"ޖެ" އާއި "ފި" އޮޅެނީ އޮޅުންފިލުވާން ބޭނުން ނުވާތީ އެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ބަސްބުނެ އުޅޭ އިރު ބަހުގެ ހަމަތަކާ ޚިލާފަށް އެކި ލަފުޒު ބޭނުންކުރާ ވާހަކައަކީ މިހާރު ޢާއްމު ވާހަކައެކެވެ. މި ގޮތުން ނޫސްތަކުގައި މިހާރަކަށް އައިސް މި ދެންނެވި "ފި" އާއި "ޖެ" އޮޅުވައިލައިގެން ފަލަ ސުރުޚީތައް ވެސް ލިޔެފައި ހުއްޓައި އެބަ ފެނެއެވެ. މިސާލަކަށް " މުޙައްމަދު، ކޯޓުގައި އެދެފި". "އެދިއްޖެ" ލިޔަންޖެހޭ ތަންތާނގައި މި ގޮތަށް ލިޔެފައި ހުއްޓައި އެބަ ފެނެ އެވެ. "ހިނގައްޖެ"އޭ ބުނަން ޖެހޭ ތަންތާނގައި "ގޮސްފި"އޭ ބުނެ ލިޔެ ކިޔައި ހަދަނީ މަދެއް ކޮށެއް ނޫނެވެ. އެހެނަސް މިއީ ދިވެހިބަހުގައި ވަރަށް ހަރުދަނާ ހަމައަކުން ބަޔާންކޮށްފައިވާ ކަމެކެވެ. މިކަންކަން ނޭނގެނީ އެކަންކަން އޮޅުން ފިލުވައިލާން އެންމެ ކުޑަ މިނުން ފޮތެއްގެ ތެރައަށް ކަޅި ވެސް ނޭއްލާތީ ކަމަށް ވެދާނެ އެވެ! ހިތްޕުޅު ހަމަޖައްސައިލެއްވުމަށް ޓަކައި "ޑްރާމާ"އެއްގެ ތަންކޮޅެއް ވިދާޅުވެބައްލަވާށެވެ! ދަށު ރޮނގުދަމައިފައިވާ (ރަތް ކުލައިގައި ހުރި) ލަފުޒުތަކަށް ސަމާލުކަން ދެއްވައިގެންނެވެ.
ޒުމައްރަދު: ކޮއްކޯ ކޮބައިތަ މަންމަ؟
ޖީމު: މަންމަ ގޮސްފި ކުނި ކަހާން.
ޒުމައްރަދު: ތިބުނީ ކޮންތާކު ކުނި ކަހާ ވާހަކައެއް؟
ޖީމު: މި ބުނީ ރައްޔިތު އަންހެނުން، މަގު ކުނި ކަހާތަނަށް މަންމަ ދިޔަ ވާހަކަ
ޒުމައްރަދު: (ހީނލައިފައި) ކޮއްކޮއަށް ނޭނގުނު ދޯ؟ މަންމަ އެ ތަނަށް ގޮސްފައި އައިސްފި އޭ
ޖީމު: އެހެންތަ. ނޭނގޭ މަންމަ އައިކަމެއް. އެނގޭތަ ދައްތާ. އެއްކަލަ އާސިޔާ މިއަދު އައިސްފިޔޭ މިގެޔަށް
ޒުމައްރަދު: ކޮބާ އޭނަ؟ އައީ ކީއްކުރަން؟
ޖީމު: (ހީނލާފައި) މިހާރަކު ނެތޭ. އައިސްފަ ގޮސްފި.
ޒުމައްރަދު: އައިސް ކީކޭ ކީ؟ އަނެއްކާ އެދުވަހު ތަން ދޮރު ނުބަލާ އެހާ އެއްޗެހި ގޮވާފަ އަންނާން ކެރިއްޖެ ދޯ؟
އަދި މައާފަށް އެދެން ޖެހޭނޭ ބުނީމާ ވެސް އެ ދުވަހު ބުނީ ދުވަހަކު ވެސް މާފަކަށް ނުވެސް އެދޭނަމޯ؟ ތިމަންނަ އަކީ އެހާ ދަށް މީހެއް ނޫނޯ.
ޖީމު: މީހުންގެ ހުންނަ ވިސްނުން ދޯ؟ މާފުއެދުމާއި މާފުކުރުމަކީ ދަށް މީހުންނަށް ކުރެވޭނެ ކަމެއް ނޫން. އެއީ ވަރަށް މާތް ސިފައެއް. މާތް މީހުންނަށް ނޫނީ ނުކުރެވޭނެ ކަމެއް.
ޒުމައްރަދު: ދެން އެ އާސިޔާ އައިސްސަ ކީކޭތަ ކީ؟ އޭނަޔާ ކޮއްކޮ ވާހަކަ ދެއްކިންތަ؟
ޖީމު: އާނ! ދައްތާ. ދެއްކިން. އޭނާވެސް ބުނީ ކިހިނެއްހޭ ގާތްތިމާގެ ރައްޓެހިން ރުޅިވެގެން ތިބޭނީ.
ޒުމައްރަދު: ތިހެން ނަމަ އޭނާ މާފަށް އެދުނީހެއްނު؟ އެހެންވީމާ އޭނާ ގޮތް ދޫނުކުރާހައި ހިނދަކު ކީއްކުރަން މި ގެޔަށް ވަންނަންވީކީ؟
ޖީމު: މާފަށް އެދެފިޔޭ. މަންމަ ގާތުގައިވެސް މަގޭ ގާތުގައި ވެސް ވަރަށް ލަދުން ހުރެ މާފަށް އެދެފި.
އަޑު: (ތަށި ސަމުސާ ފަދަ ތަކެތީގެ އަޑު ދުރުން)
ޒުމައްރަދު: މަންމަ އައިސްފިކަން ނޭނގެ. ބަދިގޭގައި އެބައުޅޭ މީހަކު.
ޖީމު: ދައްތަ ގާތު މަ ބުނީމެއްނު. މަންމަ އައިސްފިޔޭ.
މަންމަ: (ތަންކޮޅެއް ދުރުން) ކޮބާ އާސިޔާ ދިޔައީތަ؟
ޖީމު: އާނ! މަންމާ! ދައްތަ ނާންނަނީސް އޭނާ ގޮސްފި. އާސިޔާ ހަމަ ދިޔަތަނާ ދައްތަ އައިސްފި.
މަންމަ: ދަރިފުޅާ ޒުމައްރަދު! އެއްކަލަ ހަލީމަ ދައިތަގެ އާސިޔާ މި ގެޔަށް ނުވަދެ ހުރެހުރެފަ މިއަދު މިގެޔަށް އައިސްފިޔޭ. އަދި އެދުވަހު ކަމު ދެކޮޅު ނުބަލައި ދަރިފުޅުމެންނަށް އެއްޗެހި ކިޔުނީތީ މާފަށްވެސް އެދެފި. ދަރިފުޅު އަންނަދެން މަޑުކޮށްލާށޭ ބުނީމާ ލައްކަ އިރު ބަދިގެ ފަރާތުގައި އިން. މަންމަ ޖޫސް ވެސް ދިނިން. ޖޫސްތަށި ބޯލައިގެން އިރުކޮޅަކު އިނދެފައި ގޮސްފި.
ޒުމައްރަދު: ދެން ރަނގަޅުތާ! މަންމާ! ވާހަކައެއް ބުނަންތަ! މަންމަ ހުއްދަ ދޭނަން ދޯ؟
މަންމަ: އަދި ކަމެއް ބުނީމައެއްނު ހުއްދަދޭން އެނގޭނީވެސް
ޒުމައްރަދު: އެއީ ހޮނިހިރު ދުވަހު ކަށިދުވަށް ޕިކުނިކުދާ ވާހަކަ. ހުރިހާ ކުދީން އާދޭސްކުރީމާ ވެސް މަންމަ ގާތު ބުނަން ނުކެރިގެން ނުދާން ހުރީ. އެކަމަކު މިއަދު ކުލާސް ޓީޗަރުވެސް އެދެފި. ދެން ނޫނެކޭ ބުނާކަށް ނުކެރުނު.
މަންމަ: ކުލާހު ހުރިހާ ކުދިން ދަންޏާ ދަރިފުޅުވެސް ޖެހޭނީ ދާންތާ ދޯ؟(އަޑު ހިންދައިލުން)
މި ޑްރާމާގައި "ފި" އާއި "ޖެ" ބޭނުންކޮށްފައި އެ ވަނީ ބަހުގެ ހަމަތަކާ ޚިލާފަށެވެ.
ދިވެހިބަހުގައި ޢާއްމު ގޮތެއްގައި "ރައްދުވާކަން" ނިމިފައި ހުންނަނީ "ފި" އަށެވެ. "ދިވެހިބަސް- ދަރިވަރުންގެ އެހީތެރިޔާ" ގައި ވާ ގޮތުން "ރައްދުވާ ކަމަކީ ، އެ ކަމެއް ކުރުމުން އޭގެ ޢަމަލު، ކަންކުރި މީހާ ނޫން އެހެން މީހަކަށް ނުވަތަ އެހެން އެއްޗަކަށް ރައްދުވާ ކަމެވެ. މިސާލަކީ:- ލިޔެފި (އޭނާ ފޮތެއް ލިޔެފި)، ޖަހައިފި (ޙުސައިނު، ޙަސަން ގައިގައި ޖަހައިފި)، ނަގައިފި (ފާޠިމަތު ތިނޯހެއް ނަގައިފި)" މިއެވެ.
މި މިސާލުތަކަށް ބަލާއިރު އޭނާ ލިޔުނީ ފޮތެކެވެ. ޙުސައިނު ޖެހީ ޙަސަނު ގައިގައެވެ. ފާޠިމަތު ނެގީ ތިނޯހެކެވެ. ކޮންމެ ޢަމަލެއް ވެސް ކަންކުރި ފަރާތްނޫން އެހެން މީހަކަށް ނުވަތަ އެއްޗަކަށް އެބަ ރައްދުވެ އެވެ.
އެހެން ގޮތަކަށް ވިސްނާ އިރު މިއީ ވެދާނެ ޙާލަތުގައި "ފާނެ" އަށް ނިމޭ ކަން، ނިމުނު ކަމަކަށް ބަދަލުވާއިރު "ފި" އަށް ނިމޭ އުޞޫލެވެ.
މިސާލު: ލިޔެފި –- ލިޔެފާނެ. ޖަހައިފި - ޖަހައިފާނެ، ނަގައިފި – ނަގައިފާނެ
ދެން އޮތީ "ޖެ" އަށް ނިމޭ ލަފުޒުގެ ވާހަކައެވެ. "ދިވެހހިބަހުގެ ބައެއް އެދުރުންގެ ނަޒަރުގައި ކޮންމެ ރައްދު ނުވާ ކަމެއް ނިމުން ލާޒިމުވެގެންވަނީ "ޖ" ވިޔަންޏަކުންނެވެ." (މުޙައްމަދު އަމީން)
"މިސާލު: ތެދުވެއްޖެ (އޭނާ ތެދުވެއްޖެ)، އޮށޯވެއްޖެ (ފައުޒިއްޔާ އޮށޯވެއްޖެ)، ނިދައްޖެ (މުޙައްމަދު ނިދައްޖެ)" މި 3 މިސާލަށް ވިސްނައިލުމުން މިއިން ކޮންމެ ޢަމަލަކީވެސް ކަންކުރި މީހާ ފިޔަވައި އެހެން ފަރާތަކަށް ނުވަތަ އެއްޗަކަށް ރައްދުވާ ކަމެއް ނޫނެވެ. އެ ޢަމަލެއް އޮންނަނީ ހަމައެކަނި ކަންކުރި މީހާއާ ހިސާބުގައެވެ. އެހެން އެއްޗަކަށް ނުވަތަ މީހަކަށް ރައްދުވުމެއް ނެތި އެވެ. ރައްދު ނުވާ ކަމަކީ މިއީ އެވެ.
އެހެން ގޮތަކަށް ވިސްނާ އިރު، ވެދާނެ ޙާލަތުގައި "ދާނެ"އަށް ނިމޭ "ކަން" ނިމެނީ "ޖެ" އަށް ކަން އެބަ އެނގެއެވެ.
މިސާލު: އޭނާ މިހާރު ތެދުވެދާނެ -–އޭނާ މިހާރު ތެދުވެއްޖެ، ފައުޒިއްޔާ އޮށޯވެދާނެ -–ފައުޒިއްޔާ އޮށޯވެއްޖެެ، މުޙައްމަދު ނިދައިދާނެ -–މުޙައްމަދު ނިދައްޖެ
ކަން މިހެން ހުރިއިރު، ހަމައެކަނި ރައްދުނުވާ ކަމާއި ރައްދުވާކަން އެނގުނު ކަމުގައި ވިޔަސް މިފަދަ ކުށްތަކުން ސަލާމަތްވާނެކަން ކަށަވަރެވެ. މިކަންކަން އޮންނަ ގޮތް އޮޅުން ފިލުއްވައިގެން، ބަހުގެ ހަމަތަކާ އެއް ގޮތްވާ ގޮތުގެ މަތީން ވާހަކފުޅުދައްކަވައި ލިޔުއްވައި ހައްދަވާކަށް ދަތިފުޅެއް ނުވާނެ އެވެ. މިކަންކަން އޮޅިފައި ހުންނަނީ އެކަންކަން އޮންނަ ގޮތް އޮޅުންފިލުވުމުގެ ޝައުޤު ވެސް ޢަމުދުން ނުހުންނާތީ އެވެ.

-------------------
(ނިމުނީ)
ޙަވާލާ:(ނިމުނީ)
ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާ (1368 ހ.)
ދިވެހިބަހުގެ ޤަވާއިދު، (2004)
މި ލިޔުން:
ފޮނުވުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަލުންބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު