އަދުގެ ޚާއްސަ

Print

ހާލު ލޯބީގެ ކިޔައިދެމޭ....!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2004)

ޢާލަމަށް ބުނެދެންހެ ޢިޝްޤުގެ ތަޖުރިބާގެ  ފިލާވަޅެއް؟


1- ކަރު ކަނޑައި ބުރިކޮށްލުމަށް ފަހު ވެސް ދެތިން ވިންދެއް ޖަހާ
        މަރުވެފައިވާ މައްޔިތެއްމީ،  އެކު ނުވެވި  އަދި ހުރި ފަހާ

        * * * * * * * * * *

2- އިރު ކަނޑާ ކުއްތަންވެލައި،  ބޯލައިފި ކަނޑު އެއްކޯވަރުން،
        މުރަކަޔާ އެތަކެއް ދިރުން،   މާލައިފިޔޭ،   ހުރިހާ  މަހާ

3- ޙުރުމަތާ ކުލުނާއި އިޙްސާނުން ފުރައި ތުން ބަނދެލި ހިތް،
        ބުރުއަޅާފައި އައިސް ޖަހައިގެންފިޔެ ވަގަކު އެ ނުވެސް މޮހާ

4- ސުވަރުގޭގައި ހެދުނު  ފިނިފެންމަލުގެ  ފަރި ގުލްޒާރުތައް،
        އުވަވަޅެއްގެ ތެރަށް ޖަހައިފި  މަށަންދަތިން   އަޅުވާ ކަހާ

5- ފިރުމަމުން ހިނިތުންވަމުން އައި ފެހި ރަބީޢުން ދިރުވިބިން،
        ނިރުތަކަށް ދަންދެން، މަރައި އެއްކޮށްފި ހަނަފަސް ހިރަފުހާ

6- އުދުހެމުން ޖައްވުގެ ތެރޭ ދާ ފެންވިލާތައް ވެސް ހެމުން،
        ދުޖުލަތާ އަދި ނީލަށޭ  ހުރިހާ ފެނެއް   އެލަނީ    ބަހާ

7- ރަތުރަނުގެ ކޮށްޓަކުތެރޭ ގަނޑުވަރަކު ބޮޑުވި ގުރާފުޅެއް،
        އަތުލި ޞައްޔާދަކު ރޮލަށް އެ ހަފައިފި ރަޙްމެއް ނެތް ކިހާ

8- ޢާޝިޤީ މައިދާނުގާ   މަޖުނޫނު   ހުއްޓާ  ކުޅިބަލަން،
        ފާސިޤަކު އޭނާގެ ވިއްކާލައިފި،    ގޮސް  ލަގަނާ  އަހާ

9- ކާއިނާތަށް ރޫޙު ގެނުވާ ތަރިތަކާއި ހަނދަށް   ބުނަން،
        ޚާއިނުންނާ ޒާލިމުން  ދަންނާށެ....ސިފަޔާ،   ކުލަ ވަހާ

10- ޢާލަމަށް ބުނެދެންހެ ޢިޝްޤުގެ ތަޖުރިބާގެ  ފިލާވަޅެއް
        ހާލި ދޫކޮށް ދޫނި ދާނެޔެ  އެސޮރުމެން   ނިމުމުން ވިހާ
             ------------------------ 
             28 ސެޕްޓެމްބަރު 2004

މި ލިޔުން؛

    ލިޔުން:      އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    އަލުންބެލުން:   އާދަމް ނަޞީރު އިބްރާހީމް
    ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް


ހަމަމިގަލަމުން

އިދާރާ

ވާހަކަ