އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (8)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ

29 ޖެނުއަރީ (ހޮނިހިރު) އާ ގުޅޭ..

ސައިކުރާ އިބްރާހީމް ނަޢީމް                                                                    

އޭނާ ދަގަނޑުމަތީގައި ބާއްވައިފައި އައިސް ކާރުގައި އިންދައި ރޭލު ހުރަސްކޮށްފި އެވެ. ޗިސްޗިސްވެފައިވާ މީހާ އަހަރެން ވެސް އުފަލާއެކު ބަލައިލައިފީމެވެ. މަގުސަދު ފުރިހަމަވީލެއް އަވަސް ކަމުންނެވެ. . . . . . ކާމިޔާބު އަތުގައި ހިފިލެއް ރީތިކަމުން އުފަލާއެކު އަހަރެން ރަށުން ފައިބައިގެން ހިނގައްޖައީމެވެ.

އަޙްމަދު:- (އާފުރިފައި) ބަލަ މޮޔައާއެވެ! ތިޔަ ބުނިހެން ކަންތައް ކުރިކަމަށް ވަންޏާ މިހާރު މުޅި ރަށަށް   އޮންނާނީ ކަލޭގެ ޙިކްމަތް ބޭޒާރުވެފައެވެ.

އަންވަރު:- އެއީ ކީއްވެގެން ހެއްޔެވެ؟
އަޙްމަދު:- އޭނާ ގެއްލުނު ރެއާއި ކަލޭ މަރުވި ރެއާ އެއްރޭކަމުން އަދި ދާދި އެއްވަގުތެއް ކަމުން އިސާހިތަކު  ކަލޭގެ ތިޔަ މޮޅު ޙިކްމަތުގައި ލޯވަޅު އެޅިދާނެއެވެ.

އަންވަރު:-  (ޖޯޝާ އެކީގައި) އޮހޯ! އަހަރެން ފުލުސް އިނިސްޕެކްޓަރ ކަމަށް އިސްވީ ވަނދު އާފަލު ކާން ނުލިބިގެންނެއް ނޫނެވެ. އެހެންވިއްޔާ މަށަށްވެސް ތިޔަ ކަހަލަ ވިސްނުމެއް ދެއްވައިފާނެ ތޯއްޗެކެވެ. ބަލަ އެ މީހާގެ ޢާއިލާގެ އެންމެންގެ ލޮލުގައި ވެސް އަހަރެންގެ އަނދުން ދަޅުން އަނދުން އެޅުވީމެވެ.

އަޙުމަދު:-  ހެދީ ކިހިނެއްހެއްޔެވެ؟

އަންވަރު:-  އޭނާގެ ޖީބުގައި އޮތް ދެ ސިޓީން ކުރެ އެއް ސިޓީ އިން އޭނާގެ ނަމާއި އެޑްރެސް ރަނގަޅަށް އެނގުނެވެ. އޭނާގެ ނަމަކީ ޖިމީ އެވެ. އެހެންކަމުން އޭނާގެ ގެޔަށް އަހަރެން ލިޔުނީ ސިޓީ އެކެވެ. ޖިމީގެ ނަމުގައެވެ. އޭގައި ލިޔުނީ "ފައިސާކޮޅެއް ހޯދަން ވެގެން ސިއްރު މަސައްކަތެއް ކުރަން އުޅެނިކޮށް މަރުންސަލާމަތްވާން ކޮންމެހެން ޖެހިއްޖެ އެވެ. ވީމާ ދެ އަހަރެއްހާ ދުވަހަށް ސިންގަޕޫރަށް ދާން މި ފުރަނީ އެވެ. ގޭގައި ފުދޭ ވަރަކަށް ފައިސާ ހުންނާނެ އެވެ.  އެއިން ޚަރަދު ކޮށްގެން 2 އަހަރު ހޭދަކުރާށެވެ!" ސިޓީ ލިޔެފައި އެ ގެޔަށް ފޮނުވައިފީމެވެ. ވީމާ މިހާރު އެ މީހުންގެ ނަޒަރުގައި ދިމީ ވާނީ ސިންގަޕޫރުގައެވެ. ރަޙުމަތްތެރިޔާއެވެ! ޖިމީހެ ހެދުން ހާވައި ހެދުނީ އޭނާ މަރުވި ފަހުންނެވެ. އެހެންނޫންނަމަ........

އަޙުމަދު :- އެހެން ނޫންނަމަ ކީއްވީސް ހެއްޔެވެ؟

އަންވަރު:-  އެހެން ނޫންނަމަ އަހަރެންގެ މަސައްކަތަށް  މިހާރަށްވުރެ ވެސް އިތުރު ފައިދާތަކެއް ކުރީހެވެ. އޭނާ އަކީ ޤަތުލުގެ ސިއްރު ތަޙުޤީޤުކުރާން ކުރާ މަސައްކަތުގައި ގެންގުޅެން ވަރަށް ބޭނުންތެރި ދުރުމީހެކެވެ. އަދި އަހަރެންނަށް ވިސްނޭ ގޮތުގައި ، ނޫން ! ކަށަވަރުވާ ގޮތުގައި މި ކަމުގެ އެންމެ ޚާއްޞަ "ރަތް ބަޠަލު"ގެ އެއް އަތެވެ. އޭނާ މަރުވި ފަހުން އަހަރެން އޭނާގެ ޖީބު ހޭވީމެވެ.  ހޭވި ހޭވުމުގެ ނަތީޖާ އަކަށް ވީ އެ ޖީބުން ވަރަށް ޚާއްޞަ ސިޓީއެއް ފެނުމެވެ. ސިޓި ލިޔެފައި ވަނީ އެންމެ މި ޒަމާނުގެ އިނގިރޭސި ބަހުންނެވެ. ވަރަށް ހިނގައިފައިވާ ގަލަމަކުންނެވެ. އެ ސިޓީގެ ތިރީގައި ޖަހައިފައި ވަނީ ރަތް ފަސްފިޔަ މަލެކެވެ. އެ ނޫން އެއްވެސް ނިޝާނެއް ނެތެވެ. މިހެން ބުނުމުން ފަޓުލޫނުގެ ޖީބުން ސިޓީ ނަގައިފައި ނިއުޅައިލައިފި އެވެ.

"މިސްޓަރ ބޭކަރެވެ. ފައިސާކޮޅަކަށް ކޮންމެހެން ބޭނުންވެއްޖެ އެވެ. މިހާ އަވަހަށް ފައިސާ ކޮޅަކަށް ކޮންމެހެން އެދެން ޖެހުމުން ކަލޭގެ ހިތުގައި ސުވާލެއް އުފެދުން އެކަށީގެންވެ އެވެ. ނަމަވެސް އިހަކަށް ރެޔަކު ގަންނަން ޖެހުނު ސަކަރާތްގަނޑެއްގެ ތެރޭގައި ފަސް ހާސް ރުފިޔާ އަހަރެންގެ އަތުން ގެއްލިއްޖެ އެވެ. ވީމާ ސިއްރު އަޑުގެ ބޭނުން ހިފައިގެން ބުނަމެވެ. ވަރަށް އަވަހަށް ދިހަހާސް ރުފިޔާ ދޭށެވެ!
-    އެހީތެރި -"

ސިޓީ ކިޔައި އަވަދިވެގެން އަޙުމަދު އާފުރެން ފަށައިފި އެވެ. އާދެ! އޭނާއަށް ކަންބޮޑުވީ އެވެ. އަންވަރު އަދިވެސް އިނީ ވިސްނުމާއި ފިކުރުގެ ދުނިޔެއެއްގައެވެ.  ނިތްކުރީގައި ހައެއްކަ ރޫ ޙަރަކާތްތެރިވެއެވެ. ދަތްދޮޅި ފިތާވަރުން ހީވަނީ އެހެންކަމެއްހެންނެވެ. ދެ ބުމަ އެހެރީ އައިސްޖެހިފައެވެ. (އިރުގަނޑަކު އެހެން އިނދެފައި)

އަންވަރު:- ސިޓީ ލިޔެފައިވަނީ ކަލޭގެ ފުރަގަހުގައި އުޅޭ ޝައިޠަނާ އެވެ. އެނާގެ ނިޝާނަކީ ހަމަ ގައިމުވެސް މީގައި މިވާ ރަތް ފަސްފިޔަ މަލެވެ. އާނ! ރަތްތަރި އެވެ. މީން އެނގޭ އެއްޗަކީ މި ރަތްތަރީގެ ހުރިހާ މަސައްކަތަކަށް ފައިސާ ޚަރަދުކުރަނީ މިސްޓަރ ބޭކަރ ކަމެވެ.  އެއީ ........ ހޫނ! މިސްޓަރ ބޭކަރަކީ އަހަރެން ދަންނަ މީހެކެވެ. އެކަމަކު އެއީ އެހާ ބޮޑު ފައިސާވެރިއެއް ވެސް ނޫނެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން  އިންޑިއާ އަށް އައިސް އުޅޭ ޙިޖާޒުކަރައިގެ ކޮންމެވެސް ރަށެެއްގެ މީހެކެވެ. ޢަރަބި ބަސް ދަންނަ ދެވަން ފުރައިގެ މީހެކެވެ. އޭނާގެ މަސައްކަތަކީ ކުދީންނަށް ހިސާބު ކިޔަވައިދިނުމެވެ. ކޮންމެއަކަސް މިބުނާ ބޭކަރަކީ ކިތަންމެ ބުއްދި ޤަބޫލުނުކުރެވުނު ނަމަވެސް އެއީ އެވެ.
އާދޭހެވެ! ރަތްތަރީގެ ހުރިހާ މަސައްކަތަކަށް ފައިސާ ޚަރަދުކުރަނީ ބޭކަރ ކަން ޔަޤީނެވެ. އެކަމަކު ހާދަ ބުއްދި ޤަބޫލު ނުކުރެވޭ ކަމެކެވެ. ........  އެކަމަކު އެހެންވެސް ވެދާނެ އެވެ.

އަޙުމަދު:-  އެހެންވިއްޔާ އަމިއްލަޔަށް ތިޔަ ދައްކަނީ ކޮން ވާހަކަތަކެއް ހެއްޔެވެ؟

އަންވަރު:- މިހިސާބަށް ކަންތައް ހިނގައްޖެ ނަމަ އަމިއްލަޔަށް ވާހަކަދެއްކުމާއި އަތްފައިން ވައްތަރުޖެއްސުން ވެސް ގިނަވެދާނެ އެވެ.

އަޙުމަދު:- ދެން ހަދާނީ ކިހުނަކުން ހެއްޔެވެ؟

އަންވަރު:- ދެން .......... ދެން ކުރަންވީ އެންމެ ފުރަތަމަ ކަމަކީ ދެ މީހުންގެ ހެދުން ބަދަލުކޮށްގެން އިންޑިއާ އަށް ދިޔުމެވެ. ގޮސް މިސްޓަރ ބޭކަރގެ އަޑި ހާވައިލުމެވެ. އޭނާ އަކީ ކާކުތޯ ބެލުމެވެ. ޝައްކެއްނެތެވެ. މިސްޓަރ ބޭކަރ ގެ ޙަޤީޤަތް އެނގެނިކޮށް އަހަރެމެންގެ ޖަލުން އެއް ދޮރު ހުޅުވުނީ އެވެ. ނުވަތަ ހުރިހާ ދޮރެއް ހުޅުވުނީ އެވެ. އަހަރެން މި ބުނާ ޙިޖާޒު ކަރައިގެ ޢަރަބި ކަލޭގެ (ޔަޢުނީ ކުޑަ ކުދީންނަށް ހިސާބު ކިޔަވައިދޭން އުޅޭ ބޭކަރ) އަށް ރަނގަޅަށް ފާރަލެވެނިކޮށް،  ދެން ހަދާންވީ ގޮތެއް އެނގިދާނެ އެވެ. އަދި ވަރަށް ގިނަ ސިއްރުތަކެއް ވެސް އޮޅުންފިލައިދާނެ އެވެ.

އަޙުމަދު:- އެންމެ ރަނގަޅެވެ. އަހަންނާއި ކަލޭ އެކަނިމާއެކަނި އިންޑިއާއަށް ގޮސްގެން އުޅެނިކޮށް ބޭޒާރުވުން ވަރަށް ކައިރިވާނެ އެވެ. އެއް ސަބަބަކީ ކަލެއަކީ އިންސްޕެކްޓަރ އަންވަރުކަން ނުދަންނަ މީހަކު ވަރަށް މަދުވާނެ އެވެ. އަދި ޢަމުދުން އަހަރެން މިހާ ވަރަށް އާފުރޭކަމުން، ފެންނަ ވަރަށް ގިނަ ބަޔަކަށް އަހަރެން ވެސް ފާހަގަ ވާނެ އެވެ. ޚާއްޞަކޮށް ތިޔަ ބޭކަރަށް ފާރަލާކަމަށް ވަންޏާ އޭނާގެ ކައިިރީގައި ޝައިޠާން "ރަތްތަރި" ހުންނާނެ އެވެ. ވަރަށް ފަސޭހައިން އަހަރެން އަތުލައިގެންފާނެ އެވެ. ވީމާ ހަދާނީ ކިހިނެއް ހެއްޔެވެ؟

އަންވަރު:- އަހަރެންނަކީ ކަލޭގެ ބޮޑުބޭބެ ކަމަށް ވާނަމެވެ. އަހަރެން ހުންނާނީ މުސްކުޅި ހެދުމުގައެވެ. ކަލޭ ހުންނާނީ އަހަރެންގެ ކޮއްކޮ ކަމުގައެވެ. އަހަރެން އިންޑިއާއަށް ކުރާ ދަތުރުރުގައި ކަލޭގެ ބައްޔަކަށް ބޭސްފަރުވާ ކުރުމަށްޓަކައި ކުރާ ދަތުރަކަށް ހަދާނަމެވެ.

އަޙުމަދު:- އަނެއްކާ ކޮންކަހަލަ ބައްޔެއްހެއްޔެވެ؟ އަހަންނަށް ކަލޭ ކުރާނީ ކޮންކަހަލަ ފަރުވާއެއް ހެއްޔެވެ؟

އަންވަރު:- ކަލޭގެ އަތުގައި އަބަދުވެސް ގުޅަފުޅިއެއް އޮންނަންވާނެ އެވެ. ކޮންމެ ފަހަރަކު އާފުރެން ވީމާ ތަންމިނަށް އަނގަ ހުޅުވައިލައިފައި ގުޅައެއް ކައިލާނީ އެވެ. ޑަކުޓަރު ބުނަނީ އިރުއިރުކޮޅާ ގުޅައެއް ކައިލިއްޔާ ނޫނީ ނޭވާލުން ދަތިވާނޭ ކަމުގައި އަހަންނާއި ކަލޭ އަޑު އަރުވައިލާނީ އެވެ. ވީމާ އާފުރޭންވާ ކޮންމެ ފަހަރަކު ކަރު ބުޑަށް އަތް ބާނައިފައި ގުޅައެއް ކައިލާށެވެ! ވީމާ ކަލޭގެ އާފުރުމާ މެދު އެކަކަށް ވެސް ޝައްކެއް ނުކުރެވޭނެ އެވެ. އަހަރެން ޑަކުޓަރަކާ ބައްދަލުކޮށްގެން އެއްވެސް ގެއްލުމެއް ނެތް ގުޅަތަކެއް ހޯދާނަމެވެ. މި ގޮތް ކީއްހެއްޔެވެ؟

އަޙުމަދު:- ކަލޭގެ ވިސްނުމަށް ސާބަހެވެ. އެކަމަކު...... ދެރައީ އަދިވެސް ތިޔައީ އަންވަރުކަން ކަށަވަރު ނުވާތީ އެވެ.

މި ޖަވާބަށް އަންވަރު ވަރުގަދަ ބޮނޑިއެއް އަޙުމަދުގެ ކޮނޑުގައި އަޅައިފި އެވެ.........

ދުވަހުގެ އިރު އޮއްސެނީ އެވެ. ޕާޝިއާގެ ކުޑަކުޑަ ހިތް ފަސޭހަ ގެޔެއް ދޫކޮށްލައިފައި ރޭލު އިސްޓޭޝަނާ ދިމާއަށް ހިނގަމުން އެ ދަނީ، މުސްކުޅި ބެޔަކާއި ޒުވާން ކުއްޖެކެވެ. ދުވަހުގެ އިރު އޮއްސުމާ ވިދިގެން ދުނިޔެއަށް ލިބެމުންދަނީ އަނދިރިކަމާ ވަރަށް ވެސް ގުޅޭ ކުލަތަކެކެވެ. ޢުމުރުގެ ފަހު ދުވަސްތައް ގުނަމުންދާ ދުވަސްވީ މޫނުން ފެނުން އެންމެ އެކަށީގެންވާ އުއްމީދީ ކުލަތަކެވެ.  ދުނިޔޭގެ މަންޒަރުތަކުން އުފާ ހޯދުމުގެ ދައުރު ކިތަންމެހާ ވެސް ފުރިހަމަކޮށް ނިންމައިލައިފި ކަމުގެ ހިތްގައިމުކަމެވެ. ޙަޔާތުގެ ތަޖުރިބާތަކާއި ޢިބްރަތްތަކުން ވަރުބަލިކަން ލިބިފައިވާ ހަށިގަނޑުގައި ހުންނާންވީ ހުރިހާ ނިޝާންތަކެއް އެ ބޭގެ މުޅި ހަށިގަނޑުން އޮޅުމެއް ނެތި ފާޅުވެއެވެ. ކައިރީގައި ހުރި ޒުވާން ފިރިހެނަކީ ކޮންމެވެސް ކަހަލަ ނުރައްކާތެރި ބައްޔެއް ހަށިގަނޑުގެ އެތެރޭގައި ފޮރުވިފައިވާ މީހެއްކަން އެއްވެސް އޮޅުމެއް ނެތި އެނގެއެވެ. ނޭވާ ލުމަށްޓަކައި ކުޑަކޮށް ހަށިގަނޑުން ބާރެއް ލާން ޖެހޭކަން އެނގެއެވެ.  އިރުއިރުކޮޅާ ވަރަށް ހިތި ބޭސް ގުޅައެއް އަނގަ ހުޅުވައިލައިފައި އަތް ބޭނުމަށް ފަހު ކަރުބުޑަށް ދޫކޮށްލުމުގެ ދަތި އުނދަގޫ ފަރުވާ އޭނާ އަބަދު ވެސް ކުރަމުން ދެއެވެ.

މި ދެންނެވި މުސްކުޅިޔާ އަކީ ފުލުހުންގެ އިނިސްޕެކްޓަރ މިސްޓަރ އަންވަރެވެ. ޒުވާނާ އަކީ އާދެ! ދެންނެވުމުގެ އެއްވެސް ބޭނުމެއް ނެތް މިސްޓަރ އަޙުމަދެވެ.

ދުވަހުގެ އިރު އޮއްސުނުތާ ގިނަ އިރެއް ނުވަނީސް އިސްޓޭޝަނުން ފުރި ރޭލަކުން އޭގެ ދެ މީހުން އިންޑިއާ އަށް ދިޔުމަށްޓަކައި ފުރައިފިއެވެ.

--------------------
(ނުނިމޭ)

ވާހަކައިގެ މި ބައި:

ޓައިޕުކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިޔެއް)
އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


އިދާރާ

އެނގޭތަ؟

ވާހަކަ