އަދުގެ ޚާއްސަ

Print

މީޑިއާއިން ދިވެހީންނަށް ލިބެމުން އަންނަ ފައިދާތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ


    
ޢަބްދުﷲ ޒަމީރު، ކޯޒީކޯނަރ ލ.މާވަށް
    
މީޑިއާއަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެން ދެކޭގޮތުގައި މީޑިއާ އަކީ ޚަބަރާއި މަޢުލޫމާތު ފަތުރާ ވަސީލަތްތަކެވެ. އަޅުގަނޑުމެންގެ ތެރޭގައި ގެންގުޅޭ ކުދިކުދި ލީފްލެޓްތަކާއި ނޫސް/މަޖައްލާތަކުން ފެށިގެން ޓީވީއާއި އިންޓަރނެޓާ ހަމައަށް ވެސް މިއީ މީޑީއާ ކަމުގައި ސިފަކުރެވިދާނެ އެވެ. މި ދެންނެވި ހުރިހާ "މީޑިއަމް"ތަކެއްގެ ޖުމުލަ ނަމަކީ "މީޑިއާ" އެވެ. އެހެނީ މި ހުރިހާ ވަސީލަތްތަކަކީ ވެސް މަޢޫލޫމާތު ފަތުރާ ވަސީލަތްތަކެވެ. ދެ ބަސް ނުވެވޭނެ ފަދައިން މަޢުލޫމާތަކީ އިންސާނުން ކުރިއަރައި ތަމައްދުންވެ ތަހުޒީބުވުމަށް ބޭނުންވާ އެންމެ މުހިއްމު އެއް އަސާސް ކަމުގައި ވާނެކަން ކަށަވަރެވެ.

އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ޓީވީއާއި ރޭޑިއޯ ނުހުންނަ އަދި އިންޓަރނެޓް ނުލިބޭ ގެއެއް މިހާރަކަށް އައިސް މަދުވާނެ އެވެ. އެތައް ނަމެއްކިޔާ އެތައް ނޫސްތަކަކާއި މަޖައްލާތަކެއް ދުވާލަކު އެއް ފަހަރު، ހަފުތާއަކު އެއް ފަހަރު، މަހަކު އެއް ފަހަރު ނުވަތަ އަހަރަކު އެއް ފަހަރު ނުކުންނަމުން ދާއިރު މި ތަކެތި ދިވެހިންގެ އެތައް ގެއަކަށް ވަންނަމުން މަޢުލޫމާތުފަތުރަމުންދެއެވެ. މި ތަކެތިން ފައިދާތަކެއް ނުކުރާނަމަ އެއްވެސް ބޭފުޅަކު މި ތަކެތި ބޮޑެތި ޚަރަދުތަކެއް ކުރައްވައިގެން ބައްލަވައިގަނެ ބޭނުންކުރައްވާނެތޯ އެވެ؟

ދުޅަހެޔޮ ސިއްޙަތަކީ އިންސާނާއަށް މާތްﷲ ދެއްވައިފައިވާ އެންމެ މަތިވެރި އެއް ނިޢުމަތެވެ. ނަމަވެސް އެ ފަދަ ނިޢުމަތެއް މާތްﷲ ދެއްވާނީ އިންސާނުން އެ ހޯދުމަށް  ގަދައަޅައި މަސައްކަތްކުރާނަމަ އެވެ. އެ ގޮތުން ބަލިބަލީގެ އަޞްލު ހޯދުމާއި ބަލިން ރައްކާތެރިވާނެ ގޮތްގޮތާއި ބަލީގެ ފަރުވާ ހޯދުމަކީ އަޅުގަނޑުމެން އިންސާނުންނަށް ކުރެވިދާނެ ކަންކަމެވެ. މި ފަދަ ގޮތްތައް ހޯދުމަށްފަހު މުޅި ދުނިޔެއަށް އެ ކަންކަން ހާމަކޮށްދެނީ ކޯއްޗެއްތޯއެވެ؟ އާދެ! މީޑިއާއެވެ. އެ ގޮތުން ކުރިޔާ އަޅައި ބަލާއިރު ޞިއްޙީ ހޭލުންތެރިކަން ދިވެހިންގެ ތެރޭގައި އިތުރުވެއްޖެކަން އުފަލާއެކު ފާހަގަކޮށްލަން ޖެހެއެވެ. ކުރީ ޒަމާނުގައި މީހަކު ބަނޑުގައި ފެން އުފެދި ބަނޑު ފުއްޕައިގެން މަރުވެއްޖެނަމަ އެއީ ބަނޑަށް "ބޮޑުކުކުޅު" (ދިވެހިންގެ ތެރޭގައި އުޅޭކަމަށް ބުނާ ފާޑެއްގެ ޖިންނިއެއް) ބަނޑަށް ވަނީއެވެ. ތުއްތު ކުއްޖަކު، ބޭރަށްހިންގުން ފަދަ ބައްޔެއްގައި މަރުވެއްޖެ ނަމަ އެއީ "ހިކިތާފަރާތެވެ." ހަމުގެ ބައްޔެއް ޖެހިއްޖެނަމަ "ކަނޑުމައްޗެވެ." ނަމަވެސް މިއަދު ދިވެހިން މި ވަނީ މި ފަދަ ކަންކަމަށް ހޭލުންތެރިވެފައެވެ. އެއީ ކީއްވެގެން ވާކަންކަންކަމާއި އެ ކަންކަމުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު މީޑިއާގެ ސަބަބުން ދިވެހިންނަށް ލިބި، މިއަދު މި ވަނީ  ސިއްޙީ ދާއިރާއަށް ލޯހުޅުވި ހޭލުންތެރިވެފައެވެ.
 
ބަދަލުވަމުން މި ދާ ދުނިޔޭގައި ތަރައްޤީ އާއި ތަހުޒީބުގެ ކުލަވަރު ޖެހެމުންދާކަން އެންމެ ބޮޑަށް ހާމަވެ ފެންނާނީ އެ ތަނެއްގެ އުމްރާނީ މަސައްކަތްތެރިކަމާއި މީހުންގެ ހެދުންއެޅުމުގެ ވައްޓަފާޅި ނުވަތަ ފެޝަނަށް އަންނަ ޒަމާނީ ބަދަލުތަކެއްގެ މައްޗަށެވެ. އެ ގޮތުން ރާއްޖޭގެ އަތޮޅުތަކާއި ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއާ އަޅައިކިޔައިލަމާތޯ އެވެ؟ އެންމެން ވެސް އެއްބަސްވާނެ ޙަޤީޤަތަކީ މާލެ އަކީ ރާއްޖޭގައި އެންމެ ބޮޑަށް ތަރައްޤީވެފައިވާ ތަން ކަމެވެ. ޢިމާރާތްތަކާއި މަގުތަކެވެ. އަޅާ ހެދުމާއި މީހުން ދިރިއުޅޭ ވައްޓަފާޅިއެވެ. މިހުރިހާ ކަމެއް ވެސް ވަނީ ބަދަލުވެފައެވެ. މި ތަންފެނިފައި މި ނޫން ކޮންމެ މީހަކު ވެސް ބަލަނީ ޓީވީއިން އެފެންނަކަހަލަ އުސް ރީތި ގެއެއް ހެދުމަށެވެ. ޓީވީއިން އެ ފެންނަ ކަހަލަ މޮޅު މޯބައިލް ފޯނެއް ހޯދުމަށެވެ. މި ފަދަ ކޮންމެ ކަމެއް ވެސް ޓީވީން ނުވަތަ މީޑިއާގެ ކޮންމެ ވެސް އެހެން ބާވަތަކުން ފެންނަ ގޮތަށް ބަދަލުކުރަމުން އަންނަތަން ފެންނަނީ މަދަކުންނޫނެވެ. އާދެ! މި ކަންކަން ހިމެނޭނީ ވެސް ތަރައްޤީގެ ތެރެއިންނެވެ. މި ކަންކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ކޮންއެއްޗެއްތޯ އެވެ؟

މި ކުޑަކުޑަ ދިވެހިރާއްޖެ މިއަދު މި ވަނީ މުޅި ދުނިޔެއަށް ތަޢާރުފުވެ މަޝްހޫރުވެފައެވެ. ރާއްޖޭގެ ރީތިކަމުގެ ވާހަކަ އެތައްް ބައެއްގެ ދުލުން ދައްކާ އަޑު އަޅުގަނޑުމެން އަހަނީ ފަޚުރުވެރިކަމާއެކީގައެވެ. އަޅުގަނޑުމެން މި ފަދަ މަތީމަޤާމަކަށް ގެންގޮސްދިން މަސައްކަތަކީ ފަތުރުވެރިކަމެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ފަތުރުވެރިކަން މިހާ ކުރިއަރައިގެންގޮސްފައި މި ވަނީ އެއްކަލަ މީޑިއާގެ ސަބަބުންނެވެ. ރާއްޖެއާިބެހޭ އިޝްތިހާރުތަކާއި އެތައް ޕްރޮގްރާމްތަކެއް ދުނިޔޭގެ މަޝްހޫރު ޗެނަލްތަކަކުން ދައްކަމުން ދިޔުމުގެ ސަބަބުން މިއަދު މި ވަނީ "ދުނިޔެމަތީގެ ސުވަރުގޭ"ގެ ނަން ދިވެހިރާއްޖެއަށް ލިބިފައެވެ. އަޅުގަނޑު ދަންނަވާނީ މީޑިއާ އަޅުގަނޑުމެންގެ ތެރޭގައި ނުވަތަ ދުނިޔޭގައި ނުވާނަމަ މި ކުޑަކުޑަ އެކަހެރި ދިވެހިރާއްޖެ އެހާ އަވަސް މުއްދަތެއްގެ ތެރޭގައި ކުރިއަރައިގެން ނުދިޔައީސް ކަމަށެވެ.

މުޅި ދިވެހިރާއްޖޭގެ ވިޔަފާރި ބިނާވެފައި އޮންނަނީ "އިމްޕޯޓް" "އެކްސްޕޯޓް"ގެ މައްޗަށް ބިނާވެފައޭ ދެންނެވުުމަކީ ދޮގަކަށް ނުވާނެއެވެ. ތަފާތު އެތައް ވައްތަރެއްގެ މުދާ ރާއްޖެއަށް އެތެރެކޮށް ބޭރުކުރެއެވެ. މި މުދާ އެތެރެކޮށް ބޭރުކުރުމުގައި އެންމެ ބޮޑު އެއް ދައުރެއް އަދާކުރާ އެކައްޗަކީ މީޑިއާކަން ކަށަވަރެވެ. ތަފާތު ވައްތަރުގެ މުދާ ލިބޭނެ ތަންތަނާއި މުދަލުގެ  ފެންވަރާއި އަގު އަޅުގަނޑުމެންނަށް އަންގައިދެނީ ކޮން ވަސީލަތަކުންތޯ އެވެ؟ އާދެ! އެއީ ހަމަ އެއްކަލަ މީޑިއާއެވެ. މީގެ އިތުރުން މި މުދާތައް ރާއްޖެ އެތެރެކޮށް ރާއްޖޭގެ ތަފާތު ކުންފުނިތަކުން ނުވަތަ ފިހާރަތަކުން މުދާ ވިއްކުމަށްޓަކައި އިޝްތިހާރުކޮށް ހަދައެވެ. ޓީވީއިންނާއި ރޭޑިޔޯއިންނެވެ. ނޫސްތަކުގައާއި މަޖައްލާތަކުގައެވެ. އަދި އިންޓަރނެޓުން ވެސް މެއެވެ. މި ކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ކިހާ ލުއިފަސޭހަކަމެއް ލިބިގެންދޭތޯ އެވެ! ވިޔަފާރިކުރުމަށް އެތައް ފައިދާތަކެއް ލިއްބައިދެ އެވެ. މިއީ ވެސް މީޑިއާގެ ސަބަބުން އަޅުގަނޑުމެން ދިވެހިންނަށް ފޯރާ އެދެވޭ އަސަރުތަކެކެވެ. ފައިދާތަކެކެވެ.

އަޅުގަނޑުމެން ހުރިހާ ދިވެހިންނަކީ ސައްތައިންސައްތަ މުސްލިމުން ކަމުގައިވާއިރު އަޅުގަނޑުމެންނަށް ދީނީ މަޢުލޫމާތަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ޓީވީއިން ދައްކާ "ތެދުމަގު"، ރޭޑިއޯ އިން ފޮނުވާ "ތަޖުވީދުމަގުން ޤުރުއާން ކިޔަވަން ދަސްކުރަމާތޯ" ފަދަ ޕްރޮގްރާމްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ޅަދަރިންނަށާއި ޒުވާނުންނާއި މުސްކުޅިންނަށް ވެސް ދީނީގޮތުން އެތައް މަޢުލޫމާތެއް ލިބެއެވެ. ދީނީގޮތުން އެކިކަންކަމުގެ ޙުކުމެވެ. ޤުރުއާން ކިޔަވަންވީ ގޮތާއި އެ ކަމުގެ ފައިދާއެވެ. މީގެ އިތުރުން ޒަމާނުންސުރެ އަޅުގަނޑުމެންގެ ތެރޭގައި ހިނގަމުން އައި ޚުރާފާތުގެ ކަންކަން މަދުވަމުންދާކަން ވެސް އުފަލާއެކު ފާގަކޮށްލަންޖެހެއެވެ. މިސާލަކަށް ޒިޔާރަތްޒިޔާރަތަށް ވެލިލުމާއި، ފާތިޙާ ކެއްކުންފަދަ ކަންކަން މަދުވަމުން އަންނަކަން އެއީ އައި ރަނގަޅު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ސަބަބަކީ ދީނީ ހޭލުންތެރިކަން އިތުރުވެ ކަންކަމުގެ ރަނގަޅާއި ނުބައި ވަކިވުމެވެ. ޓީވީއާއި ރޭޑިއޯ އަދި އިންޓަނެޓްފަދަ ވަސީލަތްތަކުން ކެނޑިނޭޅި ފެންނަމުން ދާ ނުވަތަ އަޑު އިވެމުން ދާ ދީނީ ޕްރޮގްރާމްތާކާއި މޮޅު ޢިލްމުވެރިންގެ ތަޤްރީރުތަކުގެ ސަބަބުން ދީނީ މަޢުލޫމާތު މުއްސަނދިވެއެވެ.

ދެބަސްވެވެން ނެތް ފަދައިން ތަޢުލީމަކީ ސިކުނޑީގެ ކާނާއެވެ. އަޅުގަނޑުމެންގެ ޅަ ސިކުނޑިތައް ތަރައްޤީކޮށް ހޭލުންތެރިވުމަށް މިއަދު މި ކިޔަވާ ކިޔެވުމަކީ މަޢުލޫމާތާ ނުލައި އެ ކިޔެވުން ފުރިހަމަ ނުކުރެވޭ ކިޔެވުމެކެވެ. ވުމާއެކު އަޅުގަނޑުމެން މިފަދަ މުހިއްމު މަޢުލޫމާތު ލިބޭނެ ކޮންމެ ވެސް ގޮތެއް ހޯދަންޖެހެއެވެ. އެފަދަ ގޮތަކަށް ވިސްނާއިރު އަޅުގަނޑުމެންނަށް އެންމެ ފަސޭހައިން އެންމެ ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ލިބެންހުރީ މީޑިއާގެ ޒަރީޢާއިންނެވެ. އެ ގޮތުން މީޑިއާގެ އެންމެ ފުޅާ ދާއިރާ ކަމުގައިވާ އިންޓަނެޓަކީ ކިޔަވާކުދިންނަށް ޚާއްޞަ އެތައް މަޢުލޫމާތެއް ލިބޭ ގޮތަށް ފަރުމާކުރެވިފައިވާ މަޢުލޫމާތުގެ ޚަޒާނާއެކެވެ. މީގެ އިތުރަށް ޓީވީއާއި ރޭޑިއޯއިން އުފައްދައި އަދި ހުށައަޅާ  ކިތާބީ (ޑޮކިޔުމެންޓްރީ) ފިލްމުތަކާއި ޢިލްމީ ޕްރޮގްރާމްތަކުގެ ބޭނުން ތަޢުލީމީ ދާއިރާގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާކަން ވެސް ހެޔޮ ބަދަލެއްގެ ގޮތުގައި ފާހަގަކޮށްލަން ޖެހެއެވެ. މީގެ ކުރިން އަލިފުބާ ދަސްކޮށްގެން ރަށްރަށްގައި، "އެދުރުން" ތިބި ތިބުން މިއަދު މާޒީވެ ދިވެހިން މުޅިދުނިޔޭގެ ހުރިހާ ހިސާބެއްގައި ތަޢުލީމު ޙާޞިލްކުރަމުންގެންދާކަމީ މީޑިއާގެ ސަބަބުން ދިވެހިންނަށް ފޯރި އެދެވޭ އަސަރެކެވެ. އަދި ދުވަހުންދުވަހަށް މަތީތަޢުލީމަށް ހުޅުވިފައި ހުރި ފުރުޞަތުތަކާއި، ކިޔެވުމުގައި ދިމާވާ އުނދަގޫ ކަންތައްތައް ޙައްލުކުރެވޭނެ ގޮތްގޮތާއި އަދިވެސް މިނޫންވެސް ކިތަންމެ ކިތަންމެ މުހިންމު މަޢުލޫމާތުތަކެއް އިންޓަރނެޓްގައްޔާއި ޓީވީ/ރޭޑިއޯ އަދި ނޫސް މަޖައްލާތަކުގެ ޒަރީޢާއިން އަޅުގަނޑުމެންނަށް ލިބެމުން އަންނަކަމީ ވެސް ހަމަ މީޑިއާގެ ފައިދާއެވެ.

މީޑިއާއަކީ ބަޔެއްގެ ތެރޭގައި އޮންނަ ކަމެއް، އެހެން ބަޔަކަށް ތަޢާރުފުކޮށްދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރާ ވަސީލަތެވެ. އެ ގޮތުން މުޅި ދުނިޔެއަށް ބަދަލުގެންނަމުން މިދާ ޑިމޮކްރަސީގެ އުޞޫލުތަކަކީ މިއަދު ދިވެހިންގެ ތެރޭގައި ވެސް ތަޢާރުފުކޮށްފައިވާ އުޞޫލުތަކެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއާސާސީ އިޞްލާޙުކުރުމުގެ ގޮތުން ތަޢާރުފުކޮށްފައިވާ ޕާޓީ ނިޒާމަކީ މީގެ މިސާލެކެވެ. ދިވެހިންނަށް ޕާޓީ ނިޒާމާއި އޭގެ ފައިދާ ނުވަތަ ޕާޓީ ނިޒާމުގެ ޚިޔާލު އައީ ކިހިނެއްތޯ ސުވާލުކޮށްފި ނަމަ ދިވެހިންގެ ޖަވާބަކަށްވާނީ މީޑިއާކަން ޔަޤީނެވެ. ވެރިކަމުގައްޔާއި ވެރިކަން ހިންގުމުގައި ދިވެހި ރައްޔިތުންނަށް ފައިދާހުރި ހަމަހަމަ އުޞޫލެއް ޤާއިމްކުރުމަށްޓަކައި ޤާނޫނު އިޞްލާޙުކުރުމަށް ސަރުކާރަށް ވިސްނަންޖެހުނީ މީޑިއާގެ ސަބަބުން ދިވެހިންނަށް ސިޔާސީކަންތައްތަކާއި ވެރިކަންހިންގަންވީ ރަނގަޅުގޮތް އެނގި ސާފުވުމުގެ ސަބަބުންނެވެ. އިރެއްގައި ސަރުކާރުން ރައްޔިތުންގެ ޙައްޤުތަކަށް އިހުމާލުވީމާ އެކަން ރައްޔިތުންނަށް ނޭނގުނަސް މިހާރު ދިވެހީންނަށް އެކަން އެނގޭނެ އެވެ. މީޑިއާގެ ސަބަބުން ދިވެހިރައްޔިތުން މިވަނީ އެ ރޮނގުންވެސް ހިސާބަކަށް ހޭލުންތެރިވެފައެވެ. ދިވެހި މީޑިއާއިން ހޭލުންތެރިނުކުރި "ޚުދުމުޚުތާރު" ޑިމޮކްރަސީ މިއަދު މިވަނީ ދުނިޔޭގެ މީޑިއާއިން ޒަމާނީ "ޑިމޮކްރަސީ"އަށް ހޭލުންތެރިވެފައެވެ. މިއީ މީޑިއާގެ ސަބަބުން ދިވެހިންނަށް ފަހަކަށް އައިސް ފޯރި އެންމެ ބޮޑު އަސަރެވެ.
 
މިދެންނެވުނު ހުރިހާ ދާއިރާތަކަކުން ވެސް އަޅުގަނޑުމެންނަށް މިފެންނީ މީޑިއާގެ ސަބަބުން ދިވެހިންނަށް ވަރަށް މުހިއްމު ބަދަލުތަކެއްއައިސފައިވާ ތަނެވެ. ނުވަތަ އަންނަމުން ދާ ތަނެވެ. ދުނިޔެއަށް ލޯހުޅުވޭ ހޭލުންތެރި ދިވެހިން މިއަދު މިވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. މިއަދު ދިވެހިން މިދަނީ އެވޭލާ ޒަމާނުގެ ބޯދާ ޤަބޫލުކުރުންތައް ދޫކޮށްލައި ތަހުޒީބުވަމުންނެވެ. މީގެކުރިން ނުހޯދޭ އެތައް ކާމިޔާބީތަކެއް ޢިލްމީގޮތުންނާއި މަސައްކަތްތެރިކަމުގެ ރޮނގުން ހޯދަމުންނެވެ. މީގެ ކުރިން ތަޢާރުފުވެފައި ނުވާ މުހިއްމު އެތައް ކަންތައްތަކެއް ތަޢާރުފުވެ އޭގެ ފައިދާ ހޯދަމުންނެވެ. އަޅުގަނޑުމެން ދިވެހިން މިއަދު ދެކެމުން މިދާ ތަރައްޤީގައި ޙަޤީޤީ ކުލަ ޖެހެމުން މިދަނީ، ޙަޤީޤަތުގައި މީޑިއާގެ ސަބަބުން ދިވެހިންނަށް ކުރަމުން މިދާ އެދެވޭ އަސަރުތަކެއްގެ ސަބަބުންނެވެ.

މީޑިއާގެ ސަބަބުން ދިވެހީންނަށް ފޯރަމުން ދާ ނޭދެވޭ އަސަރުތައްވެސް ބައިވަރެވެ. ނަމަވެސް އެއީ އަޅުގަނޑުގެ މައުޟޫޢުކަމުގައި ނުވާތީ ކިޔުންތެރީންނަށް އެ މައުޟޫޢު ދޫކޮށްލީ އެވެ.

---------------------
(ނިމުނީ)

މި ލިޔުން:

     ފޮނުވުން:    
ޢަބްދުﷲ ޒަމީރު، ކޯޒީކޯނަރ ލ.މާވަށް
     އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
     ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ