އަދުގެ ޚާއްސަ

Print

އަވަހާރަވުމުގެކުރިން... ތަޢުޒިއްޔާ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ނަޞީރު އިބްރާހީމް (2011)

ހުންއަންނާނެ ކަމަށް ރަޖާ ނުލާށޭ ބުނާ އަޑު އައްސަވަމު ދޮގެއްތޯ އެވެ؟ ކޮންކަމަކާ ގުޅިގެން ކާކު ބުނި ބަހެއްކަން ނޭނގުނަސް، މި ބަހަކީ އަޅުގަނޑަށް ވެސް އާ ބަހެއް ނޫނެވެ. ތިޔަ ބޭފުޅާ އަށް ވެސް ބާ ބަހަކަށް ވީ ފަދައިންނެވެ.

ކޮންމެއަކަސް  ދިވެހި ބަހުގެ އެދުރުންގެ ތަފުސީރުތަކަށް ބަލާއިރު،  ކަމެއް ވެދާނެކަމުގެ ބިރަށް ބައެއް މީހުން ހަދާ މޮޔަ، މި ބަހުގެ މާނައެއްކަމުގައި ފުދެ އެވެ.  ރުކަކުން ކާއްޓެއް ވެއްޓި ބޮލުގައި ޖެހިދާނެތީ، ރުއްދަށުން ހިނގައިގަތުމުގެ ކުރީގައި ބޭސްފުނޑުންފަދަ ކަންކަމެވެ. 

އަޅުގަނޑުމެންގެ ޢިއްޒަތްތެރި ލިޔުންތެރިޔަކަށް މި ދިމާވީ އަދި މި ފަދަ ކަމެއް ވެސް ނޫނެވެ. އެ ކަމަކު ކޮންމެ ވެސް ގަލަމަކުން ހެދިފައިވާ، ހިންޏައިގެން ހަލާކުވާ ފަދަ މޮޔަހެދުމެކެވެ.

އިންސާނަކަށް ދުނިޔޭގައި ދިމާވާނެ އެންމެ ބޮޑު އެއްކަމަކީ އޭނާގެ މަރެވެ. އަޖަލު ހަމަވުމެވެ. މަރުވެދާނެތީ އިންސާނާ އެހާ ބިރުގަންނަނީ އެހެންވެގެންކަމަށް ވެދާނެ އެވެ. ހަމަ އެހެންމެ މީހަކު މަރުވީމާ އެކަން އެހާ ބޮޑުކަމަކަށްވަނީ ވެސް އެހެންވެގެންކަމަށް ފެނެ އެވެ.

ހަނދުމަފުޅު ހުންނާނެ ފަދައިން ދިވެހިޅެންވެރިކަމުގެ މައިދާނުގައި ނަންފުޅު ވިދަމުންދިޔަ އަލްފާޟިލާ އާމިނަތު ފާއިޒާ (ޑޭޒީމާ) އަވަހާރަވީ ދާދި މި ދާކަށް ދުވަހު އެވެ. އޭނާ އަވަހާރަވުމާ ގުޅިގެން އެ ނޫން ވެސް އެފަދަ ބޭފުޅުން އަވަހާރަވީމާ ބޭއްވޭފަދަ ތަޢުޒިއްޔާގެ ދަފުތަރުތައް އެކި އިދާރާތަކުގައި ބޭއްވުނެވެ. އޭގެ ތެރޭން އެއް ދަފުތަރެއް އޮތްކަމަށްވަނީ،  ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގަ އެވެ. 

މި ދަފުތަރަކީ ވަރަށް ގިނަ ބޭފުޅުން ޝުޢޫރުތައް އޮއްސެވި ދަފުތަރެކެވެ. ހަމަ އެކަނި ޔުނިވަރސިޓީއަށް  ނިސްބަތްވެވަޑައިގަންނަވާ މުވައްޒަފުންނެއް، ދަރިވަރުންނެއް ނޫނެވެ. އެ ނޫން ވެސް ހެޔޮ އެދިވަޑައިގަންނަވާ އެތައް ބޭފުޅުންނެކެވެ.

ޤައުމީ ޔުނިވަރސިޓީގެ ދިވެހި ބަހާބެހޭ މަރުކަޒުގައި އޮންނަ ބަސްކޮމިޓީގެ މެންބަރަކު ކިޔައިދެއްވި އެވެ. ބަސްކޮމިޓީގެ ބައްދަލުވުން ނިންމާފައި ތިމަން ނިކުމެއްޖައީމު އެވެ. ތިމަންނައާ  އެކީގައި އަދި އެވެނި މިވެނި ބޭފުޅުން ހިމެނެ އެވެ. އޭގެ ތެރޭގައި އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބު ވެސް ހުންނެވި އެވެ.

އިސްފަރާތަކުން، އިޝާރާތެއް އައީ މަރުޙޫމާ ފާއިޒާގެ ތަޢުޒިއްޔާގެ ދަފުތަރުގައި ''ރޮނގެއް އަޅާލުމަށެވެ.'' އާދޭހޭ ދަންނަވައިފައި ތިމަންމެން ހިނގައްޖައީމު އެވެ. ދަފުތަރު ބާއްވާފައި އޮތީ އެކަމަށް ޚާއްޞަ މޭޒެއްގެ މަތީގަ އެވެ. މޭޒު މަތީގައި ފާރުގައި ލައްގާލައިފައި ފާއިޒާގެ ވަރަށް ބޮޑު ފޮޓޯއެއް ހުއްޓެވެ. ފޮޓޯއަށް ބަލަހައްޓައިގެން އިނދެ، ފާއިޒާގެ ޚިދުމަތްތަކާއި، އެކުވެރި ހަނދާންތަކާއި، ދުނިޔޭގެ ޙަޤީޤަތްތަކުގެ މައްޗަށް ވިސްނައި، އެ މީހެއްގެ ހިތުގެ ކަންވާރު ބަންޑުންކޮށްލަންވީ އެވެ. މިނިވަންކަމާއެކީގަ އެވެ.

ތިމަންނަމެންގެ ތެރޭގައި އެންމެ ކަމޭ ހިތެވޭ އިސްބޭފުޅަކަށް ހުންނެވީ އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބެވެ. ވިދާޅުވީ އެންމެ ފުރަތަމަ ތިމަންނަ ލިޔެލަން ހެއްޔެވެ؟ އާދޭހޭ ދަންނަވައި އެއްފަރާތަށް ޖެހިލުމުން، ގޮނޑީގައި އިށީނދެވަޑައިގެން ހަމަ ޖެހިލެއްވި އެވެ. ގަލަންކޮޅު ނަންގަވައި ތައްޔާރުވެލެއްވި އެވެ. ފާއިޒާގެ ފޮޓޯއަށް ނަޒަރު ހިންގައިލެއްވި އެވެ. އެކި މީހުންގެ ތަފާތު ޝުޢޫރުތައް އެފޮތުގައި ކުރެހިފައި ހުންނާނެތީ، އެހެންމީހުންގެ ލިޔުންތައް ވެސް ބަލައިލާނަމޭ ވިދާޅުވި އެވެ. ދެތިން ޞަފުޙާއެއް ބައްލަވައިލައްވައިފި އެވެ. ކުއްލިޔަކަށް ސިހިވަޑައިގެން ހަށިކޮޅަށް ލޮޅުމެއް އެރި މަންޒަރު ފެނުނެވެ. ''މި އޮތީ ކީކޭ؟'' ވަރަށް ބާރު އަޑުފުޅުން ވިދާޅުވެއްޖެ އެވެ.

ކަމަކުދާކަށްނެތެވެ. ޝުޢޫރުފާޅުކުރެއްވި ކޮންމެ ވެސް އެއްބޭފުޅަކު އޭނާގެ އިޚްލާޞްތެރި ޝުޢޫރުފާޅު ކުރައްވައިފައި އެވަނީ އެވެ. ''އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބަކީ، މި ދިވެހި ޤައުމަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ..'' އެ ޝުޢޫރު ފައްޓަވައިފައިވަނީ މި ފަދައިންނެވެ. ނިމޭނީ ވެސް މި ފަދައިންތާ އެވެ. ކޮންމެއަކަސް ހިނިފުޅު އައިސްފައި ޙަބީބާ ވިދާޅުވި ކަމަށްވެ އެވެ. އަޅުގަނޑު ދުނިޔޭގައި އިނދެ، އަޅުގަނޑުގެ ތަޢުޒިއްޔާގެ ދަފުތަރުގައި ލިޔަންޖެހުނީ ދޮގެއްތޯ އެވެ!!
---------------
(ނިމުނީ)

މި ލިޔުން؛

   ލިޔުން:      އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
   އަލުންބެލުން:    ''       ''
   ޝާއިޢުކުރުން:   ''       ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ