އަދުގެ ޚާއްސަ

Print

ފަރުބަދަމަތީގެ ސިންގާ (2)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ


މުޙަންމަދު ޝާހިދު ޙަލީމް (1983)

(12 މާޗު 2011 ހޮނިހިރުދުވަހުގެ ބަޔާ ގުޅޭ)

"ޙަސަނު ވެސް ތި ހައްދުފަހަނައަޅާދަނީ!" ޒުބޭރު ރުޅިއައިސްފައި ބުންޏެވެ. "އެ ދެ މީހުން ވެސް މަރާލަންވީ."

"އެއް ފަހަރު ތިހެން ވެސް ހިތަށްއެރި. – އެކަމަކު އެ އަންހެންކުއްޖާ އަހަންނާ ދިމާއަށް އެނބުރުމުން އެހެން ހަދަން ނުކެރުނީ."

"ކީއްވެގެން؟ އޭނާގެ ރީތިކަން، ޙަސަނުގެ އަތްފައިގަ ހިލިހިލާއެޅީތަ؟" ޒުބޭރު ހިތިގޮތަކަށް ބުންޏެވެ.

"ނޫން، ޒުބޭރު! ރީތިކަމެއް ނޫން. އޭނާގެ ލޮލުން ވިދަވިދާހުރި ބިރުވެރިކަން. އެ ވިދުވަރު ފެނިފަ؛ ހިނދުކޮޅަކަށް އަހަރެން މަރްޔަމު ހަނދާންވި. މަރްޔަމުގެ މަރުވެފައިވާ ލޮލުގަ ހުރީ ވެސް ހަމަ އެކަހަލަ ބިރުވެރިކަމެއް. ނޫން. އަހަންނަކަށް، ކުރާނެކަމެއްނެތް އަންހެން ކުއްޖަކު އެހާ އަނިޔާވެރިކަމާއެކު މަރާލާކަށް ނުކެރޭނެ."

"އޭނާގެ ބޭބެ މަރްޔަމުގެ މައްޗަކަށް ރަޙުމެއް ނުކުރެއެއްނު."

"އެއީ އިސްލާމެއް ނޫން." ޙަސަނު ރުޅިވެރިކަމާއެކު ބުންޏެވެ. "ގެފުޅުގެ ވެރި ކަލާނގެ ގަންދެން! އަހަރެން އަހަރެންގެ ކޮއްކޮ އެކަންޏެއްނޫން؛ ހުރިހާ މުސްލިމް ޝަހީދުންގެ ލޭގެ ބަދަލު ހިފުމަށް އެންމެފަހު ނޭވާއާ ޖެހެންދެން އެ އިޓަލީ ކުއްތާތަކާ ހަނގުރާމަ ކުރަމުން ގެންދާނަން. އެކަމަކު ކުށެއްނެތް އަންހެނުންނާ ކުޑަކުދީންގެ ލެޔެއް އަހަންނަކަށް ނުއޮހޮރުވޭނެ. އެއީ އަހަރެމެންގެ ގޮތެއް ނޫން."

ޒުބޭރު ފިނިނޭވާއެއްލިއެވެ. "ޝައްކެއްނެތް. ތި ބުނީ ތެދު، ރަޙްމަތްތެރިޔާ. އަހަންނަށް މާފުކުރޭ."

ޙަސަން ޒުބޭރު އޭނާގެ ކަރުގައި ޖައްސައިލިއެވެ. "އަހަންނަށް ޒުބޭރުގެ ހިތާމަ އިޙްސާސްކުރެވޭ! އެހެންމީހުން ކޮބާ؟"

"އެ މީހުން ގައިދީންގެ ކޭންޕާ ވީ ފަރާތަށް ހިނގައްޖެ." ޒުބޭރު ބުންޏެވެ. "އެއް ގޮތެއްގަ އެ ވީ ރަނގަޅަށް. އެ މީހުން އެ އުޅެނީ އަވަށުތެރޭން ޙަސަނު ހޯދަންވެގެން. އެހެންވީމަ އަނެއް ފަރާތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭނެ. އަން، މި ހެދުން ލާ!"

އެ މީހުން އެ މީހުންގެ އަބާ ބާލައިފައި އިޓަލީ ސިފައިންގެ ޔުނިފޯމު އަޅައިފިއެވެ. އެ ޔުނިފޯމު އެ މީހުންގެ ހަށިގަނޑަށް ބަރާބަރެވެ. އެ ޔުނިފޯމަކީ އެ މީހުންގެ އަތުން މަރުވާ އިޓަލީ ސިފައިންގެ ގައިން އެ މީހުން ބާލައިފައިވާ ހެދުމެވެ. އެ މީހުން ތިބީ ބޮން އެޅުމުގެ ސަބަބުން ހަލާކުވެފައިވާ އިމާރާތެއްގައެވެ. އެބައިމީހުންގެ ހެދުން، އެ އިމާރާތުގައި ބެހެއްޓުމަށްފަހު ރައިފަލު ހިފައިގެން އަނދިރީގައި ކުރިއަށް ދާން ފަށައިފިއެވެ.
 
ގައިދީންގެ ކޭންޕު ހުރީ އާބާދީއާ ދުރުގައިވާ މައިދާނެއްގައެވެ. ކޭންޕުގެ ހަތަރުފަރާތުގައި ހުރީ ވަރަށް އުސްކޮށް ކަށިނަރުދަމައިފައެވެ. ކޭންޕުގެ ހަތަރުފަރާތުގައި ލަކުޑިން ހަދައިފައިވާ ހަތަރު ޓަވަރު ހުށްޓެވެ. އެ ޓަވަރުތަކުގައި ހުންނަނީ ސާޗްލައިޓް ހަރުކޮށްފައެވެ. ކޭންޕުގައި ތިބި ގައިދީންގެ އަދަދު މާ ގިނައެއް ނޫނެވެ. އެ ތަނަށް ލަނީ ހަމައެކަނި ބިންޣާޒީގެ މީހުންގެ ތެރެއިން ސަނޯސީ މުޖާހިދުންނާ ގުޅުން ހުންނަކަމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނެވެ. ކޭންޕު ގާއިމުކުރެވުނުތާ އަދި މި ވީ ދިހަވަރަކަށް ދުވަހެވެ. ޚަބަރު ލިބިފައިވާ ގޮތުގައި އިޓަލީން އުޅެނީ ވަރަށް އަވަހަށް ކައިރި ކައިރީގެ އަވަށްތަކާ ދިމާކުރާށެވެ. އެހެންކަމުން މުޖާހިދުން މި ކޭންޕަށް ހަމަލަދީ ގައިދީން މިނިވަންކުރަން ނިންމީއެވެ. އެއީ އަނެއްކާވެސް ދުވަސްކޮޅަކަށް އިޓަލީންނަށް އެހެން އަވަށްތަކާ ދިމާ ނުކުރެވޭނެ ގޮތުންނެވެ.

ޙަސަނާއި ޒުބޭރު އަނދިރީގައި މަޑުމަޑުން ފިޔަވަޅު އަޅަމުން ގޮސް ކޭންޕާ ދެތިން ފަރުލޯންގު ހައި ކައިރިއަށް ހިނގައްޖެއެވެ. ފައްކާނުކުރާ މަގެއް ކޭންޕުގެ ބޮޑުދޮރާ ދިމާއަށް ގޮސްފައި އޮތެވެ. ދޮރޯށިތެރޭގައި ހަތިޔާރުއެޅި ސިފައިން ފޯރިމަރަން ތިއްބެވެ. އެ ހިސާބުން ފެށިގެން ދެން އޮތީ ހާމައަށް އޮތް މައިދާނެވެ. އަނދިރިވެފައި އޮތުމާ އެކު ވެސް އެބައިމީހުންނަށް ކޭންޕުގެ ޓަވަރުގައި ފޯރިއަށް ތިބި މީހުން ފެނެއެވެ. އެބައިމީހުން ދާންޖެހިފައިވަނީ އުތުރުފަރާތު ޓަވަރާ ދިމާއަށެވެ. އެ ޓަވަރު ހުރީ ވެލީގެ ހިސާބުގަނޑުގެ ތެރޭގައެވެ. އަބޫޠާހިރާއި އޭނާގެ ބައިވެރީންނަށް އެބައިމީހުންގެ މަސައްކަތް ފުރިހަމަކުރުމުގައި ކާމިޔާބުވެއްޖެނަމަ މިއަދު އިޓަލީ ޖަނަވާރުންނަށް ވަރަށްބޮޑު ގެއްލުން އުފުއްލާން ޖެހޭނެއެވެ. ދެ އެކުވެރީން އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ. ދެން بسم الله އޭ ކިޔައިފައި އަނދިރީގެ ތެރޭގައި ކުރިއަށް ދާން ފެށްޓެވެ.

ފޯރިބަދަލުވަނީ ބަރާބަރު ބާރަޖަހާ އިރުގައެވެ. އޭގެކުރިން އެ މީހުން އެ މީހުންގެ މަސައްކަތް ނިންމާން ޖެހޭނެއެވެ. ކޭންޕާ މިހާރު ވަރަށް ކައިރިވެއްޖެއެވެ. އެހެންކަމުން މިހާރު އެ މީހުން ކުރިއަށްދަނީ ބިންމަތީގައި ބަނޑުޖަހައިގެން ދެމެމުންނެވެ. ސާޗްލައިޓުގެ ކޮންމެ ބުރަކާއެކު، ދުރުން ނުފެންނަ ވަރަށް އެ މީހުން ބިމުގައި ޖެހި ފިތިގެން ތިބެއެވެ. އެ މީހުންނަކީ އެ ގޮތަށް ބިންމަތީގައި ބަނޑުޖަހައިގެން ދެމުމުގެ ތަމުރީނު ލިބިފައިވާ މީހުންނެވެ. އެ ގޮތަށް ހުއްޓެމުން ދެމެމުން އެންމެ ފަހުން ޓަވަރުގެ ދަށަށް ހިނގައްޖެއެވެ. އެ މީހުންނާ ކޭންޕާ ދެމެދުގައި މިހާރު ހުރީ ހަމައެކަނި ކަށިނަރުގެ ފުޅަފެވެ. އެ މީހުން މިހާރު ތިބީ ސާޗްލައިޓުގެ ސަރަހައްދުން ސަލާމަތްވެފައެވެ. އެ މީހުން ޖީބުން ތަށްޓެއް ކަހަލަ ދަނގަޑު ފޮއްޗެއް ނެތްގެވެ. އަދި އެއިން ކަށިނަރުގެ ތިރިން ބިންމަތި ކޮންނާން ފެށްޓެވެ. ވަރަށް އަވަހަށް އެ މީހުންނަށް ދެމެމުން އެތެރެއަށް ވަދެވޭ ވަރަށް ނަރުގެ ދަށުން ވަޅުގަނޑެއް ކޮނެވުނެވެ. ދެން އެވަޅުގަނޑުން ދެމެމުން އެތެރެއަށް ވަނެވެ. ބާރަޖަހާން މިހާރު ހުރީ ކުޑަ އިރުކޮޅެކެވެ. ކޮންމެ ޓަވަރެއްގައި ދެ ސިފައިން ތިބޭކަމާއި މެޝިންބަޑިއެއް ހުންނަކަން އެ މީހުންނަށް އެނގެއެވެ. އެ މީހުން ކޮންމެ ގޮތަކުން ނަމަވެސް މެޝިންބަޑީގެ މައްޗަށް ބާރުފޯރުވާން ޖެހެއެވެ.

އެ މީހުން ތިބީ ޓަވަރުގެ ނިވަލުގައި ކޮނެފައި ހުރި ވަޅުގަނޑުގައި އޮށޯވެގެންނެވެ. ވަޅުގަނޑުގެ ކައިރި އެ މީހުން އެއްވަރުކޮށްފައި ހުރީ ވެލިގަނޑުން އެ މީހުންގެ ހަށިގަނޑު ފޮރުވޭ ގޮތަށެވެ. އަލިކަމެއް ނެތިއްޔާ އެ މީހުން ފެނުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. މާ ގިނަ އިރެއް ނުވަނީސް ފޯރީބަދަލުކުރާ ސިފައިން އަންނަނިކޮށް ފެނިއްޖެއެވެ. ޙަސަނާއި ޒުބޭރު ތައްޔާރުވެގެން އިންތިޒާރު ކުރާން ފެށްޓެވެ. ޓަވަރުގެ މަތީގައި ފޯރިއަށް ތިބި މީހުންނަށް ވެސް ފޯރީބަދަލުކުރާން އަންނަ ސިފައިން ފެނިއްޖެއެވެ. ފޯރީބަދަލުކުރާން އައި ސިފައިން ޓަވަރުގެ ދަށަށް ގޮސްފައި ހުއްޓުނެވެ. ދެން ފަހަރަކު މީހަކު މައްޗަށް އަރާން ފެށްޓެވެ.  ފުރަތަމަ މީހާ ހަރުފަތުގައި ފިޔަވަޅު ހަމަ އެޅުމާ އެކު ޙަސަނުގެ އަތް އުފުލުނެވެ. އަނެއް މީހާއަށް ބަލައިލާނެ ދަނޑިވަޅެއް ވެސް ނުލިބުނެވެ. އެއް އަތް އަނގަމަތީގައި އަޅައިފައި އަނެއް އަތުން ޙަސަނު އޭނާގެ މިޔަތޫނު ޚަންޖަރު އެ މީހާގެ ކަރުގައި ހިންގައިލިއެވެ. އަދި އޭނާގެ ހަށިގަނޑު ވަޅުގަނޑުގައި މަޑުމަޑުން ބޭއްވިއެވެ. އަނެއް މީހާ ވެސް ދެ ހަރުފަތަކަށް އެރިތަނާ ޒުބޭރު ފުރަގަހުން އެ މީހާގެ ގަޔަށް ޚަންޖަރު ހަރައިލިއެވެ. އޭނާގެ އަނގަ ހުޅުވުނެވެ. ނަމަވެސް އަޑު ބޭރުވުމުގެ ކުރިން ޒުބޭރު އޭނާގެ އަނގަމަތީގައި އަތްއެޅިއެވެ. އެއީ ވަރަށް ބަރު މީހެކެވެ. ތިރިން ޙަސަން ނުހިފޭއްޓި ނަމަ އެ ދެ މީހުން ވެއްޓުނީހެވެ. ޙަސަނު އެ މީހާގެ ހަށިގަނޑު ވެސް ވަޅުގަނޑުގެ ތެރެއަށް ލިއެވެ. ދެން ހަލުއިކަމާއެކު މައްޗަށް އަރާން ފެށްޓެވެ. އެ މީހުންގެ ޚަންޖަރު މަރުވި މީހުންގެ ހެދުމުން ސާފުކުރިއެވެ. ނަމަވެސް އަދިވެސް އޭގައި ލޭގެ ލައްލައްގަނޑު އެބަހުއްޓެވެ. ޓަވަރުގައި ތިބި ދެ މީހުން އެނބުރި ދިއުމަށް އެ މީހުންގެ ސާމާނު އެއްކުރަނީއެވެ. އެ މީހުންނަށް ނުރައްކަލެއް ވެދާނެ ކަމަށް ހީވެސް ކޮށްލެވިފައެއް ނެތެވެ. ޙަސަނާއި ޒުބޭރުގެ ޔުނިފޯމުގެ ބޭނުން ހިފުނެވެ. ޓަވަރުގައި ތިބި ދެ މީހުން ޙަސަނުމެން ދެނެގަތުމުގެ ކުރީން އެ މީހުންގެ މަރު އެ މީހުން ހިމޭންކުރިއެވެ.
 
މި ހުރިހައިކަމެއް ކުރެވުނުލެއް އަވަސްކަމާއި ކާމިޔާބުކަމުން އެ ދެ މީހުން ވެސް ހައިރާންވިއެވެ. ޙަސަނު ހަލުއިކަމާއެކު ސާޗްލައިޓް، ޒުބޭރު މެޝީންބަޑި ސަމާލުކުރިއެވެ. އެ ދެ މީހުން ތިބީ ހިމޭނުންނެވެ. އެކަމަކު ހިތުގެ އަޑިން އެ މީހުންގެ އެހެން އެކުވެރީންނަށް ވެސް މި ގޮތަށް ކާމިޔާބީ ލިބުމަށް އެދި ދުޢާކޮށްކޮށެވެ. އެ މީހުން އަނެއް ތިން ޓަވަރަށް ބަލާން ތިއްބައި ކުއްލިއަކަށް ދޮރާ ދިމާއިން ބަޑީގެ އަޑު ހަމަހިމޭންކަން ފުނޑުފުނޑުކޮށްލައިފިއެވެ.

ޙަސަނު އަވަހަށް ސާޗްލައިޓް ދޮރޯށްޓާ ދިމާއަށް އަނބުރައިލިއެވެ. ބަޑީގެ އަޑު އިވުނީ އެންމެ ފަހަރަކުއެވެ. ދޮރޯށީގެ ކުރިމަތީގައި ތިން ކަށް އޮތްތަނާއި، ވަރަށް ހަލުއިކޮށް އެ ތިން ކަށް ދަމައިފައި ގެންދާ ތަން އެ މީހުންނަށް ފެނުނެވެ. އޭގެ މާނައަކީ އެ މީހުންގެ ބައިވެރީން ދޮރޯށީގެ މައްޗަށް ވެރިވެގަތުމެވެ. އެކަމަކު ކޮންމެވެސް އިޓަލީ ފާރަވެރިއަކަށް ދަނޑިވަޅުގައި އެ ކަން އެނގުމުން މަރުވުމުގެ ކުރިން ބަޑިޖެހީއެވެ. ބަޑީގެ އަޑު ކޭންޕުގައި ތިބި އިޓަލީ ސިފައިން ވެސް ހުސިޔާރު ކުރާނެކަން ނޭނގެއެވެ. އެހެން ހިތަށްއެރުމާ އެކު ޙަސަން އެނބުރިފައި ބަލައިލިއެވެ. އޭރު ފޭލިގޭގެ ތެރެއިން އެތައް ސިފައިންނެއް ރައިފަލު ހިފައިގެން ދޮރޯށްޓާ ދިމާއަށް ދުވެއެވެ.
 
"ޒުބޭރު." އޭނާ ހަޅޭކުގެ އަޑުން ގޮވައިލިއެވެ. އަދި ދުވަމުން އަންނަ އިޓަލީ ސިފައިންނާ ދިމާއަށް ސާޗްލައިޓް އަނބުރައިލިއެވެ.

ޒުބޭރުގެ މެޝިންބަޑިން ހުއްޓުމެއް ނެތި އުންޑައިގެ ވާރޭ އޮއްސާން ފެށްޓެވެ. އިޓަލީސިފައިން ކެޔޮފީންޏެއް ކޮށައިލީމާ ބިމަށް އެޅޭ ހެން ބިމަށް އެޅޭން ފެށްޓެވެ. އެ ހަމަލައަކީ ލަފާ ވެސް ކޮށްލެވިފައިވާ ހަމަލައަކަށް ނުވުމާ އެކު މި ވަނީ ކީއް ކަމެއް އިޓަލީސިފައިންނަކަށް ނުވިސްނުނެވެ. ޓަވަރުން އެ މީހުންނާ ހަމަލަދީފާނެކަމަށް އެ މީހުންގެ ހިތަށް ވެސް ނާރައެވެ. ބައެއް މީހުން ސަމާލުވެލައިފައި ޒުބޭރާ ދިމާއަށް ދެތިން އުންޑަ ފޮނުވައިލިތަނާ ހުޅަނގުފަރާތު ޓަވަރުން އުންޑައިގެ ވާރޭ އޮހިގެންފިއެވެ. ދެން ހީވީ އެ މީހުންނާ ގިޔާމަތް ކުރިމަތިވި ހެންނެވެ. ކޮންމެ ފަރާތަކުން ސާޗްލައިޓް ވަނީ އެ މީހުންނަށް އަޅުވައިފައެވެ. އަދި ހަތަރު ފަރާތުން އުންޑައިގެ ވާރޭ ވެހެނީއެވެ. ކޭންޕުގައި ތިބި ޠަރާބުލުސްގެ ގައިދީން ހައިރާންވެ ތަލިން ކުޅުހިކިފައި އެ މަންޒަރު ބަލާން ތިއްބެވެ. މަރު، ވަނީ ހާސްވެ ކަންބޮޑުވެގެން ދުވާ އިޓަލީސިފައިން ހުރިހައި ފަރާތަކުން ބައްދައިލައިފައެވެ.

ދެން ކުއްލިއަކަށް ބަޑީގެ އަޑު ކެނޑި މަރުގެ ހަމަހިމޭންކަން ވެރިވިއެވެ. ރޭވިފައިވާ ގޮތުގެ މަތިން އެ މީހުން ސާޗްލައިޓުތައް ހަލާކުކޮށްލިއެވެ. މެޝިންބަޑިތަކާއި އެ ނޫން ވެސް ހުރިއްޔާ ހުރި ހަތިޔާރެއް އަތްދަށުލިއެވެ. އަދި އިޓަލީ ސިފައިންނަށް އެހީއެއް އައުމުގެ ކުރީން ހުރިހާ ގައިދީން ގޮވައިގެން ފަރުބަދައިގެ ފުރަގަހަށް ގޮސް ފިއްޔެވެ. ހުރިހައި އެންމެން ސަވާރުވާ ވަރަށް އެ މީހުންގެ އަތުގައި އަހެއް ނެތެވެ. އެހެންކަމުން ބަލިކަށީމީހުންނާއި ޒަޚަމުވެފައިވާ މީހުންނާއި ކުޑަކުދީން އަސްމަތީގައި ޖަޣްބޫބަށް ފޮނުވައިފައި ދެން ތިބި މީހުން ފައިމަގުގައި ދަތުރުކުރާން ފެށްޓެވެ. އެކަމަކު ޙަސަނާއި ޒުބޭރު އެ މީހުންގެ ބައިވެރީންނާ އެކު ފަރުބަދައިގެ އެކި ހިސާބުހިސާބުގައި ސަމާލުވެގެން ތިބީއެވެ. އެއީ އެ މީހުންގެ ފަހަތުން އިޓަލީ ސިފައިން އަތުވެއްޖެ ނަމަ ހުއްޓުވުމަށެވެ.

އެކަމަކު ޖެނެރަލް ގްރަޒިޔާނީ، މި ހަމަލައިގެ ސަބަބުން ހަމައެކަނި ރުޅިއައީކީ ނޫނެވެ. އަދި ކީއްހެއްޔެވެ. ބިރު ވެސް ގަތީއެވެ. އެހެންކަމުން ރޭގަނޑުގެ އަނދިރީގައި ސަނޯސީ މުޖާހިދުންގެ ފަހަތުން ދިޔުމުގެ ހުށަހެޅުން އޭނާ ރައްދުކުރިއެވެ. އަދި ސަނޯސީ މުޖާހިދުންގެ ކިބައިން ބަދަލުހިފާނެ އާ ގޮތަކާ ދޭތެރޭގައި ވިސްނާން ފެށްޓިއެވެ.

* * * * *

ޢުމަރުލްމުޚްތާރަކީ ފަރްޙާން ޚާންދާނުގެ މަޝްހޫރު ހަނގުރާމަވެރި ގަބީލާ މުނިފާގެ ބޭފުޅެކެވެ. އޭނާގެ ބައްޕަގެ ނަމަކީ މުޚްތާރު ބިން ޢުމަރެވެ. އޭނާ ކިޔަވައި ވިދާޅުވީ ސަނޯސީ ތަހުރީކުގެ ދީނީ ޢިލްމުވެރީންގެ ގާތުންނެވެ. އެއަށްފަހު ޚުދު އޭނާ ވެސް ބޮޑުފުޅުވުމުން ދީން ދަސްކޮށްދެއްވުމުގައި މަޝްޣޫލުވެ ވަޑައިގަތެވެ. އޭނާގެ ނަންފުޅު ޠަރާބުލުހުގެ އެންމެ މަތީ ޢިލްމީ އަދި ދީނީ ޝަޚްޞިއްޔަތުންގެ ތެރޭގައި ހިމެނެއެވެ. ސަނޯސީ އަޢުޡަމް އޭނާ އަލްޤަޞޫރުގެ ޒާވިޔާގެ ޝައިޚެއް ކަމުގައި އެކަށައެޅުއްވިއެވެ. ޢުމަރުލްމުޚްތާރު އެ ތާނގެ ނުކިޔަމަންތެރި ގަބީލާތައް އެކަތިގަނޑަކަށް ހައްދަވައި އިންތިޒާމު ކުރެއްވިއެވެ. ދެން އެބައިމީހުންނަކީ އިސްލާމްދީނުގެ ތެދުވެރި މުޖާހިދުންނަށް ވެއްޖެއެވެ. ޢުމަރުލްމުޚްތާރުގެ ވެރިކަމުގެ ދަށުގައި ޠަރާބުލުހުގެ މުސްލިމް އާބާދީ އަބަދަށް ހަނދާން ހުންނާނެ ނުރައްކާތެރި ކިތަންމެ ކަންތައްތަކެއް ކޮށްފައި ވެއެވެ. އޭނާއަކީ ފެށުނީއްސުރެވެސް ޠަރާބުލުހުގެ މައްޗަށް އިޓަލީންގެ ވެރިކަން ހިންގުމާ ދެކޮޅު ބޭފުޅެކެވެ. ތުރުކީންނަށް މަޖުބޫރުވެގެން އިޓަލީންގެ ވެރިންނާ ސުލްހަވެ ޠަރާބުލުސް އިޓަލީގެ ވެރިކަމުގެ ދަށަށް ދޫކޮށްލުމުން ޢުމަރުލްމުޚްތާރު އެ ނިންމުމާ ވަރަށް ބޮޑަށް ދެކޮޅުހެއްދެވިއެވެ. އޭގެފަހުން އިޓަލީ ސަރުކާރުން ޠަރާބުލުހުގެ ރައްޔިތުންނަށް ދަނޑުވެރިކަމުގެ ނަމުގައި ދަރަނި ދިނުމުގެ ދަލެއް ޖެއްސެވެ. އަދި ދަރަނި އަދާނުކުރެވިގެން އެބައިމީހުންގެ ބިންތައް ހިފަންފެށުމުން ޢުމަރުލްމުޚްތާރު އެ ކަމާ ވަރަށް ބޮޑަށް ދެކޮޅުހެއްދެވިއެވެ. އޭނާގެ ލޯފުޅަށް އެ ރޭވުމުގެ ފުރަގަހުގައި ފޮރުވިފައިވާ އިޓަލީ ޢަޒުމް ފެނިވަޑައިގަނެއެވެ. އިޓަލީ ސަރުކާރުން އެބައިމީހުންގެ ދަނޑުވެރީންނަށް ހުރިހައި ފަސޭހަތަކަކާއި އެހީތަކެއް ލިބިދީފައި ޠަރާބުލުހުގައި ވަޒަންވެރި ކުރުވަނީއެވެ. އެންމެފަހުން ކަންތައްވީ މާ ކުރިން ޢުމަރުލްމުޚްތާރު އިޝާރާތް ކުރައްވައިފައިވާ ގޮތަށެވެ. ލީބިޔާގެ ހުރިހައި ދަނޑުބިމެއް ދެވޭނީ ހަމައެކަނި އިޓަލީންނަށް ކަމުގައި އެ ތާނގެ ސަރުކާރުން 1928ގެ ޖޫންގައި ޤާނޫނެއް ފާސްކޮށްފިއެވެ. ތަނުގެ ރަށްވެހީންގެ މަސައްކަތަކަށް ވާނީ ޖަނަވާރު ބެލެހެއްޓުމާއި ނޯކިރީ ކުރުމެވެ.
 
ސައްޔިދު އިދްރީސް ޠަރާބުލުސް ދޫކޮށްލައްވައި، ޢުމަރުލްމުޚްތާރަކީ ސަނޯސީ ގަބީލާތަކުގެ ކޮމާންޑަރު ކަމުގައި ހަމަޖެހުނު އިރު ކަންތައްތައް ވަނީ ވަރަށް ގޯސްވެފައެވެ. އިޓަލީ ސިފައިން ވަނީ ޠަރާބުލުހުގެ ރައްޔިތުން ދިރިއުޅެން ދަތިކޮށްފައެވެ. އެބައިމީހުންގެ އަނިޔާވެރިކަމާއި ޖަނަވާރުކަމުން ސަލާމަތްވުމަށް މީސްތަކުން ގެދޮރު ދޫކޮށް ވަށަވަށައިގެންވާ އަވަށްތަކަށް ދަތުރުކުރަނީއެވެ. މެދުކެނޑުމެއް ނެތި ސަނޯސީ ކޭންޕުތަކަށް ހަމަލަދިނުމުން ގަބީލާތައް ފިލައިގެން ގޮސް އަލްބުރައިޤާގެ އަވަށްތަކަށް ޖަމާވެއްޖެއެވެ. ޢުމަރުލްމުޚްތާރު އެ އެންމެން އެއް ތަންޒީމެއްގެ ދަށަށް ޖަމާކުރެއްވިއެވެ. އެބައިމީހުން އެއްވެރިކަމެއްގެ ދަށުގައި އެކަތިގަނޑަކަށް ހެއްދެވުމަށް ގާނޫނުތަކާއި ގަވާއިދުތައް ހެއްދެވިއެވެ. ކޮންމެ ޚާންދާނެއްގެ އާމުދަނީން ދިހަބައިކުޅަ އެއްބައި ނެގުމުގެ ނިޒާމެއް ރޭއްވެވިއެވެ. އަދި އެ ގޮތުން އެއްކުރެއްވި ފައިސާއިން ގާފިލާއެއް އިންތިޒާމު ކުރައްވައި ބޭނުންވާ ސާމާނާއި ހަތިޔާރު މިސުރުން ގެންނެވިއެވެ. ސިފައިންގެ ނިޒާމު ވަނީ ނުހަނު ސާދާކޮށެވެ. އެކަމަކު އޭގެ ބޭނުން ހިފޭ ގޮތަށެވެ. ކޮންމެ ގަބީލާއަކުން އެ ގަބީލާއެއްގެ ގެރިއްލާ ބައިގަނޑެއް އަމިއްލައަށް ތައްޔާރު ކުރުއްވިއެވެ. އޭގެތެރޭގައި ކޮމާންޑަރަކާއި ޤާޟީއެއް ހުރެއެވެ. ޢުމަރުލްމުޚްތާރު އޭނާގެ ގަބީލާ މުނިފާ ވެސް މިގޮތުގެ މަތީން އިންތިޒާމު ކުރެއްވިއެވެ. މިހުރިހައި ގަބީލީ ގެމަތައް ވަނީ އެއް މަރުކަޒީ ވެރިކަމެއްގެ ދަށުގައެވެ. އެ ވެރިކަމުގެ ވެރިއަކީ ޚުދު ޢުމަރުލްމުޚްތާރެވެ.

މި ގެރިއްލާ ގެމަތަކުގެ ހަނގުރާމައިގެ ޙިކުމަތުޢަމަލީ ވެސް ހުންނަނީ އެއްގޮތަކަށެވެ. އެ މީހުން ވީހައި ގިނަ ދިމާއަކުން އެއްފަހަރާ ދުސްމިނުން ހާސްކުރުވައިފައި ބައިތިއްބައެވެ. އެއީ އެބައިމީހުންގެ މުޅިބާރު އެކުގައި އެއް ދިމާއަކަށް ނުފޮނުވޭނޭ ގޮތުގެ މަތީންނެވެ. މި ހުރިހައި ގެރިއްލާ ގެމަތައް ތިބެނީ އެބައިމީހުންގެ ގަބީލާގެ ކޮމާންޑަރުގެ ވެރިކަމުގެ ދަށުގައި ތަފާތު އަވަށްތަކުގައި އާބާދުވެގެންނެވެ. ހަނގުރާމައިގެ ކަންތައްތަކުގައި ނޫޅޭއިރު އެބައިމީހުން އާންމު ދިރިއުޅުން ގަބީލާގެ އެހެން މީހުންނެކޭ އެއްގޮތަށް ވޭތިކުރެއެވެ. އެހެންކަމުން އެބައިމީހުންގެ ތެރެއިން ގެރިއްލާއިންނަކީ ކޮން ބައެއް ކަން ގެރިއްލާއިން ނޫނީ ކޮން ބައެއް ކަން ވަކިކުރުމަކީ އިޓަލީންނަށް އެކަށީގެންވާ ކަމެއް ނޫނެވެ. އެ ގެރިއްލާއިން އެބައިމީހުންނަށް ބޭނުންވާ ހަތިޔާރު ވެސް އިޓަލީ ސިފައިންނަށް ހަމަލަދީގެން ހޯދައެވެ. މި ގޮތުގެމަތީން ޢުމަރުލްމުޚްތާރު، ވަސީލަތްތައް މަދުކަމާ އެކުގައި ވެސް މުޅި ޤައުމު ގުޅިފައިވާ ވަރުގަދަ ބާރަކަށް ބަދަލުކުރެއްވިއެވެ. އެ މީހުންގެ އުނދަގޫތަކުން ދުސްމިނުންގެ ނޭވާތައް އުފުރޭވަރު ކުރެއްވިއެވެ.

ޢުމަރުލްމުޚްތާރަކީ ދީނީ ޢިލްމުވެރިއެއް ވެސް މެއެވެ. މުދައްރިސެއް ވެސް މެއެވެ. އަދި ސިފައިންގެ މީހެއް ވެސް މެއެވެ. އޭނާއަކީ ހިތްވަރުގަދަ އަދި ވިސްނުންތެރި ކޮމާންޑަރެއް ވެސް މެއެވެ. ޢިލްމު އުނގަންނައިދޭ މީހެއްގެގޮތުން އޭނާ މުޅި ގައުމުގައި މިނިވަންކަމުގެއާއި، މިނިވަންކަމަށްޓަކައި ފުރާނަ ގުރުބާންކޮށްލުމުގެއާއި ވަފާތެރިކަމުގެ ރޫޙު އުފެއްދެވިއެވެ. ޅަކުއްޖަކަސް މުސްކުޅިއަކަސް ޒުވާނަކަސް އަންހެނަކަސް ފިރިހެނަކަސް ހަމަ ކޮންމެ މީހަކުމެ ތިމާގެ ވަޒަނަށްޓަކައި މޭ ދިއްކޮށްލާ ފަދަ ޖިހާދުގެ ޖަޒުބާތު އެބައިމީހުންގެ ހިތުގައި އުފެއްދެވިއެވެ. އޭގެ ބާރުގައި، އެބައިމީހުން، އެބައިމީހުންގެ ބިމުގައި މިނިވަންކަމުގެ ދިދަ އުފުލައިލުމަށްޓަކައި، އިޓަލީސިފައިން ހާސްކޮށްލާ ކަހަލަ ހިތްވަރުގަދަކަމާއި ކެރުމުގެ ކަންތައްތައް ކުރަމުން ގެންދިޔައެވެ. އިޓަލީ ޖަނަވާރުންގެ ހުރިހައި އަނިޔާވެރިކަމަކާ އެކުގައި ވެސް އެބައިމީހުންގެ ހިތްވަރު ހުންނަނީ ނުހަނު މަތީގައެވެ. އެބައިމީހުން ހަނގުރާމަކުރަމުން ގެންދަނީ މިނިވަންކަން ނުވަތަ މަރުގެ ހުވާގެ މަތީގައެވެ. މަރާއި ޙައްޤުގެ މަގުގައި މަރަކީ އެބައިމީހުންނަށް ބާއްޖަވެރިކަމާއި ޝަހީދުވުމުގެ މަތިވެރި ދަރަޖައެވެ. އެ ދަރަޖަ ހޯދުމުގައި އެބައިމީހުން އެކެއް އަނެކެއްގެ މައްޗަށް ކުރިހޯދުމަށް މަސައްކަތް ކުރެއެވެ. އިޓަލީ ސަރުކާރު، އެބައިމީހުންގެ ހުރި މޮޅުކަމާ އެކުގައި ވެސް، އީމާނާއި އިސްލާމްކަމުގެ އިއްޒަތަށްޓަކައި ޖިހާދުކުރާ މި ހިތްވަރުގަދަ ލަސްކަރުގެ ކުރިމަތީގައި ވަނީ ގޮތް ހުސްވެފައެވެ.
 
ޢުމަރުލްމުޚްތާރުގެ މި ހިތްވަރުގަދަކަމާއި ކުޅަދާނަކަމުގެ ސަބަބުން އޭނާއަށް "ޖަބަލުލްއަޚްޟަރުގެ ސިންގާ" ނަމުން ގޮވެން ފެށުނެވެ.

* * * * *

ސަނޯސީ މުޖާހިދުންގެ ގެރިއްލާ ހަމަލަތައް އިޓަލީ ސަރުކާރު ކަންބޮޑުކުރުވި ވަރުން މުސޮލިނީ ރުޅިއައިސްގެން ޠަރާބުލުހުގެ ގަވަރުނަރަކަށްހުރި ކައުންޓް ލޮލީބީ ވަގުތުން ބަދަލުކޮށްފިއެވެ. މީނާއަކީ ޖެނެރަލް ގްރަޒިޔާނީގެ އެކުވެރިއެކެވެ.
 
އެއީ 1925ގެ ދުވަސްވަރެވެ. ޖެނެރަލް ޑިބޯލްޒް އައު ގަވަރުނަރަކަށް ކަނޑައަޅައި، ވަގުތުން ޠަރާބުލުހަށް ފޮނުވައިފިއެވެ. މިބަދަލާ ހުރެ ޖެނެރަލް ގްރްޒިޔާނީ ގާތަށް ވަރަށް ރުޅިއައެވެ. އެއީ އޭނާގެ ނާކާމިޔާބީގެ ރައްދު ޢަމަލެވެ. ކަންތައްތައް މި ގޮތަށް ބަދަލެއް ނައިސް އޮވެއްޖެނަމަ މުސޮލީނީގެ ރުޅިވެރިކަމުގެ ދެވަނަ ސިކާރައަކަށް ވާނީ ޚުދު އޭނާ ކަން، އޭނާއަށް އެނގެއެވެ. ކޭންޕަށް ހަމަލަދީ ހުރިހައި ގައިދީން މިނިވަންކުރި ޚަބަރު ލިބުނީ އެ ދަނޑިވަޅުގައެވެ. ލަދާއި ރުޅީގެ ސަބަބުން އޭނާ މޮޔަވިއެވެ. ގެރިއްލާއިންނަށް ފިލާވަޅެއް ދިނުމަށް ވަރަށް ބޮޑު ހަމަލައެއް ތައްޔާރުކުރުމަށް އޭނާ ވަގުތުން އެންގިއެވެ. އެ ހަމަލައިގައި ވެރިޔަކަށް ދާނީ ޚުދު އޭނާ ކަން ވެސް އެންގިއެވެ.

އިޓަލީން، އެބައިމީހުންނަށް ލިބުނު ދެރައިގެ ބަދަލު ކޮންމެ ގޮތަކުން ނަމަވެސް ހިފާނެކަން ޙަސަނާއި އޭނާގެ އެކުވެރީންނަށް އެނގެއެވެ. މި ފަހަރު ހަމަލަދޭނީ ފުރިހަމައަށް ތައްޔާރުވެގެންކަން ވެސް އެނގެއެވެ. އެބައިމީހުން އުޅެނީ މި ހަމަލައިން ދިފާޢުވުމުގެ ތައްޔާރީގައި މަޝްޣޫލުވެގެންނެވެ. އެކަމަކު އިޓަލީންގެ ހަމަލައާ ބެހޭ ގޮތުން މަޢުލޫމާތު ހޯދުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެއީ އެޔާ އެކަށީގެންވާ ޙިކުމަތު ޢަމަލީއެއް އިޚުތިޔާރުކުރުމަށެވެ. ޒުބޭރު މަނާކޮށްކޮށް އޮތްވައި ވެސް އެ ޒިންމާ ކޮނޑުގައި އެޅީ ޙަސަނެވެ. އޭނާ އޭނާގެ ދުވެލި ހަލުއި އަސް އަތުޖެއްސިއެވެ. އަރަބި ދަނޑުވެރީންގެ ހެދުން އެޅިއެވެ. ދެން ބިންޣާޒީއަށް ދަތުރު ފެށްޓެވެ. އެދުވަސްވަރު އިޓަލީ ރައްޔިތުންގެ ދަނޑުތަކުގައި ތަނުގެ އަރަބީން މަސައްކަތްކުރާން ފަށައިފިއެވެ. އެހެންކަމުން ޙަސަން ގަސްތުގައި އަޅައިގެންދިޔައީ އެކަހަލަ ހެދުމެކެވެ. ބިންޣާޒީއަށް ދިޔަ މަގުމަތީގައި އިޓަލީންގެ ހަމަލައާ ބެހޭ ގޮތުން މަޢުލޫމާތު ހޯދާނީ ކިހިނެއްތޯ އޭނާ ވިސްނަމުން ގެންދިޔައެވެ. ތަނުގެ އަރަބީންގެ ތެރޭގައި ސަނޯސީ މުޖާހިދުންނަށް ޚަބަރުދޭ މީހުން ވަރަށް ގިނައެވެ. އެކަމަކު ސިފައިންގެ ތެރޭގައި އެ ގޮތުން އެހީއެއް ހޯދޭނެ މީހަކު ނެތެވެ.

ސަހަރުގެ ކޭންޕުތައް އަޅައިފައި ހުރި އަވަށަށް އަރަބި ރައްޔިތުން ވަނުމަކީ މަނާކަމެކެވެ. އެ ތަނާ ކުޑަ ތަންކޮޅެއް ދުރުގައި ހުރި ފިހާރައެއްގެ ފުރަގަހުގައި ޙަސަން އަސް ބަނދެލައިފިއެވެ. ފިހާރައިގެ ވެރިޔަކީ އޭނާ ދަންނަ މީހެކެވެ. ސިފައިންގެ ވަރަށް ވަރުގަދަ ތައްޔާރީތަކެއްގެ ޚަބަރު އޭނާ ކިޔައިދިނެވެ. އަދި ރައްކާތެރިވެގެން އުޅުމަށް ޙަސަން ގާތު ބުންޏެވެ. އެ ގޮތަކީ ޠަރާބުލުހުގެ ކޮންމެ ރައްޔިތެއްގެ މައްޗަށް އިޓަލީން ވަރަށް ވަރުގަދައަށް ބަލަމުން ގެންދާތީއެވެ. ޙަސަން ހައްޔަރުކޮށްފިއްޔާ ވާނީ ކިހިނެއްކަން އޭނާއަށް އެނގެއެވެ. އެކަމަކު އޭނާ ކަންބޮޑުވެފައި ވަނީ އޭނާގެ ދިރިހުރުމަށް ވުރެ މިޝަން ކާމިޔާބުކުރާނެ ގޮތަކާ ދޭތެރޭގައެވެ.

އޭނާ ބާޒާރާވީ ފަރާތަށް މިސްރާބު ޖެއްސެވެ. އޭނާއަށް އަދި ދެތިން ފަރުލޯންގަކަށް ދެވުނު ތަނާ، ސިފައިންގެ އަވަށުން އައިސްފައި އޮތް މަގުން ބާރަށް ދުވެފައި އަންނަ އަހެއް، އޭނާއާ ދިމާއަށް އަންނާން ފެށްޓެވެ. ކައިރިވަމުން އަންނަ ފިޔަވަޅުތަކުގެ އަޑު އިވިފައި އޭނާ އެނބުރިލިއެވެ. ސަވާރެއް ހަލުއިކަމާއެކު އޭނާއާ ދިމާއަށް އަންނަނީއެވެ. ހުއްޓުމަކީ ރަނގަޅު ކަމެއް ކަމަކަށް ޙަސަން ނުދުށްޓެވެ. އޭނާ މަޑުމަޑުން ކުރިޔަށް ދިޔައެވެ. ސަވާރު އޭނާގެ ގާތުން އަޅައިފައި ކުރިޔަށް ދިޔައެވެ. ޙަސަން ހަމަޖެހުމުގެ ނޭވާއެއްލިއެވެ. އެކަމަކު ސަވާރު ކުއްލިއަކަށް އަސް މަޑުކޮށްލިއެވެ. އޭނާ ހުއްޓިފައި ފަހަތަށް ބަލައިލިއެވެ. ޙަސަންގެ ހިތް ބާރަށް ތެޅޭން ފެށްޓެވެ. އޭނާއަށް ފުރަންޒާ އެނގުނެވެ. ފުރަންޒާ އިނީ ކާކީކުލައިގެ ހަރުވާޅެއް ލައިފައި ފިރިހެނުންހެން އަސްމައްޗަށް ސަވާރުވެއެވެ. ފުރަންޒާ ވަރަށް ފަރުވާތެރިކަމާ އެކު ޙަސަނާ ދިމާއަށް ބަލަމުން ގެންދިޔައެވެ. އޭނާއަށް ޙަސަން ދެނެގަންނާން ނޭނގޭނެ ކަމަށް ޙަސަން އުންމީދު ކުރިއެވެ. އެހެން ނޫނަސް އޭނާ ހުއްޓުމަކީ ޝައްކު އުފެދިދާނެ ކަމެކެވެ. ކެޕްޓަން ބުރޫނޯގެ ކޮއްކޮ ފެނުމުން ޙަސަންގެ ލޭ ހޫނުވާން ފެށްޓެވެ. ބަދަލުހިފުމުގެ އެދުން ހިތުގައި ފުރޮޅެމުން ދަނީއެވެ. އޭނާއަށް އޭނާގެ ކޮއްކޮގެ މަރުގެ ބަދަލު ފަސޭހައިން ހިފޭން އޮތެވެ. އެކަމަކު އޭނާ ވަނީ މަޖުބޫރުވެފައެވެ. ފުރަންޒާއަކީ އަންހެނެކެވެ. އަންހެނެއްގެ މައްޗަށް އަތްއުފުލައިލާކަށް އޭނާގެ ދީން ހުއްދައެއް ނުދެއެވެ.

ކުއްލިއަކަށް ފުރަންޒާ އޭނާގެ އަސް އަނބުރާލައިފިއެވެ. އަދި ޙަސަނާ ދިމާއަށް މަޑުމަޑުން އަންނާން ފެށްޓެވެ. ޙަސަން ވަރަށް ބޮޑު އުނދަގުލެއްގައި ހައްޔަރުވިއެވެ. އަނބުރައިލައިފައި ދިޔުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ފުރަންޒާ އަންނަ ގޮތުން ލަފާކުރެވެނީ ޙަސަން އެނގިގެން އަނބުރައިލައިފައި އަންނަނީ ކަމުގައެވެ. ޙަސަން އޭނާއާ ހަމަވުމުން ވެސް ޙަސަނެއް ނުހުއްޓެއެވެ. އެކަމަކު އޭނާ ކުރިއަށް ހަމަ އެރި ތަނާ ފުރަންޒާ ގޮވައިލިއެވެ. "ހުއްޓޭ!"

ޙަސަނުގެ އަތް އިޚުތިޔާރެއްނެތި އޭނާގެ ޚަންޖަރާ ހަމައަށް ދިޔައެވެ. އެކަމަކު އޭނާ ހުއްޓުނެވެ. ފުރަންޒާ ވާހަކަދެއްކީ އަރަބި ބަހުންނެވެ. އޭނާ އަސްމަތިން ފައިބައިގެން ޙަސަންގެ ގާތަށް އައިސް ފަރުވާތެރިކަމާއެކު އޭނާއަށް ބަލާން ފެށްޓެވެ.
 
"ކަލޭ ތިހިރީ މޮޔަވެފައިތަ!" އޭނާ ހައިރާންކަމާއެކު ލޯބޮޑުކޮށްލަމުން ބުންޏެވެ.
 
"މާފުކުރައްވާ ކަމަނާ. އަޅުގަނޑަކަށް ކަމަނާއެއް ނޭނގުނު." ޙަސަން ނޭނގޭ ކަމަށް ހަދައިފައި ބުންޏެވެ.
 
އެކަމަކު ފުރަންޒާއަށް އޭނާ އެނގިއްޖެއެވެ. އޭނާގެ ލޯ ހުއްޓިފައި ހުރީ ޙަސަނުގެ ރީތި މޫނަށެވެ. "ކަލޭ ތި ދަނީ މަރުގެ ތުންފަތް މައްޗަށް." އޭނާ މަޑުމަޑުން ބުންޏެވެ. "މި ތަނުގަ އަހަންނަކަށް ކަލެއަކާ ވާހަކައެއް ނުދެއްކޭނެ." އޭނާ ދެކޮޅުހޯދައި ބަލައިލަމުން ބުންޏެވެ. "ރޭގަނޑު ކޮންމެވެސް ތަނަކުން ކަލެއަށް ބައްދަލުކޮށްލެވިދާނެތަ؟"

"ހީވަނީ ކަމަނާއަށް އޮޅިވަޑައިގަނެގެން އުޅުއްވަނީހެން! އަޅުގަނޑު---"

"ތި މޫނު ދެނެގަތުމުގަ އަހަރެންގެ ނަޒަރަކަށް ފަހަރެއްގަ ވެސް ކެއްސެއް ނުލިބޭނެ." ފުރަންޒާ ހިނިތުންވެލަމުން ބުންޏެވެ. "ކަލޭ އައީ އަހަރެންގެ ކިބައިން ބަދަލުހިފަން. ކަލޭ ބުރޫނޯގެ ގަޔަށް ބަޑިޖެހި. ކޮބާ؛ އަދިވެސް އަހަންނަށް މި އުޅެނީ އޮޅިގެންތަ؟"

ޙަސަން އިސްއުފުލައިލިއެވެ. ފުރަންޒާ އަޖައިބެއްކަހަލަ ގޮތަކަށް އޭނާއަށް ބަލަނީއެވެ. އޭނާގެ ލޮލުގައި ދުސްމިނުކަމެއް ނެތެވެ. "ކަމަނާ ބޭނުންފުޅުވަނީ ކޮން ކަމެއްތޯ؟"

"އަހަރެން --- އޯ --- އަހަރެން ބޭނުމީ ހަމައެކަނި ކަލެއާ ވާހަކަދައްކާލަން. ކަލޭ ބިރުނުގަނޭ." އޭނާ ވަރަށް ހިތްހެޔޮކަމާއެކު ބުންޏެވެ.
 
"އަހަރެން މާތްރަސްކަލާނގެ ފިޔަވާ އެހެން ފަރާތެއް ދެކެ ބިރެއް ނުގަނޭ. މަރު ދެކެ ވެސް ބިރެއް ނުގަނޭ."

"ކަލޭ ވަރަށް ޖަޒުބާތީ. އެކަމަކު ބުނަން. އަހަންނަށް މި ތާކު ނުހުރެވޭނެ. އިރުއޮއްސުމުގެ ފަހުން ކަލޭ ސަހަރުން ބޭރުގަ އެހެރަ ފަރުބަދަ ކައިރިން އަހަންނާ ބައްދަލުކުރޭ."

"ކަލޭ އަހަރެން ހައްޔަރުކުރުވާން ބޭނުން ނަމަ---"

"ހައްޔަރޭ؟ ކަލޭ ތި ހީކުރަނީ އަހަރެން ކަލެއަށް މަކަރު ހަދަނީ ކަމަށްތަ؟" ފުރަންޒާ ރުޅިއައިސްފައި ބުންޏެވެ. ދެން ވަގުތުން ރުޅީގެ މައްޗަށް ބާރުފޯރުވިއެވެ. "އެހެނެއްނޫން. --- ކަލެއާ ވާހަކަދައްކަން އަހަންނަށް ކަލޭގެ ނަމެއް ވެސް ނޭނގެ."

"ދެން އެހެންވިއްޔާ ކަލޭ ބޭނުމީ ކޮން ކަމެއް؟"

"އެއެއް އޮޅުންފިލުވަން ބޭނުން ނަމަ އަހަންނަށް އިންތިޒާރުކުރޭ." އޭނާ ރުޅިއައިސްފައި ޖަވާބުދިނެވެ. އަދި އަސް އަނބުރައިލައިފައި ބާރަށް ދުއްވައިފައި ކުރިއަރައިގެން ހިނގައްޖެއެވެ.
 
 ޙަސަން އިރުކޮޅަކު ހައިރާންވެފައި ހުއްޓެވެ. އެ އަންހެންކުއްޖަކު މަރައިލާން އޭނާ އައި އަންހެން ކުއްޖާ، އޭނާގެ ކޮއްކޮގެ ގާތިލުގެ އަންހެން ކޮއްކޮ، އިޓަލީ އަންހެން ކުއްޖެއް އޭނާގެ ކިބައިން ބޭނުންވަނީ ކޮން ކަމެއް ބާވައެވެ؟ އެ އަންހެން ކުއްޖާ އޭނާ ދެނެގަތް ގޮތަކާ ދޭތެރޭގައި ވެސް ޙަސަން ވަނީ ހައިރާންވެފައެވެ. އެހެނީ އޭނާ ހަނދާން ހުރި ގޮތުން އޭނާ އުޅުނީ މޫނު ނިވައިކޮށްގެންނެވެ. އޭނާ މަކަރު ހަދައިގެން ޙަސަން ހައްޔަރުކުރާން އުޅެނީ ބާވައެވެ؟ އެކަމަކު ކީއް ވެގެންކަމެއް ނޭނގެއެވެ. އޭނާ އެހެންނެއް ނަހަދާނެ ކަމަށް ޙަސަނުގެ ހިތް ހެކިދެއެވެ.

* * * * *

(ނުނިމޭ)

ފޮޓޯ: މަތީގައި: ބަލަދިޔަތުއް ޖަބަލުލް އަޚްޟަރުގެ ޤަރްޔާ ޢުމަރުލް މުޚްތާރުގެ މިދުވަސްވަރުގެ މަންޒަރެއް
    މެދުތެރޭގައި: ޢުމަރުލް މުޚްތާރު
    (ފޮޓޯތައް: ކޮމަންސް.ވިކިމީޑިއާ.އޯގް)


މި ލިޔުން:

ފޮނުވުން:    މުޙަންމަދު ޝާހިދު ޙަލީމް
އަލުންބެލުން:  މުޙަންމަދު ޝާހިދު ޙަލީމް
ޝާއިޢުކުރުން: މުޙަންމަދު ޝާހިދު ޙަލީމް

ހަމަމިގަލަމުން

އިދާރާ

ވާހަކަ