އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (9)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


ސައިކުރާ އިބްރާހީމް ނަޢީމް
                                                      (7 މާރޗް 2011 އާ ގުޅޭ...)
ދުވަހުގެ އިރު އޮއްސުނުތާ ގިނަ އިރެއް ނުވަނީސް އިސްޓޭޝަނުން ފުރި ރޭލަކުން އޭގެ ދެ މީހުން އިންޑިއާއަށް ދިޔުމަށްޓަކައި ފުރައިފިއެވެ.

ލޭފުޅިއާއި ނައިޓްކްލަބް  

އިންޑިއާގެ އެލްވިސް ހޮޓަލުގެ ތިރީބުރީގައި ހުރި ދާދި ކުޑަކުޑަ ކޮޓަރިއެއް، ތިން މަސް ދުވަހުގެ ކުލި ދެއްކުމަށްފަހު މެނޭޖަރު އަތުން ރަސީދު އަތުލައިގެން އެ ދިޔަ ދެ މީހަކު ގޮސް ކޮޓަރިއަށް ވަދެއްޖެ އެވެ. ދެ މީހުންނަކީ ފާލުބެލުމަށް
އިންތިހާ ދަރަޖައަށް މޮޅު ދެ މީހުންނެވެ. އެ ދެ މީހުންގެ މަސައްކަތަކީ މި ގޮތުން ލާރި ހޯދުމެވެ. ކޮންމެ އަކަސް ދެ މީހުން ގޮސް ކޮޓަރީގެ ތެރެއަށް ވަދެ ދޮރުލައްޕައިލައިފި އެވެ. އާދެ! ދެ މީހުންނަކީ ހަމަ އެ ދެ މީހުންނެވެ. އަންވަރާއި އަޙުމަދެވެ.
ވަރަށް އަވަސްކޮށްލައިގެން ދެ މީހުން ދަބަހަކުން ނެގި ވަގުތީ ކާނާކޮޅަކަށް އިންސާފުކޮށްލެއްވުމަށް ފަހު ސޯފާއެއްގައި ހަމަޖެހިލައިފި އެވެ. ގަޑިން ރޭގަނޑު ނުވައެއް ޖަހަނީ އެވެ.

އަޙުމަދު:- މިއޮތީ އިންޑިއާ އަށް އާދެވިފައެވެ. މަސައްކަތް ފައްޓާނީ ކޮން ދުވަހަކުންހެއްޔެވެ؟

އަންވަރު:- ގިނަ ދުވަސްތަކެއް ކުރާނެ ހެއްޔެވެ؟ މިރޭ މި އުޅެނީ ދާށެވެ. ކަލޭވެސް ތައްޔާޜުވެލާށެވެ!

ފުރަތަމަ ދާންވީ މިސްޓަރ ބޭކަރގެ ގެޔަށެވެ. ކުރީންވެސް ބުނި ފަދައިން އެންމެ ފުރަތަމަ ފާރަލާންވީ އޭނާއަށެވެ. ދެން . . . . . . ދެންތިބި މީހުންނަށެވެ.

ކޮޓަރިލައްޕައި ތަންޑު އެޅުވުމަށްފަހު، ދެ މީހުން، އެ މީހުންގެ "ރަސްމީ" ހެދުމުގައި ހިނގައިގެންފި އެވެ. އެންމެ ފުރަތަމަ ހޯދީ ޓެކްސީ އެކެވެ. އާރުކާޓީއަކީ އަންވަރެވެ. އަޙުމަދު މަޑުމަޑުން ފަހަތު ސީޓުގައި އިށީނދެލައިގެން އިނީ އެވެ............ "ދާންވީ މިސްޓަރ ބޭކަރުގެ ގެއަށެވެ. ........ ބޭކަރު ؟؟؟ ........ އެއީ ކާކު؟ .......  އެއީ ޙިޖާޒު ކަރައިން އައިސްގެން އުޅޭ ހިސާބު ކިޔަވއިދޭ މަޝްހޫރު ބޭކަރެވެ." "ނުދަންނަމުތަ؟"
"ނޫނޭ".. ޓެކްސީ ދުއްވައިލައިފި އެވެ. ޑްރައިވަރާއި އަނެއް ދެ މީހުންވެސ ްތިބީ އަނގައިން ނުބުނެ ހަމަ ހިމޭނުން ނެވެ.... ކާރު ދުވެފައި ދިޔަ ގޮތަށް ގޮސް މަޑުކޮށްލީ މިސްޓަރ ބޭކަރ ގެ ގޭގެ ކައިރިއަށެވެ. އަނދިރި ރެޔެކެވެ. ހަނދުވަރުގެ އެއްވެސް އަސަރެއް ދުނިޔެއަކު ނެތެވެ. އެ ގެޔަކީ މެދުމިނުގެ އާދައިގެ ގެޔެކެވެ. ހުރިހާ ދޮރެއް ހުރީ ލައްޕައިފައެވެ. ޓެކްސީ މުޅިން މަޑުނުކޮށް އަންވަރު ދޮރު ހުޅުވައިލައިފި އެވެ. ޑްރައިވަރަށް ޝުކުރު އަދާކުރުމަށްފަހު ފައިސާ ދީފައި ބުނީ ދެން އެންމެ ރަނގަޅުކަމުގައެވެ.

މިސްޓަރ ބޭކާރ ގޭގައި ނޫޅެނީކަން ވެސް ނޭނގެއެވެ. ފެންޑާމަތީގައި ވެސް އެއްވެސް އަލިކަމެއް ނެތެވެ. މިހާރު އެ ދެ މީހުން ތިބީ ގޭގެ ފެންޑާމަތީގައެވެ. އޮބައިލާނެ ރަނގަބީލެއް ހުރިތޯ ފާރުގައި އަތްކާއްތަނީ އެވެ. އެންމެ ފަހުން ހުއްޓައިލާން ޖެހުނީ ރަނގަބީލެއް ވެސް ނެތިގެންނެވެ. ނަތީޖާއެއްގެ ގޮތުން އެ ދެ މީހުންނަށް  އެއްބަސްވެވުނީ ދޮރުގައި ޓަކިތަޅައިގަތުމަށެވެ. ޓަކިތަޅައިގަތުމަށް ޓަކައި އަޙުމަދު ހިނގައިގަތުމުން...................

އަންވަރު:-  (އަތުގައި ހިފައި ތަޅުވައިގެންފައި) އިހަށް ޓަކި ނުދޭށެވެ! އަހަރެމެންގެ ކޮންމެވެސް ނަމެއް އޮންނާނެ އެވެ.

އަޙުމަދު:-  އަހަންނަށް ރޮކްސީ ކޔަނިކޮށް އެންމެ ރަނގަޅެވެ.

އަންވަރު:-  އަހަރެންގެ ނަމަކީ ޢާޞިފެވެ. ކަލޭ އިނގިރޭސިވެފައި ހުންނާށެވެ! ދެން އަވަހަށް ޓަކިދޭށެވެ!

އަޙުމަދު ދޮރުގައި ޓަކިތަޅައިގެންފި އެވެ. ޚަބަރެއް ނުވި އެވެ. ދެ އަތުން ތަޅައިގެންފި އެވެ. ކަރުކެހި ހަޅޭއްލަވަން ފަށައިފި އެވެ. ކުއްލިއަކަށް އެތެރޭން މުސްކުޅި އަންހެނަކު ނުކުމެއްޖެ އެވެ.މުޅި ހަށިގަނޑު ވަނީ ދޮޅިފޭލި ބުރުގާއެއް ފަދަ އެއްޗަކުން ނިވައިކޮށްފައެވެ. ބޮލުގެ ނުރަ އިސްތަށިގަނޑުން ތަންކޮޅެއް ނެއްޓިފައި ހުއްޓެވެ. އެ މީހަކު ނުކުތުމުން އަންވަރު ސުވާލުކުރީ ބޭކަރ އުޅުއްވައިތޯ އެވެ. އެ އަންހެން މީހާ ވަރަށް ބޮޑަށް ކުކުރަކުކުރައިފައި "އެބަ އުޅުއްވަޔޭ، ފާޚާނާގަޔޭ" ކިޔައިފައި ވަދެގެން ހިނގައްޖެ އެވެ.

އަންވަރު:-  އިބިލީސް ބަލައިބަލާށެވެ! ތިޔަ ދިޔަ މުސްކުޅި އަންހެނަކީ އެއްވަނަ ދަރަޖައިގެ ނާސި އަންހެންކުއްޖެކެވެ. ތިޔައީ ހަމަ ގައިމު ވެސް ބޭކަރ، ފަރުދާގެ އަނެއް ފަރާތުގައި ގެންގުޅޭ ކުއްޖެކެވެ. މިހާރު އަހަރެމެންގެ ކުރިމައްޗަށް ނުކުންނަން ވީމާ އެ އައީ މުސްކުޅިއަކަށް ހެދިގެންނެވެ.

އަޙުމަދު:-  ތިޔަ ކަން ކަލެޔަށް ތިޔަހާ ވަރަށް ޔަގީންވީ ކީއްވެގެންހެއްޔެވެ؟

އަންވަރު:-  ބަލަ! އޭނާގެ ބޮލުގައި ހަރުކޮށްފައިވާ ނުރަ އިސްތަށިގަނޑުން، ނެއްޓިފައި ހުރިތަން ކަލެޔެއް ނުދެކެމުހެއްޔެވެ؟ މޫނުގެ އެއްފަޅީގައި ރޫޖެހިފައި ހުރިކަމެއް ނޭނގޭހެއްޔެވެ؟ މިކަހަލަ ތަންތަނުގައި އައިސް ނިދައިފައި ނުހުންނާށެވެ! މި ބޭކަރ، ނުރައްކަލުން ހުސްވެގެންނެއް ނުވެ އެވެ. މި ފެންޑާގެ ދަށުގައި އޭނާ އިނުންވެސް އެކަށީގެންވެ އެވެ.

ވާހަކައިގެ އެންމެ ފޯރި ގަދަ ހިސާބު މެދުކަނޑުވައިލާންޖެހިއްޖެ އެވެ. އެހެރަ އަންނަނީ މިސްޓަރ ބޭކަރެވެ. ފެންޑާއާ ހަޔަށް އައިސް އެދުނީ ދެ މެހުމާނުން ގޭތެރެއަށް ވަނުމަށެވެ. ވަރަށް އޯގާވެރިކަމާއެކު ގޮނޑިތައް ދައްކައި، ތިން މީހުން ވެސް އިށީނދެއްޖެ އެވެ.

ބޭކަރ:-  ތިޔައީ ކޮން ފަދަ ބަޔެއް ކަމެއް ނުވަތަ ކީއްކުރަން އައި ބަޔެއް ކަމެއް ވެސް ނޭނގެ އެވެ. ނަމާއި ބޭނުން އަންގައިލައިދީފި ނަމަ ވަރަށް ޝުކުރުވެރިވާނަމެވެ.

"............ އަޅުގަނޑަކީ ޕާކިސްތާނުގެ ފޭރާންކުރާ މީހަކީމެވެ. ޢާޞިފެވެ. މިއީ އަޅުގަނޑުގެ ކޮއްކޮ އެވެ. ނަމަކީ ރޮކްސީ އެވެ. މީނާގެ މަންމަ އަކީ ވިލާތު އަންހެނެކެވެ. އަޅުގަނޑު މި ރަށަށް އައީ މީނާގެ ބައްޔަކަށް ބޭސްކުރާށެވެ. މިހާރު ފުރަން ދާދި ކައިރިވެއްޖެ އެވެ. ބަލި ވެސް ވަރަށް ބޮޑު ތަން ފަސޭހަވެއްޖެ އެވެ. މިހާރު ދެން އޮތީ އިރުއިރުކޮޅާ ހިތި ބޭސްގުޅައެއް ކެއުމެވެ. އެ މަސައްކަތްކުރަނިކޮށް ނޭވާލެވޭ ވަރުވެއެވެ. މިރޭ އަޅުގަނޑޫމެން މި އައީ މީނާގެ ކުޑަކުޑަ ދަރިފުޅަކަށް ހިސާބު ކިޔަވައިދެއްވައިތޯ އެވެ. ފުރާން ކައިރިވީމާ އަވަސްކޮށްލާން ވެގެންނެވެ. ސާހިބާ އެ ކަން ކޮށްދެއްވާން ގަބޫލުވެލައްވައިފި ނަމަ މީނާ މި ތާނގައި ބަހައްޓައިފައި ފުރާން ކަމަށެވެ."

ބޭކަރ:-  މަޢާފުކުރާށެވެ! އަދި ދެތިން ދުވަސް ފަހުން އަންނާށެވެ! މިހާރު އަހަރެންގެ ކައިރީގައި ކުދީން ގިނަކަމުން މި އުޅެނީ ބައެއް ކުދީން ދޫކޮށްލާން ކަމަށެވެ. ދެތިން ދުވަސް ފަހުން ޚަބަރު ބަލައިލާށެވެ!

މިހެން ބުނުމުން ޢާޞިފާއި ރޮކްސީ ވަރަށް ޝުކުރުއަދާކޮށްފައި ގެއިން ނުކުތުމަށް ހިނގައިގެންފި އެވެ. ފެންޑާއަށް ނުކުންނަން ހުރި ދޮރާ ހަމަޔަށް ނުދެވިގެން އުޅެނިކޮށް ޢާޞިފު ރޮކްސީ ގައިގައި ހިފައިގަނެގެން ދެވެރީން އެކީގައި ގުޅަޔަކަށް ތަޅުންގަނޑުމައްޗަށް ވެއްޓިއްޖެ އެވެ. ހިފައިގަނެގެން އޮވެފައި ސިއްރުސިއްރުން "އަޙުމަދެވެ. ދޮރާ ހަމަޔަށް ކަކޫޖަހައިގެން ދާށެވެ!...."

.... ދުރުގައި ބޭކަރ ބަލަހައްޓައިގެން ހުރެފައި އައިސް ދެ މީހުން ކޮޅަށް ނެގޭތޯ މަސައްކަތްކުރި އެވެ. ނަމަވެސް ހުޝިޔާރު އަންވަރު، އަޙުމަދު ގޮވައިގެން ފުރޮޅެމުން އައިސް ބޯ ހިއްލައިލީ ފެންޑާގެ ދޮރުން ނުކުންނަމުންނެވެ. ތެދުވުމުން ޙައިރާންކަމާއެކު ވީ ކީއްތޯ އެހުމުން ބޭކަރަށް ޖަވާބުދިނީ އަންވަރެވެ. ...... " މިހިރަ ރޮކްސީގެ ބައްޔަކީ މިއީ އެވެ. އިރުއިރުކޮޅާ ވެސް މިހެން ވެދާނެ އެވެ. އަދި ރަނގަޅަށް އެތައް ދުވަހަކު ވެސް ހުރެދާނެ އެވެ....."

ބޭކަރ ދޮރުލައްޕައިލައިފި އެވެ. ދެ މީހުން ގެއިން ބޭރަށް ހިނގައިގެންފި އެވެ.

އަޙުމަދު:-  ކަލެޔާ ހެދި ހައިރާންވެއްޖައީމެވެ. އަހަންނަށް އަބަދު ވެސް ދެން ޖެހޭނީ ފުރޮޅި، ފަތައި، އެކޮޅުކޮޅުން ހިނގަންދޯ އެވެ؟ ފަހެ، މިރޭ އެހާ ކުއްލި ގޮތަކަށް ވެއްޓިގަންނަން މި ޖެހުނީ ކީއްވެގެންހެއްޔެވެ؟

އަންވަރު:-  އެ ގޭގައި ހަރުކޮށްފައި ހުރި ކަޅު ފިލައެއް ނުދެކެމުހެއްޔެވެ؟ އަހަންނަށް ވެސް އެ ފިލާ ފެނުނީ ނުކުންނަނިކޮށެވެ. އެ ފިލަޔަކީ އޭގެ ސްވިޗްޖައްސައިފައި ހުއްޓައި ކުރިމަތީން ހިނގައްޖެ ނަމަ އުނަގަނޑުން މަތީގެ ފޮޓޯ ނެގުމަށްޓަކައި ހަދައިފައި ހުންނަ އެއްޗެކެވެ. ފުލުސް އިސްޓޭޝަނުގައި ގެންގުޅޭ އެއްޗެއްކަމުން އަހަންނަށް ވެސް އެކަން އެނގުނީ އެވެ. މިހާރު ދެން އަހަރެމެންގެ ފޮޓޯ ނަގައިގެން އެ މަކަރުވެރި ބޭކަރ ނަށާނެދޯ އެވެ!

ދެ މީހުންގެ ވާހަކައިގައި ކުރިޔަށް އޮވެ ދެއެވެ.

ބޭކަރ އިނީ އޭނާގެެ ގޭގައެވެ. ދެކުނު ފަރާޓުގައި ހުރި ކޮޓަރިއެއްގައި ކުޑަ މަސައްކަތެއް ކުރާށެވެ. އޭނާގެ ޚިޔާލު މުޅިންހެން ވަނީ ގެއްލިފައެވެ. ފިކުރުތައް ވަނީ އެ މަސައްކަތާ ގުޅިފައެވެ.
 
ކުއްލިޔަކަށް އެ އިވުނީ މީހަކަށް ކޮންމެވެސް މީހަކު ހާނީއްކަކުރާ އަޑެވެ. ތަޅާ އަޑެވެ. ބާރަށް ރޯ އަޑެވެ. "ތިޔަހެން ނުހަދާށެވެ! އަހަރެންގެ ދެހާސް ރުފިޔާ އަތުލައި ނުގަންނާށެވެ! މިއީ މީހެއްގެ އެއްޗެކެވެ. އަމާނާތެކެވެ. މި އަތުލައިފި ނަމަ، އަހަރެންގެ ދުވަސް ދިޔައީ އެވެ." ..................  

"ތިޔަ ދޭށެވެ! އެހެން ނޫނީ ހާނީއްކަކުރާނީ އަދި މިޔަށްވުރެ ވެސް ބޮޑަށެވެ. އަދި ކީއްހެއްޔެވެ؟ ނަމަވެސް ތިޔަ ގެންދާނަމެވެ. މިހާރު ރުހުމުގައި ދޭށެވެ!...."

"......އަހަންނަށް ރުހުމުގައި ދެވޭނީ ކިހިނެއްހެއްޔެވެ؟ އަހަރެންގެ ފުރާނަ ހުއްޓައި މި ރުފިޔާތަކެއް.........."

ޓަޓަސް! ޓަޓަސް! އެ ޖެހީ ފިސްތޯލަ އެވެ. ފަސް ހަ އުންޑަ އަރައިގެން ދިޔައީ އެވެ. އެ މީހާ ކުއްލިޔަކަށް ރޮއިގަތް އަޑު ވެސް ބޭކަރަށް އިވިއްޖެ އެވެ.

މި އަޑަށް ބޭކަރާއި ގޭގައި އުޅޭ ދެ މީހުން ދުވެފައި ނުކުމެއްޖެ އެވެ. އެއް ދެ މީހުން ނުކުތީ ދެކުނު ފަރާތުންނެވެ. ބޭކަރ ނުކުތީ އުތުރު ފަރާތުން ފެންޑާގެ ދޮރުންނެވެ. އެތަންމިތަން ހޯދިއިރު ވެސް އެއްވެސް މީހަކު ނެތެވެ. ހުރިހާ ހާދިސާއެއް ހިނގީ ފެންޑާމަތީގައެވެ. ނަމަވެސް ހަމަ އެކަކުގެ ވެސް ނިޝާނެއް ނެތެވެ. ނަމަވެސް ފެންޑާގެ ތަޅުންގަނޑު ވަނީ ލެއިން ތަތްތެޅިފައެވެ. ބޭކަރގެ ހިތަށް ވަނީ ކުއްލި ޙައިރާންކަމެކެވެ. އަދި ކުޑަކޮށް ބިރު ވެސް ގަތެވެ. އެހެންކަމުން އަވަސްއަވަހަށް ގެޔަށް ވަދެ ދޮރު ލައްޕައިލުމަށްފަހު މަސައްކަތުގައި މަޝްޣޫލުވެއްޖެ އެވެ.

މިސްޓަރ އަންވަރާއި އަޙުމަދު އެ ތިބީ ބޭކަރގެ ކޮޓަރިތެރޭގައި ހުރި އެނދެއްގެ ތަންދޮށުގައެވެ. ކޮޓަރީގެ ބޮކި ވަނީ ނިވައިލައިފައެވެ. ދެ މީހުންތިބީ ގުޅަޔަކަށެވެ. އެނދުގެ އެންމެ ބިއްދޮށުގައި ހިފަހައްޓައިލައިގެންނެވެ.

"ކަލޭ ހަޅޭއްލެވި އިރު އެއްފަހަރު ކީ ދެހާސް ރުފިޔާ އެވެ. އަނެއް ފަހަރު ކީ ދެލައްކަ ރުފިޔާއެވެ......" "އޯހް! އެކަހަލަ ވަގުތުގައި ކަލޭ ހުންނަނީ ހަމަ ހޭގައިހެއްޔެވެ؟ ލޭ ބާލިދީ ފުރަތަމަ އަޅައިލީ އަހަރެންގެ ގަޔަށެވެ. ވީއިރު ދެ މީހުންނަށްމެ ކަން ކުރެވުނީ ރަނގަޅަށެވެ. އަހަރެން އެންމެ ބިރުގަތީ ކަލޭ ފިސްތޯލަޖެހިއިރު މަށާ ދިމާވެދާނެ ކަމަށެވެ...... ބާރަށް ވާހަކަނުދައްކާށެވެ!..... ބޭކަރ ކޮބައިބާވައެވެ!....."

އަދިވެސް ދެ މީހުން އެ ތިބީ ހިމޭނުންނެވެ. ނޭވާ ހިފަހައްޓައިގެންނެވެ. ސަބަބަކީ ގޭތެރެއަށް އެތަކެއް މަސައްކަތުން ވަދެވުނު އިރު ބޭކަރ އުޅޭ ތަނެއް ނޭނގުނުކަމެވެ. ވަދެވިފައި މި ތިބި ކޮޓަރި ހީވަނީ އަނދިރި ގުޅައެއްހެން ކަމުން މިއީ އޭނާގެ ނިދާ ކޮޓަރިކަން ނުވަތަ ނޫންކަން ވެސް ނޭނގެއެވެ. ...... އެ  އިވެނީ އެ ފަރާތުން ބޭކަރ ވާހަކަދައްކާ އަޑެވެ. މަސައްކަތެއްގައި މަޝްޣޫލުވެގެން އުޅޭކަން އެނގެއެވެ. އަދި އަވަހަށް ނިދަން ނުދެވޭނެކަން ވެސް އެނގުނެވެ.

އަންވަރު:-  އަހަރެން މި ނުކުންނަނީ އެވެ. ކޮޓަރިތެރެ ހޯދައިލުމަށްފަހު އަހަރެން އަންނަންދެން ބޭސް ކައިލަކައިލައި ތިޔަ ތާނގައި އޮންނާށެވެ!

އަޙުމަދު:-  އަލިފާންފޮށްޓެއް އަމެވެ. ކޮންމެވެސް ހުސްކޮށްނުލާށެވެ!...

 އަންވަރު ތެދުވެ ދަނޑިއެއް އަޅައިފި އެވެ. ނިދާ އެނދަކާއި ލިޔާ މޭޒަކާއި ބިއްލޫރި އަލަމާރިއެއް އެބަހުއްޓެވެ. ދެން ހަމަ އެކައްޗެއް ވެސް ނެތެވެ. ނޫން! އަދި އެކައްޗެއް ފާރުގައި އަޅުވައިފައި އެބަހުއްޓެވެ. ތިރީހަކަށް ތަޅުދަނޑި އަމުނައިފައިވާ ތަޅުދަނޑިފައްޗެކެވެ.

ފަރުވާޓެރިކަމާއެކު އަލަމާރި ހުޅުވައިލައިފި އެވެ. ސުބްޙާނަﷲ އެވެ. މަތީ ދެ ވަތްގަނޑު ފުރިފައި ވަނީ ގަންނަވައި އަޅައިފައި ހުރި ނޫޓުންނެވެ. އެންމެ ޢާއްމު ފެންވަރަކަށް ހުރީ 100 ރުފިޔާގެ ނޫޓެވެ. އެ ވަގުތު އަންވަރު އެންމެ ފުރަތަމަ ހެދުނީ ކުޅަދާނަ ވަގަކަށެވެ. އޭނާގެ ހަށިގަނޑުގައި ރައްކާކުރެވޭ ވަރަށް ނޫޓު ނެގުމަށް ފަހު ދެން ދިޔައީ މޭޒު ކައިރިއަށެވެ. މޭޒުމަތީގައި ދެބައިކުޅަ އެއްބައި ގިލަން އެޅޭހައި ވަރުގެ ފުޅިއަކަށް އެއްޗެއް އަޅައިފައި ހުއްޓެވެ. އަންވަރު ރަނގަޅަށް ތަޅުވައިލައިފައި ވަސް ބެލިއިރު އެއީ އިންސާނެއްގެ ލޭ އަޅައި ފުރައިފައި ހުރި ފުޅިއެކެވެ. ފުޅީގެ ކައިރީގައި ފިސްތޯލައެއް ބާއްވައިފައި އޮތެވެ. ދެން އެހެން އެއްވެސް އެއްޗެއް ނެތެވެ. މޭޒުގެ ވަތްގަނޑެއްގައި އެންމެ ކަރުދާސްކޮޅެއް ވެސް ނެތެވެ.

އަންވަރު ލޭ ފުޅި ބަލަން ހުއްޓައި ކައިރީގައި ހުރި ޓެލެފޯނުން ރަނގަބީލުވާން ފަށާއިފި އެވެ. ދެން ހަމަ އެންމެ ދަނޑިވަޅެއް ވެސް ނެތެވެ. އެހެރަ އިވެނީ ބޭކަރގެ ބޫޓުގެ އަޑެވެ. ފޯނު ނެގުމަށްޓަކައި ކޮޓަރިއަށް ވަންނަން އަންނަ އަޑެވެ..........

އަންވަރަށް ޖެހުނީ އިތުރު ތަޙުޤީޤުތަކެއް ނުކޮށް އެއްެޗެހި ހުރި ތާ ބެހެއްޓުމަށް ފަހު އެނދު ތަންދޮށަށް ވަނުމަށެވެ.

ވަދެ ހަމަނުޖެހިގެން އުޅެނިކޮށް ބޭކަރ އައިސް ކޮޓަރިއަށް ވަދެ............." ހަލޯ! ވާޙަކަދައްކަނީ ބޭކަރ! ....... ކީކޭ؟؟ .... އަދިވެސް މީހުން އެބަ ތިއްބޭ؟ ..... ބަލަ! އެ ޖަހަނީ ދޭއް ނޫންތަ؟ ........ ހޫނ! އަހަރެން ނައިޓް ކްލަބަށް މި ދަނީ..."

ފޯނު ބޭއްވުމާއެކު ކޮޓަރިން ބޭރަށް ނުކުމެއްޖެ އެވެ. އަދި ކޮޓަރީގެ ދޮރު ލައްޕައިލުމަށްފަހު ތަޅުލައިފައި ތަޅުދަނޑި ޖީބަށްލައިގެން ނުކުމެގެން އެ ދިޔައީ އެވެ.

ކަންތައް ވީ ވަރަށް ވެސް ހިތާމަވެރި ގޮތަކަށެވެ. އަޙުމަދާއިި އަންވަރު ތިބީ އެނދު ތަންދޮށުގައެވެ. ބޭކަރ އެ ދިޔައީ ދޮރުލައްޕައި ތަޅުލައިފައެވެ. ދޮރަކީ ދަގަނޑު ދޮރެކެވެ. ދެން ހަދާނެ އެއްވެސް ގޮތެއް ނެތެވެ. ނުކުމެވޭނެ އެއްވެސް ދިމާއެއް ވެސް ނެތެވެ.
އަންވަރަށްވުރެ ކުރީން އަޙުމަދު ހާސްވެއްޖެ އެވެ. އިރުއިރުކޮޅާ ދެން ހަދަންވީ ކިހިނެއްތޯ ސުވާލުކުރާން ފަށައިފިއެވެ.

އަންވަރު:- ހިމޭނުން އިނދެބަލާށެވެ! ބޭކަރ އެ ދިޔައީ، ނައިޓްކުލަބަށެވެ. އާނ....... އެއްކަލަ ދަޅުދަނޑިފައްޗެއް ވެސް ނެތެވެ. ޝައްކެއްނެތެވެ. ބޭކަރަކީ ހިޖާޒްކަރައިގެ ކިޔަވައިދޭ މީހެއް ނޫނެވެ. އޭނާ އަކީ އެފްރިކާގެ ވަގެއްކަން ކަށަވަރެވެ............... އޭނާގެ ޙަރަކާތްތައް ފަރުދާގެ އަނެއް ފަރާތުގައި ކޮންމެވެސް "ނައިޓްކުލަބެެއް" ވާކަން ޔަޤީނެވެ.

އަޙުމަދު :- އާއެކެވެ! "ނައިޓްކުލަބް" ގެ މީހުންތައް އަދިވެސް ނުނިދާތީ އޭނާ ކަންބޮޑުވިކަން ވެސް ވާހަކަ ދެއްކިއިރު އެނގުނެވެ. އަނެއްކާ އަހަރެމެން މިތާ ތިބިކަން އޭނާއަށް އެނގުނީ ނޫންބާވައެވެ؟ ........

ވާހަކަދައްކަން ގިނައިރު ތިބެވޭފަދަ ފުރުސަތެއް ނުލިބުނެވެ. ކޮޓަރީގެ ފާރުތެރެއިން އެހެރަ ހުޅުވެނީ، ސިއްރު ދޮރެކެވެ. ދޮރު ހުޅުވައިލުމާއެކު އެހެރަ ނެރެނީ ދޮން އަތެކެވެ. އަތުގައި އޮތް ޗޯޓަކުން މުޅި ކޮޓަރިއަށް އަލި އަޅުވައިލުމަށް ފަހު އިސްކޮޅުން ދިގު މީހަކު ނިކުމެއްޖެ އެވެ. އޭނާ ކޮޓަރިތެރެއަށް އައުމަށްފަހު އެ ދޮރުގެ ކައިރީން އެތެރޭގައި ހުރި އެއްޗެހިތަކެއް ކޮޓަރި ތެރޭގައި އަތުރާން ފަށައިފިއެވެ. އެއިން ކޮންމެ އެއްޗެއް ބެހެއްޓުމާއެކު އަޙުމަދާއި އަންވަރު ސިއްސައިގެންދެއެވެ..................... ފުރަތަމަ ބޭއްވީ މީހެއްގެ ހިއްކައިފައިވާ ބޮލެއްގެ ކަށިގަނޑެކެވެ. ދެން ބޮޑު ފުޅިއެކެވެ............... ދެން ޚަންޖަރެކެވެ. އެންމެ ފަހުން އެ ނެރުނީ ފަލަ ހިލިހިލާގަނޑަކުން ބަނދެފައިވާ މީހެކެވެ. މީހާ ވަނީ ލިބުނު ވަރުގަދަ އަނިޔާއެއްގެ ސަބަބުން ހޭ ނެތިފައެވެ. އެ މީހާ ދަމައި ވައްޓައިލުމަށްފަހު ކޮޓަރީގެ އިލެކްޓްރިކް ދިއްލައިލައިފި އެވެ. މިހާރު އެހެރަ އަންނަނީ ނެރެފައި އޮތް ތޫނު ޚަންޖަރެއް ހިފައިގެންނެވެ. ބަނދެފައި އޮތް މީހާޔާ ދިމާއަށެވެ.

އެ ކުޑަކުޑަ ކޮޓަރި ތެރޭގައި އެ ވަގުތު އެތައްް ހާސް ބިރުވެރިކަމެއް ރަސްކަންކުރި އެވެ. އަޙުމަދާއި އަންވަރު ތިބީ އެނދުގެ ތަންދޮށުގައެވެ. އެކަކު އަނެކަކަށް އެއްވެސް ލަފްޒެއް ދުލުން ބޭރުނުކުރެވޭ ފަދަ ދަރަޖައަކަށް ސިހިސިހި އެވެ. އިލެކްޓްރިކް ވަނީ ދިއްލައިފައެވެ. އެހެންކަމުން ކިރިޔާ ފުށަކަށް ހެލިލިޔަސް ........... ދެމީހުންގެ ފުރާނައަށް ނުރައްކަލެކެވެ. ގަތް ބިރެއްގެ ބޮޑުކަމުން އަޙުމަދުގެ ދެއަތް މޫނުގައި އެޅިއްޖެ އެވެ. ދެލޯމެރިއްޖެ އެވެ. އާދެ! ފިނޑި އަޙުމަދުގެ ބޭއިޚްތިޔާރުގައެވެ. ހަދާނެ އެއްވެސް ގޮތެއް ނެތެވެ.

ޚަންޖަރު ހިފައިގެންހުރީ ދޮން އަންހެނެކެވެ. އެންމެ ފުރިހަމަ މާނައިގައި ކަނޑައިފައިވާ "އޮރިޔާން" ހެދުމެއް އަޅައިގެން ހުރި ޒުވާން އަންހެނެކެވެ.
--------------------
(ނުނިމޭ)

މި ވާހަކައިގެ މި ބައި:

ޓައިޕުކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަލުން ބެލުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޝާއިޢުކުރުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ