އަދުގެ ޚާއްސަ

Print

އަޅައި ނުމެލައި ނުހުންނާނަން

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަޙްމަދު ޝާހިދު ޙަލީމް (ޝާމް)

ބަލަން ހުރެ، މަރުވެދާ އިރުގައި  އަޅައިނުމެލައި  ނުހުންނާނަން
    އަޅަން ހުރި ކޮންމެ ފިޔަވަޅަކަށް  ސަމާލުވެގެން މަ  ހުންނާނަން

ލޮލަށް ހަމަ ފެންނަ ފަށުގައި  ކޯރުގައި ގެނބިގެން ދަނީ ނަމައީ،
    އަތުން "ހިކި ގޮފިކޮޅެއް" ގެންގޮސް ވަރަށް ގާތަށް މަ އެއްލާނަން

މިހެން މި ގޮތަށް މި ކަން ކުރުމުން  ނުވީ ނަމަ،  ކާމިޔާބީއެއް
    އެހެން ދެ ގޮތެއް ނެތޭ ހީކޮށް މަ ވެސް ކޯރަށް  އެރެން ދާނަން

މަގޭ ނޭފަތުގެ  ކުރި ކިރިޔާ  ވިޔަސް  ހިކިގެން  ވަނީ ނަމައީ،
    މަގޭ  ދެ އަތުން  ނަގާ  އައްސޭރިއަށް  މިތުރާ  ގެނެސްދޭނަން

ވަރަށް ހުން ގަދަވެ ތަންދޮރު ނުއެނގިފައި ބަލި ޙާލު ބޮޑުނަމައީ،
    ވަރަށް ފިނި ގަނޑުފެނުން ނިތްކުރިމަތީ  ފޮތިކޮޅު  އަޅައިދޭނަން

ވަމުންދާ  ގޮތް  ބަލަން  ނުނިދާ،  އަބަދު  ޔާރާގެ ކައިރީގައި،
    "ނަމުން"  އިރުއިރުކޮޅާ ގޮވަމުން  ދަމަށް ހޭލާ  މަ އިންނާނަން

ލަމުން ދާ ވަގުތު ފުން ނޭވާ،   ވަމުން ދާ ގޮތް ވަރަށް ވިސްނާ
    ހަމުން، ވިންދުގެ  ޖަހާ މިންވަރު  އަދަދުކޮށްގެން  މަ ހޯދާނަން

ނުހަނު  މޮޅިވެރިކަމާ އަސަރާ  އެކީ އަހަރެންގެ  ފިނިފިނި އަތް
    ނުހަނު  މަޑުމޮޅިކަމާ  އެކު  ލޯމަތީ   ލޯބިން   އަޅައިދޭނަން

މުޅިން ހަމަ އިޚްތިޔާރުން ގަސްދުގައި ކެރިގެން  ތިބާ  ކޮލުގައި،
    ދޮޅިން އަތް ނެއްޓިފައި ނުވިޔަސް، އަތުން ފިރުމާލަވެސް ދޭނަން

އެހިނދު އެލިބޭ އަރާމުން ވިންދު އޮޅިގެން ހިތް ތެޅެން ފެށުމުން،
    ތެމުނު އަހަރެންގެ ލޯ ކަރުނުން،  ވަރަށް އުފަލުން "މަރާލާނަން"

ގަލަން ވަކިކޮށްލަމުން ވެސް އަސަރުގައި ބުނެވެން އޮތީ މިދުލުން،
    ބަލަން ހުރެ، މަރުވެދާ އިރުގައި،  އަޅައިނުމެލައި  ނުހުންނާނަން

              ---------------------------
                    (ނިމުނީ)

މި ލިޔުން:

ފޮނުވުން:    އަލްފާޟިލް އަޙްމަދު ޝާހިދު ޙަލީމް (ޝާމް)
އަލުންބެލުން:  މުޙަންމަދު ޝާހިދު ޙަލީމް
ޝާއިޢުކުރުން: މުޙަންމަދު ޝާހިދު ޙަލީމް

އިދާރާ

ވާހަކަ