އަދުގެ ޚާއްސަ

Print

ޓެރެކޯޓާއާމީ: ކަށްވަޅުގެ ''ދިފާޢީ'' ލަޝްކަރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތިމާވެށި

އާދަމް ނަޞީރު އިބްރާހީމް (2011)

ދުނިޔޭގެ ބޮޑެތި އަޖާބުތަކަކީ ކޮބައިތޯއޭ ދަންނަވައިލެވިއްޖެ ނަމަ، ތިބާ ވިދާޅުވަނީ ކީކޭތޯއެވެ؟ ތާޖުމަހަލްގެ ވާހަކަތޯ އެވެ؟ ޗައިނާގެ ބޮޑުފާރުގެ ވާހަކަތޯ އެވެ؟ ނުވަތަ މިޞްރުގެ އަހްރާމުތަކުގެވާހަކަތޯ އެވެ؟

މީން ކޮންމެ ޖަވާބަކީ ވެސް ރަނގަޅު ޖަވާބު އެހެންނޫންތޯ އެވެ؟ އެހެންނަމަވެސް ކަންކަމާމެދު ބައެއް އިންސާނުންގެ ހިތުގައި އުފެދިފައިވާ ޝުޢޫރުތަކާއި، ގަބޫލުކުރެވޭ ގަބޫލުކުރުމަކީ ވެސް ކުޑަ އަޖާބެއް ނޫނޭ އަޅުގަނޑު ހިތަށް އަރައެވެ. ޓެރެކޯޓާއާމީގެ ވާހަކައަކީ މި ދެންނެވި ގޮތުގެ ވަރަށް ވެސް ފުރިހަމަ މިސާލެކެވެ.

ސަލާމްލެއްވި ޢީސާގެފާނުގެ ދުއިސައްތަވަރަކަށް އަހަރު ކުރި އެވެ. ޗައިނާގައި އޭރު އޮތީ ވަރަށް ވެސް ވަރުގަދަ އަމްބަރާޠޫރިއްޔަތެކެވެ. ވީދިގެން ރޫޅިގެން ނުދާފަދަ ބާރުހުރި ރަސްކަމެކެވެ. މި ބާރުތަކުގެވެރިޔަކީ، ކިން ޝީ ހުއާންޑީ(Qin Shi Huangdi) އެވެ. ބައެއް މީހުން މި ނަން ތަލައްފުޒުކުރާއިރު، ކިން ޗައި ހުއާންޑީ ވެސް ކިޔާކަމަށްވެ އެވެ. ބުނެވޭ ގޮތުގައި ''ޗައިނާ'' މި ނަން ނިސްބަތްވެގެން ވަނީ ވެސް ނުވަތަ މި ނަން އުފެދިފައިވަނީ ވެސް ''ޗައި''ގެ ނަންފުޅުންނެވެ. އެހެނީ އެ ރަސްގެއަކީ، ޗައިނާގެ ބާނީއެވެ. ސީނުކަރައިގެ  ފުރަތަމަ އެމްޕަރަރ އެވެ.

ޓެރެކޯޓާ އާމީގެ ވާހަކައަކީ، ތިޔައިގެ ތެރޭން ބައެއް ބޭފުޅުންނަށް އާވާހަކައަކަށް ނުވާނެ އެވެ.  އާމަޢުލޫމާތުތަކަކަށް ވެސް ނުވާނެ އެވެ. އެކަމަކު ކިޔުންތެރީންގެ ކޮންމެވެސް އިންސައްތައެއްގެ ބޭފުޅުންނަށް މިއީ ޝައުޤުވެރި މައުޟޫޢަކަށް ވެދާނެ އެވެ.  ކަންމިހެން އޮތްއިރު، އަޅުގަނޑުގެ މަޤުޞަދަކީ، މި ވާހަކައިގެ ތާރީޚީ، ޢީލްމީ، އަދި ފަންނީ ދިރާސާތަކުގެ ތެރެޔަށް ފީނުމެއް ނޫނެވެ. އެކަމަކު ފިކުރީ ގޮތުން އެއްޗެއް ދަންނަވައިލުމެވެ.

ކިން ޝީ ހުއާންޑީ ކުރެއްވި ހަނގުރާމަތަކުން ކާމިޔާބީ ހޯއްދެވިއެވެ. އެރަސްގެފާނުގެ ބިރުޅުކުޑަކާމާއި، ޖެހިލުންވެވަޑައިގަތުން ނެތްކަމީ މަޝްހޫރުކަމެކެވެ. އެރަދުންގެ ބިޔަ ލަޝްކަރުގެ ކުޅަދާނަކަމާއި، ހަތިޔާރުތަކުގެ މޮޅުކަމާއި މުއްސަނދިކަން  ވެސް އެފަދަ އެވެ. ނަމަވެސް....!

''ފިލައި އޮތުމަށް ހަދާ ކިއްލާ ވިލާގެ ތުނބަށް ނަގައި ހިއްލާ
            ހިލައިގައި ހަރު ހަދައި އުޅުނަސް، ފިލާނެމަގެއް ނުފެންނާނޭ

       ދިފާޢުކުރަންކަމަށް ހަށިތައް، ކިފާޔަތުގައި ރަހުނު ކުރިޔަސް،
             ހިފައި ހައްޔަރުވެދާން ޖެހުމުން، ދިފާޢެއްދެން  ނުކުރެވޭނޭ'' (1)

އާދެ! ކޮންމެޔަކަސް މަރުގެ ޙަޤީޤަތަކީ މި އެވެ. ކޮންމެ އިންސާނަކު ވެސް މަރުވާނެ އެވެ. މަރަށްބިރުގަންނާނެ އެވެ. މަރާމެދު ވިސްނާނެ އެވެ. ދުނިޔޭގައި ވެސް ވޭނެއް އިޙްސާސްކުރަންނުޖެހޭ އިންސާނާ، މަރުވުމަށްފަހު ވެސް ވޭނެއް އުފުލާކަށް ބޭނުމެއް ނުވާނެ އެވެ. ދުނިޔޭގައިވެސް ޢިއްޒަތް އެދޭ އިންސާނާ މަރުވުމަށްފަހު ވެސް ޢިއްޒަތްގެއްލޭކަށް ބޭނުމެއް ނުވެ އެވެ.

ޝިން ދުނިޔޭގައި އުޅުއްވިހައި ދުވަހު އެރަސްގެފާނުގެ ހިތްޕުޅު ނުތަވަސްކުރި ކަމަކަށް ވެފައި އޮތީ މަރެވެ. އެ ރަދުން އެއްގޮތަކަށް ވެސް މަރުގެ އަތްދަށުވެ ވެވަޑައިގަންނަވާކަށް ބޭނުންފުޅެއް ނޫނެވެ. އެހެންވެގެން އުމުރުފުޅު ދިގުކުރެއްވުމަށް ޙަކީމުން ގެންނަވައިގެން ބޭސްކޮޅު ކުރެއްވި އެވެ. ދިރޭރަހައާއި އޭތި މީތި ބޭނުންފުޅު ކުރެއްވިކަމަށްވެ އެވެ. ނަމަވެސް ކޮންމެ ވެސް ދުވަހަކުން އަވަހާރަވާނެކަމުގެ ޔަޤީކަން ލިބިވަޑައިގަތުން ފިޔަވައި އެހެން ފަރުވާއެއް އެމަނިކުފާނުގެ ސިކުނޑިފުޅަކަށް ނުލިބުނެވެ.


އެހެންކަމުން ދެންމަސައްކަތްޕުޅު ކުރެއްވީ އަވަހާރަވުމަށްފަހު ކަށްވަޅުގައި އޮންނަވާނެ ގޮތްތަކެއް ހަމަޖެއްސެވުމަށެވެ. ކަށްވަޅުގައި ޙިމާޔަތާއި ރައްކާތެރިކަން ހޯއްދެވުމަށެވެ. އެކަމަށްޓަކައި ތައްޔާރުކުރެވުނު އެމަނިކުފާނުގެ ޝާހީކަށްވަޅު މިޞުރުގެ އެންމެ ބޮޑު އަހުރާމަށްވުރެ ބޮޑެވެ. މިތަން އެންމެ ފުރަތަމަ ފެނުނީ 1974ވަނަ އަހަރު އެވެ. ބޮޑުމިނުގައި 2200ކޮޑިމީޓަރު ހުންނަ މި ކަށްވަޅު އޮންނަކަމަށްވަނީ ޗައިނާގެ ޒިއާން ޝާންޒީ ޕްރޮވިންސްގަ އެވެ. ބިމުއަޑީގެ މި އަހުރާމުގެ މެދުގައި ރަސްގެފާނުގެ މަޤުބަރާ ހުރެ އެވެ. ރަސްގެފާނުގެ ސަންދޯއްޕުޅުގެ ވަށައިގެން  ހަނގުރާމައިގެ ފުރިހަމަ ދަހަނާއާއެކު ހަތިޔާރުއެޅި 8000އަށްވުރެ ގިނަ ސިފައިން އެތުރިގެން ތިބެ އެވެ.  520އަހާއެކުވާ، 130އަސްގަޑިޔާ ހިމެނެ އެވެ. މީގެ އިތުރަށް ކައިދާއެޅި 150އަސް އަސް ވެސް ލަގަނަށް ކުއްލިޔެއް ޖަހާނެ ވަގުތެއްގެ އިންތިޒާރުގައި ތިބޭކަހަލަ އެވެ. ބީރު، ކަނު، މަންމަން،   ހިލައިގެ ސޫރަތަކަކަށް ވިޔަސް، މިތަކެތީގެ ކިބައިން އެހީތެރިކަން ލިބޭނެކަމަށް ހީފުފުޅުކުރައްވަނީ ތޯއްޗެވެ.



ވިސްނައިވަޑައިގެން ބައްލަވާށެވެ! މަރުން ސަލާމަތްވާން، މަރުގެސަކަރާތްތަކުން މިންޖުވާން، އިންސާނަކު ކޮށްފައިވާ ނުވަތަ ކުރުވައިފައިވާ ކޮންފަދަ ބުރަ، ކޮންފަދަ ކަވި، ކޮންފަދަ ޚަރަދުބޮޑު، އަދި ކޮންފަދަ މާނައެއް ނެތް މަސައްކަތެއްތޯ އެވެ؟ މީން ކޮންމެ ބުދެއް ހަދައިފައި މި ވަނީ ފުރިހަމަ އިސްކޮޅުގަ އެވެ. ފުރިހަމަ ސޫރައިގަ އެވެ. ސިފައިންގެ މީހަކުނަމަ، ހަތިޔާރު، ދަހަނާ، ޔުނީފޯމު، ކުލަތައް، ރޭންކް މީން ކޮންމެ ކަމެއް އޮޅުމެއް ބޮޅުމެއްނެތި ސާފުކޮށް އެނގޭފެންވަރުގަ އެވެ. މަދުވަނީ އެންމެ ކަމެކެވެ. ފުރާނަ އެވެ.

ކަންމިހެން އޮތުމުން އެނގެނީ ކޮންކަމެއްބާ އެވެ؟ އިންސާއަށް އޭނާގެ ޚާލިޤު ގަބޫލުނުކޮށް އުޅެވެން އެބަ އޮތްހެއްޔެވެ؟ އޭނާގެ އަތްފައި ނުފޯރާ ހިސާބުގައި ކަންތައްތަކެއް ހުރިކަން ގަބޫލެއް ނުކުރެވޭހެއްޔެވެ؟ އެކަންތައްތަކުން ދިފާޢުވާނެ ލަޝްކަރާއި ޢަސްކަރާއި، އާރާއި، ބާރުގެ މަފުހޫމަކީ، އަސްލެއް ނެތް ޝައިޠާނީ ކުށްހީތަކެއް ނޫންހެއްޔެވެ؟ ނުވަތަ އެއީ އުޑުތަކާއި ފަރުބަދަކާއި ވާދަޔަށް، އަމާނާތް ބޮލަރުވައިގެން ދުއްވައިގަތް ދުވަހު އެ ވަޙީކުރެއްވި ''އަނިޔާވެރި ތަންދޮރު ނުދަންނަ ޖާހިލެކޭ'' އެންގެވި އެންގެވުން ނޫން ދެން އެހެން ކޮން މާނައެއް ހުރިކަމެއްހެއްޔެވެ؟ 

އިންސާނާއަކީ ހަމަ އިންސާނާއެވެ. އޭނާއަކީ ނިކަމެތި މަޚުލޫޤެކެވެ. ބާރެއް އާރެއް ނެތް މީހެކެވެ. އޯގާވަންތަ އަޒަލުއްސުރެވޮޑިގެންވާ ކުޅަދުންވަންތަ ޚާލިޤުގެ ޢިނާތްތެރިކަން ފިޔަވައި، ވަންނަނާނެ ހިޔަލެއް ހުންނާނެ ނިވަލެއް، ދެމިގަންނާނެ ހަރެއް ހޮރެއް ނެތް ފަކްސާ އެކެވެ. ކިތަންމެ ބޮޑު ބިޔަ ލަޝްކަރަކާއި، ކިތަންމެ ތޫނު މޮޅު ހަތިޔާރުތަކެއް ހުއްޓަސް އޭނާ އަބަދުވެސް ވާނީ ނުރައްކަލުގެ ތުންފަތްމަތީގަ އެވެ. ނުތަނަވަސްކަމުގެ ހުރަގޭގަ އެވެ. ކަންބޮޑުވުމާއި ނުފުދުމުގެ ޠޫފާނުތަކުގެތެރޭގަ އެވެ. {إِلاَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ} ''އީމާންވެ ޞާލިޙު ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނުމީހުން މެނުވީ އެވެ.''


----------------
  (ނިމުނީ)
މަޢުލޫމާތު:

     (1) އުތީމު އާދަމް ޢަބްދުއްރަޙުމާނު (2011) (ފޯނުން ކިޔައިދެއްވި ދެ ޅެންބައިތު)
       http://en.wikipedia.org/wiki/Terracotta_Army
     http://www.google.mv/images?hl=en&q=terracotta+army&um=1&ie=UTF-8&source=univ&sa=X&ei=bu2CTeDgCKGX0QH3053jCA&ved=0CDkQsAQ&biw=1440&bih=702

މި ލިޔުން:
   
   ލިޔުން:      އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
   އަލުންބެލުން:   އާދަމް ނަޞީރު އިބްރާހީމް
   ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް


ހަމަމިގަލަމުން

އިދާރާ

ވާހަކަ