Print

އަބާރަނަ-1

ޝާޢިއުކުރީ ހަސަން ޝާކިރު މުޙައްމަދު . ހިމެނޭބަޔަކީ މާދަރީބަސް

ފޮތެއްގެ ތަޢާރުފު

ޙަސަން ޝާކިރު މުޙަންމަދު

"އަބާރަނަ" އަކީ، ޒީނަތްތެރިވުމުގެ ގޮތުން ކަރުގައިއަޅާ މޮޅު ގަހަނާއެވެ. އެހެންކަމުން މިއީ، އަޅުގަނޑުމެންގެ އަދަބީ ބަގީޗާ ޒީނަތްތެރިކުރުމުގެ ގޮތުން އެބަގީޗާގެ "ކަރު"ގައި އަޅާލި ގަހަނާއެއް ކަމުގައި ހީފުޅުކޮށްލައްވާށެވެ." މިއީ، އަބާރަނަ-1 ގެ ތަޢާރަފުގައި ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުގެ ރައީސް، ފަޟީލަތުއްޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ޢިބާރާތްކޮޅެކެވެ.
ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުން، ޝާއިޢުކުރައްވަން ފެއްޓެވި އަދަބީ ފޮތްތަކުގެސިލްސިލާ "މަލަސް"ގެ ފުރަތަމަ ފޮތުގެ ގޮތުގައި ނެރުއްވި މިފޮތަކީ، ދިވެހި ޅެންވެރިކަމުގެ ދުނިޔެއަށް ކުރައްވާފައިވާ އަގުހުރި ހަދިޔާއެކެވެ. ޅެންބަހުގެ ތަރިކައެވެ. ރާއްޖޭގައި އުފެދިފައިވާ ކުޅަދާނަ ޅެންވެރިންގެ ތެރެއިން 22 ޅެންވެރިއެއްގެ ތަފާތު 135 ޅެން ހިމަނުއްވައި ގަތައިލެވިފައިވާ ޅެމުގެ ހާރެކެވެ. 

އަބާރަނައިގެ މިފޮތުގައި ހިމަނުއްވާފައިވާ ޅެންވެރިންގެތެރޭގައި އޮނަރަބްލް އަލްއުސްތާޛު މުޙައްމަދު ޖަމީލާއި އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބާއި އޮނަރަބްލް އަލްއުސްތާޛު މޫސާ ފަތުޙީއާއި އަންނަބީލާ އާމިނަތު ޙުސައިނާއި އަލްފާޟިލާ އާމިނަތު ފާއިޒާއާއި އަލްފާޟިލް ޢަބްދުﷲ ޞާދިޤާއި އަލްފާޟިލް ޔޫސުފް މުޙައްމަދު ފުޅާއި އަލްފާޟިލް ޏ. ޢަލީ ޝަރީފާއި އަންނަބީލް ޖަޢުފަރު ކަމާލުއްދީނާއި އަންނަބީލާ ފާޠިމަތު ސަޢީދާއި އަންނަބީލާ މަރިޔަމް ސަޢީދާއި އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނާއި އަލްފާޟިލް ޢަބްދުއްރަޝީދު ނިޒާރާއި އަލްފާޟިލް ބޮޑުގަލު އިބްރާހީމް މަނިކާއި އަލްއުސްތާޛު މުޙައްމަދު ރަފީޢާއި އަލްފާޟިލް މުޙައްމަދު ވަޙީދާއި އަލްފާޟިލް ހޯރަފުށީ އާދަމް ސަލީމާއި އަލްފާޟިލް އިބްރާހީމް މަންޞޫރާއި އަލްފާޟިލް ގުޅީ މުޙައްމަދު ވަސީމާއި އަލްފާޟިލް ޢަބްދުއްލަޠީފް ޢުމަރާއި އަލްފާޟިލާ ސަކީނާ ޢަބްދުލްޤައްޔޫމާއި އަލްފާޟިލް ޢަބްދުﷲ ޝާހިދު ފަދަ ޅެންވެރިކަމުގެ ތަފާތު ޒަމާންތަކެއްގެ ޝާޢިރުން ހިމެނެއެވެ. މިޝާޢިރުންގެ ތެރެއިން އަލްފާޟިލް ޢަބްދުއްރަޝީދު ނިޒާރު ފިޔަވައި އެހެންބޭފުޅުންގެ ކުރު ވަނަވަރެއްވެސް ހިމަނުއްވައިފައިވެއެވެ.

ކޮންމެ ޅެންވެރިޔެއްގެ ޅެންބައިތެއް ނަކަލުކުރުމަކީ، ލިޔުން ދިގުވެގެން ހިގައިދާނެކަމަކަށް ވާތީ، އަޅުގަނޑު ފާހަގަކޮށްލާނީ، ބައެއް ޅެންވެރިންގެ ބައެއް ޅެންތަކުން ބައެއް ބައިތުތަކެވެ.

" އަބާރަނަ- 1 " ގައިވާ ޅެންވެރިންގެތެރެއިން، އަލްއުސްތާޛު މޫސާ ފަތުޙީއަކީ، މޮޅު ޅެންތަކެއް ހައްދަވައިފައިވާ ކުޅަދާނަ ޝާޢިރެކެވެ. ފަތުޙީގެ ޅެންތަކުގެތެރެއިން "އީރާނުން ފިލާވަޅެއް" މިއީ، އަދުގެ ދުނިޔޭގެ ހާލަތާ ވަރަށް ބޮޑަށް ގުޅިފައިވާ ޅެމެކެވެ.

" އުންމަތެއް ކަމަކާއި ކުރިމަތިލައިފި ނަމައީ އިދިކޮޅަށް

             ފުންމައެއް ހަމަ ނުގަނެވޭނޭ ކަން ޔަޤީންކޮށް އަންގަނީ

ހިލިހިލާތައް ވެސް  ބުރައިގެންނޭ  ޖެހޭނީ ދާށަ  ދެން

             އަލިވިލޭ ހިނދު އަނދިރިކަންވެސް ހަމައެހެންނޭ ފޮހެލަނީ "

މިފޮތުގައި ހިމަނުއްވާފައިވާ ޅެންވެރިންގެތެރެއިން، އަލްފާޟިލާ އާމިނަތު ފާއިޒާ، ދިވެހި އަދަބީ ބަގީޗާއިން ނުކުމެވަޑައިގެން، 25 ފެބުރުވަރީ 2011 ގައިވަނީ، މާތްﷲގެ ނިޢުމަތަށް ދަތުރުކުރައްވައިފައެވެ. ފާއިޒާ ހައްދަވައިފައިވާ " ސަލާމުގެ އަތް " މިޅެމުގެ އަންނަނިވި ބައިތުތައް މިވަގުތަށް ވަރަށް މުނާސަބުކަމުގައި ދެކެމުއެވެ.

" މޫނު އެޅިގެން ދިޔަ  ވަގުތު ދެލޮލުން ކަރުތައް  އޮހިގަތޭ

             ތޫނު ޚަންޖަރަކުން  ވެފައިވާ  ޒަޚަމުތަކުގައި   ރިހިގަތޭ

 އެންމެފަހުގެ ވަދާޢުކިޔަމުން   އެންމެފަހު  ވެލިމުށް  އަޅައި،

             ދެންއެނބުރިލީ ހިނދު މުޅިން ހަނަފަސްމިސަހަރާއެއް އޮތޭ

 އެކަނިވެރިކަން  ހީވެފައި  ވިސްނައިލިއިރު  މުޅިހައިތަނަށް،

             އެކަނި މާއެކަނިން އެތާ އަޅުގަނޑު މެ ނޫނީ ހަމަ ނެތޭ "


އަލްފާޟިލް ޢަބްދުﷲ ޞާދިޤުގެ ޅެންތަކަކީވެސް، އިތުރު ތަޢާރަފަކަށް ބޭނުންވާނެ ޅެންތަކެއް ނޫނެވެ. އެގޮތުން " ރަސްކަލެއްގެ އީޘާރު " " ނޭނގުން " " ޤަބުރުސްތާނު " " މޮޔައަކީ ކޮބާ؟" " އުފާވެރި މަންމައަކަށް ވާށެވެ." ފަދަ ޅެންތަކަކީ، ފާހަގަ ކޮށްލެވޭ ޅެންތަކެކެވެ.

" ލަފާ އިންސާނަކަށްވާނީ " ކިހިނެއްކަން ބަޔާންކޮށްދެއްވަމުން،

" ލަފާ އިންސާނަކަށް ވާނީ ނިފާޤުން ދުރުވެފައި ވަންޏާ

            ލަފާ މީހުންގެ ބަހުގައިވާ ނަފާ ދުނިޔޭން  މި ހޯދަންޏާ" ކަމަށާއި "ބަހާއި އަދަބަށް ޚިދުމަތްކުރުން" މިއީ، ކޮންބައެއްގެ ވާޖިބެއްކަން ހާމަކޮށްދެއްވައި،

" ޚިދުމަތް ކުރުން ބަހަށް މީ ދެ އަޚެއްގެ ވާޖިބެއް ނޫން

           އެދުނަސް ދެމީހަކަށް މީ، ކުރެވޭނެ ވަރު ކަމެއް ނޫން "  ކަން ހާމަކޮށް ދެއްވައި، ޅެންވެރި އެމުނި އެކުލެވުމުގެތެރެއިން އަލްފާޟިލް ޔޫސުފް މުހައްމަދު ފުޅު ހައްދަވައިފައިވާ ޅެންތަކުގެ އިތުރުންވެސް އޭނާގެ މޮޅު ޅެންތަކެއް މިފޮތުގައި ހިމަނުއްވައިފައިވެއެވެ.

އަލްފާޟިލް ޏ. ޢަލީ ޝަރީފްގެ ޅެންތަކުގެތެރެއިން "އޮޅިގަނޑު ނުބައިވުމުން" ވާނީ ކިހިނެއްކަމާއި، " ދީނާއި ދައުލަތަކީ ވަކިކުރެވޭނެ އެއްޗެއް ނޫނެވެ." ވިދާޅުވެފައިވާ ޅެންތަކަކީ، ފާހަގަކޮށްލެވޭ ޅެންތަކެކެވެ.

"ޖަހަންނަމަ" އާދެ! ނަރަކަ ސިފަކުރައްވައި އަންނަބީލް ޖަޢުފަރު ކަމާލުއްދީނު ހައްވައިފައިވާޅެމަކީވެސް، ފިކުރު ހިންގާލަން ރަނގަޅު ޅެމެކެވެ.

"މިއަދުންފެށިގެން ކެތްތެރިކަމުގައި ތިބެވޭތޯ

      އިޔަހޫދި މަކަރުތައް ނުހަދައި ކުރިއެރުވޭތޯ

            ދިޔަތަން ފަހަތަށް ޢިބްރަތަކަށްވެސް ބެލެވޭތޯ

                ނިޔަތެއް ގަނެގެން ފައްޓުވަމާހޭ ތިބިގޮތުގައި- ތެދުވާށެ"  " އޭ ދިވެހި ޤައުމާއެވެ " ވިދާޅުވެ ހައްދަވައިފައިވާ ޅެމުގައި، އަންނަބީލާ ފާޠިމަތު ސަޢީދުގެ ޝާޢިރިއްޔަތު ހާމަކޮށްދެއްވައިފައިވެއެވެ.

ހަމައެފަދައިން، އަންނަބީލާ މަރްޔަމް ސަޢީދުގެ ޅެންތަކަކީ، ވަރަށް ރީތި، މޮޅު ޅެންތަކެކެވެ. މިފޮތުގައި ހިމަނުއްވައިފައިވާ ޅެންތަކުންވެސް ވަރަށް ރަނގަޅަށް އެކަން ހާމަވެއެވެ.

ރާއްޖޭގެ ކޮންމެ ދިމާއަކުންވެސް ފެންނަން މިއޮތް އުޑުމަތީގައި ދައުރުވަމުން ކުލަ ބަދަލުވަމުންދާ "ވިލާ" ތަކުގެ ސިފަތަކާއި 40 އަށް ވުރެ ގިނަ މަލުގެ ނަން ބަޔާން ކުރައްވައިފައިވާ "މާމެލާމެލި" މިދެ ޅެމަކީ، އަލްފާޟިލް ހޯރަފުށީ އާދަމް ސަލީމް ޅެންވެރިކަމުގެ ކުޅަދާނަކަން ވަޒަންކޮށްލަން ރަނގަޅު ޅެންތަކެކެވެ.

"އަބާރަނަ" 1 ގައި ވާ އަލްފާޟިލް ޢަބްދުއްލަޠީފު ޢުމަރުގެ ޅެންތަކަކީ، ނަސޭހަތާއި ވަސޭހަތުގެ ޅެންތަކެވެ. " އާދައެއްވެސް ނޭދެވޭނަމަ ވާނެ އަވަހަށް ދޫކުރަން

              މާދަމާއަށް ލަސްނުކޮށް ތައުބާވެ ހެއުކަން ގިނަކުރަން" ވިދާޅުވެފައިވާ އިލްތިމާސްތަކެކެވެ.

މިނޫންވެސް ތަފާތު މޮޅު ޅެންތަކެއް މިފޮތުގައި އަމުނައި އެކުލަވައި ލައްވައިފައިވެއެވެ. މިއީ، މަދަރުސާ ކުދިންނާއި ޅެންވެރިކަމުގައި ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް ލިބިފައިވާ ނަމޫނާ ޅެންތަކެކެވެ.

" ޅެންވެރިކަމަކީ ކޮންމެ ބަހެއްގެވެސް އަދަބީ އުފެއްދުންތަކުގެތެރެއިން ވަރަށް ޚާއްޞަ ފަންނެކެވެ. ބަހުގެ ރީތިކަމާއި ބަލާޣާތްތެރިކަން އެންމެފުރިހަމައަށް ހާމަކޮށްދޭ، ފަންނެވެ. އަދަބީ ޚިޔާލު ހުންނަ މީހުން އެންމެ ލޯބިކުރާ، އެމީހުންގެ ހިތްތަކަށް އެންމެބޮޑު އުފަލެއް ޙާޞިލުކޮށްދޭ ރޮނގުމެއެވެ." މިއީ، މިފޮތުގައި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ލިޔުއްވާފައިވާ ބަޔާނުގެ ތަން ކޮޅެކެވެ.

މިފޮތުގައި ހިމަނުއްވައިފައިވާ ކޮންމެ ޅެމަކުންވެސް މިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. މިފޮތުގައިވާ ކޮންމެ ޅެންވެރިޔަކީވެސް ޅެންވެރިކަމުގެ ގުލްޒާރުގެ ވަސްމީރު މަލެކެވެ. އެމަލުގެ ވަސް އެނގިވަޑައިގަންނަވާނީ، މިފޮތް ބައްލަވައި ލެއްވުމުންނެވެ. މިއީ، ކުޅަދާނަ ޝާޢިރުންތަކެއްގެ މޮޅު ޅެންތަކެއްގެ ރީތި " އަބާރަނަ" އެކެވެ.
 
3 ރަބީޢުލްއާޚިރު 1401 (28 ޖަނަވަރީ 1982) ގައި އޭރުގެ ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުން ޝާއިޢުކުރެއްވި 202 ޞަފުޙާގެ މިފޮތް ފަހުން ޝާއިޢު ކުރައްވާފައިވަނީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުންނެވެ.
------------------
(ނިމުނީ)

މި ލިޔުން:

    ފޮނުވުން: އަލްފާޟިލް ޙަސަން ޝާކިރު މުޙަންމަދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން: ޙ. ޝ. މ/ އ. ނ. އ.

އިދާރާ

ވާހަކަ