެވެ.
އެކަމަކު އަފްޝާން އެއްވެސް ޖަވާބެއް ނުދިނެވެ. އެ ވަގުތު އަފްޝާންގެ ދެ ލޮލުން ކަރުނަ ފައިބާ ތަން ނަދީމަށް ފެނުނެވެ. ނަދީމް އޭނާގެ މެޔާ އަފްޝާން ކައިރިކޮށްލިއެވެ. އަފްޝާން ބޭނުންވީ ނަދީމާ އެހައި ގާތުގައި ހުރެ އުމުރުގެ ބާކީ ބައި ހޭދަކުރާށެވެ.

"ދެން ނުރޮއި ހުއްޓައިލާ! .......  މާދަމާ ކޮއްކޮ ގޮވައިގެން ކާރުދުއްވައިލާން ދާނަން. އައިސްކިރިމި ވެސް ގަނެދޭނަން"
ނަދީމް ބޭނުންވީ އަފްޝާން ކުޑައިރު ރޯން ފެށުމުން ހުއްޓުވާ ގޮތަށް މިހާރު ވެސް އޭނާގެ ރުއިން ހުއްޓުވާށެވެ. ނަމަވެސް ކުޑަ އިރާ މިހާރާ އަފްޝާން ވަރަށް ތަފާތެވެ. ނަދީމާއެކުގައި ކާރުދުއްވާން ދެވޭނެތީ އޭނާ ހުރީ ހިތްހަމަޖެހިފައެވެ.

ޖެހިގެން އައި ދުވަހު ނަދީމް އޮފީހުން އައި އިރު އަފްޝާން ހުރީ ތައްޔާރުވެގެންނެވެ. އެ ދުވަސް ވެގެން ދިޔައީ އޭނާގެ ޙަޔާތުގައި އައި އެންމެ އުފާވެރި ދުވަހަށެވެ. އެއީ އެގޭ އެހެން މީހަކާ ނުލައި ހަމަ އެަކނި ނަދީމާ ދެމީހުން އެކަނި ކާރު ދުއްވާން ދިޔަ ފުރަތަމަ ފަހަރެވެ. ކާރުގައި އިން އިރު އޭނާ ހިތް ފުރެންދެން ނަދީމްގެ މޫނަށް ބެލިއެވެ. ނަދީމްގެ އަތުގެ މުލައްދަނޑީގައި ހިފުމަށް ވެސް އޭނާގެ ހިތް އެތައް ފަހަރަކު އެދުނެވެ. އެކަމަކު އެ ހިތްވަރެއް ނުލިބުނެވެ.
"ކީއްވެ ހާދަވަރަކަށް ތިޔަ ބަލަނީ؟" އާދަޔާ ޚިލާފަށް އަފްޝާން ބަލާކަން ނަދީމް އަށް ފާހަގަ ކުރެވުނެވެ.
"އަހަރެން ނަދީމް އަށް ގަމީހެއް ފަހާދެންތަ؟" ނަދީމް ކުރި ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އަފްޝާން ވެސް ކުރީ ސުވާލެކެވެ.
"ކޮއްކޮ އަށް ފެހޭނީ ކޮން ގަމީހެއް؟" ނަދީމް ގާތަށް ހިނިއަތުވެއްޖެއެވެ.
"އަހަރެން ގަމީސް ފަހަން ދަންނަމޭ!"

"އެހެންތަ؟ ހާދަގިނަ ކަންތައްތަކެއް ދަސްކޮށްފިއޭ ދޯ!..... ހިނގާ އައިސްކްރީމް ކާން ދާން" ނަދީމް ކާރު މަޑުކޮށްލީ ރެސްޓޯރެންޓެއްގެ ކައިރިއަށެވެ.
ރަތްކުލައިގެ ފަނޑުއައްޔަކުން ޒީނަތްތެރި ކޮށްފައިވާ ރެސްޓޯރެންޓެކެވެ. އެތަނުގެ މާހައުލު އޮތީ ވަރަށް އިޝްޤީ ވެފައެވެ. ލުއިލުއި މިއުޒިކެއްގެ އަޑު އިވިއިވި ހުއްޓެވެ. ނަދީމާ އެކު އެފަދަ މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލެވޭތީ އަފްޝާންގެ ހިތްވަނީ އުފަލުން ފުރިފައެވެ.
"ނަދީމަށް އަހަރެން ރަނގަޅުތަ؟" އަފްޝާން ޖެހިލުންވެ އިނދެ ސުވާލުކުރިއެވެ.
ނަދީމްގެ ނަޒަރުގައި އަފްޝާން އަކީ މައުސޫމް ތުއްތު ކުއްޖެކެވެ.

"އަހަންނަށް އަފްޝާން ކޮއްކޮ ވަރަށް ރަނގަޅު. ވަރަށް ރީތި... ވަރަށް ލޯބި" ނަދީމް އަފްޝާންގެ ގައިގައި ބައްދާލިއެވެ.
"އަހަންނަށް ވެސް ނަދީމް ވަރަށް ރީތި. އަހަންނާ ދުރަށް ނުދާތި އިނގޭ!"
"ތިޔަބުނީ އަބަދު މާލޭގައި ހުންނާށޭތަ؟ އަހަރެން ގިނައިން އުޅޭނީ މާލޭގައި. އެކަމަކު ބައެއްފަހަރު މަންމަމެން ކައިރިއަށް ރަށަށްވެސް ދާންޖެހޭނެއްނު!"
"ރަށަށް ދާންތަ ތިޔަ އުޅެނީ؟" ނަދީމް ހިނގައިދާނެތީ އަފްޝާން ކަންބޮޑުވިއެވެ.
"މިއަންނަ ހަފުތާގައި ދާން މިއުޅެނީ. އެކަމަކު ވަރަށް އަވަހަށް އަންނާނަން."

"މި މަހުގެ ހަތާވީސް ވަނަ ދުވަހަކީ އަހަރެންގެ އުފަންދުވަސް. އެ ދުވަހުން ނަދީމް ނެތިއްޔާ ވަރަށް ދެރަވާނެ."
"އެހެންތަ؟ އެ ދުވަސް އަންނަން ވާ އިރަށް އަހަރެން އެނބުރި އަންނާނަން.. ހަމަޔަގީން" ނަދީމް އެހެން ބުނުމުން އަފްޝާން ހިތްހަމަ ޖެހުނެވެ.
ނަދީމް ރަށަށް ހިނގައްޖެއެވެ. އޭނާ ގޭގައި ނެތް ހަތަރު ދުވަސް އަފްޝާން އަށް ހީވީ ހަތަރު އަހަރުހެންނެވެ. އަފްޝާން ހުންނަނީ ފޫހިވެފައެވެ. އޭނާގެ މޫނުމަތިން ވަނީ އުޖާލާކަން ގެއްލިފައެވެ. އެންމެ ހިނދުކޮޅަކަށް ވެސް ނަދީމް އޭނާގެ ލޯމަތިން ގެއްލޭކަށް އޭނާގެ ހިތެއް ނޭދެއެވެ.
ނަދީމް އެނބުރި އައުމުން އަފްޝާންގެ މޫނުމަތިން ގެއްލިފައިވާ އުފާވެރިކަމާއި، ތާޒާކަން އަލުން އަތުވެއްޖެއެވެ. ނަދީމް އައިއިރު އޭނާއަށް ވަރަށް ގިނަ ހަދިޔާ ގެނެސްދިނެވެ. ނަދީމް އައި ދުވަހުގެ ރޭ ވަރަށް ދަންވަންދެން އޭނާ ނަދީމް އާއި ވާހަކަދައްކަން އިނެވެ. މިހާރު އޭނާގެ ހުރިހާވެސް މީހަކީ ނަދީމްއެވެ.
އަފްޝާންގެ އުފަންދުވަސް އަތުވެއްޖެ އެވެ. ކޮންމެ އަހަރަކު ވެސް އެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. މި ފަހަރު ޕާޓީގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސީ ނަދީމެވެ. ހޯލްތެރެ ތައްޔާރު ކޮށްފައި އޮތް ގޮތުން އަފްޝާންގެ މަންމަ ޙައިރާންވިއެވެ. ނަދީމްގެ ހުނަރުވެރިކަމާއި ފާޑުވެރިކަމުގެ މައްޗަށް އެންމެން ތަޢުރީފު ކުރިއެވެ. ޕާޓީ ވަރަށް ފުރިހަމައެވެ. ދައުވަތު ދީގެން އައިސްތިބި ހުރިހާ އެންމެންގެ މޫނުމަތިން ވެސް ފެންނަމުންދަނީ އުފާވެރިކަމެވެ. ޚާއްޞަކޮށް އަފްޝާނެވެ. އޭނާ ލައިގެންހުރި އޮރެންޖް ކުލައިގެ ހެދުމުގެ ސަބަބުން އޭނާގެ ލޯބިކަން އެތައް ގުނައަކަށް އިތުރުވެފައިވެއެވެ. ރައްޓެހި ކުދިންތަކަކާ ވާހަކަދައްކަން ހުރިއިރުވެސް އޭނާ އަށް އިރުއިރު ކޮޅުން ނަދީމްގެ ޙަރަކާތްތަކަށް ބެލެއެވެ. ކެއުމުގެ ވަގުތު ޖެހުމުން އަފްޝާން ވެސް ތަށްޓަކަށް ކޭކު ކޮޅެއްލައިގެން ހޯލްގެ އެއް ފަރާތުގައި މަޑުކޮށްލި އެވެ. އެ ވަގުތު އެތަނަށް ނަދީމް އައެވެ.

"ކޮއްކޮ އަށް ބާއްޖަވެރި އުފަންދުވަހަކަށް އެދެން!..... ކޮއްކޮ މިއަދު ހާދަ ރީއްޗޭ! އަބަދު ބަލަން ހުރެވޭނެ ނަމަ..." ނަދީމް ބުނެލިއެވެ.
ނަދީމް އެހެން ބުނުމުން އަފްޝާންގެ މޫނުގެ ކުލަވަރު ބަދަލުވި އެވެ. ދެ ލޮލުގެ ވިދުމާއި ތޫނުކަން ބޮޑުވި އެވެ. ލަދުރަކިކަން ފޮރުވުމައްޓަކައި އޭނާ އިސްޖަހައިލި އެވެ. އަފްޝާނަށް ވީގޮތް ފެނުމުން ނަދީމް އިތުރު އެއްޗެކޭ ނުބުނެ އެ ތަނުން ދިޔައީ އެވެ.
އަނެއް ދުވަހުގެ ހެނދުނެވެ. އަފްޝާން ސްކޫލަށް ދާން ތައްޔާރުވެގެން ސައިބޯން ދިޔައިރު ނަދީމް އެއް ނެތެވެ. އެކަމާ އަފްޝާން ވަރަށް ޙައިރާންވިއެވެ. އަދި މަންމަ ގާތުގައި ނަދީމާ ބެހޭގޮތުން ސުވާލު ކުރިއެވެ.
"ނަދީމް އެބަ އޮތް ކޮޓަރީގައި.... އޭނާ އޮތީ ހުން އައިސްފައި.." މަންމަ އެހެން ބުނުމުން އަފްޝާން އެންމެ ހިނދުކޮޅަކަށްެ ވެސް އެ ތަނުގައި މަޑުނުކޮށް މިސްރާބުޖެހީ ނަދީމްގެ ކޮޓަރިއަށެވެ.
މެޔާހަމައަށް ރަޖާއަޅައިގެން، ލޯމަރައިގެން ނަދީމް އެނދުގައި އޮތެވެ. އަފްޝާން ކައިރިއަށް އައިސް އޭނާ އަށް ގޮވައިލި އެވެ. އަފްޝާންގެ އަޑު އިވުމުން އޭނާ ލޯހުޅުވައިލުމަށް ފަހު ހީނލިއެވެ.

"ކިހިނެއްތަ؟" އަފްޝާން ސުވާލުކުރިއެވެ.
"ހުންއައީ..... ކޮއްކޮ މިއަދު ސްކޫލަށް ނުދަންތަ؟" ނަދީމް ވަރުބަލި ރާގަކަށް ވާހަކަ ދެއްކިއެވެ.
"ނަދީމް ތިޔަ ހާލުގައި އޮއްވައި އަހަރެން ސްކޫލަކަށް ނުދާނަން!"
"އެންމެ ދުވަހަކުވެސް ސްކޫލަށް ނުގޮސް ހުރެގެން ނުވާނެ.... އޭރުން ކިޔެވުމަށް އެކަމުގެ އަސަރުކުރާނެ! އަހަރެން މާބޮޑަކަށް ބައްޔެއްވެސް ނޫން."
"އަހަރެން ނުދާނަން" އަފްޝާން އެހެންބުނީ ގޮތް ދޫނުކުރާ ކަހަލަ ގޮތަކަށެވެ.
ނަދީމް އެއްވެސް އެއްޗެއް ނުބުނެ ލޯމަރައިލިއެވެ. އަފްޝާން އޭނާގެ ގާތުގައި އިށީނެވެ. އަދި އޭނާގެ މޫނުގައި އަތް ޖައްސައިލިއެވެ. ހުންހުރި ވަރެއް ބަލައިލުމަށެވެ. އެވަގުތު ނަދީމް ލޯހުޅުވައިލުމަށް ފަހު އަފްޝާންގެ މޫނަށް ބަލައިލި އެވެ. އޭނާގެ ދެލޮލުގައިވަނީ ކަރުނައެވެ.
"ކޮއްކޯ! ރޮނީތަ؟" ނަދީމް އޭނާގެ އަތުގައި ހިފައިލި އެވެ.

"ނަދީމް ބަލިވީމާ އަހަރެން ވަރަށް ދެރަވޭ!" އޭނާ ނަދީމް ދެކެ ވާ ލޯބި ނަދީމަށް އިޙްސާސް ކުރެވުނެވެ. ނަމަވެސް އެ ލޯބީގެ މާނަ އޭނާ އަކަށް ނޭގެއެވެ.
"ދެރަނުވޭ! އަހަރެން ވަރަށް އަވަހަށް ރަނގަޅުވެދާނެ... ގޮސްބަލަ އަހަންނަށް ސައި ތަށްޓެއް ގެނެސްދޭން"
އަފްޝާން އޭނާ އަށް ސައިގެނެސް ދިނެވެ. އަދި ބޭސް ވެސް ދިނެވެ. ދެ ދުވަސް ފަހުން ނަދީމްގެ ހުން ރަނގަޅުވެއްޖެއެވެ. ނަމަވެސް ވަރަށް ވަރުބައްޔެވެ. އެހެންކަމުން އޭނާ އޮފީހުން އެއް ހަފުތާގެ ޗުއްޓީއެއް ނެގިއެވެ. އެކަމާ އަފްޝާން ހުރީ އުފަލުންނެވެ. ނަދީމާ އެކުގައި ގިނަ ވަގުތު ހޭދަކުރެވޭނެތީ އެވެ.
ވަރަށް ހިތްގައިމު ހަވީރެކެވެ. ގޯތިތެރޭގައި ހައްދައިފައިވާ މާގަސްތަކުގެ ކައިރީގައި އަފްޝާން ހުއްޓައި ނަދީމް އަތުވެއްޖެއެވެ.
"ކޮއްކޯ! ޗޮކުލެޓް ކާނަންތަ؟" ނަދީމް އެހިއެވެ.

"އަހަންނަށް ހީވަނީ ނަދީމް ކޮންމެވެސް ކަމެއް ބޭނުންވެގެން އުޅޭހެން.. ސައި ހަދާދޭންވީތަ؟" އަފްޝާން ހެމުން ބުންޏެވެ.
"ސައި ހަދާނީ ފަހުން. އެންމެ ފުރަތަމަ އެހެން ކަމެއް ކޮށްދީ! އެކަމަކު މިކަން އެއްވެސް މީހަކަށް އަންގައިގެން ނުވާނެ!"
"ބުނެބަލަ! ކޮންކަމެއް ކޮށްދޭންވީ؟" އަފްޝާން ވަރަށް ގަޔާވެފައި އެހިއެވެ.
ނަދީމް ހިނިތުންވެފައި ހުރެގެން ޖީބުން ސިޓީއެއްނެގިއެވެ. އެސިޓީ އޮތީ އުރައަކަށްލާ ބަންދުކޮށްފައެވެ.
"މިގެންގޮސް ކޮއްކޮގެ ސީމާ ދައްތަ އަތަށް ދީފައި އާދޭ! އެއްވެސް މީހަކަށް ދައްކައިގެން ނުވާނެ!" އެސިޓީ އަފްޝާންގެ އަތަށް ދެމުން ކަންފަތް ދޮށުގައި ވަރަށް ސިއްރުން ބުންޏެވެ.

އަފްޝާންގެ މުޅިދުނިޔެ އޭނާއަށްޓަކައި ހާސްވެއްޖެއެވެ. ކުޑަވެއްޖެއެވެ. ދެލޯ ބޮޑުވެ ޙައިރާންވެފައި ނަދީމް އަށް ބަލަންހުރީއެވެ. ހިތަށް ލިބުނު ބުރައިން ނޭވާލުމަށް ވެސް އުނދަގޫވި އެވެ. ހަނދާންތަކާއި ވިސްނުން އެނބުރި ދިޔައީ ފަސްއަހަރުގެ މާޒީއަށެވެ. ހަމަ މިގޮތަށް އަފްޝާން އަތުގައި ސިޓީ ފޮނުވައި އުޅުނު ހަނދާންވެއްޖެ އެވެ. ކުރިމަތީގައި ހުންނަ ގެއެއްގައި އުޅޭ ކުއްޖަކަށެވެ. ސީމާ ނަމަކަށް ކިޔާ ކުއްޖެކެވެ. ޗޮކުލެޓްގެ ދަހިވެތިކަމުގައި އަފްޝާން ވަރަށް އުފަލުން އެކަން ކޮށްދީ އުޅުނެވެ.
އެރޭ އަފްޝާން އަށް އިޙުސާސް ކުރެވުނީ އަލިފާން ތަކެއްގެ މަތީގައި އޮވެވެނީ ކަމަށެވެ. ކަރުނަ ހިފިހުންނަ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. ރޮވެނީއެވެ.
ކުރީގެ ވެސް ގަވާއިދުން ދުވަސްތަކާއި ރޭތައް ތަކުރާރުވެއެވެ. ނަމަވެސް އަފްޝާން މުޅިން ބަދަލު ވެއްޖެއެވެ. އޭނާގެ ކަމަކީ ތާއަބަދު ރުއިމެވެ. ކޮޓަރިން ބޭރަށް ނިކުންނަނީ ވަރަށް މަދުންނެވެ. ނަދީމް ފެންނަހިސާބަށް އެއްގޮތަކަށް ވެސް ނުދެއެވެ. ނަދީމް އަމިއްލަ އަށް އޭނާއާ ބައްދަލުވީ ނަމަވެސް ކުރިން އޭނާގެ މޫނުމަތިން ފެނުނު އުޖާލާ ކަމެއް ނުފެނެއެވެ. އަބަދު އޮންނަނީ އެކަމާ ސުވާލު ކުރަން ޖެހިފައެވެ. އަބަދުވެސް އޭނާ ބުނަނީ ސްކޫލްގައި މަސައްކަތް ބޮޑުކަމުން ވާގޮތެއް ކަމަށެވެ.
އަފްޝާންއަށް ހީކުރެވުނީ ހަޔާތުގެ ހުރިހާ ރީތިކަމަކާއި އުފަލެއް ގެއްލުނީ ކަމަށެވެ. މިހާރު ދިރިހުރުމުގެ އެއްވެސް މާނައެއް ނެތްކަށެވެ. އޭނާގެ ހިތުން ނަދީމަށް ދެވިފައިވާ މަގާމާއި، ލޯބި އޭނާގެ ދުލުން ހާމަނުކުރި ނަމަވެސް އެ ދެ ލޮލުގެ ތެރެއިން ވަރަށް ސާފުކޮށް ފެނެއެވެ. ނަމަވެސް އެކަން ނަދީމަށް ދެނެނުގަނެވުނީ އެވެ.
ނަދީމާއި ސީމާގެ ކައިވެނީގެ ތާރީޚުު ކަނޑައަޅައި، ހުރިހާ ތައްޔާރީތަކެއް ވާންފަށައިފިއެވެ. އަފްޝާންގެ މަންމަ އާއި ނަދީމް އަބަދު އުޅެނީ ބާޒާރުކުރުމުގެ ކަންތަކުގައި ބޭރުގައެވެ. އަފްޝާން އޭނާގެ ކޮޓަރީގައި އެކަނި އޮންނަނީއެވެ. ޙަޔާތް އޭނާއަށް ދައްކާ ބިރުވެރި ނުރައްކާ ބަދަލުގެ މައްޗަށް ވިސްނައި ރޮވެނީއެވެ. ނަދީމް އުޅެނީ ވަރަށް އުފަލުންނެވެ. ގޭތެރެއިން އަބަދު އިވެނީ އޭނާގެ ހުނުމުގެ އަޑެވެ. އޭނާ މިހާރު ކުޑަކޮށް ވެސް އަފްޝާން މަތިން ހަނދާން ނުވާ ކަހަލައެވެ. ގޭތެރެއިން އަފްޝާން ނުފެންނާތީ އެކަމާމެދު އޭނާގެ އެއްވެސް ފަރުވާލެއްނެތެވެ. މިހާރު އޭނާގެ ހުރިހާ ވެސް މީހަކީ ސީމާ އެވެ. އޭނާ އަށް އެންމެ އިސްކަމެއް  ދެވިފައިވަނީ ކައިވެނީގެ ހުރިހާ އިންތިޒާމްތަކެއް އެންމެ ފުރިހަމައަށް ހަމަޖައްސާށެވެ.

ނަދީމްގެ ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހުގެ ކުރީ ރެއެވެ. އަފްޝާންގެ ލޮލަކަށް ނިންޖެއްނައެވެ. އޭނާގެ ހިތްއެދެމުން ދިޔައީ ނަދީމްގެ މޫނުދެކެލުމަށެވެ. އޭނާ ތެދުވެގެން ނަދީމްގެ ކޮޓަރިއަށް ދިޔައިރު ނަދީމް އިނީ މޭޒުދޮށުގައި އެއްޗެއް ލިޔާށެވެ.
"އަދިވެސް ނުނިދަންތަ؟ ކީއްކުރަން ތިޔައައީ؟" އަފްޝާން ފެނުމުން ނަދީމް އެހިއެވެ.
"ސީމާ ދައްތައަށް ސިޓީ ލިޔަނީތަ؟" ނަދީމް ކުރި ސުވާލުތަކަށް ޖަވާބު ނުދީ އަފްޝާންވެސް ކުރީ ސުވާލެކެވެ.
"ކުޑަކުދިން މިކަހަލަ ކަންކަމާ ބެހޭނެ ކަމެއްނެތް!...... މިހާރު އެތައް ދަމެއް ފާއިތުވެއްޖެ! ދެން ނިދަން ދޭ!" ނަދީމް ވާހަކަދެއްކީ މަޑުމަޑުންނެވެ. ނަމަވެސް އެއަޑުގައި ހަރުކަށިކަމާއި، އަމުރުވެރިކަމުގެ ރާގު އެކުލެވިފައި ހުއްޓެވެ.

އަފްޝާންގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވިއެވެ. ނަމަވެސް އެއީ އެތަކެއް ހާސް ފަހަރުގެ ރުއިމަށްވުރެ ހިތާމަހުރި ހިނިތުން ވުމެކެވެ. ފެންކަޅިވެފައިވާ ދެލޮލުން ނަދީމާ ދިމާއަށް އިރުކޮޅެއްވަންދެން ބަލަން ހުރުމަށްފަހު އެތަނުން ނިކުތީއެވެ.
ޖެހިގެންއައި ދުވަހަށް އިރުއެރީ ނަދީމްގެ ދިރިއުޅުމަށް އުފަލާއި އުޖާލާކަން ގެނުވަމުންނެވެ. ކައިވެނި ކުރުމުގެ ރަސްމިއްޔާތާއި، ހަފްލާ އޮތީ ސީމާގެ ގޭގައެވެ. އެހެންކަމުން ވަރަށް ހެނދުނާ އަފްޝާންމެންގޭ އެންމެން ސީމާގެ ގެޔަށް ހިނގައްޖެއެވެ. ނަމަވެސް އަފްޝާން އެއް ނުދެއެވެ. އޭނާ އޮތީ ކޮޓަރީގައެވެ. އެދުވަހު އެގޭ އެކަކު ވެސް އަފްޝާން މަތިން ހަނދާން ނެތްކަހަލައެވެ.

އެރޭ ކައިވެނީގެ ހަފްލާ ނިމި ދެފަރާތުގެ އާއިލާގެ މީހުން އެކުގައި ފޮޓޯ ނެގުމުގެ ވަގުތު ޖެހިއްޖެއެވެ. ނަދީމް އަށް އަފްޝާން މަތިން ހަނދާންވީ އެވަގުތުއެވެ.
"ދައްތާ! އަފްޝާން ކޮއްކޮ ކޮބާ؟ ހެނދުނުއްސުރެ އަހަރެން އޭނާއެއް ނުދެކެން." ނަދީމް އަފްޝާންގެ މަންމަ ގާތުގައި ބުންޏެވެ.
މަންމަ އަށް ވެސް އަފްޝާން އާއި ދޭތެރޭގައި ވިސްނާލެވުނީ ނަދީމް އެހެން ބުނުމުންނެވެ.

"ނޭނގެ! މިއަދު އަދި އަހަރެން ވެސް އޭނާ އެއް ނުދެކެން. ހިއެއްނުވޭ މި ތަނަށް އައިހެންނެއް ވެސް... އެކަމަކު މި ދުވަހަށްޓައި އޭނާ ވަރަށް ޚާއްސަ ހެދުމެއް ވެސް ފެހި، މި ތަނަށް އަންނަންވެގެން ވަރަށް ގިނަގުނަ ތައްޔާރީތައްވީ....!" މަންމަގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވި އެވެ.
"އަނެއްކާ ކޮއްކޮ ބަލިވީ ކަންނޭނގެ... ހިނގާބަލަ ވީގޮތެއް ބަލާލަން." ނަދީމް ބުންޏެވެ.

ފާއިތުވީ ދުވަސްތަކުގައި އަފްޝާންގެ އުޅުމަށް އައި ބޮޑު ބަދަލާ ދޭތެރޭ ނަދީމްއަށް ވިސްނައިލެވުމުން އެނާގެ ހިތަށް ނޭގޭ ބިރުވެރިކަމެއް ވެރިވިއެވެ.
ނަދީމާއި އަފްޝާންގެ މަންމަ އަވަސްއަވަހަށް ގެޔަށް ދިޔައެވެ. ގޭތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އަފްޝާންގެ ކޮޓަރި ކައިރީގައި އޭނާގެ ފައިވާން ހުރުމުން އޭނާ ކޮޓަރީގައި އުޅޭކަން އެނގުނެވެ. ފަންކާގެ އަޑުވެސް ކޮންމެވެސް ވަރަކަށް އިވެއެވެ. ނަދީމް އެތައްފަހަރަކު އަފްޝާން އަށް ގޮވުމުން ވެސް ޚަބަރެއް ނުވިއެވެ. މަންމަ އަށް ވިސްނުނީ ޑަބަލްކީ ބޭނުން ކޮށްގެން ދޮރުހުޅުވާށެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެއޭ ނަދީމްގެ ހިތް ބުނަމުން ދިޔުމުން އޭނާ ވެސް އެގޮތާ ގަބޫލުވިއެވެ. ދޮރުހުޅުވައިލި އިރު ކޮޓަރިތެރޭގައި އެއްވެސް އަލިކަމެއް ނުވެއެވެ. ނަދީމް ބޮކި ދިއްލައިލި އެވެ. އެނދުމަތީގައި ހުރަހަށް ވާގޮތަށް އަފްޝާން ލޯމަރައިގެން އޮތެވެ. އޭނާ އޮތީ ނަދީމްގެ ކައިވެނީގެ ހަފްލާ އަށް ދާން ތައްޔާރު ވެގެންނެވެ. މަންމަ އެތައް ފަހަރަކު ގޮވުމުން ވެސް ލޮލެއް ނުހުޅުވިއެވެ. ނަދީމް ވެސް އޭނާ އަށް ގޮވިއެވެ. ނަމަވެސް އެންމެ ފަހުން ނަދީމް އަށް ފާހަގަ ކުރެވުނީ އޭނާގެ ހަށިގަނޑުގައި ވިންދު ނެތްކަމެވެ. އެވަގުތު އެނދުމަތީގައި އޮތް ކުޑަ ނޯޓެއް ނަދީމް އަށް ފެނުނެވެ.

"އަހަރެން ނަދީމްގެ ލޯބީގައި ނެތިދަނީއެވެ. ނަދީމަށް އެކަން ނޭގެނީ ހެއްޔެވެ؟"
އެނޯޓު ފެނުމުން ނަދީމް އަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ވަރަށް ބާރާށް ޖެހިހެންނެވެ. އޭނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އައެވެ. ނަދީމްގެ އަތުގައި އޮތް ނޯޓު މަންމަ ވެސް ކިޔައިލި އެވެ. އަފްޝާން އެފަދަ ގޮތަކަށް ނަދީމާ ދޭތެރޭގައި ދެކޭކަން އެއްވެސް މީހަކަށް އެނގިފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ޢަމަލުން އެކަން ދައްކައިދިނެވެ. ނުސީދާ ގޮތަށް އަފްޝާން ދައްކާފައިވާ ވާހަކަތަކާއި، އޭނާގެ ދެލޮލުން ފޮނުވަމުންދިޔަ މެސެޖުތަކާ ދޭތެރޭ ފުރަތަމަ ފަހަރަށް ނަދީމް އަށް ވިސްނައިލެވުނެވެ. ނަމަވެސް ހުރިހާކަމެއް އެނގި ސާފުވީއިރު ވަގުތު ފާއިތުވެއްޖެ އެވެ. ނަދީމް އެހެންމީހަކާ ކައިވެނި ކޮށްފިއެވެ. އަފްޝާން ޒަހަރު ބުއީއެވެ. އަބަދުގެ އަބަދަށް އެ ލަދުރަކި ދެ ލޯ މެރުނީއެވެ.
-----------------------------
(ނިމުނީ)

މި ވާހަކަ:

ފޮނުވުން:    ޢަލްފާޟިލާ ޢާއިޝަތު ސަނާ
އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޝާއިޢުކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ