އަދުގެ ޚާއްސަ

Print

އަލްފާޟިލާ ޒަރީނާ ޢަބްދުﷲ

ޝާޢިއުކުރީ ޙަސަން ޝާކިރު މުޙައްމަދު . ހިމެނޭބަޔަކީ ދިވެހި

       އެންމެ ފުރަތަމަ ދެވަނަ ޕެންޝަން ހޯއްދެވި އަންހެން ބޭފުޅާ

ޙަސަން ޝާކިރު މުޙަންމަދު

ދިވެހި އަންހެން ބޭފުޅުންނަށް ނަމޫނާ ޝަޚްޞިއްޔަތެއް ކަމުގައިވާ ގ. އޯޝަންމީޑް، އަލްފާޟިލާ ޒަރީނާ ޢަބްދުﷲ ދީދީ މިފަނާވަނިވި ދުނިޔެ ދޫކުރައްވައި، 5 މާޗް 2011 (30 ރަބީއުލްއައްވަލް 1432) ވީ ހުކުރު ދުވަހު ހެނދުނު 8.40 ގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވި ޚަބަރު އަޅުގަނޑުމެން އެހީ ހިތާމައާއެކުގައެވެ.


ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ޑޭޒީމާ އަލްފާޟިލާ އާމިނަތު ފާއިޒާ އަވަހާރަވީތާ ހަފުތާއެއްވީތަނާ، އަނެއްކާވެސް ދިވެހި އަދަބީ ބަގީޗާއިން ގެއްލިގެން އެދިޔައީ މޮޅު ޝާޢިރާއެކެވެ. ދިވެހި ބަހުގެ ކުޅަދާނަ މުދައްރިސާ އެކެވެ. ގިނަ ދުވަސްތަކެއް ވަންދެން މެދުނުކެނޑި ސަރުކާރަށް ޚިދުމަތް ކުރެއްވި ޚިދުމަތްތެރި އެކެވެ.

ޒަރީނާ ޢަބްދުﷲ ދީދީ ގެ ލޮބުވެތި ބައްޕައަކީ، އަލްފާޟިލް ޢަބްދުﷲ ޙަސަން ދީދީ (ކަންކޮޅު ޢަބްދުﷲ ދީދީ) އެވެ. މަންމައަކީ،  އަލްފާޟިލާ ފާޠިމަތު މޫސާ އެވެ. ޒަރީނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވަނީ، 22 ސެޕްޓެމްބަރ 1942ގައެވެ.

ކުރީގެ އަމީނިއްޔާއިން ތަޢުލީމު ޙާޞިލުކުރެއްވި ޒަރީނާ،  1996 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު "ހަވީރު"ގެ މީހުން ކޮލަމުގައި ވިދާޅުވެފައިވަނީ، " އަޅުގަނޑު ކިޔެވީވެސް އަމީނިއްޔާ ގައި އެހެންވީމާ، އެތަނަށް ޚިދުމަތްކުރުން ދުށީ ދަރަންޏެއްކަމަށް އަދި އެދަރަނީ އަދާކުރެވޭނެ ކަމަކަށް ހިޔެއްނުކުރަން" ކަމުގައެވެ. އެހެންކަމުން އެދަރަނި އަދާކުރެއްވޭތޯ އަމީނިއްޔާ ސްކޫލުގައި 45 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އަމީނިއްޔާ ސްކޫލުގެ މުދައްރިސާއެއްގެ ގޮތުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. 

އެގޮތުން އެންމެ ފުރަތަމަ ސަރުކާރުގެ ޚިދުމަތް ފައްޓަވައިފައިވަނީ، 22 އޯގަސްޓް 1956 ގައި ޢުމުރުން އެންމެ 14 އަހަރުގައެވެ. އެގޮތުން އަދާކުރެއްވި ވަޒީފާތަކުގެތެރޭގައި މަދްރަސަތުލް އަމީނިއްޔާގެ މުދައްރިސް ކަމާއި އަމީނިއްޔާ ސްކޫލުގެ 1 ނަންބަރު މުދައްރިސާ ކަމާއި ދިވެހި މުދައްރިސް ކަމާއި މުދައްރިސްކަން ހިމެނެއެވެ. ޒަރީނާ ޢަބްދުﷲ ދީދީ އަކީ އަމީނިއްޔާ ދެކެ ވަރަށް ލޯބިފުޅުވާ އަދި އަމީނިއްޔާގެ ދަރިވަރުންގެ ދެކެ ވަރަށް ލޯބިފުޅުވާ އެ ސްކޫލަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ޒަރީނާ ޢަބްދުﷲ ދީދީ އަކީ، ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައިވެސް ފާހަގަ ކޮށްލެވޭ ޝާޢިރާއެކެވެ. ޒަރީނާގެ ޝާޢިރިއްޔަތު ބޮޑަށް ފެނިފައިވަނީ އަމީނިއްޔާ ސްކޫލުގެ ދަރިވަރުން ތަފާތު ޤައުމީ މުނާސަބަތުތަކުގައި ހުށަހަޅައިދީފައިވާ ލަވަތަކުންނާއި އިސްކޫލު ކުދިންގެ ލަވަ މުބާރާތްތަކުގައި ހުށަހަޅައިދީފައިވާ ލަވަ ތަކުންނެވެ.

ޒަރީނާ އެންމެ ފުރަތަމަ ޅެމެއް ހައްދަވައިފައިވަނީ ޢުމުރުން 12 އަހަރުގައެވެ. ޒަރީނާގެ ލަވައެއް ރަސްމީ ޖަލްސާއެއްގައި އެންމެފުރަތަމަ ކިޔައިފައިވަނީ އަމީނިއްޔާ ސްކޫލަށް 13 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ. އެކި ދުވަސްވަރު ނުކުމެފައިވާ ބައެއް ނޫސް މަޖައްލާތަކުގައި ޒަރީނާގެ ޅެންތައް ޝާއިޢު ކުރައްވައިފައިވެއެވެ.

ޒަރީނާ ޢަބްދުﷲ ދީދީ ގެ އަރިހުގައި އުޅުއްވި އަދި އޭނާގެ މަސައްކަތްތައް ގާތުން ދެކެވަޑައިގަތް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޒަރީނާ އަބްދުﷲ ދީދީ އަކީ، ޅެންވެރިކަމުގެ ހުނަރު މަތީ ދަރަޖައަކަށް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޅެމެއް ހައްދަވަން ޖެހިވަޑައިގަތުމުން އެކަމާ ވިސްނަވަން ގިނަ ވަގުތުތަކެއް ހޭދައެއް ނުކުރައްވައެވެ. އަދި އެކަން ޙަވާލުކުރެއްވި ބޭފުޅަކު ޒަރީނާ އަރިހުގައި ޅެމުގެ ވާހަކައިން އައްސަވާއިރު އެ ޅެން އޮންނާނީ ނިންމަވައިފައެވެ.

ޒަރީނާ އަކީ ޅެން ހެއްދެވުމުގެ އިތުރަށް ޤައުމީ އަދި ޘަޤާފީ ނެށުންތައް، ޚާއްޞަކޮށް ދިވެހިއަންހެންވަންތަ ނެށުންތައް އުފައްދަވައި ދަސްކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އަމީނިއްޔާގެ ދަރިވަރުން އެސްކޫލާއި އެހެން ބައެއް ތަންތާނގައި މިފަދަ ރީތި ނެށުންތައް ދައްކައިދީފައި ވެއެވެ.

ޒަރީނާއަށް ވަނީ، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ރޮނގުން ޅެންހެދުމުން ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު 1999 ވަނަ އަހަރު، ލިބިވަޑައިގެންފައެވެ. އަދި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ. މީގެ އިތުރުން އިސްކޫލު ކުދިންގެ ލަވަ މުބާރާތުގެ ޅެންވެރިކަމުގެ ބައިން އެކިފަހަރު މަތީން 1،2،3 ލިބިވަޑައިގެންފައި ވެއެވެ.

ސަރުކާރުގެ ވަޒީފާގައި މެދުނުކެނޑި 40 އަހަރު ދެމިހުންނަވައިގެން ދެވަނަ ޕެންޝަން ހޯއްދެވި އެންމެފުރަތަމަ އަންހެން ބޭފޫޅެއްގެ ޝަރަފު ހޯއްދަވައިފައިވަނީ ޒަރީނާ ޢަބްދުﷲ ދީދީ އެވެ. އޭނާއަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގެންފައިވަނީ، 22 އޯގަސްޓް 1976 ގައެވެ. ދެވަނަ ފެންޝަން ލިބިވަޑައިގެންފައިވަނީ 22 ސެޕްޓެމްބަރ 1996 ގައެވެ.

އަމީނިއްޔާ ސްކޫލުން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ، މީހާރު އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޑެޕިޔުޓީ ޕްރިންސިޕަލްގެ މަޤާމުގައި ހުންނެވި އަލްފާޟިލާ ލަޠީފާ ސަލީމް، ޒަރީނާ ސިފަކުރެއްވީ، "ކުދިންދެކެ ވަރަށް ލޯބިފުޅުވާ، ކުދިންގެ ކުރިއެރުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްދެއްވި ބޭފުޅެއް"ގެ ގޮތުގައެވެ.

މިޝަރަފު ލިބިވަޑައިގަތުމާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ޒަރީނާއާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވިއެވެ. އަދި އޭނާއަށް ފޮނުއްވި ތަހުނިޔާގެސިޓީފުޅުގައި ޒަރީނާއަކީ ކިޔަވައި ދެއްވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލެވުމުގެ ޢަޒުމުގައި ސާބިތުކަމާއެކު ކުރިޔަށް ވަޑައިގެންނެވި ބޭފުޅެއްކަމަށާއި ރާއްޖޭގެދަރިންނަށް ޚާއްޞަކޮށް އަމީނިއްޔާ ސްކޫލުގެދަރިވަރުންނަށްޓަކައި ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވައި ޝުކުރު އަދާކުރައްވައިފައިވެއެވެ.

ޒަރީނާ ޢަބްދުﷲ ދީދީ އަކީ ދެވަނަ ޕެންޝަން ލިބިވަޑައިގެންނެވި ދިވެހި ފުރަތަމަ އަންހެން ބޭފުޅާއަށް ވުމުގެ އިތުރަށް ދިވެހިރާއްޖޭގައި ލޭ އެޅި ފުރަތަމަ ދިވެއްސަކީވެސް ޒަރީނާ ކަމަށް 15 މާރޗް 1967 ދުވަހުގެ " މޫންލައިޓް " ނޫހުގައި ވާކަމަށް އަލްފާޟިލް މުޙައްމަދު އިސްމާޢީލް ފުޅު، އެކުލަވައި ލައްވައިފައިވާ " ޞިއްޙީ ޚިދުމަތުގައި ދިވެހިރާއްޖޭގެ އިއްޔެ އާއި އިހަށް ދުވަސް " މިފޮތުގައި ލިޔުއްވައިފައިވެއެވެ. ލޭ ދެއްވީ އަލްފާޟިލް މުޙައްމަދު ޒާހިރު ނަޞީރެވެ. އެފަހަރު ލޭ އެޅުއްވީ ފުރާނައަށް ނުރައްކާތެރި ވެގެންނެވެ. އޭގެފަހުން އަވަހާރަވި ދުވަހުގެ ކުރީދުވަހާ ހަމައަށް ލޭ އަޅުއްވައިފައެއް ނުވެއެވެ. އަވަހާރަވީ ލޭ ޕައިންޓެއް ގުޅާފައި ހުއްޓައެވެ.

ޒަރީނާ ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންފައިވަނީ، 20 ޖަނަވަރީ 2002 ގައެވެ. ޒަރީނާއަށް ލިބިވަޑައިގެންފައިވަނީ، ފިރިން ބޭފުޅަކާއި އަންހެން 3 ބޭފުޅުންނެވެ. ޒަރީނާ އަވަހާރަވީ ގިނަ ދުވަސްތަކެއްގައި އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ. އޭނާގެ ޖަނާޒާ ބޭއްވުނީ އެދުވަހު ޢަޞްރު ނަމާދަށްފަހު އާސަހަރާގައެވެ.

_________________

މަޢުލޫމާތު:
-        " ހަވީރު" ސެޕްޓެމްބަރ 1996
-        " ޞިއްޙީ ޚިދުމަތުގައި ދިވެހިރާއްޖޭގެ އިއްޔެ އާއި އިހަށް ދުވަސް " / އަލްފާޟިލް މުޙައްމަދު އިސްމާޢީލް ފުޅު
-        އަލްފާޟިލް ޙުސައިން ޢާމިރު
-        އަލްފާޟިލް ޢަބްދުﷲ ރަމީޒު
-        އަލްފާޟިލާ ލަޠީފާ ސަލީމް

 މި ލިޔުން:

    ލިޔުން:      އަލްފާޟިލް ޙަސަން ޝާކިރު މުޙަންމަދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:  ޙ.ޝ.މ.
    ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ