އަދުގެ ޚާއްސަ

Print

ނިރުބަވެރިކަމުގެ އިލްޒާމާމެދު .....

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

4 މާރިޗު، ހުކުރުދުވަހާ  ގުޅޭ..

މުސްލިމުންގެ ބޮލުގައި އެޅުވިފައިވާ ނިރުބަވެރިކަމުގެ އިލްޒާމާމެދު

ނަބަވީ ސީރަތުގެ އަލީގައި ބަލައިލުމެއް


ޢަބްދުاللّه ފާރޫޤު ޙަސަން

[ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން اللّه ގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. އަދި ކަލޭގެފާނުގެ ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ހަވީރާއި، ހެނދުނު ޙަމްދާއެކު ތަސްބީޙު ވިދާޅުވާށެވެ.] (ޣާފިރު: 55)

މުޝްރިކުންގެ އަނިޔާވެރިކަމާއި ދެކޮޅުވެރިކަން ހައްދުފަހަނަޅައިދިޔައިރުވެސް، ކީރިތި ޤުރްއާނުގައި އިރްޝާދު ދެއްވަމުން ގެންދެވީ މިމޭރުމުންނެވެ. ނަބަވީ ސީރަތުން ނަމޫނާ ފެނިފައިވާގޮތް، މަތީގައި ބަޔާންކޮށްފައި އެވަނީއެވެ. އާދޭހެވެ. އިސްލާމްދީނުގެ ނަބިއްޔާ، ބާރުގެ ބޭނުންކުރެއްވުމުގެ ބަދަލުގައި ޚިޔާރުކުރެއްވީ، ރީތި ޚުލުޤުފުޅެވެ. މާތް އަޚްލާޤެވެ. ޙަޤީޤީ މާނައިގައި އިންސާނީ ޖައުހަރަކީ އެއީއެވެ. އިތުރު ސާހިބާ އެކަލޭގެފާނާ އިދިކޮޅުމީހުންގެ މައްޗަށް ފަތަޙަ ހޯއްދެވީ އެ ޖައުހަރުގެ ޒަރީޢާއިންނެވެ.

ކައުސާހިބާ މަދީނާއަށް ގެމަށްވޮޑިގެން މަދީނާގައި އިސްލާމީ ދައުލަތެއް ބިނާކުރެއްވިއެވެ. އެކަލޭގެފާނުގެ މިތުރުސަޙާބީން މަދީނާގައި ވަޒަންވެރި ކުރެއްވިއެވެ. އިތުރު ސާހިބާ މަސައްކަތްޕުޅު ފެއްޓެވީ މަދީނާގައި ހެޔޮލަފާ މުޖްތަމަޢެއް ބިނާކުރައްވާށެވެ. ނަމަވެސް، މައްކާގެ މުޝްރިކުން އެކަލޭގެފާނުގެ ބިނާކުރަނިވި މަސައްކަތްޕުޅަކަށް ފުރުސަތެއް ނުދިނެވެ. އެބައިމީހުންގެ އަނިޔާވެރިކަމާއި ހަސަދަވެރިކަން ކުރީ އިތުރެވެ. މަދީނާގެ މުނާފިޤުންނާއި، ޔަހޫދީންލައްވައި އިތުރު ސާހިބާއަށާއި މުސްލިމުންނަށް ގޯނާކުރުވާން ފެށިއެވެ. އެވަރުން ފަރުނުޖެހިގެން މަދީނާގެ ސަރަޙައްދަށް ޢަސްކަރީ ޙަމަލަތައް އަމާޒުކުރާން ފެށިއެވެ.

މުޝްރިކުންގެ ޢަދާވަތްތެރި ހަރަކާތްތައް މިދަރަޖަޔަށް ދިއުމުން، އަރަހުށި މާތް اللّه މުސްލިމުންނަށް ހަނގުރާމަކުރުމުގެ ހުއްދަ ދެއްވިއެވެ. އިތުރު ޞަޙާބީންނަށް ހަތިޔާރުގައި ހިއްޕެވުމުގެ ހުއްދަ ދެއްވިއެވެ. އެބޭކަލުންނަކީ އެތައްދުވަހަކުއްސުރެ ހަނގުރާމަވެވެމުންދިޔަ ބޭކަލުންނެވެ. ކެތްތެރިވެވަޑައިގެން އަތްޕުޅާއި ހިތްޕުޅު މައިތިރިކުރައްވައިގެން ތިއްބެވި ބޭކަލުންނެވެ. ނަފްސު އޮބަހައްޓަވައިގެން ތިއްބެވި ބޭކަލުންނެވެ. އެބޭކަލުންނަށް ހުއްދަ ދެއްވީ، ޖާނާއި، މާލާއި ވަޒަނުގެ ދިފާޢުގައި ތެދުވެވަޑައިގަތުމަށެވެ. އަރަހުށި މާތް اللّه މުސްލިމުންނަށް ހަނގުރާމަކުރުމުގެ ހުއްދަ ދެއްވައި ބާވައިލެއްވި އާޔަތްތަކުންވެސް މިކަން ނުހަނު ރީތިކޮށް އެނގޭން އެބައޮތެވެ. އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވަނީ އަންނަނިވި މޭރުމުންނެވެ.

[ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަކުރުމުގެ އިޒުނަ ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން އެއުރެންނަށް އަނިޔާ ލިބުނުކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް ނަޞްރު ދެއްވުމަށް، اللّه ގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އެއުރެންނީ، ތިމަންމެންގެ ވެރިރަސްކަލާނގެއީ اللّه އޭ ބުނުން މެނުވީ، އެއްވެސް ޙައްޤަކާނުލައި އެއުރެންގެ ގޯތިގެދޮރުން ނެރެލެވުނު މީހުންނެވެ. އަދި މީސްތަކުންކުރެ އެއްބަޔަކު މެދުވެރިކުރައްވައި، އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللّه ދުރުކުރެއްވުން ނުވާނަމަ، ނަޞާރާއިންގެ ފައްޅިތަކާއި، އަޅުކަންކުރާ ތަންތަނާއި، ޔަހޫދީންގެ ފައްޅިތަކާއި ގިނަގިނައިން اللّه ގެ އިސްމުފުޅު ނަންގަނެވޭ މިސްކިތްތަކާއި (މިހުރިހާ ތަންތަން) ސުންނާފަތިކޮށްފީސްކަން ކަށަވަރެވެ.] (އަލްޙައްޖު: 39-40)

އަރަހުށި މާތް اللّه ގެ ޙަޟްރަތުން މި އަމުރުފުޅު އައުމާއެކު، އިތުރު ސާހިބާ މުސްލިމުންގެ ޖާނާއި މާލާއި ވަޒަނާއި ދީނުގެ ދިފާޢުގައި ޢަސްކަރީ މަސައްކަތްޕުޅު ފެއްޓެވިއެވެ. އިތުރު ސާހިބާ އެންމެފުރަތަމަ ސަމާލުކަން ދެއްވީ، މައްކާގެ ވިޔަފާރިޔަށް ހުރަސްއަޅުއްވާށެވެ. އިޤްތިޞާދީގޮތުން ބަލިކަށިވުމުން، ޞުލްޙައިގެ މޭޒުދޮށަށް އަންނަން، މައްކާގެ މުޝްރިކުންނަށް މަޖްބޫރުވާނެތީއެވެ. މިގޮތުން މައްކާގެ މުޝްރިކުން ވިޔަފާރިކަމުގައި ޝާމްކަރަޔަށް ދަތުރުކުރާ ވިޔަފާރި ޤާފިލާތަކަށް ހުރަސްއަޅުއްވާން ފެއްޓެވިއެވެ.

ޝައްކެއްނެތެވެ. މިކަމަކީ މިޒަމާނުގެ [ތަހްޒީބީ] ދުނިޔޭގައިވެސް ހިނގާ ކަމެކެވެ. އޭރު އެކަން ހިނގީ، އޭރުގެ ގޮތަށެވެ. އޭރު އެކަން ކުރެވޭންއޮތް ގޮތަށެވެ. މިހާރު ހިނގަނީ މިހާރުގެ ގޮތަށެވެ. [މުހައްޒަބު މީހުންގެ އިމާމުން] ކަމުގައި ދަޢުވާކުރާ އެމެރިކާ، އެކިއެކި ޤައުމުތަކުގެ ފައިސާ ގަނޑުކޮށް ހިފަހައްޓައެއް ނަހަދާތޯއެވެ؟ މިހާރުގެގޮތަށް ވިޔަފާރިއަށް ހުރަހެއް ނާޅާތޯއެވެ. [އިކޮނޮމިކް ސޭންކުޝަންސް] ނުވަތަ އިޤްތިޞާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް ނާޅާތޯއެވެ؟ އެކަމަކު ޙައިރާންވާންޖެހެނީ، އެމެރިކާ ކަމެއް ކުރުމުން އެކަމެއް ރީތިވާތީއެވެ. ތަހްޒީބީ ކަމަކަށް ވާތީއެވެ. އެހެންބަޔަކު ހަމައެބޭނުމުގައި، އެނަތީޖާ ނުކުންނަކަމެއް އޭރަކު ކުރެވޭން އޮތްގޮތަކަށް ކުރުމުން، މަގުފޭރުމަކަށް ނުވަތަ ނިރުބަވެރި ކަމަކަށްވާތީއެވެ.

އިސްލާމްދީނާއި އިސްލާމްދީނުގެ ނަބިއްޔާއާމެދު ކްރިސްޓިޔަނުންނާއި ޔަހޫދީންގެ ހަސަދައާއި ނަފްރަތުގެ ފެށުމަކީ، ނުވައެއް އެގާރަޔާ ގުޅޭކަމެއް ނޫނެވެ. އެއީ ސާދަސައްތަ އަހަރުގެ ދިގު ތާރީޚެއް އޮތްކަމެކެވެ. އިސްލާމްދީން ފާޅުވީއްސުރެ އެކަންވަނީ ފެށިފައެވެ. ކްރިސްޓިޔަނުންނާއި ޔަހޫދީން އޭރުއްސުރެ މަސައްކަތްކުރަމުން އަންނަނީ، އިތުރު ސާހިބާ صلّى اللّه عليه وسلّم ގެ އަގުވައްޓައިލެވޭތޯއެވެ. ބަދުނާމު ކުރެވޭތޯއެވެ. އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރެވޭތޯއެވެ. އެކަމަށްޓަކައި އެއުރެން ދޮގުވާހަކަތައް ފަތުރަމުންގެންދެއެވެ. ބުހުތާން އިލްޒާމުތައް އަޅުވަމުން ގެންދެއެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم އަކީ އިންސާނީ ތާރީޚު ދުށް އެންމެ މަތިވެރި ޝަޚްޞިއްޔަތެވެ. ހުޅަނގުގެ މީހުން އެކަން ރަނގަޅަށް ދަނެއެވެ. އެފަދަ ދެވަނައެއްނުވާކަން އެބައިމީހުންނަށް އެނގެއެވެ. އެކަލޭގެފާނު ވަނީ އެހެން އެއްވެސް އިންސާނަކަށް ނުފޯރުވޭފަދަ މަތިވެރި އަސަރުތަކެއް، ތާރީޚަށް ފޯރުއްވަވައިފައެވެ. ތާރީޚުދުށް އެންމެ ވަރުގަދަ އިންޤިލާބު ޙަޤީޤަތަކަށް ހައްދަވައިފައެވެ. އެހެންކަމުން، ދުނިޔެ އެކަމަށް އިޢުތިރާފުވެދާނެތީ، ހުޅަނގުގެ ވިސްނުންތެރީން ބިރުން ހީބިހިނަގައެވެ. އެބައިމީހުން ދުވާލާއި ރޭގަނޑު އެއްކޮށްލައިފައިވަނީ އެކަން ވިޔަނުދިނުމަށެވެ. އެކަމަށްޓަކައި ނަހަދާކަ ދޮގެއް، އެބައިމީހުން ދޫކޮށެއް ނުލައެވެ. އެބައިމީހުން، ބަނޑާއި ބުރަކަށީން އަޑުކިޔާވަރަށް ހިފަމުން ގެންދަނީ، އިތުރު ސާހިބާގެ ޠާހިރު ސީރަތުގެ ސިފަހުތުރުކޮށްފައި ދުނިޔެއަށް ދެއްކުމަށެވެ. އެގޮތުން އެބައިމީހުން ދަޢުވާކުރަނީ، އިތުރު ސާހިބާގެ ނަބީކަމުގެ ދަޢުވާއަކީ އިތުރުފުޅެއް ކަމަށެވެ. ކީރިތި ޤުރްއާނަކީ އެކަލޭގެފާނުގެ އަމިއްލަފުޅު ތަޞްނީފެއްކަމުގައެވެ. (ނަޢޫޛު باللّه) ކްރިސްޓިޔަން ލިޔުންތެރިން މިހިސާބުންވެސް ހުއްޓައެއް ނުލައެވެ. އެއަށްވުރެ މާދަށުދަރަޖައިގެ ވާހަކަތައްވެސްވަނީ، އިންސާނިއްޔަތަށް ރީތި ނަމޫނާއެއްކަމުގައި މާތް اللّه ފޮނުއްވި ރަޙްމަތުގެ ނަބިއްޔާއަށް ނިސްބަތްކޮށްފައެވެ.

އެވާހަކަތައް އެންމެފުރަތަމަ އުފެއްދީ، މުސްލިމުންގެ ވަރަށް މާތް ދެރަސްކަލެއްގެ ހެވަތާގައި އުޅުނު ބަތާހަރާމީންގެ ދެމީހެކެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުاللّه ގެ ކުރިން އުމަވީ ދަރުބާރުގައި އުޅުނު ސެއިންޓް ޖޯން އޮފް ދިމިޝްޤާއި، މައުމޫނުއްރަޝީދުގެ ދަރުބާރުގައި އުޅުނު ޢަބްދުލްމަސީޙު އަލްކިންދީއެވެ. ޢަބްދުލްމަސީޙު އިތުރު ސާހިބާ ބަދުނާމުކުރުމުގެ ގޮތުން، [އައްރިސާލާ] ގެ ނަމުގައި ޚިޔާލީ ޑައިލޮގެއް ލިޔުނެވެ. އެތައްސަތޭކަ އަހަރެއް ފާއިތުވަމުންދާއިރުވެސް، ހުޅަނގުން ފަށްފަށްކޮށްފައި ދައްކަމުން މިގެންދަނީ އެވާހަކަތަކެވެ. ޒަމާނާއެކު ޢިބާރާތާއި ހުށަހަޅާ ބަހުރުވަ ބަދަލުކޮށްގެންނެވެ. އެބައިމީހުން އިތުރު ސާހިބާގެ އިސްތަށިފުޅުގައި އަޅުވައިފައިވަނީ، އެކަލޭގެފާނުގެ ޒަމާނުގައި އެކަލޭގެފާނުގެ ލޭފޮދަށް ދަހިވެތިވެފައިތިބި ދުޝްމިނުންނަށްވެސް އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުވަން ނުކެރުނު ބަދުނާމުތަކެކެވެ. އެފަދަ ދޮގުތަކެއް ހަދަން އެބައިމީހުންގެ ޒަމީރުވެސް ނުރުހުނުވަރުގެ ދޮގުތަކެކެވެ. އެއްވެސް ލަދެއް ޙަޔާތެއް ނެތިއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މައްކާގެ މުޝްރިކުންގެ ލީޑަރުންކަމުގައިވާ އަބޫޖަހުލާއި އުމައްޔަތު ބިން ޚަލަފު ފަދަ ޖައްބާރުންވެސް އިތުރު ސާހިބާގެ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، މުރުއްވަތްތެރިކަމާއި، ޚުލުޤުފުޅު މާތްކަމަށް އިޢުތިރާފުވެއެވެ.

ހުޅަނގުގެ ލިޔުންތެރިންގެ ތެރެއިންވެސް އިންސާފަށް ލޯބިކުރާ މީހުން މިކަން ޤަބޫލުކުރެއެވެ. ހުޅަނގުގެ ލިޔުންތެރިޔެއްކަމުގައިވާ ނޯމަން ޑެނިއަލް އޭނާގެ ތަޞްނީފެއްކަމުގައިވާ [އިސްލާމް އެންޑް ދަ ވެސްޓް ދަ މޭކިންގ އޮފް އޭން އިމޭޖް] ގައި ލިޔުއްވައިފައިވެއެވެ.

[އަހަރެމެން އިންތިހާދަރަޖައިގެ ވަކިފަރާތަކަށްނުޖެހޭ ސްކޯލަރުންގެ ލިޔުންތައް ކިޔާއިރުވެސް ހަނދާން ބަހައްޓަންޖެހޭނީ، ޤަދީމީ ޢީސާއީން އިސްލާމްދީނާއި މުޙައްމަދުގެފާނާމެދު (صلّى اللّه عليه وسلّم) ޚިޔާރުކޮށްފައިވަނީ ކޮންކަހަލަ ވިސްނުމަކާއި ފިކުރެއްކަމެވެ. އެގޮތްތައް އޭރުއްސުރެވަނީ ހުޅަނގުގެ މީހުން ވިސްނާގޮތުގެ ލާޒިމީ ބަޔަކަށްވެފައެވެ. މިއަދުވެސް މި މައުޟޫޢުގައި ވިސްނާ އަދި ވާހަކަދައްކާ މީހުންގެ ފިކުރު ހުންނަނީ އެގޮތަށެވެ.] (ޞަފްޙާ: 30)

 ޖޯން އެލް. އެސްޕޮޒީޓޯ އޭނާގެ ފޮތެއްކަމުގައިވާ [އިސްލާމިކް ތްރެޓް މިތު އޯރ ރިޔަލިޓީ] ގައި ބަޔާންކުރައްވައިފައިވެއެވެ. [މުސްލިމުން އެބައާދެއެވެ! މުސްލިމުން އެބައާދެއެވެ! މިއީ ހުޅަނގު މީހުންގެ ބިރާއި ނިރުބައިގެ ހިނިއަންނަފަދަ މަލައެކެވެ. އިންތިހާދަރަޖަޔަށް ގޮތްބޮޑުކޮށްގެން ކުރަހައިފައިވާ ތަސްވީރެކެވެ. އެމެރިކާގެ ނާއިބުރައީސް އިސްލާމީ ފަންޑަމެންޓަލިޒަމާ ބެހޭގޮތުން ވާހަކަދައްކަވާއިރު، އިސްލާމްދީނާ ފާޝިޒަމާ ކޮމިއުނިޒަމާ ގުޅުއްވައެވެ. އިސްލާމްދީނަކީ ޖުމްހޫރިއްޔަތާ ނުގުޅޭ ދީނެއްކަމުގައި ވާހަކަދައްކަވައެވެ. ބޮސްޓަން ގްލޯބް އިސްލާމްދީނުގެ މައްޗަށް އިސްލާމްދީނުގެ ކަނޑި މި މައިގަނޑު ނަމުގައި ސިލްސިލާ މަޒުމޫނެއް ކުރިޔަށް ގެންދާއިރު، ޙަޤީޤަތް އައިސްނިމެނީ ކިހާހިސާބަކަށްކަމާއި ފުލޯކު ވާހަކަތައް ފެށެނީ ކިހާހިސާބަކުންކަން ދެނެގަންނަން އުނދަގުލެވެ.] (ޞަފްޙާ: 168)

އެސްޕޮޒީޓޯ އިތުރަށް ލިޔުއްވައިފައިވެއެވެ. [ވޭތުވެދިޔަ ސާދަސައްތައިގައި އިސްލާމްދީނާއި މުސްލިމުން ސިފަކޮށްދީފައިވަނީ، ބޮޑެތި ހައިޖާންތައް އުފައްދާ ހަނގުރާމަވެރި ބައެއްގެ ގޮތުގައެވެ. އިސްލާމްދީން ސިފަކޮށްފައިވަނީ، އަނިޔާވެރި ދީނެއްކަމުގައެވެ. މުސްލިމުންގެ ހަރަކާތްތަކަކީ ލޭއޮހޮރުވުމުގެ ޢަމަލުތަކެއް ކަމުގައެވެ. އަނެއްކޮޅުން ހުޅަނގު ސިފަކޮށްދެނީ، އަނިޔާއަށް ރައްދުދޭ، ޞަލީބީ ހަނގުރާމައެއްކުރާ، އަދި އެބައިމީހުންގެ އަތުން ފޭރިގަނެފައިވާ ބިންތައް އަނބުރާ އަތުލަން މަސައްކަތްކުރާ މަޢުޞޫމް ބައެއްގެ ގޮތުގައެވެ.] (ޞަފްޙާ: 178)

 ހާވަޑް ޔުނިވަރސިޓީގެ ޕްރޮފެސަރ، ޕްރޮފެސަރ ސަމުއިލް ހަންޓިންގޓަން އޭނާގެ ފޮތެއްކަމުގައިވާ [ކްލޭޝް އޮފް ސިވިލައިޒޭޝަން] ގައި ލިޔުއްވައިފައިވެއެވެ.
[ހުޅަނގަށް ކުރިމަތިވެފައިވާ މައިގަނޑު މަސްއަލައަކީ، އިސްލާމީ ފަންޑަމެންޓަލިޒަމްގެ މަސްއަލައެއް ނޫނެވެ. އެ މަސްއަލައަކީ ޚުދު އިސްލާމެވެ. ހުޅަނގަށް ޤަބޫލު ނުކުރެވޭކަމަކީ، ހުޅަނގުގެ ޙަޟާރަތާ ތަފާތު ޙަޟާރަތެއްކަމަށްވާ އިސްލާމީ ޙަޟާރަތު ވުޖޫދުގައި އޮތުމެވެ.]
(މުސްލިމްސް ގައިޑް ޓު އިސްލާމްފޯބިޔާ، މުނާލްޒައިދާން، ޞަފްޙާ: 6)

ޖިހާދަކީ އިސްލާމްދީނަށް ނިރުބަވެރިކަން ނިސްބަތްކުރާ ހުޅަނގުގެ މުފައްކިރުން ވަރަށްބޮޑަށް ބިރުގަންނަ ލަފުޒެކެވެ. ޝައްކެއްނެތެވެ. އިސްލާމްދީނުގައި ޖިހާދުގެ މާތްކަންވަނީ ވަރަށް ޞަރީޙަކޮށް ބަޔާންކުރެވިފައެވެ. ކީރިތި ޤުރްއާނުގެ އާޔަތްތަކުގައެވެ. ކައުސާހިބާ صلّى اللّه عليه وسلّم ގެ ޙަދީޘުފުޅުތަކުގައިވެސްމެއެވެ. ހަމައެއާއެކު، އަޅުގަނޑުމެން ހަނދާނަށް ގެންނާންޖެހެނީ، އިސްލާމްދީނުގައި އިންސާނާގެ ދިރިހުރުމުގެ ޙައްޤަށް ދެއްވައިފައިވާ މަތިވެރި ދަރަޖައެވެ. އިސްލާމްދީނުގައި އިންސާނީ ފުރާނައިގެ ޙުރްމަތްތެރިކަމުގެ ބޮޑުކަމެވެ. އިސްވެދިޔަ ޞަފްޙާތަކުގައިވެސް ބަޔާންކޮށްފައިވާނޭ ފަދައިން، މުސްލިމުންނަށް ކަނޑި އުފުލައިލުމުގެ ހުއްދަ ލިބުނީ، އިންސާނީ ދަރިފަސްކޮޅު އަނިޔާއާއި ބޭއިންސާފުން ސަލާމަތްކުރުމަށެވެ. އިސްލާމްދީނަކީ ލެޔަށް ފެންބޮވައިގެންފައިވާ ދީނެއްކަމުގައްޔާއި، އެދީނުގެ އަހުލުވެރީންނަށް ލޭއޮހޮރުވަން ދަސްކޮށްދޭ ދީނެއްކަމުގައި ޔޫރަޕުގެ މީހުން ބުނާ ބުނުމަކީ ބުހުތާން ދޮގެކެވެ.

ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައިވަނީ، އިންސާނީ ފުރާނައިގެ ޙުރްމަތްތެރިކަން ބަޔާންކުރައްވައިފައެވެ. އިންސާނުންގެ ފުރާނައާއި، އެބައިމީހުންގެ މުދާ ޙިމާޔަތްކުރުމަށް އަމުރުކުރައްވައިފައެވެ. މިސާލެއްގެގޮތުން ވިދާޅުވެލައްވާށެވެ. ސޫރަތުލްމާއިދާގެ ބައްތިރީސްވަނަ އާޔަތުގައިވަނީ މިދަންނަވާ ގޮތަށެވެ.
   
[ނަފުސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، ނަފުސެއް މަރައިފި މީހަކު، އެންމެހައި މީސްތަކުން މެރިފަދައެވެ. އަދި އެ ނަފުސު ދިރުވައިފިމީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހައި މީސްތަކުން ދިރުވިފަދައެވެ.]

އިސްލާމްދީން އިންސާނުންގެ ތެރޭގައި ޢާއްމުވެފައިއޮތް އެތައް ނުބައިކަންތައްތަކެއް އިޞްލާޙުކޮށް، ހަމަމަގަށް އެޅުވިއެވެ. ހަމައެފަދައިން، އިންސާނާގެ ޖާނާއި މާލަކީ އަގުހުރި އެއްޗަކަށް ހެދީވެސް އިސްލާމްދީނެވެ. ޙުރުމަތްތެރި އެއްޗަކަށްހެދީ އިސްލާމްދީނެވެ. އިންސާނާގެ ފުރާނަޔަކީ މާތް اللّه ޙަރާމްކުރައްވައިފައިވާ އެއްޗެއްކަމަށާއި، ބަޔާންވެފައިވާ ކުށަކާހުރެ، ޢަދުލުވެރިގޮތުގައި މެނުވީ އިންސާނަކު ޤަތުލު ނުކުރުމަށް ހަރުއަޑުން ގޮވައިލީ އިސްލާމްދީނެވެ.

ޣައިރުމުސްލިމުންކުރެ އިންސާފަށް ލޯބިކުރާ މީހުންވަނީ މި ޙަޤީޤަތަށްވެސް އިޢުތިރާފުވެފައެވެ. މައިކަލް އެޗް. ހާޓް އޭނާގެ ދި ހަންޑްރެޑް ގައި، އިސްލާމްދީނުގެ ނަބިއްޔާގެ މަތިވެރި މަޤާމަށް އިޢުތިރާފްވަމުން ލިޔުއްވައިފައިވެއެވެ.

[މި މަތިވެރި އިންސާނާއަކީ ދުނިޔެ ދެކެފައިވާ އެންމެ ކާމިޔާބު އިންސާނާއެވެ. އެކަލޭގެފާނު ވަނީ ރޫޙާނީ ދުނިޔެއަށާއި މާއްދީ ދުނިޔެއަށް ހަމަހަމަގޮތެއްގައި އެކަލޭގެފާނުގެ މަތިވެރި ޝަޚްޞިއްޔަތުގެ އަސަރު ފޯރުއްވަވައިފައެވެ. ތޭރަސަތޭކަ އަހަރު ފާއިތުވެދިޔައިރު، މިއަދުވެސް އެ އަސަރު، ހަމައެގޮތުގައި ދެމިއެބައޮތެވެ. ދުނިޔޭގައިވާ އެންމެ މަތިވެރި ތަހުޒީބުގެ ބިންގާ އެޅުއްވީ މާތް اللّه ގެ އެ އަޅާއެވެ.]

 ހުޅަނގުގެ ތަހްޒީބީ މީހުންގެ ޢަމަލުތައް ހުރިގޮތަށް ބަލާއިރު، ދުނިޔެ އަނެއްކާވެސް ދަތުރުފަށައިފައިވަނީ އިސްލާމްދީނުގެ ނަބިއްޔާ ރަޙްމަތުގެ ދީނާއިގެން ވަޑައިގަތުމުގެ ކުރީން ދުނިޔޭގައިއޮތް ނިރުބަވެރިކަމާއި ލާޤާނޫނިއްޔަތުގެ ދައުރާ ދިމާޔަށެވެ. އިސްލާމްދީން އައުމުގެ ކުރިން ދުނިޔެއިން ވަނީ އިންސާނީ ފުރާނައިގެ ޙުރުމަތެއް އަގެއްނެތްކަން ސާބިތުވާ ބިރުވެރި އެތައް މަންޒަރުތަކެއް ފެނިފައެވެ. ދުނިޔޭގެ ތާރީޚު ވަނީ ތިމާމެންގެ މެހްމާނުންގެ ފޫހިފިލުވުމަށްޓަކައި މިނިކާޖަނަވާރުތަކަށް ދީގެން އަޅުންގެ ހަށިތައް ފަޅުވައި ކުދިކުދިކުރުވި އަނިޔާވެރި އަމީރުންތައް ދެކެފައެވެ. ގުއަންޓަނާމޯބޭގައި އެމެރިކާ ހިންގާ ޖަލުންނާއި، އަބޫޣުރައިބު ޖަލުން ވަނީ މިދެންނެވި މިސާލާ ދާދިއެއްގޮތް މިސާލުތައް ފެނިފައެވެ. ފުރަގަހަށް ބިޑިއަޅުވައިފައިތިބޭ އަސީރުންނާ ދިމާޔަށް ބިރުވެރި ކުއްތާތައް ފޮނުވާ މަންޒަރު ފެނިފައެވެ. ގްރީކާއި ރޯމުގެ އަނިޔާވެރި އަދި ޢަމަލުވެފައިތިބޭ އަމީރުން ފަދައިން، ކުށެއްނެތް އިންސާނުންނަށް ފިތްކަނޑައިގެންދާފަދަ ބިރުވެރި އަދަބު ދިނުމަކީ އެމެރިކާގެ ވެރިން އެބައިމީހުންނަށް އަމިއްލަޔަށް ހުއްދަކޮށްފައިވާ ކަމެކެވެ. އަފްޣާނިސްތާނުގެ ކުށެއްނެތް ޢާއްމުން ދިރިއުޅޭ އެތައް އަވަށަކަށް، އެމެރިކާއިން ވަނީ ތަނެއްދޮރެއް ބަލައިލުމެއްނެތި ބޮންއަޅައިފައެވެ. އެތައްސަތޭކަ ބަޔަކު މަރައިފައެވެ. އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅިން ހިމެނޭގޮތަށެވެ. އެހުރިހާ އަނިޔާވެރި ޢަމަލުތައް ހިންގަނީ، ނިރުބަވެރިކަން ހުއްޓުވުމުގެ ނަމުގައެވެ. ހުޅަނގުގެ ޤައުމުތަކުން ދަތުރުކުރަމުންދަނީ ގެންގުޅެ އޮޅުކޮށްފައިވާ ޖަނަވާރެއް މަރައިލާ ބީދައިން، ފިރިމީހާ އަނބިމީހާ މަރައި އުޅުނު ގްރީކް ތަހުޒީބާ ދިމާއަށެވެ. އަފްޣާނިސްތާނުގެ މަޢުޞޫމް ތުއްތުކުދިންނާއި އާރެއްބާރެއްނެތް އަންހެނުންނާމެދު އެމެރިކާއިން ޢަމަލުކުރަނީ ހަމައެގޮތަށެވެ. ކުށެއްކުރާކަމުގެ ނުވަތަ އަނިޔާވެރިވެވޭކަމުގެ ކުޑަވެސް އިޙްސާސެއް ނެތިއެވެ.

ހުޅަނގުގެ ޤައުމުތަކަށް ޖެހިފައިވާ އެންމެ ސީރިޔަސް ބައްޔަކީ، އަޚްލާޤީ އުޞޫލެއްގައި ހިފެހެއްޓުމަކީ އިންސާނީ ޙައްޤުތަކާ ޚިލާފުވުންކަމުގައި ދުށުމެވެ. ޢަޤީދާއެއްގައި ދެމިތިބުމަށް ބާރުއެޅުމަކީ އިންސާނީ ޙައްޤަކަށް އަރައިގަތުން ކަމުގައި ބަލާކަމެވެ. ދީނީ އުޞޫލެއްގައި ސާބިތުވެ ތިބުމަކީ، ހުޅަނގުގެ ތަހްޒީބުގައިވާގޮތުން، ފަންޑަމެންޓަލިޒަމެވެ. ނިރުބަވެރިކަމެވެ. އަދި ކީއްތޯއެވެ. ހުޅަނގުގެ ރަދީފުގައި އެއީ ނިރުބަވެރިކަމަށްވުރެވެސް މާބޮޑު ކުށެކެވެ.

އާދޭހެވެ. އިންސާނީ ދުނިޔެ އަމަންއަމާންކަމުގެ ގޮވައްޗަކަށް ހެއްދެވުމަށް އިސްލާމްދީނުގެ ނަބިއްޔާ ކުރެއްވި މަސައްކަތްޕުޅަކީ، ޤަލަމަކުން ދުލަކުން ބަޔާންކުރެވޭވަރަށްވުރެ ގިނަގުނަ މަސައްކަތްޕުޅުތަކެކެވެ. އިންސާނީ ދުނިޔެއަކީ އަނިޔާއާއި ބޭއިންސާފުން ހުސްވެގެންވާ ތަނަކަށް ހެއްދެވުމަށް، އިތުރު ސާހިބާ ކުރެއްވި މަސައްކަތްޕުޅުގެ ހައިބަބޮޑުކަމާއި، އެކަލޭގެފާނު ދެއްވި ތަޢުލީމުގެ އަސަރު އެކަންކަމަށް ފޯރައިފައިވާ މިންވަރަށް ބަލާއިރު، އެމާތް ސާހިބާގެ ޒާތުފުޅާއި، އެކަލޭގެފާނު ގެންނެވި ދީނާމެދު ކްރިސްޓިޔަނުންނާއި ޔަހޫދީން ހަތުރުވެރިވެގެންއުޅޭކަމީ އަޖައިބުވެ އަންތަރީސްވާފަދަ ކަމެކެވެ. ދުނިޔޭގައި ހިނގާ ކޮންމެ ނިރުބަވެރިކަމަކާއި ޤާނޫނާ ޚިލާފުކަމެއް އިސްލާމްދީނާއި އެދީނުގެ ނަބިއްޔާއާ ގުޅުވަން މަސައްކަތްކުރާކަމީ، ހިތާމަވެރިކަމެކެވެ. އެކަމުން އެނގެނީ، އެއްފަރާތުން އަނެއްފަރާތަށް އިޚްލާޞްތެރިވުމާއި، ހިތްހެޔޮކަމުގެ އެއްވެސް ޑައިލޮގަކުން، އިންސާނީވަންތަކަމުގެ އެއްވެސް މަސައްކަތަކުން ހުޅަނގުގެ ހަސަދަވެރިކަމާއި ނީހަޔަށް ބަދަލެއް ނާންނާނެކަމެވެ. އެހެންކަމުން، އިސްލާމީ އުންމަތުގެ ޒިންމާއަކަށް ހަދަންވީ، އިތުރު ސާހިބާ މިއުންމަތާ ޙަވާލުކުރައްވައިފައިވާ ހެޔޮ ދަޢުވަތާއިގެން ހީވާގިވުމެވެ. ޙައްޤާއި އިންޞާފާއި، ތެދުވެރިކަމާއި އިންސާނީ ކަރާމަތް ޤާއިމުކުރުމަށް އިތުރު ސާހިބާ ވެވަޑައިގެންނެވި ފަދައިން ޤުރްބާންވުމެވެ. ދުނިޔޭގައި ޢަދުލުވެރިކަމާއި، އޯގާވެރިކަމާއި، ޞުލްޙަމަސަލަސްކަން ޤާއިމުވާނީ އޭރުންނެވެ.
--------------
(ނިމުނީ)

މި ލިޔުން؛

   ފޮނުވުން:    އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
   އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
   ޝާއިޢުކުރުން:  ''          ''


ހަމަމިގަލަމުން

އިދާރާ

ވާހަކަ