އަދުގެ ޚާއްސަ

Print

ވާހަކަ: ދޮންހިޔަލައާއި އަލިފުޅު

ޝާޢިއުކުރީ Mohamed Ahusan . ހިމެނޭބަޔަކީ މާދަރީބަސް

ފޮތެއްގެ ތަޢާރުފު

ނާހިދާ ޢަބްދުއްރަޙްމާން

ބައެއްގެ އަދަބިއްޔާތުގެ ތެރެއިން އެންމެ ކުރިއަށް އުފަންވެފައިވަނީ އެބައެއްގެ އަނގަބަހުގެ އަދަބިއަޔާތެވެ. ޅެންކިއުމާއި ލަވަ ކިއުމެވެ. ހަޖޫ ކިއުމާއި ސަމާސާ ކިއުމެވެ. ވާހަކަ ކިއުމެވެ. ދިވެހި އަދަބިއްޔާތުގެ މާޒީގެތެރެއަށް ދަތުރުކޮށްލުމުން މިކަމުގެ ސާބިތު ހެކި އެހުރި ދިމާއަށް ފެންނާށެވެ. އެކަމެއް ފެށުނު ދުވަހެއް އެނގިގެން ނުވާ ޅެންބަހުރުވައިން ވާހަކަ ހަދައި ކިޔައި އުޅުނު ދުވަސް ވަރުގެ ފެށުން، އެތައް ސަތޭކަ އަހަރެއްގެ ކުރިއަށް ދެއެވެ. މި ބާވަތުގެ ޅެންބަހުރުވައިގެ ވާހަކަ ތަކުގެ ތެރެއިން މިހާހިސާބަށް އެތައް ގޮތަކުން ރިވާވެގެން އައިސްފައި ހުރި އެތައް ވާހަކައެއް ދިވެހިންގެ ތެރޭގައި ވެއެވެ. މިފަދަ ވާހަކަތައް އޭގެ އަޞްލުގެ މައްޗަށް ބިނާކޮށް ދިވެހި ބަހަށް ލޯބިކުރާ ފަރާތްތަކުން ދަނީ މިޒަމާނުގެ ލިޔެ ކިޔައި އުޅޭ ބަހުރުވައަށް ބަދަލު ކުރުމަށް  މަސައްކަތް ކުރަމުންނެވެ.

" ދޮންހިޔަލަ އާއި އަލިފުޅު " މި ވާހަކައަކީ ވަރަށް ކުރީގެ ތާރީޚީ ދިރިއުޅުމެއް ދައްކުވައިދޭ އަޖައިބެއްހާ ރީތި ޢިޝްޤީ ވާހަކައެކެވެ. ފޮތުގެ ފެށުމުގައި ފޮތުގެ މުސައްނިފު ލިއުއްވާފައިވަނީ ދިވެހި ބަހުން ހެދިފައި މި ބާވަތުގެ އެއްވެސް ވާހަކައެއް ނުދެކޭ ކަމުގައެވެ. އާދެ! މި ޢިބާރާތަށް ބަލާލިޔަސް މިއީ ވަރަށްވެސް ތަފާތު ވާހަކަ އެއްކަން އެނގެއެވެ. އިސްވެ ބަޔާން ކުރެވުނު ގޮތަށް ރައިވަރުން ލިޔެފައިވާ މި ވާހަކަ މިހާރުގެ ވާހަކަ ލިޔެ ކިޔައި އުޅޭ ބަހުރުވައަށް ބަދަލުކޮށްގެން މިވާހަކަ ލިއުއްވާފައިވަނީ މަޝްހޫރު ލިޔުންތެރިޔާ އަލްފާޟިލް ޢަބްދު ﷲ ޞާދިޤެވެ. ފޮތުގެ ފެށުމުގައި ޞާދިޤު ލިއުއްވާފައިވާ ގޮތުގައި މި ވާހަކައިގެ އަޞްލު ހިމެނޭ ރައިވަރު ޞާދިޤު ވަރަށް ކުޑައިރު މީހަކު ޑަބިޔަލެއްގައި ހަމައެއްޖަހަމުން ކިޔާތީ އަޑުއައްސަވާފައިވެއެވެ. ނަމަވެސް ރައިވަރަކަށް ވާތީ ޝައުޤުވެރިކަމެއް އޭރު ނުދެވުނީ އެވެ. ނަމަވެސް އޭގެ އެތައް އަހަރެއް ފަހުން މަދަރުސަތުލް ޢާލިޔާގެ މުދައްރިސެއްގެ މަޤާމުގައި އުޅުއްވިއިރު، ވަކި ބޭފުޅެއް ނޭގޭ ބޭފުޅަކު އަނދުންދަވާދުން އެބޭފުޅެއްގެ އަތުލިޔުމުން ލިއުއްވާފައިވާ މި ވާހަކަ ފެނިވަޑައިގަތެވެ. އަދި ހަމައެދުވަސްވަރު މާލޭ ގެއެއްގައި މި ރައިވަރު ކިޔާއަޑުއިވިވަޑައި ގަތުމުގެ ސަބަބުން މި ވާހަކަ ލިއުމުގެ ޝައުޤު އުފެދުނީ ކަމަށް ބަޔާން ކުރައްވާފައިވެއެވެ.  މިގޮތުން ސަތޭކަ ޞަފްހާގެ މައްޗަށް އެކުލެވޭ ދޮންހިޔަލައާއި އަލިފުޅު ވާހަކަ އެކުލަވައިލުމަށް ޓަކައި ޞާދިޤުވަނީ ވަރަށް ބުރަ މަސައްކަތް ތަކެއް ކުރައްވާފައެވެ. ފޮތުގެ ފެށުމުގައި މިވާހަކަ ވަރަށް ތަފްޞީލުކޮށް ލިޔުންތެރިޔާ ބަޔާން ކުރައްވާފައިވެއެވެ.

މި ވާހަކަ ވީހާވެސް އަޞްލާ އެއްގޮތަށް ލިއުއްވުމަށް ޓަކައި ޞާދިޤުވަނީ އަމިއްލަފުޅަށް ދަތުރުފުޅު ހައްދަވައިގެން، އެ ވާހަކަ ދަންނަކަމަށް މަޝްހޫރު ބޭބޭފުޅުންގެ އަރިހަށް ދަތުރުކުރައްވާފައެވެ. މިގޮތުން ހއ.އިހަވަންދުއާއު ހޯރަފުއްޓަށްވަޑައިގަތުމުގެ އިތުރުން މާލެއިންވެސް އެ ވާހަކަދަންނަ ބޭބޭފުޅުންގެ އަރިހުން އެރައިވަރު ހޯއްދަވައި ރައިވަރުގެ އަޞްލު ނުގެއްލޭ ގޮތަށް ސާދާ ޢިބާރާތުން ވާހަކައެއްގެ ސިފައިގައި ލިއުއްވީއެވެ. އަލްފާޟިލް ޢަބްދުﷲ ޞާދިޤަކީ ދިވެހި ބަހުގެ އުސްތާޒެކެވެ. ތަފާތު އެކި މައުޟޫޢު ތަކަށް، އެކި ދާއިރާއިން، އެކިފެންވަރުގެ ދިގު ވާހަކައާއި ކުރުވާހަކައާއި ޅެމާއި ބަހުގެ އެކިއެކި ހުނަރުގެ މައްޗަށް މަޢުލޫމާތުގެ ލިއުންތައް ލިއުއްވަމުންދާ ބޭފުޅެކެވެ. ލިއުންތެރިކަމާއި، ޅެންވެރިކަމުގެ އާއްމުޚިދުމަތުގެ އިނާމް ލިބިވަޑައިގެންފައިވާ ޞާދިޤަކީ މަރުޙޫމު އަމީންދީދީގެ ދުވަސްވަރުންފެށިގެން ދިވެހިބަހުގެ ތެރޭގައި އުޅުއްވަމުންދާ ބޭފުޅެކެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޚާއްޞަ މުޝީރެއްގެ މަޤާމު ވެސް އަދާކުރައްވައިފައިވާ ޢަބްދުﷲ ޞާދިޤު ނުވަތަ "ސޯދުބެ" އަކީ ދިވެހި ތާރީޚަށް ލޯބިކުރައްވާ އެއްވެސް ބޭފުޅަކަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

މި ވާހަކައަކީ ލޯތްބަށްޓަކައި އަމިއްލަ ޖާނާއި މާލު ޤުރުބާންކޮށް ފުރާނަދުއްވާލި ދެ ލޯބިވެރިއެއްގެ ވާހަކައަކަށް ވިޔަސް ވާހަކައިގައި ދިވެހިންގެ ކުރީގެ އާދަކާދަތަކާއި، މަސައްކަތްތަށް އެކުލެވިގެންވާ ވާހަކައެކެވެ. ވާހަކައަކީ މީގެ ވަރަށް ކުރީގެ ތާރީޚީ ދިރިއުޅުމެއްގެ ވަރަށްވެސް ފުރިހަމަ ޤަލަމީ ތަސްވީރެކެވެ. އަދި ދިވެހިންނަކީ ކަނޑުގައި ދަތުރުފަތުރު ކޮށްގެން ކައިބޮއި އުޅޭ ބައެއްކަމުން ވާހަކައިގާ ކަނޑުގެ ދަތުރުކުރާ އޮޑިފަހަރާއި ބެހޭގޮތުންނާއި މަސްވެރިކަމާބެހޭ ގޮތުން ،ލިޔެފައިވާ ބަޔާންތައް ވަރަށްވެސް އަސަރުގަދައެވެ. ވާހަކައިގެ މުޅިމައިގަނޑު ބިނާވެފައިވަނީ އޮޑިފަހަރާ ދަތުރުގެ މައްޗަށެވެ. އަލިފުޅު އުފަންވެފައިވާ ރަށް ކަމުގައިވާ ހުޅުދެލި،އެމަސައްކަތެއްގެ ސަބަބުން މިއަދުވެސް  މުޅި ރާއްޖެއަށް މަޝްހޫރު ވެފައިވާ މަސައްކަތް  (ތިލޭރުކަން ނުވަތަ ރަންރިހިން ގަހަނާ ހެދުމުގެ މަސައްކަތް) މިވާހަކައިގައި ބަޔާންވެފައިވާލެއް ފުރިހަމަކަމުން އެމަސައްކަތް ފެށިފައިވަނީ އެޒަމާނުގައިކަމަށް ބެލެވިދާނެއެވެ.އަދި މިވާހަކައަކީ ޙަޤީޤަތެއް އެކުލެވިގެންވާ ވާހަކައެއް ކަންވެސް އެނގެއެވެ. މީގެ އިތުރުން ވާހަކައިގެ ހިތްވަރުގަދަ ބަޠަލް ހުޅުދެލީ އަލިފުޅު ހިޔަލަ ހޯދުމަށް ކުރި ބުރަމަސައްކަތާއި ދެމީހުންގެ ދެމެދުގައި ހިނގި ލޯބީގެ ހާދިސާތަކާއި އެ ލޯތްބަށް ނިމުންއައިގޮތް ވަރަށްވެސް ތަފްޞީލުކޮށް ބަޔާން ކުރައްވާފައިވެއެވެ.

ހުޅުދެލީ އަލިފުޅަށް ފެނުނު ހުވަފެނެއްގާ، ތ. ބުރުނީގައި ފަތްމިންޏެއް އިންކަމާއި އެއީ އަލިފުޅުގެ އަލަތު  އަނބިމީހާކަން އެނގުމުން ހުވަފެނުގާ ފެނުނުފަދައިން އެންދެރިން އޮޑިއެއް ބަނދެ ބުރުންޏަށް ދިއުމުގެ މަސައްކަތް ފެށިއެވެ. މިކަން އަލިފުޅުގެ ފުރަތަމަ ލޯބިވެރިޔާ ހުޅުދެލީ ކަތީބުގެދަރި ހައްވާފުޅަށް އެނގުމާއެކު މިކަން ކުރިއަ ނުދިނުމުގެ ގޮތުން އެތައް ފަންޑިތައެއް ހެދިއެވެ. އަލިފުޅާ ހައްވާފުޅު ކިޔެވީ އެއްގެއަކުން ކަމަށް ވުމާއެކު އަލިފުޅު ވަކިން ދުލެއް ނުކުރިއެވެ. ދެ ކުދިންގެ ފަންޑިތައިގެ ބުރު ނިމުނީ ހައްވާފުޅުގެ ފުރާނަ ދިއުމުންނެވެ. އެއަށްފަހު އަލިފުޅު އެންދެރި އޮޑީގައި ބުރުންޏަށް ދިޔައެވެ. ބުރުނިން އަލިފުޅާއި ބައްދަލުވީ ހިޔަލަގެ ބައްޕަ މޫސާމަލިމަ އާއެވެ. މޫސާމަލިމަގެ އެދުމުގެ މަތިން އަލިފުޅު އަލިފުޅު އެ ގޭގައި މަޑުކުރީއެވެ. އަދި ތިލަފިހިގެ އަޅައި ތިލޭރުކަމުގެ މަސައްކަތް ފެށީއެވެ. މިހެން އުޅުމުގެ ތެރޭގައި ހިޔަލަގެ އަތުކުރިއަށް  އުޅާބައެއް ހެދުމަށް އަލިފުޅުގާތަށް ދިޔަހިސާބުން ދެކުދިންނަށްވެސް ލޯބިވެވި ކައިވެނީގެ ގޮތުންގުޅުނީއެވެ.                                               

ހަމަ މިދުވަސްވަރުގައި ޅައިމަގު ފަޤީރު ޢަލީ އަށް ބުރުނީގައި ފަތްމިންޏެއް އިންކަމަށް ހުވަފެނެއްގާ ފެނިއްޖެއެވެ. އަދި ހަމައެރޭ ލޮލަށް ނުފެންނަކަމަށް  ހަދައިގެން ލޮލަށް ބޭސްކުރުމަށް ޓަކައި ބުރުންޏަށް ދިޔައެވެ. ބުރުނިން އަލިފުޅާ ބައްދަލުވެ މީނާ ހުންނަން ހަމަޖެހުނީ ހިޔަލަގެ ގެއެވެ. މިހެން ހުރުމުގެ ތެރޭގައި އެތަށްމަކަރެއް ހަދައި ހިޔަލަގެ ޙަޤީޤަތް ހޯދިއެވެ. އަދި މިޚަބަރު ރަދުންނަށް ދިނެވެ. މިގޮތުން އޭނާއަށް ދޮށިމޭނާކަން ލިބެއެވެ. އަދި އަލިދޮށިމޭނާ އާއި ރަދުން ހިޔަލަ ހޯދުމަށް ބުރުންޏަށް ދަތުރު ފަށައެވެ.މިޚަބަރު ހިޔަލަ ގެންގުޅޭ ހުދުކާޅުގެ ފަރާތުން ލިބުމުން ކޮންމެ ގޮތެއްވިޔަސް ވަރި ބަހެއް ނުބުނުމަށް ހިޔަލަ އަލިފުޅު ގާތުންއެދެއެވެ. އަދި ގަދަވެ ސަލާމަތުން ހުރިއްޔާ ދުވަހަކުވެސް ރަދުންނާބަސް ނުބުނުމަށާއި ، ޤަބޫލުގައި މޫނު ނުދައްކާނެކަމަށް ބުނެއެވެ. ރަދުން ބުރުންޏަށް ވަޑައިގެން ހިޔަލަގެ ރުހޭބަސް ނުލިބުމުން އަލިފުޅު ހަވަރަށް ދެއެވެ. އަދި ހިޔަލަވަރިކުރުމަށް އަންގައެވެ. ކަތިލިޔަސް ވަރިނުކުރާނެކަމަށް އަލިފުޅު ރަދުންނަށް ދަންނަވައެވެ. އެހެންކަމުން އަލިފުޅު ދެވަނަފަހަރަށް ހަވަރަށް ދެއެވެ. އަދި ނައިބުކަލޭގެއަށް ބިރުދައްކައިގެން މީހެއްގެ ރޯހަލާލެއް ނުކިޔާ ރަނަކަށް ނުދޭ ވަލީއަކަށް ކައިވެނި ކުރެއެވެ. ހަމައެވަގުތު ރަދުންގެ އަމުރަށް ހިޔަލައޮތް އެނދާއެކު ނަގައިގަނެގެން އޮޑިކޮޅަށްލައި މާލެގެންދެއެވެ. ނަމަވެސް އަނެއްކާވެސް އަލިފުޅު އެންދެރި އޮޑީގައި އައިސް ހިޔަލަގެންދެއެވެ. މި ޚަބަރު ރަދުންނަށް ލިބުމާއެކު ހުދުކާޅު ދާ މަގު ބައްލަވައިގެން ހިޔަލަ ހޯދުމަށް ދަތުރު ފައްޓަވައެވެ. އަލިފުޅު ހިޔަލަ ބޯނެ ފެންފޮދެއް ހޯދުމަށްޓަކައި ކާޅުފުއްޓަށް ފޭބިވަގުތު ރަދުންގެ އޮޑިކޮޅު ގާތްވާތަން ފެނުމުން ފެން ނުލިބުނަސް އައުމަށް އެދި އަލިފުޅަށް ގޮވައެވެ. ނަމަވެސް އަލިފުޅުގެ ޚަބަރެއް ނުވުމުން ރަދުންގެ އޮޑިކައިރިވާތަން ފެނި މާވަރެއް ތިލަކޮށްދިނުމަށް އެދި ކަލާނގެ ޙަޟްރަތުގައި ހިޔަލަ ދުޢާ ދަންނަވައެވެ. ހަމައެވަގުތު އޮޑިދަށުން ހިއްކާލި ބިންބި މާވަރެއް މައްޗަށް ފުންމާލައި ހިޔަލަދެބުރިވެއެވެ. އަލިފުޅު ފެންހިފައިގެން އައި އިރު މިމަންޒަރު ފެނުމުން ހަމައެ މާވަރު މައްޗަށް ފުންމާލައި އަލިފުޅުވެސް ހަމައަށް ދެބުރިވެއެވެ. ރަދުންނަށް މިމަންޒަރު ފެނިފައި އެންދެރި އޮޑި ކަފުޖައްސަވައިގެން ދަތުރުކޮށް ގޯވާއަށް ވަޑައިގެން އޮޑިއެހެލައްވައިފައި ގޯވާގައިހުންނެވީ އެވެ.
 
މައިގަނޑު 51 ބައިގެ މައްޗަށް ހިމެނޭ މިވާހަކައަކީ މިޒަމާނަށްވުރެ ތަންކޮޅެއް ކުރީގެ ބަހުރުވައަކަށް، ދިވެހި ވަންތަ ބަސްކޮށާރެއް އެކުލެވިގެންވާ މިހާރުގެ ބޭފުޅުންނަށްވެސް ދޭހަވާނެ ފަދަ ގޮތަކަށް ލިޔެފައިވާ ވާހަކައެކެވެ.ވާހަކައިގެ އުނިކަމެއްގެ ގޮތުގައި ޙާދިޘާ ތަކުގައި ހިމެނިފައިވާ ޙަޤީޤަތާއި ޚިލާފު ކަންތައްތައް ފާހަގަކުރެވިދާނެއެވެ. އެހެނަސް އަޅުގަނޑު ދެކޭގޮތުގައި އެއީ ވާހަކައެއް ލިއުމުގައި ތަފާތު ގޮތަަކަށްވެފައި ވާހަކައިގެ ދިރުން ގެނުވައި، ޝަޢުޤު ހިފަހައްޓައިދޭ ކަމަކަށް ވުމުން މިކަމުގައި އުނިކަމެއް އެކުލެވިގެން ވެއެކޭ ނުބުނެވޭނެއެވެ. އެހެނީ މިވާހަކަ އަކީ އަމިއްލަ އުފެއްދުމަކަށް ވުރެ ބޮޑަށް މާކުރީ ޒަމާނެއްގައި އުފައްދާފައިވާ ވާހަކައެއް އަޞްލެއް ކަމަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ.

ނޮވެލްޓީ ޕްރެސްއިން 1976 ވަނައަހަރު ފުރަތަމަ ޗާޕު ކުރެވުނު މި ވާހަކައިގެ އިތުރު ދެ ޗާޕެއް މިހާރުވަނީ ނެރެވިފައެވެ. އެ ގޮތުން 1986 ގައި ދެވަނަޗާޕް ކުރެވި  1996 ގައި ތިންވަނަ ޗާޕެއްކުރެވި މިހާރު މި ފޮތްވަނީ ލޮލަށް ފަސޭހަ އަކުރަކުން ޓައިޕްކުރެވި ޒަމާނާ އެއްގޮތަށް ޗާޕްކުރެވިފައެވެ. މިވާހަކަ އަކީ ޖީބަށްލުއި އަގެއްގައި ބައްލަވައިގަންނަން ލިބިވަޑައިގަންނަވާނެ ދިވެހި ބަހަށް، ޚާއްޞަކޮށް ދިވެހި އަދަބިއްޔާތަށް ލޯބި ކުރައްވާ ފަރާތްތަކަށް މުހިއްމުކަން ބޮޑު ފޮތެއްކަމުގައި އަޅުގަނޑު މިދަންނަވަނީ ފިސާރި ކެރި ހުރެގެންނެވެ. އަޖުމަބައްލަވައިލެއްވުމަށް ވިދާޅުވެލައްވަމާތޯއެވެ. 
---------------
(ނިމުނީ)


މި ލިޔުން:

    ފޮނުވުން: އަލްފާޟިލާ ނާހިދާ ޢަބްދުއްރަޙްމާނު (މެހުމާނު ލިޔުންތެރިއެއް)
    އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން:   ''         ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ