އަދުގެ ޚާއްސަ

Print

ނިރުބަވެރިކަމުގެ އިލްޒާމާމެދު ...

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

މުސްލިމުންގެ ބޮލުގައި އެޅުވިފައިވާ ނިރުބަވެރިކަމުގެ އިލްޒާމާމެދު

ނަބަވީ ސީރަތުގެ އަލީގައި ބަލައިލުމެއް


ޢަބްދުاللّه ފާރޫޤު ޙަސަން


މިހާރަކަށްއައިސް ދުނިޔޭގެ ކަންކޮޅުތަކުން ދަނީ ޤާނޫނުތައް ފައިދޮށުލުމާއި، ނިރުބަވެރިކަމުގެ  ހުޅުއަރަމުންނެވެ. ޙަޤީޤަތުގައި މި ނުރައްކާތެރި މަސްއަލައަކީ، ހުޅަނގުގެ ތަހްޒީބާއި އެ ތަހްޒީބުގެ ފިކުރީ އަދި ސިޔާސީ ލީޑަރޝިޕުން އުފައްދައިފައިވާ މަސްއަލައެކެވެ. މި މަސްއަލަ އުފެދުނީ، ދުނިޔޭގައި ނަގާކިޔާންފެށި ބައެއްގެ ސަބަބުންނެވެ. އެބައިމީހުންނަކީ، އިންސާނީވަންތަކަމުގެ ޒަމީރު މަރުވެފައިވާ ބަޔެކެވެ. އަޚްލާޤީ ދާވަނީގައި އެއްވެސް އެއްޗެއްނެތް ބައެކެވެ. އީމާންކަމެއް އިޢުތިޤާދެއްނެތް ބައެކެވެ. ލޯތްބާއި އިޚްލާޞްތެރިކަމުގެ މާނަ ނުދަންނަ ބައެކެވެ. އިންސާނިއްޔަތުގެ ޝަރަފާއި އިޙްތިރާމާމެދު ޣާފިލުވެފައި ތިބިބަޔެކެވެ. އެބައިމީހުން ދަންނަނީ، ހަމައެކަނި އަހަރެންވަންތަކަމެވެ. އެބައިމީހުންގެ ޙަޔާތުގެ ފަލްސަފާއަކީ، ޝަހްވަތްތެރިކަމުގެ ފަލްސަފާއެވެ. ދެލޯ މަރައިލައިގެންތިބެ ޤައުމިއްޔަތަށް އަޅުކަންކުރުމެވެ. މިފަދަ ބަޔަކު ޖުމްހޫރީ ނިޒާމެއްގެ ލަގަނުގައި ހިފިޔަސް، އިސްތިޢުމާރީ ނުވަތަ އިޝްތިރާކީ ނިޒާމެއްގެ ވެރިކަމަށް އަޔަސް، އެބައެއްގެ ފަރާތުން ޞާލިޙު މުޖްތަމަޢެއް އުފެދުމަކީ ނުވާނެ ކަމެކެވެ. ޤާނޫނަށް އިޙްތިރާމްކުރާ، ޞުލްޙަވެރިކަމަށް ލޯބިކުރާ ޖީލެއް ބިނާކުރެވުމަކީ މުސްތަޙީލު ކަމެކެވެ. މާތް اللّه ދެކެ ބިރުވެތިވާ، ތަޤްވާވެރި ބަޔަކު އިތުރުވެގެން އައުމަކީ، ނުފޯދޭ ރުކެއްގެ އެތެއް ލިބުންފަދަ ކަމެކެވެ. މިއަދު ދުނިޔެއިން ފެންނަމުން މިދަނީ، މިވާހަކައިގެ ތެދުކަމެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم އިންސާނީ ދުނިޔެއަށް ކޮށްދެއްވި އެންމެ ބޮޑު އެއް އިޙްސާންތެރިކަމަކީ، ޞާލިޙު އިންސާނުންތަކެއްގެ މައްޗަށް ބިނާވެފައިއޮތް އަމާން މުޖްތަމަޢެއް ޤާއިމުކުރެއްވުމެވެ. ގޮތްހުރި، މުރުއްވަތްތެރި، ހެޔޮލަފާ، މާތް އިންސާނުންތަކަކަށް ކުރިޔަށް ނިކުމެވޭފަދަ ވެއްޓެއް ޤާއިމުކޮށްދެއްވުމެވެ.

އިތުރު ސާހިބާ صلّى اللّه عليه وسلّم ގެ ތޫނު ވިސްނުންފުޅުގެ އެއް މުޢުޖިޒާއަކީ، ޢަރަބީންފަދަ ލެޔަށް ފެންބޮވައިގެންފައި ތިބިބައެއްގެ ތެރޭގައި އަމްނުއަމާންކަމާއި ޢަދުލުވެރިކަމުގެ މައްޗަށް ބިނާވެފައިއޮތް ދައުލަތެއްގެ ބިންގާ އެޅުއްވުމެވެ. އިތުރު ސާހިބާ ޢަރަބީންގެ މުޝްރިކުންގެ ބާރު އެކޮޅުކޮޅުން ޖައްސަވައިލެއްވިއެވެ. ޔަހޫދީންގެ މަކަރުވެރި ސިޔާސީ ރޭވުންތައް ނިމުމަކަށް ގެންނެވިއެވެ. ރޫމީންގެ ބޮޑާކަމާއި ކިބުރުވެރިކަން ނައްތައިލެއްވުމުގެ އިންތިޒާމުތައް ހަމަޖެއްސެވިއެވެ. އިތުރު ސާހިބާ މިފަދަ ވަރުގަދަ އިންޤިލާބީ ބަދަލުތަކެއް ދުނިޔެއަށް ގެންނެވިއިރު، އެ މަސައްކަތްޕުޅުގައި އޮހޮރައިލެވިފައިވަނީ އިންސާނީ ލޭގެ ވަރަށްމަދު މިންވަރެކެވެ. އިތުރު ސާހިބާގެ އެކުވެރީންކުރެ ޝަހީދުވެވަޑައިގަތް ބޭކަލުންނާއި، އިދިކޮޅު ގްރޫޕުން ގަތުލުވި މީހުންގެ ޢަދަދު ކުރެވެނީ، މަދު ސައްތަ ތަކަކުންނެވެ.

އިތުރު ސާހިބާގެ ކުރިން ދުނިޔެ ދެކެފައިވާ އެކިއެކި އިންޤިލާބުތަކާއި މިޒަމާނުގެ އެކިއެކި ޙަރަކާތްތަކުގައި އިންސާނީ ލޭ އޮހޮރުވައިލެވިފައިވަނީ، ވަރަށްވެސް ތިޔާގިކަމާއެކުގައެވެ. އިންސާނީ ފުރާނަތައް ހާހުން، ލައްކައިން ވަނީ ދުނިޔެއާ ވަކިކޮށްލެވިފައެވެ. މި ޙަޤީޤަތްތަކުން ސާބިތުވަނީ، އިސްލާމްދީނަކީ ނިރުބަވެރިކަމުގެ ދީނެއް ނޫންކަމެވެ. އެދީނުގެ ނަބިއްޔާއަކީ، ރަޙްމަތާއި ކުލުނުވެރިކަމާއި އޯގާވެރިކަމުގެ ނަބިއްޔާކަމެވެ.

މިދެންނެވިފަދަ ޞުލްޙަމަސަލަސްކަމާއި އަމަންއަމާންކަމާއި އިންސާނީ ކަރާމަތަށް އިސްކަންދެއްވި ރަޙްމަތުގެ ނަބިއްޔެއްގެ ދީނާއި، އެދީނަށް ތަބާވާ މީހުންގެ ބޮލުގައި ހުޅަނގުން ނިރުބަވެރިކަމުގެ ތުހުމަތު އަޅުވާކަމީ ޙައިރާންވާންޖެހޭ ކަމެކެވެ. އިސްލާމްދީނާއި މުސްލިމުންގެ ސިފަ ހުތުރު ކުރުމަށް ދަމާ އެއްރޮއްޖަކަށް ފޫގަޅައިގެން ނިކުމެތިބުމަކީ އަންތަރީސްވާންޖެހޭ ކަމެކެވެ.

ހުޅަނގުގެ ދީނާ ދުޝްމިން މީޑިޔާއާއި، ޒަޔަނިސްޓުންގެ ދޮގު ޚަބަރުފަތުރާ ވަސީލަތްތަކުގެ މީހުންނަށް މިހާރަކަށްއައިސް އެންމެ ހިތްގައިމުކަންލިބޭ އެންމެ ރަހަމީރު އިޞްތިލާޙަކީ އިސްލާމީ ނިރުބަވެރިކަމެވެ. ހުޅެވި ހަނދާއި ސަލީބާ ދެމެދު އޮންނަ ޒަމާންވީ ހަތުރުވެރިކަމުގެ ސަބަބުން، ޔޫރަޕުގެ އަހްލުވެރިންގެ ހިތްތަކުގައި އުފެދިފައިވާ ނުހިކޭ ފާރުން، ކުރިއެކޭވެސް އެއްގޮތަށް މިހާރުވެސް ހުންނަނީ ދިޔަ ނިކުމެނިކުމެއެވެ. ނަތީޖާއަކަށްވަނީ، މާތްވެގެންވާ އިސްލާމްދީނުގެ ރީތި ބުރުސޫރަ ހުތުރުކުރަން ރެއެއްދުވާލެއްނެތި މަސައްކަތް ކުރުމެވެ. ޝައިޠާނީ ރޭވުންތައް ރޭވުމެވެ. މިހާރަކަށްއައިސް މިރޮނގުން ކުރަމުންގެންދާ އެންމެ ލަދުހުތުރު މަސައްކަތަކީ، އިސްލާމްދީނާއި ނިރުބަވެރިކަމަކީ އެއްމާނައެއްގެ ދެކަންތައް ކަމުގައި ދުނިޔެއަށް ދައްކާން ކުރާ މަސައްކަތެވެ. ޞުލްޙަމަސަލަސްކަމާއި އެއްބަނޑުއެއްބަފާކަމާއި، ހަމަހަމަކަމާއި، އިންސާނީ ކަރާމަތާއި، އިންސާނީ ޙައްޤުތައް ދުނިޔެއަށް ތަޢާރުފުކޮށްދެއްވި އިންސާނިއްޔަތުގެ މުހުސިންގެ އިސްތަށިފުޅުގައި މި ޙަޤީޤަތާ ޚިލާފު ތުހުމަތު އަޅުވާން އުޅުމެވެ.

ތާރީޚުގެ ޞަފްޙާތަކަށް ރުޖޫޢަވާ ކޮންމެ މީހަކަށް، ދުވާލުގެ އިރެކޭ އެއްފަދައިން ފެންނާންހުރި ޙަޤީޤަތެކެވެ. މަސަލަސްކަމާއި، ރީތި އަޚްލާޤާއި އިންސާނީވަންތަކަމުން ޒީނަތްތެރިވެފައިވާ މުރުއްވަތްތެރި ބައެއްގެ މައްޗަށް އެކުލެވޭ މުޖްތަމަޢެއް ދުނިޔޭގައި އެންމެފުރަތަމަ ބިނާކުރެއްވީ، އިސްލާމްދީނުގެ ނަބިއްޔާއެވެ. އިންސާނިއްޔަތަށް އެންމެ ރީތި އުސްވަތެއް ދެއްކެވީ، އެމާތް ސާހިބާއެވެ. އެ މުޖްތަމަޢަކީ ހަނގުރާމަ ކުރާހިތުން ހަނގުރާމަކުރި މުޖްތަމަޢެއް ނޫނެވެ. މީސްތަކުންގެ ކަނދުރާތަކުގައި ކަނޑި ހިންގާހިތުން ޖިހާދުކުރުމުގެ ތަޞައްވުރެއް ގެންގުޅުނު މުޖްތަމަޢެއް ނޫނެވެ. އެފަދަ މިސާލެއް އިސްލާމީ ތާރީޚުގެ ތެރެއިން ލޮލުކޮޅަށްވެސް ފެންނާކަށެއް ނެތެވެ. އަދި ކީއްތޯއެވެ؟ އިސްލާމީ ތާރީޚުން ފެންނަނީ، މީހުންމަރާ މީހުންނާއި، މަގުފޭރޭ މީހުންނަކީ އިންސާނިއްޔަތުގެ އެންމެ ބޮޑެތި ދުޝްމިނުންކަމުގައި ކަނޑައަޅައިފައިވާތީއެވެ. ނަމަވެސް، ހުޅަނގުގެ ދޫނުބައި، ޚަޞީލަތް ނުބައިމީހުންވަނީ އިސްލާމީ ޖިހާދާބެހޭ ޙުކުމްތައް ރޯނުބައިކޮށް ޝަރަޙަކޮށްފައެވެ. ހިނިއަންނަފަދަ ގޮތްގޮތަށް ތައުވީލުކޮށްފައެވެ. އިސްލާމީ ޖިހާދަކީ ކަނޑީގެ ބާރުގައި ދީން ފެތުރުމުގެ ވަސީލަތެއްގެ ސިފައިގައި ދުނިޔެއަށް ދެއްކުމަށެވެ. މުސްލިމުންގެ ވާދަވެރީންގެ ޤަތުލުޢާއްމުތައް ހިންގުމުގެ މައުޟޫޢަކަށް ހެދުމަށްޓަކައެވެ.

އިންސާނީ ތާރީޚު ވަނީ އަނިޔާއާއި ބޭއިންސާފާ ދެކޮޅަށް އިންސާނުން ތެދުވެ، ތިމާމެންގެ ޙައްޤު ހޯދުމަށް ކެރިގެން ކުރިމަތިލާ ކުރިމަތިލުމުގެ ޙާދިޘާތަކުން ފުރިފައެވެ. އިންސާނީ ޙައްޤުތައް ނިގުޅައިގަނެވި، ޢަދްލުއިންޞާފުގެ ލޭއޮހޮރައިލެވޭން ފެށުމުން އިންސާނުންނަށް މަޖްބޫރުވަނީ އެކަންކަމާ ދެކޮޅަށް ތެދުވުމަށެވެ. ބޮލުގައި ކަފުން ބަނދެލައިގެން ސީދާ ކުރިމަތިލުމުގެ މައިދާނަށް ނުކުންނާށެވެ. ނުވަތަ ފިލައިތިބެގެން އަނިޔާވެރިކަމުގެ ކިއްލާތަކަށް ޙަމަލަދޭން ފަށާށެވެ. ކައިރި މާޒީއަކުން ފެށިގެން ދުނިޔޭގައި ތަކުރާރުވަމުން މިއަންނަ ތަޅާފޮޅުމާއި، ހަނގުރާމައާއި، ނުސިޔާނު ގޮތްގޮތަށް ބާރުގެ ބޭނުންކުރުމާއި، ނިރުބަވެރިކަމުގެ ޙަރަކާތްތަކަށް ނަޒަރު ހިންގައިލުމުންވެސް ސާބިތުވަނީ މިކަންކަމަކީވެސް ރައްޔިތުންނަށް ޙައްޤާއި އިންސާފު ނުލިބުމުގެ ސަބަބުން ފެށިގެންއުޅޭ ކަންތައްތަކެއްކަމެވެ. ފަލަސްޠީނުގެ ރައްޔިތުން އެބުނާ [ނިރުބަވެރިކަން] ޚިޔާރުކުރީ ކީއްވެތޯއެވެ؟ އެމެރިކާއާއި އިނގިރޭސީންގެ ބާރުގައި ބޭރުންގެނައި ޔަހޫދީންތަކަކަށް ފަލަސްޠީނުގެ އަމިއްލަ ބިމުގައި ދައުލަތެއް އުފައްދައިދިނުމުންނެވެ. ހުރިހާ ހަމަތަކަކާ ޚިލާފަށް، އެ ދައުލަތް ދަމަހައްޓާތީއެވެ. ފަލަސްޠީނުގެ އަސްލު ވަޒަންވެރިންގެ ޖާނާއި މާލާއި ޢިއްޒަތާއި ޢިއްފަތާއި ކަރާމަތް ފައިދަށުލާތީއެވެ. އިސްރާއީލުގެ ލާއިންސާނީ ކޮންމެ ޢަމަލެއް ވީޓޯގެ ޒަރީޢާއިން ޙިމާޔަތްކޮށްދޭތީއެވެ.

އިސްލާމީ ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ނަޒަރު ހިންގައިލިޔަސް، ކަންއޮތީ މިގޮތަށެވެ. އެޤައުމުތަކުގެ ޒުވާނުން ނިރުބަވެރިކަން ޚިޔާރުކުރީ، ހުޅަނގުގެ ޙިމާޔަތުގައި ވެރިކަން ކުރަމުންދާ މީހުންގެ އަނިޔާއާއި ގޮށްމުށުބާރަށް ކެތްނުކުރެވިގެންނެވެ. ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތުމުގައި ހުރިހާ ހަމަތަކެއްގެ އިންފަހަނަޅައި، ވެރީން ބޭރަށް ނުކުތުމުންނެވެ. އަލްޖޭރިޔާއިންވެސް، މިސުރުންވެސް، ތޫނިސުންވެސް، ލީބިޔާއިންވެސް، ޗެޗްނިޔާއިންވެސް، ކަޝްމީރުންވެސް ފެންނަނީ ދެވަނަ އެހެން މަންޒަރެއް ނޫނެވެ. މެދުއިރުމަތީގެ ޢަރަބި ޤައުމުތަކަކީ އެމެރިކާގެ މަޞްލަޙަތުތައް ޤާއިމުކޮށްފައިވާ ޤައުމުތަކެކެވެ. އެތަންތާނގެ ރައްޔިތުންގެ ރުހުމާ ޚިލާފަށެވެ. އެތަންތާނގެ ވެރީން އިރުޝާދާއި ޙިމާޔަތް ލިބިގަންނަނީ ހުޅަނގުގެ ބޮޑުސާހިބުންގެ ހިރިޔާފާތުރާއިންނެވެ. ރައްބަކަށް ރަސޫލަކަށް ރައްޔިތަކަށް ކުޑަވެސް ބެލުމެއްނެތެވެ. އެކަމަކު ރައްޔިތުން ހިމޭނުން ތިބޭންވީތޯއެވެ. [ބަސްއަހައިގެން ތިއްތިކޮށް] ތިބޭންވީތޯއެވެ؟ ނޫނެކެވެ.

އިސްލާމީ ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި ހިނގަމުންދާ [ޤާނޫނާ ޚިލާފުވުމާއި، ނިރުބަވެރިކަމުގެ] ހުރިހާ ޙަރަކާތްތަކަކަށް ވިސްނާއިރުވެސް، އެކަންކަމުގެ ފަސްމަންޒަރުގައިވަނީ ރިޔާސީ ނިރުބަވެރިކަމެވެ. ވެރިކަންކުރާ ގިންތިތަކުގެ އަނިޔާވެރިކަމާއި ގޮށްމުށުބާރެވެ. ރައްޔިތުންގެ މުއްސަނދިކަން ފޭރުމެވެ. އިންސާނީ ޙައްޤުތައް ފައިދަށުލުމެވެ. ވެރިންގެ އަހަރެންވަންތަކަމުގެ ސަބަބުން ރައްޔިތުންގެ ނޭވާހާސްވުމެވެ. ވެރިކަމުގެ ފަރާތުން އަމަންއަމާންކަން ޤާއިމުކުރުމާމެދު ފަރުވާކުޑަކުރުމެވެ. ނިރުބަވެރި ޙަރަކާތްތައް ހިންގާ ޖަމާޢަތްތަކާ ވެރިކަމާ އޮންނަ ސިއްރު ގުޅުމެވެ. ވެރިންނަށް ޢަދްލުއިންޞާފު ޤާއިމުކޮށް ނުދެވުމެވެ. ނަތީޖާއަކީ، ޞުލްޙަވެރިކަމާއެކު ތަނުގެ ޙާލަތު ބަދަލުކުރަން ބޭނުންވާ ހެޔޮކަމަށް ގޮވާލާ މީހުން މާޔޫސްވުމެވެ. ވެރިން އިންތިޚާބުތަކުގައި ހިންގާ މަކަރާއި އޮޅުވާލުމާއި ނުފޫޒުގެ ސަބަބުން، ރައްޔިތުންގެ ކުރިމަތީގައި ގޮތްހުސްވުމެވެ. ރައްޔިތުންނަށް ހަތިޔާރުގައި ހިފަން މަޖްބޫރުވުމެވެ. ޤާނޫނު ވީދާން މަޖްބޫރުވުމެވެ.

ޝައްކެއްނެތެވެ. ނިރުބަވެރިކަން އުފަންވަނީ އިންސާފު ގެއްލުމުގެ މާބަނޑުންނެވެ. އަނިޔާ ލިބެމުންދާ މީހުންނާއި، މުޖްރިމުންގެ ޝިކާރަޔަކަށް ވަމުންދާ ފަރާތްތަކަށް، ވެރިކަމުގެ ފަރާތުން ބަދަލު ހޯދައިނުދެވުމެވެ. އޭގެ ނަތީޖާއަކަށްވަނީ، އަމިއްލަޔަށް އިންސާފު ލިބިގަތުމުގެ ޢަޒުމް ހިތްތަކުގައި އުފެދުމެވެ. އެއީ އިންސާނީ ޠަބީޢަތެވެ. އެއީ ވަކި ދީނެއްގެ ނުފޫޒެއް ނޫނެވެ. މިބާވަތުގެ ޙަރަކާތްތައް ވަކިދީނަކާ ގުޅުވާނަމަ، އައިރިޝް ރިޕަބްލިކަން އާމީގެ ޙަރަކާތްތައް ގުޅުވާނީ ކޮންދީނަކާތޯއެވެ؟ އިންޑިޔާގެ އާސާމުގެ މަސްއަލައާއި، ލަންކާގެ ތަމަޅައިންގެ މައްސަލަ ގުޅުވާނީ ކޮންދީނަކާތޯއެވެ؟

އިސްލާމްދީނުގެ އުޞޫލުތަކަށް ވިސްނައިލާއިރު، ރަނގަޅު މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައިވެސް ނުބައި މަގަކުން ހިނގާކަށެއް އެދީން ހުއްދައެއް ނުދެއެވެ. މުޖްތަމަޢެއް ރަނގަޅު މަގަށް އަޅުވައި، ހެޔޮކަމުގެ އިންޤިލާބެއް ގެންނާންވެސް، އަނިޔާއާއި ބޭއިންސާފާއި ކުށެއްނެތް މީހުންގެ ލޭއޮހޮރުވައިލުމަކީ އެދީން އެއްގޮތަކަށްވެސް ރުހޭކަމެއް ނޫނެވެ. އިސްލާމްދީނާއިގެން ވަޑައިގެންނެވި ރަޙްމަތުގެ ނަބިއްޔާގެ ސީރަތުން، ނަމޫނާ ފެންނަ ކަމެއްވެސް ނޫނެވެ.

ހެޔޮބަދަލުތައް ގެންނެވުމަށްޓަކައި އިސްލާމްދީނުގެ ނަބިއްޔާ ދައްކަވައިފައިވާ މަގަކީ، މީސްތަކުންގެ ހިތްތައް ބަދަލުކުރައްވަން މަސައްކަތްޕުޅު ކުރެއްވުމުގެ މަގެވެ. ހެޔޮނަސޭހަތްޕުޅުތަކާއި ރިވެތި ވަޢުޡުންނެވެ. ބޭނުންފުޅުވާ ނަތީޖާ ފެނިވަޑައިގަތުން ލަސްވަމުންދިޔައިރުވެސް، ކެތްތެރިވެވަޑައިގަތުމުގެ މަގެވެ.

އިސްލާމްދީނުގެ ނަބިއްޔާގެ ރިސާލަތުގެ މައްކީ ދައުރުގެ ތޭރައަހަރު ހޭދަކުރެއްވީ، އިސްވެދެންނެވި ފަދައިންނެވެ. ރިސާލަތުގެ މައްކީ ދައުރުގައި ކައުސާހިބާއަށާއި، އެކަލޭގެފާނުގެ އިތުރު ޞަޙާބީންނަށް އިންތިހާދަރަޖައިގެ ގަދަބަދަވިކަމާއި، އަނިޔާވެރިކަމާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. އިންސާނީ ހަމްދަރުދީގެ ލަގޮނޑި ފަޅައިގެންދާވަރުގެ އިހާނެތި ކަންތައްތައް ތަޖްރިބާ ކުރެއްވުނެވެ. ނަމަވެސް، ނަބަވީ ގޮތްކޮޅަކަށް ހެއްދެވީ ދީނީ ދަޢުވަތުގެ ސިލްސިލާ ކުރިޔަށް ގެންދެވުމެވެ. މައްކާގެ މުޝްރިކުންގެ ނިރުބަވެރި ޢަމަލުތަކުގެ ޖަވާބުގައި ހަރުކަށިކަން ނުދެއްކެވުމެވެ. ޤުރައިޝުންގެ އަނިޔާވެރިކަން އިންތިހާޔަށް ދިޔައިރުވެސްމެއެވެ. އިތުރު ޞަޙާބީންގެ ހަށިކޮޅުތައް ފާރުވެ، އިސްތަށިފުޅު ފެޅިފައިވާ ހާލުކޮޅުގައި ވަޑައިގެން ހަނގުރާމައިގެ ހުއްދަ އެދިވަޑައިގަންނަވަމުން ގެންދެވިއިރުވެސްމެއެވެ. ކައުސާހިބާ صلّى اللّه عليه وسلّم އެކަލޭގެފާނުގެ ޞަޙާބީންނަށް އަމިއްލަފުޅު ވަޒަންދޫކޮށްލެއްވުމުގެ ހުއްދަ ދެއްވިއެވެ. ނަމަވެސް، ޤުރައިޝުންނާ ދެކޮޅަށް އެއްވެސްކަހަލަ ބާރެއްގެ ބޭނުންކުރެއްވުމުގެ ހުއްދައެއް ނުދެއްވިއެވެ.
   
ޤުރައިޝުންގެ އަނިޔާވެރިކަމުގެ ޠޫފާން ނޭފަތުކުރި ފެނުޖެހޭވަރަށް އުތުރި އެރިއެވެ. އިތުރު ސާހިބާއާއި އެކަލޭގެފާނުގެ އަހުލުބައިތުން ޙިޞާރުކޮށް، އިޖްތިމާޢީގޮތުންނާއި، އިޤްތިޞާދީގޮތުން ބޮއިކޮޓްކުރިއެވެ. އިންތިހާދަރަޖައިގެ ހައިހޫނުކަން ކުރިމަތިކުރުވިއެވެ. އިތުރު ސާހިބާ އޭރުވެސް ގެންދެވީ ތެދުމަގަށް ގޮވައިލައްވަމުންނެވެ. ނުހަނު ކެތްތެރިވެވަޑައިގެން ހުންނަވައެވެ. އެކަލޭގެފާނު ސާބިތުވެވަޑައިގެން ހުންނެވީ، މާތް اللّه އަށް އީމާންވުމަށް ދަޢުވަތު ދެއްވުމުގައެވެ. ހެޔޮކަންތަކަށް އަމުރުކުރެއްވުމާއި، މުންކަރާތްތައް ނަހީކުރެއްވުމުގައެވެ.

އިތުރު ސާހިބާގެ އިޚްލާޞްތެރި މަސައްކަތްޕުޅުގެ ހެޔޮނަތީޖާ މަޑުމަޑުން ފެންނާންފެށިއެވެ. އެކަލޭގެފާނުގެ ފިކުރީ އިންޤިލާބުގެ ދަޢުވަތަށް ފާޅުގައި ތާއީދު ނުކުރިޔަސް، އެ އިންޤިލާބާމެދު އެތައްބައެއްގެ ހިތްމަޑުވިއެވެ. އެ އިންޤިލާބަށް ހަމްދަރުދީވާ އެތައްބަޔަކު އުފެދުނެވެ. އިތުރު ސާހިބާގެ މަތިވެރިކަމާއި ތެދުވެރިކަމަށް ހިތުގެ ފުންމިނުން އިޢުތިރާފުވާ މީހުން ގިނަވާންފެށިއެވެ. އިތުރު ސާހިބާއާ މެދުގައްޔާއި، އެކަލޭގެފާނުގެ މިތުރު ޞަޙާބީންނާމެދު އެބައިމީހުންގެ ހިތްތަކުގައި ހަމްދަރުދީގެ ޖަޒުބާތު މޯޅިއަށް ދެމެންފެށިއެވެ. މުޝްރިކުންގެ ބޮޑުންގެ އިންތިހާދަރަޖައިގެ މަސައްކަތާއެކުވެސް، އެބައިމީހުންގެ ވަށައިގެންތިބި މީހުންތައް ދުވަހެއް ދުވަހަކަށް ދިޔައީ ތުނިވަމުންނެވެ.

މައްކާގެ މުޝްރިކުންގެ ބޮޑުންނަށް އެކަން އިޙްސާސްވަމުންދިޔައެވެ. އެމީހުން ކަނޑައެޅީ، އިތުރު ސާހިބާ ޝަހީދުކޮށްލުމަށެވެ. މަސްއަލަ އެހިސާބަށް ދިޔުމުންވެސް އިތުރު ސާހިބާ މުސްލިމުން ގޮވައިގެން މުޝްރިކުންނާ ހަނގުރާމަޔަށް ނުކުމެވަޑައިގެންނެވީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ އަރަހުށި މާތް اللّه އިތުރު ސާހިބާއަށް މައްކާ ދޫކޮށްލައްވައި މަދީނާއަށް ހިޖްރަކުރެއްވުމުގެ އިޒުނަދެއްވިއެވެ. އިތުރު ސާހިބާގެ ހިޖްރަޔަކީ، އެކަލޭގެފާނުގެ ޢަދުއްވުންގެ މައްޗަށް އެކަލޭގެފާނަށް ލިބިވަޑައިގެންނެވި އެންމެބޮޑު ކާމިޔާބީއެވެ.

މައްކީ ދައުރުގައި މުސްލިމުންނަށް ހައިބަބޮޑު އަނިޔާތަކާ ކުރިމަތިލާން ޖެހިފައިއޮތްއިރު، ކީރިތި ޤުރްއާނުގައި އިރްޝާދު ދެއްވަމުން ގެންދަވައިފައިވަނީވެސް މުޝްރިކުންނާ ދެކޮޅަށް ތެދުވާކަށެއް ނޫނެވެ. މާތް اللّه ހަނދުމަކުރުމަށެވެ. ކެތްތެރިވުމަށެވެ. މާތް اللّه އަށް ވަކީލު ކުރުމަށެވެ. އިސްތިޣުފާރު ކުރުމަށެވެ. އާދެ، ބައެއް އިރުޝާދުތައް ވިދާޅުވެލައްވާށެވެ.

[ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅު ހަނދުމަކުރައްވާށެވެ! އަދި (އެހެން ހުރިހާ ފަރާތަކުން އެއްކިބާވެ، ހަމައެކަނި) އެކަލާނގެ ޙަޟުރަތަށް އިޚްލާޞްތެރިކަމާއެކު ކުއްތަންވެވަޑައިގަންނަވާށެވެ. (އެއީ) މަޝްރިޤާއި މަޣުރިބުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ އިލާހަކު ނުވެއެވެ. ފަހެ، ވަކީލަކު ކަމުގައި ކަލޭގެފާނު އެކަލާނގެ ޚިޔާރު ކުރައްވާށެވެ. އަދި އެއުރެން ބުނާ ބަސްތަކަށް، ކަލޭގެފާނު ކެތްކުރައްވާށެވެ. އަދި ރިވެތިވެގެންވާ ވަކިވުމަކުން، ކަލޭގެފާނު އެއުރެންނާ ވަކިވެވަޑައިގަންނަވާށެވެ. އަދި ފައިސާވެރި، ދޮގުކުރާ މީހުން، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ. އަދި ކަލޭގެފާނު ކުޑަވަގުތުކޮޅަކަށް އެއުރެންނަށް މުހުލަތު ދެއްވާށެވެ.] (އަލްމުއްޒަމްމިލް: 8-11)

[ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން اللّه ގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. އަދި ކަލޭގެފާނުގެ ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ހަވީރާއި، ހެނދުނު ޙަމްދާއެކު ތަސްބީޙު ވިދާޅުވާށެވެ.] (ޣާފިރު: 55)
-------------
(ނުނިމޭ)

މި ލިޔުން:

   ފޮނުވުން:    އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
   އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
   ޝާއިޢުކުރުން: ''             ''

ހަމަމިގަލަމުން

އިދާރާ

ވާހަކަ