އަދުގެ ޚާއްސަ

Print

ފަރުބަދަމަތީގެ ސިންގާ (1)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ


މުޙަންމަދު ޝާހިދު ޙަލީމް (1983)

ޠަރާބުލުހުގެ ބަނދަރު ސަހަރު ބިންޣާޒީ އޮތީ އިޓަލީ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައެވެ. ސަހަރަށް ވެރިވެފައި އޮތް ވީރާނާކަމުގެ ތެރެއިން، ހަމަހިމޭންކަން ފުނޑުފުނޑުކޮށްލަނީ ހަމައެކަނި ސިފައިންގެ ހަރަކާތްތަކުންނާއި ޓޭންކުތައް ދުއްވާ އަޑުންނެވެ. ސަހަރުގެ ވަށައިގެން ގެންދަނީ ވަރަށް ވަރުގަދައަށް ފޯރިމަރަމުންނެވެ. އެހެންކަމަށް ވުމާއެކު ވެސް ޠަރާބުލުހުގެ ސަނޯސީ މުޖާހިދުންގެ ގެރިއްލާ ހަމަލަތަކަށް ހުއްޓުމެއް ނާދެއެވެ. ސަހަރުގެ އާބާދީއާ ދުރުގައިވަނީ ސިފައިންގެ ކޭންޕުތަކުގެ އަވަށެވެ. އަވަށުގެ ވަށައިގެންވަނީ ކަށިނަރު ދަމައިފައެވެ. ތަންތަންކޮޅުގައި ސިފައިން ހުސިޔާރުވެގެން ތިއްބެވެ. މުސޮލިނީގެ އަނިޔާވެރި ޖެނެރަލް ގްރަޒިޔާނީ އަލްމަރްޔާގެ ކައިރީގައިވާ ގަބީލާތަކުގެ ކޭންޕަށް ހަމަލަދީފައި އެނބުރި އައިތާ ވީ ހަމަ އެންމެ ދުވަހެކެވެ. ކޭންޕުގެ ގެއެއްގައި އޭނާގެ ކެޕްޓަނެއް ކަމުގައިވާ ބުރޫނޯ ބަރްޓޭލީ އޭނާގެ ޒުވާން އަންހެން ކޮއްކޮ ފުރަންޒާއާ އެކުގައި އުޅެއެވެ. އޭނާ އިނީ ގޭގެ ފެންޑާމަތީގައި ކޮފީބޯށެވެ. ކެޕްޓަން ބުރޫނޯ ވަނީ އިނގިރޭސި ނޫސްވެރިއެއް ކަމަށްވާ ފްރާންސިސް މެކޯލޯނަށް ކެއުމަށް ދަޢުވަތުދީފައެވެ. ސަނޯސީ މުޖާހިދުންގެ ކޭންޕުތަކަށް ޙަމަލާދިނުމަށް ބުރޫނޯ ދިޔަ ތިންފަހަރަކު އޭނާއާ އެކުގައި ފްރާންސިސް މެކޯލޯން ހިނގައްޖެއެވެ. އަލްމަރްޔާއަށް ދިން ހަމަލައަށް ފަހު ދެން އިތުރު އެއްވެސް ތަނަކަށް އެބައިމީހުންނާއެކު ދިޔުމަށް މެކޯލޯން ވަނީ ކަނޑައެޅިގެން އިންކާރުކޮށްފައެވެ.

އިޓަލީ ސިފައިން ދެއްކި އަނިޔާވެރިކަމުގެ މައްޗަށް މެކޯލޯން ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. އެ ކަމާ ހުރެ އޭނާއާ ޖެނެރަލް ގްރަޒިޔާނީއާ ދެމެދުގައި ވަނީ ދެކޮޅުވެރިކަން ވެސް ހިނގައިފައެވެ. އަދި އޭނާ އެމީހުންގެ ތެރޭގައި ނުހުރެ، އެނބުރި ދާނީ ކަމަށް މެކޯލޯން ވަނީ ބުނެފައެވެ. އެކަމަކު ޖެނެރަލް އޭނާގެ އަނިޔާވެރިކަމާއި ރަޙުމުކުޑަކަމުގެ ވާހަކަތައް ޠަރާބުލުހުން ބޭރަށްދާކަށް ނޭދެއެވެ. މެކޯލޯން ގޮސް އެ ޚަބަރު އާންމުކޮށްފިއްޔާ އޭނާ ނުހަނު ބޮޑަށް ބަދުނާމު ވެދާނެތީ އޭނާ ވަނީ ވަރަށް ބިރުގެންފައެވެ. އެހެންކަމުން ޖެނެރަލް، ކެޕްޓަން ބުރޫނޯއަށް އަންގައިފައިވަނީ ކޮންމެވެސް ގޮތަކުން މެކޯލޯން ހުއްޓުވަން މަސައްކަތް ކުރުމަށެވެ. މި ދަޢުވަތު ތައްޔާރު ކުރެވިފައިވަނީ އެ ސަބަބަށް ޓަކައެވެ.
 
"ނޫން. ކެޕްޓަން! އަހަރެން މި ތާނގަ އެންމެ ހިނދުކޮޅަކު ވެސް މަޑެއް ނުކުރާނަން." ފްރާންސިސް މެކޯލޯން ރުޅިއައިސްފައި ބުންޏެވެ.
 
"އަހަންނަށް ކަލެއަކަށް މަޖުބޫރެއް ނުކުރެވޭނެ." ބުރޫނޯ ބުންޏެވެ. "އެކަމަކު އަހަރެން ބުނަން. ކަލެއަކަށް އަދި އަހަރެމެންގެ ސިފައިންގެ ހަނގުރާމައިގެ އެންމެ ވިދުވަރެއް ވެސް ނުފެނޭ. ޠަރާބުލުސްގެ ހަނގުރާމަ އަދި ވަރަށް ހައިރާން ކުރުވާނެ."

"ތި ހަނގުރާމައަށް އަހަރެން ލަޢުނަތް ރައްދުކުރަން." މެކޯލޯން ބުންޏެވެ. "މާތްރަސްކަލާކޯ. ކަލޭ ތި ބުނަނީ އެއީ ސިފައިންގެ ހަނގުރާމައޭތަ؟"

"ޙަޤީޤަތް ގަބޫލުކުރޭ، މެކޯލޯން." ބުރޫނޯ ބުންޏެވެ. "އެ ސަނޯސީ ގެރިއްލާއިން އަހަރެމެންގެ ސިފައިން މަރަމުން ގެންދާ އަނިޔާވެރި ގޮތެއް ކަލެއަކަށް ނުފެނޭތަ؟"

"އެމީހުން މަރަނީ އެމީހުންނާ ހަނގުރާމަކުރާ ސިފައިން." މެކޯލޯން ޖަވާބުދިނެވެ. "އެބައިމީހުންގެ ބިމުގަ އެބައިމީހުންގެ ލޭ އޮހޮރުވާ މީހުން. އެބައިމީހުންގެ މިނިވަންކަން ދިރުވާލަން އުޅޭ މީހުން."

"އޯހޯ. ކަލޭ ވެސް ތި ދަނީ މާ މައްޗަށް. ރިޕޯޓަރަކަށްވެގެން ހުރެ ތިހާ ޖަޒުބާތީނުވޭ. މީ ހަނގުރާމަ. ހަނގުރާމައިގަ ހުރިހާ ކަމެއް ހުއްދަވާނެ."

"ޝައްކެއް ނެތް، މީ ހަނގުރާމަ. އެކަމަކު ކަލޭމެންގެ އޮތީ ސިފައިންގެ ލަސްކަރެއް ނޫން. ގާތިލުންގެ ބައިގަނޑެއް. އަހަންނަށް ދެތިން ދުވަހެއްގެ ތެރޭގައި މި ފެނުނު ކަންތައްތައް، އެތައް އަހަރެއްވަންދެން އަހަރެންގެ ނިދިނަގައިލަން ފުދޭ. ކަލޭ ސިފައިންނޭ ތި ކިޔަނީ އަންހެނުންނާ ކުޑަކުދީން ރަޙުމެއްނެތި ގަތުލުކުރާ ބަޔަކަށްތަ؟ ކުށެއްނެތް އަންހެންކުދީންގެ އަބުރުވެރިކަމުގެ ދާވަނި ކުދިކުދިކޮށްލާ ބަޔަކަށްތަ؟ ނުކުޅެދޭމީހުންނާ މުސްކުޅީން ކަލޭމެންގެ އުންޑަތަކުން ތޮރުފާލުމަށްފަހު ތިމާމެންނަކީ ފާތިޙުންނޭ ކިޔަނީތަ؟ އެހެނެއްނޫން ކެޕްޓަން! އެއީ ސިފައިންގެ ކަމެއް ނޫން. ފިނޑީންގެ ކަމެއް. އަހަރެން ބޮޑު ހަނގުރާމަ ދުށިން. ހިޓްލަރުގެ އަނިޔާވެރިކަމުގެ ނިޝާންތައް ދުށިން. އެކަމަކު ގްރަޒިޔާނީގެ އަނިޔާވެރި ބައިގަނޑު މިބުނި އަނިޔާވެރިކަމުގެ ބިރުވެރި ފޮޓޯވެސް އަހަރެންގެ ސިކުނޑިން ފޮހެލައިފި. ކަލެއާ އެކުގަ ހުރީމަ ޚުދު އަހަންނަކީ ވެސް މިނިކާ ޖަނަވާރެއް ކަމަށް އަހަންނަށް ހީކުރެވެން ފަށައިފި."

ކެޕްޓަން ބުރޫނޯ ވަރަށް ބާރަށް ހީނގަތެވެ. "ކަލެއަކީ ހަމައެކަނި ނޫސްވެރިއެއް ނޫންތާ! ރަނގަޅު ވާހަކަލިޔުންތެރިއެއް ވެސްތާ!" އޭނާ ބުންޏެވެ. "ރުޅި ފިލުވާލާފަ ހިނގާ! ކްލަބަށް ގޮސް އަހަރެމެން އިނގިރޭސި ވިސްކީން މޮޅިފިލުވާލާނީ."

"އެކަމަކު ތި ގޮތުން ވެސް އަހަރެން ހުއްޓުވުމެއް ކަލެއަކަށް ކާމިޔާބެއް ނުކުރެވޭނެ."

ފުރަންޒާ އިނީ އޭނާގެ ކޮޓަރީގައި އެބައިމީހުންގެ ވާހަކަ އަޑުއަހާށެވެ. މެކޯލޯންގެ ވާހަކަ އަޑުއިވިފައި އޭނާ ހައިރާންވިއެވެ. އޭނާގެ ބޭބެ އެ އަނިޔާވެރިންގެ ތެރޭގައި ބައިވެރިވާކަމަށް ވާ ނަމަ އެއީ ވަރަށް ބޮޑަށް ލަދުގަންނަން ޖެހޭ ކަމެކެވެ. އަންހެނުންނާއި ކުޑަކުދީން މެރުން – އަންހެންކުދީންގެ އަބުރުވެރިކަމަށް ހަމަލަދިނުން – ނޫނެކެވެ. އެއީ ގޯސް ވާހަކައެކެވެ. ބުރޫނޯ އެ ކަހަލަ ދަށް ފެންވަރުގެ ކަންތައްތަކެއް ނުކުރާނެއެވެ. އޭނާ ލޯގަނޑުގެ ކުރިމަތީގައި އިނދެގެން ބޯ އޮމާންކުރަމުން އޭނާގެ ރީތި އޮމާން ހަށިގަނޑަށް ބަލައިލިއެވެ. ބުރޫނޯ އޭނާ ގާތު ބުނެފައިވަނީ ކޮންމެ ގޮތަކުން ނަމަވެސް މެކޯލޯން ރުއްސުމަށެވެ. އެހެން ނުވެއްޖެނަމަ ޖެނެރަލް ގަރްޒިޔާނީ ރުޅިއަންނާނެއެވެ. ޖެނެރަލް ރުޅިއައުމުން ވާނީ ކިހިނެއްކަން ފުރަންޒާ ދަނެއެވެ. އޭނާ ނުރުހޭ މީހަކު އަތްދޮވެލާން ޖެހޭނީ ހަމައެކަނި ވަޒީފާއަކުންނޫނެވެ. ދިރިއުޅުމުންވެސް އަތްދޮވެލާން ޖެހިދާނެއެވެ.

ހަމަ އެ ވަގުތު ލޯގަނޑުން އެހެން ސޫރައެއް ފާޅުވެއްޖެއެވެ. ފުރަންޒާ ބިރުން ސިހުނެވެ. ދޮރުން އެތެރޭގައި މީހަކު ހުށްޓެވެ. އޭނާގެ ރައިފަލުގެ ކޮޅު ހުރީ ފުރަންޒާގެ ބޮލަށް އަމާޒުކޮށްފައެވެ. އޭނާގެ މޫނުމަތީގައި ވަނީ ރުމާލެއް ބަނދެފައެވެ. އެހެންކަމުން މޫނެއް ނުފެނެއެވެ. ހެދުމުން އެއީ އަރަތްބެއްކަން އެނގެއެވެ.

"ޚަބަރުދާރު! އަޑެއް އިއްވާލައިފިއްޔާ ބަޑިޖަހާނަން!" އެ މީހާ ބުންޏެވެ.

ފުރަންޒާ ތުރުތުރު އަޅައިގަތެވެ. އޭނާ ލޮލުގެ ކުޑަކޮޅުން ފެންޑާއަށް ބަލައިލިއެވެ. ބުރޫނޯއާއި މެކޯލޯން އަދިވެސް ބަހުސު ކުރަނީއެވެ. މި މީހަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އަރަބި ގެރިއްލާއެކެވެ. އޭނާއާ އެކުގައި އަދި އެހެން ގެރިއްލާއިން ތިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އޭނާ އެ އައީ ކޭންޕަށް ހަމަލަދިނުމުގެ ނިޔަތުގައި ކަމަށް ވުމީ ވެސް އެކަށީގެންވާ ކަމެކެވެ. އޭގެއިތުރުން ބުރޫނޯއާއި މެކޯލޯންގެ ދިރިއުޅުން ވެސް މި ވަނީ ނުރައްކަލުގެ ތެރޭގައެވެ. ކޮންމެ ގޮތަކުން ނަމަވެސް އޭނާ ވާނީ ބުރޫނޯއަށް އަންގާށެވެ.

އޭނާ މަޑުމަޑުން އަރަބި ޒުވާނާއާ ދިމާއަށް އެނބުރުނެވެ. އަދި ތިމާގެ ރީތިކަމުގެ ހުރިއްޔާ ހުރި ފިތުނަވެރިކަމަކާ އެކު ހިނިތުންވެލިއެވެ. "ބޭނުމީ ކޮން ކަމެއް؟"

އަރަބި ޒުވާނާ ހުރީ ހަމަހިމޭނުންނެވެ. އޭނާ ކޮޓަރީގެ ބޭރު ބަލާން މަސައްކަތް ކުރަނީއެވެ. އޭނާ ގޭގެ ތެރެއަށް ވަން ގޮތަކާ މެދު ފުރަންޒާ ވަނީ ހައިރާންވެފައެވެ. ބޭރުގައި ހުރިހައި ފަރާތެއްގައި ފާރަވެރީން އެބަތިއްބެވެ. މި އަވަށަށް ވަދެވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.
 
"ކަލޭ ބޭނުމީ ފައިސާ ވިއްޔާ އަހަރެން ފައިސާ ދީފާނަން." ފުރަންޒާ އަނެއްކާ ބުންޏެވެ.

"ކަލޭމެންގެ ޖަނަވާރުތައް އަހަރެންގެ އަތުން ފޭރިގަތް މުދާ އަނބުރާ ދެވޭނީ ކާކަށް؟" ޒުވާނާ ރުޅިވެރިކަމާ އެކު ބުންޏެވެ.

"އަހަންނަކަށް ވައުދެއް ނުވެވޭނެ. އެކަމަކު މަސައްކަތް ކުރާނަން." ފުރަންޒާ މޯޅިއަށް ދެމިލަމުން ބުންޏެވެ. "ބުނޭ. އެބައިމީހުން ކަލޭގެ އަތުން އަތުލީ ކޮން އެއްޗެއް؟"

"ކުށެއް ނެތް ދިރިއުޅުމެއް. އަންހެން ކޮއްކޮއެއް. އަންހެން ކޮއްކޮއެއްގެ އަބުރު." ޒުވާނާގެ ލޯ ވިދާން ފެށިއެވެ.

ފުރަންޒާ ތުރުތުރު އަޅައިގަތެވެ. އެހެންވީ އިރު މެކޯލޯން އެ ބުނަނީ ތެދެއްތާއެވެ. މި ޒުވާނާއަކީ ކަށަވަރުން ވެސް ނުރައްކާތެރި މީހެކެވެ. އޭނާގެ އަނގުރުގަނޑެއް ކަހަލަ ދެ ލޯ ހުއްޓިފައި ހުރީ ފުރަންޒާއާ ދިމާއަށެވެ.

"މީ ކެޕްޓަން ބުރޫނޯގެ ގެ ކަން ކަލެއަށް އެނގޭތަ؟ މި ތަނަށް އައިސްގެން ކަލޭ ތި ކަލޭގެ ދިރިއުޅުން ވެސް ނުރައްކަލުގެ ތެރެއަށް ވައްޓާލީ."

"ދެނަހުރިން. އަހަރެން މި އައީ ބުރޫނޯ ކައިރިއަށް."

"ކީއްވެގެން؟" ފުރަންޒާ ހައިރާންވެފައި އެއްސެވެ.

"ބަދަލުހިފަން."

"އެހެން.... އެހެން ހެދީ ބުރޫނޯތަ؟"

"އާނ. އެ ކުއްތާ! ކަލެއަކީ އޭނަގެ ކޮއްކޮތަ؟"

"އާނ. އަހަންނަކީ އޭނަގެ ކޮއްކޮ. ކަލޭ އަހަރެންގެ ކިބައިން ބަދަލުހިފަން ބޭނުންވަނީތަ؟" ފުރަންޒާ ރުޅިވެރިކަމާ އެކު ބުންޏެވެ. "މަޑުކުރަނީ ކީއްވެގެން. ބަޑިޖަހާ!"

ޒުވާނާގެ އިނގިލި ޓުރިގަރުގައި ހަރުވެއްޖެއެވެ. އޭނާގެ ލޮލަށް ލޭއަރައިފިއެވެ. އެކަމަކު ދެވަނަ ސިކުންތުގައި އޭނާ ހޭވެރިކަން ވެއްޖެއެވެ.

"ނޫން. އެއްވެސް އިސްލާމަކު އަންހެނުންނާ ކުޑަކުދީންނާ މެދު އެ ގޮތަކަށް ކަންތަކެއް ނުކުރާނެ." އޭނާ ޖަވާބުދިނެވެ. "ބުރޫނޯ އެތެރެއަށް ގެނުވާ."

ބުރޫނޯ އެތެރެއަށް އަތުވެއްޖެނަމަ ވާނީ ކިހިނެއްކަން ފުރަންޒާއަށް އެނގެއެވެ. މި މީހާ ބަދަލުހިފުމުގެ ޖޯހުގައި މަޑުކޮށްލުމެއް ވެސް ނެތި އޭނާގެ ގަޔަށް ބަޑިޖަހާނެއެވެ. ހަދަންވީ ކިހިނެއް ކަމެއް އޭނާގެ ވިސްނުމަކަށް ނާދެއެވެ. ދެން ކުއްލިއަކަށް އޭނާ ގޮތެއް ކަނޑައަޅައިފިއެވެ. އޭނާ ހަމަޖެހިލައިފައި އިން ތަނުން ތެދުވެގެން ޒުވާނާއާ ދިމާއަށް ހިނގައިގެންފިއެވެ.
 
"އަހަރެން ހިތާމަކުރަން، އެކަމަކު ކަލޭ ބަދަލުހިފާ. ކަލޭ ވެސް ބުރޫނޯގެ ކޮއްކޮއަށް އެ ހުރިހާ ގޮތެއް ހަދާ. ކުރިޔަށް އާދޭ. މަޑުކުރަނީ ކީއްވެގެން؟"

"ހުއްޓޭ އަންހެން ކުއްޖާ!" ޒުވާނާ ރުޅިވެރިކަމާ އެކު ބުންޏެވެ. "ކޮންމެ މީހަކީ އިޓަލީ ސިފައިން ހެން ޖަނަވާރަކަށް ނުވާނެ!"

އެކަމަކު ފުރަންޒާ ކުރިއަށް ހިނގަމުން ދިޔައެވެ. ކޮންމެ ގޮތަކުން ނަމަވެސް ބުރޫނޯ ސަލާމަތްކުރަން އޭނާ ބޭނުމެވެ. ހަމަ އެ ވަގުތު ބުރޫނޯ އެތެރެއަށް ވަދެއްޖެއެވެ.
 
"ފުރަންޒާ އަދިވެސް އިނީތަ! ކުލަބަކަށް---؟"

ޒުވާނާ ހަލުވިކަމާ އެކު ބަޑިޖެއްސެވެ. އެކަމަކު ފުރަންޒާ އެއަށް ވުރެ ކުރިން ފުންމައިގަތެވެ. އުންޑަ އެރީ ބުރޫނޯގެ މޭގެ ބަދަލުގައި ކޮނޑަށެވެ. އޭނާ ވެއްޓިއްޖެއެވެ. ފުރަންޒާ އަރަބި ޒުވާނާގެ އަތުން ރައިފަލުއަތުލަން އަތް ދިއްކޮށްލިއެވެ. އޭނާ ވަރަށް ބާރަށް ފުރަންޒާ ކޮއްޕައިލިއެވެ. މި ހަރަކާތުގައި އޭނާގެ މޫނު ހާމަވެއްޖެއެވެ. ބިންމައްޗަށް ވެއްޓިފައި އޮތް ފުރަންޒާ ހައިރާންކަމުގެ ކަޅިއަކުން އެ އަރަބި ޒުވާނާއަށް ބަލަމުން ގެންދިޔައެވެ. އޭނާ އެ ކަހަލަ ރީތި މޫނެއް މީގެ ކުރިން ދުވަހަކުވެސް ދެކެފައެއް ނުވެއެވެ.
 
"ކިހިނެއް --- ކިހިނެއްވީ؟" މެކޯލޯން ދުވަމުން އައިސް ކޮޓަރިތެރެއަށް ވަދެއްޖެއެވެ.
 
ފުރަންޒާ ސިހިފައި ތަޅުންމަތީ އޮތް ބުރޫނޯއަށް ބަލައިލިއެވެ. އޭނާ ތެދުވަން މަސައްކަތް ކުރަނީއެވެ. ފުރަންޒާ އަވަހަށް ތެދުވެގެން ބޭބެގެ ގާތަށް ހިނގައްޖެއެވެ. ބުރޫނޯ ސަލާމަތްވިކަން އެނގުމުން އޭނާ ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އޭނާ އެނބުރިފައި ބަލައިލިއެވެ. އަރަބި ޒުވާނާއެއް ނެތެވެ. ބުރޫނޯ ތެދުވެގެން ދޮރާ ދިމާއަށް ދުއްވައިގަތެވެ.
 
"ނޫން." ފުރަންޒާ އޭނާ ހިފޭއްޓިއެވެ." ބޭރުގައި އިތުރު މީހުން ފިލައި ތިބުން ވެސް އެކަށީގެންވޭ."

އެ ވަގުތު ދުވަމުން އަންނަ ފިޔަވަޅުތަކެއްގެ އަޑުއިވުނެވެ. ހަތިޔާރުއެޅި ދެ ސިފައިން އެތެރެއަށް ވަދެއްޖެއެވެ. ބުރޫނޯ ފެނުމުން އެމީހުން ސެލިއުޓު ނެއްގެވެ.
 
"އަޅުގަނޑުމެން ބަޑީގެ އަޑުއެހިން، ސަރ! ކިހިނެއްތޯވީ؟"

"ހިމާރުތަކާ! އަހަރެން ޒަޚަމުވެފަ ހުރި ތަނެއް ނުފެނޭތަ!" ބުރޫނޯ ހަޅޭއްލަވައިގަތެވެ. "ހަމަލަ ދިނީ އަރަބި ގެރިއްލާއިން. އެ މީހުން އެތެރެއަށް ވަނީ ކިހިނެއް؟ ކަލޭމެން ވަދެ މަރުވީ ކޮން ތާކަށް؟"

ސިފައިން ދުވަމުން ބޭރަށް ނުކުމެއްޖެއެވެ. ހިނދުކޮޅެއްގެ ތެރޭގައި ހުރިހައި ފަރާތަކުން، އަރަބި ގެރިއްލާއިން ހޯދަން ފަށައިފިއެވެ. އެކަމަކު އޭނާ ޣާއިބުވީ ކޮންތަނަކަށް ކަމެއްވެސް ނޭނގެއެވެ.

އޭނާ ނުފެނުނީމާ ފުރަންޒާ އުފާވިއެވެ. އޭނާއަކީ ދުސްމިނެކެވެ. އޭނާ އައީ އޭނާގެ ބޭބެ މަރައިލާށެވެ. އެކަމަކު ދިޔައީ ފުރަންޒާގެ ހިތް ޒަޚަމުކޮށްލައިފައެވެ. އޭނާގެ ލޮލުގެ ކުރިމަތީން އެ މޫނު ފެންނަމުން ދިޔައެވެ. އެ މޫނުގައި ކިހައި ފުރިހަމަކަން އެބަ ހުރި ހެއްޔެވެ. ޢަޒުމާއި އިސްތިޤްލާލު ކިހައި ވަރަކަށް ފާޅުވޭހެއްޔެވެ. އޭނާ ބޭނުން ނަމަ ފަސޭހަކަމާ އެކު އޭނާގެ ކޮއްކޮގެ ބަދަލުހިފެން އޮތެވެ. އެކަމަކު އޭނާ ފުރަންޒާއާއި ފުރަންޒާގެ ހުރިހައި ހެއްލުންތެރިކަމެއް ލޮލުން އެއްކިބާ ކޮށްލީ ކިހައި ފުރިހަމަ އަޅައިލުންކުޑަ ގޮތަކަށް ހެއްޔެވެ. އެއްވެސް މުސްލިމަކު އަންހެނުންނާއި ކުޑަކުދީންނަށް އެހެނެއް ނުހަދާނެއެވެ. އެކަމަކު ބުރޫނޯ އޭނާގެ ކޮއްކޮއާ މެދު އެއްވެސް ރަޙުމެއް ނުބެހެއްޓިއެވެ.
 
"އެ އަރަބީންގެ އަނިޔާވެރިކަމާ ޖަނަވާރުކަން ކަލެއަށް ފެނިއްޖެތަ؟" ބުރޫނޯ ރުޅިއައިސްގެން ކުކުރަމުން މެކޯލޯނަށް ބުންޏެވެ. "އަދިވެސް ކަލޭ އެ މީހުންނަށް ހަމްދަރުދީ ވާނަންތަ؟"

"ބޭބޭ! އެއީ އަނިޔާވެރި ޖަނަވާރުންނެއް ނޫން!" ކުއްލިއަކަށް ފުރަންޒާ ބުންޏެވެ. ބުރޫނޯ ހައިރާންވެގެން އޭނާއަށް ބަލައިލިއެވެ. "އޭނާ އައީ އޭނާގެ ކޮއްކޮގެ ބަދަލު ހިފުމަށް. އޭނާގެ އެ ކޮއްކޮގެ އަބުރާއި ދިރިހުރުން ލޫޓުވާލީ ބޭބެ!"

"ފުރަންޒާ ތިހިރީ ހަމަހޭގަތަ! ތި ބުނަނީ ކީކޭ؟"

"އޭނައަކީ ހިތްވަރުގަދަ މާތް މީހެއް. އޭނައަށް ބޭބެގެ ކޮއްކޮގެ ކިބައިން ވެސް ބަދަލުހިފެން އޮތް. އެކަމަކު އޭނަ އެހެނެއް ނަހަދާ. އޯ ބޭބޭ .... ބޭބޭ! ބޭބެމެން އެންމެން ތިކުރަނީ ކީއް؟" އޭނާ ގިސްލާން ފަށައިފިއެވެ.
 
މެކޯލޯން ލޯމަރައިލިއެވެ. ރޭގަނޑު ހަތަރުދަމު ބުރޫނޯގެ ފޭލިގެއިން އިވެމުން ދިޔަ ހަޅޭކާއި ގިސްލުމުގެ އަޑު އޭނާގެ ކަންފަތުގައި ގުގުމާން ފެށްޓެވެ. ހެނދުނު ބުރޫނޯގެ ފޭލިގޭގެ ފުރަގަހުން ފެނުނު ރީތި އަންހެންކުއްޖާގެ ފުރާނަނެތް މަސްގަނޑު އޭނާގެ ލޮލުގެ ކުރިމަތީގައި ނަށާން ފެށްޓެވެ.

"ފުރަންޒާ އެ ބުނަނީ ރަނގަޅަށް، ކެޕްޓަން ބުރޫނޯ! ޝައްކެއް ވެސް ނެތް. އޭނައަކީ މާތް ހިތްވަރުގަދަ މީހެއް. އެއީ ހިތްވަރުގަދަ ސިފައިންގެ މީހެއް. ޖަނަވާރެއްނޫން!" މެކޯލޯން ހަލުއިކަމާއެކު ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ.

* * * * *

(ނުނިމޭ)

މި ލިޔުން:

ފޮނުވުން:    މުޙަންމަދު ޝާހިދު ޙަލީމް
އަލުންބެލުން:  މުޙަންމަދު ޝާހިދު ޙަލީމް
ޝާއިޢުކުރުން: މުޙަންމަދު ޝާހިދު ޙަލީމް

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ