އަދުގެ ޚާއްސަ

Print

އަޙްމަދު - أحمد މި ނަންފުޅުން ރަމްޒުކޮށްދެނީ . . . .

ޝާޢިއުކުރީ އަޙްމަދު ރަޝީދު ޢަބްދުލްޤާދިރު . ހިމެނޭބަޔަކީ އެނގޭތަ

 
އަޙުމަދު ރަޝީދު

"އަޙްމަދު" މި ނަމަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތް ކުރެވޭ އެހެން ނަންފުޅެކެވެ. އުޑުތަކުގެ މަލާއިކަތްބޭކަލުން ބޭނުންކުރައްވަނީ މި ނަންފުޅެވެ. މި ނަމުގެ މާނައަކީ ގިނަގިނައިން މާތްﷲ އަށް ޙަމްދުކުރާ މީހާއެވެ. މި ނަމަކީ ދުނިޔޭގައި އެންމެ ޢާއްމުކޮށް މީހުންނަށް ކިޔައިފައިވާ ނަންތަކުގެ ތެރޭގައި ގުނައިލެވޭ ނަމެކެވެ. އެމެރިކާގެ މުސްލިމުންގެ ކޮންމެ 1220 މުސްލިމެއްގެ ތެރެއިން 1000 މުސްލިމުންގެ ނަމުގެ ކުރިއަށް "އަޙްމަދު" ކިޔައިފައިވާކަން އެމެރިކާގައި ކުރެވުނު ދިރާސާއަކުން ދައްކައެވެ.

އަޅުގަނޑު މި މަޒުމޫނު ލިޔަން ޤަޞްދުކުޅައީ ކޮންމެހެން އަޅުގަނޑަށް އަޙްމަދު ކިޔާތީ އެކަމާ ފަޚްރުވެރި ވެގެންނެއް ނޫނެވެ. މި މަޢުޟޫއަށް، ހިތުގައި އުފެދޭ ބައެއް ޝުޢޫރުތައް ހިންގައިލަން މަޖުބޫރުވީ މީގެ ދެމަހެއްހައި ދުވަސްކުރިން އިންޓަރނެޓްގެ އެކިއެކި ފަތްފުށްތައް ހާވަނިކޮށް ފެނުނު ފޮޓޯއަކާ ގުޅިގެންނެވެ. މަތީގައި އެވާ ފޮޓޯ ނުވަތަ ކުރެހުންފެނި، އެއިން އެ ރަމްޒުކޮށްދޭ ކަންކަމާމެދު ވިސްނައި ފިކުރުކޮށްލާ ކޮންމެފަހަރަކު މާތްﷲގެ ކުޅަދުންވަންތަކަމާއި އެކަލާންގެ މަތިވެރިކަން ހިތަށް ވެރިވެގެންދާ މިންވަރު ވަކިން ބޮޑަށް އިތުރުވެގެން ދާތީ އެވެ. އެހެންކަމުން މި ކުރެހުމުން ސިފަވެގެންދާ ކަންކަމާ ިމެދު ބައެއް މަޢުލޫމާތުތައް ޙިއްޞާ ކޮށްލާނަމެވެ.

އިސްލާމްދީނުގެ މައިގަނޑު ތަނބުކަމުގައިވާ ފަރުޟު ފަސްނަމާދުގައި އަޅުގަނޑުމެން ތިބޭ ތިބުމާއިމެދު ވިސްނައި ފިކުރު ހިންގައިލަމާތޯއެވެ؟

އެންމެ ފުރަތަމަ ހަށަންބަނދެގެން ކޮޅަށް ތިބޭ ތިބުމާއި އިޢުތިދާލުގައި ހުންނަހުރުމެވެ. އަޅުގަނޑުމެން ކޮޅަށް ތިބޭހިނދު އެ މަޤާމުން ރަމްޒުކޮށްދެނީ أحمد މި ލަފުޒުގެ "އަލިފް" އެހެން ނޫންތޯއެވެ.

ރުކޫޢުގައި އޮންނަ މަޤާމުން ރަމްޒުކޮށްދެނީ أحمد މި ލަފުޒުގެ "ޙާ" އެވެ.

ސަޖިދައިގައި އޮންނަ މަޤާމުން ރަމްޒުކޮށްދެނީ أحمد މި ލަފުޒުގެ "މީމް" އެވެ.

ދެސަޖިދަ ދެމެދުގަޔާއި އައްތަޙިއްޔާތަށް އިނުމުގެ މަޤާމުން ރަމްޒުކޮށްދެނީ أحمد މި ލަފުޒުގެ "ދާލް" އެވެ.

މިދެންނެވި މަޤާމުތަކުގައި ހުންނަހުރުމާއި ތިބޭ ތިބުމުގެ ފޮޓޯތަކެއް ވަކިވަކިން ނަގައިގެން އެފޮޓޯގަނޑުތަކުގައި ހުންނަ މީހާގެ ސޫރަ ކަފައިގެން ނުވަތަ ފޮޓޯ އެޑިޓްކުރާ ސޮފްޓްވެއަރ އަކުން އެޑިޓްކޮށް ކައިރީގައި އަތުރާލުމުން މިދެންވިގޮތަށް أحمد މި ލަފުޒު ވަރަށް ރީތިކޮށް ސިފަވެގެންދާނެއެވެ. މިކަމުން ރަމްޒުކޮށްދެނީ އަޅުގަނޑުމެން ނަމާދުކުރުމުގައި ހޭދަކުރާ ވަގުތުތަކުގައިވެސް މާތްﷲ އަށް ޙަމްދު ކުރުންމަތީގައި ޖިސްމާނީގޮތުންނާއި ރޫޙާނީގޮތުން ވެސް ތިބެވޭކަމެވެ. އަދި މިނޫންވެސް މިފަދަ ކިތަންމެ ކަމެއް އިންސާނުންގެ ގުނަވަންތަކުންނާއި އެކަލާންގެ ޚަލްޤުކުރެއްވި އެކިއެކި މަޚްލޫޤްތަކުންގެ ފަރާތުން ފެނިގެންދާކަމެވެ.
 
މާތްﷲގެ ކުޅަދުންވަންތަކަމާއި މަތިވެރިކަން އެހެންހުރިހައި ކަމަކަށްވުރެންވެސް ބޮޑެވެ. الله أكبر

--------------
(ނިމުނީ)


މި ލިޔުން

ފޮނުވީ:    އަލްފާޟިލު އަޙުމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިޔެއް)
އަލުންބެލީ:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
ޝާއިޢުކުރީ: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ